ބާބު: ނަމާދު ކުރުން ނަހީކުރެވިގެންވާ ވަގުތުތައް - الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله

ކެޓަގަރީ ނަމާދު

ތަރުޖަމާކުރީ: އުސްތާޛް މުޙައްމަދު ރިފާދު حفظه الله

(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ޝަރީޢާއިން އިން ޑިގްރީ ހާޞިލްކޮށް، މަދީނާގެ ބޮޑެތި ސަލަފީ މަޝައިޚުން އަރިއަހުން ޢިލްމު ހާޞިލްކޮށްފައިވާ)


الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله

ބާބު: ނަމާދު ކުރުން ނަހީކުރެވިގެންވާ ވަގުތުތައް

ސުންނަތް ނަމާދުގެ ޙުކުމްތަކާ ބެހޭގޮތުން ބައެއް ކަންތައްތައް އިސްވެދިޔަ ބާބުގައި އަހަރުމެން ވާނީ ބަޔާންކޮށްފަ އެވެ. ފަހެ އަހަރުމެންނަށް މިހާރު އެންމެ ހެޔޮވެގެންވަނީ، އިސްތިސްނާ ކުރެވުނު ނަމާދުތައް ފިޔަވައި، ނަމާދު ކުރުން ނަހީކުރެވިގެންވާ ވަގުތުތަކެއް ވާކަމުގެ މައްޗަށް އަލިއަޅުވާލުމެވެ. އަދި އެއީ ފަސް ވަގުތެކެވެ:


އެންމެ ފުރަތަމައީ: ދެވަނަ ފަޖުރު (ފަޖުރުއް-ޞާދިޤު) ފާޅުވި އިރުން ފެށިގެން އިރު އެރުމަށް ދާންދެނެވެ. އެއީ ނަބިއްޔާ صلى الله عليه وسلم ގެ ޙަދީޘްގެ ސަބަބުންނެވެ: {إِذَا طَلَعَ الفَجْرُ، فَلَا تَنْعَقِدُ صَلَاةٌ إِلَّا رَكْعَتَي الفَجْرِ}، މާނައީ: "ފަޖުރުގެ އަލިކަން ފާޅުވެއްޖެ ނަމަ، ފަތިސް ނަމާދުގެ އިހު ސުންނަތް ފިޔަވައި އެއްވެސް ނަމާދެއް ނުފެށޭނެ އެވެ." މި ޙަދީޘް ރިވާކުރެއްވީ أَحْمَدُ، أَبُو دَاوُد އަދި އެނޫން ބޭފުޅުންނެވެ(1). ފަހެ ފަޖުރުއް-ޞާދިޤު ފާޅުވުމުން، ފަހެ ހަމަކަށަވަރުން ފަތިސް ނަމާދުގެ އިހު ސުންނަތް ފިޔަވައި ސުންނަތް ނަމާދެއް ކޮށްގެން ނުވާނެ އެވެ.
ދެވަނައީ: އިރު އެރީއްސުރެން ލޮލުގެ ފެނުމަށް ލޮންސިއެއްގެ މިންވަރަށް އިރު އުފުލިއްޖެއުމަށް ދާންދެނެވެ.


