5 ސަލަފިއްޔަތަކީ ކޮބާ؟ ސަލަފީންނަކީ ކޮންބައެއް؟ - الإمام العلامة المحدث الشيخ محمد ناصر الألباني رحمه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ސަލަފިއްޔަތަކީ ކޮބާ؟ ސަލަފީންނަކީ ކޮންބައެއް؟ - الإمام العلامة المحدث الشيخ محمد ناصر الألباني رحمه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو عبد الله سلمان رشيد حفظه الله. ކެޓަގަރީ ސަލަފިއްޔަތު

ތަރުޖަމާކުރީ: އުސްތާޛް އަބޫ ޢަބްދުﷲ ސަލްމާން ރަޝީދު حفظه الله

(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީން އިން ޑިގްރީ ހާޞިލްކޮށްފައި)


الإمام العلامة المحدث الشيخ محمد ناصر الألباني رحمه الله

ސަލަފިއްޔަތަކީ ކޮބާ؟ ސަލަފީންނަކީ ކޮންބައެއް؟

ސުވާލުކުރާމީހާ: އިށީދެގެންތިބި ބައެއް އަޚުންނަށް ސަލަފީ ދަޢްވަތުގެ ވާހަކަ އަޑުއިވެއެވެ. އަދި އެއަޚުން މިދަޢްވަތަށް ތަބަޢަނުވާ އަދި މިދަޢްވަތަށް ދަޢްވަތުދިނުމުގައި ނުވާ، މިދަޢްވަތުގެ ދުޝްމަނުން މިދަޢްވާތާމެދު ލިޔާ ލިޔުންތައް ކިޔާހަދައެވެ. އަދި ތިޔަބައި މީހުންނަކީ ސަލަފީ ޢިލްމުވެރިންގެ ތެރެއިންވާ ބަޔަކީމުއެވެ. އަދި ސަލަފިއްޔަތަށް ދަޢްވަތުދޭ ބަޔަކީމުއެވެ. ފަހެ، ތިޔަބައި މީހުންގެ ދީލަތިކަމުން، މިއަދުގެ އިސްލާމީ ޖަމާޢަތްތަކާމެދު ސަލަފިއްޔަތުގެ މަޥްޤިފު ބަޔާންކޮށްދިނުން އެދެމެވެ.


ޝެއިޚް: މިކަހަލަ ސުވާލަށް އެއްފަހަރަށްވުރެ ގިނަފަހަރު އަހަރެން ޖަވާބު ދީފައިވާނެއެވެ. އެހެނެއްކަމަކު އަހަރެންނާ ސުވާލުކުރުމުން ކޮންމެހެންވެސް ޖަވާބު ދޭންވާނެއެވެ. އެމީހަކަށް ޙަޤީޤަތް ބަޔާންވުމަށްފަހު އެއްވެސް މުސްލިމަކަށް އެކަލިމަޔަކާމެދުގައި ޖަދަލު ނުކުރެވޭނެ ޙައްޤު ކަލިމައެެއް އަހަރެން ބުނަމެވެ. އެގޮތުން ފުރަތަމައީ : ސަލަފީ ދަޢްވަތު ނިސްބަތްވަނީ ކޮންއެއްޗަކަށް ހެއްޔެވެ؟ ސަލަފިއްޔަތް ނިސްބަތްވަނީ ސަލަފުންނަށެވެ. މުސްލިމު ޢިލްމުވެރިން ސަލަފުންނޭ ބުނުމުން ފަހެ، ސަލަފުންނަކީ ކޮންބައެއްކަން އަހަރެމެން ދެނެގަތުން ވާޖިބުވެގެންވެއެވެ. އަދި ހަމައެއާއެކު މިނިސްބަތްވާ ނިސްބަތްވުމާއި އޭގެ މާނައިގެ ބުރަދަނާއި އެއިން ދަލީލުކުރާ ކަންތައްތައް ދެނެގަންނަންޖެހެއެވެ.


ސަލަފުންނަކީ އެބަޔަކަށް ނަބިއްޔާ صلى الله عليه وآله وسلم ހެޔޮޤަރުނުތައް ކަމަށް ހެކިވެވަޑައިގެންނެވި ތިންޤަރުނުގެ އަހުލުވެރިންނެވެ. ބުޚާރީ އާއި މުސްލިމް އަދި އެހެން ޙަދީޘްފޮތްތަކުގައި ޞައްޙަ މުތަވާތިރުގެ މަގުން ޞަޙާބީންގެ ޖަމާޢަތަކުން ނަބިއްޔާ صلى الله عليه وآله وسلم  ޙަދީޘްފުޅުކުރެއްވި ކަމަށް ރިވާކުރައްވާފައިވާ ޙަދީޘެއްގައިވެއެވެ. خَيْرُ النَّاسِ قَرْنِي ثُمَّ الَّذِينَ يَلُونَهُمْ، ثُمَّ الَّذِينَ يَلُونَهُمْ (( އެންމެ ހެޔޮމީހުންނީ ތިމަންނަބިއްޔާގެ ޤަރުނުގެ މީހުންނެވެ. އެއަށްފަހު ދެން އައިޤަރުނުގެ މީހުންނެވެ. އެއަށްފަހު ދެންއައި ޤަރުނުގެ މީހުންނެވެ.)) މިތިން ޤަރުނުގެ މީސްތަކުންނަކީ އެންމެހެޔޮ މީސްތަކުންކަމަށް ރަސޫލާ صلى الله عليه وآله وسلم އެބައިމީހުންނަށް ހެކިވެވަޑައިގެންނެވި މީސްތަކުންނެވެ. ސަލަފިއްޔާ ނިސްބަތްވަނީ މި ސަލަފުންނަށެވެ. އަދި ސަލަފީން ނިސްބަތްވަނީ އެ ހެޔޮޤަރުނުތަކުގެ މީހުންނަށެވެ.


