5  ނަބިއްޔާ -صلّى الله عليه وسلّم- އަށް ލިބިވަޑައިގެންފައިވާ ބައެއް ޚާއްޞަ ކަންތައްތައް - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

 ނަބިއްޔާ -صلّى الله عليه وسلّم- އަށް ލިބިވަޑައިގެންފައިވާ ބައެއް ޚާއްޞަ ކަންތައްތައް

ލިޔެ ތައްޔާރުކުރީ: އަލް-އަޚް ޢަދިއްޔު ބިން މުޙައްމަދު حفظه الله. ކެޓަގަރީ محمد صلى الله عليه وسلم

ނަބިއްޔާ -صلّى الله عليه وسلّم- އަށް ލިބިވަޑައިގެންފައިވާ ބައެއް ޚާއްޞަ ކަންތައްތައް

بسم الله الرّحمن الرّحيم
الحمد لله ربّ العالمين، والصّلاة والسّلام على المبعوث رحمة للعالمين، نبيّنا محمّد وعلى آله وأصحابه أجمعين، أمّا بعد:


އަހަރެމެންގެ ނަބިއްޔާ محمّد -صلّى الله عليه وسلّم- އަކީ ﷲ -سبحانه وتعالى- ގެ ޙަޟްރަތުގައި އެންމެ މާތްވެގެންވާ އިންސާނާއެވެ. އެކަލާނގެ ވަނީ އެ ނަބިއްޔާ -صلّى الله عليه وسلّم- އަށް ގިނަގުނަވެގެންވާ ޚާއްޞަ ކަންތައްތަކެއް ދެއްވާފައެވެ. އޭގެ ތެރޭގައި، ދުނިޔޭގައި ދެއްވި ކަންތައްތަކާއި، އާޚިރަތުގައި ދެއްވި ކަންތައްތަކާއި، އެކަލޭގެފާނުގެ އުއްމަތަށް ޚާއްޞަކޮށްދެއްވި ކަންތައްތަކެއް ހިމެނެއެވެ. މިހުރިހައި ކަމަކުން ބަޔާންވެގެންދަނީ ނަބިއްޔާ -صلّى الله عليه وسلّم- ގެ މާތްކަމާއި މަތިވެރިކަމެވެ.

 

ފުރަތަމަ ޚާއްޞިއްޔާ:


އެންމެހައި ނަބީ ބޭކަލުން –އެބޭކަލުން ދިރި ތިއްބަވަނިކޮށް- ނަބިއްޔާ -صلّى الله عليه وسلّم- ރަސޫލުކަމާއިގެން ފޮނުއްވައިފިނަމަ، އެ ނަބިއްޔާ -صلّى الله عليه وسلّم- އަށް  އަށް ތަބާވުމުގެ މައްޗަށް އެ އެންމެހައި ބޭކަލުންގެ ކިބައިން ﷲ -سبحانه وتعالى-  ވަނީ ޢަހުދުކަށަވަރު ހިއްޕަވާފައެވެ. ފަހެ، އެބޭކަލުންގެ ތެރެއިން ބޭކަލަކު ދިރިހުންނަވަނިކޮށް ނަބިއްޔާ -صلّى الله عليه وسلّم- ރަސޫލުކަމާއިގެން ފޮނުވިއްޖެނަމަ، އެބޭކަލަކަށް ވާޖިބުވެގެންވަނީ ނަބިއްޔާ -صلّى الله عليه وسلّم- ގެ އަރިހަށް ވަޑައިގެން، ބައިޢަތު ހިއްޕަވައި، އެ ނަބިއްޔާ -صلّى الله عليه وسلّم- އަށް އީމާންވެވަޑައިގެން، ތަބާވެވަޑައިގެން ނަޞްރުދެއްވުގައި ޤާއިމްވެވަޑައިގެން ހުންނެވުމެވެ.


    ﷲ -سبحانه وتعالى- ވަޙީ ކުރައްވާފައި ވެއެވެ.
وَإِذْ أَخَذَ اللَّهُ مِيثَاقَ النَّبِيِّينَ لَمَا آتَيْتُكُم مِّن كِتَابٍ وَحِكْمَةٍ ثُمَّ جَاءَكُمْ رَسُولٌ مُّصَدِّقٌ لِّمَا مَعَكُمْ لَتُؤْمِنُنَّ بِهِ وَلَتَنصُرُنَّهُ ۚ قَالَ أَأَقْرَرْتُمْ وَأَخَذْتُمْ عَلَىٰ ذَٰلِكُمْ إِصْرِي ۖ قَالُوا أَقْرَرْنَا ۚ قَالَ فَاشْهَدُوا وَأَنَا مَعَكُم مِّنَ الشَّاهِدِينَ آل عمران: ٨١  
މާނައީ: "ނަބިއްޔުންގެ ކިބައިން، ﷲ ކަށަވަރުވެގެންވާ އަޙުދު ހިއްޕެވި ހިނދު (ކަން ހިނގި ގޮތް ހަނދުމަ ކުރައްވާށެވެ! އެހިނދު ﷲ އެނގެވިއެވެ.) ތިމަން އިލާހު ތިޔަބޭކަލުންނަށް ފޮތާއި ޙިކުމަތް ދެއްވީމާ ދެން ތިޔަބޭކަލުންގެ އަރިހުގައިވާ އެއްޗެއް ތެދުކުރައްވާ ރަސޫލަކު ތިޔަބޭކަލުންގެ އަރިހަށް ވަޑައިގަތުމުން، ހަމަކަށަވަރުން، ތިޔަބޭކަލުން، އެބޭކަލަކަށް އީމާންވެވަޑައިގަންނަވާ ހުށިކަމެވެ! އަދި، ހަމަކަށަވަރުން، އެބޭކަލަކަށް ތިޔަ ބޭކަލުން ނަޞްރުދެއްވާ ހުށިކަމެވެ! (އަދި އެބޭކަލުންނަށް) އެކަލާނގެ ވަޙީ ކުރެއްވިއެވެ. ތިޔަ ބޭކަލުން އިޤުރާރުވެވަޑައިގެން އެކަމުގެ މައްޗަށް ތިމަން އިލާހަށް ކަށަވަރުވެގެންވާ ޢަހުދު ހިއްޕަވައިފީމު ހެއްޔެވެ؟ އެބޭކަލުން ދެންނެވޫއެވެ. އަޅަމެން އިޤުރާރު ވެއްޖައީމުއެވެ. އަކަލާނގެ ވަޙީ ކުރެއްވިއެވެ. ފަހެ، ތިޔަބޭކަލުން (އެކަމަށް) ހެކިވެވަޑައިގަންނަވާށެވެ! ތިޔަ ބޭކަލުންނާއެކު (އެކަމަށް) ހެކިވާ ފަރާތްތަކުގެ ތެރެއިން ތިމަން އިލާހު ވޮޑިގެން ވަމެވެ." 


    މިއާޔަތުގެ ތަފްސީރުގައި علي -رضي الله عنه- އާއި ابن عبّاس -رضي الله عنهما- ގެ އަރިހުން ވާރިދުވެފައި ވެއެވެ. "އެބޭކަލަކު ދިރި ހުންނަވަނިކޮށް محمّد -صلّى الله عليه وسلّم- ރަސޫލުކަމާއިގެން ފޮނުވިއްޖެނަމަ، އެ ނަބިއްޔާއަށް އީމާންވެ ނަޞްރުދިނުމުގެ މައްޗަށް ﷲ -سبحانه وتعالى-  އަޙުދުކަށަވަރު ހިއްޕަވާފައި ނުވާ ނަބިއްޔަކު، ނަބީކަމާއިގެން އެކަލާނގެ ފޮނުއްވާފައެއް ނުވެއެވެ. އަދި ހަމައެފަދައިން، އެއިން ކޮންމެ ނަބީބޭކަލެއްގެ އުއްމަތުގެ މީހުން ދިރި ތިއްބާ محمّد -صلّى الله عليه وسلّم- ރަސޫލުކަމާއިގެން ފޮނުވިއްޖެނަމަ، އެމީހުން އެކަލޭގެފާނަށް އީމާންވެ ނަޞްރު ދިނުމަށް، އެ މީހުންގެ ކިބައިން އަޙުދުކަށަވަރު ހިއްޕެވުމަށް ﷲ -سبحانه وتعالى-  އެއިން ކޮންމެ ނަބީ ބޭކަލަކަށް އަމުރުކުރެއްވި އެވެ." (1)


    ވުމާއެކު، محمّد -صلّى الله عليه وسلّم- އަކީ އެންމެ ބޮޑު ވެގެންވާ އިމާމެވެ. އެކަލޭގެފާނު ކޮންމެ ޒަމާނަކަށް ފޮނުއްވުނު ނަމަވެސް، އެޒަމާނެއްގައިވީ ނަބީބޭކަލުންނާއި އެބޭކަލުންގެ އުއްމަތްތަކުގެ މީހުންނަށް އެކަލޭގެފާނަށް އީމާންވެ ނަޞްރުދިނުން ވާޖިބުވެގެން ދިޔައީހެވެ. މިސަބަބަށްޓަކައި އިސްރާއާއި މިޢުރާޖުގެ ރޭގައި ބައިތުލް މަޤްދިސްގައި ކުރެވުނު ނަމާދުގައި، އެންމެހާ ނަބީބޭކަލުންގެ ތެރެއިން އިމާމްވެ ވަޑައިގެން ނަމާދުކުރެއްވީ އަހަރެމެންގެ ލޮބުވެތި ނަބިއްޔާ  محمّد -صلّى الله عليه وسلّم- އެވެ. 


    ﷲ -سبحانه وتعالى-  ނަބީބޭކަލުންގެ ކިބައިން ހިއްޕެވި އަޙުދުކަށަވަރުގެ ސަބަބުން، އެބޭކަލުން ވަނީ އެބޭކަލުންގެ އުއްމަތްތަކުގެ މީހުންނަށް ނަބިއްޔާ -صلّى الله عليه وسلّم- ގެ ޚަބަރު ދެއްވާފައެވެ. އަދި ޚާއްޞަކޮށް، ފޮތްތަކުގެ އަހުލުވެރިންނަށެވެ. ފަހެ، ފޮތްތަކުގެ އަހުލުވެރިން ނުވަތަ އަހުލުކިތާބީންނަށް ނަބިއްޔާ -صلّى الله عليه وسلّم- އަކީ ކޮން ބޭކަލެއްކަމާއި، އެކަލޭގެފާނު ފާޅުވާނީ ކޮން ބިމަކުންކަމާއި، ހިޖުރަކުރައްވާނީ ކޮން ބިމަކަށްކަން ރަނގަޅަށް އެނގެއެވެ. އެއީ އެބައިމީހުންނަށް އެބައިމީހުންގެ އަމިއްލަ ދަރިން ވަކިކޮށް އެނގޭ ފަދައިންނެވެ. 


