ސަޢުދީ އަދި މުސްލިމް ދަޥްލަތްތަކުން އެމެރިކާ އެކު އައި.އެސް އަލް-ޤާއިދާ (ޓެރަރިޒަމް) އާއި ދެކޮޅަށް ނުކުތުމުން އެ ދަޥްލަތަކަށް ކުފުރުގެ ޙުކުމްޖ. ސަލަފު އާދަމް ޝަމީމް އަދި އާދަމް ނިޝާން ޖެހުމުން އެއަށް ރައްދު

الإمام العلامة الشيخ صالح الفوزان حفظه الله
މަޞްލަޙަތައްޓަކައި މުސްލިމުންގެ ފަރާތުން ކާފަރުންނަށް ގިނަ މުދާތަކެއް ހަދިޔާ ކުރުން
ސުވާލު: މުސްލިމުންގެ ފަރާތުން ކާފަރުންނަށް ގިނަގުނަ ވެގެންވާ މުދާތަކެއް ހަދިޔާކުރުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟
ޖަވާބު: އެކަންކުރީ މުސްލިމުންނަށް އެކަމުން މަޞްލަޙަތުހުރި ކަމަކަށް ކަމުގައިވާނަމަ އެކަމުގައި މަނާކަމެއް ނެތެވެ. ކާފަރުންގެ ނުބައިކަމުން ރައްކާތެރިކަން ލިބިގަތުމަށެވެ. އެގޮތުން ޒަކާތްވެސް ކާފަރުންނަށް ދެވޭ އެއްޗެއްގެ ގޮތުގައިވެ އެވެ. ތިޔަ ކުދިން ކުރީގައި ކިޔެވި ފިލާވަޅުތަކުގައި ކިތާބުއް ޒަކާތުގައި، ކާފަރުންގެ ތެރެއިން (މުއައްލިފަތު ޤުލޫބުހުމް) އެބަޔަކަށް ޒަކާތުން ފައިސާ ދެވިއްޖެ ހިނދުގައި އެބައެއްގެ ނުރައްކަލުން ސަލާމަތްވެވޭނެ މީހުންނަށް ޒަކާތުން ބައެއް ދެވެ އެވެ. ފަރުޟު ކުރެވިފައިވާ ޒަކާތުން އެބައިމީހުންނަށް ދެވެ އެވެ. ފަހެ އެހެންވުމުން، ޒަކާތުގެ ގޮތުގައި ނުވާ އެހެނިހެން ފައިސާއެއް އެބައެއްގެ ނުރައްކަލުން މުސްލިމުން ސަލާމަތްވެ ތިބުމަށް އެބައިމީހުންނަށް ނުދެވޭނީ ކިހިނަކުންތޯ އެވެ. ބައެއް ޖާހިލުން ދެކެނީ މިއީ ކާފަރުންނާ މުވާލާތް ކުރުމެވެ. މިއީ މުވާލާތް ކުރުމެއް ނޫނެވެ. މިއީ މުދާރާތް ކުރުމެވެ. އެބައެއްގެ ނުރައްކަލަށްޓަކައި މުދާރާތް ކުރުމެވެ. އެބައެއްގެ ނުބައިކަމުން މުސްލިމުން ސަލާމަތް ކުރުމެވެ. މިއީ މުވާލާތް ކުރުމެއް ނޫނެވެ. އާއެކެވެ.
***
ފަތުވާ ނަގާފައިވަނީ : https://goo.gl/chQCIj
އިޚްވާނުންނޭވެ.
މިތަނުގައި ޝެއިޚް މުސްލިމުން ކާފަރުންގެ ނުރައްކަލުން ސަލަމާތްވެ އެމީހުންގެ ނުބައިކަމުން ރައްކާތެރިވުމަށް ގިނަގުނަ މުދާތައް ދިނުމަކީ އެއީ ކާފަރުންނަށް މުވާލާތް ކުރުން ނޫން ކަމުގައި ބުނެފައިވަނީ، މިއަދު އިސްލާމްދީނުގެ ދާއިރާތެރެއަށް ފާޅުވެފައިވާ ތަކްފީރީ ޚާރިޖީ ޖަމާޢަތްތަކުގެ މީހުންނަށް ރައްދުދެއްވުމުގެ ގޮތުންނެވެ.