އަހަރެމެންނަށް އައްސަލަފުގެ މާނައާއި އައްސަލަފިއްޔާގެ މާނަ އެނގިއްޖެ ހިނދު އަހަރެން ދެކަމެއްގެ ވާހަކަ ބުނަމެވެ.

ފުރަތަމަ ކަމަކީ :- މިނިސްބަތްވާ ނިސްބަތްވުމަކީ އިސްލާމީ ބިންތަކުގައި މިއަދު އުފެދިފައިވާ ޖަމާޢަތްތައްފަދައިން ވަކިމީހަކަށް ނުވަތަ ވަކިބަޔަކަށް ނިސްބަތްވާ ނިސްބަތްވުމެއް ނޫނެވެ. މިއީ ވަކިމީހަކަށް ނިސްބަތްވާ ނިސްބަތްވުމެއް ނޫނެވެ. އަދި ގިނަޢަދަދެއްގެ ބަޔަކަށް ނިސްބަތްވާ ނިސްބަތްވުމެއްވެސް ނޫނެވެ. އެއާޚިލާފަށް މިނިސްބަތްވާ ނިސްބަތްވުމަކީ ޢިޞްމަތްތެރިކަމަށް  ( ކުށްތަކުން ބަރީއަ ވެގެންވާ ކަންތައްތަކަކަށް ) ނިސްބަތްވާ ނިސްބަތްވުމެކެވެ. އެހެނީ ފަހުގެ މީސްތަކުންނާ ޚިލާފަށް ކުރީގެ ސަލަފުއްޞާލިޙުން މަގުފުރެދުމަކަށް އިޖުމާޢުވުމަކީ މުސްތަޙީލުކަމެކެވެ. ޝަރުޢުގައި ފަހުގެމީސްތަކުންނަށް ޘަނާކިޔާފައި ނުވެެއެވެ. އެއާޚިލާފަށް ޝަރުޢުގައި އައިސްފައިވަނީ އެބައިމީހުންގެ ގިނަމީހުންގެ ގޯސްކަމުގެ ވާހަކައެވެ. އަދި އެގޮތަކީ އިސްވެދެންނެވުނު ޙަދީޘްގެ ނިމޭބައެވެ. އެގޮތުން ނަބިޔާ عليه الصلاة والسلام ޙަދީޘްފުޅުކުރެއްވިއެވެ. (( އެބައިމީހުން ( ފުރަތަމަ ތިންޤަރުނުގެ މީހުން ) ނަށްފަހުގައި ބަޔަކުމީހުން އަންނާނެއެވެ. އެބައިމީހުންގެ  ފަރާތުން ހެކިވެރިކަމުގައި އެދުމުގެ ކުރިން އެބައިމީހުން ހެކިދޭން އަންނާނެއެވެ.)) މިގޮތަށް ޙަދީޘް ނިމެންދެނެވެ.


ހަމައެހެންމެ އެހެންޙަދީޘެއްގެ މަފްހޫމުން ދޭހަވަނީ ނަބިއްޔާ عليه السلام މުސްލިމުންގެ ޠާއިފާ އަކަށް މަދަޙަކިޔައި އަދި މުސްލިމުންގެ ގިނަމީސްތަކުން ގޯސްކޮށްފައިވާކަމެވެ. އެގޮތުން ނަބިޔާ عليه السلام  ޙަދީޘްފުޅުކުރެއްވިއެވެ. لا تزال طائفة من أمتي ظاهرين على الحق لا يضرهم من خالفهم حتى يأتي أمر الله (( ތިމަންކަލޭގެފާނުގެ އުންމަތުގެ ޠާއިފާ އެއްގެ ބަޔަކު ޙައްޤުގެ މަތީގައި ފާޅުވެތިބޭނެއެވެ. އެޠާއިފާއާ ޚިލާފްވާބަޔަކަށް އެބައިމީހުންނަކަށް ގެއްލުމެއް ނުދެވޭނެއެވެ. އެއީ އެބައިމީހުން ﷲއާ ބައްދަލުވެއްޖަމަށް ދާންދެނެވެ. ނުވަތަ ޤިޔާމަތްވެއްޖައުމަށް ދާންދެނެވެ.)) މިޙަދީޘް ބަސްފުޅުގައި ފަހުޒަމާނުގައި ރިވެތިޘަނާ ޚާއްޞަވެފައިވަނީ ޠާއިފާ އެއްގެ ބަޔަކަށެވެ. ޠާއިފާ އަކީ މަދުޖާމާޢަތެއްގެ މީހުންނެވެ. އެހެނީ ހަމަކަށަވަރުން ބަހުގެ ގޮތުން  އެންމެމީހަކަށްވެސް އަދި އެކަކަށްވުރެ ގިނަމީހުންނަށްވެސް ޠާއިފާ ކިޔައެވެ.


