ބިދުޢަވެރިންގެ ފޮތްތައް ކިޔުމާއި ޓޭޕުތައް އަޑުއެހުމުގެ ޙުކުމް - الشيخ صالح بن فوزان الفوزان حفظه الله
ތަރުޖަމާކޮށް ލިޔެ ތައްޔާރުކުރީ: މުޙައްމަދު ރިފާދު
الشيخ صالح بن فوزان الفوزان حفظه الله
ސުވާލު: ބިދުޢަވެރިންގެ ފޮތްތައް ކިޔުމާއި، އެމީހުންގެ ޓޭޕުތައް އަޑުއެހުމާ ބެހޭ ގޮތުން އޮތް ޙައްޤު ބަހަކީ ކޮބައިތޯ އެވެ؟
ޖަވާބު: ބިދުޢަވެރިންގެ ފޮތްތައް ކިޔުން ހުއްދަވެގެނެއް ނުވެ އެވެ. އަދި އެމީހުންގެ ޓޭޕުތައް އަޑުއެހުން ވެސް ހުއްދަވެގެނެއް ނުވެ އެވެ. އެމީހުންނަށް ރައްދު ދިނުމަށާއި އެމީހުންގެ މަގުފުރެދުން ބަޔާންކުރަން ބޭނުންވާ މީހަކަށް މެނުވީ އެވެ.
ދެން ފަހެ (ޝަރުޢީ ޢިލްމު ކިޔަވަން) ފަށައިގަންނަ މީހާ، އަދި طَالِبُ العِلْم (ޝަރުޢީ ޢިލްމު އުނގެނޭ މީހާ) އަދި އާންމު މީހާ، އަދި ރައްދު ދިނުމަށާއި އެތަކެތީގެ ޙާލަތު ބަޔާން ކުރުން ނޫން އެހެން ސަބަބަށްޓަކައި، ހަމައެކަނި ބަލައިލަން މެނުވީ އެތަކެތި ކިޔައި ނުލާ މީހާ؛ ފަހެ މިމީހުންނަށް އެފޮތްތައް ކިޔުން ހުއްދަވެގެނެއް ނުވެ އެވެ. ސަބަބަކީ ޔަގީނުން ވެސް އެތަކެތި އޭނާގެ ހިތަށް އަސަރު ކުރާނެތީ އެވެ.(1) އަދި އޭނާއަށް އޮޅުވައިލާނެ އެވެ. ފަހެ އެއިރުން އޭގެ ނުބައި ކަމުގެ މުސީބާތް އޭނާއަށް ލިބިގެންދެ އެވެ.
ފަހެ މަގުފުރެދުމުގެ އަހުލުވެރިންގެ ފޮތްތައް ކިޔުން ހުއްދަވެގެނެއް ނުވެ އެވެ. ޢިލްމުގެ އަހުލުވެރިންގެ ތެރެއިން (އެކަމަށް) ޚާއްސަވެގެންވާ އަހުލުވެރިންނަށް މެނުވީ އެވެ. އެއީ އެތަކެއްޗަށް (ފޮތްތަކާއި ޓޭޕުތަކުގައިވާ ބާޠިލަށް) ރައްދު ދިނުމަށެވެ. އަދި އެތަކެއްޗަށް އިންޒާރު ދިނުމަށްޓަކައެވެ.
❆ ❆ ❆
----------------------
(1) މި ފުޓްނޯޓުތައް ލިޔުއްވާފައިވަނީ މި ފަތުވާ ނެގިފައިވާ ފޮތް ތައްޔާރުކުރައްވާފައިވާ ދަރިވަރު جَمَال بِن فُرَيْحَان الحَارِثِي އެވެ.
