ޢަރަފާތް ދުވަހުގައި ޞާލިޙް ރަނގަޅު އަޅުކަންތައް ކުރުމުގައި މަޝްޣޫލުވުން ހުއްޓެވެ. - الإِمَامُ العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله

"ޢަރަފާތް ދުވަހުގެ ދުވާލުގެ ފަހުކޮޅުގައި ދުޢާކުރުމުގައި މަޝްޣޫލުވުން ހުއްޓެވެ. އަދި ދުޢާ ކުރުމުގައި ފަޤީރު، ނިކަމެތި، ޙާޖަތް ޖެހިފައިވާ މީހެއްފަދައިން އާދޭހާ އެކު ދުޢާ ކުރުން ހުއްޓެވެ. ސަބަބަކީ އާދޭސް ދަންނަވާފަދައިން ދުޢާކުރުމަކީ ﷲ ލޯބިވެވޮޑިގަންނަވާ ކަމެކެވެ. އަދި އެ ދުޢާގައި ދެރަ ނިކަމެތިކަމާއި އާދޭސް ދެންނެވުން ފާޅުކުރާ މިންވަރަކަށް އެ އަޅާއަކީ ﷲގެ ޙަޟުރަތަށް ފަޤީރު ނިކަމެތިވެގެންވާ އަޅެއް ކަމުގައި ބަޔާންވެގެންދެ އެވެ. ފަހެ، އިންސާނާއަކީ އެންމެހައި ވަޤުތުތަކެއްގައި ﷲއަށް ޙާޖަތްްޖެހިގެންވާ ނިކަމެތި ފަރާތެއް ކަމުގައިވެ އެވެ. ﴿ يَا أَيُّهَا النَّاسُ أَنْتُمُ الْفُقَرَاءُ إِلَى اللَّهِ ۖ وَاللَّهُ هُوَ الْغَنِيُّ الْحَمِيدُ ﴾ "އޭ އެންމެހައި މީސްތަކުންނޭވެ! ﷲ އަށް ބޭނުންތެރިވެގެންވާ ބަޔަކީ ތިޔަބައިމީހުންނެވެ. އަދި ﷲއީ ފުދިވޮޑިގެންވާ، ގިނަގިނައިން ޙަމްދު ލިބިވޮޑިގެންވާ އިލާހު އެވެ."
ފަހެ، އިންސާނަކު އޭނާ ދުޢާކުރުމުގައި، އޭނާގެ ރައްބަށް ފަޤީރުކަމާއި ނިކަމެތިކަން އަދި ޙާޖަތް ޖެހިގެންވާކަން ފާޅުކޮށް ދުޢާކޮށްފި ހިނދުގައި، އެ ދުޢާ އިޖާބަކުރެވިގެންދާނެ ކަމުގައި އުފާވެރިކަން ލިބިގަތުން ހުއްޓެވެ. ހަމަކަށަވަރުން ﷲ ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ. ﴿ وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ ۚ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ﴾ "އަދި ތިޔަބައިމީހުންގެ ވެރިއިލާހު ވަޙީ ކުރެއްވި އެވެ. ތިޔަބައިމީހުން ތިމަން އިލާހުއަށް ދުޢާ ކުރާށެވެ. ތިމަން އިލާހު ތިޔަބައިމީހުންގެ ދުޢާ އިޖާބަކުރައްވާހުށީމެވެ. ހަމަކަށަވަރުން ތިމަން އިލާހުއަށް ދުޢާކޮށް އަޅުކަންކުރުމަށް ކިބުރުވެގަންނަ މީހުން ދަންނާށެވެ. އެބައިމީހުން ނިކަމެތިވެގެންވާ ޙާލުގައި ނަރަކައަށް ވަންނަ ހުއްޓެވެ."
ފަތުވާ ނަގާފައިވަނީ : لِقَاءات الحج