5  ފައިސާ ގަނެވިއްކުމުގައި ޙަރާމް ވިޔަފާރި ކުރުމާއި ރިބާ ކެއުން - الشَّيْخ الإِمَام العَلامة عَبد العَزِيز بن باز رحمه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ރިބާ الربا

 ފައިސާ ގަނެވިއްކުމުގައި ޙަރާމް ވިޔަފާރި ކުރުމާއި ރިބާ ކެއުން - الشَّيْخ الإِمَام العَلامة عَبد العَزِيز بن باز رحمه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ރިބާ الربا

ސުވާލު: ޝެއިޚް އެވެ. އަހަރެމެންނަށް މި ޙަދީޘް ޝަރަޙަކޮށްދެއްވުން އެދެމެވެ.
(الذهب بالذهب، والفضة بالفضة، والتمر بالتمر، والبر بالبر، والملح بالملح، والشعير بالشعير، يداً بيد، فمن زاد أو استزاد فقد أربا)
"ރަނަށް ރަނެވެ. ރިއްސަށް ރިއްސެވެ. ކަދުރަށް ކަދުރެވެ. ގޮދަނަށް ގޮދަނެވެ. ލޮނަށް ލޮނެވެ. ހިމަގޮދަނަށް ހިމަގޮދަނެވެ. އަތުން އަތަށެވެ. (ވަގުތުން ވަގުތަށެވެ.) ފަހެ، އިތުރުކޮށްފި މީހާ ނުވަތަ އިތުރަށް ދިނުމަށް އެދެފި މީހާ ހަމަކަށަވަރުން ރިބާ ހޯދައިފި އެވެ."

 

ޖަވާބު:
بسم الله الرحمن الرحيم، الحمد لله وصلى الله وسلم على رسول الله وعلى آله وأصحابه ومن اهتدى بهداه
أما بعد:


މި ޙަދީޘް އަކީ أبُوهُريرة رضي الله عنه ގެ އަރިހުން އިމާމް الإمام مسلم ޞަޙީޙުގައި ރިވާ ކުރައްވާފައިވާ ޙަދީޘެކެވެ. ނަބިއްޔާ صلى الله عليه وسلم ހަދީޘް ކުރެއްވި އެވެ. (الذهب بالذهب, والفضة بالفضة, والبر بالبر, والشعير بالشعير والتمر بالتمر, والملح بالملح مثلاً بمثل، سواء بسواء يداً بيد, فمن زاد أو استزاد فقد أربا) "ރަނަށް ރަނެވެ. ރިއްސަށް ރިއްސެވެ. ގޮދަނަށް ގޮދަނެވެ. ހިމަގޮދަން ހިމަގޮދަނަށެވެ. ކަދުރަށް ކަދުރެވެ. ލޮނަށް ލޮނެވެ. (މި ބާވަތްތައް) ބަދަލުކުރަންޖެހޭނީ ދެފަރާތުންވެސް އެއްވަރު މިންވަރަށެވެ. އަދި އެއްވަޤުތަކު އަތުން އަތަށެވެ. ފަހެ، އިތުރުކޮށްފި މީހާ ނުވަތަ އިތުރަށް ދިނުމަށް އެދެފި މީހާ ހަމަކަށަވަރުން ރިބާ ހޯދައިފި އެވެ."


މި ޙަދީޘުން ދަލީލުކުރެވެނީ އެއްފަދަ މިންވަރަކުން އަތުން އަތަށް ވަޤުތުން ވަޤުތަށް ރަން ރަނަށް ވިއްކުން ހުއްދަވެގެންވާކަމެވެ. އަދި މިިފދައިން ރިހިވެސް ގަނެވިއްކޭނެ ކަމެވެ. އަދި މިފަދައިން ގޮދަންވެސް ގަނެވިއްކޭނެ ކަމެވެ.


އާއެކެވެ. މި ހުރިހައިތަކެއްޗެއްވެސް މިފަދައިން ގަނެވިއްކުން ހުއްދަވެގެންވެ އެވެ. އެއީ 2 ޝަރުޠަކާ އެކުގަ އެވެ.


(
ފުރަތަމައީ) އެއްފަދަ މިންވަރަކުން އެއްފަދަ މިންވަރަކަށް ގަނެވިއްކުމެވެ. އެއްވަރުން އެއްވަރަށް ވިއްކުމެވެ. ރަން އޭގެ ބަރުދަނުގެ މިންވަރުން ހަމަ އެފަދަ އެއްވަރުގެ (ރަނުގެ) ބަރުދަނަށް ވިއްކުމެވެ. އެއްމިންވަރުން އޭގެ މިންވަރަށް ވިއްކުމެވެ. 

