ލޮލުގެ ނަޒަރު ރައްކާތެރިކުރުމާ މެދުގައި ވާރިދުވެފައިވާ ޢަޖައިބުކުުރުވަނިވި ޙާދިޘާއެއް - سليمان بن يسار رحمه الله

"ﷲ ގެ ޞާލިޙް އަޅާ سليمان بن يسار رحمه الله އެ ބޭފުޅާގެ ޤައުމުން ދަތުރެއްގައި ނުކުމެވަޑައިގަތެވެ. ދަތުރުގެ ބައިވެރިއެއްގެ ގޮތުގައި ގާތް ޞާޙިބަކު ގެންދެވި އެވެ. ދަތުރުގެ ކޮއްތު ގަތުމަށްޓަކައި އެ ޞާޙިބު މީހާ ބާޒާރަށް ވަޑައިގެންނެވި އެވެ. އަދި سليمان ބަލަހައްޓަވައިގެން އިންނެވިއެވެ. سليمان އަކީ ހަށިގަނޑު ރީތި، މޫނުފުޅު ނުހަނު ރިވެތި، މީހުންގެ ނަޒަރު އެބޭފުޅެއްގެ ރިވެތިކަމަށް ހުއްޓޭ ފަރާތެކެވެ. އަދި އެބޭފުޅާއަކީ ﷲ ގެ ޙުރުމަތްތަކަށް ވަރަޢަވެރި ބޭފުޅެކެވެ.
އެތަނުގައި ވަނިކޮށް، އަޢުރާބީ އަންހެނަކަށް سليمان ފެނުނެވެ. سليمان ގެ ރިވެތިކަން ފެނުމުން ގާތަށް އައެވެ. އަދި އެއަންހެނާ ހުރީ (ލޮލުން ބެލޭ ގޮތަށް ކަނޑާފައި ހުންނަ) މޫނު ބުރުގާ އަޅައިގެންނެވެ. އެ އަންހެނާ އައިސް ކުރިމަތީގައި ހުއްޓުނެވެ. އަދި އޭނާގެ މޫނު ކަޝްފުކުރި އެވެ. ސާދަވިލޭރޭގެ ހަނދެއް ފަދައެވެ. އަދި "هَبْنِي" މިފަދައިން ބުންޏެވެ. އެހިނދު سليمان ގެ ނަޒަރު އެއަންހެން މީހާގެ ކިބައިން ރައްކާތެރިކުރި އެވެ. އަދި އެ އަންހެން މީހާއަކީ ފަޤީރު ނިކަމެތި މީހެއް ކަމުގައި ހީފުޅުވެ، ކާބޯތަކެއްޗަށް ޙާޖަތްޖެހިފައިވާ ކަން ޤަބޫލުކުރަށްވައި އަތްޕުޅުގައިވީ ކާބޯތަކެތި ދެއްވުމަށް ކޮޅަށް ތެދުވެވަޑައިގެންނެވި އެވެ. އެތަން ފެނުމުން އަންހެން މީހާ ބުންޏެވެ. އަހަރެން ކާބޯތަކެއްޗެއް ބޭނުމެއް ނޫނެވެ! އަހަރެން ބޭނުންވަނީ ފިރިމީހާއާއި އަނބިމީހާ ބޭނުންވާ ގުޅުމެވެ!
ފަހެ، އެހިނދު سليمان ގެ މޫނުފުޅުގެ ކުލަވަރު ބަދަލުވެ، ހާސްވެވަޑައިގެންނެވުމާއެކު އަޑުއުފުއްލަވައި ވިދާޅުވިއެވެ. "ތިޔައީ އިބްލީސް ތައްޔާރުކޮށްފައިވާ ފަރާތެކެވެ!" އެއަށްފަހު އަތްޕުޅުން މޫނުފުޅު ނިވާކުރައްވައި، އިސްތަށިފުޅު ކަކޫފުޅު މަތީގައި އަޅުއްވާ ކީރިތި ކުރަށްވަން ފެއްޓެވިއެވެ. އެ އަންހެން މީހާއަށް މި މަންޒަރު ފެނި، سليمان އޭނާއަށް ބޭނުން ނުވާކަން އެނގުމުން، ބުރުގާ މޫނުމައްޗަށް ވައްޓައި ނިވާކޮށް އަނބުރާ ދިޔަ އެވެ.