އެހެންވުމުން ސަލަފިއްޔަތުގެ މާނައާއި ސަލަފިއްޔަތު ނިޞްބަތްވެގެންވަނީ ސަލަފުއްޞާލިހުންގެ ޖަމާޢަތަށް ކަމާއި އެބައިމީހުންވަނީ (އެބައިމީހުން އިޖުމާޢުވާ ކަންތައްތަކުގައި) ޢިޞްމަތްތެރިކަމުގެ މަތީގައިކަން އަހަރެމެންނަށް އެނގުނު ހިނދު މުސްލިމު މީހާ އެސަލަފުއްޞާލިޙުމީހުން ތިބިގޮތުގައި ވަރުގަދައަކަށް ހިފެހެއްޓުމުން ދެންއަންނަނީ އަހަރެން ކުރިން އިޝާރަތްކުރި ދެވަނަކަމެވެ.
އެއީ ކޮންމެ މުސްލިމަކަށްމެ މިނިސްބަތްވުމަކީ ކޮބައިކަމާއި ޢިޞްމަތްތެރިކަން ނިސްބަތްވަނީ ކޮންއެއްޗަކަށްކަން އެނގުނު ހިނދު މިޢިލްމާއި ބަޔާންތަކަށްފަހުގައި އޭނާއަށް މުސްތަޙީލުވެގެންވަނީ ..... ( އޭނާ މިކަމުން ބަރީއަވާނެއެކޭ އަހަރެން ނުބުނަމެވެ. މިއީ ބުއްދި ޤަބޫލުކުރާ ކަމެކެވެ. އެހެނެއްކަމަކު އަހަރެން ބުނަނީ އޭނާއަކީ ސަލަފީއަކަށް ވުން ނޫން އެހެންގޮތެއް އޭނާއަށް މުސްތަޙީލު ވާނެއެވެ.) 

 

އެހެނީ އަހަރެމެންނަށް ފަހުމުވީ ސަލަފިއްޔަތަށް ނިސްބަތްވުމަކީ އެއީ ޢިޞްމަތްތެރިކަމަށް ނިޞްބަތްވުން ކަމުގައެވެ. މިޢިޞްމަތްތެރިކަން އަހަރެމެން ނެގީ ކޮންތާކުންހެއްޔެވެ؟ އަހަރެމެން އެކަންނެގީ ފަހުގެ މީހުން ޙައްޤާ ޚިލާފަށް ދަލީލު ނަގާ ޙަދީޘަކުންނެވެ. އެބައިމީހުން ނަބީޔާ عليه السلام  ގެ ޙަދީޘްބަސްފުޅު لاتجتمع امتي على ضلالة (( ތިމަންކަލޭގެފާނުގެ އުންމަތް މަގުފުރެދުމަކަށް އިޖުމާޢެއް ނުވާނެއެވެ.)) ގެންނައިރު  އެބައިމީހުން ޙުއްޖަތްނަގަނީ ފަހުގެ ގިނަމީހުން އެގޮތެއްގެ މަތީގައި ތިބިގޮތަށެވެ. (( ތިމަންކަލޭގެފާނުގެ އުންމަތް މަގުފުރެދުމަކަށް އިޖުމާޢެއް ނުވާނެއެވެ.)) ފަހުގެމީސްތަކުންގެ މެދުގައި ބޮޑެތި ޚިލާފުތައް ހުރުމާއެކުމެ،  ފަހުގެ މީސްތަކުންގެ މައްޗަށް  މިޙަދީޘް ތަޠުބީޤު ކުރުން ޞައްޙައެއް ނުވާނެއެވެ. (( ތިމަންކަލޭގެފާނުގެ އުންމަތް މަގުފުރެދުމަކަށް އިޖުމާޢެއް ނުވާނެއެވެ.))  މިއަދު މުސްލިމުން ތިބި ޙާލަތުގެ މައްޗަށް މިކަން ތަޠުބީޤު ކުުރުމަކީ ނުވާނެކަމެކެވެ. އަދި  މިނުބައި ޙާލަތުގައިވި ކޮންމެ މީހަކަށްވެސް މިކަން އެނގޭނެއެވެ.


