5 "އަނިޔާވެރި ވެރިން" ގެ ނަމުގައި ނުކުތް ޢަދާލަތު ޕާޓީ އަދި ޖަމްޢިއްޔަތުއް ސަލަފް "ދަންނަބޭކަލުން" ގެ ހަޤީޤަތަކީ ކޮބައިތޯ؟ ބާޣީންތޯ؟ - الإِمَامُ العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

"އަނިޔާވެރި ވެރިން" ގެ ނަމުގައި ނުކުތް ޢަދާލަތު ޕާޓީ އަދި ޖަމްޢިއްޔަތުއް ސަލަފް "ދަންނަބޭކަލުން" ގެ ހަޤީޤަތަކީ ކޮބައިތޯ؟ ބާޣީންތޯ؟ - الإِمَامُ العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ވެރިންނާއި ދެކޮޅަށް ނުކުތުން

ތަރުޖަމާކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله

(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީން އިން ޑިގްރީ ހާޞިލްކޮށް، މަދީނާގެ ބޮޑެތި ސަލަފީ މަޝައިޚުންގެ އަރިއަހުން ޢިލްމު ހާޞިލްކޮށްފައި)


الإِمَامُ العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله

"އަނިޔާވެރި ވެރިން" ގެ ނަމުގައި ނުކުތް "ދަންނަބޭކަލުން" ޙަޤީޤަތް

ޝެއިޚް رحمه الله ވިދާޅުވިއެވެ. "ވެރިޔާއާ ދެކޮޅަށް ނުކުމެފައިވާ ބާޣީން އެމީހުންގެ ކަނޑިތައް ވެރިޔާގެ މައްޗަށް އުފުލިއެވެ. އަދި އެބައިމީހުންނަށް ހީކުރެވުނީ އެބައިމީހުންގެ ޢަމަލަކީ ހެޔޮވެގެންވާ ޢަމަލެއް ކަމުގައެވެ. ފަހެ، މީސްތަކުންގެ ތެރެއިން މީހަކު އައިސްބުނެއެވެ. މި ޚަލީފާ ބަނގުރާ ބޮއެ ހަދައެވެ. ފަހެ، އެހިނދުގައި ދެވަނަ މީހާ ބުނެ އެވެ. اللهُ أَكْبَر އެވެ. އޭނާ އަކީ ކާފަރެކެވެ. ފަހެ، ތިންވަނަ މީހާ ބުނެއެވެ. ކަނޑި ތައްޔާރު ކުރާށެވެ. އަދި ހަތަރުވަނަ މީހާ ބުނެއެވެ. ކުޅަދާނަވީ ގޮތަކަށް އޭނާއާ ދެކޮޅަށް ނުކުންނާށެވެ.


އަދި އެބައިމީހުން އިމާމް އާ ދެކޮޅަށް މިފަދަ ކަންތަކުގައި ނުކުމެވެ. ފަހެ، ބަނގުރާ ބުއިމުގައިވާ އިމާމް، އަދި ޒިނޭކުރުމުގައިވާ އިމާމް އަދި އަންހެނުންގެ ޢިއްފަތްތެރިކަން ނަގާލުމުގައިވާ އިމާމްއަކީ (އެ ޢަމަލުގެ ސަބަބުން) ކާފިރުވާނެ މީހެއްތޯ އެވެ؟ ދުވަހަކުވެސް ކާފަރަކަށް ނުވާނެ އެވެ. އެހެނަސް އެއްވެސް ޝައްކެތް ނުވާގޮތުގައި އޭނާއަކީ ފާސިޤެކެވެ. އެހެނަސް އޭނާއާ ދެކޮޅަށް އެއްވެސް ޙާލެއްގައި ނުކުތުން ހުއްދައެއް ނުވާނެއެވެ. ސަބަބަކީ ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވި އެވެ. (إِلَّا أَنْ تَرَوْا كُفْرًا بَوَاحًا، عِنْدَكُمْ فِيهِ مِنَ اللَّهِ بُرْهَانٌ) "ނުކުމެގެން ނުވާނެ އެވެ. (ތިޔަބައިމީހުން އެ ވެރިންނާ ދެކޮޅަށް ނުކުތުންވަނީ) އެ ވެރިންގެ ކިބައިން ﷲ ގެ ޙަޟުރަތުން ޙުއްޖަތް ލިބިގެންވާ، ފާޅުކަން ބޮޑުވެގެންވާ ކުފުރު އެބައިމީހުންގެ ފަރާތުން ތިޔަބައިމީހުންނަށް ފެނުމުންނެވެ."
ފަހެ، ވެރިޔާއާ ދެކޮޅަށް ނުކުތުމަށް ޝަރުޠުތަކެއް ލެވިފައިވެ އެވެ. އެއީ ތިން ޝަރުޠެކެވެ.


(تَرَوْا كُفْرًا بَوَاحًا، عِنْدَكُمْ فِيهِ مِنَ اللَّهِ بُرْهَانٌ) ތިޔަބައިމީހުންނަށް ވަންހަނާ ކަމެއްގެ ގޮތުގައިނުވާނެ، ފާޅުކަންބޮޑު ގޮތުގައި ކުފުރު ފެނިއްޖެ ހިނދުގައެވެ. އަދި ﷲ ގެ ޙަޟުރަތުން އެކަމަށް ޙުއްޖަތް ލިބިގެންވާ ކުފުރެއް ކަމުގައިވުމެވެ.


މީސްތަކުންނަށް ހީކުރެވޭ ހީކުރެވުންތަކަކީ އެކަމަށް ފުދޭނެ މިންވަރެއް ނޫނެވެ. ތިބާގެ ލޮލަށް ފެނުމަށް ދާންދެނެވެ. އެއީ ޞަރީޙަވެގެންވާ ފާޅުކަންބޮޑު ގޮތުގައިވާ ކުފުރު ފެނިއްޖެއުމަށް ދާންދެނެވެ. (އެގޮތުން) އެއީ ކުފުރުވާނެ ކަމެއްތޯ ނުވަތަ ފާސިޤުވާނެ ކަމެއްތޯ ފަދަ ޝައްކުކުރެވޭ ކަމެއްގައިވެސް ވެރިޔާއާ ދެކޮޅަށް ނުކުތުން ހުއްދައެއް ނުވާނެ އެވެ. ވެިޔާއާ ދެކޮޅަށް ޚުރޫޖު ކުރުން ހުއްދައެއް ނުވާނެ އެވެ. (ވެރިޔާއާ ދެކޮޅަށް ނުކުމެވެނީ) ތިބާގެ އަމިއްލަ ނަފްސަށް ފެންނަ ގޮތުގައިވާ ކަންތައްތަކުގެ މައްޗަށް ނުވަތަ ޝަރުޢީ ގޮތުން ކަނޑައެޅިގެންވާ ޤަވާޢިދުތަކުގެ މައްޗަށް ފާޅުވެ ބަޔާންވެގެންވާ ކާފަރުވާ ކަންތައްތައް ތޯ އެވެ؟ ޖަވާބަކީ : ޝަރުޢީ ދަލީލުތަކުގެ މައްޗަށް ފާޅުވެ ބާޔަންވެގެންވާ ކުފުރު އެވެ. އަދި (تَرَوْا كُفْرًا بَوَاحًا، عِنْدَكُمْ فِيهِ مِنَ اللَّهِ بُرْهَانٌ) ތިޔަބައިމީހުންނަށް އެކަމުގައި ﷲ ގެ ޙަޟުރަތުން ބުރުހާން ލިބިފައިވާން ޖެހޭނެއެވެ.
ޢިލްމުވެރިން ވިދާޅުވެފައިވެ އެވެ. ބުރުހާން އަކީ އެއްވެސް ވަހުމެއް، ޝައްކެތް ނުވާގޮތުގައިވާ ދަލީލެވެ.


ފަހެ، މިއީ ނުހަނު ބޮޑުވެގެންވާ މައްސަލައެކެވެ. އަދި ވެރިޔާއާ ދެކޮޅަށް ނުކުތުން ހުއްދަވެގެންވާ ޝަރުޠުތަކުގެ މައްޗަށް އަދި އިތުރު (ހަތަރު ވަނަ) އެހެން ޝަރުޠެއްވެ އެވެ. އެއީ ވެރިޔާއާ ދެކޮޅަށް ނުކުމެގެން އޭނާ ވެރިކަމުން ބޭލެވުމެވެ. ވެރިޔާއާ ދެކޮޅަށް ނުކުމެގެން ވެރިޔާ ވެރިކަމުން ބޭލެވެން ނެތް ކަމުގައިވާ ނަމަ، އެހިނދުގައި ވެރިޔާއާ ދެކޮޅަށް ނުކުތުން ޙަރާމްވެގެންވެ އެވެ. އެއީ، ހުއްދަވެގެންވާ ސަބަބުތައް ނެތުނީތީކީއެއް ނޫނެވެ. އެހެނަސް އެކަމުން ނުކުންނަ ފައިދާއެއް ނުވުމެވެ.


އެގޮތުން، ވެރިޔާގެ ކިބައިން ﷲ ގެ ޙަޟުރަތުން ބުރުހާން ލިބިފައިވާ، ފާޅުވެގެންވާ އެއްވެސް ވަންހަނާ ކަމެއް ނުވާގޮތުގައިވާ ކުފުރު ފެނިގެން 10 މީހުން ނުކުތެވެ. ދައުލަތާ ދެކޮޅަށް 10 މީހުން ނުކުތީ އެވެ. ކޮންމެ މީހަކު އަތުގައި ވަޅިއެއް އޮތެވެ. ދެވަނަ މީހާ އަތުގައި ވަރުގަދަ ބުޅިގަނޑެއް، ތިންވަނަ މީހާ އަތުގައި ހަތިޔާރެއް އަދި ހަތަރުވަނަ މީހާ އަތުގައި ހިލަގަނޑެއް މިފަދައިންނެވެ.