    ﷲ -سبحانه وتعالى-  ވަޙީ ކުރައްވާފައި ވެއެވެ. ا
لَّذِينَ آتَيْنَاهُمُ الْكِتَابَ يَعْرِفُونَهُ كَمَا يَعْرِفُونَ أَبْنَاءَهُمْ ۖ وَإِنَّ فَرِيقًا مِّنْهُمْ لَيَكْتُمُونَ الْحَقَّ وَهُمْ يَعْلَمُونَ البقرة: ١٤٦ މާނައީ: "ތިމަން އިލާހު އެބަޔަކަށް ފޮތް ދެއްވި މީހުން، އެބައިމީހުންގެ އުފަންދަރިން ދަންނަ ފަދައިން އެކަލޭގެފާނު (އެބަހީ: محمّد -صلّى الله عليه وسلّم-) ދަންނާނެތެވެ. އަދި އޭގެ ތެރެއިން ބަޔަކު ދެނެތިބެގެންމެ، ޙައްޤު ވަންހަނާކުރާކަން ކަށަވަރެވެ." 


އަދިވެސް އެކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ.
الَّذِينَ يَتَّبِعُونَ الرَّسُولَ النَّبِيَّ الْأُمِّيَّ الَّذِي يَجِدُونَهُ مَكْتُوبًا عِندَهُمْ فِي التَّوْرَاةِ وَالْإِنجِيلِ يَأْمُرُهُم بِالْمَعْرُوفِ وَيَنْهَاهُمْ عَنِ الْمُنكَرِ وَيُحِلُّ لَهُمُ الطَّيِّبَاتِ وَيُحَرِّمُ عَلَيْهِمُ الْخَبَائِثَ وَيَضَعُ عَنْهُمْ إِصْرَهُمْ وَالْأَغْلَالَ الَّتِي كَانَتْ عَلَيْهِمْ ۚ فَالَّذِينَ آمَنُوا بِهِ وَعَزَّرُوهُ وَنَصَرُوهُ وَاتَّبَعُوا النُّورَ الَّذِي أُنزِلَ مَعَهُ ۙ أُولَٰئِكَ هُمُ الْمُفْلِحُونَ الأعراف: ١٥٧  މާނައީ: "އެއުރެންނީ، އުއްމިއްޔަ ނަބިއްޔާ ކަމުގައިވާ ރަސޫލާއަށް ތަބާވާ މީހުންނެވެ. އެ ރަސޫލާ އެއީ، އެއުރެންގެ ގާތުގައިވާ ތައުރާތާއި، އިންޖީލުގައި ލިޔެވިގެންވާތީ އެއުރެންދެކޭ ރަސޫލާއެވެ. އެކަލޭގެފާނު އެއުރެންނަށް ހެޔޮކަންތައްތަކަށް އަމުރުކުރައްވަތެވެ. އަދި ނުބައިކަންތައްތައް އެއުރެންނަށް ނަހީ ކުރައްވަތެވެ. އަދި ރަނގަޅުތަކެތި އެއުރެންނަށް ޙަލާލުކުރައްވަތެވެ. އަދި ނުބައިވެގެންވާ ތަކެތި އެއުރެންނަށް ޙަރާމްކުރައްވަތެވެ. އަދި އެއުރެންގެ މައްޗަށް ހުރި ބުރަތަކާއި، އެއުރެންގައި އެޅިފައިވާ ކަސްތޮޅުތައް ނެތިކުރައްވައި، ލުއިކުރައްވަތެވެ. ފަހެ، އެކަލޭގެފާނަށް އީމާންވެ، އެކަލޭގެފާނަށް ވާގިވެރިވެ، ނަޞްރުވެރިވެ، އެކަލޭގެފާނާއި އެކުގައި ބާވައިލެއްވި ނޫރަށް ތަބާވީ މީހުން (ދަންނާށެވެ!) ދިންނަވާނޭ މީހުންނަކީ، ހަމަ އެއުރެންނެވެ." 

 

ދެވަނަ ޚާއްޞިއްޔާ: 


    އެކަލޭގެފާނު -صلّى الله عليه وسلّم-  އަކީ ނަބީބޭކަލުންގެ ތެރެއިން އެބޭކަލަކަށް އެންމެ ގިނަ މީސްތަކުން ތަބާވާ ނަބިއްޔާއެވެ. صحيح مسلم  ގައި أَنَس -رضي الله عنه- ރިވާކުރައްވާފައިވާ ޙަދީޘެއްގައި ނަބިއްޔާ -صلّى الله عليه وسلّم-  ޙަދީޘްކުރައްވާފައި ވެއެވެ. (( أَنَا أَكْثَرُ الْأَنْبِيَاءِ تَبَعًا يَوْمَ الْقِيَامَةِ )) މާނައީ: "ޤިޔާމަތްދުވަހުން، ނަބީބޭކަލުންގެ ތެރެއިން އެބޭކަލަކަށް އެންމެ ގިނަބަޔަކު ތަބާވީ ނަބިއްޔަކު ކަމުގައި ވާހުށީ ތިމަންކަލޭގެފާނެވެ." 


    صحيح البخاري އާއި صحيح مسلم ގައިވާ ابن عبّاس -رضي الله عنهما- ރިވާކުރެއްވި ޙަދީޘެއްގައި ނަބިއްޔާ -صلّى الله عليه وسلّم-  ޙަދީޘްކުރައްވާފައި ވެއެވެ. (( عُرِضَتْ عَلَيَّ الْأُمَمُ، فَرَأَيْتُ النَّبِيَّ وَمَعَهُ الرُّهَيطُ، وَالنَّبِيَّ وَمَعَهُ الرَّجُلُ وَ الرَّجْلَانِ، وَالنَّبِيَّ لَيْسَ مَعَهُ أَحَدٌ، إِذْ رُفِعَ لِي سَوَادٌ عَظِيمٌ  فَظَنَنْتُ أَنَّهُمْ أُمَّتِي فَقِيلَ لِي: هَذَا مُوسَى -صلّى الله عليه وسلّم- وَقَوْمُهُ، وَلَكِنْ انْظُرْ إِلَى الْأُفُقِ الْآخَرِ، فَإِذَا سَوَادٌ عَظِيمٌ، فَقِيلَ لِي: هَذِهِ أُمَّتُكَ، وَمَعَهُمْ سَبْعُونَ أَلْفًا يَدْخُلُونَ الْجَنَّةَ بِغَيْرِ حِسَابٍ وَلَا عَذَابٍ ... )) މާނައީ: "އެކި އުއްމަތްތައް ތިމަންކަލޭގެފާނަށް ދެއްކެވުނެވެ. ފަހެ، ނަބީބޭކަލަކު އެބެކަލަކާއެކީ (ދިހައަކަށްވުރެ) މަދު ޢަދަދެއްގެ ބަޔަކާއި އެކު ވަނިކޮށް ދެކެވަޑައިގެންނެވީމެވެ. އަދި ނަބީބޭކަލަކު އެބޭކަލަކާއެކީ އެންމެ މީހަކު ނުވަތަ ދެމީހަކު ވާތީ ދެކެވަޑައިގެންނެވީމެވެ. އަދި ނަބީބޭކަލަކު އެބޭކަލަކާއެކީ އެކަކުވެސް ނުވާ ޙާލު ދެކެވަޑައިގެންނެވީމެވެ. އެދަނޑިވަޅު ތިމަން ކަލޭގެފާނަށް ބޮޑު ޖަމާޢަތެއްގެ ބަޔަކު ފެނިވަޑައިގެންނެވިއެވެ. ފަހެ، ތިމަންކަލޭގެފާނަށް ހީފުޅުވެވަޑައިގެންނެވީ އެއީ ތިމަންކަލޭގެފާނުގެ އުއްމަތުގެ މީހުން ކަމުގައެވެ. އެހިނދު، ތިމަން ކަލޭގެފާނަށް ދެންނެވުނެވެ. އެއީ މޫސާ -صلّى الله عليه وسلّم- އާއި އެކަލޭގެފާނުގެ ޤައުމުގެ މީހުންނެވެ. އެހެނަސް އަނެއް ފަރާތުގެ އުދަރެހަށް ބައްލަވާށެވެ! ފަހެ، (އެފަރާތަށް ތިމަން ކަލޭގެފާނު ބެއްލެވި ހިނދު) ބޮޑު ޖަމާޢަތެއްގެ ބަޔަކު ތިމަން ނަބިއްޔާއަށް ފެނިވަޑައިގެންނެވިއެވެ. އަދި ތިމަން ނަބިއްޔާއަށް ދެންނެވުނެވެ. މިއީ ތިބާގެ އުއްމަތެވެ. އަދި އެމީހުންނާއެކު، އެއްވެސް ޙިސާބަކާއި ޢަޛާބަކާއި ނުލައި ސުވަރުގެ ވަންނާނޭ ހަތްދިހަ ހާސް މީހުން ވެއެވެ." 


    މިއީ އަހަރެމެންގެ މާތް ނަބިއްޔާ -صلّى الله عليه وسلّم- އަށް ﷲ -تعالى- ދެއްވާފައިވާ ނުހަނު ބޮޑު ނިޢުމަތެކެވެ. ނުހަނު ޚާއްޞަކަމެކެވެ. އެހެނީ، ކޮންމެ ނަބިއްޔަކަށްވެސް، އެނަބިއްޔެއްގެ އުއްމަތުގެ މީހުން ކުރާ ހެޔޮ ޢަމަލުގެ ސާވާބައި އެއްވަރުގެ ސަވާބު ދެއްވައެވެ. އެއީ އެ ހެޔޮކަންކަމަށް އެމީހުންނަށް ގޮވައިލެއްވީ އެ ނަބިއްޔަކު ކަމުގައި ވާތީއެވެ. އަހަރެމެންގެ ނަބިއްޔާ -صلّى الله عليه وسلّم- އަށް ތަބާވާ މީހުން އެހެން ހުރިހާ ނަބީބޭކަލުންނަށް ތަބާވާ މީހުންނަށްވުރެ ގިނަ ކަމުގައިވާނަމަ، އަހަރެމެންގެ ނަބިއްޔާ -صلّى الله عليه وسلّم- އަށް ލިބޭ ސަވާބާއި ދަރުމަ އެހެން ހުރިހާ ނަބީބޭކަލުންނަށްވުރެ ގިނަވެގެން ވާނެއެވެ. ނަބިއްޔާ -صلّى الله عليه وسلّم- ޙަދީޘްކުރައްވާފައި ވެއެވެ. (( مَنْ دَعَا إِلَى هُدًى كَانَ لَهُ مِنَ الْأَجْرِ مِثْل أُجُورِ مَنْ تَبِعَهُ لَا يَنْقُصُ ذَلِكَ مِنْ أُجُوِرِهِمْ شيْئًا )) رواه مسلم. މާނައީ: "ހިދާޔަތަކަށް (ހެޔޮކަމަކަށް) ގޮވާލައިފި މީހާއަށް، އެކަމެއްގައި އޭނާއަށް ތަބާވީހާ ބައެއްގެ ސަވާބު ލިބޭ ހުއްޓެވެ. އެއީ އެމީހުންގެ ސަވާބުން އެއްވެސް އެއްޗެއް އުނިވެގެން ނުދާ ގޮތުގައެވެ." 


