ޒުވާނުންނަށާއި އެނޫން މީހުންނަށް ވާޖިބުވެގެންވަނީ أَهْلُ السُّنَّة އާ ޚިލާފުވާ އެންމެނާ ދުރުވުމެވެ. - الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله
ތަރުޖަމާކުރީ: އުސްތާޛް މުޙައްމަދު ރިފާދު حفظه الله
الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله
ޒުވާނުންނަށާއި އެނޫން މީހުންނަށް ވާޖިބުވެގެންވަނީ أَهْلُ السُّنَّة އާ ޚިލާފުވާ އެންމެނާ ދުރުވުމެވެ.
ސުވާލު: އަދުގެ ވުޖޫދުގައިވާ ޖަމާޢަތްތައް، ފުރާއުމުރަށް އަރާ ޒުވާނާ އެމީހުންނާ (ގުޅި) ނިސްބަތްވާން ބޭނުންވެ އެވެ. ފަހެ އެ ޒުވާނާ އެ ޖަމާޢަތްތަކާ ދޭތެރޭ މުޢާމަލާތްކުރާނީ ކިހިނަކުންތޯ އެވެ؟
ޖަވާބު: ހަމަކަށަވަރުން الله އާއި އެއިލާހުގެ ރަސޫލާ صلى الله عليه وسلم ވަނީ أَهْلُ السُّنَّة އާ ޚިލާފުވާ ފިރުޤާތައް (ޖަމާޢަތްތައް) އުފެދޭނެކަމަށް ޚަބަރު ދެއްވާފަ އެވެ. އަދި الله އާއި އެއިލާހުގެ ރަސޫލާ صلى الله عليه وسلم ވަނީ މި ފިރުޤާތަކާ މެދު މުޢާމަލާތްކުރަންވީ ގޮތް ބަޔާންކުރައްވާފަ އެވެ. الله تعالى ވަޙީކުރެއްވި އެވެ: â وَأَنَّ هَذَا صِرَاطِي مُسْتَقِيمًا فَاتَّبِعُوهُ وَلَا تَتَّبِعُوا السُّبُل فَتَفَرَّقَ بِكُمْ عَنْ سَبِيله ذَلِكُمْ وَصَّاكُمْ بِهِ لَعَلَّكُمْ تَتَّقُونَ á ]الأنعام: 153[، މާނައީ: "އަދި މިއީ ތިމަން އިލާހުގެ ސީދާވެގެންވާ ތެދުމަގެވެ. ފަހެ، އެމަގަށް ތިޔަބައިމީހުން ތަބަޢަވާށެވެ. އަދި (އެނޫން) މަގުމަގަށް ތިޔަބައިމީހުން ތަބަޢަނުވާށެވެ. (އޭރުން) އެއިލާހުގެ މަގުން ތިޔަބައިމީހުން ވަކިވަކިވެގެން ހިނގައިދާނެތެވެ. އެ ކަންތައްތަކަށް ތިޔަބައިމީހުންނަށް އެއިލާހު ވަޞިއްޔަތްކުރެއްވީ ތިޔަބައިމީހުން ތަޤްވާވެރިވުމަށްޓަކައެވެ."
އަދި ހަމަކަށަވަރުން ރަސޫލާ صلى الله عليه وسلم ވަނީ އެކަން ސާފުވެގެންވާ ބަޔާނަކުން ބަޔާންކޮށްދެއްވާފަ އެވެ. އެހެނީ ރަސޫލާ صلى الله عليه وسلم ސީދާވެގެންވާ ރޮނގެއް ކުރެއްސެވި އެވެ. އަދި އެ ރޮނގުގެ ކަނާތްފަރާތުގަ އާއި ވާތްފަރާތުގައި އެހެނިހެން ރޮނގުތަކެއް ކުރެއްސެވި އެވެ. އަދި ސީދާވެގެންވާ ރޮނގާ ބެހޭގޮތުން ޙަދީޘްކުރެއްވި އެވެ: {هَذَا سَبِيلُ اللهِ} މާނައީ: "މިއީ اللهގެ މަގެވެ." އަދި އެހެނިހެން ރޮނގުތަކާ ބެހޭގޮތުން ޙަދީޘްކުރެއްވި އެވެ: {وَهَذِهِ سُبُلٌ، عَلَى كُلِّ سَبِيلٍ مِنْهَا شَيْطَانٌ يَدْعُو النَّاسَ إِلَيْهِ}(1) މާނައީ: "އަދި މިއީ މަގުތަކެކެވެ. އެއިން ކޮންމެ މަގެއްގައި، އެ މަގަށް ދައުވަތުދޭ ޝައިޠާނެއްވެ އެވެ."
