5 މި ޒަމާނުގައި "ޖަރަޙް ވައް ތަޢުދީލް" އެއް ނޯނާނެކަމަށް ބުނުމަކީ އިސްލާމްދީނުގެ މައްޗަށް ހިންގާފައިވާ ބޮޑުވެގެންވާ ޖަރީމާއެއް - الشيخ العلامة ربيع بن هادي المدخلي حفظه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

މި ޒަމާނުގައި "ޖަރަޙް ވައް ތަޢުދީލް" އެއް ނޯނާނެކަމަށް ބުނުމަކީ އިސްލާމްދީނުގެ މައްޗަށް ހިންގާފައިވާ ބޮޑުވެގެންވާ ޖަރީމާއެއް - الشيخ العلامة ربيع بن هادي المدخلي حفظه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ޖަރަޙް ކުރުމާއި ތަޢުދީލު ކުރުން - الجرح و التعديل


ތަރުޖަމާކުރީ: އަބޫ އަނަސް މުހައްމަދު ހަސަން


ސުވާލު: "ޖަރަޙް ވައް ތަޢުދީލް" ގެ ޢިލްމަކީ އެއީ ރިވާޔަތްތަށް ރިވާކުރަމުން ދިޔަ ޒަމާނުގައި އޮތް ޢިލްމެއް ކަމާއި އެހެނަސް މިހާރުގައި (1420) ވަނަ އަހަރުގައި "ޖަރަޙް ވައް ތަޢުދީލް" ކިޔާ ޢިލްމެއް ނޯންނާނެ ކަމުގައި ބުނަމުން ދެއެވެ. މިކަމުގެ ޞައްޙަ ގޮތަކީ ކޮބައިތޯއެވެ؟

الشيخ العلامة ربيع بن هادي المدخلي حفظه الله ޖަވާބުގައި ވިދާޅުވިއެވެ.

"އަހަރެން ﷲ ޤަންދީ ހުވާކޮށްފަ ބުނަމެވެ. ތިޔަ ބަސްތަކަކީ ހިނިއަންނަ އަދި އަޑުއަހާލުމުން ހިތަށް މާޔޫސްކަން ގެންނަ ބަސްތަކެވެ. ތިޔައީ ބިދުޢަތަށް ގިނަވެ ދީން ޤަބޫލުނުކުރާ މީހުންނާއި، ކޮމިއުނިސްޓުންނާއި، ސެކިއުލެރިސްޓުން (އެއްމެހައި ދީންތަކަކީވެސް ރަގަޅު ގޮތްކަމުގައި ދެކޭމީހުންނާއި)، ރާފިޟީންނާއި، ޞޫފީން އަދި މަގުފުރެދިފައިވާ އެކި ޕާރޓީތަށް އުފެދި ޙަޢްޤު އިސްލާމްދީން ފެތުރުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތެވެ. އިސްލާމް ދީން އެއްވެސް ލަގަނެއް ނެތި ހިފެހެއްޓުމެއް ނެތި ދޫކޮށްލުމަށް އެމީހުން ދެކެއެވެ. އެމީހުން އެދޭގޮތަކީ މިސްތަކުން ބުނާހާ އެއްޗެއް ބުނުމަށް ދޫކޮށްލުމެވެ. އެއްވެސް މީހަކު އެހެން މީހަކާ ދިމާލަށް ތިޔައީ ގޯހެކޭ، ތިޔައީ މުންކަރާތެކޭ، އަދި ތިޔައީ ފަސާދުގެ އަހުލުވެރިއެކޭ އަދި މިއީ އިޞްލާޙުކުރާ މީހެކޭ ބުމެއް ނެތް ކަމުގައި އެމީހުން ބުނަމުން ދެއެވެ.