މީގެއިތުރުން އަހަރެމެންގެ ކުރީގައިވި ޔަހޫދީންނާއި ނަޞާރާއިންނާއި އަދި މުސްތަޤުބަލުގައި ، ރަސޫލާ عليه الصلاة والسلام އަށް ފަހުގައި މުސްލިމުންގެ މެދުގައި އުފެދިގެންދާނޭ ޚިލާފްތައް ބަޔާންވެގެން އައިސްފައިވާ ޞައްޙަ ޙަދީޘްތައް ވެއެވެ. ނަބިއްޔާ صلى الله عليه وآله وسلم ޙަދީޘްފުޅު ކުރެއްވިއެވެ. (( ޔަހޫދީން ޙަތްދިހަ އެއްބަޔަށް ބެހިގެން ދިޔައެވެ. އަދި ނަޞާރާއިން ޙަތްދިހަ ދެބައަށް ބެހިގެން ދިޔައެވެ. ތިމަންކަލޭގެފާނުގެ އުންމަތް ޙަތްދިހަ ތިން ބަޔަށް ބެހިގެން ދާނެއެވެ. އެހުރިހާ ބައެއް ވަނީ ނަރަކާގައެވެ. އޭގެތެރެއިން އެއްބަޔަކު މެނުވީއެވެ. ޞަޙާބީން ދެންނެވިއެވެ. އެއީ ކޮންބައެއް ތޯއެވެ؟ އޭ ﷲ ގެ ރަސޫލާއެވެ! އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ. އެއީ ޖަމާޢަތެވެ.)) މިޖަމާޢަތަކީ މިއީ ރަސޫލާ عليه الصلاة والسلام ގެ ޖަމާޢަތެވެ. މިޖަމާޢަތަކީ މިއީ ކުރީގެ ޙަދީޘް ތަޠުބީޤު ކުރެވޭނެ ޖަމާޢަތެވެ.


((ތިމަންކަލޭގެފާނުގެ އުންމަތް މަގުފުރެދުމަކަށް އިޖުމާޢެއް ނުވާނެއެވެ.)) މިޙަދީޘް ބަސްފުޅުގެ މަޤްޞަދަކީ އެއީ ރަސޫލާ عليه الصلاة والسلام އެބައެއްގެމައްޗަށް ފިރުޤަތުއްނާޖިޔާ (ސަލާމަތްވާނޭ ބައި) ކަމުގައި ޙުކުމްކުރި ޞަޙާބީންނެވެ. އަދި އެޞަޙާބީންގެ މަގުގައި ހިފަހައްޓައިގެންތިބެ އެބައިމީހުން ހިނގިމަގުން ހިނގި މީހުންނެވެ. އެސަލަފުއްޞާލިޙުންނަކީ އެބައިމީހުންނާ ޚިލާފުނުވުމަށާއި އެބައިމީހުންގެ މަގުނޫން އެހެންބައެއްގެ މަގުން ނުދިއުމަށް އަހަރެމެންގެ ރައްބު عزوجل ޤުރްއާނުގައި އަހަރެމެންނަށް ތަޙްޛީރުދެއްވާފައިވާ ބޭކަލުންނެވެ. وَمَنْ يُشَاقِقِ الرَّسُولَ مِنْ بَعْدِ مَا تَبَيَّنَ لَهُ الْهُدَى وَيَتَّبِعْ غَيْرَ سَبِيلِ الْمُؤْمِنِينَ نُوَلِّهِ مَا تَوَلَّى وَنُصْلِهِ جَهَنَّمَ وَسَاءَتْ مَصِيرًا މާނައީ " އަދި އެމީހަކަށް ތެދުމަގު ބަޔާންވުމަށްފަހު، ރަސޫލާއާ ދެކޮޅުވެރިވެ، މުއުމިނުންގެ މަގުނޫން މަގަށް ތަބަޢަވާ މީހާ ( ދަންނާށެވެ! ) އެމީހާ އިޚްތިޔާރުކުރިމަގަށް ތިމަންއިލާހު އެމީހާ ދޫކޮށްލައްވާ ހުށީމެވެ. އަދި ތިމަންއިލާހު އެމީހާ ނަރަކައަށް ވައްދަވާ ހުށީމެވެ. އެއީ ނުބައިވެގެންވާ ނިމިދިއުމެކެވެ."


އަހަރެން ވަރަށްގިނަ މުނާސަބާތްތަކުގައި އަހަރެމެންގެ އަޚުންގެ ސަމާލުކަމަށް ، މިއާޔަތުގައި އަހަރެމެންގެ ރައްބު عزوجل ގެ ބަސްފުޅު يُشَاقِقِ الرَّسُولَ މާނައީ "ރަސޫލާއާ ދެކޮޅުވެރި "  ވާވާހަކަ އެންގެވުމާއެކ وَيَتَّبِعْ غَيْرَ سَبِيلِ الْمُؤْمِنِينَ އަދި މުއުމިނުންގެ މަގުނޫން މަގަށް ތަބަޢަވުން ﭼ ގެ ވާހަކަ އެންގެވުމުގެ ޙިކުމަތު މައްޗަށް ނަޒަރު ހިންގާފައި ވާނެއެވެ. އެކަން އެގޮތަށް ބަޔާންކުރެއްވުމުގެ ޙިކުމަތަކީ ކޮބައިހެއްޔެވެ؟ މިއާޔަތުން މިޖުމްލަ ފޮހެލައިފިނަމަ އާޔަތް އޮންނާނީ އަންނަނިވި ގޮތަށެވެ. وَمَنْ يُشَاقِقِ الرَّسُولَ مِنْ بَعْدِ مَا تَبَيَّنَ لَهُ الْهُدَى نُوَلِّهِ مَا تَوَلَّى وَنُصْلِهِ جَهَنَّمَ وَسَاءَتْ مَصِيرًا "އަދި އެމީހަކަށް ތެދުމަގު ބަޔާންވުމަށްފަހު، ރަސޫލާއާ ދެކޮޅުވެރިވާ މީހާ ( ދަންނާށެވެ! ) އެމީހާ އިޚްތިޔާރުކުރިމަގަށް ތިމަންއިލާހު އެމީހާ ދޫކޮށްލައްވާ ހުށީމެވެ. އަދި ތިމަންއިލާހު އެމީހާ ނަރަކައަށް ވައްދަވާ ހުށީމެވެ. އެއީ ނުބައިވެގެންވާ ނިމިދިއުމެކެވެ." 

