އެކަނި ނަމާދު ކުރާމީހާ ނުވަތަ އިމާމް، ނަމާދުގައި ސުތުރާ ނެގުން
عن ابن عمر رضي الله عنه ރިވާކޮށްފައިވެ އެވެ. ރަސޫލާ صلّى الله عليه وسلّم ޙަދީޘް ކުރެއްވި އެވެ.
(لا تصل إلا الى سترة، ولا تدع أحدا يمر بين يديك، فإن أبى فتقاتله،فإن معه القرين) رواه مسلم
"ތިބާ ސުތުރާ ނަގައިގެންހުރެ ނޫނީ ނަމާދު ނުކުރާށެވެ. އަދި ތިބާގެ ކުރިމަތިން އެއްވެސް މީހަކު ހުރަސްކޮށްފައި ދިޔަ ނުދޭށެވެ. (ހުރަސްކޮށްފައިދާ މީހާއަށް މަނާކުރުމުން) އޭނާ ދެކޮޅުހަދައިފި ނަމަ އޭނާއާ ހަނގުރާމަކުރުން ހުއްޓެވެ. ފަހެ، ހަމަކަށަވަރުން އޭނާއެކުގައި ޝައިޠާނާވެ އެވެ."
أبي سعيد الخدري رضي الله عنه ރިވާކޮށްފައިވެ އެވެ. ރަސޫލާ صلّى الله عليه وسلّم ޙަދީޘް ކުރެއްވި އެވެ.
(إذا صلَّى أحدُكم فلْيُصلِّ إلى سُتْرةٍ ، و لْيُدنِ منها ، ولا يدعْ أحدًا يمرُّ بين يديْهِ ؛ فإنْ جاء أحدٌ يمرُّ فلْيُقاتِلْه فإنَّه شيطانٌ) رواه أبوداود
" ތިޔަބައިމީހުންގެ ތެރެއިން މީހަކު ނަމާދު ކުރާ ހިނދުގައި ސުތުރާ ނަގައިގެން ހުރެ ނަމާދު ކުރާށެވެ. އަދި ސުތުރާއާ ކައިރިވެ ހުންނާށެވެ. އެއްވެސް މީހަކު ތިބާގެ ކުރިމަތިން ހުރަސްކޮށް ދިޔަ ނުދޭށެވެ. ފަހެ، ތިބާގެ ކުރިމަތިން (ސުތުރާއާ ދެމެދުން) ހުރަސްކުރުމަށް މީހަކު އުޅެފި ހިނދުގައި އޭނާއާ ދެކޮޅަށް ހަނގުރާމަކުރުން ހުއްޓެވެ. ފަހެ، ހަމަކަށަވަރުން އޭނާއަކީ ޝައިޠާނެކެވެ."
އެހެން ރިވާޔަތެއްގައިވެ އެވެ.
(فإن الشيطان يمر بينه و بيهنا)
"ނަމާދުކުރަން ހުންނަމީހާ އާއި ސުތުރާއާ ދެމެދު ހުރަސްކުރާނީ ހަމަކަށަވަރުން ޝައިޠާނެކެވެ."
سهل بن أبي حثمة رضي الله عنه ނަބިއްޔާ صلّى الله عليه وسلّم އަރިހުން ރިވާކޮށްފައިވެ އެވެ.
(إذا صلَّى أحدُكم إلى سُتْرةٍ ، فلْيُدنِ منها ، لا يقطع شيطان عليه صلاته) رواه ابن ماجه
"ތިޔަބައިމީހުންގެ ތެރެއިން މީހަކު ސުތުރާ ނަގައިހުރެ އެ ސުތުރާއާއި ކައިރިވެ ހުންނާށެވެ. ނަމާދު ނެތިކޮށްލުމަށް ޝައިޠާނެއް އެ ސުތުރާ ހުރަސްކޮށްދިޔަ ނުދޭށެވެ."
އެހެން ރިވާޔަތެއްގައިވެ އެވެ.
(إدا صلى أحدكم فليستتر، وليقترب من السترة، فإن الشيطان يمر بين يديه)
"ތިޔަބައިމީހުންގެ ތެރެއިން މީހަކު ނަމާދު ކުރާމަކުގައި ވާނަމަ އޭނާ ސުތުރާއެއް ނެގުން ހުއްޓެވެ. އަދި އޭނާ ހަމަކަށަވަރުން އެ ސުތުރާއާ ކައިރީގައި ހުންނާށެވެ. ފަހެ، ހަމަކަށަވަރުން އެ ސުތުރާ ހުރަސްކޮށް ދާހުށީ ޝައިޠާނާ އެވެ."