މިއީ ދީނުގެ ޢިލްމު ނެތިވެ ގޮސް އަދި ދީނުގެ ފިޤުހު ނެތި ދިއުމުން ފެންނަމުންދާ ކަންތަކެވެ. ފަހެ، ސަލަފުން ޢަޤީދާ ފޮތްތަށް ލިޔެ އެ ފޮތްތަކުގައި ބިދުޢައިގެ އަހުލުވެރިންނާއި، މަގުފުރެދިފައިވާ މީހުންގެ ޖަމާޢަތްތަކާއި، ފަރުދީ މިސްތަކުން ނަންތައް ބަޔާންކުރިއެވެ. މިކަންތަށްވެސް ހުއްޓި ނިމުނީ ތޯއެވެ؟

 

އަހަރުމެން ބުނަމެވެ. ސަލަފުންގެ ޒަމާނުގައި ނުކުތް އެކި ބިދުޢަވެރިންގެ ކަންތަކާމެދު މުނާޤަޝާކޮށް އެމީހުންގެ މަގުފުރެދުންތަށް ސަލަފުން މީސްތަކުންނަށް ބަޔާންކޮށް ރައްދު ދެއްވިއެވެ. އެހިނދު އެކަންތަށް މީސްތަކުންނަށް ވަނީ ސާފުވެފައެވެ. މިއަދު މިފަދައިން ރައްދު ދިނުން މިވަނީ ޙަރާމްކަމެއްގެ ގޮތުގައެވެ. މިއަދު ބިދުޢައިގެ އަހުލުވެރިންނާއި ބެހޭގޮތުން ބަސްތަށް ބުނުމަކީ ޙަރާމްވެގެންވާ ކަމެކެވެ. ޢިލްމާނީންނާއި، މުރުތައްދު ވެފައިވާ މީހުންނާއި، ރާފިޟީންނާއި އަދި ޞޫފީންނާ ބެހޭގޮތުން ބަސްތަށް ބުނުމަކީ ޙަރާމްވެގެންވާ ކަމެކެވެ. ماشاء الله މިއީ އެއްމެހައި ދީން ތަކަކީވެސް އެކައްޗެއްގެ ގޮތުގައި ބުނުމަށް ދެވޭ ދަޢުވަތް ނޫނީ ކޮން ދަޢުވަތެއް ތޯއެވެ؟ މިކަމުން އަހަރުމެން ﷲ އަށް އިސްތިޣްފާރުކޮށް ތައުބާވަމެވެ. މިއީ މަގުފުރެދުމެކެވެ. ޖަރަޙް ވައް ތަޢުދީލް، ﷲ ގެ ދީން ދިފާޢުކުރުމަށް އަދި ރަސޫލާ صلى الله عليه وسلم ގެ ސުންނަތް ދިފާޢުކުރުމަށް ޤިޔާމަތާއި ޖެހެންދެން ދެމިއޮންނާނެއެވެ. އަދި މިކަމުގެ މައްޗަށް ކަނޑި އުފުލާފައި އޮތުމަށް އިސްކަންދެވޭނެއެވެ. އެއީ الله تبارك و تعالىގެ ދީން ކުފުރާއި ބާޠިލްގެ މައްޗަށް މަތިވެރިކޮށް ގަދަވެގަތުމަށެވެ.


ސަލަފުން މިފަދައިން ވިދާޅުވެފައިވެއެވެ. ސުންނަތް ދިފާޢު ކުރުމުގައި ދެމިހުރުމަކީ ކަނޑިން މީސްތަކުންނާ ދެކޮޅަށް ހަނގުރާމަ ކުރުމަށްވުރެ ހެޔޮވެގެންވާ ކަމެކެވެ. ފަހެ، ސުންނަތް ދިފާޢު ކުރުންއޮތީ ޖަރަޙް ވައް ތަޢުދީލުންނެވެ.


