5  މިސްކިތްތައް ބިނާ ކުރުމަށާއި ޖަމުޢިއްޔާތަކަށް ފަރުޟު ޒަކާތް ދިނުމުގެ ޙުކުމް - الإِمَام ابن بَاز رحمه الله, الإِمَام العُثَيمِين رحمه الله އަދި العَلامة صَالح الفَوزَان حفظه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

 މިސްކިތްތައް ބިނާ ކުރުމަށާއި ޖަމުޢިއްޔާތަކަށް ފަރުޟު ޒަކާތް ދިނުމުގެ ޙުކުމް - الإِمَام ابن بَاز رحمه الله, الإِمَام العُثَيمِين رحمه الله އަދި العَلامة صَالح الفَوزَان حفظه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ޒަކާތް

الإِمَام العَلامة عَبد العَزِيز بن بَاز رحمه الله

މިސްކިތްތައް ބިނާ ކުރުމަށް، ޖަމުޢިއްޔާތަކަށް ފަރުޟު ޒަކާތް ދިނުމުގެ ޙުކުމް

އެންމެހައި ޢިލްމުވެރިންގެ އަރިއަހުގައި ފާޅުވެ ބަޔާންވެގެންވާ ގޮތަކީ، އަދި އެއީ ގިނަ ޢިލްމުވެރިންގެ ބަސްފުޅެވެ. އެއީ ޖުމްހޫރު ޢިލްމުވެރިންގެ ޤައުލެވެ. އަދި އުއްމަތުގެ އެންމެ ފުރަތަމަ ކޮޅުގެ ޞަލަފުއް-ޞާލިޙުންގެ ޢިޖްމާޢު ބުނެވޭފަދަ އެވެ. ހަމަކަށަވަރުން މިސްކިތްތައް ބިނާ ކުރުމަށާއި އަދި ފޮތްތައް ގަތުމަށް އަދި އެފަދަ އެހެނިހެން ކަންކަމުގައި ޒަކާތް ހޭދަކޮށްގެން ނުވާނެ އެވެ. އެހެނަސް ޒަކާތް ހޭދަކުރާނީ ސޫރަތުގައިވާ އާޔަތުގައި ޛިކުރު ކުރެވިފައިވާ 8 ބަޔަށެވެ. އެއީ : الفقراء ފަޤީރުންނަށާއި، والمساكين މިސްކީނުންނަށާއި، والعاملون عليها އެކަމުގެ ޢާމިލުންނަށާއި، والمؤلفة قلوبهم އަލަށް އިސްލާމްވާ މީހުންނަށާއި، وفي الرقاب އަޅުން މިނިވަން ކުރުމުގައްޔާއި، والغارمون ދަރަނިވެރިންނަށާއި، وفي سبيل الله ޖިހާދު ކުރުމަށާއި އަދި ابن السبيل ޙާލުގައި ޖެހިފައިވާ ދަތުރުވެރިންނަށެވެ.
އަދި (އާޔަތުގައި ވަޙީކުރައްވާފައިވާ) އެއީ ޚާއްޞަކޮށް ޖިހާދުކުރުމުގަ އެވެ. ޢިލްމުގެ އަހުލުވެރިންގެ އަރިހުގައި ބަޔާންވެގެންވާ ގޮތަކީ މިގޮތެވެ. މިސްކިތްތައް ބިނާކުރުމާއި ބެލެހެއްޓުން ޒަކާތް ބެހިގެންދާ ބައިގެ ތެރެއަށް ނުހިމެނޭނެ އެވެ. އަދި މަދަރުސާތައް ބިނާކުރުމާއި ބެލެހެއްޓުންވެސް ނުވަންނާނެ އެވެ. އަދި މަގު ހެދުންވެސް ނުވަންނާނެ އެވެ. އަދި މި ނޫން އެހެން ކަންތައްތައްވެސް ނުވަންނާނެ އެވެ. والله ولي التوفيق
****