 

މިގޮތަށް މިއާޔަތް އޮތްނަމަވެސް ރަސޫލާ صلى الله عليه  وسلم އާ ދެކޮޅުވެރިވުމަށް ތަޙްޛީރު ދިނުމަށާއި އެކަމުގެ ނިމުން އަންނަ ނުބައިކަމުގެ މައްޗަށް ޙުކުމްކުރުމަށް ފުދޭނެއެވެ. އެހެނެއްކަމަކު އާޔަތްއޮތީ މިގޮތަކަށް ނޫނެވެ. އަދި ކިއެއްތަ މިއާޔަތަށް ވަނީ ﷲ عزوجل  ގެ ވަޙީބަސްފުޅު وَيَتَّبِعْ غَيْرَ سَبِيلِ الْمُؤْمِنِينَ އަދި މުއުމިނުންގެ މަގުނޫން މަގަށް ތަބަޢަވުން  އިތުރުކުރައްވާފައެވެ. މިއީ ބޭކާރު އިތުރުކުރެއްވުމެއް ހެއްޔެވެ؟ ﷲ عزوجل ގެ ކަލާންފުޅުގައި މިކަން ބޭކާރުކަމަކަށް ނުވާނެއެވެ. ( މުއުމިނުންގެ މަގުނޫން މަގަށް ތަބަޢަވުން ) ނުވަތަ ކުރިން އެބަޔަކު ޢިޞްމަތްތެރިން ގޮތުގައި ބުނެވުނު ޞަޙާބީންގެ މަގުނޫން އެހެން މަގަކަށް ތަބަޢަވުމެވެ. އަދި އެބައިމީހުން ( ޞަޙާބީން ) ނަކީ ޖަމާޢަތެވެ. އެބައިމިހުންނަކީ ފިރުޤަތުއްނާޖިޔާ (ސަލާމަތްވާނޭ ބައި) ކަމަށް ރަސޫލާ عليه الصلاة  ހެކިވެވަޑައިގެންނެވި ޖަމާޢަތުގެ މީހުންނެވެ. އަދި އެބައިމީހުންގެ މަގުގައި ހިފިމީހުންވެސް މެއެވެ. އެބޭކަލުންނީ ، ޤިޔާމަތްދުވަހު ﷲގެ ޢަޛާބުން މިންޖުވުމަށް ބޭނުންވާމީހާ އެބޭކަލުން ތިއްބެވިމަގާ ޚިލާފުވުން ހުއްދަވެގެންނުވާ ބޭކަލުންނެވެ.


އެހެންވެ ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވ [وَمَنْ يُشَاقِقِ الرَّسُولَ مِنْ بَعْدِ مَا تَبَيَّنَ لَهُ الْهُدَى وَيَتَّبِعْ غَيْرَ سَبِيلِ الْمُؤْمِنِينَ نُوَلِّهِ مَا تَوَلَّى وَنُصْلِهِ جَهَنَّمَ وَسَاءَتْ مَصِيرًا] النساء: ١١٥  މާނައީ " އަދި އެމީހަކަށް ތެދުމަގު ބަޔާންވުމަށްފަހު، ރަސޫލާއާ ދެކޮޅުވެރިވެ، މުއުމިނުންގެ މަގުނޫން މަގަށް ތަބަޢަވާ މީހާ  ( ދަންނާށެވެ! ) އެމީހާ އިޚްތިޔާރުކުރިމަގަށް ތިމަންއިލާހު އެމީހާ ދޫކޮށްލައްވާ ހުށީމެވެ. އަދި ތިމަންއިލާހު އެމީހާ ނަރަކައަށް ވައްދަވާ ހުށީމެވެ. އެއީ ނުބައިވެގެންވާ ނިމިދިއުމެކެވެ." 

