ޔާސިރު ޤާޟީ އަކީ ކާކު؟ - الشَّيْخُ العَلَّامَة مُحَمَّدُ بِن هَادِيْ المَدْخَلِي حفظه الله
الشيخ العلامة محمد بن هادي حفظه الله ވިދާޅުވެފައިވެ އެވެ.
"އަހަރެމެންގެ މިޒަމާނުގައި ވާހަކަ ދައްކާ މީހުންވަނީ ގިނަވެފައެވެ. އެއްބަޔަކު ވާހަކަދައްކަނީ ޢިލްމާއި ޙައްޤަށް (ފޮތަށާއި ސުންނަތަށް) ތަބާވާ ޙާލުގައެވެ. އަނެއްބަޔަކު ވާހަކަ ދައްކަނީ ހަވާނަފްސުގެ އެދުންތަކާއި އަދި ނުބައި ޤަޞްދުތަކާ އެކުގައެވެ. އަނެއްބަޔަކު ވާހަކަ ދައްކަނީ ޖާހިލްކަމާ އެކުގައެވެ. މި 3 ވައްތަރުގެ މީހުންވެސް އެބަތިއްބެވެ. އަދި މީގެ ތެެރެއިންވެސް ގިނަވެގެންވަނީ ބާޠިލަށް ދަޢުވަތު ދޭ މީހުންނެވެ. ބާޠިލްއަށް ދަޢުވަތްދޭ މީސްތަކުންގެ ޢަދަދު ގިނަ އެވެ.
އަދި ބާޠިލަށް ދަޢުވަތުދޭ މީހަކަށް ތަޢުރީފުކޮށް އޭނާއަކީ އެވެނި މިވެނި މީހެކޭ ބުނެ، އޭނާ ހޯދާފައިވާ ސަނަދުތަކާއި، ދުނިޔެ މަތީ މަޤާމްތަކަށް ނިސްބަތް ކުރެވުނަސް، ތިބާއަށް އެކަންތައްތަކުގެ ސަބަބުން އޮޅުން އަރައިގެން ނުވާނެއެވެ. އެހެނީ، ފަހެ ހަމަކަށަވަރުން އެ އެންމެހައި ކަންތައްތަކަކީ އެއްވެސް އަހަންމިއްޔަތު ކަމެއް ދޭންވީ ކަންތައްތަކެއް ނޫނެވެ. މިއީ އެއްވެސް ޢިބްރަތެއް ހުރި ތަކެއްޗެއް ނޫނެވެ. މުހިންމުކަން ދިނުން އޮތީ އޭނާގެ ބަސްތައް ﷲ ގެ ފޮތާއި އެއިލާހުގެ ރަސޫލާ صلى الله عليه وسلّم ގެ ސުންނަތާއި، ތެދުމަގު ލިބިވަޑައިގެން ތިއްބެވި ޚަލީފާއިންނާއި އެނަބިއްޔާގެ ޞަޙާބީން رضي الله تعالى عنهم جميعا އެގޮތެއްގެ މަތީގައި ތިއްބެވި ގޮތާ އެއްގޮތަށްވާ މިންވަރުގެ މައްޗަށެވެ.
މިތަނުން؛ އާދެ! ޖާމިޢަތުލް އިސްލާމިއްޔާ (މަދީނާގެ އިސްލާމިކް ޔުނިވަސިޓީ) އިން ދަސްވެނިވެ، ބާޠިލަށް ދަޢުވަތުދޭ މީހުންގެ ތެރެއިން އެކަކީ ޔާސިރު ޤާޟީ އެވެ. އަހަރެން އޭނާއާ މެދު ތިޔަ މީސްތަކުންނަށް އެންމެ ބޮޑުވެގެންވާ އިންޒާރުން އިންޒާރުދެމެވެ.
ވަކިން ޚާއްޞަކޮށް އޭނާ ލިޔެފައިވާ ލިޔުން ނުވަތަ ފޮތް އަހަރެމެންނާ ހަމަޔަށް ވާޞިލްވެ، ﷲ އޭނާ ފަޟީޙަތްކުރެއްވުމަށް ފަހުގައެވެ. އޭނާ ވަނީ އެ ފޮތް އިންޓަނެޓުގައި ޢާންމުކޮށްފައެވެ.
އޭނާއާއި އަދި އެހެން ބައެއް މީހުން އެއްވެ ލިޔެފައިވާ މިފޮތް ފަށައިގެންގޮސް ނިމެންދެން މުޅިންވެސް ދައުރުކުރަނީ އެންމެ ނުކުތާއެއްގެ މައްޗަށެވެ. އެއީ ބިދުޢައިގެ އަހުލުވެރިންގެ ތެރެއަށް ސުންނަތް ޖަމާޢަތުގެ އަހުލުވެރިން ވައްދާ އެއްކޮށްލާ ހިންދާލުމެވެ. އަދި ސުންނަތުގެ އަހުލުވެރިންގެ ޝަޙްސިއްޔަތު ނަގާލުމެވެ. އަދި އެބައިމީހުންގެ ޝަހްސިއްޔަތުތަކަށް އަރައިގަތުމެވެ.
ފަހެ، އެތަށް ބަޔަކު ސޮއިކޮށް، އިންޓަނެޓުގައި ފަތުރާފައިވާ، އަހަރެމެންނާ ހިސާބަށް ވާސިލްވެ، އަހަރެމެންނަށް ފެނިފައިވާ މި ފޮތަކީ ބާޠިލު، އަނިޔާވެރި، މަގުފުރައްދާ، ބޭއިންސާފު، ޖާހިލު ފޮތެކެވެ. މި ފޮތަކީ ބާޠިލު، އަނިޔާވެރި، މަގުފުރައްދާ، ބޭއިންސާފު، ޖާހިލު ފޮތެކެވެ. މި ފޮތަކީ ބާޠިލު، އަނިޔާވެރި، މަގުފުރައްދާ، ބޭއިންސާފު، ޖާހިލު ފޮތެކެވެ. (މިގޮތަށް ތިންްފަހަރު ތަކުރާރުކުރައްވާ ޝައިޚް ވިދާޅުވިއެވެ.) އެ ފޮތަކީ ހަވާނަފްސުގެ އަހުލުވެރިންނަށް ޚިދުމަތްކޮށްދޭ އަދި ސުންނަތުގެ އަލުވެިރންގެ މައްޗަށް އަނިޔާވެރިވާ ފޮތެކެވެ. އެހެން ކަމުން، ވާޖިބުވެގެންވަނީ އެފޮތާ މެދު އިންޒާރު ލިބިގަތުމެވެ. އަދި އެ ފޮތް އަޑު ނޭހުމެވެ. އަދި އެފޮތަށް އިސްތިޤްްބާލު ނުކުރުމެވެ. އެއާ އެއްގޮތަށް ބަސް ނުބުނުމެވެ. އަދި އެއަށް ޢުޛުރު ނުދެއްކުމެވެ. އެހެނީ، ފަހެ ހަމަކަށަވަރުން، އެ އެންމެހައި ކަންތައްތައް ހިމެނެނީ ސުންނަތް ޖަމާޢަތުގެ ޢަޤީދާއާއި އެމީހުން އެގޮތެއްގެ މަތީގައިވާ ގޮތާ ޚިލާފު ވެގެންވާ ކަންތައްތައް ކަމުގައެވެ. އެބައިމީހުންނަކީ (އެބަހީ: ސުންނަތް ޖަމާޢަތުގެ އަހުލުވެރިންނަކީ) ނަބިއްޔާ صلى الله عليه وسلّم އާއި އެނަބިއްޔާގެ އަޞްޙާބުން رضي الله عنهم އެގޮތެއްގެ މަތީގައި ތިއްބެވި ގޮތުގައި ތިބި މީހުންނެވެ.
އޭނާ (އެބަހީ: ޔާސިރު ޤާޟީ) އަހްލުއް ސުންނަތުގެ މަޛްހަބަށް ދަޢުވަތު ދެނީ - އޭނާ އަމިއްލަ އަށް ބުނެފައިވާ ގޮތަށް - ޢާންމު މަފްހޫމެއްގައެވެ. އޭނާ އެބުނަނީ އެންމެހައި މަގުފުރެދިފައިވާ ބައިގަނޑުތައްވެސް އޭގެ ތެރެއަށް (އެބަހީ: ސުންނަތް ޖަމާޢަތުގެ ތެރެއަށް) ވަދެގެންދާނެ ކަމުގައެވެ. ފަހެ، އެކަމުން އަހަރެމެން ﷲ ގެ ޙަޟްރަތުން ރައްކައުތެރިކަމަށް އެދެމެވެ. އަދި މި މަގުފުރެދުމުގެ ނުބައިކަމުން ސަލާމަތްކޮށްދެއްވުން އެދި އަހަރެމެން ﷲ ގެ ޙަޟްރަތުން ރައްކައުތެރިކަމަށް އެދެމެވެ. ފަހެ، މި މީހާގެ މައްޗަށް ﷲ تبارك وتعالى ގެ ޙުއްޖަތް ޤާއިމް ވެއްޖެއެވެ. ފަހެ، އެހެނީ އޭނާ ކިޔަވާފައިވަނީ އިސްލާމީ ޔުނިވަސިޓީއިންނެވެ. ފަހެ، ޔުނިވަސިޓީގައި، ޙަދީޘް ފެކަލްޓީގައި އޭނާ ކިޔެވި އިރު އަހަރެން އޭނާއަށް ކިޔަވައިދިނީމެވެ.