ފަތުވާ ނަގާފައިވަނީ : https://goo.gl/PG1006

الشَّيْخ العَلامة صَالح الفَوزَان حفظه الله

މިސްކިތްތައް ބިނާ ކުރުމަށް، ޖަމުޢިއްޔާތަކަށް ފަރުޟު ޒަކާތް ދިނުމުގެ ޙުކުމް


ސުވާލު: މިސްކިތްތައް ބިނާ ކުރުމަށާއި، އަދި މިސްކިތްފަދަ ތަންތަނާ ގުޅޭކަންތައްތައް ނުވަތަ ފާޚާނާ އެޅުމަށްޓަކައި ފަރުޟު ޒަކާތް ދެވޭނެ ތޯއެވެ؟

 

ޖަވާބު: މިސްކިތްތައް ބިނާ ކުރުމަށާއި އަދި އެހެނިހެން ހެޔޮ ޢަމަލުތަކަށް ޒަކާތު ފައިސާ ހޭދަކުރުން ހުއްދައެއް ނުވާނެ އެވެ. އެހެނަސް އެ ހޭދަކުރަންޖެހޭނީ ﷲ އާޔަތުގައި ޚާއްޞަކުރައްވާ ކަނޑައަޅުއްވާފައިވާ ބައިތަކަށެވެ. ﴿ إِنَّمَا الصَّدَقَاتُ لِلْفُقَرَاءِ وَالْمَسَاكِينِ وَالْعَامِلِينَ عَلَيْهَا وَالْمُؤَلَّفَةِ قُلُوبُهُمْ وَفِي الرِّقَابِ وَالْغَارِمِينَ وَفِي سَبِيلِ اللَّهِ وَابْنِ السَّبِيلِ فَرِيضَةً مِنَ اللَّهِ  وَاللَّهُ عَلِيمٌ حَكِيمٌ ﴾ " ހަމަކަށަވަރުން ފަރުޟު ޒަކާތުގެ ތަކެތި ވަނީ، ފަޤީރުންނަށާއި، މިސްކީނުންނަށާއި، އެކަމުގެ ޢާމިލުންނަށާއި، އަލަށް އިސްލާމްވާ މީހުންނަށާއި، އަޅުން މިނިވަން ކުރުމުގަ، ދަރަނިވެރިންނަށާއި، ޖިހާދު ކުރުމަށާއި އަދި ޙާލުގައި ޖެހިފައިވާ ދަތުރުވެރިންނަށެވެ. ﷲ ގެ ޙަޟުރަތުން ކަނޑައަޅުއްވާފައިވާ ފަރުޟެއްގެ ގޮތުގަ އެވެ. ﷲ އީ މޮޅަށް ދެނެވޮޑިގެންވާ، ޙަކީމްވަންތަ އިލާހެވެ."
ފަރުޟު ޒަކާތް ހޭދަކުރުންއޮތީ މި 8 ބަޔަށެވެ. ސަބަބަކީ އެހެނީ މިތަނުގައި ﷲ تعالى ޒަކާތުގެ އަހުލުވެރިން ޒިކުރުކޮށްދީފައިވަނީ ޙަސްރު (ހަމައެކަނި ޙައްޤު އަހުލުވެރިންނަކީ މިބައިމީހުން ކަމުގައިވެ، އެހެން އެއްވެސް ބަޔަކު އަދި އެހެން އެއްވެސް ކަމެއް ކުރުމުގެ ގޮތުން ޒަކާތް ނުދެވޭނެ) އެވެ. އެހެނަސް ހެޔޮވެގެންވާ އެހެނިހެން ޢަމަލުތަކަށް މުދާހޯދުންވަނީ އެހީތަކުންނެވެ. އެހީތަކުން ހޯދާނީ އެވެ. އަދި އެހެނިހެން ޢަމަލުތަކުންނެވެ. އެހެނަސް ޒަކާތު ފައިސާ ޚާއްޞަ ކުރަންޖެހޭނީ ﷲ އެބަޔަކަށް ޒަކާތް ޚާއްޞަކުރައްވާ ފަރާތްތަކަށެވެ. އެއީ ޛިކުރު ކުރައްވާފައިވާ 8 ބައެވެ. އާނއެކެވެ.
***

