ޢިއްދަ އަދި ޢިއްދައިގެ ޙުކުމްތައް - الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله
ތަރުޖަމާކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله
(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީން އިން ޑިގްރީ ހާޞިލްކޮށްފައި)
الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله
ޢިއްދަ އަދި ޢިއްދައިގެ ޙުކުމްތައް
ޢިއްދައިގެ4 ބާވަތެއްވެ އެވެ.
ފުރަތަމަ ބާވަތް: ވަރިކުރި އިރު މާބަނޑު އަންހެނާ އެވެ. މުޠްލަޤުކޮށް މިފަދަ އަންހެނާގެ ޢިއްދައަކީ ވިހެއުމެވެ. އެއީ ބާއިން ވަރިއަކުން ނުވަތަ ރަޖުޢީ ވަރިއަކުން ވަރިކޮށްފައިވީ ނަމަވެސްމެއެވެ. ދިރިހުއްޓާ ޙަޔާތުގައި ވަރިކުރިކަމުގައިވީ ނަމަވެސް އަދި ފިރިމީހާ މަރުވި ކަމުގައިވީ ނަމަވެސްއެވެ. ﷲ ވަޙީކުރައްވާފައިވެ އެވެ. ﴿ وَأُولَاتُ الْأَحْمَالِ أَجَلُهُنَّ أَنْ يَضَعْنَ حَمْلَهُنَّ﴾ "އަދި މާބަނޑު އަންހެނުންގެ ޢިއްދަ އަކީ އެކަނބަލުންގެ ބަނޑުގައިވާ ދަރި ވިހެއުމެވެ."
ދެވަނަ ބާވަތް: ވަރިކުރި އިރު ޙައިޟުވާ އަންހެނުންނެވެ. މިފަދަ އަންހެނުންގެ ޢިއްދައަކީ 3 ޤުރުއު އެވެ. (އެއީ 3 ފަހަރު ޙައިޟުވެ ޠާހިރުވުމެވެ.) އެއީ ﷲ ވަޙީކުރައްވާފައިވާ ފަދައިންނެވެ. ﴿ وَالْمُطَلَّقَاتُ يَتَرَبَّصْنَ بِأَنفُسِهِنَّ ثَلاَثَةَ قُرُوَءٍ﴾ "އަދި ވަރިކޮށްފައިވާ އަންހެނުން އެކަނބަލުންގެ އަމިއްލަ ނަފްސު ތަކައިގެން 3 ޤުރުޢު ވަންދެން އިންތިޒާރު ކުރާ ހުށިކަމެކެވެ." މާނައީ : ތިން ޙައިޟު ވުމެވެ.
ތިންވަނަ ބާވަތް: ވަރިކުރި އިރު ޙައިޟު ނުވާ އަންހެނުންނެވެ. މިފަދަ އަންހެނުން 2 ބަޔަކަށް ބެހިގެންދެއެވެ. ޢުމުރު ހަގުކަމުން ޙައިޟު ނުވާ އަންހެނުންނެވެ. އަދި ޢުމުރު ދޮށިވުމުގެ ސަބަބުން ޙައިޟު ހުއްޓިފައިވާ އަންހެނުންނެވެ. މި ދެ ބައިގެ އަންހެނުންގެ ޢިއްދަ ބަޔާންކޮށް ﷲ ވަޙީކުރައްވާފައިވެ އެވެ. ﴿ وَاللَّائِي يَئِسْنَ مِنَ الْمَحِيضِ مِن نِّسَائِكُمْ إِنِ ارْتَبْتُمْ فَعِدَّتُهُنَّ ثَلَاثَةُ أَشْهُرٍ وَاللَّائِي لَمْ يَحِضْنَ﴾ "އަދި ތިޔަބައިމީހުންގެ އަންހެނުންކުރެ ޙައިޟުން އުއްމީދު ކެނޑިފައިވާ މީހުންނާ މެދުގައި، ތިޔަބައިމީހުން ޝައްކުކުރާ ނަމަ، ފަހެ އެކަނބަލުންގެ ޢިއްދައަކީ އަދި ޙައިޟުނުވާ މީހުންގެ ޢިއްދައަކީ ވެސް 3 މަސް ދުވަހެވެ." މާނައީ : ދެބައިމީހުންގެ ޢިއްދައަކީ ވެސް އެފަދަ އެވެ.
