5 ފަގުޑި އެޅުމަކީ ސުންނަތަށް ތަބަޢަވުންތޯ އެވެ! - الإِمَام ابِنْ العُثَيْمِيْن - الإِمَام الأَلْبَانِي އަދި الإِمَام ابن باز رحمهم الله ގެ ފަތުވާ - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ފަގުޑި އެޅުމަކީ ސުންނަތަށް ތަބަޢަވުންތޯ އެވެ! - الإِمَام ابِنْ العُثَيْمِيْن - الإِمَام الأَلْبَانِي އަދި الإِمَام ابن باز رحمهم الله ގެ ފަތުވާ

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ފޭރާމުގެ ހުކުމްތައް

ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ.
(مَن لبسَ ثوبَ شُهْرةٍ ألبسَهُ اللَّهُ يومَ القيامةِ ثَوبَ مَذلَّةٍ)
"މި ދުނިޔެމަތީގައި ޝުހުރާގެ ފޭރާން ލައިފި މީހާ، ޤިޔާމަތް ދުވަހުގައި ﷲ އޭނާ ދެރަކަމާއި ނިކަމެތިކަމުގެ ފޭރާމެއް ލައްވާނެތެވެ." صحيح ابن ماجه 2921

ޝުހުރަތުގެ ފޭރާމަކީ، އެތަނެއްގެ އަހުލުވެރިންގެ ޢާދަކާދަތަކާ ޚިލާފް ވެގެންވާ ފޭރާން ލުން ނުވަތަ އެ ހެދުމެއް ލައިގެން އެއިން އެމީހަކު މަޝްހޫރުކަން ހޯދުމުގެ ޤަޞްތުގައި ވަކި ޚާއްޞަ ފޭރާމެއް ލުމެވެ.
****


الشَّيْخُ العلاَّمَة محمَّدُ بِنْ صَالِح العُثَيْمِيْن رحمه الله

ސުވާލު : ފަޟީލަތުއް ޝެއިޚް އެވެ. ﷲ އަށްޓަކައި އަހަރެމެން ޝެއިޚް ދެކެ ލޯބިވަމެވެ. އަހަރެެމެންނަކީ ޝަރުޤުގައި ދިރިއުޅެމުންދާ އަޚުންނެވެ. އެތަނުގައިވާ އަޚުން ޝެއިޚްއަށް ސަލާމް ދަންނަވަ އެވެ.

ޝެއިޚް : "ތިބާއަށް އަދި އެ އަޚުންނަށް ސަލާމް ހުއްޓެވެ."

ސުވާލު : އަހަރެމެން އުޅޭ ރަށުގައި ރަނގަޅު ޒުވާން އަޚުންތަކެއް އުޅެ އެވެ. ޚާއްޞަކޮށް އެކި މުނާސަބާތް ތަކުގައި މި ކުދިން ފަގުޑި އަޅަ އެވެ. ހުކުރު ދުވަސްތަކުގައި އަދި ޢީދު ތަކުގައި ފަގުޑި އަޅަ އެވެ. އަހަރެމެން އެ ކުދިންނާ އެކުގައި އިށީނދެ އެކުދިންނާ އެކުގައި ވާހަކަދައްކައި، ފަގުޑި އެޅުމަކީ އެއީ ސުންނަތެއް ނޫންކަމުގައި ބަޔާންކޮށްދިނީމެވެ. މިކަމުގައި ޢަމަލުކުރުން އޮތީ އެތަނެއްގައި މީސްތަކުން އާދަަކާދައިގައި އަމަލުކުރަމުންދާ ގޮތަށް ޢަމަލު ކުރުމެވެ. ފަހަރެއްގައި ފަގުޑި އެޅުމަކީ "ޝުހުރާ ފޭރާމަކަށް" (މީސްތަކުންގެ ތެރޭގައި ތަފާތު މީހެއްގެ ގޮތުގައިވެ ޢާދަކާދަތަކާ ޚިލާފް ފޭރާންލައި، މަޝްހޫރުކަން ހޯދައިގަތުމަށް) ބޭނުން ކުރެވޭ ފޭރާމެއްގެ ގޮތުގައިވެދާނެ އެވެ.


މިކަމުގައި އެމީހުންގެ ޖަވާބަކީ، މިއީ ރަސޫލާ صلى الله عليه وسلم ގެ ލިބާސް ފުޅެކެވެ. މިފަދައިން ރަސޫލާ صلى الله عليه وسلم ޢަމަލުފުޅު ކުރެއްވި އެވެ. އަދި މިގޮތުގައި ޢަމަލު ކުރުމަކީ ނަބިއްޔާއަށް އިޤްތިދާވެ ދެމިހުރުމެވެ. އަދި މީސްތަކުން ދީނާ ދުރުވުމުން ފަގުޑި އެޅުމުގެ މި ލިބާސް މީސްތަކުން އިންކާރު ކުރަނީ އެވެ. ޝެއިޚް އެވެ. މިކަމުގައި ޝެއިޚް ދެއްވާ ނަޞޭޙަތަކީ ކޮބައިތޯ އެވެ؟ ޝެއިޚްއަށް ﷲ ރައްކައުތެރިކަން ދެއްވާނދޭވެ.


ޝެއިޚް : "މިކަމުގައި އަހަރެމެންގެ ރައުޔަކީ؛ ތިޔަ ބަސްތަކުގެ މައްޗަށް ފިޤުހީގޮތުން ވަރަށް ފުންކޮށް ވިސްނާލުން ހުއްޓެވެ.
އެގޮތުން، ނަބިއްޔާ صلى الله عليه وسلم ފަގުޑިކޮޅު އެޅުއްވި އެވެ. އިޒާރު އަދި ރިދާއެއް ތުރުކުރެއްވި އެވެ. ސަބަބަކީ މީސްތަކުން އެޒަމާނުގައި އެ ލިބާސް ބޭނުން ކުރުމުގައިވި އެވެ.

އެފޭރާމެއް ބޭނުން ކުރުމުގައި ސުންނަތް ވެގެންވާ ގޮތަކީ، މީސްތަކުން އެތަނެއްގައި ބޭނުން ކުރަމުންދާ ފޭރާމަކީ އޭގެ ޒާތުގައި ޙަރާމްވެގެންވާ ފޭރާމެއް ނޫން ކަމުގައިވާ ނަމަ، އެ ޙާލަތުގައި ސުންނަތަކީ އެތަނުގެ އަހުލުވެރިން ބޭނުންކުރާ ފޭރާމެއް ބޭނުން ކުރުމެވެ.