އޭނާއަަށް ފާޑުކިޔާ ބަޔަކާ އެއްކޮށް އަހަންނާއެކީ ބައްދަލުވުމެއް ބޭއްވުމަށް އޭނާ އެއްފަހަރަކު އަހަރެން ކައިރިން އެދުނެވެ. އަހަރެން އެކަމަށް އެއްބަސްވީމެވެ. އަދި އެކަން ކޮށްދޭނޭކަމަށް ބުނީމެވެ. އެއީ އަހަންނަށް އޭނާ ފެނުނު އެންމެ ފަހު ފަހަރެވެ. އެހެން ބުނެފައި އޭނާ ދިޔަ ފަހުން އަހަންނަށް އޭނާގެ ޚަބަރެއް ނުވެއެވެ. އެއީ އޭނާ ޢަޤީދާގެ ދާއިރާއިން މާސްޓާސް ޙާޞިލްކުރުމަށް އައުމަށް ދާންދެނެއެވެ.
ދެރަވާންޖެހޭ، ހިތާމައަކީ އޭނާއާއި އޭނާއާ އެއްފަދަ އެންމެންވެސް ބޭނުންކުރާ އުކުޅަކީ މިއީ ކަމެވެ. އެއީ މީސްތަކުންނަށް އޮޅުވާލާއިރު، (އެމީހުންގެ އިތުބާރު ހޯދުމަށްޓަކައި) ތިމާއަކީ މަޝާއިޚުންގެ އަރިހުން ކިޔަވާފައިވާ މީހެކޭ ނުވަތަ އިސްލާމިކް ޔުނިވަސިޓީއިން ޢިލްމު ޙާޞިލް ކޮށްފައިވާ މީހެކޭ ބުނުމެވެ.
އޭނާ ވަނީ މި (ނުބައިވެގެންވާ) މަގުގައި ކަމުގައި ވާނަމަ، އަދި އޭނާއާއި އެހެން މީހުން ސޮއި ކޮށްފައިވާ މި (ނުބައިވެގެންވާ) އެއްބަސްވުމުގެ މަތީގައި ކަމުގައިވާނަމަ، ﷲ ގަންދީ ބުނަމެވެ! އޭނާ ކަޢުބާގެ އެތެރިން ކިޔަވައިގެން ނުކުތް ކަމުގައިވީ ނަމަވެސް އެކަމަކުން އޭނާއަށް ކުރާނޭ އެއްވެސް ފައިދާއެއް ނޯންނާނެއެވެ. އެހެނީ އޭނާ އެވަނީ ބާޠިލު ގޮތެއްގެ މަތީގައެވެ. ވީމާ، ތިމަންނަ އަކީ އެވެނި މިވެނި ޝައިޚެއްގެ ދަރިވަރެކޭ، ނުވަތަ އެވެނި މިވެނި ޝައިޚެކޭ ނުވަތަ ތިމަންނާއަކީ އެވެނި މިވެނި ތަނަކުން ކިޔަވައިގެން ހުރި މީހެކޭ ބުނުމަކުން އޭނާ އެ ބާޠިލެއްގެ މަތީގައިވާ ބާޠިލަކީ ޙައްޤު ކަމުގައި ބަލައެއް ނުގަނެވޭނެއެވެ. ފަހެ އެހެނީ، އޭނާއަށް މި ތަނުން ކިޔަވައިދިން މީހުން އޭނާއަށް ކިޔަވައިދީފައިވަނީ ޞައްޙަ ޢަޤީދާއެވެ. އެ މީހުން މިބާޠިލެއް އޭނާއަށް ކިޔަވައެއް ނުދެއެވެ.
އަހަރެމެން ސަލާމަތާ ޢާފިޔަތަށް އެދި ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ. އަދި އަހަރެމެން އުނގެނޭ ޢިލްމަކީ އަަހަރެމެންނަށާއި ތިޔަބައިމީހުންނަށް ދުނިޔެއާއި އާޚިރަތުގައި ފައިދާހުރި އެއްޗެއް ކަމުގައި ލެއްވުން އެދި ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ.
*****
ފަތުވާ : http://goo.gl/8wP9iK
**********************************************************************
އިސްވެ ބަޔާންވެދިޔަ ބަސްތަކުން މި ނުލަފާ، ބޮޑާވެރިކަމުގައިވާ އިންސާނާއަށް ޙައްޤު ބަސް ބަޔާންވެ، އޭނާގެ މައްޗަށް ޙުއްޖަތް ޤާއިމްވެފައިވާކަން ވަރަށް ޞަރީޙަ ބަހުން އޭނާއަށް ކިޔަވައިދެއްވި الشيخ محمد بن هادي حفظه الله ގެ ބަސްފުޅުތަކުން ބަޔާންވެގެންވެ އެވެ.
މި އިންސާނާ އޭނާ އަމިއްލައަށް ޙައްޤު ކިޔަވާ، ޙައްޤު ހޯދުމަށްފަހުގައި، އޭނާގެ ހަވާނަފްސަށް އަދި އަމިއްލަ އެދުންތަކަށް ގޮސްފައިވާކަން ވަރަށް ޞަރީހަކޮށް ހާމަވެގެންވެ އެވެ. އަދި އެގޮތުގައި މީސްތަކުން މަގުފުރައްދާ މީސްތަކުން އެ ބާޠިލްއަށް މަގުފުރައްދަމުން ގެންދިއުމުގައި މީނާވެ އެވެ.
ދުނިޔެމަތީގައިވާ އެންމެ ބޮޑަށް ﷲ އާއި ރަސޫލާ އަދި ނަބިއްޔާގެ ޞަޙާބީންގެ މައްޗަށް ކުފުރުވެގެންވާ، އިސްލާމްދީނުގެ ތެރެއަށް އުފެދިފައިވާ ބައިގަނޑު ތަކުގެ ތެރޭގައިވާ އެންމެ ނުބައި މުޑުދާރު ބައިގަނޑު ގެ ޙަޤީޤަތް އޮޅުން ފިލައިހުރެ އެއަށްފަހު އެމީހުންނާ އެކުގައި އުޅުމަށް ބޭނުންވެ، ޙައްޤު އިސްލާމްދީން ވެއްޔާ މޮޑެ އިސްލާމް ދީނުގައިވާ އުޞޫލްތައް ފުނޑުފުނޑު ކޮށްފައިވާ މި އިންސާނާދެކެ ކޮންމެ މުސްލިމެއްގެ ހިތުގައި އަދި ދުލުގައި ރުޅިވެރިކަމާއި ނަފްރަތް އޮތުން ލާޒިމްވެގެން ނުވޭ ހެއްޔެވެ؟
ރާފިޟީންގެ އެންމެ ނުބައި ފިރުޤާ ކަމުގައިވާ އިޘްނާ ޢަޝަރިއްޔާ (12 އިމާމުންނަށް އީމާންވެ، އެ 12 އިމާމުންނަށް ލިބިގެންވާ ޙައްޤުތަކަށް އީމާންވާންޖެހޭ ފިރުޤާ) ބަޔާންކޮށް، ޔާސިރު ޤާޟީ (އޭނާ ރާފިޟީންނާ ގުޅުން ގާއިމް ނުކުރާ ދުވަސްތަކުގައި) ބުނެފައިވެ އެވެ.
ޔާސިރު ޤާޟީ ރާފިޟީންގެ އެންމެ ނުބައިވެގެންވާ ފިރުޤާ ސިފަކޮށް ބަޔާންކޮށްފައިވެ އެވެ. "ބާރަ އިމާމުން ވާ ކަމަށް އެމީހުން ބުނެ އެވެ. ހެއްދެވިފައިވާ އެންމެހައި ތަކެއްޗެއް އެ އިމާމުން ކޮންޓްރޯލް ކުރެ އެވެ. ﷲ ހެއްދެވި އެންމެހައި ތަކެއްޗެއް މި އިމާމުން ކޮންޓްރޯލް ކުރާ ކަމުގައި އެމީހުން ދެކެ އެވެ.
މިއީ ﷲ އަށް ޝަރީކު ކުރުމުގެ ތެރޭގައި ހިމެނިގެންވާ ކޮންބާވަތެއްގެ ޝަރީކު ކުރުމެއްތޯ އެވެ؟ މިއީ، ﷲ ގެ ރުބޫބިއްޔަތުގައި ޝަރީކު ކުރުމެވެ."
