ރަމަޟާން މަހުގެ ހެޔޮކަމާއި، މާތް، މަތިވެރިކަމުގެ މައްޗަށް ޣާފިލު ނުވުން - الشَّيخ د. مُحَمَّد غَالِب العُمري حفظه الله

ﷲ ގެ އަޅުތަކުންނޭވެ! ﷲ މި މައްސަރަށް ޙާއްޞަކުރައްވާފައި، މަތިވެރި ކުރައްވާފައިވާ ކަންތައްތަކުން މި މައްސަރުގެ ހެޔޮކަމުގެ ފުރުސަތުގެ ބޭނުން ހިފުން ހުއްޓެވެ. ތިޔަބައިމީހުންނަކީ މި މައްސަރުގެ މާތްކަމާއި މަތިވެރިކަމުގެ މައްޗަށް ޣާފިލުވި މީހުންގެ ތެރެއިން ނުވުން ހުއްޓެވެ. އެގޮތުން އެހެނިހެން މައްސަރުތަކުގައި މުޢާމަލާތް ކުރާ ފަދައިން މި މައްސަރުގައި މުޢާމަލާތް ކުރާ ފަރާތެއްގެ ގޮތުގައި ނުވާށެވެ.
އަދި ކިޔެއްހެއްޔެވެ! ތިޔަބައިމީހުންނަށް އޮތީ މި މައްސަރުގައި ގަދައަޅާ މަސައްކަތް ކުރުމެވެ. ފުރުސަތުގެ ބޭނުން ހިފުމަށްޓަކައި ނަފްސުތައް އެކަމުގެ މައްޗަށް ގަދައަޅާ، ބާރު އެޅުމެވެ. އަދި އެކަމުގައި ކެތްތެރިވުމެވެ. ފަހެ، ހަމަކަށަވަރުން މިއީ ކަނޑައެޅިގެންވާ މަދު ދުވަސްތަކެކެވެ. މަދު ގަޑިތަކެކެވެ.
ފަހެ، މި މައްސަރަކީ އެތަކެއް ޚާއްޞަކަންތައްތަކާ އެކު ﷲ ޚާއްޞަ ކޮށްފައިވާ މައްސަރެކެވެ. ހެޔޮކަމުގެ މޫސުމެއްގެ ގޮތުގައި ކަނޑައެޅުއްވެވި އެވެ. މި މައްސަރު ޚާއްޞަކުރެއްވިފައިވާ ކަންކަމުގެ މައްޗަށް، އެ ފުރުސަތުގެ ބޭނުން ހިފުންހުއްޓެވެ. ޣާފިލުވި މީހުންގެ ތެރެއިން ތިޔަބައިމީހުން ނުވާށެވެ.
ފަހެ، ދުވަސްތަކަކީ ނުހަނު އަވަހަށް ފާއިތުވެ ދާނެ އެއްޗެކެވެ. ރަމަޟާން މައްސަރުން ފާއިތުވެދާ ކޮންމެ ދުވަހަކީ، އެ މައްސަރު ފާއިތުވެ ދިއުމެވެ. އެ މައްސަރު މަދުވެ ދިއުމެވެ. މި މައްސަރުގެ ފުރުތަސުގެ ބޭނުން ހިފުނު މީސްތަކުންގެ ގޮތުގައިވާށެވެ. އަދި މިމައްސަރު ފާއިތުވެދާހިނދު ފާފާފުހެވިގެން ދިޔަ މީހުންގެ ތެރެއިންވުން ހުއްޓެވެ.
ރަމަޟާން މަހުގައި އުފާވެރިކަމުގެ 3 ޚަބަރެއް ބަޔާންވެގެންވެ އެވެ. އެ އުފާވެރިކަމުގެ 3 ޚަބަރަކީވެސް ﷲ މީސްތަކުންގެ ފާފަފުއްސެވުމެވެ. އެއީ، މި މައްސަރުގެ ރޯދަ ހިފުމާއި، ރޭ އަޅުކަން ކުރުމާއި އަދި މި މައްސަރުގައިވާ ލައިލަތުލް ޤަދްރި ހޯދުމަށް މަސައްކަތްކޮށް އެރޭގައި ރޭއަޅުކަމުގައި ވުމެވެ.
ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެ އެވެ. (مَن قامَ رمضانَ إيمانًا واحتِسابًا غُفِرَ لَهُ ما تقدَّمَ من ذنبِهِ) "ރަމަޟާން މަހުގައި ﷲ އަށް އީމާންވެ، ޘަވާބާއި ދަރުމައަށްޓަކައި ރޭއަޅުކަމުގައި ޤާއިމްވެއްޖެމީހާގެ އިސްވެ ގޮސްފައިވާ ފާފަތައް ﷲ ފުއްސަވާނެ އެވެ."
އަދިވެސް ޙަދީޘް ކުރެއްވި އެވެ. ވުމެވެ. (من صام رمضانَ إيمانًا و احتسابًا غُفِرَ له ما تقدَّم من ذنبِه، و من قام ليلةَ القدرِ إيمانًا و احتسابًا غُفِرَ له ما تقدَّم من ذنبِه) "ރަމަޟާން މަހުގައި ﷲ އަށް އީމާންވެ، ޘަވާބާއި ދަރުމައަށްޓަކައި ރޯދަހިފައިފި މީހާގެ އިސްވެ ގޮސްފައިވާ ފަފާތައް ﷲ ފުއްސަވާނެ އެވެ. އަދި ﷲ އަށް އީމާންވެ، އެއިލާހުގެ ޙަޟުރަތުން ޘަވާބާއި ދަރުމައަށްޓަކައި ލައިލަތުލް-ޤަދްރީގައި ރޭއަޅުކަމުގައި ޤާއިމްވެއްޖެ މީހާގެ އިސްވެ ގޮސްފައިވާ ފާފަތައް ﷲ ފުއްސަވާނެ އެވެ."
****
ބަސްތައް ނަގާފައިވަނީ : https://goo.gl/7DgaHD