ޢާންމުން ނުކުމެ ޝަރީޢަތުން ބޭރުގައި މީސްތަކުންނަށް ހައްދު ތަންފީޒުކޮށް މީހުން މެރުމަށް ހިއްވަރުދޭނީ ހައްދު ފަހަނައަޅާފައިވާ ހަރުކަށި ފިކުރުގެ "ޝެއިޚުން"

13 އޮގަސްޓު, 2017
الإمام أحمد بن حنبل رحمه الله ސުންނަތް ޖަމާޢަތުގެ އަޤީދާ އާއި ދީނުގެ އުޞޫލްތައް ބަޔާންކޮށް ވިދާޅުވެފައިވެ އެވެ. ”ޙައްދު ޤާއިމްކުރުން ތާއަބަދަށް އޮތީ އިމާމުންނަށެވެ. (މުސްލިމް ވެރިންނަށެވެ.)“ أصول السنة لإمام أحمد
ﷲ ބާވައިލެއްވި ހައްޤު ދީނުގެ ދިފާޢުގައި ބަސްބުނުމުގެ ވާޖިބު
އަޚާއެވެ. ދަންނަހުއްޓެވެ. މިއީ އިސްލާމް ދީނަށް ފުރައްސާރަކުރާ ސެކިއުލާރ މީހުންގެ ދިފާޢުގައި ލިޔެފައިވާ ލިޔުމެއް ނޫނެވެ. އެހެނަސް، މިއީ އިސްލާމް ދީނުގެ އަޤީދާ އާއި މަންޙަޖުގެ ދިފާޢުގައި ލިޔެފައިވާ ލިޔުމެކެވެ. ދީނާ ޚިލާފު ޢަމަކުތައް އިންކާރު ކުރުމަށްބުނެ މުންކަރާތްތަކަށް އަރައިގަތުމަކީ އެއީވެސް ބޮޑު މުންކަރާތެކެވެ. އަދި އެފަދަ ކަންތަކައް އިންކާރު ކުރުމުގެ ބަދަލުގައި އެކަންތަކަށް ހެޔޮބަސް ބުނުމަކީ މި ދީނާއި މެދުގައި ވެވޭ ޚިޔާނާތެކެވެ. އެއީ الله ގެ ދީން ބަދަލުކޮށް އެކަނލާންގެ ދީން އޮޅުވާލުމުގެ ޖަރީމާގައި ބައިވެރުވުމެކެވެ. ﷲ ބާވައިލެއްވި ޝަރީޢަތް އެނގިހުރެ ބަދަލު ކުރުމަކީވެސް ކުފުރެކެވެ. ލާދީނީ ޢަމަލެކެވެ. ﷲ ބާވައިލެއްވި ޙުކުމަށް ޙުކުމް ކުރުމަށް، އެބައިމީހުން ހަރު އަޑުން ގޮވާއިރު، އެފަދަ މީހުން ޙުކުމް އެކުރަނީ ﷲ ބާވައިލެއްވި ޙުކުމް ނޫން ޙުކުމަކަށެވެ. އެއްވެސް ޝައްކެއްނެތެވެ. މިފަދަ މުންކަރާތްތަކަށް ފަތުވާދޭ މީހުންނަށް ރައްދު ދިނުމަކީ މަގުފޭރޭ މީސްތަކުންގެ ނުބައިކަމުން މީސްތަކުން ސަލާމަތް ކުރުމަށްވުރެ ހެޔޮވެގެންވާ ކަމެކެވެ.