މިބައިމީހުން ބުނެއެވެ. ދައުލަތާ ދެކޮޅަށް ނުކުންނަންވީއެވެ. ދައުލަތުގައި ބޮޑެތި ޓޭންކަރުތައް، ބޮންތަކާއި، ރޮކެޓްތައްވެ އެވެ. ފަހެ މިފަދަ ޙާލުގައި މިބައިމީހުން ދައުލަތާ ދެކޮޅަށް ނުކުތުންވާނީ ކޮންފަދަ ކަމަކަށްހެއްޔެވެ. (ދައުލަތާ ދެކޮޅަށް ނުކުތުންވާނީ) މިބައިމީހުންނަކީ މޮޔައިންތަކެއް ކަމުގައިވާނެ ކަމަކަށެވެ. ޝަރީޢަތުގައިވެސް (ޤަވާޢިދުތަކުން) އަދި ބުއްދީގެ ވިސްނުމުންވެސް މިއީ ކުރެވޭނެ ކަމެއް ނޫނެވެ.   (ފަތުވާ ނަގާފައިވަނީ : https://t.co/NePETCM9DG )


އަޚުންނޭވެ. އިސްލާމްދީނުގެ ޙައްދުތަކުން ބޭރުވެފައިވާ، ﷲ ގެ ޝަރީޢަތުގެ މައްޗަށް ހައްދުފަހަނަ އަޅާފައިވާ، ނުބައިކަމުގައި އިންތިހާއަށް ގޮސްފައިވާ އަހުލުވެރިންނަކީ ކޮބައިކަން ތިޔައަޚާއަށް ޝަރުޢީ ޤަވާޢިދުތަކުން އެނގޭ ހެއްޔެވެ؟ ޙަޤީޤަތުގައި މިއަދު ދީނުގެ ނަމުގައިވާ ޝެއިޚެކޭ ބުނެވޭ މީހެއްގެ މައްޗަށް "ޓެރެރިސްޓެއް" ކަމުގައި ޙުކުމްކޮށްފައި ވަނީ، އެއީ ވެރިޔާގެ ވެރިކަމުގައި ކޮށްފައިވާ "ބާޣީންގެ" ޙުކުމަށްވުރެ ލުއި ޙުކުމެވެ.


އަޚުންނޭވެ. ފަތުވާގައި ވެރިޔާއާ ދެކޮޅަށް ނުކުމެވޭނީ ކޮން ސަބަބުތަކަކާ ގުޅިގެންކަން ވަރަށް ސާފުކަން ބޮޑު ގޮތުގައި ބަޔާންކޮށްފައިވެ އެވެ. ވެރިޔާ ބަނގުރާ ބުއި ކަމުގައިވީ ނަމަވެސް، ނުވަތަ ވެރިޔާ މީސްތަކުން ހަށިގަނޑުގައި ތެޅި ކަމުގައިވީ ނަމަވެސް، ނުވަތަ ވެރިޔާ އަންހެނުންގެ ޢިއްފަތްތެރިކަން ފޭރިގަތް ކަމުގައިވީ ނަމަވެސް - މިއީ ވެރިޔާ ކާފަރުވާނެ ކަންތައްތަކެއް ނޫނެވެ. އަހަރެމެން ދީނަށް އުޅެން ޖެހޭނީ އަހަރެމެންގެ ޖަޒުބާތާއި، ޖޯޝާއި ފޯރީގެ މައްޗަކަށް ނޫނެވެ. އެހެނަސް ޤަވާޢިދާއި އުޞޫލްތަކުގެ މައްޗަށެވެ.


މިއަދު މި ފެންނަނީ ޕާޓީ ޝެއިޚް "ވެރިޔާގެ މައްޗަށް، ރައްޔިތުންގެ ތެރެއިން މީހަކު ޙަރާމްވެގެންވާ ކަންތައްތައް ކުރުމުން" ޕާޓީގެ ރައީސް ޖަލަށްލެވުނު ކަމެވެ. ސުވާލަކީ ޕާޓީގެ ރައީސް ޖަލަށް ލެވުމަކީ އެ ވެރިޔަކު ކާފަރުވެ، މުރުތައްދުވާނެ ކަމެއްތޯ އެވެ؟ އިސްލާމް ދީން އެންމެ ދަށްފަންތީގައި ރޯފިލައިފައިވާ މީހާއަށްވެސް އެއީ ވެރިޔާ ކާފަރުވާނެ ކަމެއް ނޫންކަން ބަޔާންވެގެންވެ އެވެ. އެހެނަސް މިއަދު ޢަދާލަތު ޕާޓީ އަދި އެޕާޓީގެ ޢައުވާނުން ތިބީ ކޮން ރަސޫލެއްގެ ޙަދީޘްތަކަށް ކިޔަމަންވެގެންތޯ އެވެ.


ސުންނަތުގެ އިމާމުން، އަހުލުއް ސުންނަތުގެ ޢިލްމުވެރިން ކުރީގެ ދުވަސްތަކުގައި ޖަލަށް ލެވުނީ، އެ އިމާމުން ޙަރާމްވެގެންވާ މުޒާހަރާ ކުރެއްވީމަކާ ނޫނެވެ. އެހެނަސް ﷲ ގެ ދީނުގެ ޢަޤީދާ، ޞައްޙަ ޢަޤީދާގައި ދެމިހުންނެވުމުންނެވެ. އެކަމުގެ މިޘާލަކީ އަހުލުއް ސުންނަތް ވަލް-ޖަމާޢަތުގެ އިމާމް الإِمَام أَحمد بن حَنْبَل رحمه الله އެވެ. ވެރިޔާގެ ފަރާތުން، ވެރިކަމުގެ އާރާއި ބާރުގެ ތެރެއިން އެތަކެއް އަނިޔާއެއް ތަޙައްމަލު ކުރައްވަންޖެހިވަޑައިގަތެވެ. ޖަލަށް ލެވުމާއި، ވެރިޔާގެ އަމުރަށް އިމާމްގެ ހަށިކޮޅުގައި ތެޅުމާއި އަދި އެތަކެއް ދުވަސްތަކެއް ވަންދެން ދީނަށް ދަޢުވަތު ދެއްވުން މަނާކޮށްފައި ވުމެވެ. މިއަދު މަޖީދު އަދި އޭނާގެ ޢައުވާނުން ބުނާގޮތުންނަމަ މިއީ "އަނިޔާވެރިކަމާ ދެކޮޅަށް ނުކުތުން ވާޖިބުވާ ޙާލަތް އައީ" ނޫންތޯ އެވެ؟ މިއަދު ޖަހާލަތުގެ އަހުލުވެރިން ޕޯޑިއަމްތަކުގައި ތިބެގެން ކިޔާ "ބަނދިވަރު"، ގޮވާ "ހަޅޭއް" - އެންމެ ކުރީގައިވި ދީން ދިފާޢުކުރެއްވުމުގައިވި އިމާމުން ނުކުރެއްވީ ކީއްވެގެންތޯ އެވެ؟ މަޖީދު އާއި އޭނާގެ ޢައުވާނުންނަށް ލިބިގެންވާ ފަދަ ބާރެއް އެބޭކަލުންނަށް ލިބިވަޑައިގެންފައި ނުވުމުންތޯއެވެ؟

 

ވެރިކަމުގެ ނިޒާމުން ލިބިވަޑައިގެން މި ހުރިހައި އަނިޔާތަކެއް ތަޙައްމަލު ކުރައްވަމުން ގެންދެވި الإِمَام أَحمد بن حَنْبَل رحمه الله އަށް ނިސްބަތް ކުރައްވާ الشيخ العلامة عُبَيد الجابري حفظه الله  ވިދާޅުވެފައިވެ އެވެ.

"ފަހެ، الإمام أحمد رحمه الله  ޢަމަލުފުޅު ކުރެއްވީ ކިހިނަކުން ހެއްޔެވެ؟ ޚަލީފާއަށް ހެޔޮ ދުޢާ ކުރެއްވިއެވެ. އަދި މީސްތަކުންނަށް ﷲ އަށް ކިޔަމަން ގަތުމުގައިވާ އެންމެހައި ކަންތައްތަކުގައި ވެރިޔާއަށް ކިޔަމަންގަތުމަށް ހިތްވަރު ދެއްވައި ބާރުއެޅުއްވިއެވެ. ޚަލީފާއާ ދެކޮޅަށް ނުކުތުން އިންކާރު ކުރެއްވި އެވެ.