    މިއުއްމަތުގެ މީސްތަކުން ކުރާ ހުރިހާ ހެޔޮކަމެއްގެ ސަވާބު އެ ނަބިއްޔާ -صلّى الله عليه وسلّم- އަށް ލިބިވަޑައިގަންނަވާ ކަމުގައިވާނަމަ، އެލިބިވަޑައިގެންނެވީ ސުވަރުގޭގެ އަހުލުވެރިންގެ ދެބައިކުޅަ އެއްބައިގެ މީހުންގެ ސަވާބާއި ދަރުމައެވެ. އެއީ ކިހާ ބޮޑުވެގެންވާ ސަވާބަކާއި ދަރުމައެއް ހެއްޔެވެ؟ ފަހެ، صحيح البخاري އާއި صحيح مسلم ގައި ވާރިދުވެފައިވާ ޙަދީޘެއްގައި ނަބިއްޔާ -صلّى الله عليه وسلّم- ސުވާލުކުރެއްވިއެވެ. (( أَتَرْضَوْنَ أَنْ تَكُونُوا رُبْعَ أَهْلِ الْجَنَّةِ؟ )) އެބަހީ: ސުވަރުގޭގެ ހަތަރުބައިކުޅަ އެއްބައި މީހުންނަކީ ތިޔަބައިމީހުން ކަމުގައިވުމަށް ރުހެމު ތޯއެވެ؟ ތިމަން ބޭކަލުން (އެބަހީ: އަޞްޙާބް ބޭކަލުން) ދެންނެވީމެވެ. އާދޭހެވެ! އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. (( أَتَرْضَوْنَ أَنْ تَكُونُوا ثُلُثَ أَهْلِ الْجَنَّةِ؟ )) އެބަހީ: ސުވަރުގޭގެ ތިންބައިކުޅަ އެއްބައި މީހުންނަކީ ތިޔަބައިމީހުން ކަމުގައި ވުމަށް ރުހެމުތޯއެވެ؟ ތިމަން ބޭކަލުން ދެންނެވީމެވެ. އާދޭހެވެ! އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ((  وَالَّذِي نَفْسِي بِيَدِهِ إِنِّي لَأَرْجُو أَنْ تَكُونُوا شَطْرَ أَهْلِ الْجَنَّةِ )) މާނައީ: "އެ އިލާހުގެ އަތްޕުޅުގައި ތިމަން ނަބިއްޔާ (صلّى الله عليه وسلّم) ގެ ނަފްސުފުޅުވާ އިލާހު ގަންދީ ވިދާޅުވަމެވެ! ހަމަކަށަވަރުން، ސުވަރުގޭގެ ދެބައިކުޅަ އެއްބައި މީހުންނަކީ ތިޔަބައިމީހުން ކަމުގައި ވުމަށް ތިމަން ނަބިއްޔާ އުއްމީދު ކުރައްވަމެވެ." 


    ސުވަރުގޭގެ އަހުލުވެރިންގެ ދެބައިކުޅަ އެއްބައި މީހުންނަކީ މިއުއްމަތުގެ މީހުން ކަމުގައިވާނަމަ، އެ މީހުންނަށް އެ ސުވަރުގެއަށް ވަދެވިފައިވަނީ އެ ނަބިއްޔާ -صلّى الله عليه وسلّم- ގެ ހިދާޔަތަށް ތަބާވުމުންނެވެ. އެހެންކަމުން، އެމީހުން ކުރި ހެޔޮ ޢަމަލުތަކުގެ ސަވާބުން އެމީހުންނަށް އެއްވެސް އެއްޗެއް އުނި ނުވާ ގޮތަށް، ހަމަ އެމިންވަރަށް އެކަލޭގެފާނު -صلّى الله عليه وسلّم- އަށް ސަވާބާއި ދަރުމަ ލިބެއެވެ. ސުވަރުގޭގެ އަހުލުވެރިންގެ ބާކީ ތިބި މީހުންނަކީ އެކިއެކި ނަބީބޭކަލުންނާއި ރަސޫލުބޭކަލުންގެ ހިދާޔަތުގެ ސަބަބުން ސުވަރުގެ ވަތް މީހުންނެވެ. އެހެންކަމަށްވުމުން، ވަކި ވަކި ނަބީ ބޭކަލުންނާއި، ނަބިއްޔާ -صلّى الله عليه وسلّم- އާއި އަޅައި ކިޔާލުމުން، އެއިން ކޮންމެ ބޭކަލަކަށްވުރެ ނަބިއްޔާ -صلّى الله عليه وسلّم- މަތިވެރިވެ މާތްވެގެން ވެއެވެ. މިއީ އެ ނަބިއްޔާ -صلّى الله عليه وسلّم- އަށް ﷲ -سبحانه وتعالى- ދެއްވާފައިވާ ނުހަނު ބޮޑު ނިޢުމަތެކެވެ. ޚާއްޞަކަމެކެވެ.


    މި މާތް މަތިވެރި ދަރަޖަ ޙާޞިލް ނުކުރެވުނުކަމުގެ ހިތާމާގައި مُوسى -عليه السّلام- ކީރިތި ކުރެއްވިކަން އިސްރާއާއި މިޢުރާޖުގެ ޙަދީޘުގައި ބަޔާންވެގެން ވެއެވެ. صحيح البخاري  އާއި صحيح مسلم ގައި ވާރިދުވެފައިވާ އެ ޙަދީޘްގައި ވެއެވެ. (( ... ثُمَّ صَعَدَ بِي حَتَّى أَتَى السَّمَاءَ السَّادِسَةَ .... فَإِذَا مُوسَى، قال: هَذَا مُوسَى فَسَلِّمْ عَلَيْهِ، فَسَلَّمْتُ عَلَيْهِ، فَرَدَّ ثُمَّ قَالَ: مَرْحَبًا بِالْأَخِ الصَّالِحِ وَالنَّبِيِّ الصَّالِحِ، فَلَمَّا تَجَاوَزْتُ بَكَى. قِيلَ لَهُ: مَا يُبْكِيكَ؟ قَالَ: أَبْكِي لِأَنَّ غُلَامًا بُعِثَ بَعْدِي يَدْخُلُ الْجَنَّةَ مِنْ أُمَّتِهِ أَكْثَر مِمَّنْ يَدْخُلُهَا مِنْ أُمَّتِي ... ))  މާނައީ: ".... އެއަށްފަހު އެކަލޭގެފާނު (އެބަހީ: جبريل -عليه السّلام) ތިމަން ނަބިއްޔާއާއިގެން ހަވަނަ އުޑަށް އަރައިވަޑައިގެންނެވިއެވެ. .... ފަހެ، އެހިނދު މޫސާ (عليه السّلام) އެތަނުގައި ހުންނެވި އެވެ. (جبريل -عليه السّلام) ވިދާޅުވިއެވެ. މިއީ މޫސާ (عليه السّلام) އެވެ. ސަލާމް ވިދާޅުވާށެވެ! ފަހެ، ތިމަން ނަބިއްޔާ އެކަލޭގެފާނަށް ސަލާމް ވިދާޅުވީމެވެ. ފަހެ، އެކަލޭގެފާނު (ސަލާމަށް) ޖަވާބު ދެއްވިއެވެ. އެއަށްފަހު ވިދާޅުވިއެވެ. ޞާލިޙް އަޚާ އަދި ޞާލިޙް ނަބިއްޔާ އަށް މަރުޙަބާ އެވެ. ފަހެ، ތިމަން ނަބިއްޔާ އެތަނުން ކުރިޔަށް ވަޑައިގަތުމުން މޫސާ (عليه السّلام) ކީރިތި ކުރައްވަން ފެއްޓެވިއެވެ. އެހިނދު އެކަލޭގެފާނަށް ދެންނެވުނެވެ. ކަލޭގެފާނު ކީރިތިކުރައްވަނީ ކޮންކަމަކާއި ހުރެތޯއެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަން ކަލޭގެފާނު މި ކީރިތި ކުރައްވަނީ، ތިމަން ކަލޭގެފާނަށް ފަހުގައި (ރަސޫލުކަމާއިގެން) ފޮނުއްވުނު ޒުވާނެއްގެ އުއްމަތުން ސުވަރުގެ ވަންނަ މީހުން، ތިމަން ކަލޭގެފާނު އުއްމަތުގެ ތެރެއިން ސުވަރުގެ ވަންނަ މީހުންނަށްވުރެ ގިނަ ކަމަށްޓަކައެވެ...." 

 

ތިންވަނަ ޚާއްޞިއްޔާ:


    އެ ޤަރުނެއްގައި ނަބިއްޔާ -صلّى الله عليه وسلّم- ދުނިޔޭގައި އުޅުއްވި ޤަރުނަކީ އެއީ އާދަމުގެ ދަރިންގެ މައްޗަށް އައި އެންމެ ހެޔޮވެގެންވާ ޤަރުނެވެ. އަދި މިއުއްމަތުގެވެސް އެންމެ ހެޔޮވެގެންވާ ޤަރުނެވެ. ދެން އެއަށްފަހު އެ ޤަރުނާއި ޖެހިގެން އައި ޤަރުނުތަކެވެ.


    صحيح البخاري  އާއި صحيح مسلم  ގައި ابن مسعود -رضي الله عنه- ގެ އަރިހުން ރިވާކުރައްވާފައިވާ ޙަދީޘެއްގައި ވެއެވެ. ނަބިއްޔާ -صلّى الله عليه وسلّم-  ޙަދީޘްކުރެއްވި އެވެ. (( خَيْرُ النَّاسِ قَرْنِي، ثُمَّ الَّذِينَ يَلُونَهُم، ثُمَّ الَّذِينَ يَلُونَهُم ... ))  މާނައީ: "އެންމެ ހެޔޮވެގެންވާ މީސްތަކުންނަކީ ތިމަން ނަބިއްޔާގެ ޤަރުނުގެ މީހުންނެވެ. ދެން އެއަށްފަހު ޖެހިގެން އައި މީހުންނެވެ. ދެން އެއަށްފަހު އެމީހުންނާއި ޖެހިގެން އައި މީހުންނެވެ." 


