ނަމާދުގައި ކުށުސަޖިދަ (سجود السهو) ޖަހަންވީ ގޮތްތައް - سَماحة الشَّيخُ الإِمَامُ العَلَّامة عَبْدُ العَزِيز بن بَاز رحمه الله
ތަރުޖަމާކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله
سَماحة الشَّيخُ الإِمَامُ العَلَّامة عَبْدُ العَزِيز بن بَاز رحمه الله
ކުށުސަޖިދައިގެ ބައެއް ޙުކުމްތައް
1. ނަމާދުގައި ހަނދާންނެތިގެން ރުކޫޢުއެއް، ސަޖިދައެއް، އިޢުތިދާލެއް ނުވަތަ އައްތަޙިޔާތެއް އިތުރަށް ކުރެވިއްޖެނަމަ އޭނާގެ އަށް އޮތީ އެނަމާދު އެއްކޮށް ކޮށް ނިންމުމެވެ. އެއަށްފަހުގައި ކުށުސަޖިދައިގެ ގޮތުގައި ދެސަޖިދަކޮށް ސަލާމްދިނުމެވެ.
މިކަމުގެ މިޘާލެއް : މެންދުރު ނަމާދުކުރުމަށް ހުރި މީހަކަށް ފަސްވަނަ ރަކުޢަތަށް ތެދުވުމުން އޭނާއަށް އެއީ ފަސްވަނަ ރަކުޢަތް ކަމުގައި އޭގެފަހުން އެނގިއްޖެނަމަ ނުވަތަ އެހެންމީހަކު ހަނދުމަ ކޮށްދިނުމުން އޭނާއަށް އޮތީ އިތުރު ތަކްބީރެއް ކިޔުމެއްނެތި އައްތަޙިޔާތަށް އިށީނުމެވެ. އެއަށްފަހު އައްތަޙިޔާތުކިޔުމަށްފަހުގައި ކުށުސަޖިދައިގެ ގޮތުގައި ދެސަޖިދަކޮށް ސަލާމްދޭނީއެވެ. ހަމައެގޮތަށް ނަމާދުކޮށް ނިމުމުން ނަމާދުގައި އިތުރުވިކަން އެނގިއްޖެނަމަވެސް އޭނާއަށް އިނގުމާއެކު ކުށުސަޖިދައިގެ ދެސަޖިދަކޮށް ސަލާމްދޭނީއެވެ.
2. ނަމާދު ފުރިހަމަނުވެ ހަނދާންނެތިގެން ސަލާމް ދެވިއްޖެނަމަ އޭނާ ގިނަވަޤުތު ތަކެއް ފާއިތުވުމުގެ ކުރިން ހަނދާންވެއްޖެ ނަމަ ނުވަތަ ހަނދުމަކޮށް ދެވިއްޖެނެމަ އޭނާ ނަމާދުގައި ކޮށްނިންމައިފައިވާ ރަކުޢަތްތަކުގެ މައްޗަށް މަދުވި ރަކުޢަތްތަށް ކުރާނީއެވެ. އެއަށްފަހުގައި ސަލާމްދޭނީއެވެ. އަދި އެއަށަފަހުގައި ކުށުސަޖިދައިގެ ދެސަޖިދަކޮށް ސަލާމްދޭނީއެވެ.
މިކަމުގެ މިޘާލަކީ : މެންދުރު ނަމާދު ކުރަމުން ދަނިކޮށް ހަނދާންނެތިގެން ތިންވަނަ ރަކުޢަތަށް ފަހުގައި ސަލާމް ދިނުމެވެ. އެއަށް ފަހު އޭނާއަށް މިކަން ހަނދާންވިއެވެ. ނުވަތަ އެހެންމީހަކު ހަނދާން ކޮށްދިނެވެ. އެހިނދު އޭނާއަށް އޮތީ ހަތަރުވަނަ ރަކުޢަތް ކުރުމަށްފަހުގައި ސަލާމްދިނުމެވެ. އަދި އެއަށްފަހުގައި ކުށުސަޖިދައިގެ ދެސަޖިދަކޮށް ސަލާމްދިނުމެވެ. ތިންރަކުޢަތް ކުރުމަށްފަހު އެކުށް ކުރެވުނުކަން އޭނާ ހަނދާންވީ ގިނަވަޤުތު ތަކަކަށް ފަހުގައިނަމަ އޭނާއަށް އެހިނދުގައި އޮތީ ނަމާދު ފަށައިގެން އަލުން ކުރުމެވެ.