އެހެނީ ޤުރުއާނުގައިވާ އާޔަތްތައް އެމީހުންގެ މަފްހޫމަށް ގެނެސްގަންނަ ފަދައިން ކާފަރުންނާ މުވާލާތް ކުރުމަކީ މި ތަކްފީރީ ޚާރިޖީ ޖަމާޢަތްތައް ދަންނަގޮތުގައި އެމީހުންގެ ފަހުމުން ވިސްނުމެވެ. އެގޮތުން އެމީހުން ގެންނަ އާޔަތްތަކުގެ ތެރޭގައިވެ އެވެ. ﷲ ވަޙީކުރައްވާފައިވެ އެވެ. ﴿ يَاأَيُّها الذِّينَ آمنوا لا تتخذوا اليهود والنصارى أولياء بعضهم أولياء بعض ومن يتولهم منكم فإنه منهم إن الله لا يهدي القوم الظالمين﴾ "އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން ޔަހޫދީންނާއި ނަޞާރާއިންނަކީ އީމާންކަމުގެ އަހުލުވެރިންގެ މައްޗަށް ނަޞްރުވެރިވެގެންވާ ބާރުލިބިގެންވާ ބައެއްގެ ގޮތުގައި ނަހަދާށެވެ. އެބައިމީހުންގެ ތެރެއިން އެއްބަޔަކީ އަނެއްބަޔެއްގެ އެކުވެރިންނެވެ. ތިޔަބައިމީހުންގެ ތެރެއިން އެބައިމީހުންނަށް (މުވާލާތް ކޮށްފި މީހާ) ނަޞްރުވެރިވެ ބާރުވެރިވެ އެގޮތުގައިވެއްޖެ މީހާ ދަންނާށެވެ. ފަހެ، ހަމަކަށަވަރުން އެއީ، އެބައިމީހުންގެ ތެރެއިންވާ މީހެކެވެ. ހަމަކަށަވަރުން އަނިޔާވެރި ބަޔަކަށް ﷲ ތެދުމަގެއް ނުދައްކަވާނެތެވެ."
މިއާޔަތުގައިވާ މުވާލާތް އެއީ އެބައިމީހުންނަށް އެއްވެސް ގޮތެއްގައި އެހީތެރިވުން ނުވަތަ ފައިސާގެ މުޢާމަލާތްކުރުން ކަމުގައި ޚަވާރިޖީ ތަކްފީރީ ޖަމާޢަތްތައް ދެކެވެ. އަދި އެގޮތުގައިވެއްޖެ މުސްލިމުންނަކީ ކާފަރުން ކަމުގައި ހަދައި އެ މުސްލިމުންގެ ލެއާއި މުދަލަކީ ޙަލާލު އެއްޗެއްގެ ގޮތުގައި މި ޚަވާރިޖުން ކަންތައްތައް ކުރެ އެވެ. ވިސްނާލުން ހުއްޓެވެ. މި ޖަމާޢަތްތަކުގެ އަހުލުވެރިން މި ބާބުގައި ގެނެސްފައިވާ އާޔަތްތަކުގެ ތެރޭގައި، ﷲ ވަޙީބަސްފުޅު ހިމެނެ އެވެ. ﴿ يا أيها الذين آمنوا لا تتخذوا عدوي وعدوكم أولياء تلقون إليهم بالمودة وقد كفروا بما جاءكم من الحق .....﴾ "އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިމަން އިލާހުގެ ޢަދުއްވުންނާއި އަދި ތިޔަބައިމީހުންގެ ޢަދުއްވުންނަކީ، އެހީތެރިން ކަމުގައި ތިޔަބައިމީހުން ނުހިފާށެވެ. ތިޔަބައިމީހުން އެބައިމީހުންނަށް ލޯތްބާއި އެކުވެރިކަން ހުށަހަޅަމު އެވެ. އަދި ތިޔަބައިމީހުންގެ ގާތައް އައި ޙައްޤު ދީނަށް އެބައިމީހުން ވަނީ ކާފަރުވެގެންނެވެ...." العلامة الشيخ صالح الفوزان ވިދާޅުވެފައިވާ ފަދައިން މުސްލިމުންނަށް އެކަމެއްގައި މަޞްލަޙަތު އޮތް ކަމެއްގައި ނުވަތަ އެނޫން ގޮތަކުން ފައިދާ ލިބޭނެ ކަމެއްތޯ ނުވަތަ ނޫންތޯ މިބައިގަޑުގެ މީހުން ނުބަލާނެވެ. އެހެނަސް މުޖައްރަދު އެހީތެރިކަމެކޭ، ކާފަރުންނާ ބައިވެރިވަނީއޭ، ކާފަރުންނާ ރަޙްމަތްތެރިކަމޭ ފަދަ ބަސްތައް ބުނެ، ދައުލަތްތަކާ މީސްތަކުން މި ބައިގަނޑުގެ އަހުލުވެރިން ކާފަރު ކުރެވެ.