    صحيح مسلم  ގައި ވާ ޙަދީޘެއްގައި عائشة -رضي الله عنها-  ނަބިއްޔާ -صلّى الله عليه وسلّم-  އަށް ސުވާލު ދެންނެވިއެވެ. އެންމެ ހެޔޮވެގެންވާ މީހުންނަކީ ކޮބައި ތޯއެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. (( الْقَرْنُ الَّذِي أَنَا فِيه، ثُمَّ الثَّانِي ثُمَّ الثَالِث ))  މާނައީ: "އެ ޤަރުނެއްގައި ތިމަން ނަބިއްޔާ ހިމެނިވަޑައިގަންނަވާ ޤަރުނެވެ. ދެން ދެވަނައަށް އަންނަ ޤަރުނެވެ. ދެން ތިންވަނައަށް އަންނަ ޤަރުނެވެ."


    މިކަމުގެ މައްޗަށް ދަލީލުކޮށްދޭ ޙަދީޘްތައް ގިނަވެގެން ވެއެވެ.

 

ހަތަރުވަނަ ޚާއްޞިއްޔާ:


ނަބިއްޔާ -صلّى الله عليه وسلّم-  ދުނިޔޭގައި ފުރިހަމަ ސަލާމަތުން ހުންނަވަނިކޮށް، އެކަލޭގެފާނުގެ އިސްވެގޮސްފައިވާ ފާފަތަކާއި ފަސްވެފައިވާ ފާފަތައް ﷲ سبحانه وتعالى އެކަލޭގެފާނަށް ފުއްސަވައިދެއްވި އެވެ. 


ﷲ سبحانه وتعالى ވަޙީ ކުރައްވާފައި ވެއެވެ.
إِنَّا فَتَحْنَا لَكَ فَتْحًا مُّبِينًا (1) لِّيَغْفِرَ لَكَ اللَّهُ مَا تَقَدَّمَ مِن ذَنبِكَ وَمَا تَأَخَّرَ وَيُتِمَّ نِعْمَتَهُ عَلَيْكَ وَيَهْدِيَكَ صِرَاطًا مُّسْتَقِيمًا (2) وَيَنصُرَكَ اللَّهُ نَصْرًا عَزِيزًا الفتح: ١ – ٣  މާނައީ: " ފާޅުވެ ބަޔާންވެގެންވާ ފަތަޙައަކުން، ހަމަކަށަވަރުން، ތިމަން އިލާހު ކަލޭގެފާނަށް ފަތަޙަ ދެއްވީމެވެ. އެއީ ކަލޭގެފާނުގެ ކުށްފާފަތަކުގެ ތެރެއިން އިސްވެދިޔަ ކަންތައްތަކާއި، އަންނަން އޮތް ކަންތަކުގެ ފާފަ، ކަލޭގެފާނަށް ﷲ ފުއްސަވައި ދެއްވުމަށްޓަކައެވެ. އަދި ސީދާވެގެންވާ ތެދުމަގަށް ކަލޭގެފާނަށް މަގު ދެއްކެވުމަށްޓަކައެވެ. އަދި ގަދަފަދަވެގެންވާ ނަޞްރަކުން ކަލޭގެފާނަށް ނަޞްރު ދެއްވުމަށްޓަކައެވެ. "


ޤިޔާމަތްދުވަހުގައި ނަބިއްޔާ -صلّى الله عليه وسلّم- ގެ ޝަފާޢަތާއި ގުޅޭގޮތުން أبو هريرة -رضي الله عنه- ރިވާކުރެއްވި ޙަދީޘްގައި ނަބިއްޔާ -صلّى الله عليه وسلّم-  ޙަދީޘްކުރައްވާފައި ވެއެވެ. ((...فَيَأْتُونَنِي فَيَقُولُونَ: يَا مُحَمَّد أَنْتَ رَسُولُ اللهِ، وَخَاتمُ الْأَنْبِيَاءِ، وَقَدْ غُفرَ لَكَ مَا تَقَدَّمَ مِنْ ذَنْبِكَ وَمَا تَأَخَّرَ، اِشْفَعْ لَنَا إِلَى رَبِّكَ...))  أخرجه البخاري ومسلم. މާނައީ: "ފަހެ، އެމީސްތަކުން ތިމަން ނަބިއްޔާގެ އަރިހަށް އަންނާނެއެވެ. އަދި ދަންނަވާނެއެވެ. އޭ މުޙައްމަދު (صلّى الله عليه وسلّم) އެވެ. ކަލޭގެފާނަކީ ﷲ ގެ ރަސޫލާއެވެ. އަދި ނަބީކަން ޚަތިމްކުރެއްވި ކަލޭގެފާނެވެ. އަދި ހަމަކަށަވަރުން ކަލޭގެފާނުގެ އިސްވެގޮސްފައިވާ ފާފަތަކާއި ފަސްވެފައިވާ ފާފަތައް ވަނީ ފުއްސަވައިދެއްވާފައެވެ. އަޅުގަނޑުމެންނަށްޓަކައި ކަލޭގެފާނުގެ ވެރި ރައްބުގެ ޙަޟްރަތުގައި ޝަފާޢަތްތެރިވެދެއްވާށެވެ!..." 


 ޤިޔާމަތްދުވަހު ހިސާބް ބައްލަވަން ފެއްޓެވުން ލަސްވެ، މަޙްޝަރުގެ ބިމުގައި މީސްތަކުން ކޮޅަށްތިބެ، އެމީހުންނަށް އެކި އެކި އުނދަގޫތަކާއި ވޭން ކުރިމަތިވާ ހިނދު، ޙިސާބް ބެއްލެވުން އަވަސްކޮށްދެއްވުން އެދި ﷲ ގެ ޙަޟްރަތުގައި ދަންނަވާނޭ މީހަކު، ނުވަތަ ޝަފާޢަތްތެރިވާނޭ ފަރާތެއް ހޯދުމަށް އެމީސްތަކުން އެކިއެކި ނަބީބޭކަލުންގެ އަރިހަށް ދެއެވެ. އޭގެ ތެރެއިން ކޮންމެ ބޭކަލަކުވެސް އެބޭކަލަކަށް ކުރެވިފައިވާ ކުށެއްގެ ވާހަކަ ވިދާޅުވެ އެކަމަށް އިންކާރު ކުރައްވައެވެ. އެންމެ ފަހުން އެމީހުން ނަބިއްޔާ -صلّى الله عليه وسلّم- ގެ އަރިހަށް އަތުވެއްޖައުމަށް ދާންދެނެވެ. ފަހެ، ނަބިއްޔާ -صلّى الله عليه وسلّم- އެމީހުންނަށްޓަކައި އެދުވަހު ﷲ ގެ ޙަޟްރަތުގައި ޝަފާޢަތްތެރިވެ ވަޑައިގަންނަވާނެއެވެ.

 
އަދި أنس بن مالك -رضي الله عنه-  ގެ އަރިހުން ވާރިދުވެފައިވާ ޝަފާޢަތާ ގުޅޭ ޙަދީޘެއްގައި ނަބިއްޔާ -صلّى الله عليه وسلّم-  ޙަދީޘްކުރައްވާފައި ވެއެވެ. (( ...وَلَكِنْ ائْتُوا مُحَمَّدًا عَبْدًا قَدْ غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ وَمَا تَأَخَّرَ... ))  أخرجه مسلم. މާނައި: "އެހެނަސް، ތިޔަބައިމީހުން މުޙައްމަދު (صلّى الله عليه وسلّم) ގެ އަރިހަށް ދާށެވެ! އެއީ އިސްވެގޮސްފައިވާ ފާފަތަކާއި ފަސްވެފައިވާ ފާފަތަށް ފުއްސަވައިދެވިފައިވާ އަޅެކެވެ."


العزّ ابن عبد السّلام -رحمه الله- ވިދާޅުވެފައި ވެއެވެ. "ﷲ سبحانه وتعالى އެފަދައިން އެއިލާހުގެ ނަބީބޭކަލުންގެ ތެރެއިން އެއްވެސް ބޭކަލަކަށް ޚަބަރު ދެއްވާފައިވާކަމެއް ނަޤުލުކުރެވިފައި ނުވެއެވެ. އަދި ކިއެއްތަ! ފާޅުވެގެންވާ ގޮތަކީ، ﷲ سبحانه وتعالى  އެބޭކަލުންނަށް (އެފަދައިން ފާފަފުއްސެވުނު ކަމުގެ) ޚަބަރު ދެއްވާފައި ނުވާކަމެވެ. އެހެނީ، (ޝަފާޢަތުގެ ޙަދީޘްގައި) ޤިޔާމަތްދުވަހު އެބޭކަލުން އަރިހުން ޝަފާޢަތްތެރިވެދެއްވުމަށް އެދެވޭ ހިނދު އެއިން ކޮންމެ ބޭކަލަކުވެސް އެބޭކަލަކަށް ކުރެވިފައިވާ ކުށެއް ޛިކުރުކުރައްވައެވެ. އަދި ވިދާޅުވެއެވެ. ތިމަން ނަބިއްޔާގެ ނަފްސުފުޅެވެ! (2) ތިމަން ނަބިއްޔާގެ ނަފްސުފުޅެވެ!  އެއިން އެއްވެސް ބޭކަލަކަށް އެބޭކަލެއްގެ ކުށް ﷲ ފުއްސަވައިދެއްވައިފައިވާކަން އެނގިވަޑައިގެންނެވިނަމަ، އެމަޤާމުގައި އެބޭކަލުން ބިރުފުޅުގެންވަޑައި ނުގެންނެވީހެވެ. އެހެނަސް، އެ ޙާލުގައިޗޚަލްޤުތަކުން ނަބިއްޔާ -صلّى الله عليه وسلّم-  ގެ އަރިހަށް ގޮސް އެކަލޭގެފާނުގެ އަރިހުން ޝަފާޢަތްތެރިވެވަޑައިގެންނެވުމަށް ދެންނެވުމުން، އެކަލޭގެފާނު ޙަދީޘްކުރައްވައެވެ. (( أَنَا لَهَا )) (3) "  އެބަހީ: ތިމަން ނަބިއްޔާ ވަނީ އެކަމަށްޓަކައެވެ. އެބަހީ؛ އެފަދައިން އެމީހުންނަށްޓަކައި ﷲ ގެ ޙަޟްރަތުގައި ޝަފާޢަތްތެރި ވުމަށްޓަކައެވެ. 