މިއީ ޔާސިރު ޤާޟީ އެއްޒަމާނެއްގައި ރާފިޟީންނާ ބެހޭގޮތުން ދައްކާފައިހުރި ވާހަތަކެވެ. އެއީ ﷲ އަށް ރުބޫބިއްޔަތުގައި ޝަރީކު ކުރާބައެއް ކަމުގަ އެވެ. އިސްލާމް ދީނުން ބޭރުވެ މުރުތައްދުވެފައިވާ ބައެއްގެ ގޮތުގައި ވަނީ ސިފަކޮށް ބަޔާންކޮށްފަ އެވެ.
އެއަށްފަހު ޔާސިރު ޤާޟީ އީރާނުގެ ރާފިޟީ ޢަޤީދާ ފަތުރާ ޕްރޮމޯޓްކުރާ ޓީވީ ޗެނަލް ކަމުގައިވާ "ޝީޢީ ޕްރެސް ޓިވީ" ގައި ދިން އިންޓަވިއު އެއްގައި، އިންޓަވިއުގައި ސުވާލުކުރި މީހާ ސުވާލުކޮށް ބުނެ އެވެ.
ސުވާލު : ކަލޭ މީގެ ކުރިން ޔޫޓިއުބުގައި ދީފައިވާ ބަސްތަކެއް އަހަރެން އަޑުއެހީމެވެ. އޭގައި ކަލޭ ވަނީ ވަރަށް ވަރުގަދައަކަށް ޝީޢީންނާއި ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ. ވަރަށްވެސް ވަރުގަދަ ބާރުގަދަ ބަސްތަކެއް ޝީޢީންނާއި ދެކޮޅަށް ކަލޭ ބުނެފައިވެ އެވެ. މިހާރު ކަލޭ އެބަސްތަކަށް އިޤްރާރުވަން ހެއްޔެވެ؟
ޔާސިރު ޤާޟީ ޖަވާބުގައިބުނެ އެވެ : މީގެ ސަތާރަ ނުވަތަ އަށާރަ އަހަރުގެ ކުރީގައި އަހަރެން ޝީޢީންނާއި ބެހޭގޮތުން ދައްކާފައިވާ ވާހަކަ ތަކުން ... އަހަރެން އެބަސްތައް އެގޮތުގައި ބުނެވިފައިވާތީ އެކަމަށް ދެރަވެ ހިތާމަ ކުރަމެވެ. އަދި އަހަރެން މިހާރު ދެކެނީ އަހަރެން އެބަސްތައް ދޫކޮށް އެއިން އެއްކިބާވެގެންވާކަމެވެ. އަހަރެން އެއަށްފަހުގައި ޢާންމު އެތަކެއް ނަޞޭޙަތްތަކުގައި އަދި އެތަށް ވީޑިޔޯގައި އަދި އެތަކެއް އިންޓަވިއުތަކުގައި، އަހަރެންނަކީ މިހާރު ތަފާތު މީހެއް ކަމުގައި ބަޔާންކޮށްފައިވާނެ އެވެ... ބައެއް ބަސްތައް އަހަރެން ޙަޤީޤަތް (މަސްދަރެއް) ބަލާލުމެއް ނެތި އަހަރެންނަށް ބުނެވިފައިވެ އެވެ. .. އަދި އަހަރެން ދެކޭގޮތުގައި އެދަފައިން މީސްތަކުން ހައްލުވަން ދެއްކި ވާހަކަތަކުން މިހާރު އަހަރެންވަނީ އެއްފަރާތްވެގެންނެވެ. ..."
އަޑުއައްސަވާ : http://goo.gl/rTtAq3
ވިސްނާލުން ހުއްޓެވެ! ރާފިޟީންގެ ކުފުރުގެ ބަސްތަކާއި ރާފިޟީންގެ މުޑުދާރުކަމާއި ހައްދުފަހަނައަޅައިފައި ވުމަކީ އެއްވެސް މުސްލިމަކަށް އަދި ކިޔެއްތޯ ކިޔަވާ ޢިލްމު ޙާޞިލް ކޮށްފައިވާ މީހަކަށް ވަންހަނާ ވެފައިވާ ކަމެއް ނޫނެވެ. އެހެނަސް ޔާސިރު ޤާޟީ އޭނާގެ ހަވާނަފްސަށް ގޮސް ރާފިޟީ ޝީޢީ އަހުލުވެރިންގެ ގާތަށް ގޮސް އެމީހުންގެ ރުހުން ހޯދުމަށްޓަކައި ދައްކައިފައިވާ މި ބޭއިންސާފު އަނިޔާވެރި ބަސްތައް ބަލާލުން ހުއްޓެވެ. ޔާސިރު ޤާޟީ އޭނާއަށް ލިބިފައިވާ ޙައްޤު ބަސްތައް ފާރުބުޑާ ޖަހައި އޭނާ މިހާރު ވަނީ އެހެންމީހަކަށް ބަދަލުވެފަކަމުގައި ޚުދް-އޭނާ މިވަނީ ބުނެފަ އެވެ. އެގޮތުން ރާފިޟީން ގެ އެންމެ ނުބައި ފިރުޤާ ކަމުގައިވާ އިޘްނާ ޢަޝަރިއްޔާ މެދުގައި މިހާރު އޭނާ ބުނެފައިވާ ބަސްތަކާ މެދު ވިސްނާލުން ހުއްޓެވެ!
ޔާސިރު ޤާޟީ އޭނާއަށް އޭގެ ޙަޤީޤަތް ނޭނގި ދެއްކި ވާހަކަ ތަކެއްގެ ގޮތުގައި ބުނާއިރު ރާފިޟީންގެ އެންމެ މުޤައްދަސް ފޮތްތައް އޭނާ ކިޔައިފައިވާ ކަމުގައި އޭނާ އަމިއްލަ ނަފްސު ހެކިކޮށްފައިވެ އެވެ.
ޔާސިރު ފާޟީ ބުނެފައިވެ އެވެ : "އަހަރެން މި އެއްޗެހި ތައް (މާނައަކީ : ރާފިޟީންގެ ބާޠިލް ހައްދުފަހަނައަޅައިފައިވާ އެއްޗެހިތައް) އަމިއްލަ ނަފްސަށް ޚުމައިނީ ލިޔެފައިވާ ފޮތުން، އޭގެ ޚުމައިނީ ލިޔެފައިވާ ޢަރަބި ފޮތުން ކީމެވެ. އަލް ޙުކޫމަ އަލް-އިސްލާ މިއްޔާ މި ފޮތުން އަހަރެން ކީމެވެ. އެފޮތުގައި ވެ އެވެ. "މި ބާރަ އިމާމުންނަކީ އެމީހުންގެ ދީނުގައި ރަސޫލުންނާއި މަލާއިކަތުންނަށްވުރެ މަތިވެރި މަޤާމްއެއް ލިބިގެންވާ ފަރާތްތަކެއްގެ ގޮތުގައި އެމީހުން ހަދާފައިވެ އެވެ."
އަހަރެން މިތަނުގައި ޝީޢީންނާ ބެހޭގޮތުން ވާހަކަ މިދައްކަނީ، އެމީހުންގެ ފަރާތުން ޢިލްމު ލިބިގެންވާ ޙާލުގަ އެވެ. އަހަރެން އަތުގައި ޝީޢީންގެ އެންމެ ބޮޑެތި ފޮތްތައް ކަމުގައިވާ އުޞޫލުލް ކާފީ، މިފޮތް އަހަރެން ކީމެވެ. މިފޮތުގައިވާ ބާބުތައް އަހަރެން ކީމެވެ. އޯކޭ! ޝީޢީން ޤަބޫލުކުރަނީ ކޮން ކަންތައްތަކެއްކަން އަހަރެން ދަންނަމެވެ."