ހަތަރުވަނަ ބާވަތް: ފިރިމީހާ މަރުވެފައިވާ އަންހެނާ އެވެ. ﷲ އެ އަންހެނާގެ ޢިއްދަ ބަޔާންކުރައްވާ ވަޙީ ކުރެއްވި އެވެ. ﴿ وَالَّذِينَ يُتَوَفَّوْنَ مِنكُمْ وَيَذَرُونَ أَزْوَاجًا يَتَرَبَّصْنَ بِأَنفُسِهِنَّ أَرْبَعَةَ أَشْهُرٍ وَعَشْرًا﴾ "އަދި ތިޔަބައިމީހުންގެ ތެރެއިން އަނބިން ދޫކޮށް މަރުވެދާމީހުންގެ އަނބިން، އެކަނބަލުންގެ ނަފްސުތަކައިގެން 4 މަހާއި 10 ދުވަހު ޢިއްދައިގެ ގޮތުގައި އިންތިޒާރު ކުރާ ހުށި ކަމެވެ." މި ޙުކުމުގެ ތެރެއަށް އެ އަންހެނާއާ އެކުގައި ފިރިމީހާ ރޭކޮށްފައިވާ އަންހެނުންނާއި އެނޫން އަންހެނުން ވެސް ވަންނާނެ އެވެ. އަދި އުމުރުން ހަގު އަންހެނުންނާއި ދޮށީ ޢުމުރުގެ އަންހެނުން ވެސް ވަންނާނެ އެވެ. އެހެނަސް މި ޙުކުމްގެ ތެރެއަށް މާބަނޑު އަންހެނާ ނުވަންނާނެ އެވެ. ސަބަބަކީ މާބަނޑު އަންހެނާ ވަނީ ﷲ ގެ މި ވަޙީބަސްފުޅުން މި ޙުކުމް ބޭރުވެގެންނެވެ. އެއީ ﴿ وَأُولَاتُ الْأَحْمَالِ أَجَلُهُنَّ أَنْ يَضَعْنَ حَمْلَهُنَّ﴾ "އަދި މާބަނޑު އަންހެނުންގެ ޢިއްދަ އަކީ އެކަނބަލުންގެ ބަނޑުގައިވާ ދަރި ވިހެއުމެވެ."
ޢިއްދައިގައި އިންނަ އަންހެނާއަށް ޙަރާމްވެގެންވާ ކަންތައްތައް:
1.އަންހެނާއަށް ޚިޠުބާ ކުރުން.
أ - ރުޖޫޢަ ކުރެވޭ ވަރިއެއްގައި ޢިއްދައިގައި އިންނަ އަންހެނާ : އެފަދަ އަންހެނަކަށް ޞަރީޙަކޮށް އަދި ޞަރީޙަ ނޫން ގޮތަކަށް ޚިޠުބާކިޔުން (ކައިވެންޏަށް އެދުން) ޙަރާމްވާނެ އެވެ. ސަބަބަކީ އެފަދަ އަންހެނާ ވަނީ އަނތްބެއްގެ ޙުކުމުގައެވެ. ފަހެ، އެއްވެސް ފަރާތަކަށް އެފަދަ އަންހެނަކަށް ޚިޠުބާކުރުން ހުއްދަވެގެންނުވެ އެވެ. ސަބަބަކީ އެ އަންހެންމިހާ ދެމިހުރީ އޭނާ ވަރިކުރި ފިރިމީހާގެ ބެލުމުގެ ދަށުގައި އަދި އަނތްބެއްގެ ގޮތުގައެވެ. ﴿ وَلَا جُنَاحَ عَلَيْكُمْ فِيمَا عَرَّضْتُم بِهِ مِنْ خِطْبَةِ النِّسَاءِ ﴾ "އަދި (ރަޖުޢީ ޢިއްދަ ފިޔަވައި އެހެން ޢިއްދަގައިވާ) އަންހެނުން ގާތުގައި ތިޔަބައިމީހުން ކައިވެނި ކުރުމަށް އެދޭކަމުގެ މައްޗަށް ދޭހަވާ ނުވަތަ އިޝާރާތް ކުރާ ބަހެއް ބުނުމާމެދު ފާފައެއް ނެތެވެ." ޞަރީޙަކޮށް ބުނުމަކީ، އެ އަންހެނާ ކައިވެނި ކުރުމަށް ބޭނުންވާކަން ފާޅުކުރުމެވެ. އެއީ މިޘާލަކަށް "އަހަރެން ތިބާއާ ކައިވެނިކުރަން ބޭނުން" ފަދައިން ބުނުމެވެ. ސަބަބަކީ، އެ އަންހެންމީހާ ޢިއްދައިގެ މުއްދަތު ޙަޤީޤަތުގައި ނުނިމެނީސް އެހެނަސް އެކަމުގެ ޚަބަރު ލިބުމާއެކު (ޔަޤީން ޙާލަތަށް ނުދެވެނީސް) ކައިވެނި ކުރުމުގެ ޝައުޤުވެރިކަން އުފެދުމެވެ. އެހެނަސް ޞަރީޙަ ނޫންގޮތަކަށް ބުނުމުން މިގޮތަށް ޢަމަލެއް ނުކުރާނެ އެވެ. ސަބަބަކީ އެއީ ޞަރީޙަކޮށް ފާޅުވެގެންވާ ގޮތުގައި ކައިވެންޏަށް އެދޭ ޙާލުގައި ބުނާބުނުމަކަށް ނުވާތީ މިފަދަ ފާފައަކަށް އަރައިގަތުމުގެ ނުރައްކަލެއް ނެތުމެވެ. އަދި މި އާޔަތުން އެފަދައިން ފަހުމްވެގެންދެ އެވެ.