އަދި ފަހު ޒަމާނުގައި އަންނާނެ ޤައުމަކާ ބެހޭގޮތުން ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވި އެވެ: {دُعَاةٌ عَلَى أَبْوَابِ جَهَنَّم، مَنْ أَطَاعَهُم قَذَفُوهُ فِيهَا}(2) މާނައީ: "(އެމީހުންނީ) ނަރަކައިގެ ދޮރުތަކުގެ މަތީގައި ތިބެގެން ދަޢުވަތުދޭ ބައެކެވެ. އެމީހުންނަށް ކިޔަމަންތެރިވި މީހަކު ނަރަކައިގެ ތެރެއަށް ކޮށްޕާލާނެ އެވެ."
ފަހެ ޒުވާނުންނާއި އެނޫން މީހުންގެ މައްޗަށް ވާޖިބުވެގެންވަނީ: أَهْلُ السُّنَّة وَالاِسْتِقَامَة ގެ ޖަމާޢަތާ ޚިލާފުވާ ހުރިހައި ޖަމާޢަތްތަކާއި ފިރުޤާތަކުން ދުރުވުމުވެ. އަދި ރަސޫލާ صلى الله عليه وسلم އެބައިމީހުންނާ ބެހޭގޮތުން އިންޒާރުދެއްވި ފަދައިން، އެ ޖަމާޢަތްތަކަށް ދަޢުވަތުދޭ މީހުންނާ ބެހޭގޮތުން އިންޒާރު ލިބި، ރައްކައުތެރިވުމެވެ. އަދި أَهْلُ السُّنَّة ގެ ޖަމާޢަތާ އެކުގައި ދެމިތިބުމެވެ. އެ ޖަމާޢަތަކީ ރަސޫލާ صلى الله عليه وسلم އާއި ރަސޫލާގެ އަޞްޙާބު ބޭކަލުން ތިއްބެވި ގޮތުގެ މަތީގައި ސާބިތުވެގެންވާ ހަމައެކަނި ޖަމާޢަތެވެ. ރަސޫލާ صلى الله عليه وسلم ގެ ބަސްފުޅަށް އަމަލު ކުރާ ބައެއްގެ ގޮތުގަ އެވެ: {فَإِنَّهُ مَنْ يَعِشْ مِنْكُمْ فَسَيَرَى اخْتِلَافاً كَثِيراً، فَعَلَيْكُمْ بِسُنَّتِي وَسُنَّةِ الخُلَفَاءِ الرَّاشِدِينَ} މާނައީ: "ފަހެ ހަމަކަށަވަރުން ތިޔަބައިމީހުންގެ ތެރެއިން ދިރިހުރި މީހަކަށް ގިނަގުނަ އިޚްތިލާފުތަކެއް ފެންނާނެ އެވެ. ފަހެ ތިޔަބައިމީހުން ތިމަން ނަބިއްޔާގެ ސުންނަތަށާއި ހިދާޔަތް ލިބިގެންވާ الخُلَفَاءُ الرَّاشِدُون ގެ ސުންނަތަށް ތަބައަވާށެވެ." ފަހެ އިޚްތިލާފު އުފެދޭ ވަގުތުގައި ރަސޫލާ صلى الله عليه وسلم ގެ ސުންނަތުގައާއި الخُلَفَاءُ الرَّاشِدُون ގެ ސުންނަތުގައި ހިފެހެއްޓުމަށް ރަސޫލާ صلى الله عليه وسلم އަމުރުފުޅުކުރެއްވި އެވެ. އަދި މުސްލިމުންގެ ޖަމާޢަތާއި މުސްލިމުންގެ ވެރިޔާއާ ގުޅި ސާބިތުވެ ތިބުމެވެ.
