މާތް ﷲ އަހަރެމެންގެ ވެރިޔާ ރައީސް عبد الله يامين عبد القيوم حفظه الله އިސްލާމްދީނާއި ސުންނަތުގެ މައްޗަށް ރައްކައުތެރި ކުރައްވާށި!

ޢިރާނުގެ ޝިރުކާއި ކުފުރުގެ ރާފިޟީ ދަޢުލަތާއި ގުޅުން ކެނޑުމާއި، ތަޢުޙީދާއި ސުންނަތާއި ސަލަފިއްޔަތުގެ ދަޢުލަތް ކަމުގައިވި ސަޢުދި އަރަބިއްޔާ އާއި ބާއްވާ ގާތް ގުޅުމަށް ﷲ އެމަނިކުފާނަށް ހެޔޮ ޖަޒާ ދެއްވާށިއެވެ.
الإمام الحسن بن علي البربهاري رحمه الله ވިދާޅުވިއެވެ
"އިބައަޅާއަށް ވެރިމީހާގެ މައްޗަށް ބަދު ދުޢާކުރާ މީހަކު ފެނިއްޖެނަމަ، ފަހެ ތިބާ ދަނެގަންނާށެވެ! އެއީ ހާވާނަފްސުގެ އަހުލުވެރިއެކެވެ. އަދި ވެރިޔާ އިޞްލާޙްވުމަށް އަދި ވެރިމީހާއަށް ހެޔޮ ދުޢާ ކުރާމީހަކު ފެނިއްޖެނަމަ ތިބާ ދަނެގަންނާށެވެ! إن شاء الله އެއީ ސުންނަތުގެ އަހުލުވެރިއެކެވެ." شرح السنة
ވެރިޔާއަށް ހެޔޮދުޢާކުރުމުން އެއްކިބާވެގަންނަ މީހަކާ މެދު الإمام ابن باز رحمه الله އާއި ސުވާލު ކުރެވުނެވެ.
الشيخ العلامة الإمام عبد العزيز بن باز رحمه الله ވިދާޅުވިއެވެ.
"އޭނާ ތިކަންތައް ތިކަންތައް ތިޔަގޮތުގައި އޭނާގެ ޖާހިލު ކަމުންނެވެ. ދީނުގައިވާ ޢިލްމު ލިބިފައި ނުވުމުގެ ސަބަބުންނެވެ. ވެރިޔާއަށް ހެޔޮ ދުޢާ ކުރުމަކީ އެންމެ ހެޔޮކަން ބޮޑުވެގެންވާ ކަންތައްތަކުގެ ތެރެއިންވާ، އަދި ﷲ އަށް އެންމެ ކުއްތަންވެގެންވާ އަޅުކަމެކެވެ. އަދި އެކަން ހިމެނިގެންވަނީ ﷲ އަށްޓަކައި އަދި އެކަނލާންގެ އަޅުންނަށް ނަޞޭހަތްތެރިވުމުގެ ތެރެއިންނެވެ." އަދިވެސް ވިދާޅުވިއެވެ. " އެންމެހާ މީސްތަކުންގެ ތެރެއިން ވެރިޔާއީ، އެމީހަކަށް ހެޔޮދުޢާކުރުން އެންމެ އަވްލާވެގެންވާ މީހާއެވެ. ސަބަބަކީ ވެރިޔާ އިޞްލާހުވުމުން މުޅި އުންމަތް އިޞްލާހުވާނެތީއެވެ." المعلوم من علاقة الحاكم والمحكوم
الإمام فضيل بن عياض - رحمه الله - ވިދާޅުވެފައިވެ އެވެ.
"الله ތަޢާލާގެ ހަޟުރަތުން އަހަރެންނަށް އެކަލާނގެ އިޖާބަކުރައްވާނެ ދުޢާއެއް އެނގިއްޖެ ނަމަ އެދުޢާ ކުރާނީ ވެރިމީހާއަށް ހެޔޮކަންތަކަށް އެދިިއެވެ."
ފަހެ އަހަރެމެންނަށް އަމުރުވެވިގެން ވަނީ ވެރިމީހާ އިޞްލާޙުވުމަށް އެދި ދުޢާކުރުމަށެވެ. ވެރިންގެ މައްޗަށް ބަދު ދުޢާކުރުމަށް އަމުރުވެވިގެނެއްނުވެ އެވެ. އެއީ ވެރިން މީސްތަކުންގެ މައްޗަށް އަނިޔާވެރިވެ އެކަމުގައި ހައްދުފަހަނައަޅައި ދިޔަކަމުގައި ވިޔަސް މެއެވެ. އެބައިމީހުންގެ ހައްދުފަހަނައަޅައި ދިއުމާއި އަނިޔާވެރިކަން ވަނީ އެބައިމީހުންނަށެވެ. އެބައިމީހުންނަކީ ޞާލިޙް ބައެއްކަމުގައި ވެއްޖެނަމަ އެކަމުގެ ފާއިދާވަނީ އެބައިމީހުންނަށާއި މުސްލިމް އެންމެންނަށެވެ.
