ޖާނުން ފިދާވުމުގެ ޙަމަލާތައް ދިނުމަކީ ޝައިޠާނާގެ މަގަށް މީސްތަކުން ގެންދާ މީހުންގެ ސިފައެއް - الشيخ صالح بن فوزان الفوزان حفظه الله
ތަރުޖަމާކުރީ: އަބޫ އަނަސް މުހައްމަދު ހަސަން
الشيخ صالح الفوزان حفظه الله
ސުވާލު: ބޮން ގޮއްވުމާއި ޖާނުން ފިދާވުމުގެ ޙަމަލާތައް ދިނުމަކީ ދަޢުވަތް ދިނުމަށް އޮތް ވަޞީލަތްތަކުގެ ތެރެއިން ހިމެނޭ ކަންތައް ތޯއެވެ؟
ޖަވާބު: ތިޔަ ޢަމަލުތައް ކުރަމުންދާ މީހުންނަށް ﷲގެ ފޮތާއި އެކަލާނގެ ރަސޫލާ صلى الله عليه وسلم ގެ ސުންނަތަށް ދަޢުވަތް ދިނުން ހުއްޓެވެ. އެމީހުން އެވަނީ އެދަޢުވަތަށް ޙާޖަތް ޖެހިފައެވެ. މީސްތަކުންގެ ތެރޭގައި ބޮން ގޮއްވުމުގައި، ތަންތަން ހަލާކު ކުރުމުގައި ދެމިތިބި ބަޔަކު މީސްތަކުންނަށް ދަޢުވަތް ދޭނީ ކިހިނަކުން ހެއްޔެވެ. ތިޔައީ ދަޢުވަތް ދިނުމެއް ނޫނެވެ. ތިޔައީ މީސްތަކުން ދީނުން ދުރުކުރުމެކެވެ. އަދި ތަންތަން ހަލާކު ކުރުމެވެ. و العياذ بالله.
ނަބިއްޔާ صلى الله عليه وسلم މީސްތަކުންނަށް ތިކަމަށް ދަޢުވަތް ދެއްވި ހެއްޔެވެ؟ އެދުވަހުގައި ނަބިއްޔާ ޞަޙާބީންނާ އެކުގައި މައްކާގައި ހުންނެވި ހިނދުގައި، އެބައިމީހުން ތަންތަން ހަލާކު ކުރި ހެއްޔެވެ؟ ނުވާނެއެވެ. މިއީ ކުރެއްވި ކަންތަކެއް ނޫނެވެ. އެހެނަސް ﷲ އަށްޓަކައި ޙިކްމަތްތެރި ކަމާއި، ހެޔޮ ވަޢުޟާއެކުގައި މީސްތަކުންނަށް ދަޢުވަތް ދެއްވިއެވެ. މީސްތަކުންގެ ކައިރީގައި ވިދާޅުވީ ދަޢުވަތަށް އެހީތެރިވުމަށާއި އެކަމުގައި ޤާއިމްވުމަށެވެ. އެބައިމީހުންގެ ތެރޭގައި އެއްވެސް ގޮތެއްގައި ތަންތަނަށް ގެއްލުންދީ ތަންތަން ހަލާކުކޮށް ސުންނާފަތި ކޮށްގެނެއް ނޫނެވެ. ސަބަބަކީ މިއީ މުސްލިމުންނަށް އެތަށް ގުނައަކަށް ގެއްލުން ލިބިދޭނެ ކަމެކެވެ. މިއީ އެކަންކަމުގެ ސަބަބުން ކާފަރުން އުފާވާނެ ކަންކަމެވެ. މިއީ އެއްވެސް އިރެއްގައި އެއްވެސް ޙާލަތެއްގައި ހުއްދަވާނެ ކަންތަކެއް ނޫނެވެ. މިއީ ހުއްދަ ދެވިގެންވާ ކަމެއްނޫނެވެ. މިއީ ޝައިޠާނާގެ މަގަށް މީސްތަކުން ގެންދާ ގޮތެކެވެ. ނަރަކައަށް ވަނުމަށް މީސްތަކުންނަށް ދެވޭ ދަޢުވަތެކެވެ. ﷲ ވަޙީކުރެއްވިއެވެ. "އަދި ނަރަކައަށް ވަނުމަށް މީސްތަކުންނަށް ގޮވާ ދަޢުވަތްދޭ ބައެއްކަމުގައި ތިމަން ﷲ އެބައި މީހުން ލެއްވީމެވެ." އަދިވެސް ﷲ ވަޙީކުރެއްވިއެވެ. "އެބައިމީހުން އެ ގޮވަނީ ނަރަކައަށް ވަނުމަށެވެ. ﷲ ވަޙީކުރައްވަނީ އެކަލާނގެ އިރާދަފުޅުން ތިޔަބައިމީހުން ސުވަރުގެއަށް ވަނުމަށެވެ." ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވާ ފަދައިން މީސްތަކުންނަށް ދެވޭ ދަޢުވަތަކީ މަގުފުރެދުމަށާއި ނަރަކައަށް ވަނުމަށް ދެވޭ ދަޢުވަތަކަށް ވެދާނެއެވެ. والعياذ بالله. ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. "ومن دعا إلى ضلالةٍ ، كان عليه من الإثمِ مثلُ آثامِ من تبِعه ، لا يُنقِصُ ذلك من آثامِهم شيئا" "މަގުފުރެދުމަކަށް ގޮވައިލި މީހާއަށް އެކަމުގެ ފާފަ ލިބިގެންވެއެވެ. އަދި އޭނާއަށް އެކަމަށް ތަބަޢަވި އެންމެހައި މީސްތަކުންގެ ފާފަ ލިބިގެންވެއެވެ. އެއީ އެބައިމީހުންނަށް ވެސް އެ ފާފަތައް މަދުކުރުމެއް ނެތިއެވެ." ފަހެ، ދަޢުވަތަކީ ޙައްޤުން އެއްކިބާވެ މަގުފުރެދުމަށް ދެވޭ ދަޢުވަތެއް ކަމުގައި ވެދާނެއެވެ.
******
الفتاوى الشرعية في القضايا العصرية ص 39
ތިރީގައި އެވަނީ ޖާނުންފިދާވެގެންވިޔަސް ވެރިންގެ އަނިޔާވެރިކަން ހުއްޓުވާނަމޭ ބުނެ (2015-10-05) ގައި ޔޫޓިއުބުގައި ޢާންމުކުރި ވީޑިއޯއެކެވެ.
އަޚުންނޭވެ!
މައްކާގެ މުޝްރިކުން ރަސޫލާ صلى الله عليه وسلم އަށް ކުރި ދުއްތުރާތަކާއި އަނިޔާތަކަކީ އެއީ އެއްވެސް މުސްލިމަކަށް ވަންހަނާވެގެންވާނެ ކަންތައްތަކެއް ނޫނެވެ. ސުވާލަކީ އެ މާތް ނަބިއްޔާ صلى الله عليه وسلم އަދި އެކަލޭގެފާނުގެ އަޞްޙާބުންނަށްވުރެ ހެޔޮ ބަޔަކު މި އުންމަތުގައި ވާނެ ހެއްޔެވެ؟ އަދި އެނަބިއްޔާ صلى الله عليه وسلم އަދި އެކަލޭގެފާނުގެ އަޞްޙާބުންނަށް ކުރެއްވި އަނިޔާއާއި ކައިރިކުރާމިިންވަަރަށް މި މީސްތަކުންނަށް އަނިޔާކުރިތޯއެވެ؟ އެހެނަސް އެކަނލޭގެފާނު ޖާނުންފިދާވެގެން މައްކާގެ މުޝްރިކުންގެ އަނިޔާވެރިކަން ހުއްޓުވަން އަމުރުކުރި ހެއްޔެވެ؟ ނުކުރައްވައެވެ.