❆❆❆
ފަތުވާ ނަގައިފައިވަނީ: الأجوبة المفيدة عن أسئلة المناهج الجديدة، س 107، ص250-252، دار سحاب السلفية، الطبعة الخامسة 1432 ه
..................
(1) الشيخ فَوْزَان حفظه الله އިޝާރާތް ކުރައްވަނީ اِبْنُ مَسْعُودٍ رضي الله عنه ގެ ޞައްޙަވެގެންވާ ސާބިތު ޙަދީޘަށެވެ. اِبْنُ مَسْعُود ވިދާޅުވި އެވެ: "خَطَّ رَسُولُ اللهِ صلى الله عليه وسلم خَطًّا بِيَدِهِ، {ثُمَّ قَالَ: هَذَا سَبِيلُ اللهِ مُسْتَقِيماً} قَالَ: ثُمَّ خَطَّ عَنْ يَمِينِهِ وَشِمَالِهِ، ثُمَّ قَالَ: {وَهَذِهِ السُّبُلُ، عَلَى كُلِّ سَبِيلٍ مِنْهَا شَيْطَانٌ يَدْعُو النَّاسَ إِلَيْهِ}" މާނައީ: "ރަސޫލާ صلى الله عليه وسلم ގެ އަތްޕުޅުން ރޮނގެއް ކުރެއްސެވި އެވެ. އެއަށްފަހު ޙަދީޘްކުރެއްވި އެވެ: "މިއީ اللهގެ މަގެވެ." ވިދާޅުވި އެވެ: ދެން އެއަށްފަހު އެ ރޮނގުގެ ކަނާތްފަރާތުގަ އާއި ވާތްފަރާތުގައި ރޮނގުތަކެއް ކުރެއްސެވި އެވެ. =
= އެއަށްފަހު ޙަދީޘްކުރެއްވި އެވެ: "މިއީ މަގުތަކެވެ. އެއިން ކޮންމެ މަގެއްގައި، އެމަގަށް ދަޢުވަތުދޭ ޝައިޠާނެއްވާ މަގެއް މެނުވީ އެ މަގުތަކުގެ ތެރެއިންނުވެ އެވެ." ރިވާކުރެއްވީ أحمد (1/465) ގައި، އަދި الحاكم (2/318) ގައެވެ. الحاكم ގެ ރިވާޔަތުގައި ވަނީ: "خَطَّ لَنَا رَسُولُ اللهِ صلى الله عليه وسلم خَطًّا، ثُمَّ خَطَّ عَنْ يَمِينِهِ وَشِمَالِهِ خُطُوطاً، ثُمَّ قَالَ: {هَذَا سَبِيلُ اللهِ، وَهَذِهِ السُّبُلُ، عَلَى كُلِّ سَبِيلٍ مِنْهَا شَيْطَانٌ يَدْعُو إِلَيْهِ}" މިޙަދީޘެވެ. މާނައީ: "ރަސޫލާ صلى الله عليه وسلم ތިމަން ޞަޙާބީންނަށް ރޮނގެއް ކުރައްސަވައިދެއްވި އެވެ. އަދި އެ ރޮނގުގެ ކަނާތްފަރާތުގަ އާއި ވާތްފަރާތުގައި ރޮނގުތަކެއް ކުރެއްސެވި އެވެ. އެއަށްފަހު ޙަދީޘްކުރެއްވި އެވެ: "މިޢި اللهގެ މަގެވެ. އަދި މިއީ މަގުތަކެކެވެ. އެއިން ކޮންމެ މަގެއްގައި، އެމަގަށް ދަޢުވަތުދޭ ޝައިޠާނެއްވެ އެވެ." އަދި الحاكم ވިދާޅުވި އެވެ: "މިއީ އިސްނާދު ޞައްޙަ ޙަދީޘެކެވެ." އަދި البخاري އާއި مسلم އެ ޙަދީޘް (އެ ސަނަދުން) ރިވާ ނުކުރައްވަ އެވެ. އަދި الذهبي، الحاكم އާ އެއްބަސްވެވަޑައިގަތެވެ.
(2) މިއީ حُذَيْفَةُ بن اليَمَانِ رضي الله عنه ގެ ޙަދީޘްގެ ބައެކެވެ. حُذَيْفَة ވިދާޅުވި އެވެ: "كَانَ النَّاسُ يَسْأَلُونَ رَسُولُ اللهِ صلى الله عليه وسلم عَنْ الخَيْرِ وَكُنْتُ أَسْأَلُهُ عَنِ الشَّرِّ مَخَافَةَ أَنْ يُدْرِكَنِي فَقُلْتُ يَا رَسُولَ اللهِ إِنَّا كُنَّا فِي جَاهِلِيَّةٍ وَشَرٍّ فَجَاءَنَا اللهُ بِهَذا الخَيْرِ فَهَلْ بَعْدَ هَذَا الخَيْرِ مِنْ شَرِّ قَالَ {نَعَم} قُلْتُ وَهَلْ بَعْدَ ذَلِكَ الشَّرِّ مِنْ خَيْرٍ قَالَ {نَعَم وَفِيهِ دَخَنٌ} قُلْتُ وَمَا دَخَنُهُ قَالَ {قَوْمٌ يَهْدُونَ بِغَيْرِ هَدْيِي تَعْرِفُ مِنْهُم وَتُنْكِرُ} قُلْتُ فَهَلْ بَعْدَ ذَلِكَ الخَيْرِ مِنْ شَرٍّ قَالَ {نَعَم دُعَاةٌ عَلَى أَبْوَابِ جَهَنَّمَ مَنْ أَجَابَهُمْ إِلَيْهَا قَذَفُوهُ فِيهَا} قُلْتُ يَا رَسُولَ اللهِ صِفْهُم لَنَا قَالَ {هُمْ مِنْ جِلْدَتِنَا وَيَتَكَلَّمُونَ بِأَلْسِنَتِنَا} قُلْتُ فَمَا تَأْمُرُنِي إِنْ أَدَرَكَنِي ذَلِكَ قَالَ {تَلْزَمُ جَمَاعَةَ المُسْلِمِينَ وَإِمَامَهُم} قُلْتُ فَإِنْ لَمْ يَكُنْ لَهُمْ جَمَاعَةٌ وَلَا إِمَامٌ قَالَ {فَاعْتَزِلْ تِلْكَ الفِرَقَ كُلَّهَا وَلَوْ أَنْ تَعَضَّ بِأَصْلِ شَجَرَةٍ حَتَّى يُدْرِكَكَ الْمَوْتُ وَأَنْتَ عَلَى ذَلِكَ}"
މާނައީ: "ރަސޫލު الله صلى الله عليه وسلم ގެ އަރިއަހުގައި މީސްތަކުން ހެޔޮކަންތަކާ ބެހޭގޮތުން ސުވާލު ދަންނަވާ އުޅުނެވެ. އަދި ތިމަން ޞަޙާބީ ނުބައިކަމާ ބެހޭގޮތުން ރަސޫލު الله صلى الله عليه وسلم އާ ސުވާލު ދަންނަވާ އުޅުނީމެވެ. އެއީ ތިމަން ޞަޙާބީއާ އެ ނުބައިކަން ބައްދަލުވެދާނެކަމުގެ ބިރަށްޓަކައެވެ. ފަހެ ތިމަން ޞަޙާބީ ދެންނެވީމެވެ: "އޭ اللهގެ ރަސޫލާ އެވެ. ހަމަކަށަވަރުން އަޅުގަނޑުމެންވީ ޖާހިލިއްޔަކަމާއި ނުބައިކަމުގެ ތެރޭގައެވެ. ފަހެ الله އަޅުގަނޑުމެންނަށް މި ހެޔޮކަން ދެއްކެވިއެވެ. ފަހެ މި ހެޔޮކަމަށް ފަހު ނުބައިކަމެއްވޭތޯ އެވެ؟"
ޙަދީޘްކުރެއްވި އެވެ: "އާނއެކެވެ."
