ސަލަފީ މަންހަޖާއި ޚިލާފް ކަންތައްތަކެއް ކުރުމަށް ފަހުގައި އޭނާ ތިމަންނަ އެކަންތަކުން ރުޖޫޢަ ވެއްޖައީމޭ ބުނެ ހެދުމުން އެމީހަކާއި މެދު ސަލަފީ އަޚުން މުޢާމަލާތް ކުރަންވީ ކިހިނަކުންތޯއެވެ؟ - الشيخ العلامة ربيع بن هادي المدخلي حفظه الله
ތަރުޖަމާކުރީ: އަބޫ އަނަސް މުހައްމަދު ހަސަން
الشيخ العلامة ربيع بن هادي المدخلي حفظه الله އާއި ސުވާލު ކުރެވުނެވެ.
ސަލަފީ މަންހަޖާއި ޚިލާފް ކަންތައްތަކެއް ކުރުމަށް ފަހުގައި އޭނާ ތިމަންނަ އެކަންތަކުން ރުޖޫޢަ ވެއްޖައީމޭ ބުނެ ހެދުމުން، ނުވަތަ ބައެއްފަހަރު އެފަދަ މީހަކު ތިމަންނަ އެކަންތަކުން އެކަހެރި ވެއްޖައީމެ ބުނެ އެގޮތުގައި ދަޢުވާކުރުމުން އެފަދަ މީހުންނާއި މެދުގައި ސަލަފީ ބައެއް އަޚުންތަކުގެ މެދުގައި އޮޅުންއަރާފައި އަދި ދެބަސްވެފައިވާ މައްސަލައެއްގެ ގޮތުގައިވެއެވެ. އެއްބަޔަކު އޭނާގެ ތައުބާ ޤަބޫލުކުރެއެވެ. އަނެއް ބަޔަކު އޭނާގެ ތައުބާ ޤަބޫލެއް ނުކުރެއެވެ. ޝެއިޚްއެވެ. މިފަދަ ސަލަފީ ޒުވާން ކުދިންނަށް ޝެއިޚްގެ ނަޞޭޙަތަކީ ކޮބައިތޯއެވެ.
ފަޟީލަތުއް ޝެއިޚް ربيع بن هادي المدخلي حفظه الله ޖަވާބުގައި ވިދާޅުވިއެވެ.
“މީހަކަށް ފާފައެއް ކުރެވުމުން، ޝުބުހާތެއްގެ ތެރެއަށް ވެއްޓުމުން، ނުވަތަ ބިދުޢައެއް ކުރެވުމުން އެއަށްފަހުގައި އޭނާ ތައުބާވެ ﷲ އަށް ރުޖޫޢަ ވެއްޖެނަމަ، އެއްވެސް މީހަކު އޭނާގެ ކުރިމަތީގައި ތައުބާގެ ދޮރު ބަންދިވެފައިވާ ކަމުގައި ދެކިގެން ނުވާނެއެވެ. ސަބަބަކީ މަޣްރިބުން އިރު އެރުމަށް ދާންދެން ތައުބާގެ ދޮރު ވަނީ ހުޅުވިފައެވެ. ﷲ އަށް ތައުބާވެ އެކަލާނގެއަށް އެއަޅާ ރުޖޫޢަ ވެއްޖެނަމަ ފަހެ، އެހިނދު ވާޖިބު ވެގެންވަނީ އެކަމަށް ﷲ އަށް ޙަމްދު ކުރުމެވެ. އަދި އެކަމަށް އޭނާ ބޮޑަށް ޝައުޤުވެރި ކުރުމެވެ. އެހެނަސް ބައެއް މީހުންގެ ޙާލަތަކީ އެބައި މީހުންނަކީ ދޮގު ހެދުމަށް އާދަވެފައިވާ ބައެއްގޮތުގައިވާ މީހުންނެވެ. އަދި ކުލަ ބަދަލުކޮށް އޭނާ ތައުބާވެއްޖެ ކަމުގައި މީސްތަކުންނަށް ބޭރުފުށުން ދައްކައެވެ. އެހެންވުމުން އަހަރުމެން ބުނުންއޮތީ މިފަދައިންނެވެ. إن شاء الله ތިބާގެ ތައުބާ އަކީ ﷲގެ ހަޒުރަތުގައި ޤަބޫލުވޮޑިގެންވާ ތައުބާއެކެވެ. އަދި އެއާއި އެކުގައި އެނާގެ ތައުބާއަކީ ޞައްޙަ ތައުބާއެއްކަން ފާޅުވަންދެން އޭނާގެ މަތިން ރައްކާތެރިކަން ހޯދަން ޖެހޭނެއެވެ.