އޮޅުންފިލައިފި ހެއްޔެވެ؟ އެހެނަސް މީސްތަކުންގެ ތެރޭގައި ހުއްދަވެގެން ނުވާގޮތުގައި ފޭރާން ލުން، މިޘާލަކަށް ތަނބިކަށްޓަށް ވުރެ ތިރީގައި ފޭރާން ބެހެއްޓުން ނުވަތަ މީސްތަކުން ފަށުވި ފޭރާން ފިރިހެނުން ލުމުގައި ޢާދަވެފައިވާ ތަނެއްގައި ވުމުން، ފަހެ މިޙާލުގައި ބަޔާންވެގެންވާ ގޮތުން މީސްތަކުން ޤާއިމްވެތިބި ގޮތަށް ތަބަޢަވުން ހުއްދައެއް ނުވާނެ އެވެ.


އެހެނަސް މީސްތަކުން ހުއްދަވެގެންވާ ފޭރާމެއް ބޭނުންކުރުމުގައިވެ އަދި ޢާދަކާދައިގެ ގޮތުގައި އެ ފޭރާމެއް ބޭނުން ކުރާ ނަމަ، އެ ހިނދުގައި ސުންނަތަކީ މީސްތަކުން އެ ބޭނުން ކުރަމުންދާ ފޭރާމެއް ބޭނުން ކުރުމެވެ. ސަބަބަކީ ތިބާ އެމީހުންގެ އެ ފޭރާމާ ޚިލާފްވެ ވަކިވެއްޖެ ހިނދުގައި، ތިބާވާނީ ޝުހުރާ (މީސްތަކުންގެ ތެރޭގައި ތަފާތު މީހެއްގެ ގޮތުގައިވެ، މަޝްހޫރުކަން ހޯދައިގަތުމަށް) ޙާލަތުގަ އެވެ.


ރަސޫލާ صلى الله عليه وسلم ފަގުޑި އެޅުމަށް އަމުރުފުޅުކުރެއްވި ކަމަށް އެއްވެސް އިންސާނަކަށް ދަލީލެއް ނުގެނެވޭނެ އެވެ. އެކަމަށް އަމުރުފުޅު ކުރެއްވި ނަމަ އަހަރެމެންނަށް އެނގިގެންދަނީ އެއީ ސުންނަތެއްގެ ގޮތުގައިވާނެ ކަމެވެ. އެއީ އަޅުކަމެއްގެ ގޮތުގައި ކުރެވޭ ޢަމަލެއްގެ ގޮތުގައި ވާނެ އެވެ. ސަބަބަކީ، ނަބިއްޔާ صلى الله عليه وسلم އަމުރުފުޅު ކުރެއްވި ކޮންމެ ކަމަކީ އަޅުކަމެއްގެ ގޮތުގައި ކުރެވޭ ކަމެއްގެ ގޮތުގައިވެ އެވެ. އެހެން ދަލީލަކުން އެއީ މުބާހު ކަމެއްގެ ގޮތުގައި ދަލީލު ބަޔާންވުމަށް ދާންދެނެވެ. އެހެނަސް ފަގުޑި އެޅުމަށް ރަސޫލާ صلى الله عليه وسلم އަމުރުފުޅު ކުރައްވާފައިވާ އެއްވެސް ޙަދީޘެއް (އެންމެ ޙަދީޘެއް) ވެސް ނެތެވެ. ރަސޫލާ صلى الله عليه وسلم ފަގުޑި އެޅުއްވި އެވެ. އެއީ މިސްތަކުންގެ ޢަމަލަކީ އެދުވަސްތަކުގައި ފަގުޑި އެޅުން ކަމުގައިވާތީ އެވެ.


ތިޔަ ޛިކުރުކޮށްދިން އަޚުން ކައިރީގައި ބުނާށެވެ. އެހެން ކަމުގައިވާނަމަ އިޒާރެއް (ތިރިން އަންނަ ފޮށަ އެއް) އަދި ރިދާއެއް (ހަށިގަނޑު ނިވާކުރުމަށް ކޮނޑުމަތީގައި އަޅާ ފޮށައެއް) ލާށެވެ. ސަބަބަކީ ރަސޫލާ صلى الله عليه وسلم އިޒާރެއް އަދި ރިދާއެއް ތުރުކުރެއްވުމުގައިވި އެވެ. އަދި ޤަމީސް ބައެއްފަހަރު ތުރުކުރައްވަ އެވެ.
އަޚުންނަށް އަހަރެން ބުނަމެވެ. ކުރީގައި އަހަރެން ބަޔާންކުރި ފަދައިން، ތިޔަކުދިންގެ ތިޔަ ޢަމަލަކީ ޝުހުރަތުގެ (މީސްތަކުންގެ ތެރޭގައި ތަފާތު މީހެއްގެ ގޮތުގައިވެ، މަޝްހޫރުކަން ހޯދައިގަތުމުގެ) ގެ ޢަމަލެކެވެ. އަދި ޚާއްޞަ ގޮތެއްގައި އެކިއެކި މުނާސަބާތް ތަކުގައި ތިގޮތުގައި ޢަމަލު ކުރާނަމަ އެވެ.


ތިޔަ ޢަމަލު ކުރާމީހާ މީސްތަކުންގެ ކައިރީގައި ބުނާ ފަދަ އެވެ. ކަލޭމެން އަހަރެންނާ ދިމާލަށް ބެލުން ހުއްޓެވެ. ފަހެ، އަހަރެންނަކީ ސުންނަތުގެ އަހުލުވެރިޔާ އެވެ. އަހަރެންގެ މި ލިބާހުގައި ނެތް މީހަކީ ސުންނަތުގައި ހުރި މީހެއް ނޫނެވެ. ތިޔަ ޢަމަލުން ބަޔާންވެގެންދަނީ މިފަދައިންނެވެ. އަނގައިން މިފަދައިން ނުބުނި ކަމުގައިވި ނަމަވެސް (އެ ކުދިންގެ) ޢަމަލުން ދައްކުވައިދެނީ މިފަދައިންނެވެ.


