5 ބޮންގޮއްވުމާއި ޖާނުން ފިދާވުމުގެ ހަމަލާތަށް ދިނުމުގެ ޙުކުމް - الشيخ صالح بن فوزان الفوزان حفظه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ބޮންގޮއްވުމާއި ޖާނުން ފިދާވުމުގެ ހަމަލާތަށް ދިނުމުގެ ޙުކުމް - الشيخ صالح بن فوزان الفوزان حفظه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو نوح محمد رفاد حفظه الله. ކެޓަގަރީ ޖާނުން ފިދާވުމުގެ ޢަމަލުތައް

ސުވާލު: ޖާނުން ފިދާވުމުގެ ޢަމަލުތައް ހުއްދަވެގެންވޭތޯ އެވެ؟ އަދި މި ޢަމަލު ޞައްޙަވުމަށްޓަކައި ޝަރުޠުތަކެއް ވޭތޯ އެވެ؟


ޖަވާބު:
لا حول ولا قوة إلا بالله. الله -جل وعلا (އަންނަނިވި އާޔަތް) ވަޙީކުރައްވާފައިވާ އިރު ޖާނުން ފިދާވަނީ ކީއްވެގެން ހެއްޔެވެ؟(1) {وَلَا تَقْتُلُوا أَنْفُسَكُمْ إِنَّ اللَّهَ كَانَ بِكُمْ رَحِيمًا (29) وَمَنْ يَفْعَلْ ذَلِكَ عُدْوَانًا وَظُلْمًا فَسَوْفَ نُصْلِيهِ نَارًا وَكَانَ ذَلِكَ عَلَى اللَّهِ يَسِيرًا} [النساء: 29، 30] މާނައީ: "އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތައް ތިޔަބައިމީހުން ޤަތުލުނުކުރާށެވެ*. ހަމަކަށަވަރުން الله އީ ތިޔަބައިމީހުންގެ މައްޗަށް ރަޙީމްވަންތަ އިލާހު ކަމުގައި ވޮޑިގެންވެ އެވެ. އަދި ދެކޮޅުވެރިކަމާއި އަނިޔާވެރިކަމުގެ ގޮތުން އެކަންތައްތައް** ކުރާ މީހާ، ފަހެ، ތިމަން އިލާހު އެމީހަކު ނަރަކައަށް ވައްދަވާހުށީމެވެ. އަދި އެކަންތައް އެއީ الله އަށް ދާދި ފަސޭހަ ކަމެއް ކަމުގައިވެ އެވެ." ފަހެ އިންސާނަކަށް އޭނާގެ އަމިއްލަ ނަފްސު ޤަތުލުކުރުން ހުއްދަވެގެނެއްނުވެ އެވެ. އެއާ ޚިލާފަށް، އެންމެ ބޮޑުވެގެންވާ ރައްކައުތެރިކަމުން އޭނާގެ ނަފްސުގެ މައްޗަށް ރައްކައުތެރިވާންޖެހެ އެވެ. އަދި މިކަމާ ހުރެ (އެބަހީ ނަފްސަށް ރައްކައުތެރިވުމަކުން) الله ގެ މަގުގައި ޖިހާދުކުރުން އަދި الله ގެ މަގުގައި ހަނގުރާމަކުރުން މަނައެއް ނުކުރެ އެވެ... އަދި އޭނާގެ އަމިއްލަ ނަފްސު ޤަތުލުކުރި މީހަކަށް ނުވަތަ (އަމިއްލައަށް) މަރުވެގެންދިޔަ މީހަކަށް ޝަހީދެއްގެ ގޮތުގައި ޙުކުމެއް ނުކުރެވޭނެ (ނުބެލެވޭނެ) އެވެ.