 

ފަސްވަނަ ޚާއްޞިއްޔާ: 


    ﷲ سبحانه وتعالى  ވަނީ އެ ނަބިއްޔާ -صلّى الله عليه وسلّم-  ގެ ނަންފުޅު މަތިވެރިކުރައްވައިފައެވެ. އެކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ.
وَرَفَعْنَا لَكَ ذِكْرَكَ الشرح: ٤ މާނައީ: "އަދި ކަލޭގެފާނަށްޓަކައި ތިމަން އިލާހު ކަލޭގެފާނުގެ ނަންފުޅު މަތިވެރި ކުރެއްވީމެވެ." 


    ފަހެ، ﷲ ގެ ނަންފުޅު ގަނެވޭ ކޮންމެ ތަނެއްގައި އެނަބިއްޔާ -صلّى الله عليه وسلّم-  ނަންފުޅު ގަނެވެއެވެ. އެއްވެސް މީހެއްގެ އިސްލާމްދީން އެ ދެކަލިމަޔަށް ހެކިވެގެން ނޫނީ ޞައްޙަ ނުވާ ދެ ކަލިމައިގެ ތެރެއިން އެއްކަލިމައަކީ އެކަލޭގެފާނުގެ ރަސޫލުކަމަށް ހެކިވެވޭ ކަލިމައެވެ. ކޮންމެ ނަމާދެއްގެ ފަހު އައްތަޙިއްޔާތުގައި އެ ނަބިއްޔާ -صلّى الله عليه وسلّم-  ގެ މައްޗަށް ޞަލަވާތް ކިޔެވުން ވާޖިބުވެގެން ވެއެވެ. ބަންގި ގޮވައިލެވޭ ކޮންމެ ވަގުތަކު، އެކަލޭގެފާނުގެ ނަންފުޅު ފަޒާގައި ގުގުމަމުން ދެއެވެ. އެކަލޭގެފާނުގެ ނަންފުޅު ގަނެވިއްޖެ ކޮންމެ ހިނދަކު އެކަލޭގެފާނަށް ޞަލަވާތް ކިޔެވުމުގެ މަތީގައި މުސްލިމުން ޤާއިމް ވެގެން ވެއެވެ. ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް 1.6 ބިލިޔަން މުސްލިމުންނަކީ އެ ނަބިއްޔާ -صلّى الله عليه وسلّم-  ގެ ރަސޫލުކަމަށް އީމާންވާ ބައެކެވެ. އެ ނަބިއްޔާ އަށް އިހާނަތްތެރިކޮށް ހިތިއްޖެ ކޮންމެ ހިނދަކު، އެއެންމެންގެ ހިތްތައް ކެކި އުތުރު އަރައިގެން ދެއެވެ. އެކަލޭގެފާނަށް އޮންނަ ލޯބި އެމީހުންގެ ހިތްތަކުގައި އެމީހުންގެ އަމިއްލަ ނަފްސުތަކާއި، ޢާއިލާއާއި މުދަލަށް އޮންނަ ލޯތްބަށްވުރެ ބޮޑުވުން ލާޒިމް ވެގެން ވެއެވެ. އެކަލޭގެފާނަކީ ބޮޑު އުއްމަތެއްގެ އިމާމެވެ. ވެރިޔާއެވެ. ދުނިޔެމަތީގައި އެމީހެއްގެ ނަންފުޅު މިއަށްވުރެ މަތިވެރިވެގެންވާ ދެވަނަ އިންސާނަކީ ކޮބައިތޯއެވެ؟ އެއަށްފަހު، އެކަލޭގެފާނަށް ފުރައްސާރަކުރާ މީހުންނަށް ހީވަނީ، އެމީހުންނަށް ކާމިޔާބުވީ ކަމުގައެވެ. ﷲ ވަޙީ ކުރެއްވިއެވެ. 
إِنَّا كَفَيْنَاكَ الْمُسْتَهْزِئِينَ الحجر: ٩٥  މާނައީ: "ހަމަކަށަވަރުން، ކަލޭގެފާނަށް ފުރައްސާރަކުރާ މީހުންގެ ނުބައިކަމުން ތިމަން އިލާހު ކަލޭގެފާނަށް ފުއްދަވައިދެއްވާ (ރައްކާތެރިކުރައްވާ) ހުށީމެވެ!"

 

ހަވަނަ ޚާއްޞިއްޔާ: 


ﷲ سبحانه وتعالى  ވަނީ އެ ނަބިއްޔާ -صلّى الله عليه وسلّم-  ގެ ޢުމުރުފުޅު ގަންދެއްވައި ޤުރުއާނުގައި ބަސްފުޅު ވަޙީ ކުރައްވާފައެވެ. ﷲ سبحانه وتعالى  އެއިލާހުގެ ޚަލްޤުތަކުންގެ ތެރެއިން އެއްޗެއް ގަންދެއްވައި ބަސްފުޅު ވަޙީކުރައްވައިފިނަމަ އެއިން ދޭހަވަނީ އެ އެއްޗެއްގެ މާތްކަން ބޮޑުވެގެންވާކަމާއި، ޤަދަރު އުފުލިގެންވާ ކަމެވެ. ފަހެ، އެކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ.
لَعَمْرُكَ إِنَّهُمْ لَفِي سَكْرَتِهِمْ يَعْمَهُونَ الحجر: ٧٢ މާނައީ: "ކަލޭގެފާނުގެ ޙަޔާތްޕުޅު ގަންދެއްވައި ވަޙީ ކުރައްވަމެވެ. ހަމަކަށަވަރުން، އެއުރެން ވަނީ އެއުރެންގެ މަސްތުގެ ތެރޭގައި، ޙައިރާންވެ، ދެފުށުއުޅޭ ޙާލުގައެވެ."


މި އާޔަތުގައި ﷲ سبحانه وتعالى  މިވަނީ ނަބިއްޔާ -صلّى الله عليه وسلّم- ގެ ޙަޔާތްޕުޅު ގަންދެއްވައި ވަޙީ ކުރައްވާފައެވެ. މިއިން ދޭހަވަނީ އެކަލޭގެފާނު -صلّى الله عليه وسلّم- ގެ ޙަޔާތްޕުޅުގެ މާތްކަމެވެ. އަދި މިއީ އެހެން އެއްވެސް މީހަކަށް ލިބިފައިވާ މާތްކަމާއި މަތިވެރިކަމެއް ނޫނެވެ. (4)

 

ހަތްވަނަ ޚާއްޞިއްޔާ: 


ﷲ سبحانه وتعالى  ވަނީ އެ ނަބިއްޔާ -صلّى الله عليه وسلّم- އަށް ގޮވާލައްވައި މުޚާޠަބު ކުރެއްވި ހިނދު، ރިވެތިވެގެންވާ ނަންފުޅުތަކާއި ސިފަފުޅުތަކުން އެނަބިއްޔާއަށް ގޮވައިލައްވާފައެވެ. އެގޮތުން
يَا أَيُّهَا النَّبِيُّ الأنفال: ٦٤، ۶۵، ۷۰  "އޭ ނަބިއްޔާ" މިފަދައިން ނުވަތަ يَا أَيُّهَا الرَّسُولُ المائدة: ٤١، ۶۷  "އޭ ރަސޫލާ" މިފަދައިން ގޮވާލައްވާފައި ވެއެވެ. މިއީ އެހެން އެއްވެސް ނަބީބޭކަލަކަށް ލިބިވަޑައިގެންނެވި މާތްކަމެއް ނޫނެވެ. އަދި ކިއެއްތަ! އެހެނިހެން ނަބީބޭކަލުންނަށް ﷲ سبحانه وتعالى  ގޮވާލައްވާފައި ވަނީ ސީދާ އެބޭކަލުންގެ ނަންފުޅުތަކުންނެވެ. އެގޮތުން؛


1.    آدم -عليه السّلام- އަށް
ﱡوَقُلْنَا يَا آدَمُ اسْكُنْ أَنْتَ وَزَوْجُكَ الْجَنَّةَ البقرة: ٣٥ މިފަދައިން މުޚާޠަބު ކުރައްވާފައި ވެއެވެ. މާނައީ: "އަދި ތިމަން އިލާހު ވަޙީ ކުރެއްވީމެވެ. އޭ އާދަމް އެވެ! ކަލޭގެފާނާއި ކަލޭގެފާނުގެ އަނބިކަނބަލުން ސުވަރުގޭގައި ވަޒަންވެރިވެވަޑައިގެން އުޅުއްވާށެވެ!"


2.     عيسى -عليه السّلام- އަށް މިއާޔަތުގައިވާ ފަދައިން މުޚާޠަބު ކުރައްވާފައި ވެއެވެ.
إِذْ قَالَ اللَّهُ يَا عِيسَى ابْنَ مَرْيَمَ اذْكُرْ نِعْمَتِي عَلَيْكَ وَعَلَىٰ وَالِدَتِكَ المائدة: ١١٠ މާނައީ: " ﷲ ވަޙީ ކުރެއްވި ހިނދު ހަނދުމަކުރާށެވެ! އޭ މަރްޔަމްގެ ދަރިކަލުން ޢީސާ އެވެ! ކަލޭގެފާނަށާއި، ކަލޭގެފާނުގެ މައިކަނަބަލުންނަށް ތިމަން އިލާހު ދެއްވި ނިޢުމަތް ހަނދުމަކުރައްވާށެވެ! "


3.    موسى -عليه السّلام- އަށް
يَا مُوسَىٰ إِنِّي أَنَا اللَّهُ رَبُّ الْعَالَمِينَ القصص: ٣٠ މިފަދައިން މުޚާޠަބު ކުރައްވާފައި ވެއެވެ. މާނައީ: " އޭ މޫސާއެވެ! ހަމަކަށަވަރުން، ތިމަން އިލާހަކީ ﷲ އެވެ! ޢާލަމްތަކުގެ ވެރި ރައްބެވެ! "

 
4.    نوح -عليه السّلام- އަށް މި އާޔަތުގައި ވާފަދައިން މުޚާޠަބު ކުރެއްވިއެވެ.
قِيلَ يَا نُوحُ اهْبِطْ بِسَلَامٍ مِنَّا وَبَرَكَاتٍ عَلَيْكَ هود: ٤٨  މާނައީ: " އެންގެވިއެވެ! އޭ ނޫޙު އެވެ! ތިމަން އިލާހުގެ ޙަޟްރަތުން އަމާންކަމާއި ބަރަކާތާއެކު (ނާކޮޅުން) ފައިބައިވަޑައިގަންނަވާށެވެ! "


5.    داود -عليه السّلام- އަށް
يَا دَاوُودُ إِنَّا جَعَلْنَاكَ خَلِيفَةً فِي الْأَرْضِ ص: ٢٦  މިފަދައިން މުޚާޠަބު ކުރެއްވި އެވެ. މާނައީ: "އޭ ދާވޫދު އެވެ! ހަމަކަށަވަރުން، ބިމުގައި ޚަލީފާ އެއްކަމުގައި ތިމަން އިލާހު ކަލޭގެފާނު ލެއްވީމެވެ."


