ރޯދަ މަހުގެ ފުރަތަމަ 10 ދުވަސް ފާއިތުވެއްޖެ! ޢަމަލުތައް ހުރީ ކިހިނަކުން ހެއްޔެވެ؟ - الإمام العلامة الشيخ صالح الفوزان حفظه الله

"އެންމެހައި މީސްތަކުންނޭވެ! ﷲ އަށް ބިރުވެތިވުން ހުއްޓެވެ. ހަމަކަށަވަރުން ތިޔަބައިމީހުންގެ މި މައްސަރުގެ ފުރަތަމަ ދިހަ ދުވަސް ފާއިތުވެ ގޮސްފި އެވެ. އަދި ތިޔަބައިމީހުން ވަނީ މި މައްސަރުގެ މެދު ދިހަ ދުވަހުގެ ދޮރުމަތީގަ އެވެ. އަދި މާގިނަ ދުވަސްތަކެއް ނުވެ ތިޔަބައިމީހުންނާއި މައްސަރުގެ ފަހު ދިހަ ބައްދަލުކުރާނެ އެވެ. އެއަށްފަހު މައްސަރު ނިމިގެންދާނެ އެވެ.
ތިޔަބައިމީހުންނަށް ކުރެވިފައިވި ހެޔޮ ޞާލިޙް އަމަލުތަކަށް ބަލައިލުން ހުއްޓެވެ. މާޟީވެ، ފާއިތުވެ ދިޔަ ދުވަސްތަކަށް ފިކުރުކޮށްލުން ހުއްޓެވެ. އަދި ބާކީ އޮތް ދުވަސްތަކުގެ މައްޗަށް ވިސްނާލުން ހުއްޓެވެ. ތިޔަބައިމީހުންގެ ނަފްސުތަކުގެ މައްޗަށް ފިކުރުކޮށްލުން ހުއްޓެވެ. ހެޔޮ ގޮތުގައި އިޙްސާންތެރި ޢަމަލުތަކުގައި ދުވަސްތައް ހޭދަކުރި އަޅާ އެގޮތުގައި ކުރިއަށްދިއުން ހުއްޓެވެ. އަދި އެ އިޙްސާންތެރި ގޮތުގައި މައްސަރުގެ ނިމުމާ ހަމައަށްދިއުން ހުއްޓެވެ.
ޣާފިލުވެ، ފަރުވާ ކުޑަކުރުމުގައިވާ މީހާ ފާއިތުވެ ދިޔަ ދުވަސްތަކުގެ މައްޗަށް ﷲ އަށް ތަޥްބާވުން ހުއްޓެވެ. އަދި ބާކީ އޮތް ދުވަސްތަކުގެ ފައިދާ ލިބިގަތުން ހުއްޓެވެ. ފަހެ، ޢަމަލުތައް ބިނާވެގެންދަނީ، އެންމެ ފަހު ޢަމަލުތަކުގެ މައްޗަށެވެ.
ﷲ ގެ އަޅުތަކުންނޭވެ! ﷲ އަށް ތަޤްވާވެރިވުން ހުއްޓެވެ. ތިޔަބައިމީހުންގެ ޙަޔާތުގައި ﷲ ދެއްވާފައިވާ މި މައްސަރުގެ މި ފުރުސަތުގެ މައްޗަށް ފަރުވާކުޑަ ނުކުރާށެވެ. މިއީ މާތްވެގެންވާ މައްސަރެކެވެ. ރޯދަ ހިފުމާއި ނަމާދު ކުރުމުގެ މައްސަރެވެ. ނަރަކައިގެ ދޮރުތައް ބަންދުކުރެވޭ މައްސަރެވެ. އަދި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވިގެންދާ މައްސަރެވެ. ޝައިޠާނާ ކަސްތޮޅު އެޅުވެ އެވެ. އަދި ނިދާ އިއްވެވެ އެވެ. "އޭ ހެޔޮކަމަށް އެދޭ ފަރާތެވެ. ހެޔޮކަމަށް ކުރިމަތި ލާށެވެ. އޭ ނުބައިކަންތައްތަކަށް އެދޭ ފަރާތެވެ. ނުބައިކަންތައްތަކުން އެއްކިބާވުން ހުއްޓެވެ. މިފަދައިން ކޮންމެ ރެއަކު ނިދާ އިއްވެވެ އެވެ." ﷲ އަޅުތަކުންނޭވެ! ﷲ ގެ ޙަޟުރަތުން އިއްވެވޭ މި ނިދާއަށް އިޖާބަ ދޭށެވެ.
ތިޔަބައިމީހުންގެ ޣާފިލުކަމާއި، އިހުމާލު ވުމުގައި ކެނޑިނޭޅި ދެމި ނުތިބޭށެވެ. ފަހެ، ހަމަކަށަވަރުން ޢުމުރަކީ ނުހަނު ކުރު އެއްޗެކެވެ. އެ މުއްދަތް ވަނީ ކަނޑައެޅި ނިމިފަ އެވެ. އަދި ޢަމަލުތައް ރައްކާކުރެވޭ ހުއްޓެވެ. ތިޔަބައިމީހުންނަކީ އެ ޢަމަލުތަކުގެ މައްޗަށް ޙިސާބު ބެއްލެވި އެ ޢަމަލުތަކަށް ތިޔަބައިމީހުންނަށް ޖަޒާދެވޭނެ އެވެ. ފަހެ، ތިޔަބައިމީހުންގެ ނިމުން ވެގެންދާނެގޮތް ތަސައްވުރުކޮށްލުން ހުއްޓެވެ. ތިޔަބައިމީހުންގެ ޢަމަލުތައް އިޞްލާޙު ކުރާށެވެ.
މި މައްސަރާއި އަދި މި ނޫން މައްސަރުތަކުގައިވެސް، ހެޔޮ ޞާލިޙް ޢަމަލުތަކާއި ބަސްތައް ބުނުމުގެ ތަޥްފީޤު ﷲ އަހަރެމެންނަށް އަދި ތިޔަބައިމީހުންނަށް ދެއްވާނދޭވެ."
***
ބަސްތައް ނަގާފައިވަނީ : https://goo.gl/SkfQcY