ފަހެ، އެމީހުންނަށް އަހަރެންދޭ ނަޞޭޙަތަކީ، މީސްތަކުން ފޭރާމެއްގެ ގޮތުގައި ބޭނުންކުރާ ފޭރާން ބޭނުންކޮށް އެފޭރާން ލުމުގައި ވުމަށެވެ.
ފަހެ، މި ތިއްބެވީ އަހަރުމެންގެ ޢިލްމުވެރިންނެވެ. ދުނިޔެ ދޫކުރައްވާފައިވާ ޢިލްމުވެރިންނާއި، ދުނިޔެމަތީގައި ތިއްބެވި ޢިލްމުވެރިންނެވެ. މިފަދައިން އެ ޢިލްމުވެރިން ޢަމަލު ކުރައްވާ ތަނެއް އަހަރެމެން ނުދެކެމެވެ. އެ ޢިލްމުވެރިންނަކީ މީސްތަކުންގެ ތެރޭގައި ޞާލިޙް، ތަޤްވާވެރިކަމުގައި، ޢިލްމުވެރި ކަމުގައި  އަދި ސުންނަތުގައި ދެމިހުންނެވުމަށް ނުހަނު ގަދައަޅުއްވާ މަސައްކަތްޕުޅު ކުރައްވާ ބޭކަލުންގެ ގޮތުގައިވެ އެވެ. ތިޔަ ޒުވާން ކުދިންނަށްވުރެ އެއްވެސް ޝައްކެތްނުވާ ގޮތުގައި ފިޤުހުވެރިވެވަޑައިގަންނަވާނެ އެވެ. އާނއެކެވެ.


އެ ޒުވާން ކުދިންނަށް ބަޔާންކޮށްދޭށެވެ. އެކުދިން ސުންނަތުގައި ޤާއިމްވެ ދެމިތިބުމަށް ހުރި ޝައުޤުވެރިކަމަށްޓަކައި އެކުދިންނަށް އަހަރެމެން ޝުރުކުވެރި ވަމެވެ. އެހެނަސް އެކުދިން ސުންނަތާ މެދުގައި ވަރަށްވެސް ފުންކޮށް ވިސްނުމަށް އަހަރެމެން އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި އެކުދިންނަށް ބަޔާންކުރަމެވެ. އަދި ޝަރީޢަތް ބޭނުންވަނީ ކޮންގޮތެއްތޯ އެނގިގަތުން ހުއްޓެވެ. އެއީ މީސްތަކުން އެކަތި ގަނޑެއްގެ ގޮތުގައި ތިބުމާއި އެކައްޗެއްގެ މައްޗަށް އިއްތިފާޤު ވެގެންވާ ބައެއްގެ ގޮތުގައި ދެމިތިބުމެވެ. އަދި އެބައިމީހުންގެ މެދުގައި ދެބަސްވުމާއި ޚިލާފުން ދުރުވެ ދެމިތިބުމެވެ. އެއީ ބޭރުފުށުން ފެންނަ ގޮތް ކަމުގައިވީނަމަވެސްމެ އެވެ. އެގޮތުން ނަބިއްޔާ صلى الله عليه وسلم ޝުހުރަތް ގެ ދެވައްތަރުގެ ފޭރާމެއް ނަހީ ކުރެއްވި އެވެ. ފަޚުރުވެރިވެފޭ ފަދަ ގޮތުގައި ލެވޭ ފޭރާމާއި އެ ހެދުން ދިގުކަމުގައިވެގެންވާ ފޭރާމެވެ."
****
ފަތުވާ ނަގާފައިވަނީ : http://goo.gl/cpGhbx 


އިޚްވާނުންނޭވެ!

މިއަދު އެބަޔަކު ވަކި ޙަފްލާއެއްގައި ފާޅުވާ ހިނދުގައި ބޮލުގައި ފަގުޑި އަޅާފައިވާ މީހުންގެ ގޮތުގައި އަހަރެމެންނަށް ނުފެނޭ ހެއްޔެވެ؟ ދަރުސެއް ދޭން ނުކުމެ މީސްތަކުންގެ ކުރިމައްޗަށް ފާޅުވާ ހިނދުގައި، ޙަފްލާގައި ފަގުޑީގަ އެވެ. އަދި ކަކުލާ ހަމައަށް ދިގު ނުވަތަ އެއަށްވުރެ ދިގު ގަމީހުގައި ތިބޭތަން ފެނެ އެވެ. އެހެނަސް ނަމާދަށް އަރާ ހިނދުގައި ގަޔަށް ބާރު، ސަޖިދަ ކުރުމަށް ޢުޛުރުވެރިވާނެ ޙާލުގައި ވެ އެވެ. މިއީ "ދަންނަބޭކަލުން" މީސްތަކުންގެ ކުރިމައްޗަށް ނުކުންނަ ޙާލަތާއި، ﷲ ގެ ކުރިފުޅުމައްޗަށް ނުކުންނަ ޙާލުގައިތިބޭ ގޮތެވެ. ސުވާލުގައި ބަޔާންވެދިޔަ ފަދައިން ޝެއިޚްގެ ޖަވާބު ނިޞްބަތްވެގެން ދިޔައީ މިފަދަ ޙާލުގައިވީ ބަޔަކަށެވެ. ވަކި ޙަފްލާއަކަށް ވުމުން އެފަދަ މުނާސަބާތްތަކުގައި ފަގުޑި އަަޅައި ދެމިތިބުމެވެ
.

الشَّيْخُ العلاَّمَة الإِمَام الأَلْبَانِي رحمه الله

"ހަމަކަށަވަރުން ފަގުޑި، މި މައްސަލައިގައި އެންމެ މަތީ ޙުކުމެއް  (އެންމެ ވަރުގަދަ ބަހެއް) ބުނާ ހިނދު ބުނެވޭނީ އެއީ މުސްތަޙައްބުވެގެންވާ ކަމެކެވެ. މިކަމުގެ ޞައްޙަ ގޮތަކީ، ހަމަކަށަވަރުން ފަގުޑި އެޅުމަކީ އާދަކާދައިގެ ގޮތުގައި އޮތް ކަމެކެވެ. އަޅުކަމުގެ ގޮތުގައި އޮތް ސުންނަތެއް ނޫނެވެ."
لسلسلة الضعيفة 129
****

 