6.    إبراهيم -عليه السّلام- އަށް
يَا إِبْرَاهِيمُ (104) قَدْ صَدَّقْتَ الرُّؤْيَا الصافات: ١٠٤ – ١٠٥ މިފަދައިން މުޚާޠަބު ކުރައްވާފައި ވެއެވެ. މާނައީ: " އޭ އީބްރާހީމް އެވެ! ހަމަކަށަވަރުން، ކަލޭގެފާނުގެ ހުވަފެންފުޅު ތެދު ކުރައްވައިފީމުއެވެ."


7.    زكريّا -عليه السّلام- އަށް 
يَا زَكَرِيَّا إِنَّا نُبَشِّرُكَ مريم: ٧ މިފަދައިން މުޚާޠަބު ކުރައްވާފައި ވެއެވެ. މާނައީ: " އޭ ޒަކަރިއްޔާ އެވެ! ހަމަކަށަވަރުން، ތިމަން އިލާހު ކަލޭގެފާނަށް އުފާވެރިކަމުގެ ޚަބަރު ދެއްވަމެވެ. "


8.    يَحيى -عليه السّلام- އަށް މިއާޔަތުގައިވާ ފަދައިން މުޚާޠަބު ކުރެއްވިއެވެ.
يَا يَحْيَىٰ خُذِ الْكِتَابَ بِقُوَّةٍ ۖ مريم: ١٢  މާނައީ: " އޭ ޔަޙްޔާ އެވެ! ކަލޭގެފާނު ފޮތުގައި ބާރަށް ހިފަހައްޓަވާށެވެ! "

 

އަށްވަނަ ޚާއްޞިއްޔާ: 


މިއުއްމަތުގެ މީސްތަކުން ނަބިއްޔާ -صلّى الله عليه وسلّم- އަށް ގޮވައިލާ ހިނދު އެކަލޭގެފާނުގެ ނަންފުޅުން ގޮވައިލުމުގެ ބަދަލުގައި އެކަލޭގެފާނަށް ﷲ سبحانه وتعالى   ދެއްވާފައިވާ ރަސޫލުކަމާއި ނަބީކަމުން އެކަލޭގެފާނު ޝަރަފުވެރިކުރާ ޙާލު ގޮވައިލުމަށް އެކަލާނގެ ވަނީ މިއުއްމަތަށް އަމުރުކުރައްވައިފައެވެ. އެހެންކަމުން، އެއްބަޔަކު އަނެއްބަޔަކަށް ގޮވައި އުޅޭ ގޮތަށް ނަބިއްޔާ -صلّى الله عليه وسلّم- އަށް "އޭ މުޙައްމަދު" މިފަދައިން ގޮވުން ހުއްދަވެގެން ނުވެއެވެ.


ﷲ سبحانه وتعالى  ވަޙީ ކުރައްވާފައި ވެއެވެ.
لَا تَجْعَلُوا دُعَاءَ الرَّسُولِ بَيْنَكُمْ كَدُعَاءِ بَعْضِكُمْ بَعْضًا ۚ قَدْ يَعْلَمُ اللَّهُ الَّذِينَ يَتَسَلَّلُونَ مِنْكُمْ لِوَاذًا ۚ فَلْيَحْذَرِ الَّذِينَ يُخَالِفُونَ عَنْ أَمْرِهِ أَنْ تُصِيبَهُمْ فِتْنَةٌ أَوْ يُصِيبَهُمْ عَذَابٌ أَلِيمٌﱠ النور: ٦٣ މާނައީ: " ތިޔަބައިމީހުންގެ އެއްބަޔަކު އަނެއްބަޔަކަށް ގޮވައި އުޅޭ ފަދައިން ތިޔަބައިމީހުންގެ މެދުގައި ރަސޫލާއަށް ގޮވައި ނޫޅޭށެވެ! ތިޔަބައިމީހުންގެ ތެރެއިން (އިޒުނައެއް ނެތި) ފިލައިގެންދާ މީހުން ހަމަކަށަވަރުން، ﷲ ދެނެވޮޑިގެން ވެތެވެ. ފަހެ، އެކަލޭގެފާނުގެ އަމުރުފުޅާ ޚިލާފްވާ މީހުންނަށް ބަލާއެއް ނުވަތަ ވޭންދެނިވި ޢަޛާބެއް ޖެހިދާނެކަމަށް، އެއުރެން ބިރުވެތިވާހުށިކަމެވެ! "


ابن عبّاس -رضي الله عنهما-  އާއި مجاهد  އާއި سعيد بن جُبير  މި ތިން ބޭކަލުންގެ އަރިހުން މި އާޔަތުގެ ތަފްސީރުގައި ވާރިދުވެފައި ވެއެވެ. "އެބޭކަލުން ނަބިއްޔާ -صلّى الله عليه وسلّم- އަށް އޭ މުޙައްމަދު އޭ ނުވަތަ އޭ ޤާސިމްގެ ބައްޕާއޭ ( أبُو الْقَاسِم އޭ ) ކިޔައި ގޮވައި އުޅުނެވެ. ފަހެ، އެއާއެކު، އެކަލާނގެ ނަބިއްޔާ މަތިވެރިކުރެއްވުމަށްޓަކައި، އެފަދައިން އެކަލޭގެފާނަށް ގޮވައި އުޅުން އެބޭކަލުންގެ މައްޗަށް ﷲ عزّ وجلّ  ނަހީ ކުރެއްވިއެވެ. އަދި "ﷲ ގެ ނަބިއްޔާއޭ" ނުވަތަ "ﷲ ގެ ރަސޫލާއޭ" މިފަދައިން އެކަލޭގެފާނަށް ގޮވައި އުޅުމަށް އަމުރުކުރެއްވިއެވެ." (5)

 

ނުވަ ވަނަ ޚާއްޞިއްޔާ: 


މީސްތަކުން އެއްބަޔަކު އަނެއްބަޔަކާ ވާހަކަ ދައްކާއިރު އެކަކުގެ މައްޗަށް އަނެކަކު އަޑުއުފުލައި އުޅެއެވެ. އެހެނަސް، ނަބިއްޔާ -صلّى الله عليه وسلّم-  ގެ އަޑުފުޅަށްވުޅެ އަޑުބާރުކޮށް އެކަލޭގެފާނުގެ އަރިހުގައި ވާހަކަ ދެއްކުމާއި، ގަދައަޑުން އެކަލޭގެފަނަށް ބަސްދެންނެވުން ﷲ سبحانه وتعالى  ވަނީ މިއުއްމަތުގެ މައްޗަށް ނަހީ ކުރައްވާފައެވެ. އެކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ.
يَا أَيُّهَا الَّذِينَ آمَنُوا لَا تَرْفَعُوا أَصْوَاتَكُمْ فَوْقَ صَوْتِ النَّبِيِّ وَلَا تَجْهَرُوا لَهُ بِالْقَوْلِ كَجَهْرِ بَعْضِكُمْ لِبَعْضٍ أَنْ تَحْبَطَ أَعْمَالُكُمْ وَأَنْتُمْ لَا تَشْعُرُونَ الحجرات: ٢ މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ނަބިއްޔާގެ އަޑުފުޅުގެ މައްޗަށް ތިޔަބައިމީހުންގެ އަޑުތައް ނޫފުލާށެވެ! އަދި ތިޔަބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް ގަދައަޑުން ވާހަކަ ދައްކާފަދައިން އެކަލޭގެފާނަށް ގަދައަޑުން ބަސް ނުދަންނަވާށެވެ! (އެއީ) ތިޔަބައިމީހުންނަށް ނޭނގިތިއްބައި، ތިޔަބައިމީހުންގެ ޢަމަލުތައް ބާޠިލްވެދާނެތީއެވެ"