ފަތުވާ ނަގާފައިވަނީ : https://goo.gl/vaPXop

الشَّيْخ العَلامة العُثَيمِين رحمه الله

މިސްކިތްތައް ބިނާ ކުރުމަށް، ޖަމުޢިއްޔާތަކަށް ފަރުޟު ޒަކާތް ދިނުމުގެ ޙުކުމް

މި އަށް ބަޔަކީ ﷲ ބަޔާންކުރައްވާފައިވާ ޒަކާތުގެ އަހުލުވެރިންނެވެ. ހުރިހައިކަމެއް މޮޅަށް ދެނެވޮޑިގެންވާ އެންމެ ޙިކްމަތްތެރި އިލާހުގެ ޢިލްމުފުޅުން ޚަބަރު ދެއްވާފައިވާ ބައިތަކަކީ މިއެވެ. އެކަލާނގެ ފޮތުގައި މިވަނީ މިބައިތައް ބަޔާންކޮށްދެއްވާފައެވެ. މިސްކިތް އެޅުމަށާއި، މަގުތައް ހެދުމަށާއި ކަންކަމުގައި ޒަަކާތުގެ ފައިސާ ޚަރަދު ކުރުން ހުއްދައެއް ނުވާނެއެވެ. އެހެނީ މިތަނުގައި ﷲ تعالى ޒަކާތުގެ އަހުލުވެރިން ޒިކުރުކޮށްދީފައިވަނީ ޙަސްރު (ހަމައެކަނި ޙައްޤު އަހުލުވެރިންނަކީ މިބައިމީހުން ކަމުގައިވެ، އެހެން އެއްވެސް ބަޔަކު އަދި އެހެން އެއްވެސް ކަމެއް ކުރުމުގެ ގޮތުން ޒަކާތް ނުދެވޭނެ) ކަމުގައި ބަޔާންކުރުމުގެ ގޮތުގައެވެ. ޙަސްރު ކުރުމުން އެގެގެން ދަނީ އެނޫން އެހެން ހުރިހާއެއްޗެއްގެ މައްޗައް ޙުކުމް ނަފީވެގެންދާ ކަމެވެ.
 
****

ފަތުވާ ނަގާފައިވަނީ : مجموع الفتاوى


އަޚުންނޭވެ! މިއީ މި ޒަމާނުގައި ޖަމުޢިއްޔާތައް ފާޅުވެ، ދީނުގެ ނަމުގައި އެބަޔަކަށް ޒަކާތް ދެވޭނެ ބައެއް ކަމުގައި ފާޅުވި ޒަމާނުގައި އުއްމަތުގެ އެންމެ ބޮޑެތި ޢިލްވެރިން ދެއްވާފައިވާ ފަތުވާތަކެވެ. ފައިސާއާއި ދުނިޔެ އަތްމައްޗަށް އެރުމުން އެ "ޙަލާލުވާނެ" ގޮތެއް ހަދައި، އޮޅުވާލައިގެން، ރޭވުންތެރިކަމުން އަދި ޙީލަތަކުން ހޯދުން އެއީ "މޮޅު" ޒަމާނެއް ކަމުގައި މި ޒަމާންވަނީ ވެފައެވެ. ދީނުގައި އެންމެހައި ސުންނަތުގެ އިމާމުން އިއްތިފާޤުވެވަޑައިގެންފައިވާ ކަންތައްތަކުގައި ވެސް، އެ އެންމެހައި ޢިލްމުވެރިންނަށް ގޮންޖަހާފައި، އަމިއްލައަށް ކަންތައް ނިންމާ ބަޔަކަށް ޒަކާތު ފައިސާ ތިމަންމެން ޖަމުޢިއްޔާތަކަށް ހޯދުން އެއީ ނުކޮށްދޫކުރާނެ ކަމަކަށް ނުވާނެ އެވެ.
އިމާމް العَلامة الشيخ ابن باز رحمه الله ވިދާޅުވެފައިވާ ފަދައިން، އާޔަތުގައި ޛިކުރު ކުރެވިފައިވާ 8 ބައިގެ އަހުލުވެރިން ނޫން އެހެން އެއްވެސް ބަޔަކަށް ޒަކާތް ހުއްދައެއް ނުވާނެކަމުގައި އުއްމަތުގެ ފުރަތަމަ ކޮޅުގެ ސަލަފުއް-ޞާލިޙުންވަނީ އިއްތިފާޤުވެވަޑައިގެންފަ އެވެ. މިއަދު "ސަލަފުން" ބުނާ ކަހަލަ އެވެ. ޒަކާތް އޮތީ 9 ބަޔަކަށެވެ. 9 ވަނަ ބަޔަކީ ޖަމުޢިއްޔާ އެވެ!