الشَّيْخُ العلاَّمَة محمَّدُ بِنْ صَالِح العُثَيْمِيْن رحمه الله  

ސުވާލު : ފަގުޑި އެޅުމަކީ ސުންނަތް މުއައްކަދާ ތެރޭގައި ހިމެނިގެންވާ ކަމެއްތޯ އެވެ؟
ޖަވާބު: "ފަގުޑި އެޅުމަކީ ސުންނަތުގެ ތެރޭގައި އަދި ސުންނަތް މުއައްކަދާގެ ތެރޭގައި ހިމެނިގެންވާ ކަމެއް ނޫނެވެ. ސަބަބަކީ ނަބިއްޔާ صلى الله عليه وسلم ފަގުޑިކޮޅު އެޅުއްވީ އެ ޒަމާނުގައި މީސްތަކުން އާދާކާދައެއްގެ ގޮތުގައި ކުރިކަންތަކުގައި އެ މީސްތަކުންނަށް އެ އާދަކާދައިގައި ތަބަޢަވެވަޑައިގަތުމުގެ ގޮތުންނެވެ.
ފަހެ އެހެންވުމުން، ސުންނަތުގައި އެކަމަށް އަމުރު ކުރެވިފައިވާ އެންމެ އަކުރެއްވެސް ނުވެ އެވެ. ފަހެ، ފަގުޑިއަކީ މީސްތަކުން އާދަކާދައިގެ ގޮތުން އަޅާއެއްޗެއް ކަމުގައިވާނަމަ، އެމީހުންގެ އާދަކާދައިން ބޭރުނުވުމަށްޓަކައި އެ އަޅާނީ އެވެ. އަދި މީސްތަކުން އާދަކާދައެއްގެ ގޮތުގައި ބޭނުން ނުކުރާ ހިނދުގައި، ފަގުޑި އެޅުން ވެގެންދާނީ މަޝްހޫރުކަން ހޯދުމަށްޓަކައި ބޭނުން ކުރެވޭ ފޭރާމެއްގެ ގޮތުގަ އެވެ. އާދަކާދައިގެ ގޮތުގައި މީސްތަކުން ފަގުޑި ނާޅާ ހިނދުގައި، އެމީހުން ފަގުޑި ނާޅާނީ އެވެ. މި މައްސަލައިގެ ރާޖިޙު ގޮތަކީ މި އެވެ."
*****
ފަތުވާ : فتاوى نور على الدرب


الشَّيْخُ العلاَّمَة محمَّدُ بِنْ صَالِح العُثَيْمِيْن رحمه الله  

ސުވާލު : ފަގުޑި އެޅުމަކީ ނަބިއްޔާ صلى الله عليه وسلم އަރިއަހުން ޘާބިތުވެގެންވާ ސުންނަތެއްތޯ އެވެ؟
ޖަވާބު: "ޘާބިތުވެގެންވާ ސުންނަތެއް ނޫނެވެ. ފަގުޑި އެޅުމަކީ ސުންނަތެއް ނޫނެވެ. އެހެނަސް އެއީ ޢާދަކާދައިގެ ގޮތުގައިވާ ކަމެކެވެ. ސުންނަތުގައި ފޭރާން ލުމުގައިވަނީ، އެތަނެއްގެ މީސްތަކުން ބޭނުންކުރާ ފޭރާމެއް އެއީ އޭގެ ޒާތުގައި ޙަރާމްވެގެންވާ ފޭރާމެއް ނޫން ކަމުގައިވާނަމަ އެ ފޭރާމެއް ލުމުގައި ދެމިހުރުމެވެ. އަދި މިފަދައިން އަހަރެމެން ބުނަނީ؛ ސަބަބަކީ މީސްތަކުން ޢާދަކާދައިގެ ގޮތުން ބޭނުން ކުރާ ފޭރާމެއް ނޫން އެހެން އެއްޗެއް އޭނާ ލައިގެން ހުންނަ ހިނދުގައި އެފަދަ ހެދުން ވާނީ ޝުހުރާ (ލިބާސުއް ޝުހުރާ – އެއީ މީސްތަކުންގެ ތެރޭގައި ތަފާތު މީހެއްގެ ގޮތުގައިވުމަށް، މަޝްހޫރުކަން ހޯދައިގަތުމަށް ބޭނުން ކުރެވޭ ފޭރާން) ގެ ހެދުމަކަށެވެ. ފަހެ، ނަބިއްޔާ صلى الله عليه وسلم ޝުހުރަތް ގެ ހެދުން ލުން ނަހީ ކުރެއްވި އެވެ.


ފަހެ، އަހަރެމެން އުޅޭ ޤައުމުގެ އަހުލުވެރިންނަކީ ފަގުޑި އެޅުމުގައިވާ ބައެއްކަމުގައިވާ ހިނދުގައި، އެ ޤައުމުގައި އަހަރެމެން ފަގުޑި އަޅާނަމެވެ. އަހަރެމެން އުޅޭ ގައުމުގެ އަހުލުވެރިންނަކީ ފަގުޑި ނާޅާ ބައެއް ކަމުގައިވާނަމަ އެ ގައުމުގައި އަހަރެމެން ފަގުޑި ނާޅާނަމެވެ. އަހަރެންނަށް އެނގިފައިވާ ގޮތުގައި މުސްލިމް ދައުލަތްތައް މިއަދުގައި ނުހަނު ތަފާތެވެ. ފަހެ، ބައެއް ޤައުމު ތަކުގައި ފަގުޑި އެޅުން ގިނަވެފައިވެ އެވެ. އަނެއްބައި ޤައުމުތަކުގައި މީގެ އިދިކޮޅެވެ. ނަބިއްޔާ صلى الله عليه وسلم ފަގުޑިކޮޅު އެޅުއްވި ސަބަބަކީ އެއީ އެ ޒަމާނުގައި މީސްތަކުންގެ ތެރޭގައި އާދަކާދައިގެ ގޮތުގައި ބޭނުންކުރެވުނު ފޭރާމަކީ ފަގުޑި ކަމުގައި ވާތީ އެވެ. އެގޮތުން ނަބިއްޔާ صلى الله عليه وسلم އެކަމަށް އަމުރު ކުރައްވާފައިނުވެ އެވެ. އެހެނަސް ކިޔެއްތޯ އެވެ. ޝުހުރާ ގެ ފޭރާން ބޭނުން ކުރުން ނަހީ ކުރެއްވި އެވެ. މީގެން ޚާއްޞަ ގޮތެއްގައި ބަޔާންވެގެންދަނީ، ފޭރާން ލުމުގައި ސުންނަތަކީ އެތަނެއްގައި މީސްތަކުން ޢާންމުކޮށް ބޭނުން ކުރަމުންދާ ފޭރާމެއް ލުމުގައި ދެމިހުރުމެވެ. އެއީ ޙަރާމް ފޭރާމެއްގެ ގޮތުގައި ނުވާ ހިނދުގަ އެވެ. ފަހެ، ފަށުވި ފެރާން އެއީ ފިރިހެނުން އާދަކާދައިގެ ގޮތުގައި ބޭނުން ކުރާ ފޭރާމެއްގެ ގޮތުގައި ވެއްޖެ ހިނދުގައި، އަހަރެމެން ބުނާނީ ތިޔައީ ޙަރާމް ވެގެންވާ ފޭރާމެކެވެ. ތިޔަ ފޭރާމަކަށް އަހަރެމެން އެއްގޮތް ނުވާނަމެވެ. އަހަރެމެން ދިރިއުޅޭ ގައުމަކީ، އެ ގައުމުގައި ފިރިހެނުން ޢާދަވެފައިވަނީ ފޭރާން ތަނބިކަށްޓަށް ވުރެ ތިރީގައި ބެހެއްޓުމުގައިވުން ކަމުގައި ވާހިނދު އަހަރެމެން ބުނާނަމެވެ. ތިޔައީ ޙަރާމް ވެގެންވާ ކަމެކެވެ. ތިޔަ ކަންތަކުގައި އަހަރެމެން އެއްގޮތް ނުވާނަމެވެ."
*****