ހަމަކަށަވަރުން އެއްދުވަހަކު الإمام أحمد رحمه الله އަރިއަހަށް ފިޤުހުވެރިންގެ ދިހަ ފަޤީހުން މަޝްވަރާ ކުރުމަށްޓަކައި ދިޔައެވެ.  الإمام أحمد  رحمه الله އަރިހުގައި ބުނެއެވެ. "އޭ أبو عبدالله އެވެ. ކަންތައްތައް ވެގެން ދާގޮތް ބަލާލުން ހުއްޓެވެ." އެމީހުންނަށް (ނަޞޭޙަތްތެރިވެ) ވިދާޅުވިއެވެ. "ތިޔަބައިމީހުން ﷲ އަށް ބިރުވެތިވާށެވެ. ﷲ އަށް ޓަކައެވެ. ﷲ އަށް ޓަކައެވެ. މުސްލިމުންގެ ލެޔަށް ތިޔަބައިމީހުން ރައްކައުތެރިވުން ހުއްޓެވެ." އަމީރުލް މުއުމިނީން އަށް (ކިޔަމަންވުން) ކީއްވެގެން ހެއްޔެވެ؟ ސަބަބަކީ الإمام أحمد އަށް ފެނިވަޑައިގެންނެވި، المأمون އަދި އެގޮތް ޚިޔާރުކުރި ޚަލީފާގެ ދަރިންނާއި ކާފަދަރިން މުޢުތަޒިލާއިންގެ މަގު ހޯދައި އަދި މީސްތަކުންނަށް ގަދަބާރުން القران އަކީ މަޚްލޫޤެއް ކަމުގައި ޤަބޫލުކުރުމަށް މަޖުބޫރު ކުރުވައި ބާރުއެޅުވިއެވެ. (މިކަން ހިނގައިގެން ދިޔައީ) ޖަހަމިއްޔާއިން ގެނެސްފައިވި ޝުބުހައެއްގެ ސަބަބުން، އެއިން މީސްތަކުންގެ މައްޗަށް ވެރިވެގަތީއެވެ. ފަހެ ނުބައި ރަޙްމަތްތެރިންނާއި އެކުވެރިން ޚަލީފާގެ ހިތަށް މިކުފުރު ޝުބުހަ ވެއްދިއެވެ. އަދި މިތަނުގައި ބަޔާން ވެގެންވާ ދަލީލަކީ  أهل السنّة މީސްތަކުން މިނެކިރާ ތިލަފަތަކީ ޢަދުލް އާއި ޙައްޤުގެ ތިލަފަތް ކަމެވެ. ފަހެ، الإمام أحمد رحمه الله  ވެގެންދިޔައީ އަނިޔާވެރިކަމުގައި ހައްދު ފަހަނަޅައިފައިވާ އަހުލުވެރިންގެ ތެރެއިން މީހެއްކަމުގައި ވާނަމަ، ޚަލީފާ المأمون އާ ދެކޮޅަށް ނިކުމެވަޑައިގަތީހެވެ. އަހަރެންނަށް ހީވާގޮތުގައި المأمون އާ ދެކޮޅަށް ނިކުމެވަޑައިގަތް ނަމަ، الإمام أحمد رحمه الله ގެ އަރިއަހުގައި ސުންނަތުގެ އިމާމުންވެސް ނިކުމެވަޑައިގަތީހެވެ. އަދި އަހަރެންނަށް އުއްމީދު ކުރެވެނީ المأمون ގެ ވެރިކަން ނުވެއްޓި ނުހުންނާނެ އެވެ. އެހެނަސް الإمام أحمد رحمه الله ހަވާނަފްސުގެ އަހުލުވެރިންގެ މަގު ޚިޔާރެއް  ނުކުރައްވައެވެ." تقرير الأحمد بشرح أصول السنة


އަޚުންނޭވެ. ކުރީ ޒަމާނުގައި ފާޅުވި، ޖައްބާރު، އަނިޔާވެރި ނުބައި ނުލަފާ ވެރިންނަށްވުރެ ނުބައި ވެރިންތަކަކީ ކޮބައިހެއްޔެވެ؟ ނަމަވެސް، އެ ޒަމާނުގައި ޢިލްމުވެރިން ޢަމަލުފުޅު ބަހައްޓަވާފައިވާ ގޮތަކީ މިއެވެ. މިއަދު ދީނުގެ ނަމުގައި އުފައްދާފައިވާ "ޢަދާލަތު" އަކީ ޟަލާލަތް ކަމުގައި ބަޔާންނުވޭ ހެއްޔެވެ؟ މަޖީދު އާއި އޭނާގެ ބައިގަނޑުގެ ހުރި ނުބައި ނުލަފާކަން ތިބާއަށް ނުވިސްނޭ ހެއްޔެވެ؟


އަނިޔާވެރި ވެރިންނާ މެދުގައި މުޢާމަލާތް ކުރަންޖެހޭނެ ގޮތަކީ ކޮބައިކަން ﷲ ގެ ސަމާވީ ޝަރީޢަތުގައި "އަނިޔާވެރި ޑިމޮކްރަސީ" އަދި "ޕާޓީ ސިސްޓަމް" އައުމުގެ ކުރިންވަނީ ބާވައިލައްވަވާފައެވެ.

 

ابن عباس رضي الله عنهما ރިވާކުރައްވާފައިވެ އެވެ. ރަސޫލާ ﷺ ޙަދީޘްކުރެއްވި އެވެ. «مَنْ رَأَى مِنْ أَمِيرِهِ شَيْئًا يَكْرَهُهُ فَلْيَصْبِرْ، فَإِنَّهُ مَنْ فَارَقَ الْجَمَاعَةَ شِبْرًا، فَمَاتَ، فَمِيتَةٌ جَاهِلِيَّةٌ»


 "އެމީހެއްގެ އަމީރުގެ ފަރާތުން ނުބައިކަމެއް ފެނިއްޖެ މީހާ އެކަމެއް އެކަހެރި ކުރުމަށްފަހު ކެތްކުރާށެވެ. ހަމަކަށަވަރުން މުސްލިމުންގެ ޖަމަޢަތާ ކައިވަތެއްހާ މިންވަރަށް ވެސް ވަކިވެދާ މީހާ އެގޮތުގައި ހުރެ މަރުވެއްޖެ ނަމަ އޭނާ މަރުވެދާނީ ޖާހިލިއްޔަ މަރަކުންނެވެ." ( أخرجه البخاري ج 13 ص 5 و مسلم  ج 3 ص 1477 )
މިޙަދީޘާމެދު الحَافظ ابن حجر رحمه الله ވިދާޅުވެފައިވެ އެވެ. "މިޙަދީޘަކީ ވެރިޔާ ޙައްދުފަހަނައަޅައި ދިޔަކަމުގައިވީ ނަމަވެސް، އެވެރިޔާއާ ދެކޮޅަށް ނުކުތުމަކީ މަނާވެގެންވާ ކަމެއްކަމުގައިވާ ދަލީލެކެވެ. އޭނާގެ ގަދަބާރުން ވެރިކަމަށް އަރައިހުންނަ ވެރިޔާއަށް ވެސް ކިޔަމަންގަތުމަކީ ވާޖިބުވެގެންވާ ކަމެއްގެ ގޮތުގައި ޢިލްމުވެރިންވަނީ ޢިޖްމާޢުވެގެންނެވެ." ( فتح الباري بشرح صحيح البخاري ج 13 ص 9 )

 

عبد الله بن مسعود  ރިވާކުރައްވާފައިވެ އެވެ. ރަސޫލާ ﷺ ޙަދީޘްކުރެއްވި އެވެ. «سَتَكُونُ أَثَرَةٌ وَأُمُورٌ تُنْكِرُونَهَا» قَالُوا: يَا رَسُولَ اللَّهِ فَمَا تَأْمُرُنَا؟ قَالَ: «تُؤَدُّونَ الحَقَّ الَّذِي عَلَيْكُمْ، وَتَسْأَلُونَ اللَّهَ الَّذِي لَكُمْ» "ތިމަން ނަބިއްޔާ ދުނިޔެދޫކުރެއްވުމަށް ފަހުގައި ތިޔަބައިމީހުންނަށް أثرة (ވެރިން އެބައިމީހުންނަށް ހުރިހައި ހެޔޮކަންތައްތަކެއް ހޯދައި ރައްޔިތުން ޙާލުގައި ޖައްސައި، ކަންތައްތަކުން މަޙްރޫމުކުރުން) އަދި ތިޔަބައިމީހުން އިންކާރުކުރާ އެތައް ކަންތައްތަކެއް ފެނިގެންދާނެ އެވެ". ތިމަންނަމެން އެހިނދު ސުވާލު ދެންނެވީމެވެ. އެޙާލުގައި އަޅުގަނޑުމެން ޢަމަލުކުރުންއޮތީ ކިހިނެތްތޯއެވެ. ޙަދީޘްކުރެއްވިއެވެ." ތިޔަބައިމީހުން އެބައިމީހުންނަށް ދޭންޖެހޭ ޙައްޤުތައްް ދޭށެވެ. ތިޔަބައިމީހުންނަށް ލިބެންޖެހޭ ޙައްޤުހޯދުމަށް އެދި اللهގެ ހަޟުރަތުގައި ދަންނަވާށެވެ." ( أخرجه البخاري ج 13 ص 5 و مسلم  ج 3 ص 1472 )
ﷲ ގެ ވަޙީއާއި ސުންނަތް ދޫކޮށް، ވެރިންނާ މުޢާމަލާތް ކުރުމަށް ޚާއްޞަކޮށް އެކަމަށް ވާރިދުވެފައިވާ ނައްޞުތައް ދޫކޮށް، މީސްތަކުންނަށް ދީން އޮޅުވާލުމުގައިވާ "ދަންނަބޭކަލުންގެ" ހުރި ނުބައި ނުލަފާ ކަމާ އެވެ. މިއަދު ވެރިން ނިންމާ ޤަރާރުތަކާއި ޤަވާޢިދުތަކަކީ ތިމަންމެން ހިތް އެދޭގޮތް ނޫން ކަމުގައިވާ ކޮންމެ ފަހަރަކު، މި ޙިޒްބީ އިޚްވާނީންވަނީ ވެރިންނާ ދެކޮޅަށް ނުކުމެފައެވެ. އެފަދަ ކަންތައްތަކުގައި ޤުރުއާނާއި ސުންނަތުގެ ހިދާޔަތް ހޯދުމެއް ނުވެ އެވެ.
إمام البخاري ޞަޙީޙުގައި (ج 13 ص 121 ) ابن عمر رضي الله عنهما ގެ ފަރާތްޕުޅުން ރިވާކުރައްވާފައިވެ އެވެ. «السَّمْعُ وَالطَّاعَةُ عَلَى المَرْءِ المُسْلِمِ فِيمَا أَحَبَّ وَكَرِهَ، مَا لَمْ يُؤْمَرْ بِمَعْصِيَةٍ، فَإِذَا أُمِرَ بِمَعْصِيَةٍ فَلاَ سَمْعَ وَلاَ طَاعَةَ»


"މުސްލިމު އަޅާ އޭނާގެވެރިޔާއަށް އަޑުއަހާ ކިޔަމަންގަތުންވެ އެވެ. އޭނާ ކުރާހިތްވާ ކަންތައްތަކުގައި އަދި ކުރާހިތްނުވާ ކަންތަކުގައި ވެސްމެއެވެ. ފާފައަކަށް އަމުރުކުރުމަށް ދާންދެނެވެ. ފާފައަކަށް އަމުރުކޮށްފި ނަމަ އެކަމުގައި ކިޔަމަންވެ އަޑުއެހުމެއްނުވެ އެވެ."