އަޑުއައްސަވާ : http://goo.gl/rTtAq3
މި އިންސާނާ ދީނުގެ ޙުދޫދުން ބޭރުވެފައިވާ އިސްލާމްދީނުގެ ނަމުގައި ފާޅުވެގެންވާ އެންމެ ނުބައި ފިރުޤާ ރާފިޟީން ދިފާޢު ކުރުމަށް ހަދާފައިވާ ބޮޑުވެގެންވާ ދޮގު ބަލާލާށެވެ. ޔާސިރު ޤާޟީ ބުނެފައިވަނީ "އަހަރެންނަށް ޢަޤީދާއެއް ކިޔަވައިދީ އެ ޢަޤީދާއަކަށް އަހަރެން ދަރިވަރުކޮށްފައި ބަޔާންކޮށްދިނުމުން އެ އަޤީދާ އަހަރެން އޭގެ ޙަޤީޤަތް ބެލުމެއްނެތި ޤަބޫލު ކުރީމެވެ." އެހެނަސް އޭނާ އަމިއްލައަށް ޝީޢީ ރާފިޟީންގެ އެންމެ ބޮޑެތިފޮތްތައް ކިޔަވައި އޭގެ ޙަޤީޤަތަކީ ކޮބައިކަން އޮޅުން ފިލައިފައިވާކަން އޭނާ އެވަނީ ބަޔާންކޮށްފަ އެވެ. މި އިންސާނާއަށް އެއަށްފަހު ދުނިޔެމަތީގައި މަގުފުރެދުމެއް، ހައްދުފަހަނައަޅައިފައިވާ ޖަމާޢަތެއް ބައިގަނޑެއް އޮންނާނެތޯ އެވެ؟ މި ހުރިހާ ޙަޤީޤަތެއް ބަޔާންވެ ދިއުމަށްފަހުގައިވެސް، ޔާސިރު ޤާޟީ ބުނެފައިވަނީ "އަހަރެން އެބަސްތައް އެގޮތުގައި ބުނެވިފައިވާތީ އެކަމަށް ދެރަވެ ހިތާމަ ކުރަމެވެ. އަދި އަހަރެން މިހާރު ދެކެނީ އަހަރެން އެބަސްތައް ދޫކޮށް އެއިން އެއްކިބާވެގެންވާކަމެވެ. އަހަރެން އެއަށްފަހުގައި ޢާންމު އެތަކެއް ނަޞޭޙަތްތަކުގައި އަދި އެތައް ވީޑިޔޯގައި އަދި އެތަކެއް އިންޓަވިއުތަކުގައި، އަހަރެންނަކީ މިހާރު ތަފާތު މީހެއް ކަމުގައި ބަޔާންކޮށްފައިވާނެ އެވެ."
އާއެކެވެ. މާނައަކީ އިސްލާމްދީން ހަލާކުކޮށް އެންމެ ކުރީންސުރެ ފާޅުވެފައިވާ އެންމެ މުޑުދާރު ބައިގަނަޑަކީ މިހާރު އޭނާއަށް ރަނގަޅު ހެޔޮ ބައެއްގެ ގޮތުގައިވާ ބައިގަނޑެކެވެ. نسأل الله السلامة و العافية.
ޔާސިރު ޤާޟީ، އޭނާ އެފޮތެއް ކިޔައިފައިވާ ކަމަށް ބުނެފައިވާ ފޮތް "އަހަރެން މިތަނުގައި ޝީޢީންނާއި ބެހޭގޮތުން ވާހަކަ މިދައްކަނީ، އެމީހުންގެ ފަރާތުން ޢިލްމު ލިބިގެންވާ ޙާލުގަ އެވެ. އަހަރެން އަތުގައި ޝީޢީންގެ އެންމެ ބޮޑެތި ފޮތްތައް ކަމުގައިވާ އުޞޫލުލް ކާފީ، މިފޮތް އަހަރެން ކީމެވެ. މިފޮތުގައިވާ ބާބު ތައް އަހަރެން ކީމެވެ. އޯކޭ! ޝީޢީން ޤަބޫލުކުރަނީ ކޮން ކަންތައްތަކެއްކަން އަހަރެން ދަންނަމެވެ." މިފޮތުގައިވަނީ ކޯންޗެއް ތޯ އެވެ؟
ޝީޢީން ގެ އެންމެ މުޤައްދަސް އެއް ފޮތްކަމުގައިވާ الكافي ، މި ފޮތަކީ އަހުލުއް ސުންނަތް صحيح البخاري ބަލައިގަނެފައިވާ ފަދައިން، ޝީޢީން ބަލައިގަނެފައިވާ އެމީހުންގެ އެންމެ މުޤައްދަސް އެއް ފޮތެވެ.
މިފޮތުގައި އެކުލެވިގެން ބާބުތަކުގެ ތެރޭގައި :
ބާބު : ހަމަކަށަވަރުން އިމާމުންނަށް (ޝީޢީން އެބައިމީހުންގެ ދީނުގައި ކޮންމެހެންވެސް އެބަޔަކީ އިމާމުން ކަމުގައި އީމާންވާންޖެހޭ އިމާމުން) އެބައިމީހުން މަރުވާނެ ވަޤުތު އެނގިގެންވެ އެވެ. އަދި އެބައިމީހުންގެ އިޚްތިޔާރުގައި ނޫނީ އެބައިމީހުން މަރެއް ނުހިއްޕެވޭނެ އެވެ. (1- 258)
ބާބު : ހަމަކަށަވަރުން އިމާމުންނަށް ވެ ނިމިފައިވާ އެންމެހައި ކަންތައްތަކުގެ ޢިލްމު އެނގިގެންވެ އެވެ. އަދި ވާނޭ އެންމެހައި ކަންތައްތަކުގެ ޢިލްމު އެނގިގެންވެ އެވެ. އެބައިމީހުންނަށް صلوات الله عليهم ވަންހަނާވެފައިވާ އެއްވެސް ކަމެއް ނުވާނެ އެވެ. (1- 260)
ބާބު : ހަމަކަށަވަރުން އިމާމުންނަކީ ﷲ ގެ ނޫރެވެ. (1- 194)
އިޚްވާނުންނޭވެ!
މިބައިމީހުން އިމާމުން ކަމުގައި ބުނެފައިވާ ފަރާތްތައް، އެބައިމީހުންވަނީ ނަބިއްޔުންނާއި ރަސޫލުންނަށް ވުރެ މައްޗަށް ގެންގޮސްފަ އެވެ. މި މިީސްތަކުންގެ ތެރެއަށް މިޒަމާނުގައި ފާޅުވެފައިވާ ޝީޢީއެއް ބުނެފައިވެ އެވެ. "އަހަރެމެންނަކީ ޝީޢީން ނެވެ. މަޢުޞޫމް ފަރާތްތަކަށް ފަހުގައި، ﷲ عز وجل ގެ ވަލީވެރިން ކަމުގައި އަހަރެމެން އަޤީދާގައި ޤަބޫލުކުރަނީ 14 އިމާމެކެވެ. އެއީ، ސައްޔިދުނާ އިބްރާހީމް އަލް-ޚަލީލު صلوات الله عليه އެވެ. ޢިލްމުވެރިންގެ ތަޙްޤީޤުތަކުން ހޯދަފައިވާ މިންވަރުން (އިނގޭ ގޮތުގައި) އެންމެހެޔޮވެގެންވާ ޚަލްޤަކީ އަހަރެމެންގެ ނަބިއްޔާ صلى الله عليه އަދި އާލުންނެވެ. އެއަށްފަހުގައި އަމީރުލް މުއްމިނީން (ޢަލީ ބިން އަބީ ޠާލިބް رضي الله عنه) އަދި ޒަހްރާ صلوات الله و سلامه عليهما މި ދެފަރާތްވެސް ވަނީ އެއް ދަރަޖައެއްގަ އެވެ. އެއަށްފަހުގައި އަލް-ޙަސަން އެއަށްފަހު އަލް-ޙުސައިން އެވެ. އެއަށްފަހުގައި އަހަރެމެންގެ މައުލާނާ އަލްއިމާމް އަލްމަހްދީ صلوات الله عليه އެވެ. އެއަށްފަހުގައި އަލް-ޙަސަންގެ ދަރިފަސްކޮޅުގެ އިމާމުންނެވެ. އެއީ އަލް-ސައްޖާދް އިން ފަށައިގެން އަލް-ޢަސްކަރީ އާ ހަމައަށެވެ. މި އެންމެންވަނީ އެއްދަރަޖަ އެއްގަ އެވެ. އެއަށްފަހުގައި އިބްރާހިމް އަލް-ޚަލީލު صلوات الله عليه އެވެ." أغلو في بعض القرابة ص 10
سبحان الله! އެވެ. ޝީޢީ، ރާފިޟީން ދެކޭ ގޮތުގައި ނަބިއްޔާ صلى الله عليه وسلم ގެ އެންމެ މަތިވެރި ޞަޙާބީން، ރަސޫލާ صلى الله عليه وسلم ގެ ޚަލީފާ أبو بكر الصديق رضي الله عنه އަދި ނަބިއްޔާ صلى الله عليه وسلم ގެ ދެވަނަ ޚަލީފާ عمر بن الخطاب رضي الله عنه އަކީ ދެ ކާފަރުންނެވެ. އެންމެ ނުލަފާ ނުބައިވެގެންވާ އެންމެ ބޮޑު ދެ މުޖުރިމުންނެވެ. ނަރަކައިގެ އެންމެ އަޑީގައި އެ ދެ ޚަލީފާއިންނަށް ޢަޛާބު ދެވެ އެވެ.