ޞަރީޙަ ނޫން ގޮތަކަށް ކައިވެންޏަށް އެދުމުގެ މިޘާލަކީ : އަހަރެން ތިބާފަދަ އަންހެނަކު ބޭނުމެވެ. މިފަދަގޮތަކަށް ބުނުމެވެ. އަދި ރަޖުޢީ ނޫން ވަރިއަކުން ވަރިވެ ޢިއްދައިގައިވާ އަންހެނާއަށް، ޞަރީޙަ ނޫންގޮތަކަށް އެދޭ އެދުމުގެ މައްޗަށް ޞަރީޙަ ނޫންގޮތަކަށް ޖަވާބު ދިނުން ހުއްދަވެގެންވެ އެވެ. އަދި ޞަރީޙަކޮށް އެފަދަ ފަރާތަކަށް އިޖާބަދިނުން ޙަލާލެއް ނުވާނެ އެވެ. އަދި ރުޖޫޢަ ކުރެވޭ ވަރިއެއްގައިވާ އަންހެނާއަށް، ފިރިހެނަކު ކައިވެންޏަށް ޚިޠުބާ ކިޔުމުން ޖަވާބުދިނުން ޙަލާލެއް ނުވާނެ އެވެ. އެއީ ޞަރީޙަކޮށް އަދި ޞަރީޙަ ނޫން ގޮތުގައިވީ ނަމަވެސް އެވެ.
2 .ވަރިކުރި ފިރިމީހާ ނޫން އެހެން ފަރާތްތަކަށް، ޢިއްދައިގައި އިންނަ އަންހެނާ ކައިވެނި ޢަޤްދު ކުރުން ޙަރާމް ވެގެންވުން.
އެއީ ﷲ ގެ ވަޙީބަސްފުޅުގައި ބަޔާންވެގެންވާ ފަދައިންނެވެ. ޞަރީޙަކޮށް ޚިޠުބާ ކިޔުން ޙަރާމްވާނެ އެވެ. އަދި ޞަރީޙަ ނޫންގޮތަކަށް ޚިޠުބާކިޔުން ހުއްދަ އެވެ. އެއީ ﷲ ގެ ވަޙީބަސްފުޅުގައި ބަޔާންވެގެންވާ ފަދައިންނެވެ. ﴿ وَلَا تَعْزِمُوا عُقْدَةَ النِّكَاحِ حَتَّىٰ يَبْلُغَ الْكِتَابُ أَجَلَهُ﴾ "އަދި އެކަނބަލުންގެ ޢިއްދަ ހަމަވެއްޖައުމަށް ދާންދެން ތިޔަބައިމީހުން އެކަނބަލުންނާ ކައިވެނި ޢަޤުދު ނުކުރާހުށި ކަމެކެވެ."
ابن كثير رحمه الله ތަފްސީރުގައި (509-1) ގައި ވިދާޅުވެފައިވެ އެވެ. "މާނައީ : ޢިއްދަ ހަމަވުމަށްފަހުގައި މެނުވީ، ކައިވެންޏަށް ޢަޤުދެއް ނުކުރާށެވެ. އަދި ހަމަކަށަވަރުން ޢިއްދައިގެ މުއްދަތުގައި ކައިވެނި ޢަޤުދުކުރުން ޞައްޙަނުވާނެ ކަމުގައި ޢިލްމުގެ އަހުލުވެރިން އިޖްމާޢުވެގެންވެ އެވެ."