3. ނަމާދުގެ ވާޖިބުތަކުގެ ތެރެއިންވާ ކަމެއް އެގޮތުން ފުރަތަމަ އައްތަޙިޔާތު ކިޔުން ފަދަ ކަމެއް ދޫކުރެވިއްޖެ ނަމަ އޭނާއަށް އޮތީ ނަމާދުގައި ސަލާމް ދިނުމުގެ ކުރީގައި ކުށުސަޖިދަ ޖެހުމެވެ. އެނުން އެއްވެސް އިތުރުކަމެއް އޭނާގެ މައްޗަށް ނުވެއެވެ. އެ ދޫކުރެވުނު ވާޖިބު ފާއިތުވެ ނުދާކަމުގައިވާނާމަ އެހިނދުގައި އެވާޖިބު ހޯދައިގަންނަން ޖެހޭނެއެވެ. އަދި އެވާޖިބު ދޫކޮށް އެހެން ކަމަކަށް ދިއުމުގެ ކުރިން ހަނދާން ވެއްޖެނަމަ އަވަހަށް ވާޖިބު ހޯދައިގަންނާނީއެވެ. އަދި އޭނާގެ މައްޗަށް އިތުރު އެއްވެސް ކަމެއް ކުރުމެއްނުވެއެވެ.
މިކަމުގެ މިޘާލަކީ : ނަމާދުގައި ފުރަތަމަ އައްތަޙިޔާތު ހަނދާންނެތިގެން ދޫކުރެވި ތިންވަނަ ރަކުޢަތަށް ތެދުވެއްޖެކަމުގައި ވާނަމަ އެޙާލުގައި އަނބުރައި އައްތަޙިޔާތަށް އިށީނުމެއްނުވެއެވެ. އަދި ސަލާމްދިނުމުގެ ކުރީގައި ކުށުސަޖިދަ ކުރާނީއެވެ. އައްތަޙިޔާތަށް އިށީނުމަށްފަހުގައި އައްތަޙިޔާތު ކިޔުމަށް ހަނދާންނެތިފައިހުއްޓާ އައްތަޙިޔާތުން ތެދުވުމުގެ ކުރީގައި ހަނދާންވެއްޖެނަމަ އެހިނދުގައި އައްތަޙިޔާތު ކިޔާނީއެވެ. އަދި އޭނާއަށް އިތުރު އެއްވެސް ކަމެއް އިތުރަށް ނުވެއެވެ. ހަމައެފަދައިން އައްތަޙިޔާތު ކިޔުމަށް އިށީނުމަށް ހަނދާންނެތި ކޮޅަށްތެދުވި ތަނާހެން އެހެނަސް އެކުއެކީގައި ކޮޅަށް ތެދުނުވެވެނީސް ހަނދާންވެއްޖެނަމަ އޭނާއަށް އޮތީ އައްތަޙިޔާތު ކިޔުމަށް އިށީނުމެވެ. އަދި ނަމާދު ކުރިއަށް ގެންދިއުމެވެ. މިގޮތަށް ނަމާދުގައި ޢަމަލުކުރެވުމުން ޢިލްމުގެ އަހުލުވެރިން ވިދާޅުވެފައިވަނީ އެތަނުގައި ހަނދާންނެތިވެގެން ކޮޅަށް ތެދުވުން އެއީ ނަމާދަށް ގެނެވުނު އިތުރު ޙަރަކާތަކަށް ވުމުން ނަމާދުގައި އޭނާ ކުށުސަޖިދަ ޖަހަން ޖެހޭނެއެވެ. و الله أعلم
4. ނަމާދުގައި އޭނާއަށް ކުރެވުނު ރަކުޢަތްތަކާ މެދުގައި ޝައްކު ކުރެވިއްޖެނަމަ އެއީ ތިންރަކުޢަތް ނުވަތަ ހަތަރު ރަކުޢަތް ކަމާމެދު އޮޅިއްޖެނަމަ އޭނާއަށް އޮތީ ދަށް ޢަދަދަށް ޔަޤީންކުރުމެވެ. އެއީ ތިންރަކުޢަތް ކުރެވުނު ކަމުގައި ދެކުމެވެ. އެއަށްފަހުގައި ނަމާދު ފުރިހަމަ ކުރުމަށްފަހުގައި ސަލާމް ދިނުމުގެ ކުރީގައި ކުށުސަޖިދަކޮށް ސަލާމްދޭނީއެވެ.
