ޑިމޮކްރަސީގެ މައްޗަށް އަދި ވަޟުޢީ ޤާނޫނުތަކުގެ މައްޗަށް ޤާއިމްކޮށްފައިވާ އިންތިޚާބު - الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله

ތަރުޖަމާކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله
(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީން އިން ޑިގްރީ ހާޞިލްކޮށްފައި)
الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله
ޑިމޮކްރަސީގެ މައްޗަށް އަދި ވަޟުޢީ ޤާނޫނުތަކުގެ މައްޗަށް ޤާއިމްކޮށްފައިވާ އިންތިޚާބު
ސުވާލު: ޝެއިޚްއަށް ﷲ ތަޥްފީޤު ދެއްވާނދޭވެ. ވަޟުއީ ޤާނޫނުގެ މައްޗަށާއި ޑިމޮކްރަސީގެ މައްޗަށް ޤާއިމްކޮށްފައިވާ އިންތިޚާބުތަކުގައި ވޯޓުލުން ހުއްދަވެގެންވޭ ހެއްޔެވެ؟
ޖަވާބު: ތިޔައީ މުސްލިމުންގެ ޢަމަލުތަކުގެ ތެރެއިންވާ ކަމެއް ނޫނެވެ. މުސްލިމުންގެ ޢަމަލުކުރާ ގޮތަކީ، أَهْلُ الحَلِّ و العَقْد (އެއީ، އަމީރުންނާއި ޢިލްމުވެރިންނާއި ރައުޔާއި، ޢިލްމާއި ކަމުގެ އަހުލުވެރިންނެވެ.) ވެރިޔަކަށް އެކަށީގެންވާ ފަރާތަކަށް ބައިޢަތު ހިފުމެވެ. ފަހެ، އޭނާގެ ވެރިކަން އެހިނދުގައި ޤާއިމްވެގެންދިޔައީ އެވެ. ފަހެ، މީސްތަކުންވަނީ އެ أهل الحل و العقد ގެ އަހުލުވެރިންނަށް ތަބަޢަވެގެންވާ ބައެއްގެ ގޮތުގަ އެވެ. ފަހެ، މީސްތަކުންނަކީ އެބައިމީހުންނަށް ތަބަޢަވުމުގައިވާ ބައެކެވެ. އެބައިމީހުންނަށް އޮތީ ޢިލްމުގެ އަހުލުވެރިންނާއި ކަންމޮށިވެގެންވާ އަހުލުވެރިން ހިފި ބައިޢަތް ޤަބޫލުކޮށް ދެމިތިބުމެވެ. ކޮންމެ މީހަކު ނުކުމެ ބައިޢަތު ހިފުމެއް ނޯވެ އެވެ.
(ވޯޓު ލައިގެން އެންމެހައި މީސްތަކުން ބައިވެރިވެގެން ވެރިން ހޮވުމަކީ) އެއީ ހުޅަނގުގެ ނިޒާމެކެވެ. އިސްލާމީ ނިޒާމެއް ނޫނެވެ. އާއެކެވެ.
***
ފަތުވާ ނަގާފައިވަނީ : https://goo.gl/PF5DND
އަޚުންނޭވެ!
މިއަދު ޑިމޮކްރަސީއޭ ކިޔައިގެން ނުކުމެފައިވާ އެންމެންނަކީވެސް ވޯޓުން ވެރިން އިސްކުރަންޖެހޭނެ ކަން ޕްރޮމޯޓްކުރާ ބައެކެވެ. އެއީ އެންމެ އިންސާފުވެރި އަދި އެންމެ ޢަދުލުވެރިގޮތް ކަމުގައި އެމީހުން ޤަބޫލުކުރެ އެވެ.
