"ޕާޓީ ހެދުން" އިތުބާރު ހިފޭ ޢިލްމުވެރިންނާއި ޚިލާފްއަށް ކޮށްފައިވާ ބިދުޢައެއް - الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله
ތަރުޖަމާކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله
(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީން އިން ޑިގްރީ ހާޞިލްކޮށްފައި)
الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله
"ޕާޓީ ހެދުން" އިތުބާރު ހިފޭ ޢިލްމުވެރިންނާއި ޚިލާފްއަށް ކޮށްފައިވާ ބިދުޢައެއް
ސުވާލު: السلام عليكم و رحمة الله. ފަޟީލަތުއް ޝެއިޚް އެވެ. އިތުބާރު ހިފޭ ނުހަނު ގިނަ ޢިލްމުވެރިން ބަޔާންކޮށްފައިވާ ނުހަނު ގިނަ ބިދުޢަތައް، މިޘާލަކަށް ޕާޓީ ހެދުން، މިފަދަ ބިދުޢަތަކުން (މީސްތަކުން އެއްކިބާކުރުމަށް) މީސްތަކުންނަށް އިންޒާރުދޭ މީސްތަކުން ނުހަނު މަދެވެ. އަދި ކިޔެއްތޯ އެވެ. މިފަދަ ބިދުޢަތަކަށް އިންޒާރު ދިނުމަކީ ވަޠަނުގެ އެއްބައިވަންތަކަން ގެއްލިގެންދާ ކަމެއްގެ ގޮތުގައި ބުނަމުންދާ ބަޔަކުވެސް ވެ އެވެ.
މިފައިން ބުނާމީހުންގެ ބަސްތަކާ މެދުގައި ޝެއިޚްގެ ރައުޔަކީ ކޮބައިހެއްޔެވެ؟
ޖަވާބު: މި ބަސްތަކުގެ މައްޗަށް އަހަރެމެން ބަޔާންކުރާ ރައުޔަކީ، އަހަރެމެން ބުނަނީ؛ އަހަރެމެން ތަބަޢަވަނީ ޤުރުއާނާއި ސުންނަތަށެވެ. އަދި (އަހަރެމެން ތަބަޢަވަނީ) މި އުއްމަތުގެ ސަލަފުން ޤާއިމްވެ ތިއްބެވި ގޮތަށެވެ. އެވަނި މީހަކު އަދި މިވަނި މީހަކު ބުނާ ބަހަކީ، އެއީ އަހަރެމެން (ބަލަންޖެހޭ) އެއްޗެއް ނޫނެވެ.
ސީދާ ވެގެންވާ މަންހަޖުގައިވާ މީހަކީ، އެއީ އަހަރެމެންގެ އަޚެކެވެ. އޭނާއަކީ އަހަރެމެންގެ ތެރެއިންވާ، އަދި އަހަރެމެންނަކީ އޭނާގެ ތެރެއިންވާ މީހުންނެވެ.
ސީދާވެގެންވާ މަންހަޖާއި ޚިލާފްވެއްޖެ މީހަކީ، އެމީހާއަކީ އަހަރެމެންގެ ތެރެއިންވާ މީހެއްނޫނެވެ. އަދި އަހަރެމެން އޭނާގެ ތެރެއިން ނުވަމެވެ. އެއީ ކޮންމެފަދަ މީހެއްކަމުގައި ވިޔަސް މެ އެވެ.
ولله الحمد (ސީދާ ވެގެންވާ މަގަކީ) ފާޅުކަންބޮޑު ގޮތުގައިވާ ބަޔާންވެގެންވާ މަގެކެވެ. އެމަހުގައި އެއްވެސް އޮޅުމެއް ނުވެ އެވެ. (އެމަގުގައި އޮޅުމެއްވެ) އެވަނި މީހަކު ޙައްޤު ގޮތުގައި ހުރެދާނެ އޭ ބުނާކަށް އެއްވެސް ޖާގައެއް ނެތެވެ. (ސީދާ ވެގެންވާ މަގަކީ) ފާޅުކަން ބޮޑުގޮތުގައި ބަޔާންވެގެންވާ މަގެކެވެ. ولله الحمد
ކުށްކޮށްފައިވާ މީހުންގެ ކުށް ބަޔާންކުރުން ކޮންމެހެންވެސް ލާޒިމްވެގެންވެ އެވެ. އެއީ މީސްތަކުންނަށް އެއިން އިންޒާރު ދިނުމަށެވެ. އެއީ އެއްވެސް ގޮތަކަށް އެމީހުން ދެރަ ނިކަމެތި ކުރުމަށް ނުވަތަ އެމީހުންގެ އަގުދަށްކޮށް ލުމަށެއް ނޫނެވެ. އެހެނަސް މީސްތަކުންނަށް އެއިން އިންޒާރުދީ، އެ ނުބައި ކުށްތަކުގައި މީސްތަކުން އެބައިމީހުންނަށް ނޭނގިތިބެ ޖެހިގެން ނުދިއުމަށެވެ.