ފަތުވާ : لقاء باب المفتوح 24-160

 

ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ.
(مَن لبسَ ثوبَ شُهْرةٍ ألبسَهُ اللَّهُ يومَ القيامةِ ثَوبَ مَذلَّةٍ)
"މި ދުނިޔެމަތީގައި ޝުހުރާގެ ފޭރާން ލައިފި މީހާ، ޤިޔާމަތް ދުވަހުގައި ﷲ އޭނާ ދެރަކަމާއި ނިކަމެތިކަމުގެ ފޭރާމެއް ލައްވާނެތެވެ." صحيح ابن ماجه 2921

 

ސަޢުދީ އަރަބިއްޔާގެ ފަތުވާ ކޮމެޓީ

ސުވާލު : ފަގުޑި އެޅުމުގައި ދެކިވަޑައިގަންނަވާ ރައުޔު އަކީ ކޮބައިތޯ އެވެ.؟
ޖަވާބު: "ފަގުޑި އެޅުމަކީ އާދަކާދައިގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެއީ އަޅުކަމުގެ ތެރޭގައި ހިމެނިގެންވާ ކަމެއް ނޫނެވެ. ނަބިއްޔާ صلى الله عليه وسلم ފަގުޑި އެޅުއްވީ އެއީ ނަބިއްޔާ صلى الله عليه وسلم ގެ ޤައުމުގެ އަހުލުވެރިން އެ ޒަމާނުގައި ފޭރާމެއްގެ ގޮތުގައި ބޭނުން ކުރި އެއްޗެއްގެ ގޮތުގައި ވާތީ އެވެ. ނަބިއްޔާ صلى الله عليه وسلم ފަގުޑި އެޅުއްވިކަން ނޫން އެހެން އެއްވެސް އެއްޗެއް ފަގުޑީގެ މަތިވެރި ކަމާ މެދުގައި އައިސްފައި ނުވެ އެވެ. އެއްވެސް ޞައްޙަ ރިވާޔަތެއް ނުވެ އެވެ. އިންސާނާއަށް އޮތީ ޙަރާމް އެއްޗެއްގެ ގޮތުގައި ނުވާ ކަމުގައިވާނަމަ އޭނާގެ ޤައުމުގެ އަހުލުވެރިން ބޭނުންކުރާ ފޭރާންތަކުގެ ތެރެއިން އޭނާއަށް ފަސޭހަ ފޭރާމެއް ލުމުގައި ދެމިހުރުމެވެ. وبالله التوفيق. و صلى الله على نبينا محمد وآله وصحبه وسلم.
****
ފަތުވާ : فتاوى اللجنة الدائمة  للبحوث العلمية والإفتاء 18409.


އަޚުންނޭވެ!

ބައެއް މީހުންނަށް ފެންނަގޮތުގައި އެބައެއްގެ ތެރޭގައި އޮންނަ ކޮންމެ އާދަކާދަ ފޭރާމެއް (މިޘާލަކަށް ގަޔަށް ބާރު ފަޓުލޫނު) އެތަނުގެ އާދަކާދައެއްގެ ގޮތުގައި ބަލައިގަތުމެވެ. އެއީ ޝަރުޢީ ހަމަތަކުން ނެއްޓިފައިވާ ހުއްދަވެގެންނުވާ ޙާލަތުގައިވީ ނަމަވެސް އާދަކާދައޭ ބުނެ އެކަންބަލައިގަތުމަށް އިސްލާމްދީނުގައި ވޭ ހެއްޔެވެ؟


ހަށިގަނޑު ސިފަކުރެވޭ ގޮތަށް ހުންނަ އަދި ސަޖިދަ ޖެހުމަށްވެސް ހަމަ ބުއްދީގައިވާ މީހާ ލަދުވެތިވާ ވަރަށް ގަޔަށްބާރު ފަޓްލޫނު ލައި (އަންހެނަކު އޭނާގެ ހަށިގަނޑުގެ ވަނާތަކާއި ސިފަކުރެވޭ ފަދަ ގަޔަށް ބާރު އެއްޗެހި ލައިގެން ހުރުމެކޭ އެއްފަދަ ޙާލަތުގައި) ފިރިހެނުން ވެސް ތިބުން ހެއްޔެވެ؟


މިފަދަ ވާހަކަ ދައްކާ މީހުންގެ ދިއުޅިއެއް ނުވާކަން ބަޔާންވެގެންދަނީ، ކޮންމެ ޙާލަތެއްގައިވެސް ފިރިހެނުން އާދަކާދަ އާ އެއްގޮތަށް ހެދުން އަޅަން ބުނާއިރުގައި، އެތަނުގައިވާ އަހުލުވެރިން އަޅާހެދުން ފަދަ ހެދުމެއް އެޅުމަށް އަންހެނުންނަށް ނުބުނާ ކަމެކެވެ. އެހެނަސް ޖިލްބާލު ލުމާއި، ހަށިގަނޑަށް ދޫކޮށް، ހަށިގަނޑުގެ ވަނާތައް ފާޅުނުވާނެ ހަށިގަނޑަށް ދޫވެގެންވާ ހެދުން ލުމަށް ނަޞޭޙަތްތެރިވާ ކަމެކެވެ. ފަހެ، ފިރިހެނާއާއި އަންހެނާގެ ކަކުލާއި ފޫޅާ ދެމެދުގައިވާ ޢައުރަ ނިވާކުރަންޖެހެނީ އެއްފަދަ ވެގެންވާ ގޮތުގައި ނޫން ހެއްޔެވެ؟ ވީއިރު، މި ތަފާތު މިގެނެވެނީ ކޮން އުޞޫލަކުން ހެއްޔެވެ؟


