އަންހެން ދަރިން ކައިވެނި ކޮށްދޭންވީ ކޮން ފިރިހެނަކާތޯ؟ - الشَّيْخُ مُحمَّدُ غَالِب العُمَرِي حفظه الله
ތަރުޖަމާކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله
(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީން އިން ޑިގްރީ ހާޞިލްކޮށްފައި
الشَّيْخُ مُحمَّدُ غَالِب العُمَرِي حفظه الله
އަންހެން ދަރިން ކައިވެނި ކޮށްދޭންވީ ކޮން ފިރިހެނަކާތޯ؟
ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެ އެވެ. (إذا جاءكم من ترضون دينه وخلقه فزوجوه؛ إلا تفعلوا تكن فتنة في الأرض، وفساد عريض) "އެމީހެއްގެ ދީންވެރިކަމާއި އަދި އަޚްލާޤާމެދު ރުހޭ މީހަކު ތިޔަބައިމީހުންގެ އަންހެން ދަރިއާ ކައިވެރިކުރަން އައިސްފި ހިނދުގައި އޭނާއާ ކައިވެނިކޮށްދޭށެވެ. ތިޔަބައިމީހުން އެގޮތަށް ޢަމަލު ނުކޮށްފި ހިނދުގައި، ބިންމަތީގައި ފިތުނަވެރިކަމެއް އަދި ބޮޑުވެގެންވާ ފަސާދައެއް ހިނގައިގެން ދާނެ އެވެ."
މި ޙަދީޘްއިން ބަޔާންވެ ފަހުމްވަނީ، ވަރަށްގިނަ މީސްތަކުން އެބައިމީހުންގެ ބެލެނެވެރި ކަމުގެ ދަށުގައިވާ އަންހެން ދަރިން ކައިވެނި ކޮށްދިނުމުގެ ގޮތުން އެބައިމީހުން ރިޢާޔަތް ކުރާ ގިނަ ބަސްތަކީ މި ޙަދީޘްގައިވާ ދީންވެރިކަމާއި އަދި އަޚްލާޤަށް ނުބަލައިފިނަމަ އެއީ އެއްވެސް ފައިދާއެއް ކުރާނެ އެއްޗެއް ނޫން ކަމެވެ. އަދި އެގޮތަށް ޢަމަލުކޮށްފި ނަމަ (ދީންވެރިކަމާއި، އަޚްލާޤަށް) އެއީ މިހާރު އަދި މުސްތަޤްބަލްގައި ގެއްލުން ލިބޭނެ ކަންތައްތަކެއް ކަމުގަ އެވެ.
މިކަމުގައި އެންމެ ބޮޑުވެގެންވާ އެއް ކަމަކީ، އަންހެން ކުއްޖާ އޭނާގެ ގާތް ތިމާގެ މީހުންގެ ކުރިމަތީގައި އަދި ރަޙްމަތްތެރިންގެ ކުރިމަތީގައި ރީތި ސޫރަ އާއި ޒީނަތްތެރި ވުމުގައި އިންތިހާއަށް ފަރުވާތެރިވާ އެކަމަށް ނުހަނު ބުރަ އުފުލާ ކަމެވެ. އެހެނަސް އެ އަންހެނާއާ ކައިވެނި ކުރުމަށް ފިރިހެނަކު ބޭނުންވެއްޖެ ހިނދުގައި އެއްވެސް ގޮތަކަށް އެ ފިރިހެނާ ދީނުގައި ޤާއިމްވެގެންވާ ގޮތެއް އަދި އަޚްލާޤަށް ބެލުމެއް ނުވާކަމެވެ.
އަދި އެ އަންހެނުންގެ ތެރޭގައި (ފިރިހެން މީހާއަށް) ދެވިފައިވާ ލަޤަބްތަކަށް ބަލައި (އެ ވަރުން ފުއްދާލާ) އަންހެނުންވެ އެވެ. ޙަޤީޤަތުގައި ޙާލަތަކީ ކޮބައި ކަމެއް ބެލުމެއް ނޯވެ އެވެ.
އަދި ބައެއް އަންހެނުން ބަލަނީ މާއްދީގޮތުން ހުރި ފެންވަރެ އެވެ. އަދި މާއްދިއްޔަތަށް ބަލާލުމަށްފަހުގައި އެއަށް ޙަޔާތުގެ ބާއްޖަވެރިކަން ވަނީ ނިސްބަތްކޮށްފަ އެވެ.
އަހަރެމެން މި އުއްމަތުގެ ސަލަފުއް ޞާލިޙުންނަށް ބަލައިފި ކަމުގައިވާނަމަ، އެބައިމީހުން ނުހަނު ފުރިހަމައަށް މި ޙަދީޘްއަށް ޢަމަލުކޮށްފައިވާ ކަމުގައި، އަދި ޢަމަލުކޮށްފައިވާ ކަމުގައި ފެންނަން އެބަ އޮތެވެ.
الحسن البصري رحمه الله އަރިހުގައި ދެންނެވުނެވެ. "ބައިވަރު މީހުން އަހަރެންގެ އަންހެން ދަރިއާ ކައިވެނި ކުރުމަށް އެދެފި އެވެ. އެބައިމީހުންގެ ތެރެއިން އަހަރެންގެ ދަރި ކައިވެނިކޮށްދޭންވީ ކޮންފަރާތަކާ ހެއްޔެވެ؟"
ވިދާޅުވި އެވެ. "އެބައިމީހުންގެ ތެރެއިން ﷲ އަށް އެންމެ ތަޤްވާވެރި ފަރާތެވެ. އޭނާ ލޯބިވާ ހިނދުގައި އަނބިމީހާއަށް ހެޔޮކޮށް ހިތާނެ އެވެ. އަދި އޭނާ ރުޅި އަންނަ ހިނދުގައި އަނބިމީހާއަށް އަނިޔާވެރިއެއް ނުވާނެ އެވެ."
الإمام أحمد رحمه الله އަރިހުގައި ދެންނެވުނެވެ. "ފަޤީރު ވަރަޢުވެރި ފިރިހެނަކު އަންހެނަކާއި ކައިވެނި ކުރުމަށް ހުށަހެޅީ އެވެ. އަދި މުއްސަދި ތަނަވަސް އެހެނަސް ވަރަޢުވެރި ނޫން މީހެކެވެ. އަންހެންދަރި ކައިވެނިކޮށްދިނުމަށް الإمام أحمد ލޯބި ކުރައްވަނީ މީގެތެރެއިން ކޮންފަރާތަކާތޯ އެވެ؟
ވިދާޅުވި އެވެ. "ފަޤީރެއް ކަމުގައިވާ ވަރަޢުވެރި މީހާއަކީ އަންހެންކުއްޖާ އަށް ހެޔޮކަން ބޮޑުވެގެންވާ އަދި ކައިވެނި ކޮށްދޭން އަހަރެން ލޯބިކުރާ ފަރާތެވެ. ފަހެ، ހަމަކަށަވަރުން ޞާލިހް ކަމާއި އެއްފަދަވާނެ އެކައްޗެއްވެސް ނުވެ އެވެ."
❆❆❆