އެންމެހައި ފިތުނަތަކުން ސަލާމަތްވުން އޮތީ ޝަރީޢަތަށް ތަބަޢަވެގެން - الإمام ابن القيم رحمه الله

ކެޓަގަރީ އިމާމް އިބްނު އަލްޤައްޔިމް رحمه الله

الإِمَامُ ابنُ القَيِّمِ رحمه الله މިއާޔަތް ޝަރަޙަ ކުރައްވާ ވިދާޅުވެފައިވެ އެވެ.
{فَإِنْ تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللَّهِ وَالرَّسُولِ إِنْ كُنْتُمْ تُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ ذَلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا} [النساء: 59]

"ފަހެ، ކަމަކާމެދު ތިޔަބައިމީހުން ދެބަސްވެއްޖެ ނަމަ، ﷲ އަށާއި ރަސޫލާއަށް އެކަމެއް ރައްދުކުރާށެވެ. އެއީ ތިޔަބައިމީހުން، ﷲ އަށާއި އާޚިރަތްދުވަހަށް އީމާންވާ ކަމުގައި ވާނަމައެވެ. އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަންބޮޑެވެ. އަދި ނިމުމެއްގެ ގޮތުން ރީތިކަންވެސް ބޮޑެވެ."


 "މި ދަލީލަކީ، މީސްތަކުން ދީނުގައި ދެބަސްވެފައިވާ އެންމެހައި ކަންތަކުގައި، އެ ދެބަސްވެފައިވުން ﷲ އަށާއި އެކަލާނގެ ރަސޫލާ صلى الله عليه وسلم އަށް ރައްދުކުރަން ވާޖިބުވެގެންވާ ކަމުގައި، އަދި އެނޫންގޮތެއް ނުއޮންނާނެ ކަމުގައި ބަޔާންވެގެންވާ ދަލީލެކެވެ. ﷲ އަށާއި އެކަލާނގެ ރަސޫލާ صلى الله عليه وسلم ނޫން އެހެން އެއްވެސް ފަރާތަކަށް ރައްދުކޮށްގެން ނުވާނެ އެވެ.


އެއަށްފަހު ވިދާޅުވެފައިވެ އެވެ. "ހަމަކަށަވަރުން ސަލަފުންނާއި ޚަލަފުން އިއްތިފާޤު ވެވަޑައިގެންވާ ގޮތުގައި ﷲ އަށް ރައްދު ކުރުމަކީ : އެއީ އެކަލާނގެ ފޮތަށް ރައްދުކުރުމެވެ. އަދި ރަސޫލާ صلى الله عليه وسلم އަށް ރައްދުކުރުމަކީ : އެއީ ރަސޫލާ صلى الله عليه وسلم ޙަޔާތްޕުޅުގައި އެ ނަބިއްޔާގެ އަރިއަހަށް ރައްދުކުޅައުމެވެ. އަދި ދުނިޔެ ދޫކުރެއްވުމަށް ފަހުގައި ނަބިއްޔާގެ ސުންނަތަށް ރައްދުކުޅައުމެވެ.


އެއަށްފަހު ﷲ ވަޙީކުރައްވާފައިވެ އެވެ. ذَلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا "މާނައީ : ތިމަން ﷲ ތިޔަބައިމީހުންނަށް އަމުރުފުޅުކުރައްވާފައިވާ، ތިމަން ﷲ އަށް ކިޔަމަންވުމާއި، ތިމަން ﷲ ގެ ރަސޫލާއަށް ކިޔަމަންވުމާއި ވެރިންނަށްވެސް ކިޔަމަންގަތުމާއި ތިޔަބައިމީހުން ދެބަސްވެފައިވާ އެންމެހައި ކަންތަކެއް ތިމަން ﷲ އަށާއި ތިމަން ﷲ ގެ ރަސޫލާއަށް ރައްދު ކުޅައުމަކީ، ތިޔަބައިމީހުންނަށް ދުނިޔޭގެ ދިރުއުޅުމުގައާއި އާޚިރަތުގެ ދިރިއުޅުމަށް ހެޔޮކަންބޮޑުވެގެންވާ ގޮތެވެ. އެއީ ތިޔަބައިމީހުންނަށް ބާއްޖަވެރިކަން ދެދުނިޔޭގައި ލިބިދެނިވި ގޮތެވެ. އެއީ ތިޔަބައިމީހުންނަށް އެންމެ ހެޔޮވެގެންވާ ގޮތެވެ. އަދި ނިމުމެއްގެ ގޮތުން އެންމެ ހެޔޮވެގެންވާ ގޮތެވެ.