شيخ الإسلام ابن تيمية رحمه الله تعالى ބަޔާންކުރައްވާފައިވެ އެވެ. "ހަމައެފަދައިން، ދީނުގެ މައްޗަށް ފާޅުކޮށްފައިވާ ރައުޔަކީ ނުބައި ރައުޔެއް ކަމުގައިވެ، (އެބަޔާންކޮށްފައިވާ ޢިލްމީ މައްސަލައަކީ) ނުބައި ގޮތުގައި ބަޔާންކޮށްފައި ވުމުން، ފަހެ، (އެހެން އިންސާނަކު) ޢަދުލާއި ޢިލްމުން، އަދި ނަޞޭޙަތް ދިނުމުގެ ޤަޞްދުގައި އެ އެބަޔާންކޮށްދިނުމުން، ފަހެ އެހިނދުގައި ﷲ، އޭނާއަށް އެކަމުގައި ޘަވާބު ދެއްވާނެ އެވެ. ޚާއްޞަކޮށް (އެނުބައި ވާހަކަތައް ދައްކާފައިވާ މީހާ އަކީ) ބިދުޢަތަކަށް ދަޢުވަތުދޭ މީހެއްގެ ގޮތުގައިވުމުން، ފަހެ އެހިނދުގައި އޭނާގެ ކަންތައްތައް މީސްތަކުންނަށް ބަޔާންކޮށްދިނުން ވާޖިބުވާނެ އެވެ. ފަހެ، ހަމަކަށަވަރުން މީސްތަކުން އޭނާގެ ނުބައިކަމުން ސަލާމަތް ކުރުމަކީ މަގުފޭރޭ މީސްތަކުންގެ ކިބައިން މީސްތަކުން ސަލާމަތް ކުރުމަށްވުރެ ހެޔޮވެގެންވާ ކަމެކެވެ." منهاج السنة 5-146
ފަހެ، މިފަދަ ބަސްތައް ބުނާ މީހުންނަށް ރައްދު ބަޔާންކުރަން ޖެހެނީ އެމީހުންގެ އެ ބަސްތަކުގެ ސަބަބުން މުޖްތަމަޢު ފަސާދަވެ، ކަންކަން ނުވިސްނޭ ޒުވާނުން ދީނުގެ ނަމުގައި ހައްދުފަހަނަ އަޅައި، ޝަރީޢަތުގެ ޙުކުމްތައް ފަރުދުން އަމިއްލައަށް ތަންފީޒުކުރުމުގެ ނުބައިކަމުގެ މައްޗަށް ހައްޤު ބަޔާންކޮށް އެފަދަ ޢަމަލުތަކަށް އިންޒާރު ދިނުމަށްޓަކައެވެ.
ޓެރަރިޒަމަށް، ޤަތުލު އާންމަށް ހިއްވަރުދޭ ޝެއިޚުން
ބާޠިލު އަޤީދާތަކުގެ އަހުލުވެރިންގެ ފަރާތުން ބާޠިލު ފާޅުވެގެން ދިޔުމަކީ އަޖައިބުވާނެ ކަމެއް ނޫނެވެ. ތުބުޅި ދިގުކޮށް ފޭރާން ކުރުކޮށްފައި ދީނުގެ ނަމުގައި ވާހަކަ ދައްކާ "ޝެއިޚް" ކިޔާ ކޮންމެ މީހަކަކީ އެއީ ހައްޤެއް ނޫނެވެ. މީހެއް ތުނބުޅި ދިގުކޮށްފަ ހުރުމުން، ފޭރާން ކުރުކޮށްފައި ހުރުމުން އޭނާގެ ޙާލަތު ނުއޮޅޭށެވެ! (އޭނާގެ އަވައިގައި ނުޖެހޭށެވެ.)
1. ޝެއިޚުންގެ ނަމުގައިވެ، ބަޔަކު މީގެ ކުރިން ވަނީ ސޫރިއާގެ ކުރަމުންދާ ފިތުވަނެރި ހަނގުރާމަ އަކީ ޖިހާދު ކަމުގައި ފަތުވާދީ އެ ހަނގުރާމައަށް ދިޔުމަށް ފަތުވާ ދީފައެވެ. (ރައްދު ކިޔާލުމަށް: الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله ސޫރިޔާގައި ހިނގަމުންދަނީ ޖިހާދު ނޫންކަމަށް ފަތުވާ ދިނުމުން ދިވެހި ޝޭޚުންނޭ ބުނާ މީހުން ސޫރިއާގެ ޖިހާދަށް ފަތުވާ ދިނުން).
2. ފްރާންސުގައި ޓެރަރިޒަމްގެ ޢަމަލު ހިންގުމުން އެކަމަށް ހިއްވަރުދީ އެއީ މޮޅު ބައެއް ކަމައުގައި މިބައިމީހުންގެ ލީޑަރުން ބުނެފައިވެއެވެ. (ރައްދު ކިޔާލުމަށް: ޖިހާދުގެ ނަމުގައި ހިންގާ ޓެރަރިޒަމްގެ ޢަމަލުތަކަށް އަރައިގަންނަނީ އެކަމަށް ހިތްވަރުދީ ޖަޒުބާތުގައި މުސްލިމުން ޖައްސާ މީހުންގެ ސަބަބުން - الشيخ العلامة عُبَيْدُ الجَابِرِيْ حَفِظَه الله).