ދެ އާދަމްގެ ތަކްފީރީ ޚާރިޖީ ފިކުރު: މި މީސްތަކުންގެ ބަސްތަކަށް ބަލާލުން ހުއްޓެވެ.
الإمام العلامة الشيخ صالح الفوزان حفظه الله
ކާފަރުންނާ މުވާލާތް ކުރުމޭ ބުނަނީ ޙަޤީޤަތުގައި މުވާލާތް ކުރުމަކީ ކޮބައިކަން ނޭނގި ތިބެއެވެ.
ސުވާލު: ފަޟީލަތުއް ޝެއިޚް އެވެ. ހިނގާފައިވާ އެކިއެކި ޙާދިޘާތަކުގެ ސަބަބުން، ބައެއް މުސްލިމުން ކާފަރުންނަށް މުވާލާ ކުރެ އެވެ. އެއީ ޢިލްމު ހޯދާ ދަރިވަރެއްގެ ފަތުވާގެ މައްޗަށް ބިނާކޮށްފަ އެވެ. މިކަމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟
ޖަވާބު: މުސްލިމަކު ކާފަރަކަށް މުވާލާތް ކުރާނެ ކަމުގައި އަހަރެން ނުދެކެމެވެ. އެހެނަސް ތިޔަބައިގަނޑުގެ މީހުން މުވާލާތް ކުރުން އޭގެ ޙައްޤު މާނަ ނޫން މާނައިގައި މާނަކުރެ އެވެ. މުވާލާތްކުރުން އޭގެ މާނަ ނޫން މާނައިގައި ތަފްސީރު ކުރެ އެވެ. މުސްލިމުން އެއްވެސް ގޮތަކަށް ކާފަރުންނަށް އެއްވެސް އިރެއްގައި މުވާލާތް ކުރާނެ ކަމުގައި އަހަރެން ނުދެކެމެވެ. إن شاء الله. އެމީހަކު މުސްލިމެއްގެ ގޮތުގައި ހުރެގެން ކާފަރުންނަށް މުވާލާތެއް ނުކުރާނެ އެވެ. އެއްގޮތަކީ އޭނާއަކީ ޖާހިލެއް ކަމުގައިވުމެވެ. އަނެއް ގޮތަކީ އެއީ މުސްލިމެއްގެ ގޮތުގައިވާ މީހެއް ނޫނެވެ. އެއީ މުނާފިގުންގެ ތެރެއިންވާ މުނާފިގެކެވެ. އެހެނަސް މުސްލިމަކު ކާފަރުންނާ މުވާލާތެއް ނުކުރާނެ އެވެ.