ދެ ފައިދާއެއް :
ފުރަތަމައީ: ކައިވެނިކުރުމަށް ފަހުގައި، ރޭނުކޮށް ވަރިކޮށްފައިވާ އަންހެނާއަށް ޢިއްދައެއް ނުވެ އެވެ. އެއީ ﷲ ގެ ޥަޙީބަސްފުޅުގައި ބަޔާންވެގެން ވުމެވެ. ﴿ يَا أَيُّهَا الَّذِينَ آمَنُوا إِذَا نَكَحْتُمُ الْمُؤْمِنَاتِ ثُمَّ طَلَّقْتُمُوهُنَّ مِن قَبْلِ أَن تَمَسُّوهُنَّ فَمَا لَكُمْ عَلَيْهِنَّ مِنْ عِدَّةٍ تَعْتَدُّونَهَا﴾ "އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން މުއުމިނު އަންހެނުންނާއި ކައިވެނިކޮށް ދެން އެކަނބަލުން ކައިރީގައި ރޭކުރުމުގެ ކުރިން، ތިޔަބައިމީހުން އެކަނބަލުން ވަރިކޮށްފި ނަމަ، ޢިއްދައިގެ ގޮތުގައި ގުނާނެ ދުވަސްތަކެއް އެކަނބަލުންގެ މައްޗަށް ތިޔަބައިމީހުންނަށް ނުވެ އެވެ."
ابن كثير رحمه الله ތަފްސީރުގައި (479-5) ގައި ވިދާޅުވެފައިވެ އެވެ. "މި އަމުރަކީ ޢިލްމުވެރިންގެ މެދުގައި އިޖްމާޢުވެގެންވާ ކަމެކެވެ. އެއީ އަންހެނަކާ ކައިވެނިކުރުމަށް ފަހުގައި، ރޭކުރުމުގެ ކުރިން ވަރިކޮށްފި ހިނދުގައި، އެ އަންހެންމީހާއަށް ޢިއްދައެއް ނޯންނާނެ އެވެ. ފަހެ، އެހިނދުގައި އެ އަންހެންމީހާ ބޭނުން ފިރިހެނަކާ ވީހާވެސް އަވަހަށް ކައިވެނިކުރުން (ހުއްދަވެގެންވެ) އެވެ."
ދެވަނައީ: ރަން ކިޔުމަށްފަހު ކައިވެނިކޮށް، ރޭ ކުރުމުގެ ކުރިން ވަރިކޮށްފި އަންހެނާއަށް ރަނުގެ ގޮތުގައިވަނީ، ދެބައިކުޅަ އެއްބައެވެ. އަދި ރަންކިޔުމެއް ނެތި ކައިވެނި ކޮށްފައިވާ އަންހެނާއަށް އަންނައުނާއި އަދި އެހެނިހެން ގޮތްތަކުން ހިތްހަމަޖެއްސުމަށް ދެވޭ އެއްޗެއްގެ ގޮތުގައި އެއްޗެއް ދިނުން ހުއްޓެވެ.