 
(
ދެވަނައީ) އަތުން އަތަށެވެ. އެއްމަޖްލިސެއްގައި އަތުން އަތަށް ބަދަލުވުމެވެ. އެފަދައިން ރިހި ރިއްސަށް ގަނެވިއްކުމެވެ. ކަރުދު ކަދުރަށް ވިއްކުމެވެ. ލޮނު ލޮނަށް ވިއްކުމެވެ. ހިމަގޮދަން ހިމަގޮދަނަށް ވިއްކުމެވެ. ގޮދަން ގޮދަނަށް ވިއްކުމެވެ. މިއެންމެހައި ތަކެއްޗެއް ގަނެވިއްކޭނީ ވަޤުތުން ވަޤުތަށް އަތުން އަތަށެވެ. އެއްވަރަކަށެވެ.
އެހެނަސް މި ބާވަތްތަކުން ބާވަތެއް ގަނެވިއްކާހިނދު ބާވަތް ތަފާތުވެއްޖެ ހިނދުގައި، ތިޔަބައިމީހުން ބޭނުންވާ މިންވަރެއް (އިތުރުކޮށް) ގަނެވިއްކިދާނެ އެވެ. މިޘާލަކަށް ރިހި ރަނަށް ގަނެވިއްކީ އެވެ. މިކަމުގައި އެއްވެސް މައްސަލައެއް ނެތެވެ. އެހެނަސް (ވަޤުތުން ވަޤުތަށް) އަތުން އަތަށެވެ. އެގޮތުން ކަދުރު ވިއްކީ ހިމަ ގޮދަނަށެވެ. މައްސަލަ އެއް ނެތެވެ. ވަޤުތުން ވަޤުތަށް ގަނެވިއްކުން ނިމެންޖެހޭނެ އެވެ. ކަދުރު ވިއްކީ ހަނޑުލަށެވެ. ވަޤުތުން ވަޤުތަށް ގަނެވިއްކުން ނިންމަންޖެހޭނެ އެވެ. ގޮދަން ވިއްކީ ހިމަގޮދަނަށެވެ. ބަރުދަން ތަފާތުވެގެންވާ ގޮތުގަ އެވެ. މައްސަލައެއް ނެތެވެ. ވަޤުތުން ވަޤުތަށް ގަނެވިއްކުން ނިންމަންޖެހޭނެ އެވެ. ގޮދަނުގެ 2 ޞާޢުގެ މިންވަރު ވިއްކީ ހިމަގޮދަނުގެ 5 ޞާޢުގެ މިންވަރަށެވެ. މި (ގަނެވިއްކުމުގައި) މައްސަލައެއް ނެތެވެ. އެހެނަސް ވަޤުތުން ވަޤުތަށް ގަނެވިއްކުން ނިމެންޖެހޭނެ އެވެ. 1 ޞާޢުގެ ގޮދަން ވިއްކީ ލޮނުގެ 5 ޞާޢުގެ މިންވަރަށެވެ. މި ގަނެވިއްކުމުގައި މައްސަލައެއްނެތެވެ. އެހެނަސް ވަޤުތުން ވަޤުތަށް އަތުން އަތަށް ގަނެވިއްކުން ނިމެންޖެހޭނެ އެވެ. ފަހެ، މިތަކެތީގެ ޖިންސު (ބާވަތް) ތަފާތުވެއްޖެ ހިނދުގައި އުނި އިތުރުކޮށް ވިއްކުން ހުއްދަވެގެންވެ އެވެ. އެހެނަސް ވަޤުތުން ވަޤުތަށް (ބަދަލުކޮށް) ގަނެވިއްކުން ނިމެން ޖެހޭނެ އެވެ. އެއްބާވަތުގެ އެއްޗެއް އަނެއްބާވަތުގެ އެއްޗަށް ވުރެން އިތުރުކޮށް ވިއްކުން މައްސަލައެއް ނޫނެވެ.


އެހެނަސް އެއްޖިންސު (އެއްބާވަތު) ގެ އެއްޗެއް ގަނެވިއްކާ ހިނދުގައި، ކޮންމެހެންވެސް 2 ކަމެއް އޭގައި އެކުލެވެން ޖެހޭނެ އެވެ. ހަމަހަމަ މިންވަރުން ވިއްކުމާއި، ވަޤުތުން ވަޤުތަށް އަތުން އަތަށް ބަދަލުވުމެވެ.