އެހެނަސް ތިޔަބައިމީހުން އެއީ މުވާލާތް ކުރުން ކަމުގައި ދެކޭ ކަންތައްތައް، ޙަޤީޤަތުގައި އެއީ މުވާލާތް ކުރުމެއް ނޫނެވެ. މިޘާލަކަށް ކާފަރުންނާ އެކުގައި ގަނެވިއްކުން، މިޘާލަކަށް ކާފަރުންނަށް ހަދިޔާ ދިނުން، މިއީ ހުއްދަވެގެންވާ ކަންތައްތަކެވެ. މިއީ މުވާލާތް ކުރުން ކަމުގައި ނުވާނެ އެވެ. މިއީ ކާފަރުންނާ އެކީގައި މުޢާމަލާތް ކުރުން ހުއްދަވެގެންވާ ކަންކަމުގައި އަޅުތަކުންނަށް އޭގެއިން މަޞްލަޙަތު އޮންނަ ކަންކަމުގައި މުޢާމަލާތް ކުރުމުގެ ތެރޭގައި ހިމެނިގެންވާ ކަންތައްތަކެވެ. މިޘާލަކަށް ކާފަރަކު މަސައްކަތެއް ކުރުމަށްޓަކައި މުސާރައަށް ގެނައުން، މިއީ މުވާލާތް ކުރުން ކަމުގައި ނުވާނެވެ. މިއީ އަޅުތަކުންނަށް މަޞްލަހަތު އޮތް ކަމެއްގައި މުޢާމަލާތް ކުރުމެވެ.
ނަބިއްޔާ صلى الله عليه وسلم މަދީނާއަށް ހިޖުރަކުރައްވާ ވަޑައިގެންނެވި ހިނދުގައި، عبد الله بن أريقط الليلثي މަގުދައްކައިދިނުމަށް އުޖޫރައަށް ނެންގެވި އެވެ. އޭނާއަކީ ކާފަރެކެވެ. އެހެނަސް އޭނާގެ ފަރާތުން ފައިދާ ލިބިގެންނެވި އެވެ. އެއީ މަދީނާއަށް ދިއުމަށް އޮތް މަގު ހޯއްދެވުމަށެވެ. މިއީ ހުއްދަވެގެންވާ ކަމެކެވެ. މުސްލިމަކު ކާފަރަކު އުޖޫރަދޭގޮތަށް، އެކަމަށް ހާޖަތް ޖެހިއްޖެ ހިނދުގައި ހޯދުން ހުއްދަވެގެންވެ އެވެ. ސަބަބަކީ މިއީ އެއްބަޔަކު އަނެއް ބަޔަކަށް މަންފާކުރާނެ ކަންތައްތަކެއް ބަދަލު ކުރުމެވެ. މިއީ ކާފަރުންދެކެ ލޯބިވެގެން އަދި ކާފަރުންނަށް އޯގާތެރިވެ އެމީހުންނަށް ނަޞްރުވެރިވުމަށް ކުރެވޭ ކަންތައްތަކެއް ނޫނެވެ.
މިގޮތުން އޭނާގެ ބައްޕައަކީ ކާފަރެއް ކަމުގައިވާ ހިދނުގައި އެ ކާފަރު ބައްޕައަށް، ދަރިފުޅު ހެޔޮކޮށްހިތަން ޖެހޭނެ އެވެ. މިއީ އެ ބައްޕަގެ ކުފުރަށް ލޯބިވެގެން ކުރެވޭ ކަމެއް ނޫނެވެ. ﴿ لَا تَجِدُ قَوْمًا يُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ يُوَادُّونَ مَنْ حَادَّ اللَّهَ وَرَسُولَهُ وَلَوْ كَانُوا آبَاءَهُمْ .....﴾ "ﷲ އަށާއި އާޚިރަތް ދުވަހަށް އީމާންވާ މީހުންނީ، ﷲ އަށާއި އެކަލާނގެ ރަސޫލާއަށް ދެކޮޅުވެރިވާ މީހުންނަށް ލޯބިކުރާ ބައެއްކަމުގައިވާތީ ނަބިއްޔާ ނުދެކޭނެ އެވެ. އެބައިމީހުންނަކީ އެމީހުންގެ މައިންބަފައިން ކަމުގައިވިޔަސްމެ އެވެ. ...."