الشَّيْخُ العلاَّمَة الإِمَام الأَلْبَانِي رحمه الله

"ފަހެ، ފަޓްލޫނުގައި ދެ މުޞީބާތެއްވެ އެވެ.
ފުރަތަމަ މުޞީބާތަކީ : އެ ފަޓްލޫނު ލައިގެން ހުންނަ މީހާ ވަނީ ކާފަރުންނާ ތަޝައްބުހުވެފަ އެވެ. ފަހެ، މުސްލިމުންނަކީ ކުރިންސުރެ ފަށައިގެން ނުހަނު ފުޅާ ކަމުގައިވާ ސަރާވީލް (ބޮޑު، ފުޅާ ހަރުވާޅެއް) ލުމުގައިވާ ބައެކެވެ. މިހާރުވެސް ސޫރިޔާގައި އަދި ލުބުނާނުގައި ބައެއް މީހުން އެ ބޭނުން ކުރެ އެވެ.


ފަހެ، އިސްތިޢުމާރަށް ފަހުގައި މެނުވީ މުސްލިމުންނަކީ އެއްވެސް ޙާލެއްގައި ފަޓްލޫނު ދަންނަބައެއްގެ ގޮތުގައިވީ ބައެއް ނޫނެވެ. އެ އިސްތިޢުމާރު ކުރި މީހުން މުސްލިމް ދައުލަތް ދޫކޮށްފައި ދިޔަ ހިނދުގައި އެމީހުންގެ މުޑުދާރު އަޘަރުތައް އެމީހުން ދޫކޮށްފައި ދިޔައެވެ. އަދި މުސްލިމުން ހައްދުފަހަނައަޅައިފައި ވުމުން އަދި ޖާހިލުކަމުން އޭގެ މަތީގައި ބިނާވެ ތިއްބެވެ.


ދެވަނަ މުޞީބާތަކީ : ހަމަކަށަވަރުން އެ ފަޓްލޫނަކީ ޢައުރަ ސިފަކޮށް ބައްޓަންކޮށްދޭ އެއްޗެކެވެ. ފިރިހެނާގެ ޢައުރައަކީ އޭނާގެ ފޫޅާއި ކަކުލާ ދެމެދެވެ.
ފަހެ ނަމާދުކުރާ މީހާއަށް އެންމެ ބޮޑަށް ފަރުޟުވެގެންވަނީ އޭނާ އެ ނަމާދުގައި ﷲ އަށް އުރެދުމުން ވީހާ ބޮޑަކަށް ދުރުވެ ހުރުމެވެ. އަދި އޭނާ ސަޖިދަކުރާ ހިނދުގަ އެވެ. ފަހެ، އޭނާގެ ފޫކޮޅުގެ ދެމަސްގަނޑު ބައްޓަންވެ ސިފަކުރެވިފައިވެ އެވެ. އަދި އެ ދެމެދުގައިވާ ބައިވެސް ބައްޓަންވެ ސިފަކުރެވިފައިވެ އެވެ.!!


ފަހެ، މި އިންސާނާ ނަމާދު ކުރަނީ ކިހިނަކުން ހެއްޔެވެ؟ އަދި ޢާލަމްތަކުގެ ވެރި އިލާހުގެ ކުރިފުޅުމަތީގައި މީނާ ހުންނަނީ ފަހެ ކޮންފަދައަކުން ހެއްޔެވެ؟
އަދި އެންމެ ބޮޑުވެގެންވާ ޢަޖައިބަކީ (ޙައިރާންވާ ކަމަކީ) : ވަރަށްވެސް ގިނަ މުސްލިމް ޒުވާނުން، އަންހެނުން ހަށިގަނޑަށް ބާރު ހެދުން ލުމަށް އިންކާރުކުރެ އެވެ. ސަބަބަކީ އެ އަންހެނުންގެ ހަށިގަނޑު ސިފަކުރެވޭތީ އެވެ. ނަމަވެސް، މިފަދަ ޒުވާން ފިރިހެނާ ވަނީ އޭނާގެ ނަފްސުގެ މަތިން ހަނދާން ނައްތާލާފަ އެވެ. ހަމަކަށަވަރުން އޭނާވަނީ އޭނާ އިންކާރުކުރާ ކަންތަކުގެ ތެރެއަށް ވެއްޓިފަ އެވެ. އޭނާގެ ހަށިގަނޑު ސިފަވެގެންވާ ގޮތަށް ހަށިގަނޑަށް ބާރު ފޭރާން ލައިގެން ހުންނަ އަންހެނާއާއި ފަޓުލޫނު ލައިގެން އޭނާގެ ފޫކޮޅުގެ ދެމަސްގަނޑު ސިފަކުރެވޭ ގޮތުގައިވާ ޒުވާން ފިރިހެނާއާ ދެމެދުގައި އެއްވެސް ފަރަޤެއް ނެތެވެ. ފަހެ، ފިރިހެނަކަސް އަދި އަންހެނަކަސް ފޫކޮޅުގެ މަސްގަނޑު ހަމަކަށަވަރުން ޢައުރައިގެ ގޮތުގައިވެ އެވެ. ދެމީހުންވެސް ހަމަހަމަ އެވެ. ﷲ އިރާދަފުޅު ކުރެއްވި ފަރާތެއް މެނުވީ މި ޢާންމުވެފައިވާ މުޞީބާތަށް ސަމާލުކަމެއް ނުދެ އެވެ. ފަހެ، ޒުވާން ފިރިހެނުން މިކަމަށް ސަމާލުވުން ވާޖިބުވެގެންވެ އެވެ. މިކަމަށް މަދު މީހަކު މެނުވީ ފަރުވާލެއް ނުބަހައްޓަ އެވެ."
*****

القول المبين في أخطاء المصلين 20-21

 

އަޚުންނޭވެ!