މިޙަދީޘް އިން ބަޔާންވެގެންވަނީ، ﷲ އަށް އުރެދުމަކަށް ނުވާ ކޮންމެ ކަމެއްގައި ވެރިޔާ ނިންމާފައިވާ ޤަރާރުތަކާއި ޤަވާޢިދުތަކަށް ކިޔަމަންގަންނަށް ޖެހޭކަމެވެ. ވެރިންނާ ދެކޮޅަށް ނުކުތުމަށް އޮތް ވަޞީލަތްތައް ކަމުގައި ހަދައިގެން ނުވާނެ ކަމެވެ.


المباركفوري  رحمه الله ވިދާޅުވެފައިވެ އެވެ. "މިޙަދީޘްގައި މިވަނީ އިމާމް މީސްތަކުންނަށް މަންދޫބު ކަމަކަށް ނުވަތަ މުބާޙް ކަމަކަށް އަމުރުކޮށްފިނަމަ އެކަމަކަށް ތަބަޢަވުން ވާޖިބުވެގެންވުމެވެ. ޔަޢުނީ ޙާކިމްގެ ބަސް އަޑުއަހައި އެކަމަށް ކިޔަމަންގަތުމަކީ ހުރިހައި މުސްލިމުންނަށް ވާޖިބުވެގެންވާ ކަމެކެވެ. އެއީ އޭނާގެ ޠަބީޢަތާ ޚިލާފް ނުވަތަ އެއްގޮތްވި ކަމަކަށްވީ ނަމަވެސްމެއެވެ. ފާފައަކަށް ނުވާ ކޮންމެ ކަމެއްގައި މިގޮތެވެ. ފާފައަކަށް އަމުރުކޮށްފި ނަމަ ކިޔަމަންވުން ހުއްދައެއްނުވާނެ އެވެ. އެހެނަސް އެކަމުގައި ވެރިމީހާއާ ދެކޮޅަށް ނުކުމެ ހަނގުރާމަ ކުރުމެއް ނުވެއެވެ." ( تحفة الأحوذي بشرح جامع الترمذي ج 5 ص 365 )


އަހަރުމެން އެންމެން ދަންނަ ފަދައިން ޢަރަބިއްޔާ ސުކޫލްގެ ޢިމާރާތް ހުރިތަން ނޫން ތަނަކަށް އެ ސުކޫލް ބަދަލުކުރުމަށް ވެރިޔާ ބޭނުންވުމުން، އެއީ ފާފައެއްތޯ އެވެ؟ އެއީ ﷲ އަށް އުރެދެނީތޯ އެވެ؟ ނޫނެކެވެ. ފަހަރެއްގައި އެއީ މީސްތަކުން ހިތްއެދޭ ގޮތް ނޫން ކަމުގައިވެދާނެ އެވެ. މިޙާލުގައި ވެސް ވެރިޔާއާ ދެކޮޅަށް ނުކުތުމަކީ ހުއްދަވެގެންވާނެ ކަމެއް ނޫނެވެ. އެހެނަސް ވެރިޔާގެ އަމުރަށް، އެއީ އަހަރުމެން ހިތްއެދޭ ގޮތް ނޫން ކަމުގައިވީ ނަމަވެސް، ކިޔަމަންގަތުން ލާޒިމްވެގެންވެ އެވެ. މި މަންހަޖު ޤާއިމްކޮށްފައި ކޮބައިތޯ އެވެ؟ މީސްތަކުންނަށް މި ޤަވާޢިދުގެ ދަށުން ދީން އޮޅުން ފިލުވައިދީފައި ކޮބައިތޯ އެވެ؟


ކަނޑައެޅިގެން ތިމާމެން "ދަންނަބޭކަލުންނަށް" އެނގިތިބެ މީސްތަކުންނަށް ދީން އޮޅުވައިލި މީހުންގެ ހުރި ނުބައިކަމާ އެވެ؟

 arabiyya_jsfikuru1.jpg arabiyya_jsfikuru2.jpg 


މިއީ އުއްމަތުގެ ސަލަފުންގެ ނަމުގައި އުފެދިފައިވާ "ސަލަފުން" ބާއެވެ!


އަނިޔާވެރި ވެރިންގެ ވެރިކަމުގެ މައްޗަށް ކެތްކުރުމަކީ އިސްލާމްދީނުގައިވާ އުޞޫލްތަކުގެ ތެރެއިން އެއް އުޞޫލެވެ. އެކަކަށްވެސް އެއާ ޚިލާފްވެ ނުގަނެވޭނެ ކަމެކެވެ. އަނިޔާވެރި ވެރިންނޭ ބުނެ އެފަދަ ވެރިންގެ ވެރިކަން ވައްޓާލުމަށް ނުވަތަ ވެރިކަމުގެ މައްޗަށް މުންކަރާތް އިންކާރު ކުރުމަށް ބަސްތައް ބުނުމަކީ މި އުއްމަތުގެ ހެޔޮވެގެންވާ ޤަރުނުތަކުގެ އަހުލުވެރިންގެ ޢަމަލެއް ނޫނެވެ. އެހެނަސް އެއީ ޚަވާރިޖު، ނަރައިގެ ކުއްތާއިން ކަމުގައި ރަސޫލާ صلى الله عليه وسلم ޛިކުރުކުރައްވާފައިވާ އަހުލުވެރިންގެ ޢަމަލެވެ. މި ޤަވާޢިދުގެ މައްޗަށް އެތައް ސަތޭކަ އަހަރުތަކެއްގެ ކުރިން އުއްމަތް ވަނީ އިއްފާޤުވެގެންނެވެ.


ابن حجر رحمه الله ފަޠުހުގައި ވިދާޅުވެފައިވެ އެވެ. "ގަދަބާރުން ވެރިކަމަށް އަރާހުންނަ ވެރިޔާއަށް ކިޔަމަންވާން ޖެހޭނެކަމަށް ފިޤްހު ޢިލްމުވެރިން ވަނީ އިޖްމާޢުވެގެންނެވެ. އެވެރިޔާއާ އެކުގައި ޖިހާދަށް ނުކުތުމަކީ ވެސް އެބައިމީހުންނަށް އަމުރުވެގެންވާ ކަމެކެވެ. އޭނާއާ ދެކޮޅަށް ނުކުމެ ލޭއޮހޮރުމަށްވުރެ ހެޔޮކަންބޮޑީ ކިޔަމަންވެ އަޑުއެހުމުގައި ދެމިތިބުމެވެ." ( فتح الباري ج 13 ص 7 )


އާނއެކެވެ، ގަދަބާރުން، ކަނޑީގެ ބާރުން ވެރިކަން ހޯދި ކަމުގައިވީ ނަމަވެސް، އެ ވެރިޔާއަށް ދައުލަތުގެ ބާރުތައް ލިބިއްޖެ ހިނދުގައި، އެފަދަ ވެރިޔަކާ ދެކޮޅަށްވެސް ނުކުތުން ހުއްދައެއް ނުވާނެ އެވެ. އެހެނަސް މިއަދުވަނީ ތިމާގެ ޕާޓީއާ ނުރުހޭ ނުވަތަ އިދިކޮޅު ޕާޓީ ކަމުގައި ވުމުން އިދިކޮޅަށް މަސައްކަތް ކުރާބައެއްގެ ގޮތުގައި ތިބެންޖެހޭނެކަން އެއީ ޙައްޤު ކަމުގައި ހަދާފައެވެ. ވިސްނާލުން ހުއްޓެވެ. ﷲ ގެ ދީން ދޫކޮށް ޑިމޮކްރަސީ އަކީ އެއީ ހެޔޮވެގެންވާ ނިޒާމްކަމުގައި ބަލައިގަތީ މިފަދަ މީހުންނެވެ.