ރޭ ކުރުމަށްފަހު ވަރިކުރުމުން، އަންހެންމީހާއަށް ރަން ފުރިހަމައަށް ލިބިގެންވެ އެވެ. ﷲ ވަޙީކުރައްވާފައިވެ އެވެ. ﴿ لَّا جُنَاحَ عَلَيْكُمْ إِن طَلَّقْتُمُ النِّسَاءَ مَا لَمْ تَمَسُّوهُنَّ أَوْ تَفْرِضُوا لَهُنَّ فَرِيضَةً وَمَتِّعُوهُنَّ عَلَى الْمُوسِعِ قَدَرُهُ وَعَلَى الْمُقْتِرِ قَدَرُهُ﴾ "ތިޔަބައިމީހުން އަނބިންނާއެކު ރޭ ނުކުރާހާ ހިނދަކު، ނުވަތަ އެކަނބަލުންނަށް ރަނެއް ކަނޑައަޅައިފައި ނުވާ ހިނދަކު، ތިޔަބައިމީހުން އެކަނބަލުން ވަރިކޮށްފިނަމަ، ތިޔަބައިމީހުންގެ މައްޗަކަށް ކުށެއް ނެތެވެ. ނަމަވެސް ތިޔަބައިމީހުން އެކަނބަލުންނަށް މުތްޢަ ދޭށެވެ. (މުތްޢަ އަކީ ވަރިކުރެވޭ އަންހެންމީހާ ހިތްހަމަޖައްސައިލުމަށް ފިރިހެންމީހާގެ ފަރާތުން ދެވޭ ބޭނުންތެރި ކޮންމެވެސް އެއްޗެކެވެ.) ތަނަވަސްކަން ލިބިގެންވާ މީހާއަށް ވާޖިބުވެގެންވަނީ އޭނާގެ ތަނަވަސްކަމުން ދިނުމެވެ. އަދި އަތްމަތި ދަތި މީހާއަށްވެސް ވާޖިބުވެގެންވަނީ އޭނާގެ ވަރުން ދިނުމެވެ." އަދިވެސް ވަޙީކުރައްވާފައިވެ އެވެ. ﴿ وَإِن طَلَّقْتُمُوهُنَّ مِن قَبْلِ أَن تَمَسُّوهُنَّ وَقَدْ فَرَضْتُمْ لَهُنَّ فَرِيضَةً فَنِصْفُ مَا فَرَضْتُمْ ﴾ "އަދި ތިޔަބައިމީހުން އެކަނބަލުންނަށް ރަނެއް ކަނޑައަޅާފައިވާ ޙާލުގައި، އެކަނބަލުންނާ އެކުގައި ރޭކުރުމުގެ ކުރިން ތިޔަބައިމީހުން އެކަނބަލުން ވަރިކޮށްފިނަމަ، ފަހެ ތިޔަބައިމީހުން ކަނޑައެޅި ރަނުގެ ދެބައިކުޅަ އެއްބައި އެކަނބަލުންނަށް ދިނުން ހުއްޓެވެ." މާނައީ : އޭ އެންމެހައި ފިރިންގެ ގޮތުގައިވާ ފަރާތްތަކެވެ. ތިޔަބައިމީހުން ކައިވެނީގެ ގޮތުން ގުޅުނު ފަރާތްތައް، އެ އަންހެނުންނާ ރޭކުރުމުގެ ކުރިން އަދި ކައިވެނީގެ ރަން ފަރުޟު ވުމުގެ ކުރިން ވަރިކުރުމަށް އެއްވެސް މަނާކަމެއް ނެތެވެ. ފަހެ، އެ ގޮތުގައި ކަންތައް ހިނގައިފި ހިނދުގައި، އެ އަންހެނުން ހިތްހަމަޖައްސައިދިނުން ތިޔަބައިމީހުންގެ މައްޗަށް ހުއްޓެވެ. އެއީ އެފަދަ ކޮންމެ ފިރިހެނަކަށް ވެސް، އޭނާއަށް ވެވުނު މިންވަރަކުން އަތްމަތި ތިޔާޤި ކަމުގައި އަދި އަތްމަތި ދަތި ކަމުގައިވާ ޙާލުގައި އެތަނެއްގެ އަހުލުވެރިން ޢާދަކާދައިގެ ގޮތުން ހިތްހަމަޖެއްސުމަށް ހޭދަ ކުރާ މިންވަރުން ހިތްހަމަ ޖައްސައިދިނުމެވެ. އެއަށްފަހުގައި ﷲ އަމުރުފުޅު ކުރައްވާފައިވަނީ، ރަންކިޔައި ކައިވެނި ކޮށްފައިވާ އަންހެނާއަށް، އެ ރަނުގެ ދެބައިކުޅަ އެއްބައި ދިނުމަށެވެ.
ابن كثير رحمه الله ތަފްސީރުގައި (512-1) ގައި ވިދާޅުވެފައިވެ އެވެ. "މި ޙާލަތުގައި، ރަން ދިނުން ޝަރުޠުވެފައިވުން، ފަހެ މިއީ އެންމެހައި ޢިލްމުވެރިން ޢިޖްމާޢުވެގެންވާ ކަމެކެވެ. އެކަމުގެ މައްޗަށް އެއްވެސް ޚިލާފެއްނެތެވެ."
3.ފިރި މަރުވެ ޢިއްދައިގައި އިންނަ އަންހެނާއަށް 5 ކަމެއް ޙަރާމްވެގެންވެ އެވެ. އަދި ޙިދާދް ގެ ނަމުން ނަންދެވިފައިވެ އެވެ.