އިސްވެ ބަޔާންވެ أبي سعيد الخدري رضي الله عنه ގެ ޙަދީޘަށް އިޝާރަތްކޮށް الإمام الشوكاني ވިދާޅުވެފައިވެ އެވެ. "މި ޙަދީޘް އިން ބަޔާންވެގެންދަނީ، ސުތުރާ ނެގުމަކީ ވާޖިބުވެގެންވާކަމެކެވެ."
އަދިވެސް ވިދާޅުވެފައިވެ އެވެ. "މިކަމަށް ވާރިދުވެގެންވާ ގިނަ ޙަދީޘްތައް ބަޔާންވެގެންވަނީ ސުތުރާ ނެގުމަށް އަމުރުވެފައިވުމެވެ. އަމުރު ވެގެންވުމުން އޭގެ ޟާހިރު މާނައަކީ ވާޖިބުވެގެން ވުމެވެ."
ފަހެ، މިގޮތުން މި އުއްމަތުގެ ސަލަފުއް ޞާލިޙުން އެބައިމީހުން ނަމާދުގައި ސުތުރާ ނެގުމުގެ މައްޗަށް ނުހަނު ބާރުއަޅާފައިވެ އެވެ. އެގޮތުން އެ ބޭކަލުންގެ ފަރާތުން ބަސްފުޅުތަކާއި ޢަމަލުފުޅުން މިޙުކުމް ވާރިދުވެ، މިކަމަށް ނުހަނު ބާރު އަޅުއްވާފައިވެ އެވެ. އަދި ސުތުރާ ނުނަގައި ނަމާދު ކުރާމީހުންގެ މައްޗަށް އެކަން އިންކާރުކުރައްވާފައިވެ އެވެ.
قرة بن إياس ވިދާޅުވެފައިވެ އެވެ. عمر رضي الله عنه އަށް ތިމަންނަ ދެ ތަނބުގެ ދެމެދުގައި ނަމާދުކުރަން ހުރި ތަން ފެނިވަޑައިގެންނެވި އެވެ. އެހިނދުގެ ތިމަންނަގެ ފުރަގަހުން ބުރަކަށީގައި ހިއްޕަވާ ސުތުރާއެއް ކައިރިއަށް ގެންދިޔަ އެވެ. އަދި ވިދާޅުވި އެވެ. "މި ސުތުރާއަށް ކުރިމަތިލައިގެން ހުރެ ނަމާދު ކުރާށެވެ."
الإمام الحافظ ابن حجر رحمه الله ވިދާޅުވެފައިވެ އެވެ. "މި ގޮތަށް عمر رضي الله عنه ޢަމަލުކޮށްފައިވާ ބޭނުމަކީ ނަމާދު ސުތުރާއަކަށް ކުރިމަތިލައިގެން ހުރެ ކުރުމުގެ ބޭނުމުގަ އެވެ."
ابن عمر رضي الله عنه ވިދާޅުވެފައިވެ އެވެ. "ތިޔަބައިމީހުންގެ ތެރެއިން މީހަކު ނަމާދުކުރާ ހިނދުގައި ސުތުރާއަކަށް ކުރިމަތިލައިގެން ހުރެ ނަމާދު ކުރުން ހުއްޓެވެ. އަދި އެ ސުތުރާއާއި ކައިރިވުން ހުއްޓެވެ. އެއީ ޝައިޠާނާ އެ ސުތުރާ ހުރަސްކޮށްފަ ނުދިޔުމަށްޓަކަ އެވެ."
އަދި ابن مسعود رضي الله عنه ވިދާޅުވެފައިވެ އެވެ. "ހަމަ ބުއްދި ފިލައިފައިވާ ހަތަރު މީހަކުވެ އެވެ. ... ސުތުރާ ނުނަގާ ނަމާދު ކުރާމީހާ ... ބަންގި ގޮވާއަޑު އެމީހަކަށް އިވި އެ ބަންގިއަށް އިޖާބަ ނުދޭމީހާ އެވެ."