سويد بن غفلة رحمه الله ވިދާޅުވެފައިވެ އެވެ. އަހަރެންނާ عُمَر رضي الله عنه ބައްދަލުވި ދުވަހު ވިދާޅުވިއެވެ. "އޭ އަބޫ އުމައްޔާއެވެ. ފަހަރެއްގައި މިއަށްފަހު އަހަރެންނާ ދެން ބައްދަލުނުވެދާނެ އެވެ. ބުނަމެވެ. ދެރަ ނިކަމެތި ޙަބުޝްކަރައިގެ އަޅަކު ވެރިއަކަށް އައިކަމުގައިވީ ނަމަވެސް އޭނާއަށް އަޑުއަހާ ކިޔަމަންވާށެވެ. އޭނާ މީސްތަކުން ގައިގައި ތެޅިޔަސް އަދި މީސްތަކުންނަށް ކަންތައްތައް މަޙްރޫމުކުރި ކަމުގައިވީ ނަމަވެސް ކެތްކުރާށެވެ. ތިބާގެ ދީން ބަލިކުރަން އުޅެފިނަމަ ބުނާށެވެ. އަހަރެންގެ ލެއަށްވެސް ކިޔަމަންވެ އަޑުއަހާނަމެވެ. ދީނަކަށްނޫނެވެ. އަދިވެސް ބުނަމެވެ. މުސްލިމުންގެ ޖަމާޢަތާ ވަކިނުވާށެވެ." كتاب الشريعة للآجري (1/ 381)

 

މިއަދު ދީނީ ނަމުގައި ހިލޭ އަންހެނުންނާއި ހިލޭ ފިރިހެނުން އެއް މައިދާނަށް ނެރެ، އަންހެނުންނާ ފިރިހެނުން މައްސުނިވުން އެއީ ހެޔޮކަމެއްގެ ގޮތުގައި ހަދާފައިވި، މި ޙަރާމް ޢަމަލުތައް ކުރާ "ޢަދާލަތުގެ" އަހުލުވެރިންނަށް އިސްލާމް ދީން އޮޅުން ފިލާފައިވަނީ عُمَر رضي الله عنه އަށް ދީން އޮޅުން ފިލާފައިވާ ވަރަށްވުރެ ބޮޑަށްތޯ އެވެ؟ ޞަޙާބީންނަށް އެނގިވަޑައިނުގެންނެވި ދީނެއް މިބައިމީހުން ހޯދީ ކޮން ފޮތަކުން ހެއްޔެވެ؟ އާނއެކެވެ. ޔަޤީނެވެ. ޤުރުއާނުން އަދި ސުންނަތަކުން ނުފެންނާނެ އެވެ. އެހެނަސް ޞަޙާބީންނަށް ނުފެންނަ ކިތަންމެ، ޙަރާމް ކަމެއް، ހުއްދަނޫން ކަންތައްތަކެއް ޑިމޮކްރަސީން ފެނިދާނެ އެވެ. މިއަދު އެ ފޮތްތައް ކިޔަވައި އެބައިމީހުން ވަނީ އެފޮތްތަކުގެ މަގުފުރެދުމުގައި ޖެހިފައެވެ.


ސުންނަތުގެ އަހުލުވެރިންގެ ޢަޤީދާ ފޮތްތަކުގެ ތެރެއިން އެންމެ ބޮޑު އެއްފޮތަކީ إمام الطحاوي  ލިޔުއްވާފައިވާ العقيدة الطحاوية އެވެ. މި ފޮތުގައި ސުންނަތުގެ އަހުލުވެރިންގެ ޢަޤީދާ ބަޔާންކުރައްވާ ޛިކުރުކުރައްވާފައިވެ އެވެ.


إمام الطحاوي رحمه الله ވިދާޅުވެފައިވެ އެވެ. "އިމާމުންނާއި ވެރިންނާ ދެކޮޅަށް ނުކުތުމަކީ ހުއްދަކަމެއް ކަމުގައި ނުދެކެމެވެ. އެއީ އެބައިމީހުން ނުބައިކަމުގައި ޙައްދުފަހަނައަޅައި ދިޔަކަމުގައިވީ ނަމަވެސްމެ އެވެ. އެބައިމީހުންނަށް ބަދު ދުޢާކުރުމެއްނުވެއެވެ. އެބައިމީހުންނަށް ކިޔަމަންވާންޖެހޭ ކަމަކުން އެކަހެރިވުމެއްނުވެއެވެ. އެބައިމީހުންނަށް ކިޔަމަންވުމަކީ الله ފަރުޟުކުރައްވާފައިވާ އެކަލާނގެއަށް ކިޔަމަންވުމެކެވެ. ފާފައަކަށް އަމުރުނުކުރާ ހިނދެއްގައި އޮތީ ކިޔަމަންވުމެވެ. އަހަރެމެންނަށް އޮތީ އެބައިމީހުން އިޞްލާޙްވުމަށް އެދި އަދި ހެޔޮ ޞިއްޙަތް އަދި ޢާފިޔަތް ލިބުމަށްއެދި ދުޢާކުރުމެވެ." ( العقيدة الطحاوية ص 47  )


ވެރިން ނުބައި ނުލަފާ ކަމުގައި ޙައްދުފަހަނަ އަޅައިދިޔަ ކަމުގައިވީ ނަމަވެސް ވެރިންނާ ދެކޮޅަށް ނުކުތުމެއް ނުވެ އެވެ. މިއީ ސުންނަތެވެ. މިއީ ﷲ ގެ ދީނެވެ. މިއީ ޙައްޤުގެ އަހުލުވެރިންގެ ޢަޤީދާ އެވެ. ދީނުގެ އުޞޫލެވެ. ސަލަފީން މުސްލިމް ވެރިންނާ މެދުގައި އަބަދުވެސް ޢަމަލު ކުރާނީ ސުންނަތުގައި ބަޔާންވެގެންވާ ދަލީލުތަކުގެ މަތީގައެވެ. އެއްވެސް ޙާލެއްގައި ޕާޓީ އަކީ އަދި ޕާޓީގެ ކުލައަކީ އެބައިމީހުންގެ ދީން އެއަށް ތަބަޢަވާންޖެހޭ އެއްޗެއްގެ ގޮތުގައި ނަހަދާނެ އެވެ.

 

ނުލަފާ ކަމުގައި ޙައްދުފަހަނަ އަޅައިފައިވާ، އަނިޔާވެރިކަމުގައި އިންތިހާއަށް ގޮސްފައިވާ މި މީސްތަކުން އެބައިމީހުންގެ މި ނުލަފާ ޢަމަލަށް ދަލީލެއް ނުލިބުމުން، ޞަޙާބީންނާއި، ތާބިޢީންގެ ފަރާތްޕުޅުން އަދި އެކިއެކި ޤަރުނުތަކަށް ފާޅުވި އިމާމުންގެ ފަރާތްޕުޅުން ޤައުލެއް ނުލިބުމުން އެބައިމީހުންގެ އަމިއްލަ ރައުޔަށް މީސްތަކުންގެ ބޮލަށް ސަވާރުވުމަށް ޝުބުހާތްތައް އުފެއްދި އެވެ. އެގޮތުން ގެނެސްފައިވާ އެއް ޤައުލަކީ ރަސޫލާ صلى الله عليه وسلم ޙަދީޘްފުޅެކެވެ.

 

ޙަދީޘްގައިވެ އެވެ. (أفضل الجهاد كلمة عدل عند سلطان جائر) "އެންމެ ހެޔޮވެގެންވާ ޖިހާދަކީ އަނިޔާވެރި ވެރިއެއްގެ ކައިރީގައި، ގާތުގައި ހުރެ ޢަދުލުވެރި ބަސް ބަޔާންކުރުމެވެ." މިއީ މިއަދު ސިޔާސީ އެކިއެކި ކުލަތަކުގެ އަހުލުވެރިން، ނުބައި ވެރިންގެ މައްޗަށް ބަސް ބުނުމަށް ކިޔާ އެންމެ "ބާރު ގަދަ ބަސްތަކެވެ." އެހެނަސް މިބައިމީހުންނަށް މި ޙަދީޘް އޭގެ ޙައްޤު މާނައިގައި އެނގިފައި ނުވާކަން އެއީ މިބައިމީހުންގެ ހައްދުފަހަނައިފައިވާ ކަމުގެ އެންމެ ބޮޑު އެއް ބުރުހާނެވެ. އެހެނީ މި ހަދީޘްގައިވަނީ (عند سلطان جائر) "އަނިޔާވެރި ވެރިޔާގެ ކައިރީގައި، ގާތުގައި" އެވެ. ގާތުގައެވެ. ސިޔާސީ ޕޯޑިއަމްގަ އެއް ނޫނެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވީ މީހުން އެއްކޮށްގެން ވެރިޔާ ނެތްތަނުގައި އެއްޗެހި ކިޔާ ވާހަކައެއް ނޫނެވެ. ވިސްނާލުން ހުއްޓެވެ! ޢަދާލަތު ބައިގަނޑުގެ ނުބައި ނުލަފާކަމާއެވެ.

 

އަޚުންނޭވެ! ނުބައި ނުލަފާ، ޖައްބާރު، ހައްދުފަހަނަ އަޅައިފައިވާ، މީސްތަކުން، ރައްޔިތުންނަށް ލިބެން ޖެހޭ ޙައްޤުތަކުން މަޙްރޫމު ކުރާނެ ވެރިން ތަކެއް އަންނާނެ ކަމުގެ ޚަބަރު އަހަރެމެންގެ ނަބިއްޔާ ދެއްވި އެވެ. އަދި އެފަދައިން ބަޔާންކޮށް ބަސްފުޅު ނިންމަވާލީ އެއް ނޫނެވެ. އެހެނަސް އެފަދަ ވެރިންނަށް ނަޞޭޙަތްތެރިވާން ބޭނުންވާ މީހާ އެކަން ކުރަންޖެހޭނެ ގޮތްވެސް އަންގަވައި ދެއްވިއެވެ. އެންމެ ހެޔޮވެގެންވާ ހިދާޔަތަކީ މާތް ނަބިއްޔާ صلى الله عليه وسلم ގެ ހިދާޔަތް ކަމުގައި އަޑުން އަޑުނަގާ ގޮވާ މީހުންނަށް، އަނިޔާވެރި ވެރިންނަށް ނަޞޭޙަތްތެރިވުމަށް ބަޔާންކޮށްދެއްވި ހިދާޔަތް ކޮބައިތޯ އެވެ؟

 