3. ސަޢުދި އަރަބިއްޔާއިން އައިއެސް އާއި ދެކޮޅަށް ކާފަރު ދަޥްލަތަކާއެކު ނުކުތުމުން އެ ދަވްތަލަށް ކުފުުރުގެ ޙުކުމް ޖަހާފައެވެ. (ރައްދު ކިޔާލުމަށް: ސަޢުދީ އަދި މުސްލިމް ދަޥްލަތްތަކުން އެމެރިކާ އެކު އައި.އެސް އަލް-ޤާއިދާ (ޓެރަރިޒަމް) އާއި ދެކޮޅަށް ނުކުތުމުން އެ ދަޥްލަތަކަށް ތަކްފީރުގެ ޙުކުމް ކުރުން).
4. ޖާނުންފިދާވުގެ ހަމަލާތަކަށް ފަތުވާދީ އެކަން ޙަލާލުކޮށްފައެވެ. (ރައްދު ކިޔާލުމަށް: އިސްލާމް ދީނުގައި ބޮން ގޮއްވުމާއި، ޖާނުން ފިދާވުމުގެ ޙުކުމް އަދި ބޮންގޮންވަން ފަތުވާދޭ މީހުން - العَلاَّمة الشَّيخ صَالح الفَوْزان حفظه الله ،الإِمَامُ العَلاَّمة عَبد العَزِيز بن عبْدُ الله بن بَاز رحمه الله)
5. މުސްލިމް ދަޥްލަތަކައް އަންނަ ސަފީރުން (އެންބެސެޑަރުން) މެރުމުން އެކަން ކުރި މީހުންނަށް ތަޢުރީފުކޮށް ހިއްވަރުދީ ބަސްތައް ބުނެފައެވެ. (ރައްދު ކިޔާލުމަށް:ސަފީރުން، އެމްބަސެޑަރުން، ފަތުރުވެރިން، ޒިޔާރަތްކުރާ މީހުން މެރުމުގެ ޙުކުމް - الشَّيْخ د. عَبْدُ السلام بن سالم السُّحيمي حفظه الله) މި ލިސްޓު ކިތަންމެހާވެސް ދިގެވެ.
މިއަދު ހައްދުފަހަނައަޅާފައިވާ ތަކްފީރީ، ޚާރިޖީ ފިކުރު ހަރުކަށި ޒުވާނުންތަކެއް، އިސްލާމް ދީނަށް ފުރައްސާރަކުރާތީ މީހަކު މަރާފައިވާތީ ޕޮލިހުން އެ މައްސަލައިގެ ހަޤީޤަތް 09 އޮގަސްޓު 2017 ގައި (ހަރުކަށި ފިކުރުގެ ބަޔަކު އޭނާ މަރާލީ ދީނަށް ފުރައްސާރަ ކުރުމުން: ޕޮލިހުން) ބަޔާންކުރުމުން 10 އޮގަސްޓު 2017 ގައި އާދަމް ނިޝާން ޢަލީ އާދަމް އޭނާގެ ރަސްމީ ފޭސްބުކް ޕޭޖްގައި ބުނެފައިވެއެވެ.
"ﷲ އާއި އެ އިލާހުގެ ރަސޫލާ އަށް އަދި އިސްލާމް ދީނާއި މި ދީނުގެ ޙުކުމްތަކަށް ފުރައްސާރަކޮށް މަލާމާތް ކޮށް ހަދާ މީހުންނާ މެދު އިސްލާމީ ޝަރީޢަތުގައި އޮންނަ ގޮތަށް (ޤަތުލު ކުރުމަށް) ހުކުމް ނުކުރާނަމަ، އަދި ތިމާމެން އަމިއްލަ އަތުން ހަދާފައި އޮންނަ ވަޟުޢީ ޤާނޫނު ތަކުގެ ދަށުންވެސް އެއްވެސް ވިޔަވަޅެއް ނާޅާ މިނިވަން ކަމާއެކު، އެކަން ފާޅުގައި ދޫކޮށްލާފައި ތިބޭނަމަ، އެފަދަ މީސް މީހުންނާ މެދު ޢާންމުން (ޝަރީޢަތުން ބޭރުގައި ނަމަވެސް) ގޮތް ނިންމާނެ ކަމީ އިސްލާމީ ތާރީޚުން ފެންނަން އޮތް ހަޤީޤަތެކެވެ.”
މިފަދައިން އާދަމް ނިޝާން ބުނެފައިވުމުން މި ސައިޓުގައި ލިޔެފައިވާ ލިޔުމެއް ކިޔުންތެރިއަކު ކޮމެންޓު ކުރިއެވެ. އެހިނދު ޖަވާބުގައި އޭނާ ބުނެފައިވެއެވެ.