أنس رضي الله عنه ވިދާޅުވެފައިވެ އެވެ. "ނަބިއްޔާ صلّى الله عليه وسلّم ގެ ޞަޙާބީން މަޣްރިބް ނަމާދުގެ ކުރީ ސުންނަތް ކުރުމަށްޓަކައި އެކަކަށްވުރެ އަނެކަކު ކުރިންގޮސް މިސްކިތުގެ ތަނބެއް ހޯދުމަށް މަސައްކަތްކުރާތަން ދެކުނީމެވެ."
نافع ވިދާޅުވެފައިވެ އެވެ. "ابن عمر މިސްކިތުގެ ތަނބެއް ހޯދޭނެ އެއްވެސް ގޮތެއް ނެތުމުން އަހަރެން ކައިރީގައި ވިދާޅުވެ އެވެ. ތިބާގެ ބުރަކަށި ދައްކައިގެން ހުންނާށެވެ. (މާނައީ: އިށީނގެ އިނދެއިނުމަށްފަހު ابن عمر ބުރަކަށި އެއީ ސުތުރާއެއްގެ ގޮތުގައި ނަންގަވާ، ފަހަތުގައި ހުންނަވާ ނަމާދު ކުރައްވަ އެވެ.)"
އަދިވެސް نافع ވިދާޅުވެފައިވެ އެވެ. "ابن عمر ސުތުރާއެއް ގެ ފަހަތުގައި ހުންނަވައިގެން ނޫނީ ނަމާދެއް ނުކުރައްވަ އެވެ."
(އަދިވެސް އަޘަރުގައިވެ އެވެ.) سلمة بن أكوع رضي الله عنه ރަށްބޭރުގައި (ސަހަރާގައި) ވާ ޙާލުގައި ހިލަތައް އެކަތި އަނެކަތީގެ މައްޗަށް ޖަމަޢަކުރައްވަ އެވެ. ފަހެ، ނަމާދު ކުރުމަށް ބޭނުންވެޑައިގެންނެވުމުން އެއަށް ކުރިމަތި ލައްވައިގެން ހުންނަވާ ނަމާދު ކުރައްވަ އެވެ.
الإمام الشوكاني ވިދާޅުވެފައިވެ އެވެ. "ސަހަރާގައި ހުންނަވާ ނަމާދު ކުރުމާއި، ބިނާކޮށްފައިވާ ބިނާއެއްގައި ނަމާދު ކުރުމުގެ އެއްވެސް ތަފާތެއް ނެތެވެ. އިސްވެ ބަޔާންވެ ދިޔަ ޙަދީޘް ތަކުންނާއި އަދި ނަބިއްޔާ صلّى الله عليه وسلّم ގެ ޢަމަލުފުޅުން މިކަމަށް ބާރުލިބިދެ އެވެ."
العلامة السفاريني رحمه الله ވިދާޅުވެފައިވެ އެވެ. "ދަންނަހުއްޓެވެ. ހަމަކަށަވަރުން ނަމާދުކުރާމީހާ ސުތުރާއެއް ނަގައިގެން ހުރެ ނަމާދުކުރުން މުސްތަޙައްބު ވެގެންވާކަމަށް (ޢިލްމުވެރިން) އިއްތިފާޤުވެގެންވެ އެވެ. އެއީ ކުރިމަތިން ހުރަސްކޮށްދާނެ މީހެއް ނެތްކަމުގައިވިޔަސް މެ އެވެ."
الإمام ابن خزيمة رحمه الله ސުތުރާ ނެގުމަށް އަމުރު ވާރިދުވެގެންވާ ޙަދީޘްތައް ޛިކުރު ކުރުމަށްފަހުގައި ވިދާޅުވި އެވެ. "ފަހެ، މި އެންމެހައި ޙަދީޘް ތަކަކީ ޞައްޙަ ވެގެންވާ ޙަދީޘްތަކެވެ. ހަމަކަށަވަރުން ނަބިއްޔާ صلّى الله عليه وسلّم ނަމާދުކުރާ މީހާ އޭނާގެ ނަމާދުގައި ސުތުރާ ނެންގެވުމަށް އަމުރުފުޅު ކުރެއްވި އެވެ."
*****
މަތީގައިވާ އެންމެހައި ބަސްތައް ނަގާފައިވަނީ القول المبين في أخطاء المصلين ފޮތުގެ ޞ77 އިން ޞ81 އަށެވެ.