الشيخ العلامة عُبَيد الجابري حفظه الله  ވިދާޅުވެފައިވެ އެވެ. "މިތަނުގައި ވެރިޔާ އެވެރިޔާގެ އަމިއްލަ ނަފްސުގެ މައްޗަށް އަރައިގެންފައިވާ އުރެދުންތަކުގެ މައްޗަށް ނުވަތަ ވެރިޔާގެ ވެރިކަމުގެ ތެރޭގައި ހިނގަމުންދާ އުރެދުންތަކުގެ މައްޗަށް ނުވަތަ ވެރިޔާގެ ވެރިކަމުގެ ތެރޭގައި ހިނގަމުންދާ އުރެދުންތަކުގެ މައްޗަށް މުސްލިމުން ޢަމަލު ކުރުން އޮތީ ކިހިނަކުން ހެއްޔެވެ؟

 

މިކަމަކީ (މި މައްސަލައިގެ) މައްޗަށް މީސްތަކުން އިޖްތިހާދުކޮށް، މީސްތަކުން އެކި މަޛްހަބުތަކަށް ބެހި، ހިތުހުރި މީހަކު ހިތު ހުރި ބަސްތަކެއް ބުނުމަށް އޮތް މައްސަލައެއް ނޫނެވެ. ސަބަބަކީ رســول الله ﷺ މި މައްސަލައިގެ މައްޗަށް ނިޔާ ކަނޑައަޅުއްވާފައި އަދި ޙުކުމް ކުރަށްވާފައިވެއެވެ. ފަހެ، މުސްލިމުންނަށް ވާޖިބުވެގެންވަނީ ނަބިއްޔާ ﷺ ބަޔާންކުރައްވާފައިވާ ދަލީލުތަކުގެ މަތީގައި ހުއްޓުމެވެ.  

 

މި (އަމުރު) މައްސަލާގައި ނަބިއްޔާ ﷺ ވިދާޅުވީ ކީކޭތޯއެވެ؟ ابـــن عاصـــم  އަދި أحــــمـــد  އަދި އެ ނޫން އިމާމުން (ޞަޙާބީ) عــــيـــاض بـــن غــنم ﷺ އަރިއަހުން ރިވާކުރައްވާފައިވެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. (مَن أرادَ أن ينصحَ لذي سلطانٍ في أمرٍ فلا يُبدِهِ عَلانيةً ولَكِن ليأخذْ بيدِهِ يَخلوَ بهِ فإن قبِلَ منهُ فذاكَ وإلَّا كانَ قد أدَّى الَّذي علَيهِ لَهُ) "އެކަމެއްގައި ވެރިޔާއަށް ނަޞޭޙަތްތެރިވާން ބޭނުންވާ މީހާ، ފަހެ އެ (ކަމުގައި) ނަސޭޙަތްތެރިވާ ހިނދުގައި ފާޅުކޮށް (އިޢުލާންކޮށް) މީސްތަކުންނަށް އެނގޭނެ ގޮތުގައި ވެރިޔާއަށް ނަސޭހަތްތެރި ނުވާށެވެ. އެހެނަސް ވެރިޔާގެ އަތުގައި ހިފައި، ވެރިޔާއަށް ނަޞޭހަތްތެރިވާ މީހާ، މީސްތަކުންނާ ވަކިވެގަންނާށެވެ. ފަހެ ( އެނަސޭޙަތް) އަޑުއަހައި ޤަބޫލުކޮށްފިނަމަ، އެކަން އަދާ ކުރެވުނީއެވެ. އެ (ނަސޭހަތް ދިނުމަށްފަހު އަޑުނާހައިފި ނަމަ) ވެރިޔާއަށް އެމީހަކު އަދާކުރަންޖެހޭ ކަންތައް އަދާ ކޮށްފިއެވެ."

ފަހެ، ޢިލްމީ ނަޒަރަކުން މި ޙަދީޘަށް ނަޒަރު ހިންގައި އަދި ޙައްޤު ހޯދުމުގެ ޤަޞްދުގައި ބަލައިފި މީހާއަށް ﷲ ތަޥްފީޤު ދެއްވާނެއެވެ. އަދި އެފަދަ މީހާއަށް މި ޙަދީޘުން ބަޔާންވެގެން ދެއެވެ.


ފުރަތަމައީ:  ވަލިއްޔުލް އަމްރަށް ނަސޭހަތްތެރިވުމުގައި އެންމެ ފުރިހަމައަށް އެކަން ސިއްރުކުރެވިފައި ވުމެވެ.
ދެވަނަ އަމުރު: ޙަދީޘްގައި ބަޔާންވެގެންވާ ގޮތަށް ވަލިއްޔުލް އަމްރަށް ނަސޭޙަތްތެރި ވެއްޖެ މީހާގެ ފަރާތުން އޭނާ އަދާކުރަންޖެހޭ ޙައްޤު އަދާކޮށްފި ކަމެވެ.
ތިންވަނަ އަމުރު: ވަލިއްޔުލް އަމްރަށް ނަސޭހަތްތެރިވުމަށް މި މަގު ނޫން އެހެން މަގެއް ހޯދައިގެން ނުވާނެކަމެވެ. މިގޮތުން ތިޔަބައިމީހުންނަށް ބަޔާންވެގެންދަނީ ވެރިންގެ ކުށްތައް އަދި ވެރިން ކުރާ (ޢައިބު) ނުބައިކަންތައްތައް ހުކުރު ޚުޠުބާތަކުގައި ނުވަތަ ނޫސް މަޖައްލާތަކުގައި ނުވަތަ ދަރުސްތަކުގައި ނުވަތަ ރޭޑިޔޯއާއި ޓީވީ ޗެނަލް ތަކުގައި މަޝްހޫރުކޮށް ދެއްކުމަކީ ސުންނަތުގައިވާ ގޮތެއް ނޫން ކަމެވެ. އަދި ކިއެއްތަ! މިއީ ވެރިންނާ ދެކޮޅަށް މީސްތަކުން ނުކުތުމަށް ހިތްވަރުދޭ الخوارج القعدية (ޚަވާރިޖު އަލް-ޤަޢްދިއްޔާ) ގެ ޢަމަލެކެވެ. " تقرير الأحمد بشرح أصول السنة


ވެރިންނާ ދެކޮޅަށް ބަސްތައް ބުނެވޭނެ ކަމަށް އަނިޔާވެރި ބައިގަނޑުތައް ގެނެސްފައިވާ އަނެއް ޝުބުހާތަކީ، مروان بن الحكم ގެ މައްޗަށް ޞަހާބީ ފާޅުގައި ބަސް ބުނެފައިވާ ކަމަށް، މި އަނިޔާވެރިން ގެނެސްފައިވާ ޝުބުހާތެވެ.


الشيخ العلامة عُبَيد الجابري حفظه الله  ވިދާޅުވެފައިވެ އެވެ. "މިހާ ހިސާބުން، ދެންމެ އަހަރެމެން ތިޔަބައިމީހުންނަށް ސިފަކުރި ބައިގަނޑު ކަމުގައިވާ، އަނިޔާވެރިކަމުގެ އަހުލުވެރިން އުފައްދާފައިވާ ޝުބުހަތެއް ވެއެވެ. އެއީ أبا سعيد الخدري  މަދީނާގެ އަމީރު مروان بن الحكم ޢީދު ނަމާދުގެ خطبة ޢީދު ނަމާދުގެ މައްޗަށް އިސްކުރުމުން ފަހެ، މިއީ އިޢުލާން ކުރުމުގެ ގޮތުގައި އިންކާރު ކޮށްފައި ވުމެވެ. މި ޝުބުހަތަށް ޖަވާބު ދެމެވެ.


ފުރަތަމައީ: ތިޔަބައިމީހުންގެ ނަފްސުތަކުގެ މައްޗަށް ލުއިކުރުންހުއްޓެވެ. އަދި ތިޔަބައިމީހުންގެ ނަފްސުތަކުގެ މައްޗަށް ހަމަޖެހިލުން ހުއްޓެވެ. މި (ޙަދީޘްގެ) ޙާދިޘާގެ މައްޗަށް އަހަރެމެން ތިޔަބައިމީހުންނާ ދެބަހެއް ނުވަމެވެ. ތިޔަބައިމީހުންނާ ދެބަސްވާނީ ކިހިނަކުން ހެއްޔެވެ؟ މި ޙަދީޘް الصحيحين ގައި ވެއެވެ. ފަހެ، އެހެން ވުމުން މިއީ ޞައްޙަ ޙާދިޘާ އެކެވެ. މި ޙަދީޘް ޞައްހަ ކަމާމެދު އަހަރެމެން ތިޔަބައިމީހުންނާ އެއްބަސްވަމެވެ. އެހެނަސް ތިޔަބައިމީހުން މުސްލިމުންނާ މެދު الله އަށް ބިރުވެތިވާށެވެ! މިޙާދިޘާގައި ތިޔަބައިމީހުން އެކަންތައްތަކެއްގެ މަތިން ޣާފިލް ވެގެންވާ ކަންތައްތަކެއް ވެއެވެ. ނުވަތަ އެކަންތައްތަކާ މެދު ތިޔަބައިމީހުން ހަނދާން ނެތިފައިވާ ކަންތައްތަކެއް މިޙާދިޘާގައި  އެކުލެވިގެން ވެއެވެ. މި ދެގޮތުން ކުރެ ކޮންމެ ގޮތެއް ކަމުގައިވީ ނަމަވެސް، ހަމަކަށަވަރުން، ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކާއި މުސްލިމުން، ތިޔަބައިމީހުން ވަނީ ބިދުޢަތަކާއި ހަވާނަފްސުގެ ތެރެއަށް ވައްޓާލާފައެވެ.


