އަޑު އުފުލައި، ރާގު ރާގަށް، ޤުރުއާން ތިލާވަތް ކުރާގޮތަށް ދުޢާ ކުރުމަކީ ދުޢާ އިޖާބަ ނުކުރެވޭނެ ސަބަބެއް - الإِمَام محمد ابن الهُمَام الحَنَفِي رحمه الله

"ދުޢާ ކުރުމުގައި ދަމަދަމާފައި ކުރުމާއި އަދި ޙައްދުފަހަނައަޅާ މިންވަރަށް އަޑު އުފުލުމާއި، އަޅުކަމުގެ އެއްވެސް ނިޔަތެއްނެތި ހަމައެކަނި ހުނަރުވެރިކަން ދެއްކުމަށްޓަކައި ރާގު ތަކުގައި މަޝްޣޫލުވުން ފަދަ މިހާރު މި ޒަމާނުގައި ފެންނަ ކަންތައްތަކަކީ އޭގެ ސަބަބުން ދުޢާ އިޖާބަވުމަށް މެދުވެރިވާ ކަންތައްތަކެއް ނޫނެވެ. އަދި ކިޔެއް ހެއްޔެވެ؟ އެއީ ދުޢާ ރައްދުވުމަށް އޮތް ސަބަބުތަކެވެ.
މިހާރު މި ޒަމާނުގައި ޤާރީވެރިން ކަންތައްކުރާ ފަދައިން އެކި ރާގުތަކުގެ ބައްޓަމަށް ދުޢާ ކުރުމަކީ، ދުޢާގެ މާނަ ދަންނަ މީހަކު ކޮށްފާނެ ކަމެއް ކަމުގައި އަހަރެން ނުދެކެމެވެ. އެހެނީ، އެފަދައިން ޢަމަލު ކުރުމާ ވަތްތަރީ ކުޅިވަރެއް ކަމުގައި މެނުވީ ނުވެ އެވެ. އެހެނީ ރަސްކަލެއް ކައިރިއަށް ޙާޖަތަކަށް އެދި އަންނަ މީހާ، އޭނާގެ އެ ޙާޖަތަށް އެދި ވާހަކަ ދައްކާއިރު އަޑު ތިރިކޮށް އަދި އުފުލައި، މިއުޒިކީ މޭރުމަށް އަޑު ކަރުތެރޭގައި ތަކުރާރު ކުރަމުން ވާހަކަ ދައްކާނަމަ، އެފަދަ މީހާގެ ޤަޞްދަކީ ސަމާސާކޮށް ކުޅިވަރު ކުޅުން ނޫނީ މަލާމާތް ކުރުން ކަމުގައި ބެލެވޭނެކަން ކަށަވަރެވެ. އެއީ، ޙާޖަތަކަށް އެދޭ ދަތިޙާލަތުގެ ވަޤުތުގައި އެކަށީގެންވަނީ ދެރަ ނިކަމެތިވުމެވެ. އެއީ ރާގު ރާގަށް (ލަވަކިޔާފަދައިން) ކިޔުމަށް އޮތް ދަޑިވަޅެއް ނޫނެވެ. އެހެން ކަމުން އެނގި ފާޅުވަނީ އެކަންތައްތަކަކީ އަބާއްޖަވެރިކަމާއި (ދުޢާ އިޖާބަވުން) މަޙްރޫމުވުމުގެ ސަބަބުތައް ކަމެވެ."
***
ފަތުވާ ނަގާފައިވަނީ : فتح القدير 1-229
އަޚުންނޭވެ! މިއީ 861 ގައި ދުނިޔެ ދޫކުރެއްވި އިމާމް އެ ޒަމާނުގެ ޙާލަތު ބަޔާންކުރައްވާފައިވާ ގޮތެވެ. މިއަދު މި ޒަމާނުގައި އިމާމުން، ޤާރީވެރިން ޢަމަލު ކުރާ ގޮތާއި މެދު ބުނާނީ ކީކޭ ހެއްޔެވެ.