ނަބިއްޔާ صلى الله عليه وسلم ގެ ޒަމާނުގައި، ބައެއް غَزْوَة (ހަނގުރާމަ)ތަކުގައި ވަރަށް ހިތްވަރު ގަދަ މީހުންގެ ތެރެއިން މީހަކު الله ގެ މަގުގައި ހަނގުރާމަ ކުރަމުންދިޔަ އެވެ. ފަހެ މީސްތަކުން އޭނާއަށް ސަނާކިޔުމުގައި ޤާއިމްވި އެވެ. އެބައިމީހުން ބުންޏެވެ: "
مَا أَبْلَى مِنَّا أَحَدٌ مِثْلَمَا أَبْلَى فُلَان" މާނައީ: "މިވެނި މީހަކު ގަދައަޅާ މަސައްކަތްކުރި މިންވަރާ އެއްފަދައަށް އަހަރެމެން ކުރެ އެއްވެސް މީހަކު މަސައްކަތެއް ނުކުރެ އެވެ." الله ގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވި އެވެ: {هُوَ فِي النَّارِ}، މާނައީ: "އޭނާ ވަނީ ނަރަކައިގަ އެވެ." ފަހެ ޞަޙާބީންގެ މައްޗަށް އެކަން އުނދަގޫވި އެވެ. ހަނގުރާމަކުރާ، އަދި ކާފަރުންގެ ތެރެއިން މީހަކު ފަހަތުން ގޮސް އޭނާ މަރާލައިފައި މެނުވީ ދޫކޮށްނުލާ މި އިންސާނާ ނަރަކައިގައި ވަނީ ކިހިނަކުން ބާވައެވެ؟ އެހެންކަމުން (ޞަޙާބީންގެ ތެރެއިން) މީހަކު އޭނާގެ ފަހަތުން ގޮސް އޭނާ އުޅޭ ނޫޅޭ ގޮތް ބެލި އެވެ. އަދި އޭނާ ޒަޚަމްވުމުގެ ފަހުން އޭނާއަށް ފާރަލި އެވެ. ދެން އެންމެ ފަހު ވަގުތުގައި ފެނުނީ އެމީހާ ކަނޑީގެ ބުޑު ބިންމަތީގައި ވިއްދާފައި އޭގެ އަނެއް ކޮޅު މައްޗަށްވާ ގޮތަށް ބަހައްޓާފައި އޭގެ މައްޗަށް ވެއްޓިގަނެ އަމިއްލަ ނަފްސު ޤަތުލުކުރި ތަނެވެ.


ފަހެ ޞަޙާބީ ވިދާޅުވި އެވެ: "الله ގެ ރަސޫލާ صلى الله عليه وسلم ތެދު ބަސްފުޅު ވިދާޅުވި އެވެ." އެއީ ރަސޫލާ صلى الله عليه وسلم ހަވައިގެ މައްޗަށް ބަސް ވިދާޅުނުވާތީ އެވެ.


އޭނާގެ މި ޢަމަލާ ހުރެ ނަރަކައަށް ވަނީ ކީއްވެގެން ހެއްޔެވެ؟ އެއީ އޭނާ ކެތްތެރިނުވެ އޭނާގެ އަމިއްލަ ނަފްސު ޤަތުލުކުރުމުންނެވެ. ފަހެ އިންސާނާއަށް އޭނާގެ އަމިއްލަ ނަފްސު ޤަތުލުކުރުން ހުއްދަވެގެންނުވެ އެވެ. އަދި އޭނާގެ ފުރާނަ ގެއްލިގެންދާ ފަދަ ކަމަކާ ކުރިމަތިލައިގެން ނުވާނެ އެވެ.(2) މުސްލިމުންގެ ވެރިޔާއާ އެކު ޖިހާދުކުރާ ޙާލުގައި މަރުވެގެންދިއުން މެނުވީ އެވެ. އަދި އޭނާ މަރަށް ހުށަހެޅުމުން ނުކުންނަ ފަސާދައަށް ވުރެ އެކަމުގެ މަސްލަހަތު ބުރަވާ ނަމަ އެވެ.

ފަތުވާ ނަގައިފައިވަނީ: الأجوبة المفيدة عن أسئلة المناهج الجديدة، ص 227-228،  دار سحاب السلفية، الطبعة الخامسة 1432 ه

❆  ❆  ❆


(1) ޙަދީޘް ޢިލްމުވެރިޔާ الأَلْبَانِي رحمه الله ވިދާޅުވި އެވެ: "މިހާރު މި ޒަމާނުގައި ކުރެވޭ ޖާނުން ފިދާވުމުގެ ހުރިހައި ޢަމަލުތަކަކީ ޝަރުޢުކުރެވިގެންވާ ޢަމަލުތަކެއް ނޫނެވެ. އެ ހުރިހައި ޢަމަލުތައް ޙަރާމްވެގެންވެ އެވެ. އަދި ފަހަރެއްގައި އެކަމަކީ އޭގެ ޞާޙިބާ (އެކަން ކުރާ މީހާ) ނަރަކައިގައި އަބަދުގެ އަބަދަށް ދަމަހައްޓުވާ ފަދަ ޢަމަލުގެ ބާވަތްތަކުގެ ތެރެއިން ބާވަތަކަށް ވެދާނެ އެވެ. ދެން ފަހެ ޖާނުން ފިދާވުމުގެ ޢަމަލުތައް الله އަށް ކުއްތަންވެވޭ ކުއްތަންވުމެއްގެ ގޮތުން (ކޮށްފި ނަމަ) ....... މި ޖާނުން ފިދާވުމުގެ ޢަމަލުތަކަކީ އެއްވެސް ޙާލެއްގައި އިސްލާމީ ކަމެއް ނޫނެވެ."