މި މުނާސަބަތުގައި އަހަރެން ބުނަމެވެ. އިމާމް އަލްޙާކިމް (އަބޫ ޢަބްދުއް ﷲ މުޙައްމަދު ބިން ޢަބްދުއް ﷲ އަލްޙާކިމް އައްނައިސާބޫރީ) ލިޔުއްވާފައިވާ ފޮތް "މަޢުރިފަތު ޢުލޫމް އަލް ޙަދީޘް" މިފޮތުގައި ވިދާޅުވެފައިވެއެވެ. އެހީ ޙައްޤު ބަސްފުޅެކެވެ. ޖަރަޙް ވައް ތަޢުދީލަކީ ދެ ޢިލްމެކެވެ. ޖަރަޙުގެ ޢިލްމެވެ. އެއީ ވަކި ޢިލްމެކެވެ. މި ޢިލްމުން ބާޠިލް މަންހަޖުތަކުގެ އަހުލުވެރިން ބަޔާންކޮށްފައިވާ "ރަނގަޅާއި ނުބައި" ބަޔާންކޮށްދޭން ޖެހޭނެކަމަށް ބުނާ މަންހަޖުގެ ބާޠިލްކަން ބަޔާންކޮށްދެއެވެ. ޖަރަޙުގެ ޢިލްމަކީ ވަކި ޢިލްމެކެވެ. އެގޮތުން ވަރަށްގިނަ ޢިލްމުވެރިން ހަމައެކަނި ޖަރަޙައިގެ ނަމުގައި ފޮތްތަށް ލިޔުއްވިއެވެ. އެއީ ޖަރަޙަ ކުރުމުގައި ޚާއްޞަވެފައިވާ ފޮތްތަކެއްގެ ގޮތުގައި ލިޔުއްވިއެވެ. މިކަމުގެ މިޘާލަކީ އިމާމުލް ބުޚާރީ ލިޔުއްވާފައިވާ "ޟުޢަފާ (ބަލިކަށި ރާވީން)" އިމާމް އައްނަސާއީ ލިޔުއްވާފައިވާ "މަތްރޫކީން (އެކަހެރި ކުރެވިފައިވާ މީހުން)" އިބްން ޙިއްބާން ލިޔުއްވާފައިވާ "މަޖްރޫޙީން (ޖަރަޙަ ކުރެވިފައިވާ މީހުން)" އިބްން ޢަދީ ކާމިލުގައި، އިމާމް އައްޒަހަބީ، އިބްން ޙަޖަރު އަދި އެނޫން އެތަކެއް ޢިލްމުވެރިންނެއް ޖަރަޙަ ކުރުމުގައި ޚާއްޞަކުރެވިފައިވާ ފޮތްތަށް ލިޔުއްވިއެވެ. އެއީ ވަކި ޢިލްމެއްގެ ގޮތުގައި ވުމުންނެވެ. މިހެންވުމުން މުވާޒަނާތުގެ މަންހަޖުގެ އަހުލުވެރިން (ރަނގަޅާއި ނުބައި ބަޔާންކޮށްދޭން ޖެހޭނެކަމަށް ބުނާ މީހުންގެ މަންހަޖު) ގެ ބާޠިލްކަން ބަޔާންވެ މި މަންހަޖަށް ތަބަޢަވާ މީހުން ފާޅުވުން ނެތިދެއެވެ.


އަދި އެހެނިހެން އެތަކެއް އިމާމުން އެބަޔަކު އެއީ ޘީޤާއިން (އިތުބާރުހިފޭ ހެޔޮގޮތުގައިވާ މީހުން) ކަމުގައި ބަޔާންކޮށްދިނުމަށް ފޮތްތަށް ލިޔުއްވާފައިވެއެވެ. މިޘާލަކަށް އިމާމް ޢިޖްލީ އަދި އިމާމް އިބްން ޙިއްބާން ލިޔުއްވާފައިވާ "ޘީގާތް" ހިމެނެއެވެ. އެނގިއްޖެ ތޯއެވެ؟ ފަހެ، ސަލަފުން ޖަރަޙް ވައް ތަޢުދީލު އެއީ ދެޢިލްމެއްގެ ގޮތުގައި ވިދާޅުވެފައިވުމުން މިއަދު ރަނގަޅު އަދި ނުބައިވެސް ބަޔާންކޮށްދޭން ޖެހޭނެ ކަމުގައި ބުނެފައިވާ މުވާޒަނާތުގެ މަންހަޖު ޞައްޙަވާނީ ކިހިނަކުންތޯއެވެ. ސަލަފީންގެ ތެރެއިންވާ ޢިލްމުވެރިއަކު ޚާއްޞަ ފޮތެއްގެ ގޮތުގައި ޖަރަޙައިގެ ފޮތެއް ލިޔެފައިވާ ހިނދުގައި އެ ފޮތުގައި އެއްވެސް ތަނެއްގައި މުވާޒަނާތުގެ މަންހަޖެއް(އެމީހެއްގެ ހެޔޮ ކަންތައްތަކާއި ނުބައި ކަންތައް) އެއްމެ ތަނެއްގައިވެސް އެފޮތުގައި ބަޔާންކޮށްފައެއް ނުވެއެވެ.  ތިޔަބައިމީހުންނަށް މިކަން ފަހުމްވެއްޖެތޯއެވެ. بارك الله فيكم