ބުނަމެވެ. އެހެންވުމުން، އަހަރެމެންގެ އެންމެ ފުރަތަމަ ޚަލީފާ أَبُوبَكر الصدِّيْق رضي الله عنه އަށް ބައިޢަތު ހިއްޕެވުނުގޮތް ބަލާލުން ހުއްޓެވެ. ރަސޫލާ صلى الله عليه وسلم އަވަހާރަފުޅު ވުމަށްފަހުގައި މަދުބަޔަކު ބަނީ ސާޢިދާ –ސަޤީފާ- ގައި މި ޞަޙާބީ އަރިއަހަށް ޖަމަޢަވެ މުސްލިމުންގެ ޚަލީފާގެ ގޮތުގައި ބައިޢަތު ހިއްޕެވުނެވެ. އެހެނަސް އެއީ މަދީނާ އަދި މައްކާގައި ތިއްބެވި އެންމެހައި އަހުލުވެރިންނެއް ނޫނެވެ. الشيخ صَالح الفوزان حفظه الله ވިދާޅުވެފައިވާ ފަދައިން، އިސްލާމް ދީނުގައި އެންމެހައި މީސްތަކުން ޚަލީފާއަށް ނުވަތަ ވެރިޔާއަށް ބައިޢަތު ހިފުމެއް ނޯވެ އެވެ. މިއަދު ވޯޓުލައިގެން އެއީ އެންމެން ބައިޢަތު ހިފަނީ ކަމުގައި ދަޢުވާ ކުރާ މީހާ އެދަޢުވާ ކުރަނީ އިސްލާމްދީނުގައި ނުވެސް ނެތް އެއްޗަކަށެވެ. ސަބަބަކީ ޚަލީފާއިންނަށް ބައިޢަތު ހިފުނީ އެންމެންގެ ފަރާތުންނެއް ނޫނެވެ.
މިއަދު ޑިމޮކްރަސީ އަދި ޕާޓީ ނިޒާމުގެ އަހުލުވެރިން ބުނާނީ މިއީ "ހުދުމުޚުތާރު ވެރިކަން" ނޫންތޯ އެވެ؟
މުސްލިމުންގެ ދެވަނަ ޚަލީފާ عُمَر بن الخَطاب رضي الله عنه އަށް ބައިޢަތު ހިއްޕެވުނީ ކިހިނަކުންތޯ އެވެ؟ ކުރީގެ ޚަލީފާ أَبُوبَكر الصدِّيْق رضي الله عنه އަވަހާރަފުޅު ވުމުގެ ކުރީގައި ފޮތެއްގައި ވަޞިއްޔަތެއްގެ ގޮތުގައި عُمَر بن الخَطاب رضي الله عنه އަށް ޚަލީފާކަމުގައި ވަޞިއްޔަތް ކުރެއްވި އެވެ. އެގޮތުން أَبُوبَكر رضي الله عنه އަވަހާރަފުޅު ވުމުން، ވަޞިއްޔަތް ކުރެއްވިގޮތަށް މުސްލިމުން عُمَر بن الخَطاب رضي الله عنه ޚަލީފާކަމަށް އިސްކުރެއްވި އެވެ. ވޯޓުލުން ކޮބައިތޯ އެވެ؟ އެންމެން އެއްވެގެން މަޝްވާރާކުރުން ކޮބައިތޯ އެވެ؟ އިދިކޮޅު ޕާޓީ ކޮބައިތޯ އެވެ؟ މިއީ އިންސާނިއްޔަތަށް ފާޅުވި ނަބިއްޔުންނާއި ރަސޫލުންނަށް ފަހުގައި ފާޅުވި އެންމެ ހެޔޮ 2 ޚަލީފާ ޢައްޔަނު ކުރެވުނު ގޮތެވެ. ކުރީގެ ޚަލީފާ އެހެން ފަރާތަކަށް ވަޞިއްޔަތް ކުރުމުން އެހިނދު އެބައިމީހުން އެއީ ޙައްޤު ކަމުގައި ބަލައިގަނެ އެގޮތަށް ޢަމަލުފުޅު ކުރެއްވި އެވެ.
މިއީ ކުރީގެ ގޮތޭ، ފަހުގެ ގޮތަކީ ވޯޓުލުން ކަމުގައި ބުއްދި ސަލާމަތުން ހުރި މީހަކު ބުނާނެ ހެއްޔެވެ؟ ކުރީގައި އޮތީ ބައިޢަތު ހިފުމޭ، މިހާރު އޮންނަނީ ވޯޓުލުން ކަމުގައި ބުނަނީ ކޮން ދަލީލަކުން ހެއްޔެވެ؟ އާއެކެވެ. އެއީ މުސްލިމުން ހަލާކުކޮށް، މުސްލިމުން އިސްލާމްވަންތަކަމުން ބޭރުކޮށް، ހަމައެކަނީ ނަމެއްގައި މުސްލިމުންގެ ގޮތުގައި ބޭތިއްބުމަށް ޔަހޫދީންނާއި ނަޞޯރާއިން ގެނެސްފައިވާ ޑިމޮކްރަސީގައިވާ ގޮތެވެ.