أبو الحسن الأشعري އޭނާގެ ތައުބާ މިސްކިތުގެ މެމްބަރު މަތީގައި މީސްތަކުންނަށް އިޢުލާނު ކުޅައެވެ. އޭނާއަކީ މުޢުތަޒިލީންގެ މަޒްހަބުގައި އިންތިހާ ދަރަޖައަށް ގޮސްފައިވާ އިމާމެކެވެ. އަދި އެ ނުބައި ހަޑިހުތުރު މަޒްހަބުގައި ފަގުފުރެދިފައިވާ ޙާލުގައި ސާޅީސް އަހަރު ހޭދަކުޅައެވެ. އެއަށްފަހު ތައުބާވިއެވެ. އަދި ތައުބާ އިޢުލާން ކުޅައެވެ. އޭނާގެ ތައުބާއަކީ ޞައްޙަ ތައުބާއެއްކަން އަންގައި ދިނުމަށްޓަކައި މުޢުތަޒިލީންނަށް ރައްދުދިނުމުގައި ފޮތްތަށް ލިޔަން ފެއްޓިއެވެ. އެމަޒްހަބުގެ ޝުބުހާތްތަކަށް ރައްދު ދިނެއެވެ. މިއީ އެ ތައުބާ ތެދުވެރި، ޞައްޙަ، ތައުބާއެއް ކަމުގައި ބަޔާންވެގެންދާ ދަލީލުތަކެވެ. އޭނާގެ ތައުބާއަކީ ޞައްޙަ ތައުބާއެއް ކަމުގައި ބަޔާންވެގެންވާ ޤަރީނާތަކެއް ފެންނަނަމަ އެހިނދު އޭނާއަށް އެކަމަށް ހިތްވަރުދީ، ޝައުގުވެރިކަން ފާޅުކުރާނީއެވެ. އޭނާގެ ތައުބާއަކީ ހަމައެކަނި އޭނާކުރާ ދަޢުވާއެއް ކަމުގައި ވާނަމަ ސަލަފީން އެހިނދު މިކަމަށް ހޭލައި ތިބެންޖެހޭނެއެވެ. ސަބަބަކީ މިޒަމާނަކީ ސިޔާސީ، ޙަޤީޤަތް އޮޅުވާލައި، މުނާފިޤުންގެ ސިފަތަށް ޖެހިގެންވާ ޒަމާނެކެވެ. އޭނާގެ ތައުބާއަކީ މަކަރުވެރި ރޭވުމެއް ކަމަށް ވެދާނެތީއެވެ. މިޒަމާނުގައި ޕާރޓީތަށް ގިނަވެ ހަމައެކަނީ ސަލަފީއެއް ކަމުގައި ބެލެވެންއޮތީ އެމަންހަޖާއި އިދިކޮޅުވާ އެއްމެހައި ކަންތަކުން އެއްކިބާވެ އޭނާއަކީ ފުރިހަމަ ސަލަފީއެއްކަމުގައި ބަޔާންވެ ދިޔުމުންނެވެ. އެބައިމީހުންގެ ފަރާތަށް އޭނާ ލެނބިއްޖެ ކަމުގައިވާނަމަ އެބައިމީހުންނަށް ކުޅަދާނަވީ މިންވަރަކަށް އޭނާ އެފަސާދަ މަންހަޖަށް އެމީހުން ލަންބުވާނެއެވެ. މިފަދައިން ކަންތައްތަށް ވެފައި އެބަހުއްޓެވެ.
ކޮންމެ ޙާލެއްގައިވެސް އަހަރެމެންނަށް އޮތީ އެފަދަ މީހަކު ތައުބާ ވެއްޖެކަން ފާޅުކޮށްފިނަމަ އެކަމަށް އޭނާއަށް ހިތްވަރުދީ ޝައުޤުވެރި ކުރުވުމެވެ. އެހެނަސް ކުޅެމަޖާ ކުރާފަދައިން ޢަމަލު ކުރާނަމަ ވާޖިބުވެގެންވަނީ މިފަދަ މީހުންގެ ކިބައިން އިންޒާރުދިނުމެވެ. އަދި ސަލަފީން ތިބެންޖެހޭނީ މިފަދަ މީސްތަކުންގެ ފަރާތުން ލޯހުޅުވައި ހޭލައިގެންނެވެ.”
ފަތުވާ ނަގާފައިވަނީ : صيانة السلفي من وسوسة و تلبيسات علي الحلبي ص 79