މަދީނާގައި އަހަރުމެން ކިޔެވި ދުވަސްތަކުގައި އެންމެ ގިނަ ދުވަހު އެ ޢިލްމުވެރިއެއްގެ ދަރުސްތަކުން ފައިދާ ލިބުނު އެއް ދަރުސަކީ العَلامة الشيخ عبد المحسن العَبَّاد حفظه الله ގެ ދަރުސްތަކެވެ. ޒަކާތުފައިސާ އެބަޔަކަށް ހައްޤުވެގެންވާ 8 ބައި ވަޙީކުރައްވާފައިވާ 8 ބައި ޛިކުރު ކުރެވިފައިވާ އާޔަތް ކަމުގައިވާ ﴿ إِنَّمَا الصَّدَقَاتُ لِلْفُقَرَاءِ وَالْمَسَاكِينِ وَالْعَامِلِينَ عَلَيْهَا وَالْمُؤَلَّفَةِ قُلُوبُهُمْ وَفِي الرِّقَابِ وَالْغَارِمِينَ وَفِي سَبِيلِ اللَّهِ وَابْنِ السَّبِيلِ فَرِيضَةً مِنَ اللَّهِ  وَاللَّهُ عَلِيمٌ حَكِيمٌ ﴾ "ހަމަކަށަވަރުން ފަރުޟު ޒަކާތުގެ ތަކެތި ވަނީ، ފަޤީރުންނަށާއި، މިސްކީނުންނަށާއި، އެކަމުގެ ޢާމިލުންނަށާއި، އަލަށް އިސްލާމްވާ މީހުންނަށާއި، އަޅުން މިނިވަން ކުރުމުގައްޔާއި، ދަރަނިވެރިންނަށާއި، ޖިހާދު ކުރުމަށާއި އަދި ޙާލުގައި ޖެހިފައިވާ ދަތުރުވެރިންނަށެވެ. ﷲ ގެ ޙަޟުރަތުން ކަނޑައަޅުއްވާފައިވާ ފަރުޟެއްގެ ގޮތުގަ އެވެ. ﷲ އީ މޮޅަށް ދެނެވޮޑިގެންވާ، ޙަކީމްވަންތަ އިލާހެވެ." މި އާޔަތުގައިވާ 7 ބައިގެ މައްޗަށް ދެބަސްވެވޭކަށެއް ނެތެވެ. ޚިލާފް އުފެދޭކަށް ޖާގައެއް ނެތެވެ. އެހެނަސް " وَفِي سَبِيلِ اللَّهِ، ﷲ ގެ މަގުގައި" ބަޔާންވެފައިވާ ކަލިމައިން ފައިސާގެ ދަހިވެތިކަމުގައިވާ މީހުންނަށް އެބައިމީހުން ބޭނުންވާ މާނަ ދޭހަކޮށް ތަފްސީރު ކުރުމަށް ފުރުސަތު ލިބިފައިވެ އެވެ.  
ވުމުން އެމީހުން ބުނެ އެވެ. ދަޢުވަތް ދިނުމަކީ ﷲ ގެ މަގުގައި ކުރެވޭ ކަމެކެވެ. ފޮތްގަތުމަކީ ﷲ ގެ މަގުގައި ކުރެވޭ ކަމެކެވެ. މިނޫން އެތައް އެތައް ކަމެކެވެ. މިއީ ހުޅުވިފައިވާ ދޮރެއް ކަމުގައި ހަދައި އެބަޔަކު ބޭނުން ގޮތަކަށް މިކަލިމަ އަނބުރާލަ އެވެ.