ތިމަން ޞަޙާބީ ދެންނެވީމެވެ: "އަދި އެ ނުބައިކަމަށް ފަހު ހެޔޮކަމެއްވޭތޯ އެވެ؟"
ޙަދީޘްކުރެއްވި އެވެ: "އާނއެކެވެ. އަދި އޭގައި ދަޚަނެއް (ފިތުނަ ފަސާދައެއް)ވެ އެވެ."
ތިމަން ޞަޙާބީ ދެންނެވީމެވެ: "އޭގެ ފިތުނަ ފަސާދައަކީ ކޮބައިތޯ އެވެ؟"
ޙަދީޘްކުރެއްވި އެވެ: "އެއީ ބައެކެވެ. އެބައިމީހުން ހިދާޔަތް ލިބިގަންނާނީ ތިމަން ނަބިއްޔާގެ ހިދާޔަތް ނޫން އެއްޗަކުންނެވެ. ތިބާ އެމީހުންގެ ކިބައިން (ހެޔޮކަންތައް ވާކަން) ދަނެ އަދި (އެމީހުންގެ ނުބައި ކަންތަކަށް) އިންކާރު ކުރާނެ އެވެ."
ތިމަން ޞަޙާބީ ދެންނެވީމެވެ: "އެ ހެޔޮކަމަށް ފަހު ނުބައިކަމެއްވޭތޯ އެވެ؟"
ޙަދީޘްކުރެއްވި އެވެ: "އާނއެކެވެ. (އެމީހުންނީ) ނަރަކައިގެ ދޮރުތަކުގެ މަތީގައި ތިބެގެން ދައުވަތު ދޭ ބައެކެވެ. އެމީހުންނަށް ނަރަކައަށް އިޖާބަދިން މީހަކު ނަރަކައިގެ ތެރެއަށް ކޮށްޕާލާނެ އެވެ." =
= ތިމަން ޞަޙާބީ ދެންނެވީމެވެ: "އޭ اللهގެ ރަސޫލާ އެވެ. އެބައިމީހުން އަޅުގަނޑުމެންނަށް ސިފަކޮށްދެއްވާށެވެ."
ޙަދީޘްކުރެއްވި އެވެ: "އެމީހުންނީ އަހަރެމެންގެ ހަމުގެ މީހުންނެވެ. އަދި އެމީހުން ވާހަކަދައްކާނީ އަހަރުމެންގެ ބަހުންނެވެ."
ތިމަން ޞަޙާބީ ދެންނެވީމެވެ: "ތިމަން ޞަޙާބީ އެކަމާ ބައްދަލުވެއްޖެ ނަމަ، އިބަ ނަބިއްޔާ އަމުރުފުޅުކުރައްވަނީ ކިހިނަކުންތޯ އެވެ؟"
ޙަދީޘްކުރެއްވި އެވެ: "ތިބާ މުސްލިމުންގެ ޖަމާޢަތާ އެކުގައި ދެމިހުންނާށެވެ. އަދި އެމީހުންގެ ވެރިޔާއާ އެކު ދެމިހުންނާށެވެ."
ތިމަން ޞަޙާބީ ދެންނެވީމެވެ: "ފަހެ، މުސްލިމުންނަށް ޖަމާޢަތެއް އަދި ވެރިއެއް ނުވާ ނަމަ (އަމުރުފުޅުކުރައްވަނީ ކިހިނަކުންތޯ އެވެ)؟"
ޙަދީޘްކުރެއްވި އެވެ: "ތިބާ އެ ހުރިހައި ފިރުޤާތަކާ ދުރަށް ދާށެވެ. ތިބާ ގަހެއްގެ މުލުގައި ދަތް އަޅައިގެން އޮންނަން ޖެހުނުކަމުގައިވީ ނަމަވެސްމެ އެވެ. ތިބާ އެ ޙާލަތުގައި ހުއްޓާ މަރު އައިސް ތިބާއާ ބައްދަލު ކޮށްފުމަށް ދާންދެނެވެ."
ރިވާކުރެއްވީ البخاري (3411، 6673) ގައި، އަދި مسلم އާއި الحاكم އާއި އެނޫން ބޭފުޅުންނެވެ.