ޖަރަޙް ވައް ތަޢުދީލް އެއީ ޤިޔާމަތާ ޖެހެންދެން ދެމިއޮންނާނެ އެއްޗެކެވެ. މީސްތަކުން މިވަނި ޢިލްމުވެރިއެއްގެ ފަރާތުން ޢިލްމު ހޯދުމަށް ބޭނުން ވުމުން އެއީ ހެޔޮ އަދި ސުންނަތުގައި ދެމިހުރި ޢިލްމުވެރިއެއް ކަމުގައި ބުނަން ޖެހެއެވެ. އެ ޢިލްމުވެރިއާއަށް ތަޒްކިޔާ ދިނުމެވެ. بارك الله فيكم އަދި މިވަނި ޢިލްމުވެރިއަކީ ރާފިޟީއެކެވެ. މިއީ ޞޫފީ އެކެވެ. މީނާ އަކީ ﷲ އެއްމެހައި ތަނެއްގައި ވޮޑިގެންވާ ކަމުގައި ބުނާ މީހެކެވެ. މިއީ އެއްމެހައި ދީންތަކަކީ ހެޔޮ ދީންތަކެއްގެ ގޮތުގައި ބުނަމުންދާ ޢިލްމާނީއެކެވެ. މިއީ ކޮމިއުނިސްޓެެކެވެ. އިސްލާމްދީނުގެ މަލަމަތި ދައްކައިގެން އުޅެނީއެވެ. އަދި މިވެނި މީހަކީ މިވަނި ކަހަލަ، އެވެނި މީހަކީ މިވެނި ކަހަލަ މީހެއްގެ ގޮތުގައި ބުނުމެވެ. ތިބާއަށް މި ކަންތައް ބަޔާންވެ ހުރުން ވާޖިބު ވެގެންވެއެވެ. މިއީ ވާޖިބު ވެގެންވާ ކަމެކެވެ. މިއީ ޖިހާދެކެވެ.  މިއީ މެދުކެނޑިގެން ދާނެ ކަމެއް ނޫނެވެ. އަދި މިއީ ރާވީންނަށް ޚާއްޞަވެގެންވާ ކަމެއް ނޫނެވެ.


އިމާމް އައްތިރުމިޒީ ލިޔުއްވާފައިވާ ސުނަނުގެ "އަލް ޢިލަލު" (މި ފޮތުގެ އެއްމެ ފަހު ޞަފްޙާތަކުގައި) ވިދާޅުވެފައިވެއެވެ. މިޢިލްމަކީ މީސްތަކުން ޙަދީޘް ޢިލްމުވެރިންގެ މައްޗަށް އިންކާރު ކުރި ޢިލްމެކެވެ. ޙަދީޘް ޢިލްމުވެރިން މިސްތަކުން ޖަރަޙަ ކޮށް ބުނެފައިވެއެވެ. އެވެނި މިވަނި މީހަކީ ޖަރަޙަ ވެފައިވާ މީހެކެވެ. މަޢުބަދުލް ޖުހަނީއަށް މިވަނީ މީހަކުވަނީ ޖަރަޙަ ކޮށްފައެވެ. ޖާބިރުލް ޖުޢްފީއަށް މިވަނި މީހަކު ވަނީ ޖަރަޙަ ކޮށްފައެވެ. ޖަރަޙަ ކުރުމަށް ބިދުޢައިގެ އަހުލުވެރިންގެ މަތިން ފެއްޓުނެވެ. އެއީ ކީއްވެ ހެއްޔެވެ؟ ސަބަބަކީ އޭނާ ގެނެސްފައިވާ ބިދުޢަ ދަށްކޮށް އެއަށް ރައްދު ދިނުމެވެ. އޭނާ އަކީ ޙަދީޘް ރިވާކުރާ މީހަކަށް ވާތީ އެއް ނޫނެވެ.