އެހެނަސް އެ ބައްޕައަށް ހެޔޮކޮށް ހިތަން ޖެހޭނެ އެވެ. ގުޅުންބާއްވައި ހެޔޮފޯރުވަން ޖެހޭނެ އެވެ. ސަބަބަކީ މިއީ ދުނިޔެވީގޮތުން އޮތް އިޙްސާންތެރިކަމެކެވެ. އެ ބައްޕަކޮށްދިން ކަންތައްތަކުގެ އަގުވަޒަންކޮށްދިނުމެވެ. ދުނިޔަވީ އިޙްސާންތެރިކަމެކެވެ.
މިގޮތުން ކާފަރުންނާއި މުއާމަލާތް ކުރުން ހުއްދަވެގެންވާ ކަންތައްތަކެއްވެ އެވެ. އެގޮތުން އެއްބަސްވުންތަކާއި، ޢަހުދުކަށަވަރު ޤާއިމްކުރުމާއި އަދި ކާފަރުންގެ މައްޗަށް އަމާންކަމުގައިވުން ހިމެނެ އެވެ. މިއީ އެއްވެސް ގޮތެއްގައި ކާފަރުންނާއި މުވާލާތް ކުރުމެއްނޫނެވެ.
ބައެއް ކަންތައްތަކަކީ ޖާހިލުން ދެކޭގޮތުގައި ކާފަރުންނާއި މުވާލާތް ކުރުމެވެ. އެހެނަސް އެއީ ކާފަރުންނާއި މުވާލާތް ކުރުމެއްނޫނެވެ.
މުސްލިމުންނަށް ނުރައްކަލެއް ލިބުމުގެ މަގުމަތީގައިވާ ހިނދުގައި، މުދާރާ ކުރުންވެ އެވެ. އަދި ކާފަރުންގެ އުދަގުލުން ސަލާމަތް ވުމަށްޓަކައި ކާފަރުންނަށް މުދާރާ ކުރުން ހުއްދަވެގެންވެ އެވެ. މިއީ މުވާލާތް ކުރުމުގެ ތެރޭގައި ހިމެނިގެންވާ ކަމެއްނޫނެވެ. އަދި މިއީ މުދާހަނާގެ ތެރެއަށް ވަންނަ ކަންތައްތަކެއްވެސް ނޫނެވެ. މިއީ މުދާރާ ކުރުމެކެވެ. މުދާހަނާ ކުރުމާއި މުދާރާ ދެމެދުގައި ފަރަޤުވެ އެވެ. މުދާހަނާ އަކީ ހުއްދަވެގެންވާ އެއްޗެއް ނޫނެވެ.
އެހެނަސް މުދާރާ ކުރުން : މުސްލިމުން ނުރައްކަލެއްގެ ތެރެއަށް ވެއްޓެން އުޅޭ ހާލުގައި، ނުވަތަ ކާފަރުންގެ ފަރާތުން ލިބޭ އަނިޔާއިން ސަލާމަތްވުމަށް، ނުރައްކަލުން ކާފަރުންގެ ފަރާތުން ސަލާމަތްވުމަށް މުދާރާ ކުރުން ހުއްދަވެގެންވެ އެވެ. މިއީ މުދާހަނާ ކުރުމެއް ނޫނެވެ. އަދި މިއީ ކާފަރުންނަށް މުވާލާތް ކުރުމެއްވެސް ނޫނެވެ.
މިފަދަ އަމުރުތަކަށް ފިޤުހު ބޭނުންވެ އެވެ. އަދި މި އަމުރުތައް މަޢުރިފާވެދިއުން ހުއްޓެވެ. އެހެނަސް ކާފަރުންނާ އެކީ ކުރެވޭ އެންމެހައި ކަންތައްތަކަކީ އެއީ މުވާލާތް ކުރުން ކަމުގައި ބުނުން، މިއީ މަގުފުރެދުމާއި ޖާހިލުކަމުގައި ބަސްތައް ބުނުމެވެ. އަދި މިއީ މީސްތަކުންނަށް އޮޅުވާލާ މަގުފުރެއްދާލުމެވެ. އާއެކެވެ.