ﷲ ގެ ދީނަށް ލޯބިކުރާ މުސްލިމް އަޚާއެވެ. ފަޓްލޫނާ އޭގެ ޙަޤީޤަތަކީ މި އެވެ. މިއީ މުޞީބާތެއް ކަމާއި އެ މުޞީބާތް ނަމާދުގެ ތެރެއަށް ވަދެފައިވާ ގޮތަކީ މި އެވެ. އަންހެނާގެ ފޫކޮޅުގެ މަސްގަނޑު ތިބާ ފަޓްލޫނެއް ލައިގެން ސަޖިދައިގައި އޮންނައިރު ފެންނަ ގޮތަށް އަންހެނާގެ އެ ހިސާބުގެ ޢައުރަ ފެންނަ ހިނދުގައި ތިބާ އަމިއްލަ ނަފްސަށް ސުވާލުކޮށްލުން ހުއްޓެވެ؟ އަންހެނާގެ ޢައުރައާއި ތިމާގެ ޢައުރައާ ހުރި ތަފާތަކީ ކޮބައި ހެއްޔެވެ؟
މިތަނުގައި މުހިއްމުވަނީ، ޢައުރައިގެ ސިފަގެއްލުވުމާއި ބައްޓަން ގެއްލުވާލެވޭ ފުޅާ ހެދުމެއް ލައިގެން ހުރުމެވެ. ޝަރީޢަތާއި ޚިލާފް އެއްވެސް އަޚުލާޤަކީ ޝަރުޢީގޮތުން ޤަބޫލުކުރެވޭނެ އަޚުލާޤެއްް ނޫނެވެ. އަދި ޝަރީޢަތާއި ޚިލާފް އާދަކާދައަކީ ކޮންމެ ތަނެއްގައި ކޮންމެ ހިސާބެއްގައިވީ ނަމަވެސް ޢަމަލު ކުރެވޭނެ އާދަކާދައެއް ނޫނެވެ.
ފަޓުލޫނު ލައިގެން ބައްޓަން ކުރެވިފައިވާ ފަލަމަސްގަނޑު އަދި ފޫކޮޅުގެ ދެ މަސްގަނޑުގެ ސިފަ ގެއްލުވުމަށް އެކަށީގެންވާ ގޮތާ މެދުގައި الإمام العلامة عبد العزيز بن باز رحمه الله ވިދާޅުވެފައިވެ އެވެ.
*****


ކަކުލާ ހިސާބަށް ނުވަތަ ފައިގެ މެދާ ހަމައަށް ދިގު ގަމީހެއް، ކުރުތާއެއް ނުލައި ބާރު ފަޓުލޫނެއްގައި ނަމާދު ކުރުން
الشَّيْخُ العلاَّمَة الإِمَام ابن باز  رحمه الله  

"ފަހެ، ފަޓްލޫނު –ސިރުވާލު- އަކީ ފިރިހެނާ، އޭނާގެ ފޫޅާއި ކަކުލާ ދެމެދުގައިވާ ބައި ނިވާކުރާ އެއްޗެއް ކަމުގައިވެ، އަދި ހަށިގަނޑަށް ބާރު ނޫން ފުޅާ އެއްޗެއްގެ ގޮތުގައި ވެއްޖެ ހިނދުގައި، ނަމާދު ޞައްޙަވާނެ އެވެ. އަދި ހެޔޮވެގެންވާ ގޮތަކީ އެ ފަޓްލޫނުގެ މަތިން ފޫޅާއި ކަކުލާ ދެމެދު ނިވާކުރާނެ ގަމީހެއް ބޭނުން ކުރުމެވެ. އެގޮތުން ގަމީސް އޭނާގެ ފައިގެ މެދާ ހަމައަށް ނުވަތަ ތަނބިކައްޓާ ކައިރިއަށް ފައިބައިފައިވާ ގަމީހެއްގެ ގޮތުގައިވުމެވެ. ސަބަބަކީ މިއީ ނިވާކުރުމުގައި އެންމެ ފުރިހަމަ ގޮތެވެ.
ސިރުވާލު –ފަޓްލޫނު- ލައިގެން އޭގެ މަތިން ލާނެ ކުރުތާއެއް (ގަމީހެއް) ނެތް ހިނދުގައި، ނަމާދު ކުރުމަށް ހެޔޮކަން ބޮޑުވެގެންވަނީ މުންޑު –އިޒާރު- ލައިގެންނެވެ. ސަބަބަކީ، މުންޑަކީ –އިޒާރަކީ- ނިވާކުރުމުގައި ފަޓްލޫނު –ސިރުވާލު- އަށްވުރެ ފުރިހަމަަވެގެންވާ އެއްޗެއްގެ ގޮތުގައި ވާތީ އެވެ."  
ފަތުވާ : مجموع فتاوى ابن باز  10-414.
*****


މިއަދު ތިމާގެ އަމިއްލަ އެދުމަށް، އަމިއްލަ ވިސްނުމާއި ހަވާނަފްސަށް ލެނބިފައިވާ ކަމުގެ އެއް ޢަލާމާތަކީ، އެތަނެއްގެ އާދަކާދައެއް ކަމުގައި ފަޓުލޫނާއި ގަމީސްލާފައި ހުރުން އެއީ އެ ގޮތުގައި މުސްލިމް އަޅުތަކުން ތަބަޢަވާންޖެހޭނެ ކަމެއްގެ ގޮތުގައި ޢިލްމުވެރިން ބަޔާންކުރައްވާފައި ނުވާ ހިނދުގައި، މިއަދު މިއުޅޭ "ދަންނަބޭކަލުންނަށް" ގަމީސް، ފަޓުލޫނު ލައި، ތިމާގެ ޢައުރަ ގުނަވަން ބައްޓަންވެ، ސިފަކުރެވިފައި ވުމަކީ އެއީ ދީނުގައިވާ އަމުރުފުޅަށް ތަބަޢަވެގެން ހުރުން ކަމަށް ދެކުމެވެ. އަދި ޢިލްމުވެރިންގެ ބަސްތަކަށް ރިޢާޔަތްކޮށް ދިގުކޮށް ގަމީސް ލުމާއި، ޢައުރު ގުނަވަން ނިވާވާނެ ގޮތުގައި ފޭރާން އެޅުމަކީ އެއީ ޝުހުރަތުގެ ފޭރާން ލުން ކަމަށް އެބައިމީހުންނަށް ފެނުމެވެ. މި މީސްތަކުން ޙުކުމް ކޮށްފައިމިވަނީ ކޮންފަދަ އިންސާފަކުން ބާވަ އެވެ.


 އާނއެކެވެ. ލަނދުވެތިކަން ފިލައިގެން ދިއުމުން ތިމާގެ ޢައުރަ ބައްޓަންވެ، ހަށިގަނޑުގެ ޢައުރަ ސިފަވުމަކީވެސް ލަދުވެތިވާންޖެހޭ ކަމެއްގެ ގޮތުގައި ނުވެ އެވެ.
އިޚްވާނުންނޭވެ. ވިސްނާލުން ހުއްޓެވެ! މި އުއްމަތުގެ ސަލަފުއް ޞާލިޙުން ނަމާދު ކުރުމުގައި ހަށިގަނޑުގެ ވަނާތަކާއި ޢައުރަ ގުނަވަންތަކުގެ ބައްޓަން ނިވާކުރުމަށް ސަމާލުވެފައިވާ މިންވަރު އަންނަނިވި ބަސްފުޅުން ދޭހަވެ އެވެ.