އަހަރެމެން ވަރަށް ފާޅުކަން ބޮޑު ގޮތުގައި (މިޙާދިޘާގެ) އެކި އެކި ކަންތައްތަކުގެ މައްޗަށްވެސް إن شاء الله  ބުނަމެވެ. އެގޮތުން އެންމެހައި މުސްލިމް ފިރިހެނުންނާއި މުސްލިމް އަންހެނުންނަށް، މިޙާދިޘާ އަކީ އަހަރެމެންނަށް ލިބިގެންވާ ޙާދިޘާއެއް ކަމާއި، އެއީ އަހަރެމެންގެ މައްޗަށް (ހުއްޖަތެއްގެ ގޮތުގައި) އޮތް ޙާދިޘާއެއް ނޫންކަން އެނގިގެން ދާނެއެވެ. ولله الحمد والمنّة


ފުރަތަމައީ: ހަމަކަށަވަރުން أبو سعيد الخدري އަކީ މި ޙާދިޘާ ޛިކުރު ކުރެއްވި ފަރާތެވެ. މިންބަރު ނެރުނު ހިނދުގައި (މިޙާދިޘާ ހިނގައިިދިޔަ) ގޮތް ވިދާޅުވެދެއްވިއެވެ.  ވިދާޅުވެފައިވެ އެވެ. "مروان  މުޚާޞިރުކޮށް ހިނގާފައި ދިޔައިީމެވެ." މުޚާޞިރު ގެ މާނައަކީ ކޮބައިތޯއެވެ؟ ޔައުނީ: ދެމީހުންގެ ތެރެއިން ކޮންމެވެސް މީހަކުވެސް އަނެކެއްގެ އުނގަނޑުގައި މިގޮތަށް ހިފައިގެން ދިޔުމެވެ. މިއީ ފުރަތަމަ އަމުރެވެ. ވުމުން މިކަމަށް ވިސްނާ ސަމާލުވުން ހުއްޓެވެ.


ދެވަނައީ: أبو سعيد  ވިދާޅުވެފައިވެއެވެ. "ފަހެ، مروان  އަހަރެން މިންބަރާ ދިމާލަށް ގެންދެއެވެ. އަދި އަހަރެން مروان  ނަމާދުކުރުމަށް ނުކުތުމަށް ބާރުއަޅާ ގެންދިޔައީމެވެ. އަދި އަހަރެން ބުނީމެވެ. ނަމާދުގެ ފެށުން ކޮބައިތޯއެވެ؟ އެހިނދު مروان  ބުންޏެވެ. "އޭ أبو سعيد އެވެ. މީސްތަކުން އުނގެނުނު ޢިލްމު ނެތި ގޮސްފިއެވެ. ހަމަކަށަވަރުން މީސްތަކުން އަހަރެމެންގެ (ޚުޠުބާ އަޑުއެހުމަށް) އިށީނދެގެން ނުތިބެއެވެ." މިބަސްތައް ބުނެފައިވާ ގޮތާއިމެދުގައި ވިސްނުން ހުއްޓެވެ. އަހަރެން (أبو سعيد) ބުނީމެވެ. "ހަމަހިލާ އެހެނަކުން ނުވާނެއެވެ! الله ގަންދީ ބުނަމެވެ. އަހަރެމެންނަށް އެނގިފައިވާ އެއްޗަކަށްވުރެ ހެޔޮ އެއްޗެއް ތިޔަބައިމީހުންނަށް ގެނެސް ނުދެވޭނެއެވެ." މިބަސްތައް أبو سعيد  مروان  އަށް ބުނެފައިވަނީ ކޮން އިރަކުތޯއެވެ؟ އެދުވަހުގައި ދެމީހުންވެސް އެކަކު އަނެކަކުގެ އުނަގަނޑުގައި ހިފަހައްޓައި ހިނގާފައި ދިޔަ އިރުގައެވެ. އެހެންވުމުން މީސްތަކުންނަށް އެބަސްތައް އަޑުއިވުނުތޯ ނުވަތަ ނޫންތޯއެވެ؟ މީސްތަކުންނަށް އެބަސްތަކެއް އަޑެއް ނީވެއެވެ! ސަބަބަކީ ކޮންމެ މީހަކުވެސް އެކަކު އަނެކަކުގެ އުނަގަނޑުގައި ހިފަހައްޓައިގެން ކައިރީގައި ތިބެ އެކަކު އަނެކަކާ ވާހަކަ ދައްކަމުން ދިޔުމެވެ. ފަހެ، މީސްތަކުންނަށް އެ ދެމީހުން އެކަކު އަނެކަކާ ވާހަކަ ދައްކާކަން އެނގި އިހްސާސް ކުރެވެއެވެ. އެހެނަސް ދައްކަނީ ކޮން ވާހަކައެއް ކަމެއް ނޭނގެއެވެ.


ތިންވަނައީ: أبو سعيد ، مروان  ގެ (ޢީދު) ޚުޠުބާ އަޑު އެހުމަށްޓަކައި އިށީނދެ އިނެވެ. އެއަށްފަހު މަރުވާނާ އެކު ނަމާދުވެސް ކުރެއްވި އެވެ.
ހަތަރުވަނައީ: أبو سعيد ގެ ފަރާތުން (މިރިވާޔަތް) ރިވާކުރި عياض بن عبد الله بن سعد ވިދާޅުވެފައިވަނީ، أبو سعيد ގެ ފަރާތުން ރިވާ ކުރަމެވެ. أبو سعيد "އޭ مروان  އެވެ! އެވެނި ގޮތަކަށް، މިވެނި ގޮތެއް" މިފަދައިން أبو سعيد ވިދާޅުވި އަޑު އެހީމޭ ބުނެފައެއް ނުވެއެވެ. މީގެ މާނައަކީ ކޮބާ ހެއްޔެވެ؟ (މާނައަކީ) أبو سعيد މިޙާދިޘާ (ރާވީއަށް) ކިޔައިދިން ކަމެވެ. އަދި ރިވާކުރި ރާވީ "أبو سعيد، مروان  އަށް ނަމާދު ކުރަން ފެށުން ކޮބައިތޯ ވިދާޅުވަނިކޮށް އަހަރެން އަޑު އެހީމޭ" ވެސް ބުނެފައެއް ނުވެއެވެ. ވުމުން މިތަނުގައި ރިވާ ކޮށްފައިވާ ރާވީ عياض އަށް أبو سعيد މިޙާދިޘާ، މިވާހަކަ ކިޔައިދީފައި ވާކަން އެނގެއެވެ.


މި އެންމެހައި ކަންކަމުގެ ޚުލާޞާ އަކީ، ފަހެ މިޙާދިޘާ އަކީ ނަބިއްޔާ ﷺ ގެ ޙަދީޘްގައި ބަޔާންކުރައްވާފައިވާ ޙަދީޘާ އެއްގޮތް ޙާދިޘާއެއް ކަމުގައި އެނގިގެން ދެއެވެ.
عــــيـــاض بـــن غــنم  ގެ އަރިހުން ابن أبي عاصم، أحمد އަދި އެނޫންވެސް އިމާމުން ރިވާކުރައްވާފައިވާ އިސްވެދިޔަ ޙަދީޘަކީ ގިނަ طُرُقُ ތައް އެއްކޮށްލުމުން صحيح ޙަދީޘެކެވެ. الله އަށް حمد ކުރަމެވެ. ފަހެ، ބަޔާންވެގެން ދަނީ މި ޙާދިޘާއަކީ އަހަރެމެންނަށް ދަލީލެއްގެ ގޮތުގައި ލިބިގެންދާ ޙާދިޘާ އެކެވެ. (ޚިލާފްވީ ޚަވާރިޖުންގެ ސިފަ ލިބިފައިވާ އަނިޔާވެރި އަހުލުވެރިންނަށް) ލިބިފައިވާ ދަލީލެއް ނޫނެވެ."


އަޚުންނޭވެ! މި މީސްތަކުން މުސްލިމް ވެރިންނާ ދެކޮޅަށް ނުކުމެވޭނެ ކަމަށް އުއްމަތުގެ އެއްވެސް ރައްބާނިއްޔަ ޢިލްމުވެރިއެއްގެ ފަތުވާއެއް، ބަސްފުޅެއް ނުގެނެވޭނެ އެވެ. އަދި ނުވެސް ލިބޭނެ އެވެ. އެހެނަސް މި ބައިގަނޑުގެ އަހުލުވެރިން ހައްދުފަހަނައަޅައި ދީނުގެ ޙައްޤު މަގުން ބޭރުވުމުން، ތިމާމެންގެ އަމިއްލަ މަންފާއަށް ދީން އެފުށް މިފުށަށް ޖަހައި ﷲ ގެ ދީނުގައި ނުވާ ކަންތައް ދީނަށް ވެއްދުން ނޫން ކަމެއް ނެތެވެ. ޙަޤީޤަތުގައި މި ބައިގަނޑުތަކަކީ މުޖުރިމުންނެވެ. އަނިޔާވެރިންނެވެ. މުސްލިމް އުއްމަތްތައް ފަސާދަކޮށްފައިވާ މުފްސިދޫންނެވެ.

 

މުސްލިމް އަނިޔާވެރި، ނުލަފާ ޖައްބާރު ވެރިޔަކާ ދެކޮަޅަށް ސަރުކާރު ވައްޓާލުމަށް ނުކުތުމަށް ސުންނަތުގެ އިމާމުންގެ ތެރެއިން އެއްވެސް އިމާމެއް، އެއީ ކުރީގެ އިމާމުން ނުވަތަ ފަހުގެ އިމާމުން ކަމުގައިވީ ނަމަވެސް މިބައިމީހުންނަށް އެފަދަ ބަސްތަކެއް ނުލިބޭނެ އެވެ.