صحيح البخاري  ގައިވާ ރިވާޔަތެއްގައި أنس بن مالك -رضي الله عنه- ގެ އަރިހުން ވާރިދުވެފައި ވެއެވެ. ހަމަކަށަވަރުން، ނަބިއްޔާ -صلّى الله عليه وسلّم- ثابت بن قيس ހޯއްދެވިއެވެ. އެހިނދު، އެތަނުގައި ތިއްބެވި ބޭކަލުންގެ ތެރެއިން ބޭކަލަކު ވިދާޅުވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ! ކަލޭގެފާނަށްޓަކައި އަޅުގަނޑު އޭނާގެ ޚަބަރު ބައްލަވައި ދެއްވާނަމެވެ. ފަހެ، އެބޭކަލަކު ثابت بن قيس ގެ އަރިހަށް ވަޑައިގެންނެވި އިރު ފެނިވަޑައިގެންނެވީ ގޭތެރޭގައި ބޯ ތިރިކުރައްވައިގެން އިށީނދެވަޑައިގެން އިންނެވި ތަނެވެ. އެހިނދު ސުވާލު ދެންނެވިއެވެ. ތިބާއަށް ކިހިނެއް ވީތޯއެވެ؟ ثابت بن قيس  ވިދާޅުވިއެވެ. ނުބައިކަމެއް ކުރިމަތިވީއެވެ! ފަހެ، އޭނާ އޭނާގެ އަޑު ނަބިއްޔާ -صلّى الله عليه وسلّم- ގެ މައްޗަށް އުފުލައި އުޅުނެވެ. ފަހެ، ހަމަކަށަވަރުން އޭނާގެ ޢަމަލުތައް ބާޠިލްވެ ނެތިގެން ހިނގައްޖެއެވެ. އަދި އޭނާވަނީ ނަރަކައިގެ އަހުލުވެރިންގެ ތެރެއިންނެވެ. މިބަސްފުޅުގައި "އޭނާ" މިފަދައިން ثابت بن قيس  އިޝާރާތްކުރައްވާފައި އެވަނީ ޚުދު އަމިއްލަ ނަފްސުފުޅަށެވެ. އެހެނީ، ثابت بن قيس އަކީ ޠަބީޢަތުގައިވެސް އަޑުހަރު ބޭކަލެކެވެ. އަދި އެއީ އަންޞާރިއްޔަ ބޭކަލުންނަށް ޚުޠުބާ ދެއްވާ ޚަޠީބުވެސް މެއެވެ. ނަމަވެސް، މިއާޔަތް ބާވައިލެއްވުނު ހިނދު އާޔަތަގައި އެވާ މީހުންގެ ތެރެއިން އަމިއްލަ ނަފްސު ހިމެނިވަޑައިގަންނަވާކަމަށް ދެކިވަޑައިގެން، ނަބިއްޔާ -صلّى الله عليه وسلّم-  ގެ އަރިހަށް ވަޑައިގަންނަވަނަށް ކެރިވަޑައިގނުގެން، ގޭގައ ކީރިތިކުރައްވަން އިންނެވީއެވެ. ކޮންމެއަކަސް، އެގެއަށް ވަޑައިގެންނެވި ޞަޙާބީ ނަބިއްޔާ -صلّى الله عليه وسلّم-  ގެ އަރިހަށް އެނބުރި ވަޑައިގެން ثابت بن قيس އެވެނި މިވެނި ބަސްތަކެއް ވިދާޅުވިކަމުގައި ނަބިއްޔާ -صلّى الله عليه وسلّم-  އަށް ޚަބަރު ދެއްވިއެވެ. މޫސާ (6) ވިދާޅުވިއެވެ. އެއަށްފަހު، އެ ޞާޙާބީ އަނެއްކާ ثابت بن قيس ގެ އަރިހަށް ބޮޑުވެގެންވާ އުފާވެރިކަމުގެ ޚަބަރަކާއިގެން ވަޑައިގެންނެވިއެވެ. އެއީ ނަބިއްޔާ -صلّى الله عليه وسلّم-  ގެ މިބަސްފުޅެވެ. (( اِذْهَبْ إِلَيْهِ فَقُلْ لَهُ: إِنَّكَ لَسْتَ مِنْ أَهْلِ النَّارِ، وَلَكِنَّكَ مِنْ أَهْلِ الْجَنَّةِ )) މާނައީ: "އޭނާގެ ގާތަށް ވަޑައިގަންނަވާށެވެ! އަދި އޭނާއަށް ވިދާޅުވާށެވެ! ހަމަކަށަވަރުން ތިބާއަކީ ނަރަކައިގެ އަހުލުވެރިންގެ ތެރެއިން ހިމެނޭ މީހެއް ނޫނެވެ. އެހެނެއްކަމަކު ތިބާއަކީ ސުވަރުގޭގެ އަހުލުވެރިންގެ ތެރެއިންވާ މީހެކެވެ."  ފަހެ، ثابت بن قيس  ދުނިޔޭގައި ހުންނެވި އިރު މަގުމަތިން ހިންގަވާފައި ވަޑައިގަންނަވާ މަންޒަރު ފެނިވަޑައިގެންނެވުމުން، އަޞްޙާބް ބޭކަލުން އަދި ތާބިޢީ ބޭކަލުން އެއްބަޔަކު އަނެއްބަޔަކަށް، އެވަޑައިގަންނަވަނީ ސުވަރުގޭގޭ އަހުލުވެރިއެކޭ ދަންނަވައި އުޅުއްވިއެވެ. ثابت بن قيس އަވަހާރަކޮށްލެވުނީ مُسيلمة الكذّاب އާ ދެކޮޅަށް ކުރެވުނު ޔަމާމާ ހަނގުރާމައިގައެވެ.


މިތަނުގައި ޛިކުރުކުރެވިފައިވާ އާޔަތް ބާވައިލެއްވުނު ހިނދު އަޞްޙާބް ބޭކަލުން ނަބިއްޔާ -صلّى الله عليه وسلّم-  ހުންނަވާ ތަންތަނުގައި އެކަލޭގެފާނަށްވުރެ އަޑުބާރުކޮށް ވާހަކަ ދެއްކެވުމާއި، އެކަލޭގެފާނާއި ހަރުއަޑުން ވާހަކަ ދެއްކެވުން އެއްކޮށް ހުއްޓަވާލެއްވިއެވެ. عبد الله بن الزُّبير -رضي الله عنهما- ވިދާޅުވިއެވެ. "މިއާޔަތް ބާވައިލެއްވުމަށްފަހު، ނަބިއްޔާ -صلّى الله عليه وسلّم-  އަށް ބަސްފުޅުތަކެއް އަޑުއިއްވަން ބޭނުންވެވަޑައިގެންފިނަމަ، ފުރަތަމަ عُمر بن الخَطّاب -رضي الله عنه- އެ ނަބިއްޔާ -صلّى الله عليه وسلّم-  ގެ އަރިހުން އެކަމަށް ދަންނަވައި އިޛުނަ ހޯއްދަވައެވެ." 

 

ދިހަ ވަނަ ޚާއްޞިއްޔާ: 


މި ލިޔުމުގެ އެންމެ ފަހު ޚާއްޞިއްޔާއެއްގެ ގޮތުގައި މި ފާހަނގަކޮށްލަނީ، ނަބިއްޔާ -صلّى الله عليه وسلّم-   އަށް ﷲ سبحانه وتعالى  ދެއްވާފައިވާ ބޮޑުވެގެންވާ މުޢުޖިޒާތެވެ. ކީރިތި ޤުރުއާނެވެ. އެ ފޮތަކީ ޤިޔާމަތާ ޖެހެންދެން މި އުއްމަތުގައި އެއްވެސް އުނި އިތުރެއް އެއަށް ނާންނަ ޙާލު، ސަލާމަތްކަންމަތީ ދެމި އޮންނާނޭ ފޮތެކެވެ. އޭގެ ޢިލްމު އުނގެނުމަށް ނިމުމެއް ނެތެވެ. އޭގެ އަޖާޢިބުތައް ފަނާވެގެން ނުދެއެވެ. އޭގެ ފައިދާތަކާ މަންފާތަކަށް ކެނޑިގެން ނުދެއެވެ. އެއީ ﷲ سبحانه وتعالى  ގެ ރައްކާތެރިކުރެއްވުމުން ރައްކާތެރިކަން ލިބިގެންވާ ފޮތެކެވެ. އެއަށް ބަދަލެއް، އޮޅުވައިލުމެއް، ނުވަތަ އުނިއިތުރެއް ނުވެއްދޭނެއެވެ. އޭގައި ފަރުވާއާއި ޝިފާއެއް ވެއެވެ. އޭގައި ވަޢުޘުތަކާއި އަޙްކާމްތައް އެކުލެވިގެން ވެއެވެ. އޭގައި އަހަރެމެންނަށްވުރެ އިސްވެދިޔަ މީސްތަކުންގެ ޚަބަރު ވެއެވެ. އަހަރެމެންނަށްވުރެ ފަހުން އަންނަ ތިބި މީހުންގެ ޙާލު ވެއެވެ. އެއީ ﷲ ގެ ވަރުގަދަވެގެންވާ ވާފަށެވެ. އެފޮތަށް އީމާންވެ ތަބާވެއްޖެ މީހަކަށް ތެދުމަގަށް އިރުޝާދު ލިބިއްޖެއެވެ. އެފޮތް ދޫކޮށް ފުރަގަސްދީފި މީހާ މަގުފުރެދި ހަލާކުވެއްޖެއެވެ. ގެއްލެނިވެގެން ހިނގައްޖެއެވެ. އެހެން ނަބީބޭކަލުންގެ މުޢުޖިޒާތްތައް ވަނީ އެބޭކަލުން އަވަހާރަވުމާއެކު ކެނޑިގެން ގޮސްފައެވެ. އެހެނަސް، އަހަރެމެންގެ ނަބިއްޔާ -صلّى الله عليه وسلّم- ގެ މުޢުޖިޒާތްކަމުގައިވާ ޤުރުއާން، ޤިޔާމަތާ ޖެހެންދެން ދެމިގެން ވެއެވެ. އެއާ އެއްފަދަ އެހެން އެއްޗެއް ޖިންނީންނާއި އިންސީން އެއްވިޔަސް ނުގެނެވޭނެއެވެ. އަދި ކިއެއްތަ! އޭގެ އެންމެ ސޫރަތެއްވެސް ނުގެނެވޭނެއެވެ. އަދި ކިއެއްތަ! އެއާ އެއްފަދަ އެންމެ އާޔަތެއްވެސް ނުގެނެވޭނެއެވެ. 


صحيح البخاري  ގައިވާ أبو هريرة -رضي الله عنه- ގެ ޙަދީޘެއްގައި ވާރިދުވެފައި ވެއެވެ. ނަބިއްޔާ -صلّى الله عليه وسلّم-  ޙަދީޘްކުރެއްވިއެވެ. (( مَا مِنْ نَبِيٍّ إِلَّا أُعْطِيَ مِنَ الْآيَاتِ مَا مِثْلُهُ آمَنَ عَلَيْهِ الْبَشَرُ، وَإِنَّمَا كَانَ الَّذِي أُوتِيتُهُ وَحْيًا أَوْحَى اللهُ إِلَيَّ، فَأَرْجُو أَنْ أَكُونَ أَكْثَرُهُمْ تَبَعًا يَوْمَ الْقِيَامَةِ )) މާނައީ: "މީސްތަކުން އެއަށް އީމާންވާނޭ ފަދަ ހެއްކެއް (މުޢުޖިޒާތެއް) ނުދެއްވާ އެއްވެސް ނަބީބޭކަލަކު ނުވެއެވެ. އަދި ހަމަކަށަވަރުން، ތިމަންކަލޭގެފާނަށް ދެއްވިފައިވަނީ ﷲ ތިމަން ކަލޭގެފާނަށް އިއްވަވާފައިވާ ވަޙީ ބަސްފުޅެކެވެ. އެހެންކަމުން، އެ ބޭކަލުންގެ ތެރެއިން ޤިޔާމަތްދުވަހު އެންމެ ގިނަ ބަޔަކު އެބޭކަލަކަށް ތަބާވާ ބޭކަލެއް ކަމުގައި ތިމަން ކަލޭގެފާނު ވާނޭކަމަށް އުއްމީދު ކުރައްވަމެވެ." 