ކުށަކީ، އެއީ ކޮންމެފަދަ މީހަކު ކޮށްފައިވާ ކަމެއްކަމެއް ކަމުގައިވިޔަސް، އެމީހަކަށް އެ ރައްދު ކުރެވޭނެ އެވެ.
އަހަރެމެން ބިދުޢަވެރިންނަށް ރައްދުދެމެވެ. އަދި ސުންނަތުގެ އަހުލުވެރިއެއް ކަމުގައި ވިޔަސް އެބައިމީހުންގެ ތެރެއިން މީހަކު ކުށް ކޮށްފިނަމަ އެމީހަކަށް ރައްދު ދެމެވެ. އެމީހަކީ އެއީ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރެއިންވާ މީހެއްކަމުގައިވިޔަސް މެ އެވެ.
ކުށަކީ ރައްދުކުރަންޖެހޭނެ އެއްޗެކެވެ. ރައްދު ދިނުމަކީ (މީގެ މާނައަކީ) އުއްމަތް ބައިބައި ކުރުމެއް ނޫނެވެ. އުއްމަތް ޞައްޙަ މަންހަޖުގެ މަތީގައި ނޫނީ (އެކަތިގަނޑެއް) ގެ ގޮތުގައި ޖަމަޢައެއް ނުވެވޭނެ އެވެ. ބައިބައިވެ، ކުށްތައް ކޮށްފައިތިބެ، މިގޮތުގައި އުއްމަތް ޖަމަޢެއް ނުވެވޭނެ އެވެ.
اللهُ جلَّ وعلا ވަޙީކުރައްވާފައިވެ އެވެ. "كُلُّ حزبٍ بِما لديهم فرِحُون" المؤمنون: 53 “ކޮންމެ ޕާޓީއެއް އެބަޔަކު ގާތުގައިވާ ގޮތާއިމެދު އުފަލުން ތިބެ އެވެ." މިއީ އެބައިމީހުންނަށް އައިސްފައިވާ ދެރަ ނިކަމެތިވެގެންވާ ބަސްތަކެވެ.
"فَتَقَطَّعُوا أَمْرَهُم بَيْنَهُمْ زُبُراً كُلُّ حِزْبٍ بِمَا لَدَيْهِمْ فَرِحُونَ" المؤمنون: 53 "ފަހެ އެބައިމީހުންގެ ދީނުގެ ކަންތައްތައް އެބައިމީހުންގެ މެދުގައި ތަފާތު ބައިތަކަކަށް އެބައިމީހުން ބައިކުރެ އެވެ. ކޮންމެ ޕާޓީއެއް އެބަޔަކު ގާތުގައިވާ ގޮތާއިމެދު އުފަލުން ތިބެ އެވެ." މިއީ އެބައިމީހުންގެ މައްޗަށް އައިސްފައިވާ ޢައިބު، ދެރަ ނިކަމެތި ބަސްތަކެވެ.
اللهُ جلَّ وعلا ވަޙީކުރައްވާފައިވެ އެވެ. وَإِنَّ هَذِهِ أُمَّتُكُمْ أُمَّةً وَاحِدَةً وَأَنَا رَبُّكُمْ فَاتَّقُونِ" المؤمنون: 52 "އަދި ހަމަކަށަވަރުން މިއީ އެއް އުއްމަތެއް ކަމުގައިވާ، ތިޔަބައިމީހުންގެ އުއްމަތެވެ. އަދި ތިމަންއިލާހު އީ ތިޔަބައިމީހުންގެ ވެރި އިލާހު އެވެ. ފަހެ، ތިޔަބައިމީހުން ތިމަންއިލާހުއަށް ބިރުވެތިވެ، ތަޤްވާވެރިވާށެވެ."