ޔާސިރު ޤާޟީ މި ހުރިހައި އެއްޗެއް އޮޅުން ފިލައި، މި ހުރިހައި އެއްޗެއް ބަޔާންވެ އެނގުމަށްފަހުގައި މި ބުނަނީ، މިހާރު ތިމަންނަ މިވާހަކަތައް ދެކެވުނީތީވެ ހިތާމަކުރާ ކަމުގަ އެވެ. ތިމަންނަ މިހާރު ވަނީ ބަދަލުވެފަ އެވެ.
ޔާސިރު ޤާޟީ ބަދަލުވީ ކުފުރުވެފައިވާ މީހުންގެ ކުފުރަށްބާ އެވެ؟ ނުވަތަ މި ފޮތްތަކުގައިވަނީ އެއީ ޞައްޙަ ވާހަކަ ކަމުގައި ޤަބޫލުކުރީ ބާވަ އެވެ؟
ޔާސިރު ޤާޟީ ބުނެފައިވާ "އަހަރެން މި އެއްޗެހި ތައް (މާނައަކީ : ރާފިޟީންގެ ބާޠިލް ހައްދުފަހަނައަޅައިފާ އެއްޗެހިތައް) އަމިއްލަ ނަފްސަށް ޚުމައިނީ ލިޔެފައިވާ ފޮތުން، އޭގެ ޚުމައިނީ ލިޔެފައިވާ ޢަރަބި ފޮތުން ކީމެވެ."
ޔާސިރު ޤާޟީ އަށް ޚުމައިނީ އަކީ ކާކުކަން އެއީ ކޮންފަދަ ބަސްތައް ބުނެފައިވާ މީހެއްކަން އެނގިހުރެ، އޭނާ މިހާރުވަނީ އެވާހަކަ އެގޮތައް ދެކެވުނީތީ ދެރަވެ ހިތާމަކޮށް، އެހެން މީހަކަށް ބަދަލުވެފަ އެވެ.
ފަހުގެ ދުވަސްތަކުގައި ޝީޢީ، ރާފިޟީންގެ ތެރެއަށް ފާޅުވި އެމީހުންގެ އިމާމް އާޔަތުއް ﷲ އަލް-ޚުމައިނީ އޭނާގެ ފޮތްތަކުގައި ބަޔާންކޮށްފައިވާ ބަސްތައް އަޑުއަހާލުން ހުއްޓެވެ.
ޝައިޠާނީ އަލް-ޚުމައިނީ ބުނެފައިވެ އެވެ. "ޞަޙާބީން ނަބިއްޔާ އަރިއަހުގައި ތިބީ އެއްވެސް ޙާލެއްގައި ދީން ހޯދުމަށާއި ދީން ފަތުރާކަށެއް ނޫނެވެ. އެހެނަސް އެބައިމީހުން ތިބީ ދުނިޔެ ހޯދުމަށެވެ." التعادل والترجيح ص 26
ޝައިޠާނީ އަލް-ޚުމައިނީ ބުނެފައިވެ އެވެ. "އަނިޔާވެރިކަމުގައި ޙައްދުފަހަނައަޅައިފައިވާ ނުބައި ވެރިން މިޘާލަކަށް ޔަޒީދް، މުޢާވިޔާ، ޢުޘްމާނު ފޮނުއްވި އިލާހަކީ އެއީ އިލާހެއް ނޫނެވެ." كشف الأسرار ص 107
ޝައިޠާނީ އަލް-ޚުމައިނީ ބުނެފައިވެ އެވެ. "ﷲ އެކަލާނގެ ފޮތުގައި ޒަކާތްބެހިގެންދާ 8 ބައި، ބަޔާންކުރެއްވި އެވެ. އަދި އެއަށްފަހުގައި أبو بكر އެތަނުން އެއްބައި ވައްޓާލިއެވެ. އެކަން ކުރީ عمر އެކަމަށް ނަޞޭޙަތްތެރި ވެގެންނެވެ." كشف الأسرار ص 135
ޝައިޠާނީ އަލް-ޚުމައިނީ ބުނެފައިވެ އެވެ. " عمر ރަސޫލާ صلى الله عليه وسلم ގެ ޙަޔާތްޕުޅުގެ ފަހު ދުވަސްތަކުގައި ރަސޫލާ صلى الله عليه وسلم އަށް އަނިޔާ ދިނެވެ. عمر ގެ މި ކަންތައްތަކަކީ ޢުމަރު ގެ ހިތުގެ އަޑީގައިވާ މުރުތައްދުކަމާއި ކުފުރުގެ ނަތީޖާ އެވެ." كشف الأسرار ص 119
ޝައިޠާނީ އަލް-ޚުމައިނީ ބުނެފައިވެ އެވެ. " عمر ގެ ނުބައި ނުލަފާކަން އަދަދު ނުކުރެވޭހާ ގިނަގުނަ އެވެ. އޭނާ ވަނީ ﷲ ގެ ޝަރީޢަތް ބަދަލުކޮށްފަ އެވެ." كشف الأسرار ص 172
މިއީ ޚުމައިނީގެ ބަސްތަކުގެ ތެރެއިން އޮށްޓަރެއްހާ މަދު މިންވަރެކެވެ. މިފަދަ ބަޔަކު ސުންނީންނަށް ހެޔޮކޮށް ހިތާނެ ހެއްޔެވެ!
ޝައިޠާނީ އަލް-ޚުމައިނީ ލިޔެފައިވާ ފޮތް تحرير الوسيلة މި ފޮތުގައި ޝީޢީންނަށް ޚާއްޞަވެގެންވާ ކަންތައްތައް ގޮތުގައި، ބަޔާންކޮށްފައިވެ އެވެ.
އަނބިމީހާގެ ފުރަގަސްފަރާތް ބޭނުން ކުރުން ހުއްދަވުން، އަނބިމީހާ އަދި އަނބިމީހާގެ ބޮޑުދައިތައާ އެއްފަހަރާ ކައިވެނިކުރުން ހުއްދަވުން. ނަމާދުގައި އެއްއަތްމަތީ އަނެއް އަތް ބާއްވައިފި މީހާގެ ނަމާދު ބާޠިލްވާނެކަން.
ޔާސިރު ޤާޟީ މިހާރު ހިތާމަކުރަނީ އިސްލާމްދީނުގެ ނަމުގައި ފާޅުވި މި ޝައިޠާނީ މުޖުރިމް އާ ބެހޭގޮތުން މިފަދައިން ބަސްތައް ބުނެވިފައިވާތީ އެވެ. ޔާސިރު ޤާޟީ އަށް މިކަން އެނގިހުރެ އަމިއްލަ ހަވާނަފްސަށް ތަބަޢަވެ، ﷲ ގެ ޙައްޤު ދީން އެއްފަރާތްކޮށް އޭނާގެ ހިތް އެދޭގޮތަށް ގޮސްފައިވާކަން ވަރަށް ރަނގަޅަށް ހާމަ ވެ އެވެ.
މިޙާލުގައިވާ މީހަކަަށް ހެޔޮބަސްތަކެއް ބުނެފި މީހާއަކީ އިސްލާމްދީން ކުޑަމިންވަރަކަށްވެސް އޮޅުންފިލައިފައިވާ މީހެއްގެ ގޮތުގައިވާނެ ހެއްޔެވެ. އެއާ ޚިލާފަށް ތިމަންނައަކީ ޑޮކްޓަރ އެކޭ ބުނާ، ޚުމައިނީ އަދި ޚުމައިނީ ލިޔެފައިވާ ފޮތްތަކާއި އެ މަޛްހަބުދެކެެ ﷲ އަށްޓަކައި ރުޅިވެ މުޅިއުއްމަތަށް އިންޒާރުދޭން ޖެހިފައިވާ ޙާލުގައި ތިޔަ ޔާސިރު ޤާޟީ ވަނީ ރާފިޟީންނާ މެދުގައި ބަސްތައް ބުނެވިފައިވާތީ ދެރަވެ މިހާރު އެ ޚުމައިނީ އަދި އެ މަޛްހަބު ރަނގަޅުކަމަށް ޤަބޫލުކުރާ މީހަކަށްވެފަ އެވެ.
ﷲ އަށްޓަކައި ލޯބިވުމާއި ﷲ އަށްޓަކައި ރުޅި ވުމަކީ ކޮބާތޯ؟ މިފަދަ ހަލާކު ވެފައިވާ މީހަކު މުސްލިމް ޖަމާޢަތެއްގެ ތެރެއަށް ގެނެސް އެމީހެއް ޕްރޮމޯޓު ކުރާނީވެސް ހަމައެފަދަ މުޑުދާރު ބައެކެވެ.
ޔާސިރު ޤާޟީ މިނެކިރުން އޮތީ ޢިލްމުވެރިންގެ ބަސްތަކުގެ މައްޗަށެވެ.