ގޮދަން ގޮދަނަށް ވިއްކާހިނދު ކޮންމެހެންވެސް ޞާޢަކަށް ޞާޢެއްގެ ގޮތުގައި ގަނެވިއްކާނީ އެވެ. (މާނައީ : ހަމަހަމަވެގެންވާ މިންވަރަށް ދެފަރާތުން ގަނެވިއްކަންޖެހޭނެ އެވެ.) އަދި ހިމަގޮދަން ހިމަގޮދަނަށް ވިއްކާހިނދު ކޮންމެހެންވެސް އެއްމިންވަރަށް އަދި ވަޤުތުން ވަޤުތަށް އަތުން އަތަށް އެއް މަޖްލިސެއްގައި ބަދަލުވާން ޖެހޭނެ އެވެ. ރަން ރަނަށް ގަނެވިއްކާ ހިނދުގައި ކޮންމެހެންވެސް ބަރުދަން އެއްވަރުވާން ޖެހޭނެ އެވެ. އަދި ވަޤުތުން ވަޤުތަށް އަތުން އަތަށް ބަދަލުވާންޖެހޭނެ އެވެ. ރިހި ރިއްސަށް ވިއްކާއިރުވެސް އެފަދަ އެވެ. ލޮނު ލޮނަށް ވިއްކާހިނދުވެސް ހަމަ އެފަދައިންނެވެ. މި ކަންތައްތައް ޖަމަޢަވާން ޖެހޭނެ އެވެ. އެއީ އެއްހަމައަށް ވިއްކުމާއި އަދި ވަޤުތުން ވަޤުތަށް އަތުން އަތަށް އެ މަޖްލިސެއްގައި ބަދަލުވުމެވެ."   
*****

ފަތުވާ ނަގާފައިވަނީ : https://goo.gl/DhcQxe


އަޚުންނޭވެ! ރަނާއި ރިއްސަކީ އެ ޒަމާނުގައި ފައިސާގެ ގޮތުގައި ބޭނުންކުރަމުން ގެންދިޔަ ނަޤުދެވެ. އެންމެހައި ނަޤުދު ފައިސާއެއް މި ޙުކުމުގެ ތެރެއަށް ވަންނާނެކަމާއި މެދުގައި ޢިލްމުވެރިންގެ މެދުގައި އެއްވެސް ދެބަސްވުމެއް ނުވެ އެވެ. އެއީ ރުފިޔާ، ޑޮލަރު، ޕައުންޑް ނުވަތަ އެހެނިހެން ފައިސާއެއް ކަމުގައިވިޔަސް އެވެ.


ﷲ އަށް ބިރުވެތިވެ، ދީނުގައިވާ ޤަވާޢިދުތަކާއި އުޞޫލް ތަކުގެ މައްޗަށް އިޚްލާޞްތެރިކަމުގައި ވިސްނާލުން ހުއްޓެވެ. މިއަދު މީހަކު އޭނާ ފައިސާ ބެންކު އަށް ދެނީ ޑޮލަރު ގަންނަންށެވެ. ދަރަންޏަށް ބެންކަށް ފައިސާ ދެނީ އެއް ނޫނެވެ. ޑޮލަރު ގަތުމަށްޓަކައި ފައިސާ ދެނީ އެވެ. ފަހެ، އެހިނދު ފައިސާ ގަނެފަ އޭގެ ބަދަލަށްވާ އަނެއް ނަޤުދު ފައިސާ އެ މަޖްލިސްގައި އަތުން އަތަށް ބަދަލު ކުރެވެންޖެހޭނެ އެވެ. އެ ބާވަތްތަކުގައި ރިބާ އެކުލެވިފައިވާ ބާވަތްތަކުގެ މައްޗަށް ގަނެވިއްކޭނީ މިގޮތުގަ އެވެ. އެއްދުވަސް ކޮށްފައި ނުވަތަ ދެ ދުވަސްކޮށްފައި އޭނާ ބެންކަށް ޑޮލަރު ގަތުމަށް ދިން ފައިސާގެ އަގަށްވާ ޑޮލަރު ލިބުމަކީ ރިބާގެ މުޢާމަލާތުގެ ތެރެއަށް ނުވަންނާނެ ކަމާއިމެދު ބުނާނީ ކޮންފަދަ "ދަންނަބޭކަލެއް" ހެއްޔެވެ؟