މިއާޔަތުން ދަލީލު ކުރެވެނީ ހަމަކަށަވަރުން ﷲ އަށް ކިޔަމަންވުމާއި، ރަސޫލާ صلى الله عليه وسلم އަށް ކިޔަމަންވެ އަދި އޭގެ މައްޗަށް ހުރިހާ ކަމެއް ޙައްލުކުރުން ވެގެންވަނީ ދުނިޔޭގައި އަދި އާޚިރަތުގެ އެންމެހައި ބާއްޖަވެރިކަން ލިއްބައިދޭ ސަބަބުކަމުގައެވެ. މި ޢާލަމުގެ މައްޗަށް ވިސްނައި ފިކުރުކޮށްލި ކޮންމެ މީހަކަށް މިދުނިޔެމަތީގައި ހިނގަމުންދާ އެންމެހައި ނުބައި ކަންކަމަކީ އަދި ހަމަކަށަވަރުން މިޢާލަމުގައިވާ އެންމެހައި ނުބައި ކަންތަކުގެ ސަބަބަކީ رَسُوْلُ اللهِ صلى الله عليه وسلم އަށް މީސްތަކުން ކިޔަމަން ނުވުމެވެ. އަދި ކިޔަމަންގަތުމުން ބޭރުވުމެވެ. މި ދުނިޔެމަތީގައިވާ އެންމެހައި ހެޔޮކަންތައް މެދުވެރިވުމުގެ ސަބަބަކީ ނަބިއްޔާ صلى الله عليه وسلم އަށް ކިޔަމަންގަތުމެވެ. އަދި ހަމައެފަދައިން އާޚިރަތުގެ އެންމެހައި ނުބައިކަންތަކާއި ވޭނާއި، ޢަޒާބު ލިބިދޭނީ ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم އަށް އުރެދުމުގެ ނުބައިކަމުގެ ސަބަބުންނެވެ.
رَسُوْلُ اللهِ صلى الله عليه وسلم ޚިލާފްވެގަތުމުން ދުނިޔެއާއި އާޚިރަތުގެ ހުރިހާ ނުބައިކަންތައް މީސްތަކުންގެ މައްޗަށް އައެވެ.


ފަހެ، މީސްތަކުން رَسُوْلُ اللهِ صلى الله عليه وسلم އަށް ޙައްޤުގޮތުގައި ކިޔަމަންވާނަމަ، މި ބިންމަތީގައި އެއްގޮތަކަށް ވެސް ނުބައިކަމެއް ނުއޮންނާނެ އެވެ. މިކަން ބިންމަތީގައި ޢާންމުކޮށް މެދުވެރިވާ ނުބައި ކަންތަކުންނާއި، މުޞީބާތްތަކުން އެނގިގެން ދެއެވެ.

އަދި ހަމަ އެފަދައިން އަޅާއަށް އޭނާގެ އަމިއްލަ ނަފްސަށް މެދުވެރިވާ އެންމެހައި ނުބައި ކަންތަކާއި، ވޭނާއި، ހިތްނުތަނަވަސްކަން މެދުވެރިވާ ސަބަބަކީ ވެސް ހަމަކަށަވަރުން رَسُوْلُ اللهِ صلى الله عليه وسلم އަށް ކިޔަމަން ނުވުމެވެ. އަދި އެ ނަބިއްޔާ صلى الله عليه وسلم އަށް ކިޔަމަންވުމަކީ ކިއްލާއެއްގެ ތެރެއަށް ވަނުމުގެ ސަބަބުން އޭނާއަށް އަމާންކަން ލިއްބައިދޭ ސަބަބެއް ކަމުގައި ވެދެއެވެ. އަދި އެއީ އެ ހޮހަޅައެއްގެ ތެރެއަށް ވަނުމުން އެމީހަކަށް ކާމިޔާބު ލިބިދެނިވި އެއްޗެއްކަމުގައިވެ އެވެ. އެހެން ވުމުން އެނގިގެންދަނީ ދުނިޔޭގެ އެންމެހައި ނުބައި ކަންތަކާއި، އާޚިރަތުގެ އެންމެހައި ނުބައިކަންތައް މެދުވެރިވާ ސަބަބެއް ކަމުގައި ވަނީ ނަބިއްޔާ صلى الله عليه وسلم ގެނެސްދެއްވި ކަންތަކުގެ މަތިން އިންސާނުން ޖާހިލު ކަމުގައި ވުމެވެ. އަދި އެކިޔަމަންގަތުމުން ބޭރުވުމެވެ. މިއީ ހަމަ ޔަޤީނުންވެސް النَّبِيُّ صلى الله عليه وسلم ގެނެސްދެއްވި އެންމެހައި ކަންތަކުގެ ޢިލްމު ހޯދައި އަދި އެއަށް ޢަމަލު ކުރުމުގައި ފުރިހަމައަށް ޤާއިމްވެ ހުރުމުން މެނުވީ  އެއްވެސް އަޅަކަށް ކާމިޔާބީއެއް، ސަލާމަތްތެރިކަމެއް ލިބިގެން ނުދާނެކަން އެއްވެސް ޝައްކަކާއި ވަހުމަކާ ނުލައި ބަޔާންވެ އެނގިގެންދާ ބުރުހާނެކެވެ."
الرِّسَالةِ التَّبُوكيَّة (ص 75- 86)

Like what you see?

Close

Hit the buttons below to follow us, you won't regret it...