ހަވާނަފްސުގެ އަހުލުވެރިންނާއި ބިދުޢައިގެ އަހުލުވެރިންގެ ކިބައިން އިންޒާރު ލިބިގަތުމާ ބެހޭގޮތުން ސަލަފުންގެ ފަރާތްޕުޅުން އަޘަރުތައް މުތަވާތިރުކޮށް ވާރިދުވެގެންވެ އެވެ. އޭ ޙައްޤަށް އެދޭ އަޚާ އެވެ. މިއީ ތިބާއަށްޓަކައި ނަގުލުކުރެވިފައިވާ ބައެއް އަޘަރުތަކެވެ:
أَبُو قِلَابَة (رحمه الله) ވިދާޅުވި އެވެ: "لَا تُجَالِسُوهُمْ – يَعْنِي: أَهْلَ البِدَعِ – وَ لَا تُخَالِطُوهُمْ؛ فَإِنِّي لَا آمَنُ أَنْ يَغْمِسُوكُمْ فِي ضَلَالَتِهِمْ، أَوْ يَلْبِسُوا عَلَيْكُمْ كَثِيراً مِمَّا تَعْرِفُون". މާނައީ: "ތިޔަބައިމީހުން އެމީހުންނާ އެކު – އެބަހީ: ބިދުޢަވެރިންނާ އެކު – ނުއިށީންނާށެވެ. އަދި އެބައިމީހުންނާ މަސްހުނި ނުވާށެވެ. ފަހެ ހަމަކަށަވަރުން އެމީހުންގެ މަގުފުރެދުމުގެ ތެރެއަށް ތިޔަބައިމީހުން ގަންބުވާ ނުލާނެ ކަމުގެ ޔަގީންކަމެއް ނުވަތަ ތިޔަބައިމީހުންނަށް އެނގޭ ގިނަ ކަންކަން ތިޔަބައިމީހުންގެ މައްޗަށް އޮޅުވާނުލާނެ ކަމުގެ ޔަގީންކަމެއް އަހަންނަށް ލިބިގެނެއް ނުވެއެވެ. އެވެ." اللالكائي (1/134)، البدع و النهي عنها (55)، الإعتصام (1/172).
އަދި إِبْرَاهِيم النَّخَعِيّ (رحمه الله) ވިދާޅުވި އެވެ: "لَا تُجَالِسُوا أَصْحَابَ البِدَع، وَلَا تُكَلِّمُوهُمْ؛ فَإِنِّي أَخَافُ أَنْ تَرْتَدَّ قُلُوبُكُمْ". މާނައީ: "ބިދުޢައިގެ އަހުލުވެރިންނާ އެކު ތިބާ ނުއިށީންނާށެވެ. އަދި ތިބާ އެމީހުންނާ ވާހަކަވެސް ނުދައްކާށެވެ. ފަހެ ހަމަކަށަވަރުން ތިޔަބައިމީހުންގެ ހިތްތައް މުރުތައްދުވެގެން ހިނގައިދާނެ ކަމަށްޓަކައި އަހަރެން ބިރުވެތިވަމެވެ." البدع و النهي عنها (56)، الإعتصام (1/172).
އަދި أَبُو قِلَابَة (رحمه الله) ވިދާޅުވި އެވެ: "يَا أَيُّوبُ – السَّخْتِيَانِي -، لَا تُمَكِّنْ أَصْحَابَ الأَهْوَاءِ مِنْ سَمْعِكَ". މާނައީ: "އޭ أَيُّوب (السَّخْتِيَانِي) އެވެ. ހަވައިގެ އަހުލުވެރިންނަށް ތިބާގެ ކަންފަތުގެ މައްޗަށް ވެރިވެގަތުމަށް ފުރުސަތު ނުދޭށެވެ." اللالكائي (1/134).
އަދި الفُضَيْل بِن عِيَاض (رحمه الله) ވިދާޅުވި އެވެ: "إِذَا رَأَيْتَ مُبْتَدِعاً فِي طَرِيقٍ فَخُذْ فِي طَرِيقٍ آخَر". މާނައީ: "ތިބާއަށް މަގަކުން ބިދުޢަވެރިއަކު ފެނިއްޖެ ނަމަ، ތިބާ އެހެން މަގަކުން ހިނގާށެވެ." الإبانة (2/475). =
= އަދި الحَارِث بن أَسَد المُحَاسِبِي އާއި އޭނާގެ ފޮތްތަކާ ބެހޭގޮތުން أَبُو زُرْعَة (رحمه الله) ގެ އަރިއަހުގައި ސުވާލު ދެންނެވުނެވެ؛ އެހިނދު ސުވާލުކުރި މީހާއަށް ވިދާޅުވި އެވެ: "إِيَّاكَ وَهَذِهِ الكُتُبَ، هَذِهِ كُتُبُ بِدَعٍ وَضَلَالَاتٍ، عَلَيْكَ بِالأَثَرِ". މާނައީ: "މިފޮތްތަކާ ބެހޭގޮތުން ތިބާ އިންޒާރު ލިބިގަންނާށެވެ. މިއީ ބިދުޢަތަކާއި މަގުފުރެދުމުގެ ފޮތްތަކެވެ. ތިބާ އަޘަރަށް (ސަލަފުންގެ އަރިއަހުން ރިވާވެގެންވާ ޙަދީޘްތަކާއި ބަސްފުޅުތަކަށް) ތަބައަވާށެވެ." (އެހިނދު) أَبُو زُرْعَة އަށް ދެންނެވުނެވެ: "އެފޮތްތަކުގައި އިބުރަތްތަކެއްވެ އެވެ." ފަހެ أَبُو زُرْعَة ވިދާޅުވިއެވެ: "مَنْ لَمْ يَكُنْ لَهُ فِي كِتَابِ اللهِ عِبْرَةٌ، فَلَيْسَ لَهُ فِي هَذِهِ عِبْرَة". މާނައީ: "الله ގެ ފޮތުގައި ޢިބުރަތެއް އެމީހަކަށް ލިބިގެން ނުވާ މީހަކަށް، މިތަކެތީގައި އޭނާއަށް ޢިބުރަތެއް ނޯންނާނެ އެވެ." އެއަށް ފަހު ވިދާޅުވި އެވެ: "ماَ أَسْرَعَ النَّاسَ إِلَى البِدَعِ". މާނައީ: "މީސްތަކުން ބިދުޢަތަކާ ދިމާއަށް ދާލެ ހައުދަހައިވާ އަވަހެވެ." التهذيب (2/117)، تاريخ بغداد (8/215).
