މުސްލިމް ވެރިންނާއި ދެކޮޅަށް ނުކުތުމަށް ގޮވާ މީހުންނަކީ ނަރަކައަށް މީސްތަކުން ވަނުމަށް ގޮވާ ބައެއް - الشيخ محمد بن صالح العثيمين رحمه الله
ރަސޫލާ صلى الله عليه وسلم ޙަދީޘްފުޅު ކުރެއްވިއެވެ. "دعاة على أبواب جهنم . من أجابهم إليها قذفوه فيها" "ޖަހަންނަމައިގެ ދޮރުމަތީގައި ތިބެގެން ދަޢުވަތު ދޭ މީހުންނެވެ. (އެބައިމީހުންގެ) އެ ދަޢުވަތަށް އިޖާބަދީފި މީހާ އެ ނަރަކައިގެ ތެރެއަށް އެއްލާލެވޭނެއެވެ."
ޔަޢުނީ : އެބައި މީހުން، ހަމައެކަނި އެބައި މީހުންގެ އަމިއްލަ ނަފްސުއަށް ފަސާދަ ކުރުމުގައި ދެމިތިބީއަކީ ނޫނެވެ. އެހެނަސް އެހެން މީސްތަކުންނަށް ވެސް ދަޢުވަތުދީ ފަސާދަ ކުރެއެވެ.
ﷲ ވަޙީކުރައްވާފައިވާ ފަދައިންނެވެ.
وجعلناهم أئمة يدعون إلى النار ويوم القيامة لا ينصرون "އަދި ނަރަކައަށް ވަނުމަށް މީސްތަކުންނަށް ގޮވާ ޒަޢީމުން ކަމުގައި ތިމަން ﷲ އެބައި މީހުން ލެއްވީމެވެ. އަދި ޤިޔާމަތް ދުވަހުގައި އެބައި މީހުންނަށް އެއްވެސް ނަޞްރެއް ނުލިބޭނެއެވެ."
އެއީ ނަރަކައަށް ވަނުމަށް ދަޢުވަތް ދޭ ޝައިޚުންނެވެ. ބުނާނެއެވެ. އާދޭ، އާދޭ، މިތަނަށް އަންނާށޭ، މިތަނަށް އަންނާށޭ.
އެބައި މީހުންނަށް ތަބަޢަވީ އެއްމެހައި މީސްތަކުން ނަރަކައަށް އުކާލެވޭނެއެވެ. އެމީސްތަކުންނަށް އެއްވެސް ރަޙްމެއް ނުކުރެވޭނެއެވެ.
މިޙުކުމުގެ ތެރެއަށް ބިދުޢަތަކަށް، މަގުފުރެދުންތަކަށް ގޮވާލާ އެންމެހައި މީސްތަކުން ވާންނާނެއެވެ.
އެމީސްތަކުން ތަފާތުވެގެންދާނީ އެބިދުޢައިގެ މިންވަރުންނެވެ.
ފިތުނަތަކަށް ގޮވާލާ އެންމެހައި މީސްތަކުން މިޙުކުމުގެ ތެރެއަށް ވަންނާނެއެވެ.
ވެރިންނާއި ދެކޮޅަށް ނުކުންނަ މީސްތަކުން އޭގެތެރޭގައި ހިމެނެއެވެ. އަދި މިކަމަށް މީސްތަކުންނަށް ފޯރިދީ އަދި މިކަމަށް ޝައުގުވެރިކުރުވާ އެންމެހައި މީސްތަކުންނެވެ.
މިފަދަ ކަންތައްތަކުން މެނުވީ އިސްލާމްދީނަށް މުޞީބާތްތަށް ކުރިމަތި ނުވެއެވެ. އެންމެހައި މުޞީބާތްތަށް ދިމާވެފައިވަނީ ބިދުޢަތަކުންނާއި ވެރިންނާއި ދެކޮޅަށް ނުކުތުމުގެ ސަބަބުންނެވެ.
