5 އަލަށް އުފަންވާ އަންހެން އަދި ފިރިހެން ކުދިން، 7 ވަނަ ދުވަހުގައި ބޯ ބޭލުން - فَضِيْلَة الشَّيْخ د. مُحَمَّدُ عَلِي فَرْكُوْس حفظه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

އަޤީޤާ އަދި އަލަށް އުފަންވާ ކުދިން العقيقة وأحكام المولود

އަލަށް އުފަންވާ އަންހެން އަދި ފިރިހެން ކުދިން، 7 ވަނަ ދުވަހުގައި ބޯ ބޭލުން - فَضِيْلَة الشَّيْخ د. مُحَمَّدُ عَلِي فَرْكُوْس حفظه الله

ލިޔެ ތައްޔާރުކުރީ: المَكْتَبَة السَّلَفِيَّة المَالدِيْفِيَّة. ކެޓަގަރީ އަޤީޤާ އަދި އަލަށް އުފަންވާ ކުދިން العقيقة وأحكام المولود

ސުވާލު: އަލަށް އުފަންވާ ފިރިހެން ކުދިންނާއި އަދި އަންްހެންކުދިން، އުފަންވާތާ 7 ވަނަ ދުވަހު އެކުދިންގެ ބޯ ބޭލުމުގެ ޙުކުމަކީ ކޮބައިތޯ އެވެ. ނުވަތަ އެއީ އަންހެން ކުދިން ހިމެނިފައިނުވާ، ފިރިހެން ކުދިންނަށް ޚާއްޞަ ވެގެންވާ ޙުކުމެއްތޯ އެވެ.


ޖަވާބު: އަލަށް އުފަންވާ ދަރިންގެ ބޯބޭލުމަށް އަމުރު ކުރެވިފައިވާ ޙަދީޘްތަކަށް ބަލާއިރު އޭގެ ޟާހިރު މާނައިން ބަޔާންވަނީ، އަންހެން ދަރިންނާއި ފިރިހެން ދަރިން ޝާމިލުވެގެންވާކަމެކެވެ. މިކަމުގައި ތަފާތެއ ްނެތްކަމެވެ. އެއްވެސް ތަފާތެއް ނުވާކަމެވެ.  ސަބަބަކީ އުފަންވާ ދަރިންގެ މާނައީ ޢާއްމު މާނައެއް ކަމުގައިވުމެވެ. ފަހެ، ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެ އެވެ. (النِّساء شقائق الرجال) "އަންހެނުންނަކީ ފިރިހެނުންގެ އެއްބަޑު އެއްބަފާ ބައެކެވެ. –އެބަހީ : ޝަރީޢަތުގައި އިސްތިސްނާ ކުރެވިފައިވާ ކަންތައްތައް ފިޔަވައި، އެހެން ހުރިހައި ކަމެއްގައި އަންހެނުންނާއި ފިރިހެނުން ޙުކުމުގައި އެއްފަދަވެގެންވެ އެވެ.-"

 

ފަހެ، ފިރިހެނުންނަށް ޘާބިތުވެގެންވާ އެންމެހައި ކަންތައްތަކެއް އަންހެނުންނަށް ވެސް ޘާބިތުވެގެންވެ އެވެ. އަދި ޚާއްޞަކޮށް އެ ލަފްޟަކީ ޢާންމު ލަފްޟެއް ކަމުގައިވާނަމަ، ދެ ޖިންސުވެސް އޭގައި ޝާމިލްވެގެންވެ އެވެ. ޢާންމު ލަފްޟެއްގައި ވާރިދުވެގެންވާ ހިނދުގައި އެ ޙުކުމްއިން އަންހެނުން އެއްކިބާވެގެންވާކަމަށް ޘާބިތު ކުރުމަށް ދަލީލެއް ބޭނުންވާނެ އެވެ. އަދި މިއީ ބައެއް ޙަނާބިލާއިންގެ މަޛްހަބެވެ.