އަދި الشَّيخ مُحَمَّد بن صَالِح العُثَيْمِين رحمه الله ވިދާޅުވި އެވެ: "ދެން ފަހެ ޖާނުން ފިދާވުމުގައި ބައެއް މީހުން ކޮށްއުޅޭ ކަމަކީ، ކާފަރުންގެ ގާތަށް ގޮވާ ތަކެތި ހިފައިގެން ދިއުމަށް ފަހު އެމީހުންގެ ތެރޭގައި ގޮއްވާލުމެވެ. ފަހެ ހަމަކަށަވަރުން މިއީ އަމިއްލަ ނަފްސު ޤަތުލުކުރުމެވެ. والعياذ بالله  ބައްލަވާލައްވާ: "الفَتَاوَى المُهِمَّة فِي تَبْصِير الأُمَّة".


* ﴿ وَلَا تَقْتُلُوا أَنْفُسَكُمْ﴾ މާނައީ: "އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތައް ތިޔަބައިމީހުން ޤަތުލުނުކުރާށެވެ." މި އާޔަތުގެ ޝަރަޙައިގައި الشَّيخُ العَلَّامَة عَبْدُ الرَّحْمَن بن نَاصِر السَّعْدِي رحمه الله ވިދާޅުވި އެވެ: "އެބަހީ ތިޔަބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް ޤަތުލުނުކުރާށެވެ. އަދި އިންސާނާ އޭނާގެ އަމިއްލަ ނަފްސު ޤަތުލުނުކުރާށެވެ. އަދި އަމިއްލަ ނަފްސު ހަލާކުގެ ތެރެއަށް އެއްލާލުން އޭގެ ތެރެއަށް ވަންނާނެ އެވެ. އަދި ގެއްލުމާއި ހަލާކަށް ވާސިލުކޮށްދޭ ނުރައްކާތެރި ޢަމަލުތައް ކުރުން ވެސް އޭގެ ތެރެއަށް ވަންނާނެ އެވެ."


** ﴿ وَمَنْ يَفْعَلْ ذَلِكَ عُدْوَانًا وَظُلْمًا ﴾ މާނައީ: "އަދި ދެކޮޅުވެރިކަމާއި އަނިޔާވެރިކަމުގެ ގޮތުން އެކަންތައްތައް ކުރާ މީހާ"، الشَّيخُ عَبْدُ الرَّحْمَن بن نَاصِر السَّعْدِي رحمه الله ވިދާޅުވި އެވެ: "(އެ ކަންތައްތައް) އެބަހީ ބާޠިލު ގޮތުގައި މުދާ ކެއުމާއި ނަފްސުތައް ޤަތުލުކުރުމެވެ."


(2) މިތަނުގައި ޝައިޚުގެ މުރާދަކީ ވެރިޔާއާ އެކު ކުރާ ޝަރުޢީ ޖިހާދެއްގައި ޖާނުން ފިދާވުން ހުއްދަވާ ވާހަކައެއް ނޫނެވެ. އެއްވެސް ޙާލެއްގައި ޖާނުން ފިދާވުމުމަކީ އިސްލާމް ދީނުގައި ހުއްދަ ކަމެއް ނޫނެވެ. ޖިހާދުގައިވީ ނަމަވެސް، ނުވަތަ ބަލިވެ އޮތް ކަމުގައިވީ ނަމަވެސް، އަމިއްލައަށް ފުރާނަ ގެއްލުވާލާ ފަދަ އެއްވެސް ކަމެއް ކުރުން ހުއްދަވެގެނެއް ނުވެ އެވެ. ޝައިޚު މިތަނުގައި ބަޔާންކުރައްވަނީ ޖިހާދުކުރުމުން އިންސާނާ މަރުވުން އެކަށީގެންވާކަމެވެ. ފަހަރެއްގައި މަރުވެގެން ހިނގައިދާނެ އެވެ. ނުވަތަ މަރުނުވެ ސަލާމަތްވެދާނެ އެވެ. އެހެންކަމުން ޝަރުޢުކުރެވިގެންވާ ޖިހާދެއްގައި ވެރިމީހާއާ އެކު ޖިހާދުކޮށްގެން މަރުވެގެންދިއުމުން އެކަމުގައި އެއްވެސް މައްސަލައެއް ނެތެވެ

.

Like what you see?

Close

Hit the buttons below to follow us, you won't regret it...