ފުރަތަމައީ: އެންމެހައި ބާވަތްތަކެއްގެ މީރުވަސްދުވާ ތަކެއްޗެވެ. ފަހެ، އަންހެންމީހާ ހަށިގަނޑުގައި އެއްވެސް މީރުވަސްދުވާ އެއްޗެއް ބޭނުން ކޮށްގެން ނުވާނެ އެވެ. އަދި ފޭރާމުގައި އެއްވެސް މީރުވަސްދުވާ އެއްޗެއް ބޭނުން ކޮށްގެން ނުވާނެ އެވެ. އަދި މީރުވަސްދުވާ ތަކެތި އިސްތިޢުމާލު ކޮށްގެންވެސް ނުވާނެ އެވެ. އެއީ ނަބިއްޔާ صلى الله عليه وسلم ޞައްޙަ ޙަދީޘްގައި ޙަދީޘް ކުރައްވާފައިވާ ފަދައިންނެވެ. (ولا تمس طيبا) "މީރުވަސްދުވާ އެއްޗެއް ބޭނުންކޮށްގެން ނުވާނެ އެވެ."
ދެވަނައީ: ހަށިގަނޑު އެއްވެސް ގޮތަކަށް ޒީނަތްތެރި ކުރުން. ހީނާފަތް އެޅުން ޙަރާމްވެގެންވެ އެވެ. އަދި އެންމެހައި ބާވަތްތަކުގެ ޒީނަތްތެރިވުން. އެގޮތުން އަނދުން އެޅުމާއި، ހަންގަޑުގައި ކުލަޖެއްސުން ފަދަ (މޭކަޕް ކުރުން) ޙަރާމްވެގެންވެ އެވެ. ބޭސްފަރުވާ އަކަށްޓަކައި އަނދުން އަޅަން ޖެހިއްޖެ ޙާލަތެއްގައި މެނުވީ އެވެ. ޒީނަތްތެރި ވުމުގެ ގޮތުންނެއް ނޫނެވެ. ފަހެ، އަންހެންމީހާ ރޭގަނޑުގައި އަނދުންއަޅައި ދުވާލުގައި އެ ފޮހެލާ ސާފުކުރުން ހުއްޓެވެ. އަދި ޒީނަތްތެރި ކަމެއް ނުވާގޮތުގައި، ބޭސްފަރުވާގެ ގޮތުގައި އަނދުން ނޫން އެއްޗެއް އެޅުން ހުއްދަވެގެންވެ އެވެ.
ތިންވަނައީ: ޒީނަތްތެރި ކަމަށް ތައްޔާރު ކުރެވިފައިވާ ފޭރާން ބޭނުން ކުރުން، އަދި ފޭރާންތަކުގެ ގޮތުގައި ބޭނުންކުރުންވަނީ އޭގައި އެއްވެސް ޒީނަތްތެރިކަމެއް ނުވާ ފޭރާންތަކެވެ. އަދި އެއްވެސް ކުލައެއް ޚާއްޞަ ކުރެވިފައެއް ނުވެ އެވެ. އެހެނަސް އާދަކާދައިގެ ގޮތުން ބޭނުންކުރާ ފެރާން ބޭނުން ކުރުމެވެ.
ހަތަރުވަނައީ: އެންމެހައި ގަހަނާތަކެއް، އެއީ އަނގޮއްޓި ކަމުގައިވީ ނަމަވެސް ބޭނުން ކުރުން ޙަރާމް އެވެ.
ފަސްވަނައީ: މަރުވި ފިރިމީހާއާ އެކުގައި ދިރިއުޅުނު ގެ ނޫން އެހެންތަނެއްގައި ރޭކުރުން. ޝަރުޢީ ޢުޛުރަކާ އެކުގައި ނޫނީ އެ ގެ ނޫން އެހެންތަނަކަށް ދިއުން ހުއްދައެއް ނުވާނެ އެވެ. ބަލިމީހަކަށް ޒިޔާރަތް ކުރުމަށް ގެއިން ނުކުމެގެން ނުވާނެ އެވެ. އަދި ރަޙްމަތްތެރިއަކަށް ނުވަތަ ޤާތްތިމާގެ މީހަކަށް ޒިޔާރަތް ކުރުމަށް ގެއިން ނުކުތުމެއް ނުވެ އެވެ. އަދި އަންހެން މީހާއަށް ޒަރޫރީ ކަމެއް ދިމާވެގެން ދުވާލުގެ ވަޤުތެއްގައި ގެއިން ނުކުތުން ހުއްދަވެގެންވެ އެވެ. ﷲ ހުއްދަކުރައްވާފައިވާ ކަންތައްތަކުގެ ތެރެއިން މި 5 ކަންތައް ނޫން އެހެން ކަމެއް އަންހެން މީހާގެ މައްޗަށް މަނާވެގެންނެއް އެވެ.