شيخ الإسلام ابن تيمية رحمه الله ވިދާޅުވެފައިވެ އެވެ. "ފަހެ، އެ ޞަހާބީންނަށް އެއްޗެހި ކިޔައިފި މީހާ، އެޞަޙާބީންގެ މައްޗަށް ރުޅިވެރިކަން ފާޅުކުރި މީހާއަށްވުރެ ނުބައިކަން ބޮޑުވެގެންވެ އެވެ. ފަހެ، އެފަދަ މީހާއަކީ މުނާފިގެއްކަމުގައިވެ ﷲ އާއި އާޚިރަތް ދުވަހަށް އީމާންނުވާ މީހެއްކަމުގައިވާނެ އެވެ." الصارم المسلول 571
شيخ الإسلام ابن تيمية رحمه الله ވިދާޅުވެފައިވެ އެވެ. "ރާފިޟީންނަކީ މުނާފިޤު ކަމުގައިވާ އެންމެ ބޮޑު ފިރުޤާ އެވެ. އެބައިމީހުން عمر އަށް ކިޔަނީ އެއީ މި އުއްމަތުގެ ފިރުޢައުނު އެވެ. އަދި އަބޫލުއުލުއަ އަށް އެބައިމީހުން ނަޞްރުވެރިވެ އެވެ. ފަހެ، އަބޫލުއުލުއަ އަކީ ޚަލްޤު ތަކުންގެ ތެރޭގައިވާ އެންމެ ބޮޑު ކުފުރުން ކާފަރުވެގެންވާ މީހެކެވެ. އޭނާ އަކީ ﷲ އާއި ރަސޫލާއަށް އެންމެ ބޮޑަށް ޢަދާވާތްތެރި ކަމުގައިވާ އެކަކެވެ.
منهاج -153/7
މިފަދަ މުޖުރިމުންގެ ގޮތުގައިވާ އެންމެ ނުބައިވެގެންވާ ފިރުޤާއާ މެދު ޔާސިރު ޤާޟީ ދައްކާފައިވާ ބަސްތަކާ އަދި ރާފިޟީންނަށް ޢުޒުރު ދައްކައި އެއީ ހެޔޮބައެއްގެ ގޮތުގައި ބުނެފައިވަނީ އޭނާއަށް ހުރިހައި އެއްޗެއް ކަޝްފުވެ ދިޔުމަށް ފަހުގައި އެވެ. ހައްޤު ދޫކޮށް އޭނާގެ ހަވާނަފްސަށް އެނބުގަތީ އެވެ.
شيخ الإسلام ابن تيمية رحمه الله ވިދާޅުވެފައިވެ އެވެ. "ކޫފާގެ ފިޤުހު އަހުލުވެރިންގެ ތެރޭގައިގައި ވާ ޖަމާޢަތެއް އަދި އެނޫން ތަންތަނުގައިވާ އަހުލުވެރިން ބަޔާންކޮށްފައިވަނީ ޞަޙާބީންނަށް އެއްޗެހި ކިޔައިފިމީހާއަކީ ޤަތުލު ކުރަންޖެހޭނެ މީހެއްގެ ގޮތުގަ އެވެ. އަދި ރާފިޟީންނަކީ ކާފަރުން ކަމުގައި ބަޔާންކޮށްފައިވެ އެވެ." الصارم المسلول 581
الإمام المروزي رحمه الله ވިދާޅުވެފައިވެ އެވެ. "ތިމަންނަ އަބޫ ޢަބްދި ﷲ (الإمام أحمد) އަރިހުގައި އަބޫ ބަކްރު، ޢުމަރު އަދި ޢުޘްމާން އަށް އެއްޗެހި ކިޔާ މީހެއްގެ ޙުކުމަކީ ކޮބައިތޯ ސުވާލު ދެންނެވީމެވެ. ވިދާޅުވި އެވެ. "އޭނާއަކީ އިސްލާމްދީނުގެ މަތީގައި ހުރި މީހެއް ކަމުގައި ނުދެކެމެވެ." الشرح و الإبانة 162
ޞަޙާބީންނަށް އެއްޗެހިކިޔާ ޝީޢީ ރާފިޟީން އެފަދައިން އެއްޗެހި ކިޔުމަކީ އެއީ މާ ބޮޑުކަމެއް ގޮތުގައި ނަހަދައި، އަދި ޞަޙާބީންނަށް އެއްޗެހި ކިޔުމަކީ އެއީ މުސްލިމް ސްކޫލްތަކުގެ ތެރެއިންވާ ސްކޫލެއްކަމުގައި ބުނެ، މީސްތަކުންނަށް ޙައްޤު އޮޅުވާލާފައިވާ މިންވަރު ބައްލަވާ : http://goo.gl/BXzGdJ
މި ބާޠިލް އަހުލުވެރިޔާއަށް ރައްކާތެރިކަންދީ، އަދި އޭނާއަށް ގަދަކަންދޭނީވެސް ހަމަ އެފަދަ މީހުންނެވެ.
الإمام الأوزاعي رحمه الله ވިދާޅުވެފައިވެ އެވެ. " أبوبكر الصديق އާ ދިމާލަށް އެއްޗެހި ކިޔައިފި މީހާއަކީ އޭނާގެ އިސްލާމްދީނުން ނުކުމެގެންވާ މުރުތައްދުވެފައިވާ މީހެކެވެ. އަދި އެފަދަ މީހާގެ ލެއަކީ ހުއްދަވެގެންވާ އެއްޗެކެވެ." الشرح و الإبانة 162
އުއްމަތުގެ މީސްތަކުން ޢިލްމުވެރިންގެ ކިބައިން ވަކިކޮށް، ޢިލްމުވެރިންގެ އަރިހަށް ރުޖޫޢަވުމުގެ ބޭނުމެއްނެތްކަން ކިޔަދީ އުއްމަތް މަދުފުރެދިގެން ދިއުމަށް ޔާސިރު ޤާޟީ ގޮވާލުން
މަކަރުވެރިކަމާއި އޮޅުވާލުމުގައި، މީސްތަކުން ޢިލްމުވެރިންގެ ކިބައިން ދުރުކުރުން - الشَّيْخُ العَلَّامة صَالح الفوزان حَفِظَه الله
ސުވާލު : ފަޟީލަތުއް ޝެއިޚް އެވެ. ﷲ ޝެއިޚްއަށް، ތަޥްފީޤު ދެއްވާނދޭވެ. މިއީ އެމެރިކާގެ މީހަކު ކުރާ ސުވާލެކެވެ. ސުވާލުގައިވަނީ : އެމެރިކާގައި ދަޢުވަތްދިނުމުގައިވާ މީހެއް (ޔާސިރު ޤާޟީ،Yasir Qadhi) ބުނަނީ، އޭނާ އަބަދުވެސް ކިޔާ އެއްޗަކީ – މި ޤައުމުގައިވާ (ސަޢުދީ ޢަރަބިއްޔާގައިވާ) ޢިލްމުވެރިންނަކަށް އެމެރިކާގެ މުސްލިމުންގެ ޙާލަތެއް ނޭނގޭނެ އެވެ. މި ސަބަބަށްޓަކައި އެމީހުންގެ ފަތުވާތައް އަހަރެމެން ޤަބޫލެއް ނުކުރާނަމެވެ. އަދި ތަކުރާރުކޮށް މިފަދައިން ބުނަމުންދެ އެވެ.
ޝެއިޚް މިކަމަށް ދެއްވާ ނަޞޭޙަތަކީ ކޮބައިތޯ އެވެ. އަދި ދެއްވާ އިރުޝާދަކީ ކޮބައިތޯ އެވެ؟
ޖަވާބު : އެ ޢިލްމުވެރިންނަށް، ﷲ ބާވައިލެއްވި ޢިލްމު އެނގިވަޑައިގެންފައިވެ އެވެ. ﷲ ބާވައިލެއްވި އެ ޢިލްމުން އެ ޢިލްމުވެރިން މީސްތަކުންނަށް ޙަލާލް އަދި ޙަރާމް ބަޔާންކޮށް ފަތުވާދެ އެވެ. އެމެރިކާގަ ވެސް އަދި އެހެންތަންތަނުގައި ވިޔަސް ޙަރާމް އަދި ޙަލާލް ވާނީ އެކައްޗެއްގެ ގޮތުގަ އެވެ.
ދުނިޔޭގެ ކޮންމެތަނެއްގައިމެ، ޙަރާމް ވާނީ ޙަރާމްއެއްޗެއްގެ ގޮތުގަ އެވެ. އަދި ދުނިޔޭގެ ކޮންމެތަނެއްގައި ޙަލާލް އެއީ ޙަލާލް އެއްޗެއްގެ ގޮތުގައިވާނެ އެވެ.