"އިސްލާމް ދީނާއި މެދު މީސްތަކުންގެ ހިތުގައި ޝައްކާއި ވަހުމު އުފައްދަން އުޅޭ މީހުން(ނަށް) ތައުބާ ލައިދިނުމެއް ނެތެވެ. އެމީހުން އޮތީ ހިފާ އަތުލައި މެރުން ކަމުގައި ޢިލްމުވެރިން ބަޔާންކޮށްފައިވޭ. މިފަދަ މީހަކުވެސް މެރުން ހުއްދަ އޮތީ ހަމައެކަނި ހާކިމާއަށްތޯ ނުވަތަ މުސްލިމް ޢާންމު ފަރުދަކަށްވެސް އެކަން ކުރެވިދާނެތޯ މިއީ ޢިލްމުވެރިން އޭގެ މައްޗަށް ވާހަކަ ދައްކާފައިވާ ތަފްސީލު ހުރި މައްސަލައެއް."
އެއަށްފަހު ނަބިއްޔާ صلى الله عليه وسلم ޙަޔާތްޕުޅުގައި ލޯފަން މީހަކު، ނަބިއްޔާ صلى الله عليه وسلم މައްޗަށް ކުޑައިމީސްބަސް ބުނާ އަޅު އަންހެނަކު ޤަތުލު ކުރެއްވި ހަދީޘް އޮޅުވާލުމާއެކު ބަޔާންކުރި އެވެ.
ފަރުދުން ނުކުމެ ހައްދު ޤާއިމްކުރުމަށް ހިއްވަރުދޭ ފަތުވާތަކަށް ރައްދު
1) އަހުލުއް ސުންނާ ވަލް ޖަމާޢަތުގެ އަހުލުވެރިން އެ އަޤީދާއެއްގެ މައްޗަށް އިޖުމާޢުވެގެންވި އަޤީދާ
الإمام أحمد بن حنبل رحمه الله ސުންނަތް ޖަމާޢަތުގެ އަޤީދާ އާއި ދީނުގެ އުޞޫލްތައް ބަޔާންކޮށް ވިދާޅުވެފައިވެ އެވެ. ”ޙައްދު ޤާއިމްކުރުން ތާއަބަދަށް އޮތީ އިމާމުންނަށެވެ. (މުސްލިމް ވެރިންނަށެވެ.)“ أصول السنة لإمام أحمد
العلامة الشيخ عُبيد الجابري حفظه الله ވިދާޅުވެފައިވެ އެވެ. ”ވެރިޔާއަށް ޚާއްޞަވެގެންވާ ކަންތައްތަކުގެ ތެރޭގައިވި 3 ވަނައަށް ޚާއްޞަވެގެންވާ ކަމަކީ، ޙައްދުތައް ޤާއިމް ކުރުމެވެ. ފަހެ، ޙައްދުތައް ޤައިމް (ތަންފީޛު) ކުރުމަކީ ވެރިޔާއަށް ޚާއްޞަވެގެންވާ ކަމެކެވެ. އެހެން އެއްވެސް ފަރާތެއް އެކަމުގައި ބައިވެރިއެއް ނުވާނެއެވެ. ތައުޒީރު ކުރުމާއި، ޙައްދުތައް ޤާއިމް ކުރުމަކީ ވެރިޔާއަށް ޚާއްޞަވެގެންވާ ކަމެކެވެ. އުރެދުންތަކަކަށް އަރައިގަންނަ މީހާއަށް ޙައްދު ޤާއިމްކޮށް ޢުޤޫބާތް ދޭނީ ވެރިޔާއެވެ. ނުވަތަ ތަޢުޒީރު ކުރާނީ ވެރިޔާއެވެ.“
شرح أصول السنة لإمام أحمد
2) ލޯފަން މީހަކު، ނަބިއްޔާ صلى الله عليه وسلم މައްޗަށް ކުޑައިމީސްބަސް ބުނި އަޅު އަންހެނަކު ޤަތުލު ކުރެއްވިކަމަށް އޮތް ހަދީޘްގެ މާނަ
މި ޝުބުހައިގެ ހަޤީޤަތް ހޯދުމަށް ސަޢުދީގެ ޢިލްމުވެރިންނަށް މި ސުވާލު ފޮނުވީމެވެ. މިއީ شَيخ عَرفَات بن حَسن حفظه الله އާއި ކުރެވުނު ސުވާލު އަދި ޝެއިޚްގެ ޖަވާބެވެ.
ސުވާލު: އަހަރުމެންގެ ޝެއިޚް އެވެ. ޝެއިޚްއަށް ﷲ ހެޔޮ ޖަޒާދެއްވާށި އެވެ. ޝެއިޚް ޙާޞިލްކޮށްފައިވާ ޢިލްމަކީ މީސްތަކުންނަށް ފައިދާހުރި ޢިލްމެއްގެ ގޮތުގައި ލައްވާނދޭވެ.
