ހައިޟުވެރިޔާ އަދި ނިފާސްކަމުގައިވާ އަންހެނާ ރޯދަ ހިފުމުގެ ޙުކުމަކީ ކޮބާ؟ އަދި އެފަދަ އަންހެނުން ރޯދަ ގަޟާނުކުރެވި ހުއްޓާ އަނެއް ރަމަޟާން މަސް އައުމުން ދެން އެމީހުންނަށް ލާޒިމްވާ ކަންތައްތަކަކީ ކޮބާ؟ - الإِمَامُ ابن بَاز رحمه الله
ތަރުޖަމާކުރީ: އަބޫ އަނަސް މުހައްމަދު ހަސަން
الشَّيْخُ الإِمَامُ عَبدُ العَزِيْز بن عَبد الله بن بَاز رحمه الله
ސުވާލު: ހައިޟުވެރިޔާ އަދި ނިފާސްކަމުގައިވާ އަންހެނާ ރޯދަ ހިފުމުގެ ޙުކުމަކީ ކޮބާ؟ އަދި އެފަދަ އަންހެނުން ރޯދަ ގަޟާނުކުރެވި ހުއްޓާ އަނެއް ރަމަޟާން މަސް އައުމުން ދެން އެމީހުންނަށް ލާޒިމްވާ ކަންތައްތަކަކީ ކޮބާ؟
ޖަވާބު: ހައިޟުވެރިޔާ އަދި ނިފާސްކަމުގައިވާ އަންހެނާއަށް އޮތީ ހައިޟުގެ ވަގުތު އަދި ނިފާސްކަމުގައި ރޯދަ ދޫކުރުމެވެ. ރޯދަ ހިފުންވެސް އަދި ނަމާދުކުރުންވެސް ހުއްދައެއްނުވާނެއެވެ. އަދި އެޢަމަލު ސައްޙައެއްވެސް ނުވާނެއެވެ. އެޙާލުގައިވުމުން ދޫކުރާ ރޯދަ ގަޟާކުރަން ޖެހޭނެއެވެ. އެހެނަސް ނަމާދު ގަޟާކުރުމެއް ނުވެއެވެ. ޢާއިޝާ رَضِيَ اللَّهُ عَنْها ގެ ފަރާތުން ވާރިދުވެގެންވެއެވެ. " ތިމަންނަމެނަށް ރޯދަ ގަޟާކުރުމަށް އަމުރުކުރެއްވެވިއެވެ. އެހެނަސް ނަމާދު ގަޟާކުރުމަކަށް އަމުރެއްނުކުރައްވައެވެ." ވުމުން ޢާއިޝާ رَضِيَ اللَّهُ عَنْها ގެފަރާތުން ވާރިދުވެފައިވާގޮތަށް ޢިލްމުވެރިންވަނީ އިޖްމާޢުވެފައެވެ. އެއީ ޙައިޟު އަދި ނިފާސްކަމުގައިވާއިރު ދޫކޮށްލާ ރޯދަ ގަޟާކުރަންޖެހުމާއި އެހެނަސް ނަމާދު ގަޟާކުރަން ނުޖެހުމެވެ. މިއީ ﷲ ޞުބުޙާނަހޫ ވަތަޢާލާ ރަޙުމަތެއްގެ ގޮތުން އަދި ލުއިފަސޭހައިގެ ގޮތުން ދެއްވާފައިވާ އަމުރެކެވެ. އެހެނީ ނަމާދަކީ ކޮންމެރެއަކާ ދުވާލު ފަސް ވަގުތުގައި ކުރުން އަމުރުވެފައިވާ އަޅުކަމަކަށްވާހިނދު އެއަޅުކަން ގަޟާކުރުން އެއީ ފަސޭހަކަމަކަށް ނުވާނެއެވެ. ވުމުން އެދެބައިމީހުންގެ މައްޗަށް އެކަންތައް ބުރަކަމަކަށް ވެގެންދިއުމުން ދީނުގައި އެމީހުންނަށް ލުއިފަސޭހަ ކޮށްދެވުނީއެވެ. އެހެނަސް ރޯދައަކީ އަހަރަކު އެއްފަހަރު ބައްދަލުކުރާ އަޅުކަމަކަށްވުމުން އެއަޅުކަން ގަޟާކުރުމަށް އެމީހުންނަށް އުދަނގޫކަމަކަށް ނުވެއެވެ. އެގޮތުން ގަޟާކުރުމަށް ދޫކުރެވޭ ރޯދަ ގަޟާ ނުވެވިގޮސް އަނެއް ރަމަޟާން މަސް ބައްދަލުކޮށްފި ހިނދުގައި އަދި މިގޮތަށް ދިމާވެ ދިޔައީ ޝަރުޢީ އުޒުރެއްނުވާ ޙާލުގައިކަމަށް ވަނީނަމަ އެފަދަ މީހަކަށްއޮތީ ﷲ އަށް ތަޢުބާވުމެވެ. އަދިއެއާއެކު އެރޯދަ ގަޟާކޮށް ގެއްލުނު ކޮންމެ ރޯދައަކަށް މިސްކީނަކަށް ކާންދިނުމެވެ. އަދި ހަމައެގޮތަށް ބަލިކަމުގައި ރޯދަ ދޫކޮށްފައިވާ މީހާވެސް ނޫނީ ދަތުރެއްގައި ވުމުން ރޯދަ ދޫކޮށްލާ މީހާވެސް އަނެއް ރަމަޟާން މަސް ބައްދަލުކުރި ހިނދުގައި ރޯދަތައް ގަޟާ ނުކުރެވޭނަމަ އަދި އެއީ ޝަރުޢީ އުޒުރެއްނެތި ކުރެވުނު ކަމެއްނަމަ އެމީހަކަށްވެސް އޮތީ ﷲ އަށް ތައުބާވެ އެރޯދަތައް ގަޟާކޮށް އަދި ގެއްލުނު ކޮންމެ ރޯދައަކަށް މިސްކީނަކަށް ކާންދިނުމެވެ. އެހެނަސް އެމީހެއްގެ ބަލި ފުރަތަމަ ރަމަޟާން މަހުން ފެށިގެން އަނެއް ރަމަޟާން މަހާއި ޖެހެންދެންވެސް ޝިފާއެއް ނުލިބި ހުރެއްޖެހިނދުގައި އޭނާއަށްއޮތީ ހަމައެކަނި ރޯދަތައް ގަޟާކުރުމެވެ. މިސްކީނުންނަށް ކާންދިނުމެއް ނުވެއެވެ.
މަޞްދަރު: މިފަތުވާތަކަކީ ސަޢުދީޢަރަބިޔާގެ ކުރީގެ ފަތުވާކޮމެޓީގެ ރައީސް އައްޝެއިޚް އިބްން ބާޒް ރަޙިމަހުﷲ ހުރިހާ މުސްލިމުންނަށް ނަޞޭހަތެއްގެ ގޮތުން ދެއްވާފައިވާ ފަތުވާ ތަކެކެވެ.