އެއަށްފަހުގައި ސަލަފުން އަހަރެމެން ކުރިން ބަޔާންކޮށްދިން ފަދައިން ބިދުޢައިގެ އަހުލުވެރިންނަށް ރައްދު ދިނުމުގެ ގޮތުން ފޮތްތަށް ލިޔުއްވިއެވެ. ޖަރަޙް ވައް ތަޢުދީލަކީ ހަމައެކަނި ޙަދީޘް ރިވާކުރި ރާވީންނަށް ޚާއްޞަ ވެގެންވާ އެއްޗެއްގެ ގޮތުގައި ނުދެކެއެވެ. އެއީ ބިދުޢަވެރި މީހެއްގެ ގޮތުގައި ވުމުން އަދި ޙަދީޘްގެ އަހުލުވެރިއެއްގެ ގޮތުގައި ވުމުންނެއް ނޫނެވެ. މުޢުތަޒިލީއެއް، ޖަހުމީއެއް، މުރުޖީއެއް .... އަދިވެސް އެފަދައިން ބަޔާންކުރެއްވިއެވެ. އެއްވެސް ކަހަލަ ގުޅުމެއް ޙަދީޘް ޢިލްމުގައި އެބައިމީހުންނާ ގުޅިފައެއް ނެތެވެ. އެހެނަސް އެއީ ބިދުޢަވެރި މީހެއްގެ ގޮތުގައިވުމުން އޭނާގެ މައްޗަށް ޖަރަޙަ ކުރީއެވެ. ޖަރަޙަ ކުރުމުގެ ދޮރަކީ  ބަންދުވެފައިވާ އެއްޗެއްގެ ގޮތުގައި ބުނާ މިމީހުން މިހެން ބުނަމުންދަނީ ކޮންތާކުން މިކަން ހޯދައިގެން ތޯއެވެ؟


މިކަމުގެ މިޘާލަކީ މަޒްހަބަށް ތައްޞުބުވެ ތިބެ ޙިޖްރީގޮތުން ދެވަނަ ޤަރުނަށް ފަހުގައި ބިންމަތީގައި ޖިހާދު ކުރުމުގެ ދޮރު ވަނީ ބަންދު ވެފައޭ ބުނާ މީހުންގެ މިޘާލެވެ. އަނެއްބަޔަކު ތިންވަނަ ޤަރުނުން ފަށައިގެންނޭ ބުނެއެވެ. އަދި އަނެއްބައި މީހުން ހަތަރުވަނަ ޤަރުން ފަށައިގެންނޭ ބުނެއެވެ. މާނައަކީ ފަހެ، އެޒަމާނުއްސުރެ ފަށައިގެން މިއަދާ ޖެހެންދެން ﷲ ވަނީ މިބައި މީހުންގެ ސިކުނޑިތަށް ގާ ކުރައްވާފައެވެ. އެކަލާނގެ ވަޙި ބަސްފުޅު އަދި އެކަލާނގެ ރަސޫލާ صلى الله عليه وسلم ގެ ޙަދީޘް މިބައި މީހުންނަށް ފަހުމެއް ނުވެއެވެ. ފަހެ، މިއީ ޙުކުމް ކުރުމުގައި ހައްދު ފަހަނައަޅައި ދިއުމެކެވެ. ﷲ ގެ ޝަރީޢަތުގެ މައްޗަށް ވެވޭ އަނިޔާވެރި ކަމެކެވެ. ބުހުތާނެކެވެ. ޖަރަޙަ ކުރުމަކީ  ހުއްޓިފައިވާ އަދި ބަންދު ވެފައިވާ ކަމެކޭ ބުނާމިހާ ދައްކާ މި ވާހަކައަކީ ﷲ ގެ މައްޗަށް ބުނެވޭ ބޮޑު ބުހުތާނު ބަސްތަކެކެވެ. ﷲ ޤަންދީ ބުނަމެވެ. މިއީ އިސްލާމްދީން ހަލާކުކޮށް ނެތި ކޮށްލުމެކެވެ. އަޚާއެވެ! ﷲ އަށް ތިބާ ބިރުވެތިވާށެވެ. މި ޖަރަޙު ވައް ތަޢުދީލުގެ ބާބު ބަންދު ނުކުރާށެވެ. ސުންނަތުގެ އަހުލުވެރިންނާއި ޙައްޤު މަގުގައިވާ އަހުލުވެރިން ތިބާގެ އަޑެއް ނާހާނެއެވެ.

 

ފަތުވާ ނަގާފައިވަނީ : ޝެއިޚްގެ ރަސްމީ ވެބްސައިޓުން : http://rabee.net/show_fatwa.aspx?id=128

Like what you see?

Close

Hit the buttons below to follow us, you won't regret it...