ﷲ ވަނީ ސަލަފީންނަށް ޘަނާގެ ބަސްފުޅު ވަޙީކުރައްވާފަ އަދި ސަލަފީނަށް ބޮޑުވެގެންވާ ނިޢުމަތް ވަޢުދުވެވޮޑިގަންނަވާފަ - الشَّيخ العَلاَّمَة مُحمَّد بن أَمَان الجامِي رحمه الله

ﷲ ވަޙީކުރެއްވި އެވެ.
މި އާޔަތުގެ ޝަރަޙައިގައި ވިދާޅުވެފައިވެ އެވެ. "ހަމަކަށަވަރުން މިއާޔަތުގައި ސަލަފުންނަށް އަދި ސަލަފީންނަށް ﷲ ޘަނާގެ ބަސްފުޅު ވަޙީކުރައްވާ އަދި (ބޮޑުވެގެންވާ ނިޢުމަތް) ވަޢުދުވެވޮޑިގަންނަވާފައިވެ އެވެ. ތިޔަބައިމީހުން ޙައިރާންނުވާ ހުއްޓެވެ! ﷲ ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ. "މުހާޖިރުންނާއި އަދި އަންޞާރުންގެ ތެރެއިން އިސްވެދިޔަ ބޭކަލުންނާއި، އަދި އެބޭކަލުންނަށް ހެޔޮގޮތުގައި ތަބަޢަވި މީހުންނެވެ. އެ އެންމެހައި ފަރާތްތަކަށް ﷲ ވަނީ ރުއްސަވައިވޮޑިގަންނަވާފަ އެވެ. އަދި އެ އެންމެހައި މީސްތަކުންވަނީ ﷲ އަށް ރުހިގެންނެވެ."
(މި އާޔަތުގައިވާ) "އަދި އެ (މުހާޖިރުންނާއި އަންޞާރުން) ޞަޙާބީންނަށް ހެޔޮގޮތުގައި ތަބަޢަވި މީހުން" ޔަޢުނީ : ސަލަފިއްޔީން އެވެ. އަދި މުހާޖިރުންނާއި އަންޞާރުން ނަކީ ސަލަފުންނެވެ.
އެހެންވުމުން މި އާޔަތުގައި މީސްތަކުންވަނީ 2 ބައެއްގަ އެވެ. ސަލަފުން އަދި ސަލަފީންނެވެ.
ސަލަފުންނަކީ: މުހާޖިރުންނާއި އަދި އަންޞާރުންގެ ތެރެއިން ތިބާގެ ދީނުގައި، ޢަޤީދާގައި އިސްވެގޮސްފައިވާ އަހުލުވެރިންނެވެ. އެބޭކަލުންނަށް އެއީ ސަލަފުއް ޞާލިޙްގެ ނަމުން ނަންދެވިފައިވެ އެވެ. އެބޭކަލުންނަށް މުހާޖިރުންނާއި އަދި އަންޞާރުންގެ ނަމުން ނަންދެވިފައިވެ އެވެ. އެބޭކަލުންނަށް ބައިޢަތުލް-ރިޟްވާނުގެ އަހުލުވެރިންނޭ ކިޔަ އެވެ. އަދި އަޞްޙާބުއް ޝަޖަރަ އޭ ބުނެވެ އެވެ. ބަދްރިއްޔޫންއޭ ބުނެވެ އެވެ.
އަދި ސަލަފީންނަކީ މި އާޔަތުގައި ބަޔާންކުރެވިފައިވާ وَالَّذِينَ اتَّبَعُوهُم بِإِحْسَانٍ "އަދި އެބޭކަލުންނަށް ހެޔޮގޮތުގައި ތަބަޢަވި މީސްތަކުން" ނެވެ.
ފަހެ، އެހެންވުމުން ތިބާ ސަލަފުންނަށް ތިބާގެ ޢަޤީދާގައި، ތިބާގެ އަޚުލާޤުގައި އަދި ސުލޫކުގައި ތަބަޢަވެއްޖެ ހިނދު، އެއީ، ދުނިޔޭގެ އެންމެ ފަހުދުވަސްތަކުގައި (ދިރިއުޅުނު ބައެއް) ކަމުގައިވީނަމަވެސް، ތިބާ މިއާތަޔުގައިވާ ޢާންމު ޙުކުމްގެ ތެރެއަށް ވަންނާނެ އެވެ. އެއީ وَالَّذِينَ اتَّبَعُوهُم بِإِحْسَانٍ "އަދި އެބޭކަލުންނަށް ހެޔޮގޮތުގައި ތަބަޢަވި މީސްތަކުން (ގެ ތެރެއަށް ވަނުމެވެ.)"