އާއެކެވެ. ތިމާގެ އަނބިމީހާ ހިލޭ ފިރިހެނުންނާއި އަތާއި އަތްޖޯޑުކޮށް ސަލާމް ކުރާ ހިނދު ތިމާ އެކަމާ ހެވިފައި، ލަދުޙަޔާތް ނެތި، ނަބިއްޔާގެ ސުންނަތް މުގުރައި ޙަރާމްވެގެންވާ ޢަމަލު ފާޅުކަން ބޮޑުގައި ކުރެވޭ ހިނދު ހުންނަ ފިރިހެނަކަށް ފައިސާ ވިއްކައި ޑޮލަރު ގަންނަ ހިނދުގައި އެއްމަޖްލިސްގައި ބަދަލު ނުވާ ހިނދު އެއީ ރިބާއެއް ނޫން ކަމުގައި ފަތުވާ ނުދޭންވީ ސަބަބެއް ނެތެވެ.


މި ޒަމާނަކީ އެކިއެކި މުޢާމަލާތްތައް އެކިއެކި ސިފަސިފައިގައި ކުރުމަށްފަހު، ދީން އެ މުޢާމަލާތެއްގެ ބައްޓަމަށް ބައްޓަން ކުރެވޭ ޒަމާނެކެވެ.
ދީނުގެ ޙުކުމް ބަލައި އެ ޙުކުމާއި އެއްގޮތަށް މުޢާމަލާތް ކުރެވޭ ޒަމާން ފާއިތުވެ ގޮސްފި އެވެ.


ޞަރީޙަކޮށް ފާޅުވެ، ދެބަސްވުމެއް ނެތް ގޮތުގައި، އަތުން އަތަށް ބަދަލު ކުރެވެންޖެހޭ ތަކެތި ބަޔާންވެގެންވީ ހިނދު، މިއަދު އެފަދައިން ބަދަލު ނުކޮށް އެއީ ރިބާގެ މުޢާމަލާތެއް ނޫން ކަމުގައި ފަތުވާދޭމީހާގެ ދަލީލަކީ ޤުރުއާނާއި ސުންނަތުގެ ދަލީލެއް ހެއްޔެވެ؟ ނޫނީ އޭނާގެ ދުލުގެ ޖާޒުބާތާއި ބަސްމޮށުންތެރިކަން އެއީ ދަލީލުކަމުގައިވަނީ ހެއްޔެވެ؟


العَلاَّمة الشيخ العُثَيمين رحمه الله ވިދާޅުވެފައިވެ އެވެ. "މީސްތަކުންގެ ޢަމަލުތަކުގެ އަވައިގައި ތިބާ ނުޖެހޭށެވެ. މީސްތަކުންގެ ޢަމަލު ތަކަކީ ޖާހިލުކަމުގެ މަތީގައި ކުރެވޭ ކަންތައްތަކެއް ކަމުގައި ވެދާނެ އެވެ. ހުރިހައިވެސް ޢިބްރަތަކީ ޝަރުޢީ ގޮތުން ދީނުގައި ބަޔާންވެގެންވާ ދަލީލުތަކެވެ. މީސްތަކުންގެ ޢަމަލެއް ނޫނެވެ." القول المفيد ٢٠٤/١.

 

ބެންކު ޤާއިމްކުރި ދުވަހުއްސުރެން ފަށައިގެން އެތައް އެތައް އަހަރުތަކެއް ވަންދެން މުޢާމަލާތް ހިންގުމަށްފަހު، އެބަޔަކު "އިސްލާމިކް" ނަމުގައި އާ ބާވަތެއްގެ ބެންކު ހުޅުވުމުން މި ހުރިހާދުވަހެއްގައި ހިންގީ "ކާފިރް" ބެންކު ތޯ އެވެ؟ "ކާފިރް" ހިތާމައަކީ އެ ދުވަސްތަކުގައިވެސް "ކާފިރް" ގެ ގޮތުގައި ހިންގި އިރު އެއީ "ރިބާ" ނޫން ކަމުގައި ފަތުވާ ދޭމީހުން ފަތުވާ ދީފައިވުމެވެ. ޢިބްރަތަކަށް ނުފުދޭ ހެއްޔެވެ!

Like what you see?

Close

Hit the buttons below to follow us, you won't regret it...