ޢިލްމުވެރިޔާ، ދުނިޔޭގައިވާ މީސްތަކުންނަށް ފަތުވާދެނީ، ފައިދާ ކުރަނިވި ޢިލްމުގަ އެވެ. ފަހެ (ތިޔަ ސުވާލުގައި ބަޔާންކޮށްފައިވާ ބަސްތަކަކީ) އެއީ މީސްތަކުންނަށް އޮޅުވައިލުމެ އެވެ. އޭނާގެ އެބަސްތަކަކީ (މީސްތަކުން ޢިލްމުވެރިންނާއި ދުރުކޮށް ވަކިކުރުމުގެ) މަކަރުވެރިކަމުގައި އޮޅުވައިލުމަށް ބުނެފައިވާ ބަސްތަކެކެވެ.
އޭނާ ބޭނުންވަނީ، އުއްމަތުގައިވާ ޢިލްމުވެރިންނާއި ތިޔަބައިމީހުންނާއި މުޅިން ވަކިކޮށްލުމަށެވެ. އާއެކެވެ.
އޭނާގެ ފަރާތުން ތިޔަބަސްތައް ތިޔަބައިމީހުން ޤަބޫލު ނުކުރާށެވެ.
*****
ފަތުވާ ނަގާފައިވަނީ : http://goo.gl/m2WxQN ޔާސިރުޤާޟީ ގެ ބަސްތައް އަޑުއެހުމަށް : http://goo.gl/fLCSbG
އިޚްވާނުންނޭވެ!
އުއްމަތް ހެޔޮގޮތުގައި ގެންދިއުމަށް، ހެޔޮވެގެންވާ ޢަޤީދާ އަދި މަންހަޖުގައި ޤާއިމްކުރުމަށް، އުއްމަތުގެ އެންމެ މަތީފަންތީގައިވާ ޢިލްމުގެ އަހުލުވެރިންނަށް ރުޖޫޢަވުން ހުއްޓެވެ. އަމިއްލަ މަންފާއަށް އަދި އަމިއްލަ މަޞްލަހަތު އިސްކުރަން ބޭނުންވާމީހާގެ ދަޢުވަތަކީ، އެކިއެކި ކަހަލަ ޝުބުހާތްތައް ގެނެސް، އެ ޢިލްމުވެރިންނާ އުއްމަތް ގުޅުން ކަނޑުވާލުމެވެ. އެއީ، އެހިނދު އެމީހުން ބޭނުންވާ ކޮންމެ ގޮތަކަށް މީސްތަކުން ގެންދެވޭނެތީ އެވެ. ޢިލްމުގެ އަހުލުވެރިންނަށް ރުޖޫޢަވުމުން މިފަދަ މީހުންގެ ޢަމަލުތަކާއި ބަސްތަކާއި ދައްކާވާހަކަ ދިމާނުވާކަން ބަަޔާންވެގެންދާނެތީ އެވެ.
العلامة الشيخ صالح الفوزان ވިދާޅުވެފައިވާ ފަދައިން މިއީ މިބައިމީހުންގެ މަކަރުވެރި ރޭވުމެކެވެ. މީސްތަކުން އެބައިމީހުންގެ މައްޗަށް ފާޅުވެފައިވާ ޢިލްމުގެ އަހުލުވެރިންނާއި ގުޅުން ކަނޑުވައިލުމެވެ.
އިޚްވާނުންނޭވެ. ދަންނަންޖެހެ އެވެ. މިއީ ދީނާއި ޚިލާފް، ޙައްޤު ޢިލްމުވެރިންނާ ޚިލާފަށް ކަންތައްތައް ކުރުމުގައިވާ މީހުންގެ ބަސްތަކެވެ. އެބަޔަކު ކޮށްފައިވާ ކަންތަކަކީ އިސްލާމް ދީނުގައި ޙައްޤުގޮތް ކަމުގައިވާނަމަ، އެ ޢިލްމުވެރިން ކައިރިއަށް ދިއުމަށް އޭނާ މަނާކުރަންވީ ކޮން ސަަބަބެއް އޮވެގެންތޯ އެވެ. އޭނާގެ ބަސްތަކަކީ އެ ޢިލްމުވެރިންގެ ބަސްތަކާ ދިމާވާނެ ބަސްތަކެއް ކަމުގައިވުމުން މީސްތަކުންނަށް އެކަން މަނާކުރަންޖެހޭ އެއްވެސް ބޭނުމެއް ނެތެވެ.
މިއީ މިއަދު ޙިޒްބީ ޢިޚްވާނީންގެ ގޮތްތަކެވެ. އެމީހުން ދީނުގައި ހުއްދަވެގެންވާ ނުވާ ކަންތައްތައް ކުރުމަށްފަހު ޢިލްމުވެރިންގެ ގާތައް ނުދިއުމަށް ބުނަނީ އެމީހުންގެ ޙަޤީޤަތް ކަޝްފުވާނެކަން ޔަޤީންވުމުންނެވެ.
މިއަދު ޔާސިރު ޤާޟީ އެމެރިކާގެ ހުރެގެން މިފަދައިން ބުނާއިރު، އެބަޔަކު ދިވެހި ރާއްޖޭގައި ތިބެގެން މިފަދައިން ބުނެ އެވެ. "އަހަރުމެންގެ ޤައުމުގައި ވާކަންތައްތަކުގެ ޙަޤީޤަތެއް ސަޢުދީ ޢިލްމުވެރިންނަށް ނޭނގޭނެ" "މިއީ އެޤައުމުގައި އޮންނަ ކަންތައްތަކެއް ނޫން" "އަހަރެމެންގެ ޤައުމުގެ ޙާލަތު އިނގޭނީ އަހަރެމެންނަށް" މިފަދަ އެތައް ޣައްދާރު ބަސްތައް ބުނުމުގެ ބޭނުމަކީ، އެމީހުން އަމިއްލަ މަޞްލަޙަތަށް ކޮށްފައިވާ ކަންތައްތަކުގެ ޙަޤީޤަތް އެނގިދާނެތީ އެވެ. އަދި މިއީ ޢާންމު މީހާގެ ބޮލަށް ސަވާރުވުމަށް ވަރަށް ހީލަތްތެރި ގޮތެކެވެ.
الشيخ العلامة محمد بن هادي حفظه الله ވިދާޅުވެފައިވާ ފަދައިން އެންމެހައި ފިރުޤާތްތަކަކީ، ހުރިހައި ބާޠިލް ތަކަކީ މި އިންސާނާ ދެކޭގޮތުގައި ސުންނަތުގެ އަހުލުވެރިންގެ ތެރެއަށް ވަންނަ ބައިގަނޑުތަކެވެ. ޔާސިރު ޤާޟީ އޭނާ ކިޔެވި ޢިލްމާއި ހޯދާފައިވާ ޞައްޙަ ޢިލްމު ދޫކޮށް އޭނާގެ އަމިއްލަ ފަލްސަފާއަށް ނިކުމެ އަމިއްލަ ހަވާނަފްސަށް ފާޅުވެ މީސްތަކުންނަށް އޮޅުވައިލުމަށް ތިމަންނަ އަކީ މަދީނާގެ އިސްލާމީ ޔުނިވާސިޓީން ކިޔޔަވައިފައިވާ މީހެއްކަމުގައި ބުނެ އެވެ.
އެންމެހައި އަޚުންނޭވެ. އުއްމަތަށް ނަޞޭޙަތްތެރިވުމަށް ފާޅުވެފައިވާ މަތިވެރި ކަމުގައިވާ އިމާމުން، މަޝާއިޚުންގެ ބަސްފުޅު އެއީ ހެއްކެއް ކަމުގައި ސުންނަތުގެ އަހުލުވެރިންނަށް ފުދެ އެވެ. الشيخ العلامة محمد بن هادي حفظه الله ޔާސިރު ޤާޟީގެ މައްޗަށް ދެއްވާފައިވާ އިންޒާރު އިންޒާރަކަށް ފުދެ އެވެ. އޭނާގެ ނުބައި ނުލަފާކަން އަދި ހައްދުފަހަނައަޅާފައިވާ މިންވަރު ބަޔާންވެގެންވެ އެވެ. ފަހެ، ޙައްޤު ހޯދުމަށް އަދި ޙައްޤުގެ މަގަށް ތަބަޢަވުމަށް ލޯބިކުރާ ކޮންމެ އަޚަކަށް އަދި އުޚުތަކަށްއޮތީ އެ ޢިލްމުވެރިންނަށް ޔާސިރު ޤާޟީގެ ޙަޤީޤަތް ލޮލުންފެނި އަތުން ހިފައިފައިވާ ޙާލުގައިވާ ބަސްތައް ބަޔާންވެ ދިއުމުން އެއަށް ރުޖޫޢަވުމެވެ.