ތިބާ މިކަން ފުރިހަމައަށް ފަހުމްވެގަތުން ހުއްޓެވެ. އަދި ތިބާއަކީ ޞަލަފުއް ޞާލިޙުންގެ ތެރެއިން ހިމެނިވަޑައިގެންނެވި މުހާޖިރުންނާއި އަދި އަންޞާރުންނަށް ތަބަޢަވުމުގެ ތަޥްފީޤު ލިބުނު މީހުންގެ ތެރެއިން ވެއްޖެހިނދު، ތިބާގެ ރައްބުއަށް ޝުކުރު ކުރުން ހުއްޓެވެ."
****
ބަސްތައް ނަގާފައިވަނީ : https://goo.gl/M1gSSE
އަޚުންނޭވެ! ދަންނަ ހުއްޓެވެ. ސަލަފީންނަކީ ހަމައެކަނި މި ދުނިޔެމަތީގައިވާ ޙައްޤުމަގުގައި ޤާއިމްވެގެންވާ އަހުލުވެރިން ކަމުގައިވުމުން ކޮންމެ ފަރުދެއްވެސް އޭނާ ކިތަންމެބޮޑު ބާޠިލް ފިރުޤާއެއްގައި ހުއްޓަސް ސަލަފީންނަށް ނިޞްބަތްވެ އެވެ. އެހެނަސް ދަންނަހުއްޓެވެ، އެއީ ކުރާ ދަޢުވާއެއްނޫނެވެ. ނަމުން އޭގެ ޙަޤީޤަތެއް ނޭނގޭނެ އެވެ. ޙަޤީޤަތް އިނގޭނީ ޢަމަލާއި ބަހުންނެވެ. ޝެއިޚް ވިދާޅުވެފައިވާ ފަދައިން، ސަލަފީންނަކީ، އުއްމަތުގެ ސަލަފުއް ޞާލިޙުންނަށް ތަބަޢަވުމުގައިވާ ފަރާތްތަކެވެ. އެއީ އެބައިމީހުންގެ ޢަޤީދާގައި، އަޅުކަމުގައި، އަޚްލާޤުގައި، ސިޔާސަތު ތަކުގައި، މުޢާމަލާތްތަކުގައި އަދި ޙަޔާތުގެ އެންމެހައި ކަންތައްތަކެއްގައި ޞަހާބީންނަށާއި ތާބިޢީންނަށް އަދި އެބޭކަލުންނަށް ތަބަޢަވި މީސްތަކުންނަށް (ޞަލަފުއް ޞާލިޙުންނަށް) ތަބަޢަވުމުގައިވާ އަހުލުވެރިންނެވެ.
އަޚުންނެވެ! ﷲ ތިބާއަށް ހެޔޮވެގެންވާ މަގަށް މަގުދައްކަވާށި އެވެ. ޞަހާބީންނާއި ތާބިއީންނަށް (ސަލަފުއް ޞާލިޙުންނަށް) ތަބަޢަވުމުގައިވާ އަހުލުވެރިޔާ ކުފުރާއި، ޝިރުކާއި، މަގުފުރެދުމާއި، ބާޠިލް މަގުތަކާއި، ކާފަރު ނިޟާމްތަކާއި އިސްލާމްދީނާއި ބީރައްޓެހި ޤަވާޢިދު ތަކާއި އުޞޫލްތަކުގެ އަހުލުވެރިއެއްގެ ގޮތުގައިވާނެ ހެއްޔެވެ! މިއަދު މިފެންނަ ސިޔާސީ މައިދާނާއި، ވެރިކަމާއި ތޮޅުން، އިންޤިލާބްތަކާއި، ވެރިކަން ފޮރުޅާލުން އަދި ފިކުރީ ހަނގުރާމައިގެ އެކިއެކި ވަޞީލަތްތަކުގެ އަހުލުވެރިން މި މާތް މަތިވެރި "ސަލަފީ" ދަޢުވަތަށް ނިޞްބަތްވުމަށް ކުރާ ދަޢުވަތުގައި ހުރި އޮށްޓަރެއް ކޮބައި ހެއްޔެވެ؟ ޙަޤީޤަތަކީ، ޙައްޤު ގޮތުގައި ސަލަފުއް ޞާލިޙުންނަށް ތަބަޢަވުމުގައިވާ އަހުލުވެރިޔާ އޭނާއަށް ފެންނަ އެންމެހައި ކަންތައްތަކެއް ސަލަފީންގެ ތިލަފަތުން މިނެކިރައި އެއީ ސަލަފީންގެ ޢަމަލުތަކެއްތޯ ބަލައި އެއަށް ހުށަހެޅޭނެ ކަމެވެ. ކުރާ ދަޢުވާއެއް ނޫނެވެ.