ތިންވަނައީ: އިރުމެދަށް އެރީއްސުރެން އިރުމެދުން ފިލައި ދިއުމަށް ދާންދެނެވެ. އަދި އިރު މެދަށް އެރިކަން އެނގޭނީ އިތުރު ނުވެ، އަދި އުނި ނުވެ ހިޔަނި ހުއްޓުމުންނެވެ. ހުޅަނގު ފަރާތަށް އިރު ލެނބުމަށް ދާންދެނެވެ. އެއީ عُقْبَة بِن عَامِرٍ ގެ އަރިއަހުން ރިވާވީ ޙަދީޘްގެ ސަބަބުންނެވެ: {ثَلَاثُ سَاعَاتٍ كَانَ رَسُولُ اللهِ  يَنْهَانَا أَنْ نُصَلِّيَ فِيهِنَّ وَأَنْ نَقْبُرَ فِيهِنَّ مَوْتَانَا: حِينَ تَطْلُعَ الشَّمْسُ بَازِغَةً حَتَّى تَرْتَفِعَ، وَحِينَ يَقُومُ قَائِمُ الظَّهِيرَةِ حَتَّى تَزُولَ، وَحِينَ تَتَضَيَّفُ الشَّمْسُ لِلْغُرُوبِ حَتَّى تَغْرُبَ}، رواه مسلم(2). މާނައީ: "އެވަގުތު ތަކެއްގައި ތިމަން ޞަޙާބީން ނަމާދުކޮށް އަދި ތިމަން ޞަޙާބީންގެ މައްޔިތުން ވަޅުލުން ރަސޫލު الله صلى الله عليه وسلم ތިމަން ޞަޙާބީންނަށް ނަހީކުރެއްވި ތިން ވަގުތެއްވެ އެވެ: ފާޅުކަމާއެކީ އިރު އަރާވަގުތުން ފެށިގެން ގޮސް އިރު އުފުލެން ދެނެވެ. އަދި މެންދުރު ވަގުތު އިރު ދަށުގައި ހުންނަ މީހާގެ (އިރަށް ނުވަތަ ހުޅަނގަށް) ހިޔަންޏެއް ނުވާ އިރުން ފެށިގެން (އެބަހީ އިރު މެދަށް އެރީއްސުރެން) އިރު މެދުން ފިލައިގެން ދާންދެނެވެ. އަދި އިރު އޮއްސެން ލެނބޭ (ފެށޭ) ވަގުތުން ފެށިގެން އިރު އޮއްސުމަށް ދާންދެނެވެ."


ހަތަރުވަނައީ: ޢަޞްރު ނަމާދުން ފެށިގެން އިރު އޮއްސުމަށް ދާންދެނެވެ. އެއީ ނަބިއްޔާ صلى الله عليه وسلم ގެ ޙަދީޘްގެ ސަބަބުންނެވެ: {لَا صَلَاةَ بَعْدَ الفَجْرِ حَتَّى تَطْلُعَ الشَّمْسُ، وَلَا صَلَاةَ بَعْدَ العَصْرِ حَتَّى تَغِيبَ الشَّمْسُ} متفق عليه(1). މާނައީ: "ފަތިސް ނަމާދުގެ ފަހުން އިރު އަރަންދެން އެއްވެސް ނަމާދެއް ނުވެ އެވެ. އަދި ޢަޞްރު ނަމާދުގެ ފަހުން އިރު އޮއްސެންދެން އެއްވެސް ނަމާދެއް ނުވެ އެވެ."


އަދި ފަސްވަނަ ވަގުތަކީ: އިރު އޮއްސެން ފެށީއްސުރެން އިރު (އެއްކޮށް) އޮއްސުމަށް ދާންދެނެވެ.
❋ އަދި ދަންނާށެވެ. މިވަގުތު ތަކުގައި ފާއިތުވީ ފަރުޟު ނަމާދުތައް ޤަޟާ ކުރުން ހުއްދަވެގެންވެ އެވެ. ނަބިއްޔާ صلى الله عليه وسلم ގެ ޙަދީޘްގެ ޢާންމު ޙުކުމްގެ ސަބަބުންނެވެ: {مَنْ نَامَ عَنْ صَلَاةٍ أَوْ نَسِيَهَا، فَلْيُصَلِّهَا إِذَا ذَكَرَهَا}، متفق عليه(2). މާނައީ: "ނަމާދު ވަގުތުގައި ނިދިފައިވާ މީހާ ނުވަތަ ނަމާދު ހަނދާން ނެތުނު މީހާ، ފަހެ އޭނާއަށް ހަނދާންވި އިރަކުން އޭނާ އެނަމާދު ކުރާހުށިކަމެވެ."