الإمام العلامة ابن القيم رحمه الله ލިޔުއްވާފައިވާ ފޮތް الهدي النبوي ގެ ޞަފްޙާ (507-5) ގައި ވިދާޅުވެފައިވެ އެވެ. "ނިޔަފަތި ކެނޑުން މަނައެއް ނޫނެވެ. އަދި ކިހިލިފަތުގެ އިސްތަށި އުފުރުމާއި، ބޭލުމަށް ހުއްދަވެގެންވާ އިސްތަށިތައް ބޭލުމާއި، ސިދްރު ބޭނުންކޮށްގެން ފެންވެރުމާއި ފުނާއެޅުމަކުން މަނާކަމެއް ނުވެ އެވެ."
شيخ الإسلام ابن تيمية رحمه الله مجموع الفتاوى (28، 27-34) ގައި ވިދާޅުވެފައިވެ އެވެ. "ﷲ ހުއްދަ ކުރައްވާފައިވާ ތަކެތި ކައިބޮއެ އުޅުމަށް މަނާކަމެއް ނެތެވެ. އެގޮތުން މޭވާ އަދި އެއްގަމު މަސް، އަދި ހަމަ އެފަދައިން ހުއްދަވެގެންވާ އެކިއެކި ބުއިންތައް ބުއިމަށް މަނާކަމެއް ނުވެ އެވެ. އަދި ހަމައެފަދައިން އަންހެންމީހާއަށް އެ މަސައްކަތްތައް ކުރުން ހުއްދަވެފައިވާ އެކިއެކި މަސައްކަތް ކުރުން ހުއްދަވެގެންވެ އެވެ. މިޘާލަކަށް މާޖެހުން، ފެހުން އަދި އެއްޗެހި ވިޔުން ފަދަ، އަންހެނުން ކުރާ އެކިކަހަލަ މަސައްކަތްތައް ކުރުން ހުއްދަވެގެންވެ އެވެ. އަދި އެ އަންހެންމީހާއަށް ޢިއްދައިގެ ކުރިން ހުއްދަކުރެވިފައިވާ އެންމެހައި ކަންތައްތަކެއް ހުއްދަވެގެންވެ އެވެ. އެގޮތުން ފަރުދާވެ ހުރެ، ޙާޖަތެއް ޖެހުމުން ފިރިހެނުންނާއި މުޚާތަބު ކުރުންވެސްމެއެވެ. މިތަނުގައި އަހަރެން ޛިކުރުކޮށްފައި މިވަނީ، ރަސޫލާ صلى الله عليه وسلم ގެ ސުންނަތެވެ. މި ކަންތަކަކީ ޞަޙާބީންގެ އަންހެން ކަނބަލުން ފިރިކަލުން އަވަހާރަވުމުން އެކަނބަލުން ޢަމަލުފުޅު ކުރެއްވި ކަންތަކެވެ."
އަދި ޢާއްމު މީސްތަކުން ބުނެ އެވެ. އެ އަންހެންމީހާ، އޭނާގެ މޫނު ހަނދަށް ނިވާކުރަންޖެހޭނެ އެވެ. ގޭގެ އެންމެ މައްޗަށް، ޓެރަސްއަށް އަރައިގެން ނުވާނެ އެވެ. ފިރިހެނުންނާ ވާހަކަ ދައްކައިގެން ނުވާނެ އެވެ. މަޙްރަމުންގެ ކިބައިންވެސް މޫނު ނިވާކުރަން ޖެހޭނެ އެވެ. އަދި މި ނޫނަސް އެހެނިިިހެން ވާހަކަ ތަކަކީ އެއްވެސް އަޞްލެއް އަސާސެއް ނެތް ވާހަކަތަކެވެ. و الله أعلم.
***
ލިޔުން ނަގާފައިވަނީ : تنبيهات على أحكام تختص بالمؤمنات ص 104-96