ރާފިޟީން ގެނައި ބިދުޢަތަކުގެ ސަބަބުން އުއްމަތުގެ ބޮޑު ބައިގަނޑެއް ފަސާދަވިއެވެ. ޚަވާރިޖުން ގެނައި ބިދުޢައަކީވެސް ހަމަ އެފަދަ ބިދުޢައެކެވެ. ދީނުގެ ޢިލްމުވެރިން ވިދާޅުވެފައިވާ ފަދައިން އެއަށްފަހު، އެންމެނަށް އެނގިފައިވާ ގޮތަށް ބިދުޢަތަށް އެކަތި އަނެކައްޗަށް ބަދަލުވަމުން ދިޔައެވެ.
މިބައި މީސްތަކުންނަކީ ނަރަކައަށް ވަނުމަށް މީސްތަކުންނަށް ދަޢުވަތުދޭ މީސްތަކުންނެވެ. އެބައިމީހުންނަށް އިޖާބަދީފި މީހަކުނަމަ އެމީހަކު ވާހުށީ ނަރަކައަށް އެއްލާލެވޭނެ މީހެއްކަމުގައެވެ.
މީގެ މާނައަކީ އެފަދަ ކަންތަކަށް ދަޢުވަތުދޭ ކޮންމެ ޝެއިޚަކު ކޮންމެހެން ދީނުން ބޭރުވެ ކާފަރު ވާނެވާހަކައެއް ނޫނެވެ. ނުވަތަ ކުފުރަށް ދަޢުވަތުދޭ މީހެއްކަމުގައި ވާނެ ވާހަކައެއް ނޫނެވެ.
އޭނާގެ ޙުކުމް ވެގެންދާނީ އޭނާ އެދަޢުވަތު ދިން ކަމެއްގެ މިންވަރުންނެވެ. އޭނާ ފަހަރެއްގައި ކުޑަ ކަމަކަށް ދަޢުވަތް ދީފާނެއެވެ. އަދި އޭނާ ދީނުގައި އެއްމެ ބޮޑުވެގެންވާ ނުބައި ކަމަކަށްވެސް ދަޢުވަތް ދީފާނެއެވެ.
ރަސޫލާ صلى الله عليه وسلم އަރިހުގައި ދެންނެވުނެވެ. "އެބައި މީހުން އަހަރެމެންނަށް ސިފަ ކޮށްދެއްވާށެވެ."
ޙަދީޘްފުޅު ކުރެއްވިއެވެ. "އެ ދަރިންނަކީ އަހަރެމެންގެ ތެރެއިން ނިކުންނަ ދަރިންތަކެކެވެ. އަދި އެބައި މީހުން ވާހަކަ ދައްކާނީ އަހަރެމެން ވާހަކަ ދައްކާ ބަހުރުވައިންނެވެ."
މާނައަކީ އެއީ އަހަރެމެންގެ ޤައުމުގެ (ޢަރަބިން) ނެވެ. އަދި އެބައި މީހުންނަކީ ދުލުން ޢަރަބި ބަހުން ވާހަކަ ދައްކާނެ މީސްތަކުންނެވެ.
ހަދީޘް ގައިވާ ފަދައިން ކަންތައް ވެދިޔައެވެ.
ނުހަނު ބޮޑުވެގެންވާ ފިތުނަތަކާއި އިމްތިޙާނުތައް އަހަރެމެންގެ ތެރެއިން ނުކުތް ޢަރަބިންގެ ފަރާތުން ހިނގައިފައި ވެއެވެ.
މާޒީގައި ވެސް ފަހުޒަމާނުގައިވެސް މިފަދަ އެތަށް ފިތުނަތަކެއް ހިނގައިފައިވެއެވެ. އަދި މިއަދާ ހަމައަށްވެސް އޮތީ މިހެންނެވެ.
ﷲގެހަޒުރަތުން ސަލާމަތްކަމާއި ޢާފިޔަތަށް އެދި ދަންނަވަމެވެ.
http://goo.gl/DnyFH