އަދި މިވަގުތު ތަކުގައި ޠަވާފުގެ ދެ ރަކުޢަތް ކުރުންވެސް ހުއްދަވެގެންވެ އެވެ. އެއީ ނަބިއްޔާ صلى الله عليه وسلم ގެ ޙަދީޘްގެ ސަބަބުންނެވެ: {لَا تَمْنَعُوا أَحَداً طَافَ بِهَذَا الْبَيْتِ وَصَلَّى أَيَّةَ سَاعَةٍ شَاءَ مِنْ لَيْلٍ أَوْ نَهَارٍ}، މާނައީ: "މިގެފުޅު ވަށައިގެން ޠަވާފުކޮށް، އޭނާ ބޭނުންވި ކޮންމެ ވަގުތެއްގައި - ރޭގަނޑު ނުވަތަ ދުވާލު - ނަމާދުކުރި އެއްވެސް މީހަކަށް ތިޔަބައިމީހުން މަނާ ނުކުރާށެވެ." الترمذي މި ޙަދީޘް ރިވާކުރައްވައި ޞައްޙަ ކުރެއްވި އެވެ(3). ފަހެ މިއީ ނަހީކުރެވިގެންވާ ހުރިހައި ވަގުތެއްގައި އެ ނަމާދު ކުރަން ނަބިއްޔާ صلى الله عليه وسلم ގެ އަރިއަހުން އޮތް އިޒުނަފުޅެކެވެ. އަދި އެއީ ހުރިހައި ވަގުތެއްގައި، ޠަވާފު ކުރުން ހުއްދަވެގެންވާތީ އެވެ. ފަހެ، ހަމައެފަދައިން އެ ޠަވާފުގެ ދެ ރަކުޢަތް ވެސް (ހުއްދަވެގެންވެ) އެވެ.


އަދި އޭގެ އިތުރުން، ޢިލްމުވެރިންގެ ދެ ވިދާޅުވުމެއްގެ ތެރެއިން އެންމެ ޞައްޙަކަން ބޮޑު ބަސްފުޅަކީ: ނަމާދުތަކުގެ ތެރެއިން ސަބަބެއް މެދުވެރިވުމުން ކުރާ ނަމާދުތައް މި (ނަހީކުރެވިގެންވާ) ވަގުތުތަކުގައި ކުރުން ހުއްދަވެގެންވެ އެވެ. މިސާލަކަށް ކަށު ނަމާދެވެ. އަދި ތަޙިއްޔަތުލް-މަސްޖިދެވެ. (އެއީ މިސްކިތަށް ވަނުމަށް ފަހު އިށީނނުމުގެ ކުރިން ކުރުން ވާޖިބުވެގެންވާ ނަމާދެވެ.) އަދި ކޭތަ ނަމާދެވެ. އެއީ އެކަމުގެ މައްޗަށް ދަލީލުކޮށްދޭ ދަލީލުތަކުގެ ސަބަބުންނެވެ. އަދި މި ވަގުތުތަކުގައި ނަމާދުކުރުން ނަހީކުރެވޭ އާންމު ނަހީތައް އެ ދަލީލުތަކުން ޚާއްޞަކުރެ އެވެ. ފަހެ އެހިނދު އެނަހީގެ މުރާދެއްގެ ގޮތުގައި ބެލެވެނީ އެއްވެސް ސަބަބެއް މެދުވެރި ނުކޮށް ކުރާ ނަމާދުތަކެވެ. ފަހެ އެނަމާދުތައް ކުރުން ހުއްދަވެގެނެއް ނުވެ އެވެ. ފަހެ އެއްވެސް ސަބަބެއް މެދުވެރި ނުވެ، މިވަގުތުތަކުގައި ސުންނަތް ނަމާދެއް ކުރުން ހުއްދަ ވެގެން ނުވެ އެވެ.


އަދި ފަތިސް ނަމާދުގެ ސުންނަތް، ފަތިސް ނަމާދަށް ފަހު ޤަޟާ ކުރުން ހުއްދަވެގެންވެ އެވެ. އަދި މެންދުރު ނަމާދުގެ ސުންނަތް، ޢަޞްރު ނަމާދަށް ފަހު ޤަޟާ ކުރުން ހުއްދަވެގެންވެ އެވެ. ޚާއްސަކޮށް މެންދުރު ނަމާދާއި ޢަޞްރު ނަމާދު ޖަމާކޮށްފި ނަމަ އެވެ. ހަމަކަށަވަރުން ޢަޞްރު ނަމާދަށް ފަހު މެންދުރު ނަމާދުގެ ސުންނަތް ނަބިއްޔާ صلى الله عليه وسلم ޤަޟާ ކުރެއްވިކަމަށް ނަބިއްޔާ صلى الله عليه وسلم ގެ އަރިއަހުން ސާބިތުވެގެންވެ އެވެ.

❏   ❏   ❏


............