ޞަޙާބީންގެ ހިދާޔަތަކީ މިއެވެ. އެބައިމީހުން މިހިދާޔަތް ހޯދައިފައިވަނީ، ރަސޫލާ صلى الله عليه وسلم ގެ އަރިހުންނެވެ. އަހަރެމެންނަށް އޮތީ އެޞަޙާބީންނަށް ތަބަޢަވުމެވެ. ޙަދީޘް ކުރެއްވި އެވެ.) عَلَيْكُمْ بِسُنَّتِي وَسُنَّةِ خُلَفَاءِ الرَّاشِدِينَ الْمَهْدِيِّينَ مِنْ بَعْدِي، تَمَسَّكُوا بِهَا وَعَضُّوا عَلَيْهاَ بِالنَّوَاجِذِ، وَإَيَّاكُمْ وَمُحْدَثَاتُ الْأُمُورِ فَإِنَّ كُلَّ مُحْدَثَةٍ بِدْعَةٌ وَكُلَّ بِدْعَةٍ ضَلَالَةٌ( "ތިޔަބައިމީހުންގެ މައްޗަށްވަނީ ތިމަން ނަބިއްޔާގެ ސުންނަތެވެ. އަދި ހިދާޔަތްލިބިގެންވާ ޚުލަފާއުއް ރާޝިދީންގެ ސުންނަތެވެ. އޭގައި ހިފަހައްޓާށެވެ. އަދި ކޮލުދަތްތަކުން އޭގައި ބާރަށް ހިފަހައްޓާށެވެ. އަދި އައުކަންތައްތަކާ މެދު ސަމާލުވެ ތިބޭށެވެ. ފަހެ، ހަމަކަށަވަރުން ކޮންމެ އައުކަމަކީ ބިދުޢައެކެވެ. އަދި ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ."
އަދި ރަސޫލާ صلى الله عليه وسلم ފިރުޤަތުއް ނާޖިޔާ ސިފަކުރައްވާ ޙަދީޘް ކުރެއްވިއެވެ. ) مَا أَنَا عَلَيْهِ الْيَوْمَ وَأَصْحَابِي ("ތިމަން ނަބިއްޔާއާއި ތިމަން ނަބިއްޔާގެ ޞަޙާބީން މިއަދު އެގޮތެއްގެ މަތީގައި ތިބި ގޮތުގައި ތިބޭ މީހުންނެވެ."
ޞަޙާބީންނަށް ތަބަޢަވުމަށް މި މިންވަރަށް އަމުރުކުރެވިފައިވާ ހިނދުގައި، ޞަޙާބީންގެ އެބައިމީހުންގެ މައްޗަށް ވެރިން އިސްކޮށްފައިވާ ގޮތަކީ ޑިކޮކްރަސީއިން ބަލައިފިނަމަ ޞައްޙަނުވާނެ ވެރިކަންތަކެވެ. އަދި އެއީ ހުދުމުޚުތާރު ވެރިކަންތަކެވެ. ސަބަބަކީ ގިނަބައެއްގެ ތާއީދު ވޯޓުލައިގެން ލިބިފައިނުވުމެވެ. އެންމެންގެ މަޝްވާރާ ނެތުމެވެ.
ވިސްނާލުން ހުއްޓެވެ. މިއަދު މުސްލިމުންގެ ޢަމަލު ނޫން ޢަމަލުތަކަކީ މުސްލިމުންގެ ތެރޭގައި އެއަށް ހިތްވަރުދެވޭ، އެއަށް ބާރުއެޅުވޭ ނިޒާމްތަކެއް ކަމުގައިވުމަކީ ކޮންފަދަ ބޮޑުވެގެންވާ ހިތާމައެއްތޯ އެވެ؟
الشيخ العلامة عبد المحسن العباد حفظه الله ވިދާޅުވެފައިވެ އެވެ.
"އެމީހުން ދަޢުވާކުރާ ޑިކޮކްރަސީގައި ވެރިކަން ޙާޞިލްކުރެވޭ ގޮތް" އެމީހުން ދަޢުވާކުރާ ޑިމޮކްރަސީގައި ވެރިކަމަށް އައުން ބިނާވެފައި ވަނީ، ޕާޓީ ސިސްޓަމުންނެވެ. ފަހެ، ކޮންމެ ޕާޓީއަކުން ކެންޑިޑޭޓެއް ނެރެއެވެ. އެއަށްފަހުގައި ޤައުމުގެ ރައްޔިތުންގެ ތެރެއިން އެ ރައްޔިތަކު ބޭނުންވާ މީހަކަށް ވޯޓު ދެ އެވެ. ހުރިހައި ކެންޑިޑޭޓުންގެ ތެރެއިން އިންތިޚާބުގައި އެންމެ ވޯޓު ގިނަ ފަރާތް އެއީ އިސްވާ ފަރާތެވެ. މި މަގަކީ، މުސްލިމުންގެ ތެރެއިން ބަޔަކު މީހުން އިސްލާމްދީނުގެ ޢަދާވާތްތެރިންގެ ކިބައިން ގެނެސް ވައްދާފައިވާ އެއްޗެކެވެ. މިކަމަކީ އެތަކެއް ގޮތްގޮތުން އިސްލާމްދީނާއި ޚިލާފް ވެގެންވާ އެއްޗެކެވެ.