ابن تيمية رحمه الله ވިދާޅުވެފައިވެ އެވެ. "ދީނުގައި الله ނަހީކުރައްވާފައިވާ "ވެރިންނާ ދެކޮޅަށްނުކުތުން"  ޢިލްމުގެ އަހުލުވެރިންނާއި، ޞާލިޙްއަޅުތަކުންގެ އެއްވެސް މީހަކު ހުއްދައެއް ނުކުރެއެވެ. އަދި ވެރިންނަށް މަކަރުހަދާ އޮޅުވާލުން ވެސް ހުއްދައެއް ނުކުރެއެވެ. އެއްވެސް ގޮތަކަށް އެއްވެސް ޙާލެއްގައި ވެރިންނާ ދެކޮޅަށް ނުކުތުން ހުއްދައެއް ނުވާނެ އެވެ. މިއީ އަހުލުއްސުންނަތުގައި އެންމެ ކުރިންސުރެ އަދި އެންމެ ފަހާޖެހެންދެން ވެސް އައިސްފައިވާ ގޮތެވެ. އަދި އެބައިމީހުންގެ ސީރަތުގައިވަނީ މިފަދައިންނެވެ." ( مجموع فتاوى ج 35 ص 12 )


الشيخ عبد العزيز بن باز رحمه الله ވިދާޅުވެފައިވެ އެވެ. "ޞައްޙަ ސުންނަތުގައި ވެރިންނަށް ކިޔަމަންވާންޖެހޭ ކަން ބަޔާންވެގެންވެ އެވެ. އަދި ރަސޫލާ  ސުންނަތުގައި ވެރިންނަށް ކިޔަމަންގަތުމަކީ ލާޒިމްވެގެންވާ ކިޔަމަންވުމެއްކަމާއި ހެޔޮކަންކަމުގައި އެއީ ފަރުޟެއްކަމުގައި ބަޔާންވެގެންވެ އެވެ." ( المعلوم من واجب العلاقة بين الحاكم و المحكوم   ص 7 )


الإمام أبو الحسن الأشعري رحمه الله ވިދާޅުވެފައިވެ އެވެ. "މުސްލިމުންގެ ތެރެއިންވާ އިިމާމުން އެއީ ރުހިގެން ވެރިކަން ލިބުނު ބައެއްކަމުގައިވީ ނަމަވެސް ނުވަތަ ގަދަބާރުން ވެރިކަން ހޯދި ބަޔަކު ކަމުގައިވީ ނަމަވެސް އެވެރިޔާއަށް ކިޔަމަންގަތުމުގައި ދެމިހުރުމަކީ ޢިލްމުވެރިން އިޖްމާޢުވެގެންވާ ކަމެކެވެ. ޢަދުލުވެރިވީ ނަމަވެސް ނުވަތަ އަނިޔާވެރި ވެރިއެއް ކަމުގައިވީ ނަމަވެސް އެފަދަ ވެރިއަކާ ދެކޮޅަށް ނުކުތުމަކީ އޮތް ގޮތެއްނޫނެވެ. އެވެރިންނާއެކު ޖިހާދުކުރުމާއި، اللهގެ ގެކޮޅަށް ޙައްޖުވުމާއި، މީސްތަކުންގެ މައްޗަށް ޒަކާތްދިނުމަށް އެބައިމީހުން އެދެފިނަމަ އެބައިމީހުންގެ އަތްތަކަށް ޒަކާތްދިނުމާއި، އެބައިމީހުންގެ ފަހަތުގައި ހުކުރު ނަމާދުކުރުމާއި، ޢީދުނަމާދުކުރުން ލާޒިމްވެގެންވެ އެވެ." ( رسالة إلى أهل الثغر  ص 296 )


މި ޢަޤީދާއާ ޚިލާފްވެއްޖެ ކޮންމެ މީހަކީ ޙައްޤު މަގު ގެއްލިފައިވާ، ސުންނަތުގެ މަގުން ބޭރުވެފައިވާ ބިދުޢަވެރިއެކެވެ. ދީނޭ ކިޔައި ކިތަންމެ ވާހަކައެއް، ބަސްތަކެއް ބަޔާންކުރިކަމުގައިވީ ނަމަވެސް އޭނާ ވަނީ މިކަމުގައި ﷲ ގެ ދީނުގެ ޢަދުލުވެރިކަން ދޫކޮށް އަނިޔާވެރިންގެ ތެރެއަށް ގޮސްފަ އެވެ.


الإمام أبو الحسن الأشعري رحمه الله ވިދާޅުވެފައިވެ އެވެ. " (އަހަރެމެން ދެކޭ ގޮތުގައި ސުންނަތުގެ އުޞޫލު ތަކުގެ ތެރޭގައި) : މީސްތަކުން އެ އިމާމެއްގެ މައްޗަށް ޖަމަޢަވެ، އެ ޚިލާފަތުގެ މައްޗަށް އިޤުރާރުވެ ތިބިި އިމާމަކާ ދެކޮޅަށް؛ އެއީ ކޮންމެފަދަ ގޮތަކަށް އިމާމެއްގެ ގޮތުގައިވީ ނަމަވެސް، މީސްތަކުން ރުހިގެން ނުވަތަ އެމީހުންގެ މައްޗަށް ގަދަކަމުން އަރައި ހުރި މީހެއް ނަމަވެސް؛ އެ އިމާމަކާ ދެކޮޅަށް ނުކުމެއްޖެ މީހަކީ، ފަހެ މުސްލިމުންގެ މައްޗަށް އުރެދިފައިވާ ޚާރިޖީއެކެވެ. އޭނާ ވަނީ رَسُولُ اَللَّهِ  ގެ އަޘަރުތަކާ ޚިލާފްވެފަ އެވެ. އެ ގޮތުގައި ހުރެ އޭނާ މަރުވެއްޖެ ނަމަ އޭނާ މަރުވެދާނީ ޖާހިލިއްޔަ މަރެއްގަ އެވެ." (أصول السنة لإمام أحمد )

.

ވެރިންނާއި ދެކޮޅަށް ނުކުތުން: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

 ތިމާގެ "ސަލަފު ޖަމާޢަތް" ދީނުގެ އަޞްލުތަކާއި އުޞޫލުތަކާ ޚިލާފުވުމުން ދިވެހިން ސަމާލުވުމަށް އިރުޝާދެއް ނުދެވުނު ތަނުގައި، އެފަދަ އިރުޝާދުތައް ދިން ފަރާތްތައް ދީނުގެ ޢަދާވާތްތެރިންނަށް ވާގިވެރިވާ މުޖުރިމުން ކަމުގައި ސިފަކުރުން | 18 ނޮވެމްބަރ 2019

 ވެރިޔާއަށް އިހާނެތިކޮށް ހިތައިފިމީހާ، ﷲ އިހާނެތި ކުރައްވާނެ އެވެ. - الشَّيْخُ عَبْد الرزَّاق البدر حفظه الله | 17 ފެބުރުއަރީ 2018

 ވެރިމީހާއާ މެދު އާންމުންގެ ހިތްތަކުގައި ރުޅިވެރިކަމާއި ޢަދާވާތްތެރިކަން އުފައްދައި، ރައްޔިތުންނާ ދުރުކުރުވަން މަސައްކަތްކުރުމީ ބިންމަތީގައި ފަސާދަ އުފައްދާ މުނާފިޤުންގެ ޢަމަލުތަކުގެ ތެރެއިންވާ ކަމެއް - الشَّيْخُ صَالِح بن فَوْزَان الفَوْزَان حفظه الله | 31 އޮކްޓޯބަރ 2017

 އަހަރުމެންގެ ވެރިން އަނިޔާވެރިވީ ނަމަވެސް، އެމީހުންނާ ދެކޮޅަށް ނުކުމެވޭނެކަމަކަށް އަހަރުމެން ނުދެކެމެވެ. - الإِمَام أَبُو جَعْفَر الطَّحَاوِي الحَنَفِي رحمه الله 321 ه | 29 ސެޕްޓެމްބަރ 2017

 ވެރިންނާ ދެކޮޅަށް ނުކުތުން ޙަރާމްވެގެންވޭ ބުނުމަކީ ވެރިންނަށް ވިކިފައިވުމެއް ނޫނެވެ. އެޖެންޓުންނަށް ވުމެއް ނޫނެވެ - الشَّيْخ د. العَلاَّمَة رَبِيع بن هَادي المَدخَلِي حفظه الله | 19 ޖުލައި 2017

އިސްލާމް ދީނުގެ ދިފާޢުގައި؛ ވެރިކަމުގެ ނިޒާމު ޑިމޮކްރަސީއަށްވުމުން ވެރިމީހާއާއި ދެކޮޅަށް ބަސްބުނެ މުޒާހަރާކޮށް ދެކޮޅަށް ނުކުތުން ހުއްދަކުރާ ފަރާތްތަކަށް ރައްދު - فضيلة الشيخ عبدالله البخاري حفظه الله تعالى | 13 މެއި 2017

ވެރިންގެ ޢައިބު ވާހަކަތައް ދެއްކުމާއި، ވެރިންނާ ދިމާލަށް އެއްޗެހި ކިޔުމަކީ ޚުރޫޖް ވުން - الإِمَامُ العَلَّامَة الشَّيْخُ رَبِيْع بن هَادِيْ حفظه الله | 23 މެއި 2016

ވެރިންނާ ދެކޮޅަށް ނުކުތުމަކީ ޚިލާފް މައްސަލަ އެއް ބުނާ މީހުންނަށް ރައްދު - الإمام العلامة الشيخ صالح الفوزان حفظه الله | 20 އޮގަސްޓު 2015

ވެރިންނާއި ދެކޮޅަށް ނުކުތުމުގެ ކުރިން ފުރިހަމަވާންޖެހޭ 5 ޝަރުޠު (ހަދީޘްގެ ޝަރަޙަ) - الإِمَامُ محمد بن صالح العثيمين رَحِمَه الله | 13 މެއި 2015

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...