އަދި المُحَاسِبِي ބެހޭގޮތުން الإِمَام أَحْمَد (رحمه الله) އަށް ސުވާލު ދެންނެވުމުން ގަދަފަދަވެގެންވާ ވަރުގަދަ ބަސްފުޅެއް ވިދާޅުވި އެވެ. ފަހެ ސުވާލު ކުރި މީހާއަށް ވިދާޅުވި ބަސްފުޅުތަކުގެ ތެރެއިންވެ އެވެ: "لَا تَغْتَرَّ بِتَنْكِيسِ رَأْسِهِ؛ فَإِنَّهُ رَجُلُ سُوءٍ..لَا تُكَلِّمْهُ، وَلَا كَرَامَةَ لَهُ..وَلَا نُعْمَى عَيْن" މާނައީ: "އޭނާގެ ބޯ ލަދުވެތިކަމާއެކު އިސްދަށަށް ޖަހާ ޖެހުމުން ތިބާ ކެހިވެރިކަން ލިބިނުގަންނާށެވެ. ފަހެ ހަމަކަށަވަރުން އޭނާއަކީ ނުބައި ނުލަފާ ފިރިހެނެކެވެ . . ތިބާ އޭނާއަށް ވާހަކަ ނުދައްކާށެވެ. އަދި އޭނާއަށް އެއްވެސް ކަރާމާތްތެރިކަމެއް (އިހުތިރާމެއް، ޝަރަފެއް) ލިބިގެނެއް ނުވެއެވެ. އަދި ރުހުމުގެ ލޮލަކުން އޭނާއަކަށް ނުބެލޭނެ އެވެ." طبقات الحنابلة (1/233).
ފަހެ މިއީ ބިދުޢައިގެ އަހުލުވެރިންނާ މުއާމަލާތް ކުރެއްވުމަށް ސަލަފުން ގެންގުޅުއްވި މަންހަޖެވެ. އަދި އެބިދުޢަވެރިންގެ ފޮތްތަކާއި އެމީހުންގެ ވާހަކަތައް އަޑުއެހުމާ ދޭތެރޭ ސަލަފުން ދެކެވަޑައިގަންނަވާ ގޮތެވެ. އަދި އެކަންތަކުގެ މައްޗަށް އެމީހުންގެ ޓޭޕުތައްވެސް ގިޔާސް ކުރާށެވެ. ފަހެ ހަމަކަށަވަރުން ޓޭޕުތަކުގައިވާ ވާހަކައިގެ ބަނޑިބަނޑި މާ ބޮޑަށް ނުރައްކައުތެރިވެގެންވެ އެވެ. ފަހެ އަހަރެންގެ އިސްތަށިގަނޑާ އެވެ. އަހަރުމެންގެ ޒުވާނުން މިމަންހަޖަށް ރެއަކާ ލާތޯ އެވެ؟ އަދި އަހަރުމެންގެ ޒަމާނުގައިވާ ބިދުޢަތަކާއި ހަވައިގެ އަހުލުވެރިންގެ ޓޭޕުތަކާއި ފޮތްތަކާ ދުރުވެ އިންޒާރު ލިބިގަނޭތޯ އެވެ؟!
ފަތުވާ ނަގައިފައިވަނީ: الأجوبة المفيدة عن أسئلة المناهج الجديدة، ص 133-134، دار سحاب السلفية، الطبعة الخامسة 1432 ه