 

އެހެންވުމުން މިއަދު، ފަހުޒަމާނުގައި މުސްލިމުންނަށް ދެކަމެއް ދެނެގަތުން ވެއެވެ. ފުރަތަމައީ :- މިއާޔަތުގައި ޛިކުރުވެގެންވާ މުސްލިމުންނަކީ ކޮންބަޔެއްކަން ދެނެގަތުމެވެ. އެއަށްފަހު ޤުރްއާނާއި ރަސޫލާ عليه الصلاة والسلام ގެ ޙަދީޘްތައް އެކަލޭގެފާނުގެ އަރިހުން އެބައިމީހުން ސީދަލަށް އެއްވެސް މެދުވެރިއެއް ނެތި އަޑުއަހާފައި ވުމުގެ ޙިކުމަތަކީ ކޮބައިކަން ދެނެގަތުމެވެ. އެއަށްފަހު ޤުރްއާނާއި ސުންނަތުގެ ނައްސުތައް ރަސޫލާ عليه السلام  ޢަމަލީގޮތުން ތަޠުބީޤުކުރެއްވި ތަން އެބައިމީހުންނަށް ފެނުމުން އެބައިމީހުންގެ މާތްކަމެއް ނެތީހެއްޔެވެ؟

 

އެޙިކުމަތެއްގެ މައްޗަށް ސުންނަތުގައި ނައްސު އައިސްފައިވާ ޙިކުމަތުގެ ތެރެއިން ނަބިއްޔާ عليه السلام ގެ ޙަދީޘްބަސްފުޅުވެއެވެ. ((އަޑުއިވޭ ޚަބަރަކާއި ލޮލުންފެންނަ ފެނުމާ އެއްގޮތެއް ނުވާނެއެވެ.)) އަދި މިޙަދީޘުން ފަށައި އަދި މިޙަދީޘުން ޝާޢިރު އޭނާގެ ބަސްނަގާފައިވެއެވެ. (( އަދި ކަމެއް ފެންނަމީހާއާއި ކަމެއްގެވާހަކަ އަޑުއަހާ މީހަކާ އެއްވަރެއް ނުވާނެއެވެ.)) ފަހެ، އެހެންކަމުގައި ވަނީނަމަ ރަސޫލާ عليه السلام ނުފެންނަބަޔަކާއި އެކަލޭގެފާނުގެ އަޞްޙާބުންނާ އެއްފަދައެއް ނުވާނެއެވެ. އެޞަޙާބީންވަނީ އެކަލޭގެފާނު ހަމަލޮލުންދެކިފައެވެ. އަދި އެބައިމީހުންވަނީ އެކަލޭގެފާނުގެ އަރިހުން އެއްވެސް ހުރަހެއް ނެތި (ޙަދީޘްތައް) އަޑުއަހާފައެވެ. އަދި އެބައިމީހުންވަނީ އެކަލޭގެފާނުގެ ފަރާތްޕުޅުން ޢަމަލީގޮތުން ކަންތައްތައް ކުރެއްވިގޮތް ދެކިފައެވެ.


އިސްލާމުންގެ ބައެއް ދަޢްވަތުދޭ މީހުން ފާޅުކޮށްފައިވާ ކަލިމައެއް މިޒަމާމުގައި ވެއެވެ. އަދި އެއީ ވަރަށްވެސް ރީތިކަލިމައެކެވެ. އެހެނެއްކަމަކު ޙަޤީޤަތުގައިވެސް ހިނގާކަލިމައަކަށް އަހަރެމެން އެކަލިމަ ހެދުމުން އެއަށްވުރެވެސް އެކަލިމަ ރީތިވާނެއެވެ. އެބައިމީހުންގެ މުޙާޟަރާތްތަކާއި ޚިޔާލުފާޅުކުރުންތަކާއި ދީނީ ނަޞޭޙަތްދެއްވާ އިރު އެބައިމީހުން ބުނެއެވެ. "ހަމަކަށަވަރުންވެސް އިސްލާމްދީން ބިންމަތީގައި ތަންފީޛުކުރަން އަހަރެމެންނަށް ޖެހޭނެއެވެ." (މިއީ) ވަރަށްވެސްރީތި ވާހަކައެކެވެ. އެހެނެއްކަމަކު އަހަރެމެންނަށް އިސްލާމްދީން ނޭނގި އަދި އަހަރެމެން ބުނާފަދައިން ( މިއުންމަތުގެ ) ސަލަފުއް ޞާލިޙުންނަށް ދޭހަވިގޮތް ދޫކޮށްލައި، މިރީތި ބަސްތައް ތަންފީޛު ކުރުމަކީ ނުވާނެކަމެކެވެ. " އިސްލާމްދީން ބިންމަތީގައި ޙަޤީޤަތާއެއްގޮތަށް ތަންފީޛުކުރަން އަހަރެމެންނަށް ޖެހޭނެއެވެ." އެކަން އެގޮތަށް ކުރުމުގެ ކުޅަދާނަކަން ލިބުނީ ރަސޫލާ صلى الله عليه وسلم  ގެ ޞަޙާބީންނަށެވެ. އެއީ ކުރިންދެންނެވުނު ދެސަބަބަށްޓަކައެވެ. އެބައިމީހުން ( ޞަޙާބީން ) އެއްވެސް ހުރަހެއްނެތި ނަބިއްޔާ ގެ އަރިހުން ޙަދީޘްތައް އަޑުއަހާފައިވެއެވެ. އަދި އެބައިމީހުން އެޙަދީޘްތައް ހެޔޮގޮތުގައި އުނގެނިގަނެފައިވެއެވެ. ބައެއް ކަންތައްތަކަކީ ޢަމަލީގޮތުން ބަޔާންކޮށްދިނުމަށް ބޭނުންވާ ކަންތައްތަކެވެ. އެކަންތައްތައް އެބައިމީހުންނަށް އަޞްލެއްގެ ގޮތުން ބަޔާންކޮށްދެއްވުމަށް އެބައިމީހުން ( ޞަޙާބީން ) ނަށް ރަސޫލާ عليه السلام ވަނީ ހަމަލޮލުން ފެނިވަޑައިގެންފައެވެ.