(1) ރިވާކުރެއްވީ: الطبراني "الأوسط" (816) ގައި. އަދި ބައްލަވާލައްވާ: أحمد (2/104)، أبو داود (1278)،  އަދި الترمذي (419).
(2) مسلم (831).
(1) ރިވާކުރެއްވީ: البخاري (586)، އަދި مسلم (827).
(2) ރިވާކުރެއްވީ: البخاري (597)، އަދި مسلم (684).
(3) ރިވާކުރެއްވީ: الترمذي (868)، އަދި ވިދާޅުވި އެވެ: "ޙަސަން ޞަޙީހް (ޙަދީޘެކެވެ.)"، އަދި أبو داود (1894)، النسائي (1561)، ابن ماجه (1254)، أحمد (4/80)، ابن حبان (1553، 1554)، އަދި  الحاكم (1/617) އަދި ވިދާޅުވި އެވެ: "مسلم ގެ ޝަރުޠުގެ މައްޗަށް (މި ޙަދީޘް) ޞައްހަވެގެންވެ އެވެ."

 

ލިޔުމުގެ އަސްލު ނަގައިފައިވަނީ: الملخص الفقهي، الجزء الأول، ص 147-148، دار ابن الجوزي، الطبعة الثانية 1427ه

ނަމާދު: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

ނަމާދު ނުކޮށް އެހެން އަޅުކަން ކުރާ މީހާގެ ޙުކުމް - الشَّيْخ الإِمَام العَلامة عَبد العَزِيز بن باز رحمه الله | 26 އޭޕްރީލް 2020

 ނަމާދުގައި ހުންނަ މީހާ މައްޗަށް (އުޑަށް) ބެލުން ނަހީ ކުރެވިގެން ވުން، ބޮޑުވެގެންވާ ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެއް - الشَّيْخ العَلاَّمة مُحمَّد بن صالح العُثَيمِين رحمه الله | 03 މާރޗް 2019

 ބޮޑުކަމު ނުވަތަ ކުޑަގިފިއްޔަށް ދާން ޖެހިފައިވާ މީހަކު، އެ ހިފައްޓައިގެން ހުރެ ނަމާދު ކުރުމުގެ ޙުކުމް - الشَّيْخ العَلاَّمة مُحمَّد بن صالح العُثَيمِين رحمه الله | 01 މާރޗް 2019

 ނަމާދަށް ހުއްޓާ ޙަދަޘަވެރިވީ، އެހެނަސް މީހުން އޭނާއަށް ބަލާނެތީވެ ލަދުން ނަމާދުން ނުނިކުންނަ މީހާގެ ޙުކުމް - الشيخُ العلاَّمة صَالح الفَوزَان حفظه الله | 17 ޑިސެމްބަރ 2017

 މައުމޫމުން ނަމާދުކޮށް އަވަދިވުމުން ތެދުވާނީ ކޮންއިރަކުން - شَّيْخ الإِسلاَم ابن تَيْميَّة رحمه الله | 16 ޑިސެމްބަރ 2017

 الْفَضِيْحَة وَالنَصِيْحَة 01 - ފިކުރީ ހަނގުރާމައިގެ ވިހައިގެ ސަބަބުން ފަސާދަވެފައިވާ އިސްލާމީ އުންމަތް (އިސްލާމް ދީނުގައި ނަމާދުގެ މަޤާމް) - الأخ حسين رشيد بن محمود حفظه الله | 31 އޮކްޓޯބަރ 2017

ފަތިސް ނަމާދަށް ރައްކާތެރިވެއްޖެ މީހާއަށް، ބަޔާންވެގެންވާ އުފާވެރިކަމުގެ ދިހަ ޚަބަރު - ނަބިއްޔާ صلى الله عليه وسلم | 13 ޖުލައި 2017

ޖުނުބުވެރިވެފައިވާކަން ނޭނގިހުރެ ނަމާދުކުރި މީހާގެ ޙުކުމް - الشَّيْخ عَبْدُ العَزِيز بن بَاز رحمه الله | 15 އޮކްޓޯބަރ 2016

ގަމަތް ދެވުމަށް ފަހު ސުންނަތް ނަމާދު އަދާކުރުމުގެ ޙުކުމް - الشَّيْخ عَبْدُ العَزِيز بن بَاز رحمه الله | 09 އޮކްޓޯބަރ 2016

ދަރިން ފަތިސްނަމާދަށް ހޭލެއްވުން - الشَّيْخُ العلامة عَبْدُ العَزِيْزِ آلُ الشَّيْخ حفظه الله | 07 މެއި 2016

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...