އިޚްވާނުންނޭވެ! އެއްޒަމާނެއްގައި ވަކި ރައީސަކީ މުރުތައްދުވެފައިވާ މީހެއް ކަމުގައި ފަތުވާ ހޯދުމަށް އެ "ބައިގަނޑު" ދުއްވައިގަތީ الشيخ العلامة محمد بن هادي حفظه الله ގެ އަރިއަހަށެވެ. މިއީ އެބަޔަކު އެ ޢިލްމުވެރިއެއްގެ ޢިލްމަށާއި، އެ ޢިލްމުވެރިޔާ ޙައްޤު ގޮތުގައި ހުންނެވިކަމުގައި އެމީހުން ޤަބޫލުކުރާ ކަމުގެ ހެއްކެއް ބާވައެވެ. އެހެންކަމުގައިވާ ނަމަ، އެއީ އިޚްލާޞްތެރި ގޮތުގައިވާ ބައެއްކަމުގައިވާ ނަމަ، މިއަދު މިފަދަ ބޮޑު އިންޒާރެއް ޔާސިރު ޤާޟީ އާ ބެހޭގޮތުން ދެއްވާފައިވާ ހިނދުގައި އެ އިންޒާރު އެބައިމީހުންގެ ލޯތަކަށް ފެނޭހެއްޔެވެ. މުޅި އުއްމަތުގެ މީސްތަކުންނަށް އެމީހެއްގެ ކިބައިން އިންޒާރުދެއްވާ ވިދާޅުވެފައިވަނީ "އަހަރެން އޭނާއާ މެދު ތިޔަ މީސްތަކުންނަށް އެންމެ ބޮޑުވެގެންވާ އިންޒާރުން އިންޒާރުދެމެވެ." މިފަދަ ބަޔާނެއް ބަޔާންކުރައްވާފައިވާ ހިނދުގައި، އެބަޔަކު މިފަދަ ބާޠިލްގައިވާ މީހަކު މި ޤައުމަށް ގެނައުމަކީ ޢިލްމުގެ އަހުވެރިންނަށް މަތިވެރި ޤަދަރުދިނުން ހެއްޔެވެ؟ ޙަޤީޤަތުގައި އެއިރުވެސް ޢިލްމުވެރިންނަށް ތަބަޢަވީކީ ނޫނެވެ. އަދި މިހާރުވެސް ހަމަ އެފަދަ އެވެ.
އެ ދުވަހު އެ ޢިލްމުވެރިޔާގެ ބަސްފުޅުތައް އަޑުއެހުމުގައިވީ އަހުލުވެރިން، މީސްތަކުންގެ މައްޗަށް ޔާސިރު ޤާޟީ ގެ ނުރައްކަލުންނާއި އޭނާގެ ނުބައިކަމާއި ޖާހިލުކަމުން ރައްކައުތެރިވުމަށް ބަޔާންކުރައްވާ ނަޞޭޙަތްތެރިވެވަޑައިގެންފައިވާ ހިނދުގައި، މިއަދު މީސްތަކުން ރައްކައުތެރިކުރުން ކޮބައިތޯ އެވެ؟ މީސްތަކުންނަށް އެބައިމީހުންގެ ދީން ހިމާޔަތްކޮށްދިނުން ކޮބައިތޯ އެވެ؟ ދީން އޭގެ ޙައްޤު އަހުލުވެރިންގެ ކިބައިން ހޯދައި ދިނުން ކޮބައިތޯ އެވެ؟ އެހެނަސް ދީން ހިމާޔަތް ކުރުމުގެ ބަދަލުގައި މީސްތަކުންގެ މައްޗަށް ބާޠިލް ގެނެސް މީސްތަކުންނަށް އެބައިމީހުންގެ ދީން އޮޅުވައިލުމުގައިވާ ދީނުގައި ޝުބުހާތްތައް އުފައްދާ މީސްތަކުންގެ ޢަޤީދާއަށް ޝައްކުވައްދާ ފަދަ އަހުލުވެރިން ގެނެސް އެމީހުންގެ ޙައްދުފަހަނައަޅައި ދިއުން ފެތުރުން ނޫން ކަމެއް މި މީހުންގެ ނެތީބާ އެވެ!
ޙައްޤުގެ އަހުލުވެރިންނާއި ބާޠިލްގެ އަހުލުވެރިން ހޯދުން ހުއްޓެވެ. ތިބާއަށް އޮތީ މިފަދައިން އެނގި ބަޔާންވެ އެގޮތުގައި ދެމިހުރުމެވެ.
الشيخ العلامة محمد بن هادي حفظه الله ވިދާޅުވެފައިވެ އެވެ.
"އަހަރެމެންގެ މިޒަމާނުގައި ވާހަކަ ދައްކާ މީހުންވަނީ ގިނަވެފައެވެ. އެއްބަޔަކު ވާހަކަދައްކަނީ ޢިލްމާއި ޙައްޤަށް (ފޮތަށާއި ސުންނަތަށް) ތަބާވާ ޙާލުގައެވެ. އަނެއްބަޔަކު ވާހަކަ ދައްކަނީ ހަވާނަފްސުގެ އެދުންތަކާއި އަދި ނުބައި ޤަޞްދުތަކާ އެކުގައެވެ. އަނެއްބަޔަކު ވާހަކަ ދައްކަނީ ޖާހިލްކަމާ އެކުގައެވެ. މި 3 ވައްތަރުގެ މީހުންވެސް އެބަތިއްބެވެ. އަދި މީގެ ތެެރެއިންވެސް ގިނަވެގެންވަނީ ބާޠިލަށް ދަޢުވަތު ދޭ މީހުންނެވެ. ބާޠިލްއަށް ދަޢުވަތްދޭ މީސްތަކުންގެ ޢަދަދު ގިނަ އެވެ.
އަދި ބާޠިލަށް ދަޢުވަތުދޭ މީހަކަށް ތަޢުރީފުކޮށް އޭނާއަކީ އެވެނި މިވެނި މީހެކޭ ބުނެ، އޭނާ ހޯދާފައިވާ ސަނަދުތަކާއި، ދުނިޔެ މަތީ މަޤާމްތަކަށް ނިސްބަތް ކުރެވުނަސް، ތިބާއަށް އެކަންތައްތަކުގެ ސަބަބުން އޮޅުން އަރައިގެން ނުވާނެއެވެ. އެހެނީ، ފަހެ ހަމަކަށަވަރުން އެ އެންމެހައި ކަންތައްތަކަކީ އެއްވެސް އަހަންމިއްޔަތު ކަމެއް ދޭންވީ ކަންތައްތަކެއް ނޫނެވެ. މިއީ އެއްވެސް ޢިބްރަތެއް ހުރި ތަކެއްޗެއް ނޫނެވެ. މުހިންމުކަން ދިނުން އޮތީ އޭނާގެ ބަސްތައް ﷲ ގެ ފޮތާއި އެއިލާހުގެ ރަސޫލާ صلى الله عليه وسلّم ގެ ސުންނަތާއި، ތެދުމަގު ލިބިވަޑައިގެން ތިއްބެވި ޚަލީފާއިންނާއި އެނަބިއްޔާގެ ޞަޙާބީން رضي الله تعالى عنهم جميعا އެގޮތެއްގެ މަތީގައި ތިއްބެވި ގޮތާ އެއްގޮތަށްވާ މިންވަރުގެ މައްޗަށެވެ.
މިތަނުން؛ އާދެ! ޖާމިޢަތުލް އިސްލާމިއްޔާ (މަދީނާގެ އިސްލާމިކް ޔުނިވަސިޓީ) އިން ދަސްވެނިވެ، ބާޠިލަށް ދަޢުވަތުދޭ މީހުންގެ ތެރެއިން އެކަކީ ޔާސިރު ޤާޟީ އެވެ. އަހަރެން އޭނާއާ މެދު ތިޔަ މީސްތަކުންނަށް އެންމެ ބޮޑުވެގެންވާ އިންޒާރުން އިންޒާރުދެމެވެ. ވަކިން ޚާއްޞަކޮށް އޭނާ ލިޔެފައިވާ ލިޔުން ނުވަތަ ފޮތް އަހަރެމެންނާ ހަމަޔަށް ވާޞިލްވެ، ﷲ އޭނާ ފަޟީޙަތްކުރެއްވުމަށް ފަހުގައެވެ. އޭނާ ވަނީ އެ ފޮތް އިންޓަނެޓުގައި ޢާންމުކޮށްފައެވެ.
އޭނާއާއި އަދި އެހެން ބައެއް މީހުން އެއްވެ ލިޔެފައިވާ މިފޮތް ފަށައިގެންގޮސް ނިމެންދެން މުޅިންވެސް ދައުރުކުރަނީ އެންމެ ނުކުތާއެއްގެ މައްޗަށެވެ. އެއީ ބިދުޢައިގެ އަހުލުވެރިންގެ ތެރެއަށް ސުންނަތް ޖަމާޢަތުގެ އަހުލުވެރިން ވައްދާ އެއްކޮށްލާ ހިންދާލުމެވެ. އަދި ސުންނަތުގެ އަހުލުވެރިންގެ ޝަޙްސިއްޔަތު ނަގާލުމެވެ. އަދި އެބައިމީހުންގެ ޝަހްސިއްޔަތުތަކަށް އަރައިގަތުމެވެ.