އަހަރެން ވަރަށްބޮޑަށް ފާޅުވެގެންވާ މިޘާލެއް ތިޔަބައިމީުންނަށް ކިޔައިދެމެވެ. ސުންނަތް އެނގިގެން ނޫނީ މުސްލިމަކަށް އެއާޔަތްތައް ފަހުމު ނުވާނޭ އާޔަތްތަކެއް ޤުރްއާނުލް ކަރީމުގައި ވެއެވެ. އެއީ ޤުރްއާނުލް ކަރީމުގައި ވާއެއްޗެއް ބަޔާންކޮށްދެނީ ސުންނަތުންނެވެ. وأنزلنا إليك الذكر لتُبيّن للناس ما نُزِّل إليهم މާނައީ " އަދި ތިމަންއިލާހު ކަލޭގެފާނަށް ޤުރްއާން ބާވާލެއްވީ ، އެއުރެންނަށް ބާވާލެއްވި ތަކެތި،  މީސްތަކުންނަށް ކަލޭގެފާނު ބަޔާންކޮށްދެއްވުމަށްޓަކައެވެ." މިޘާލަކަށް ﷲ ތަޢާލާގެ ވަޙީބަސްފުޅު وَالسَّارِقُ وَالسَّارِقَةُ فَاقْطَعُوا أَيْدِيَهُمَا (سورة المائدة)  މާނައީ " ވައްކަންކުރާ ފިރިހެނާއާއި ވައްކަންކުރާ އަންހެނާ ( ދަންނާށެވެ! ) ފަހެ، ތިޔަބައިމީހުން އެދެމީހުންގެ އަތްތައް ބުރިކުރާށެވެ! " ތިޔަބައިމީހުން  މިހާރު، މިޒަމާނުގެ ޢަރަބިބަހުގެ " ސީބަވައިހި" ( ޢަރަބި ބަހުގެ ޤަވާޢިދުގައި މަޝްހޫރު މީހެއްގެ ނަން ) ގެނެސް ބަލާށެވެ. އޭނާ ފަހަރުގައި މިމާތްއާޔަތް އަހަރެމެންނަށް ތަފްސީރު ކޮށްދީފާނެއެވެ. އަދި ވައްކަންކުރާ ފިރިހެނާ އަކީ ކާކުހެއްޔެވެ؟ ބަހުގެގޮތުން ވައްކަންކުރާ ފިރިހެނާއަކީ ކާކުކަން ކަނޑައަޅަން އޭނާއަކަށް ކުޅަދާނައެއް ނުވާނެއެވެ. އަދި އަތަކީ ކޮންއަތެއްހެއްޔެވެ؟ ފަހުޒަމާނުގެ ސީބަވައިހި އަށް ( އެއަތަކީ ކޮބައިކަން ) ކަޑައަޅަން ކުޅަދާނައެއް ނުވާނެއެވެ.


 މިދެސުވާލަށް ޖަވާބު ދިނުމަކީ އޭނާއަށް ނުވާނޭ ކަމެކެވެ. ވައްކަންކުރާ ފިރިހެނުންގެތެރެއިން އަތްކެޑޭނީ ނުވަތަ އަތްކެޑުން ޙައްޤުވަނީ ކާކުހެއްޔެވެ؟ މިވައްކަންކުރާ ފިރިހެނާގެ ނިސްބަތުން ކަޑަންޖެހެނީ ކޮންއަތެއްހެއްޔެ؟ ބަހުގެގޮތުންނަމަ ( ދަގަޑު ) ބިހެއް ވަގަށްނަގާ ފިރިހެނާއީވެސް ވައްކަންކުރާ ފިރިހެނެކެވެ. އަތަކީ މިއީއެވެ. މިތަނުން ކެޑިޔަސް އަދި މިތަނުންކެޑިޔަސް ނުވަތަ ކޮންމެތަނަކުން ކެޑިޔަސް އެއީ އަތެވެ. އެހެނެއްކަމަކު ޖަވާބަކީ ކުރިން ބަޔާންވެދިޔަ އާޔަތެވެ. وأنزلنا إليك الذكر لتُبيّن للناس ما نُزِّل إليهم
 النحل: ٤٤ މާނައީ " އަދި ތިމަންއިލާހު ކަލޭގެފާނަށް ޤުރްއާން ބާވާލެއްވީ ، އެއުރެންނަށް ބާވާލެއްވި ތަކެތި،  މީސްތަކުންނަށް ކަލޭގެފާނު ބަޔާންކޮށްދެއްވުމަށްޓަކައެވެ."