ހިނދުކޮޅަކަށްފަހު ކާބޯތަކެއްޗާއިގެން ޞާޙިބު މީހާ އައެވެ. سليمان ކީރިތި ކުރެއްވި ބޮޑުކަމުން ލޯފުޅާއި އަޑުފުޅު ގޮސްފައިވުމުން، ޞާޙިބު މީހާ ސުވާލުކުރެއްވި އެވެ. ކިހިނެއްވީތޯއެވެ؟ ފަހެ، ހިނގައިދިޔައީ ކޮން ކަމެއްކަން سليمان އެބޭފުޅާގެ ޞާޙިބާއަށް ކިޔައި ދެއްވި އެވެ. އެ ޙާދިޘާ އަޑުއެހުމަށްފަހު އެ ޞާޙިބު މީހާވެސް ކީރިތި ކުރަށްވަން ފެއްޓެވިއެވެ. އެހިނދު سليمان ވިދާޅުވިއެވެ. ތިބާ ކީރިތިކުރައްވަނީ ކީއްވެ ހެއްޔެވެ؟ އޭނާ ދެންނެވިއެވެ. "މިކަމުގައި ކީރިތި ކުރުމަށް سليمان އަށްވުރެ އަހަރެން ޙައްޤުކަން ބޮޑުވެގެން ވެ އެވެ. އަހަރެން ތި މަޤާމުގައި ވީނަމަ، އަހަންނަކަށް އެ އަންހެން މީހާގެ މައްޗަށް ކެތެއް ނުކުރެވުނީހެވެ."
އެއަށްފަހު، އެ ދަތުރުގައި މައްކާއަށް ވަޑައިގަންނަވާ ޠަވާފުކުރައްވައި ސަޢުޔު ކުރެއްވުމަށްފަހު އަރާމްކުރެއްވުމަށްޓަކައި އަވަހާރަފުޅު ލެއްޕެވިއެވެ. އަވަހާރަފުޅުގައި ވަނިކޮށް ވަރަށް ރީތި ދިގު ފިރިހެން ބޭފުޅެއް ފެނިވަޑައިގެންނެވި އެވެ. އެމީހެއްގެ ބުރުސޫރަ ނުހަނު ރީތިވެފައި ފުރިހަމަވެގެން ވެއެވެ. އަދި އެ މީހެއްގެ ގައިން އެހާމެ މީރުވަސް ދުވައެވެ. سليمان ވިދާޅުވިއެވެ. "ތިބާއަށް ﷲ ރަޙުމަތް ލައްވާށިއެވެ! ތިބާއަކީ ކާކު ހެއްޔެވެ؟ އެބޭފުޅަކު ވިދާޅުވި އެވެ. "އަހަންނަކީ ﷲ ގެ ނަބިއްޔާ يوسف بن يعقوب އެވެ." سليمان ވިދާޅުވިއެވެ. يوسف އަދި عزيز ގެ އަނބިކަނބަލުންނާމެދު އައިސްފައިވާ ޚަބަރުގައި ޢަޖައިބުކުރުވަނިވި ޢިބުރަތްތަކެއް ވެއެވެ. އެހިނދު يوسف ވިދާޅުވިއެވެ. "އަދި ކިއެއްތޯއެވެ! ތިބާއާއި ތިބާގެ ގާތަށް އައި އަޢުރާބީ އަންހެނާގެ ޙާދިޘާއަކީ ޢަޖައިބުކުރުވަނިވި ޙާދިޘާއެކެވެ."
****
މަޞްދަރު: أبي نعيم ގެ حلية الأولياء (2/191)