الإمام الطحاوي - رحمه الله - ވިދާޅުވެފައިވެ އެވެ.
"އިމާމުންނާއި ވެރިންނާ ދެކޮޅަށް ނުކުތުމަކީ ހުއްދަކަމެއް ކަމުގައި ނުދެކެމެވެ. އެއީ އެބައިމީހުން ނުބައިކަމުގައި ޙައްދުފަހަނައަޅައި ދިޔަކަމުގައިވިޔަސްމެ އެވެ. އެބައިމީހުންނަށް ބަދު ދުޢާކުރުމެއްނުވެއެވެ. އެބައިމީހުންނަށް ކިޔަމަންވާންޖެހޭ ކަމަކުން އެކަހެރިވުމެއްނުވެއެވެ. އެބައިމީހުންނަށް ކިޔަމަންވުމަކީ الله ފަރުޟުކުރައްވާފައިވާ އެކަލާނގެއަށް ކިޔަމަންވުމެކެވެ. ފާފައަކަށް އަމުރުނުކުރާ ހިނދެއްގައި އޮތީ ކިޔަމަންވުމެވެ. އަހަރެމެންނަށް އޮތީ އެބައިމީހުން އިޞްލާޙްވުމަށް އެދި އަދި ހެޔޮ ޞިއްޙަތް އަދި ޢާފިޔަތް ލިބުމަށްއެދި ދުޢާކުރުމެވެ." ( العقيدة الطحاوية ص 47 )
الإمام ابن عبد البر - رحمه الله - ވިދާޅުވެފައިވެ އެވެ.
"ވެރިޔާއަށް ނަޞޭޙަތްދިނުމަށް ކުޅަދާނަކަން ލިބިފައި ނުވާނަމަ ފަހެ އަޅާ ކެތްކުރާށެވެ. އަދި ވެރިޔާއަށް ހެޔޮ ދުޢާކުރާށެވެ. ފަހެ ނަބިއްޔާ صلى الله عليه وسلم ގެ ޞަޙާބީން ވެރިންނަށް އެއްޗެހިކިޔުން ނަހީކުރައްވާފައިވެއެވެ. أنس بن مالك صلى الله عليه وسلم ވިދާޅުވެފައިވެ އެވެ. ނަބިއްޔާ صلى الله عليه وسلم އަރިހުގައިވި ދުވަސްވީ ޞާޙާބީން އަހަރެމެންނަށް ވެރިންނަށް އެއްޗެހިކިޔުން ނަހީކުރެއްވި އެވެ."
الإمام أبو عثمان الصابوني - رحمه الله - ވިދާޅުވެފައިވެ އެވެ.
"ވެރިންނަށް ތައުފީޤު ލިބުމަށާ، އިޞްލާޙްވުމަށާ، އެބައިމީހުންނަކީ ރައްޔިތުންނަށް ޢަދުލުވެރި ބަޔަކަށްވުމަށް އެދި ދުޢާކުރުމަކީ ދީނުގައި ބަޔާންވެގެންވާ ގޮތް ކަމުގައިދެކެމެވެ. އެވެރިން ޢަދުލުން އެއްކިބާވެ އަނިޔާވެރި ބައެއްކަމުގައި ވިޔަސް އެބައިމީހުންނާ ދެކޮޅަށް ކަނޑި ހިފައިގެން ނުކުތުން ހުއްދައެއް ނުވާނެ އެވެ. ވެރިންނާ ދެކޮޅަށް ނުކުންނަ ބަޣާވާތްކުރާ މީސްތަކުންނާ ދެކޮޅަށް ވެރިޔާއާ އެކުގައިވުން ހެޔޮ ގޮތްކަމުގައިވެ އެވެ." ( عقيدة السلف أصحاب الحديث ص 106 )
الإمام أبو الحسن الأشعري - رحمه الله - ވިދާޅުވެފައިވެ އެވެ.
"ވެރިޔާ އިޞްލާޙްވުމަށް އެދި އަދި ޢަދުލުވެރިކަން ލިބިދިނުމަށް އެދި ދުޢާކުރުންވެ އެވެ. އަދި ވެރިއާ ދެކޮޅަށް ކަނޑި ހިފައިގެން ނިކުުތުމަކީ ހުއްދަވެގެންވާ ކަމެއްނޫނެވެ. ޢަދުލުވެރި އިމާމްއާ އެކުގައި ބަޣާވާތުގެ އަހުލުވެރިންނާ ދެކޮޅަށް ނުކުތުންވެއެވެ." ( إعتقاد أهل السنة أصحاب الحديث ص 133 )