އެޖަވާބު ބަޔާނުގައި ( ސުންނަތުގައި ) ވެއެވެ. އަދި ރަސޫލާ عليه السلام ގެ ފަރާތްޕުޅުން ޤުރްއާން ބަޔާންވެގެންވެއެވެ. މިބަޔާންކުރެއްވުން ނަބިއްޔާ  عليه السلام ވަނީ ޢަމަލީގޮތުން ތަޠުބީޤު ކުރައްވާފައެވެ. މިޘާލެއްގެގޮތުން ޚާއްޞަކޮށް މިއާޔަތެވެ. އަދި ޚާއްޞަކޮށް އެހެން އާޔަތްތަކެވެ. އަދި އެއީ ވަރަށްގިނަ އާޔަތްތަކެކެވެ. އެހެނީ ހަމަކަށަވަރުންވެސް އުޞޫލުތައް ކިޔެވި މީހަކަށް އެއުޞޫލުތަކުން ކިޔޭނެއެވެ. ހަމަކަށަވަރުން އެއުޞޫލުތަކުގައި ޢާއްމު އާއި ޚާއްޞައާއި ، މުޠުލަޤާއި މުޤައްޔަދާއި، ނާސިޚާއި މަންސޫޚު ވެއެވެ.  މުޖުމަލު ކަލިމަތަކެކެވެ. އެޖުމްލަތަކުގެ ދަށަށް އެތައް ދިހައެއްގެ ނައްޞުތައް ވަދެގެން ދެއެވެ. އަދި ކިއެއްތަ އަހަރެމެން ބުނަމެވެ. އެތައް ސަތޭކަ ނައްޞުތަކެކެވެ. ޢާއްމު ނައްޞުތަކެކެވެ. އެނައްޞުތައް ސުންނަތް ޚާއްޞަކުރެއެވެ.

 

 

ސަލަފިއްޔަތު: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

 ސަލަފީ މަންހަޖުގެ ސިފަތަކާއި އެ މަންހަޖުގެ ދަޢުވަތް - الشيخُ مُحَمَّدُ بِنْ عُمر سالم بازمول حفظه الله | 13 ނޮވެމްބަރ 2017

 ޤުރުއާނާއި ސުންނަތަށް ތަބަޢަވުމުން އެއީ ސުޕަ ސަލަފީ ކަމުގައިވަންޏާ ކިތަންމެހާވެސް ހެޔޮ - أُسْتَاذ أبو أنس محمد حسن حفظه الله | 12 މެއި 2017

ކިޔަވާ ކުދިންނޭވެ! ސަލަފީ މަންހަޖު މަޢުރިފާވުން ހުއްޓެވެ. - العَلَّامة الشيخُ مُحَمَّدُ بِنْ صَالح العُثَيْمين رحمه الله | 14 ނޮވެމްބަރ 2016

އާއެކެވެ. ސަލަފީ އޭ ބުނުމުން ޙައްޤުގެ އަހުލުވެރިންނާއި ބިދުޢަވެރިން ވަކިވެ އެވެ. - الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله | 13 ނޮވެމްބަރ 2015

ތައުހީދާއި ސުންނަތުގެ ނޫރު ވަނީ ހަދީޘްގެ އަހުލުވެރިންނާ އެކީގައެވެ. - الشيخ العلامة المجاهد ربيع بن هادي المدخلي حفظه الله‏ | 13 ފެބުރުއަރީ 2015

މުސްލިމެއްގެ އަޞްލަކީ ކޮބައިތޯ އެވެ. އޭނާ ޖާހިލެއްގެގޮތުން ވުންތޯ އެވެ. ނުވަތަ އޭނާއަކީ ސަލަފީ އެއް ކަމުގައި ވުންތޯ އެވެ؟ - الشَّيْخُ عَبْدُ الله البُخَارِيْ حَفِظَهُ الله | 12 ފެބުރުއަރީ 2015

"ސަލަފީ ހިޒްބު" ޝެއިޚް އުޘައިމީން ނިޞްބަތްކުރީ ޝެއިޚް ރަބީޢުއާއި ޝެއިޚުއާއި އެކުވި އަޚުންނަށް ކަމަށް ބުނެ ހިޒްބީން ޝެއިޚް އުޘައިމީން رحمه الله ގެ ބަސް އޮޅުވާލި އޮޅުމަށް ޝެއިޚްގެ ބަހުން ހަޤީޤަތް ހާމަކުރުން | 30 ނޮވެމްބަރ 2014

ތިމަންނަ ސަލަފީއެކޭ ނުކިޔަނީ މިސްތަކުން ބައިބައި ވެގެންދާނެ ކަމުގެ ބިރަށްޓަކައޭ ބުނާ މީސްތަކުންނަށް ޝެއިޚް ދެއްވާފައިވާ ރައްދު. - الشَّيْخُ العَّلاَمَة الإِماَمُ الأَلْبَانِيْ | 28 ނޮވެމްބަރ 2014

ހައްޤުގައިވާ ހަމައެކަނި ޖަމާޢަތަކީ ސަލަފީން - العلامة صالح ابن فوزان الفوزان حفظه الله | 22 ސެޕްޓެމްބަރ 2014

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...