އަދި އެހެން އާޔަތެއްގައިވެ އެވެ. "إِنَّ هَذِهِ أُمَّتُكُمْ أُمَّةً وَاحِدَةً وَأَنَا رَبُّكُمْ فَاعْبُدُونِ" الأنبياء: 92 "އަދި ހަމަކަށަވަރުން މިއީ އެއް އުއްމަތެއް ކަމުގައިވާ، ތިޔަބައިމީހުންގެ އުއްމަތެވެ. އަދި ތިމަންއިލާހު އީ ތިޔަބައިމީހުންގެ ވެރި އިލާހު އެވެ. ފަހެ، ތިމަންއިލާހުއަށް ތިޔަބައިމީހުން އަޅުކަން ކުރާށެވެ."
އުއްމަތަކީ އެއް އުއްމަތެކެވެ. އުއްމަތެއްގެ ގޮތުގައި ސީދާވެގެންވާ މަންހަޖުގައި ނޫނީ ޤާއިމެއް ނުވެވޭނެ އެވެ. ކުށް ކުރުމުގައި، ބިދުޢަ ހެދުމުގައި، ޙައްޤުމަގު ދޫކުރުމުގައިވާ ހިނދެއްގައި (އެއް އުއްމަތެއްގެ ގޮތުގައި) ނުވާނެ އެވެ.
ބައެއް މީހުންނަށް ހީވެފައިވާ ފަދައިން އެންމެން (އެއްވެސް އެއްޗަކަށް ބަލާލުމެއް ނެތި) ޖަމަޢަ ކުރުމަކީ އެއް އުއްމަތެއްގައި ދެމިތިބުމެވެ.
ނޫނެކެވެ. އުއްމަތް (އެކަތި ގަނޑެއްގެ) ގޮތުގައި ޖަމަޢަވާން ޖެހޭނީ ޤުރުއާނާއި ސުންނަތުގެ މައްޗަށެވެ. ޤުރުއާނާއި ސުންނަތުގެ މައްޗަށް ޖަމަޢަވުމަށް މެނުވީ އުއްމަތް އެކަތި ގަނޑެއްގެ ގޮތުގައި ޖަމަޢައެއް ނުވެވޭނެ އެވެ. ކުށް ކޮށްފައިވާ މީހާ އޭނާގެ ކުށުން ރުޖޫޢަވާން ޖެހޭނެ އެވެ. މިއީ ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެކެވެ. އާއެކެވެ."
އަޑުއައްސަވާ : http://goo.gl/Ue4mvR
މިއަދު މި ނުބައިކަން ބޮޑުވެގެންވާ ފާޙިޝް ބިދުޢަ ގެނެސް، އޭގެ މަތީގައި ތިބެ ދީނުގެ ނަމުގައި ދުނިޔެ ހޯދަމުން ދާއިރު، އަނެއް ބަޔަކު އެބައިމީހުންނާއި އެކުގައި ބައިވެރިވެ، ތިމަންމެންނަކީ އުއްމަތުގެ ސަލަފުންނޭ ބުނުމުން އެއީ ހެޔޮގޮތްކަމުގައި ވާނެ ހެއްޔެވެ؟
ދުވަހަކުވެސް މި އުއްމަތުގައި އެއްވެސް ޒަމާނެއްގައިވީ ސަލަފުންނަކީ، އެއްބަޔަކު ބިދުޢަ ހެދުމުން އެއިން އެބަޔަކު ރުޖޫޢަ ނުވާ ހިނދެއްގައި އެބަޔަކާ އެކުގައި މައްސުނިވެ، އެއްބައެއްގެ ގޮތުގައި އުޅުއްވި ބައެއް ނޫނެވެ. ދީނަށް ބިދުޢަ ގެނެސް، އަދި އެފަދަ ބިދުޢައިގެ އަހުލުވެރިން ނެރެ، އެއަށް ވާގިވެރި ވުމަކީ އަބަދުވެސް ހަވާނަފްސުގެ އަހުލުވެރިންގެ ގޮތެކެވެ. އަދި އެމީހުންގެ ސީރަތް މިގޮތަށް އެބައިމީހުންގެ ފަރާތުން ބަޔާންވެގެންވެ އެވެ.