ފުރަތަމައީ : ޕާޓީ ތަކުގެ މައްޗަށް ބިނާވެގެންވުން. (އެއަށްފަހުގައި ޕާޓީ ހެދުމަކީ ދީނުގައި ހުއްދަވެގެންނުވާނެ ކަމެއްގެ ގޮތުގައި ވަރަށްގިނަ ދަލީލުތައް ގެންނަވާފައިވެ އެވެ.)
(އެއަށްފަހުގައި ވިދާޅުވެފައިވެ އެވެ.) "މިކަންތަކުން ބަޔާންވެގެންވަނީ، ހަމަކަށަވަރުން އެމީހުން ދަޢުވާކުރާ ޑިމޮކްރަސީއަކީ އިސްލާމްދީނާއި ޚިލާފްވެގެންވާ އެއްޗެއް ކަމެެެވެ. ސަބަބަކީ ޑިމޮކްރަސީ ބިނާވެފައިވަނީ، ޕާޓީ ހެދުމާއި، ބައިބައި ވުމާއި އެއްބަޔަކު އަނެއްބަޔަކާއި ޚިލާފް ވުމުގެ މައްޗަށެވެ." العدل في شريعة الإسلامية و ليس في الديمقراطية المزعومة ص 36
އަޚުންނޭވެ! ޙައްޤު މިވަނީ، ދުވާލުގެ އިރު ފަދައިން ފާޅުވެ ފެންނާށެވެ. އެހެނަސް ކާފަރުން، އިސްލާމް ދީނުގެ ޢަދުއްވުން ޤާއިމްކޮށްފައިވާ ބާޠިލް ނިޒާމްތައް އެއީ މޮޅުގޮތް، ހެޔޮގޮތް ނުވަތަ އެދެވޭ ގޮތްކަމުގައި އެކިއެކިގޮތްތަކުން ކިޔައިދޭ މީހާއަކީ އިސްލާމްދީން ކިހާ މިންވަރަށް ރޯފިލާފައިވާ މީހެއް ހެއްޔެވެ؟
އާއެކެވެ. ޑިމޮކްރަސީ މިއޮތީ އައިސްފަ އެވެ. އެހެންވުމުން އެންމެހައި މީސްތަކުންނަށްއޮތީ، ޞަޙާބީންގެ ހިދާޔަތް ދޫކޮށްލައި ޑިމޮކްރަސީ ތެރެއަށް ވަނުންހެއްޔެވެ؟ ނުވަތަ މުންކަރާތެއް ގޮތުގައި ބަލައިގަނެ އެކަން އިސްލާޙުކުރުމަށް މީސްތަކުންނަށް ދަޢުވަތުދީ އޭގެ ޙަޤީޤަތް ބަޔާންކޮށް، ކާފަރުންނާއި، އިސްލާމީ ޢަދާވާތްތެރިންގެ މަންހަޖުތައް ދޫކޮށްލުމަށް ގޮވާލުން ނޫން ހެއްޔެވެ؟
ދަންނަހުއްޓެވެ. އެއިރުވެސް މިހާރުވެސް އަހުލުއް ސުންނަތް، ސަލަފީން، ގޮވާލަނީ ޞަޙާބީންގެ މަންހަޖަށް ރުޖޫޢަވުމެވެ. އެ ހިދާޔަތް ޙާޞިލްކޮށް އޭގައި ޤާއިމްވުމެވެ. އެ ހިދާޔަތާއި ޚިލާފް ކޮންމެ ކަމަކީ އިސްލާމް ދީނަށް އަލަށް ގެނެވިފައިވާ އެންމެ ނުބައިވެގެންވާ ބިދުޢަތަކެވެ. އަދި އެއީ ޙައްޤުގެ އަހުލުވެރިންނާއި ބާޠިލްގެ އަހުލުވެރިން ވަކިކޮށް ފަރަޤުކޮށްދޭނެ އުޞޫލެއް ކަމުގައިވެ އެވެ.