މިކަމުގެ މިޘާލަކީ : މެންދުރުނަމާދު ކުރަނިކޮށް ދެވަނަ ރަކުޢަތުގައި ތިމަންނައަށް ކުރެވުނީ ދެރަކުޢަތް ނުވަތަ ތިންރަކުޢަތް ކަމާމެދު ޝައްކުކުރެވިއްޖެނަމަ އަދި އެއްކޮޅަކަށްވެސް ޔަޤީންކުރެވޭ ގޮތުގައި ނުވުމުން އޭނާއަށް އޮތީ ދެރަކުޢަތް ކަމުގައި ޔަޤީންކުރުމެވެ. އަދި ސަލާމްދިނުމުގެ ކުރީގައި ކުށުސަޖިދަކޮށް އެއަށްފަހުގައި ސަލާމްދިނުމެވެ.
5. ނަމާދުގައި އޭނާއަށް ކުރެވުނީ ދެރަކުޢަތް ނުވަތަ ތިންރަކުޢަތަ ކަމާމެދު ޝައްކުވެ އެއަށްފަހު އެއިން ވަކިގޮތެއް އޭނާއަށް ޔަޤީންކުރެވިއްޖެނަމަ އެޔަޤީން ކުރެވުނުގޮތުގެ މައްޗަށް ބިނާކޮށް ނަމާދުކުރާނީއެވެ. އަދި ސަލާމް ދިނުމަށްފަހުގައި ކުށުސަޖިދަކޮށް ސަލާމްދޭނީއެވެ.
މިކަމުގެ މިޘާލަކީ : މެންދުރުނަމާދު ކުރަނިކޮށް ދެވަނަ ރަކުޢަތުގައި ވަނިކޮށް އެއީ ދެވަނަ ރަކުޢަތް ނުވަތަ ތިންވަނަ ރަކުޢަތް ކަމާމެދު ޝައްކުވެ އަދި އެއީ ތިންވަނަ ރަކުޢަތް ކަމުގައި ޔަޤީންވުމުން އެގޮތުގައި ޤާއިމްވެހުރެ ނަމާދު ފުރިހަމަކޮށް ސަލާމްދޭނީއެވެ. އެއަށްފަހުގައި ކުށުސަޖިދަކޮށް ސަލާމްދޭނީއެވެ.
ނަމާދުކޮށް ނިމުމަށްފަހުގައި އެކިގޮތްތަކުން ނަމާދާބެހޭގޮތުން ޝައްކުކުރެވޭނަމަ އޭނާއަށް ޔަޤީންވުމަށް ދާންދެން އެއިން ޝައްކެތްގެ މައްޗަށް ބަލައިގެންނުވާނެއެވެ.
އޭނާއަކީ ގިނަގިނައިން ޝައްކުކުރެވޭ މީހެއްކަމުގައިވާނަމަ އެއިން ޝައްކެތްގެ މައްޗަށް ބަލައިގެންނުވާނެއެވެ. އެހެނީ އެވަސްވާހަކީ ޝައިޠާނާގެ ފަރާތުން އައިސްފައިވާ އެއްޗެކެވެ.
و الله أعلم و صلى الله على نبينا محمد و آله و صحبه .
****
ފަތުވާ ނަގާފައިވަނީ : މި ލިޔުން ނަގާފައިވަނީ الشيخ ابن باز ލިޔުއްވާފައިވާ رسائل في الطهارة و الصلاة މިފޮތުގެ ص 28