ގައި الإمام ابن حجر މި ރިވާޔަތް أشهب އަރިހުން ރިވާކޮށްފައިވެ އެވެ. ރިވާޔަތުގައިވަނީ "ސިރުވާލު (ހަރުވާޅުފަދަ ދޫކޮށް ހުންނަ އެއްޗެއް) އޭނާއަށް އެއަށްވުރެ ފުޅާކޮށް އޮތް ފޭރާމެއް ލައިގެން ނަމާދުކުރަން ކުޅަދާނަކަން ލިބިގެންވާ މީހަކު ސިރުވާލުގައި ނަމާދު ކުރުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟ ޖަވާބުގައި ބަޔާންކޮށްފައިވެ އެވެ. އޭނާ، އޭނާގެ ނަމާދު ވަޤުތުގައި އަލުން އިޢާދަ ކުރުން ހުއްޓެވެ. އެ ސިރުވާލަކީ ފުޅާވެގެންވާ އެއްޗެއް ކަމުގައި ނުވާނަމަ އެވެ. އަދި ބައެއް ޙަނަފީ އިމާމުން އެއީ މަކްރޫހަވެގެންވާ އެއްޗެއް ކަމުގައި ބަޔާންކޮށްފައިވެ އެވެ." فتح الباري 1-476


މިއީ ނުހަނު ފުޅާ ކަމުގައިވާ ސިރުވާލުގައި ނަމާދުކުރި މީހާ މެދުގަ އެވެ. ފަހެ، ހަށިގަނޑަށް ބާރުވެ، ފަލަމަސްގަނޑާއި ފަޓްލޫނާއި ދެމެދުގައި ވައި ނުހިގާ ފަދައިން ހަށިގަނޑަށް ބާރުކޮށް، ވަނާތައް ފާޅުވެފައިވާ ފަޓްލޫނެއް ލައިގެން ޢައުރަ ސިފަވެގެންވާ ގޮތުގައި ނަމާދުކޮށްފި މީހާގެ ޙާލަތުވާނީ މި އުއްމަތުގެ ސަލަފުންގެ އަރިހުގައި ކޮންފަދައަކުން ތޯ އެވެ؟


ތިމާގެ އަމިއްލަ ނަފްސަށް ހެޔޮއެދޭ އަހުލުވެރިން ކަމުގައިވާނަމަ މިކަމުގެ މައްޗަށް ވިސްނާލުން ހުއްޓެވެ.
އަޚާއެވެ! އަމިއްލަ ނަފްސަށް ސަމާލުވުންހުއްޓެވެ. މިއީ ތިބާ އެދުވަހަކުން ޘަވާބާއި ދަރުމަ ހޯދުމަށްޓަކައި ކުރާ ނަމާދަކަށްވީ އިރު، ތިބާގެ މި ހެޔޮވެގެންވާ ޢަމަލަކީ ﷲ އަށް އުރެދިގެންވާ ގޮތުގައި، ހެޔޮކަންތަކާއި ދަރުމައިން އުނިވެގެންވާ ޢަމަލެއްގެ ގޮތުގައި ނަހަދާށެވެ.


ދުޢާއަކީ ﷲ އަހަރެމެންނަށް ޤުރުއާނާއި ސުންނަތް އަދި އުއްމަތުގެ ސަލަފުއްޞާލިޙުންގެ މަންހަޖަށް މަގުދައްކައި މި އުއްމަތަށް ދޫކޮށްފައިވާ އަދި މިހާރު ދުނިޔެމަތީގައިވާ ސުންނީ ސަލަފީ ޢިލްމުވެރިންގެ ބަސްތަކުގެ މަތީގައި މަރުހިއްޕެވިގެން ދިއުމަށްދާންދެން ޤާއިމްވެ ދެމި ތިއްބެވުމުގެ ތަޥްފީޤު ދެއްވުމެވެ.

والحمد لله رب العالمين

 

ފޭރާމުގެ ހުކުމްތައް: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

ފިރިހެން ކުދިން އަތުގައި ރޮދިން ވިޔެފައި ހުންނަ ފަށް އެޅުން - الإمام العلامة الشيخ صالح الفوزان حفظه الله | 27 އޭޕްރީލް 2020

އަންހެނުންގެ ޢަބާއަ ކަޅު ކުލައިގައި ވުން ލާޒިމްވެގެންވޭތޯ އެވެ؟ - الشَّيْخ أ.د. عَبْدُ اللهِ بِنْ عَبْدُ الرَّحِيْم البُخَارِي حفظه الله | 15 ޖެނުއަރީ 2017

އަންހެނުން އަތްކުރު ހެދުން ލުމާއި، ޖީންސު ލުމާއި، ޓައީ އެޅުން - العَلَّامة الشيخُ صالح الفوزان حفظه الله | 10 ނޮވެމްބަރ 2016

ޓައީ އެޅުން ޢާންމު ވެފައިވާ މުޖުތަމަޢުއެއްގައި ޓައީ އެޅުމުގެ ޙުކުމް - العلامة المحدث الشيخ عَبْدُ المُحسِن العَبَّاد حفظه الله | 07 ނޮވެމްބަރ 2016

ޤުރެޖުއޭޝަން އަދި ޙަފްލާތުގައި ލުމަށް ޙާއްޞަ ކުރެވިފައި ހުންނަ ހެދުން - الشيخُ العلاَّمة صَالح الفَوزَان حفظه الله | 21 އޮކްޓޯބަރ 2016

އަންހެނުން އަތްކުރު ހެދުން ލުމާއި، ޖީންސު ލުމާއި، ޓައީ އެޅުން - الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله | 03 އޭޕްރީލް 2016

ޒީނަތްތެރިކަން ފާޅުކުރުމާއި އޭގެ ނުރައްކައުތެރިކަން - سماحة الشَّيخُ عَبْدُ العَزِيز بن بَاز رحمه الله | 20 ސެޕްޓެމްބަރ 2015

ފިރިހެނުން ބޯ ހާމަކޮށް ބެހެއްޓުން - الإِمَامُ العَلاَّمَة رَبِيْعُ بِنْ هَادِيْ المَدْخَلِي حفظه الله | 04 ސެޕްޓެމްބަރ 2015

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...