މިފަދަ ބަސްތަކުގެ އަހުލުވެރިންނަށް ރައްދުދެއްވާ ޝެއިޚް العَلامة الشيخ عبد المحسن العَبَّاد حفظه الله ވިދާޅުވި އަޑު އެހީމެވެ. "މި އާޔަތުގައި ބަޔާންކޮށްފައިވާ އެންމެހައި މަގުތަކަކީވެސް ﷲ ގެ މަގުގައި ހޭދަކުރާ ހޭދަކުރުމެކެވެ. ފަޤީރުން، މިސްކީނުން، ދަރަނިވެރިން، ޙާލުގައި ޖެހިފައިވާ ދަތުރުވެރިން މި އެންމެހައި މީސްތަކުންނަށް ހޭދަ ކުރުމަކީ ﷲ ގެ މަގުގައި ހޭދަ ކުރުމެވެ. އެހެންވުމުން އެބައިތައް ޛިކުކޮށްފައި އޭގެ އިތުރަށް وَفِي سَبِيلِ اللَّهِ ވަޙީކުރެއްވުމުން އެއިން ދޭހަކޮށްދެނީ އެއީ ޚާއްޞަ މާނައެއް ކަމުގަ އެވެ. އެއީ ޚާއްޞަކޮށް ދީނުގައި ޖިހާދު ކުރުމުގެ ބާބުގެ ތެރޭގަ އެވެ. ޒަކާތަކީ ވަކި ބަޔަކަށް ޚާއްޞަވެގެންވާ ކަނޑައެޅިފައި ނުވާ އެއްޗެއްގެ ގޮތުގައިވެއްޖެ ހިނދު މި ބައިތައް ވަޙީކުރެއްވުމުގެ ޙާޖަތެއް ނެތެވެ...."


މިފަދައިން ޙުއްޖަތްބަޔާންކޮށް ޒަކާތް އެބަޔަކު އެދޭހާ ކަންތައްތަކަށް ހޭދަކުރާ މީހުންނަށް ރައްދުދެއްވަ އެވެ. ޙައްޤު ބަސްތަކުގައި ބާޠިލްއިން ވަކިވެ ދެމިހުރުން މިއަދު ކޮބައިހެއްޔެވެ؟ ﷲ ގެ ބަސްފުޅު އޭގެ ޙައްޤު މުރާދުން ފަހުމްވުން ކޮބައި ހެއްޔެވެ؟ އުއްމަތުގެ ސަލަފުއް-ޞާލިޙުން ޤާއިމްވެވަޑައިގެން ދެމި ތިއްބެވި ހެޔޮގޮތް ކޮބައިތޯ އެވެ؟ ތިޔަބައިމީހުން އުއްމަތުގެ ޙައްޤު ޢިލްމުވެރިންގެ ބަސްފުޅުތަކުގައި ދެމި ތިބުން ކޮބައިހެއްޔެވެ؟ ޢިލްމުވެގެ އަހުލުވެރިންގެ ފަތުވާތަކުގައި ދެމިހުރުން ކޮބައިހެއްޔެވެ؟ މި އުއްމަތުގައި ފަހުގެ ދުވަސްތަކުގައި ދުނިޔެ ދުށް ސުންނަތާއި ޢިލްމާއި ތަޤްވާވެރިކަމުގައި އެންމެ ފުންނާބުއުސް އިމާމުންގެ ބަސްފުޅުތަކުގައި ދެމިހުރުން ކޮބައިތޯ އެވެ؟
ދީނަށް އަލަށް ކަންތައްތައް ވެއްދި އަހުލުވެރިން މި ބާބުގައި ކަންްތައްތައް ވައްދާފައިވާ ފަދައިން މީސްތަކުންނަށް ޙައްޤު ޙައްޤު ގޮތުގައި ދެއްކުމުގެ ބަދަލުގައި ޙައްޤު މަޞްދަރުން ބާޠިލްއަށާއި ބާޠިލްގެ އަހުލުވެރިންގެ ގާތަށް ގެންދިއުމުގައިވާ އަހުލުވެރިންގެ ކިބައިން އަޅަމެން ސަލާމަތް ކުރައްވާށި އެވެ.  

 

Like what you see?

Close

Hit the buttons below to follow us, you won't regret it...