އަދި ހަމައެފަދައިން، ކީރިތި ޤުރުއާން ނޫން އެހެން މުޢުޖިޒާތްތައްވެސް ނަބިއްޔާ -صلّى الله عليه وسلّم- ލިބިވަޑައިގެންފައި ވެއެވެ. އޭގެ ތެރޭގައި އެކަލޭގެފާނު -صلّى الله عليه وسلّم- ގެ އިނގިލުފުޅުތަކުގެ ދެމެދުން ފެން އަރައިގެން އައުން ހިމެނެއެވެ. ފަހެ، އެއީ ހިލައެއްގެ ތެރެއިން ފެން އަރައިގެން އައުމުން އެކަން އާދަޔާ ޚިލާފު ކަމަކަށްވެގެންދާ ވަރަށްވުރެ ބޮޑަށް އާދަޔާ ޚިލާފު ކަމެކެވެ. އެހެނީ، ހިލައިގެ ޖިންސަކީ އެއީ އެއިން ފެން އަރައިގެން އަންނަ އެއްޗެކެވެ. (7) އެހެނަސް، ނަބިއްޔާ -صلّى الله عليه وسلّم- ގެ މުޢުޖިޒާތެއް ކަމުގައިވީ އެކަލޭގެފާނުގެ އިނގިލިފުޅުތަކުގެ ދެމެދުން ފެން އަރައިގެން އައުމެވެ. އެހެންކަމުން، މިއީ مُوسى -عليه السّلام- ހިލައިގައި ޖެއްސެވުމުން އެއިން ފެން އަރައިގެން ދިޔުމަށްވުރެ ބޮޑުވެގެންވާ މުޢުޖިޒާތެކެވެ. (8) 


ފަހެ، عِيسى -عليه السّلام- ވަނީ އުފަންވިއިރު ލޯއަނދިރި މީހެއްގެ ލޮލަށް - ﷲ ގެ އިޛުނަފުޅާއެކު- އަލުން ފެންނާނޭ ފަދައިން ފަސޭހަކޮށްދެއްވާފައެވެ. އެއީ ލޯ އެހުރި ތަނުގައި ލޯވަޅުގައި ހުރި ޙާލުގައެވެ. އެހެނަސް، އަހަރެމެންގެ ނަބިއްޔާ -صلّى الله عليه وسلّم- ވަނީ މީހެއްގެ ލޯ، ލޯވަޅުން ވެއްޓި ކޯތާފަތްމަތީ އޮއްވައި އެލޮލަށް އަލުން ފެންނާނޭ ފަދައިން -ﷲ ގެ އިޛުނަފުޅާއެކު- ފަސޭހަކޮށްދެއްވާފައެވެ. ފަހެ، މީގައި 2 ގޮތަކަށް މުޢުޖިޒާތް އެކުލެވިގެން ވެއެވެ.


ފުރަތަމައީ: އެ ލޯ ކޯތާފަތްމައްޗަށް ވެއްޓި ވަކިވަކިވެފައި ވަނިކޮށް އަނބުރާ ލޯވަޅުގެ ތެރެއަށް ލެއްވުމުން އެ ލޯ ހަށިގަނޑުގެ މަސްތަކާއި ގުޅި ފުރިހަމަޔަށް ހަރުލައި، ވަގުތުން ވަގުތަށް ރަނގަޅުވެގެން ދިޔުމެވެ.


ދެވަނައީ: އެޙަމަލާގެ ސަބަބުން ލޯ އަނދިރި ލޮލެއް ކަމުގައި ވުމަށްފަހު، އަނބުރާ އެ ލޮލުން ފެންނަ ގޮތް ވުމެވެ. 


ފަހެ، عَاصم بن عُمر بن قَتادة  އެ ބޭފުޅާގެ ބައްޕާފުޅު، ކާފާފުޅު قَتَادَة -رضي الله عنه- ގެ އަރިހުން ރިވާކުރެއްވި ރިވާޔަތް ގެނެސްދެއްވައި ވިދާޅުވިއެވެ. ހަމަކަށަވަރުން، އުޙުދު ހަނގުރާމައިގެ ދުވަހު قَتَادَة  ގެ ލޯފުޅު ޒަޚަމްވެ ކޯތާފަތްފުޅުމައްޗަށް އޮހޮރިގެން ވެއްޓިގެން ދިޔައެވެ. އެހިނދު އެތަނުގައި އެވަގުތު ތިއްބެވި އަޞްޙާބް ބޭކަލުން އެ ލޯފުޅު ކަނޑައި ނަގަން ނިންމެވިއެވެ. އަދި އެކަމާމެދު ނަބިއްޔާ -صلّى الله عليه وسلّم- އަށް ސުވާލު ދެންނެވިއެވެ. ފަހެ، ނަބިއްޔާ -صلّى الله عليه وسلّم- ޙަދީޘްކުރެއްވިއެވެ. (( لَا ))  އެބަހީ؛ ނޫނެކެވެ. އަދި قَتَادَة  އެތަނަށް ގެނައުމަށް ނަބިއްޔާ -صلّى الله عليه وسلّم-  އެންގެވިއެވެ. އެއަށްފަހު ލޯ، ލޯވަޅުގެ ތެރެއަށް ލެއްވިއެވެ. އެއާއެކު قَتَادَة  ފަސޭހަކަމާއެކު ލޮލުން އެސްފިޔަޖެއްސެވިއެވެ. އަދި އެވަގުތުން ވަގުތަށް ލޯ ރަނގަޅުވެ ފަސޭހަވުމުގެ ސަބަބުން، ދެ ލޮލުގެ ތެރެއިން އުޙުދުގެ ދުވަހު ޒަޚަމްވީ ކޮން ލޮލެއްކަން ޚުދު قَتَادَة  އަށް އޭގެ ފަހުގައި އެނގިވަޑައި ނުގަންނަވާހާ ބޮޑަށް އެ ލޯފަސޭހަވެ ރަނގަޅުވެގެން ދިޔައެވެ. (9)


     މި ލިޔުމުގައި މިގެނެސްދިނީ ނަބިއްޔާ -صلّى الله عليه وسلّم- އަށް ލިބިވަޑައިގެންފައިވާ ޚާއްޞަ ކަންތައްތައް (ޚަޞާއިޞް) ތަކުގެ ތެރެއިން އެންމެ 10 ޚާއްޞިއްޔާއެވެ. އެހެނަސް، މިބާބުގައި ބައެއް ޢިލްމުވެރިން ސަތޭކައަށްވުރެ ގިނަ ޚާއްޞިއްޔާ ނަބިއްޔާ -صلّى الله عليه وسلّم-  އަށް ލިބިވަޑައިގެންފާވާކަމަށް  ޛިކުރުކުރައްވާފައި ވެއެވެ. ތަފްޞީލުކޮށް އެ ޚަޞާއިޞްތައް ކިޔާލަން ބޭނުންވާ ފަރާތަކަށް އޮތީ އެފޮތްތަކަށް ރުޖޫޢަވުމެވެ. މިސާލަކަށް أبو نُعَيم الأصْبهاني  ގެ دَلَائِلُ النُّبُوَّة  މިފޮތާއި، الْبَيهَقِي  ގެ دَلَائِلُ النُّبُوَّة  އާއި، السُّيُوطِي  ގެ الْخَصَائِصُ الْكُبْرَى  އަދި މިނޫންވެސް ޚަޞާއިޞްގެ ބާބުގައި ލިޔެވިފައިވާ ފޮތްތަކެވެ. 


    الإمام الشّافعِي -رحمه الله- ވިދާޅުވެފައި ވެއެވެ. "މުޙައްމަދު -صلّى الله عليه وسلّم- އަށް ދެއްވާފައިވާ ފަދަ ކަންތައްތަކެއް އެހެން ނަބީބޭކަލަކަށް ﷲ ދެއްވާފައި ނުވެއެވެ." (10) 


    السُّيُوطِي -رحمه الله- ވިދާޅުވެފައި ވެއެވެ. "ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ. އެއާ އެއްފަދަ، ނުވަތަ އެއަށްވުރެ މަތިވެރިވެގެންވާ މުޢުޖިޒާތެއް ނުވަތަ މާތްކަމެއް، އަހަރެމެންގެ ނަބިއްޔާ -صلّى الله عليه وسلّم- އަށް ދެއްވާފައި ނުވާ މުޢުޖިޒާތެއް ނުވަތަ މާތްކަމެއް އެއްވެސް ނަބީބޭކަލަކަށް ދެއްވާފައި ނުވެއެވެ." (11)

 

وَصَلَّى اللهُ وَسَلَّمَ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آِلهِ وَأَصْحَابِهِ أَجْمَعِينَ، وَالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ. 

 

 

*******

 

(1) تفسير ابن جرير (3/332)، تفسير ابن كثير (1/378)
(2) އެބަހީ: އެއިން ކޮންމެ ބޭކަލަކުވެސް ވަނީ އެ ކުރެވުނު ކުށުގެ މައްޗަށް ނުހަނުބޮޑަށް ބިރުފުޅުގެންވަޑައިގެން އަމިއްލަ ނަފްސުފުޅާމެދު ނުހަނު ފިކުރުބޮޑުވެފައެވެ. ނަބިއްޔާ -صلّى الله عليه وسلّم-  އެކޭ އެއްފަދައިން އެބޭކަލުންގެ އިސްވެގޮސްފައިވާ ފާފަތަކާއި ފަސްވެފައިވާ ފާފަތައް ﷲ ފުއްސަވައިދެއްވި ކަމުގެ ޚަބަރު އެބޭކަލުންނަށް ލިބިވަޑައިގެންފައި ވީނަމަ، އެފަދައިން ބިރުފުޅުގެން ވަޑައިގެން ހިތާމަ ނުކުރެއްވީހެވެ.
(3) بداية السّول (ص 35 – 36)
(4) بداية السّول (ص 37)
(5) تفسير ابن كثير (3/306)
(6) موسى بن أنس بن مالك الأنصاري: މިއީ ޞަޙާބީ أنس بن مالك -رضي الله عنه- ގެ ދަރިކަލެކެވެ. އަދި ބަޞަރާގެ ޤާޟީ އެކެވެ. ތާބިޢީ ބޭކަލެކެވެ. އަދި މަދުން ނޫނީ ޙަދީޘް ރިވާކުރައްވައި ނޫޅުއްވައެވެ. 
(7) މިސާލަކަށް ފަރުބަދަތަކުގެ ތެރެއިން އޮހޮރިގެން އަންނަ "ވޯޓާފޯލް" ފަދަ ފެނެވެ.
(8) بداية السّول في تفضيل الرّسول (ص. 41) 
(9) أخرجه أبو نعيم في دلائل النّبوّة (ص. 418)، والبيهقي في دلائل النّبوّة (3/251-252)، وأورده الهيثمي في مجمع الزّوائد (8/297، 298) وابن كثير في البداية (4/33،34) والسّيوطي في الخصائص الكُبرى (1/359)، وعزاه ابن سعد والبيهقي وأبو نعيم. 
(10) آداب الشّافعي ومناقبه، لابن أبي حاتم (ص. 83)
(11) الخصائص الكُبرى (2/304)

 

Like what you see?

Close

Hit the buttons below to follow us, you won't regret it...