އަހުލުއްސުންނަތުގެ ޢަޤީދާގައި އަދި އުޞޫލުގައި ބަޔާންވެގެންވާ "ޤިޔާމަތާއި ޖެހެންދެން ޙައްދުތައް ޤާއިމްކުރުން ޙަވާލު ކުރެވިގެންވަނީ ވެރިޔާއަށެވެ."
މި އުޞޫލް ޛިކުރު ކުރުމުން، ބަޔަކު ޝުބުހާތް އުފައްދައި ބުނެ އެވެ. ނަބިއްޔާ صلى الله عليه وسلم ޙަޔާތްޕުޅުގައި ލޯފަން މީހަކު، ނަބިއްޔާ صلى الله عليه وسلم މައްޗަށް ކުޑައިމީސްބަސް ބުނާ އަންހެނަކު ޤަތުލު ކުރެއްވި އެވެ. އެހެންވުމުން މި ދަލީލުން ބަޔާންވަނީ ވެރިޔާ ނޫން މީހުންނަށްވެސް ޙައްދު ތަންފީޛު ކުރެވޭނެ ކަމުގަ އެވެ.
އަހަރުމެންގެ ޝެއިޚް އެވެ. މިބަސްތަކަށް ދޭނީ ކޮން ޖަވާބެއްހެއްޔެވެ؟
ޖަވާބު: އެކަމަށް ސުލްޠާން އިޤްރާރުވަޑައިގެންނެވި އެވެ. ސަބަބަކީ އެއީ ފިރިހިނެއްގެ ދަށުގައިވާ އަޅު އަންހެނެކެވެ. ފަހެ، ސައްޔިދުއަށް (އަޅުމީހާގެ ވެރިޔާއަށް) އޭނާގެ އަޅުގެ މައްޗަށް ޙައްދު ޤާއިމް ކުރެވޭނެ އެވެ.
ސުވާލު: ޔަޢުނީ، އަޅެއް ކަމުގައި ވެއްޖެ ހިނދު، އަޅުމީހާގެ ވެރިޔާއަށް އޭނާގެ އަޅުގެ މައްޗަށް ޙައްދު ޤާއިމް ކުރުން ހުއްދަވުން ހެއްޔެވެ؟
ޖަވާބު: އާނއެކެވެ.
ސުވާލު ކުރާ މީހާ: ޝެއިޚްއަށް ﷲ ހެޔޮ ޖަޒާ ދެއްވާށި އެވެ.
ޝެއިޚް: އެ އަޅު އަންހެނާ އަކީ ކާފަރު އަންހެނެކެވެ.
3) އިސްލާމް ދީނަށް ފުރައްސާރަކުރުމުގެ ނުުބައިކަން
ﷲ އާއި އެކަނލާންގެ ރަސޫލާ އާއި ޤުރުއާނާއި ސުންނަތާއި އިސްލާމް ދީނަށް ބަދުބަސް ބުނުމަކީ އާދައިގެ ކަމެއް ނޫނެވެ. ދީނުގައި ނުވާ ޢަމަލްތައް ދީނަށް ގެނައުމުން އެ ބަސްތަކަށް ރައްދު ދިނުމުން އެބަސްތަކަށް މަލާމަތްކޮށް ހެދުމަކީވެސް ދީނަށް ފުރައްސާ ކުރުމެކެވެ. ހައްޤު ފާޅުކުރާ މުއުމިންތަކުންނަށް އެބައިމީހުން ހައްޤު ފާޅުކުރި ކަމަށްޓަކައި މުރުތައްދު ޙުކުމް ޖަހައި މަލާމާތް ރައްދު ކުރުމަކީ ނުބައިވެގެންވި ޢަމަލެކެވެ. އާދަމް ނިޝާން ޢަލީ އާދަމްގެ މި ފޯސްޓަށް ހަރުކަށި ތަކްފީރީ ފިކުރުގެ މީހަކު ވަނީ ސަލަފީން ހައްޤުބަސް ފާޅުކުރުމުން އެއަށް މަލާމާތްކޮށް މުރުތައްދުގެ ހުކުމް ޖަހައި ކޮމެންޓު ކޮށްފައެވެ. އެ މީހަކު ބުނެފައިވެއެވެ. "ސަލަފިއްޔާ ޖަހައިގެން އުޅޭ މުރުތައްދު...(މިވެނި އެވެނި މީހެކެވެ.)"