އަދި މި މާނައަށް ގަދަކަން ގެނެސްދެނީ، الإمَام عَبد الرزاق ގެ مصنف ގައި ރިވާކުރައްވާ ޙަދީޘްއިންނެވެ. (ޙަދީޘްގައިވެ އެވެ.) (أن فاطمة بنت النبي صلى الله عليه وسلم كانت لا يولد لها ولد إلا أمرت بحلقِ رأسِه، وأن تتصدقَ بوزنِ شعرِه فضةً) "ހަމަކަށަވަރުން فاطمة بنت النبي صلى الله عليه وسلم ދަރިކަލެއް ރައްކައުވެވަޑައިގެންފި ހިނދުގައި، އެ ދަރިކކަލެއްގެ އިސްތަށިފުޅު ބޭލުމަށާއި އަދި އިސްތަށީގެ ބަރުދަނަށް ރިހިން ޞަދަޤާތް ކުރުމަށް އަމުރުފުޅު ނުކުރައްވާ ފަހަރެއް ނުދެއެވެ."


ބަޔާންވެގެންވާ ފަދައިން فاطمة بنت النبي صلى الله عليه وسلم އަށް ލިބިވަޑައިގެންނެވި ދަރިކަލުންގެ ތެރޭގައި : الحسن، الحُسين، أم كلثوم، زينب ހިމެނެ އެވެ.
އެކަމަކަށް ސަމާލުކަން ގެނައުމުގެ ގޮތުން ބަޔާންކުރަމެވެ. ބޯ ބޭލުމުގެ މާނައަކީ، އެކުއެކީގައި ބޯ ބޭލުމެވެ. ބޮލުން އެއްބައި ބާލައި އަނެއްބައި ދޫކޮށްލުން ހުއްދައެއް ނުވާނެ އެވެ. އެއީ ނަބިއްޔާ صلى الله عليه وسلم ޤަޒަޢު ކުރުން ނަހީކުރައްވާފައިވުމުންނެވެ. الصحيحين ގައިވެ އެވެ. ابن عمر رضي الله عنهما ވިދާޅުވި އެވެ. (نهى رسول الله صلى الله عليه وسلم عن القزع) "ނަބިއްޔާ صلى الله عليه وسلم ޤަޒަޢު ކުރުން ނަހީކުރެއްވި އެވެ."


ޤަޒަޢު (ޢަރަބި ބަހުގައި ނެގިފައިވަނީ) ވިލާގަނޑު ބައިބަޔަށް ބެހިގެން ދިއުމުގެ މާނައިގަ އެވެ. ޤަޒަޢު ކުރުން ވަނީ އެކި ވަތްތަރުތަކަށެވެ.

1. ބޮލުގެ ކުރިމަތި ބޭލުމަށްފަހުގައި ފުރަގަސް ދޫކޮށްފައި ބެހެއްޓުމެވެ.
2. ބޮލުގެ އަރިމަތި ބޭލުމަށްފަހުގައި މެދު ދޫކޮށްފައި ބެހެއްޓުމެވެ. މިއީ ތަންދޮރު ފިލާފައިނުވާ، މޮޔަ، ހަމަނުޖެހޭ މީހުންގެ ޢަމަލެކެވެ.
3. ބޮލުގެ މެދު ބޭލުމަށްފަހުގައި އަރިމަތިތައް ދޫކޮށްލާފައި ބެހެއްޓުމެވެ. މިއީ ނަޞާރާ ފައްޅިތަކުގެ ޚާދިމުން ޢަމަލު ކުރާ ފަދައިންނެވެ.
4. ބޮލުގެ އެކިއެކި ތަންތަން ބޭލުމެވެ.


ޤަޒަޢު ކުރުން ނަހީކުރެވިފައިވާ ޢާއްމު މާނައިގެ ތެރެއަށް މި އެންމެހައި ސިފަތަކެއް ވަންނާނެ އެވެ. ފަހެ އެހެންވުމުން ބޯ ބާލާ ކަމުގައިވާނަމަ، އެކުއެކީގައި ބޯ ބާލަން ޖެހޭނެ އެވެ. ބައެއް ތަންތައް ދޫކޮށް އަނެއްބައި ތަންތަން ބާލައިގެން ނުވާނެ އެވެ.  

****

ފަތުވާ ނަގާފައިވަނީ : 40 سؤالا في أحكام المولود ص 29-30

Like what you see?

Close

Hit the buttons below to follow us, you won't regret it...