މިދަފަ ކަންކަމުގައި އުއްމަތުގެ ފިޤުހު ޢިލްމުވެރިންނަށާއި، ޢިލްމުގެ އަހުލުވެރިންނަށް ރުޖޫޢަވެ ބަސްތައް ހޯދުން ހުއްޓެވެ. މިފަދަ ކަންކަމުގެ ތެރެއަށް ކިޔަވާ ކުދިން އަދި އެކިއެކި ގޮތްތަކުން ޢިލްމުޙާޞިލް ކުރާ އަހުލުވެރިން ވަދެ، ބަސްތައް ބުނެގެން ނުވާނެ އެވެ. މިފަދަ މީސްތަކުން މިކަންކަމުގެ ތެރެއަށް ވަދެ، ކަންތައްތައްތައް ޙަލާލުކޮށް، ޙަރާމްކޮށް، މީސްތަކުންނަށް އުނގަންނައިދީ، މިއީ މުވާލާތް ކުރުމޭ ބުނެ ހަދަ އެވެ. މި މީހުންނަށް މުވާލާތަކީ ކޮބައިކަމެއް އަދި ޝަރުޢީ ޙުކުމްތައް ނޭނގި ތިބެ ބަސްތައްބުނެ އެވެ. މިއީ ބޮޑުވެގެންވާ ނުރައްކަލެކެވެ. މިފަދައިން ބަސްތައްބުނާ މީހާގެ މައްޗަށްވެސް އޮތް ބޮޑުވެގެންވާ ނުރައްކަލެކެވެ. ﷲ ގެ މައްޗަށް ޢިލްމެއް ލިބިގެން ނުވާ ޙާލުގައި މި މީހާ ބަސްތައް ބުނެ އެވެ. އާއެކެވެ.
****
ފަތުވާ ނަގާފައިވަނީ : https://goo.gl/wDgmmi
އިޚްވާނުންނޭވެ.
العلامة الشيخ صالح الفوزان ވިދާޅުވެފައިވާ ފަދައިން، އެއްވެސް ޝަރުޢީ ހަމައަކަށް ބަލާލުމެއްނެތި އާދަމް ޝަމީމް އަދި އޭނާގެ ބައިވެރިން މިވަނީ އާޔަތްތައް އުއްމަތުގައިވާ އިސްލާމީ ދައުލަތްތަކާއި އަދި ދައުލަތްތަކުގެ ވެރިންގެ މައްޗަށް ނަގާފަ އެވެ.
ISIS ފަދަ ތަކްފީރީ ޚާރިޖީ ޖަމާޢަތްތަކަކީ މުސްލިމުންގެ މައްޗަށް އަދި މުސްލިމުންގެ ބިންތަކަށް އޮތް ނުރައްކަލެއް ކަމުގައިވީ ހިނދުގައި، އެފަދަ ބައެއްގެ ނުރައްކަލުން ސަލާމަތްވުމަށްޓަކައި މުސްލިމުން އެނޫން ބައެއްބައެއްގެ ފަރާތުން ރައްކާތެރިކަން ހޯދުން އެއީ މުވާލާތް ކުރުން ކަމުގައި މި ޚާރިޖީ ފިކުރު، ތަކްފީރީ މަފްހޫމުން ޤުރުއާނާއި ސުންނަތުގެ އާޔަތްތައް ގެންދާ މީހާގެ ހުރި ނުބައި ނުލަފާކަމާ އެވެ. އާއެކެވެ. ޢާންމު މުސްލިމެއްގެ ގޮތުގައިވާ މީހާ ބުނާނެ އެވެ. "ކާފަރުންގެ ފަރާތުން އެހީތެރިކން ހޯދޭނީ ކިހިނަކުންތޯ އެވެ."
އެހެނަސް ކާފަރުންގެ އެހީތެރިކަމޭ ބުނޭ، ޖޯޝާއި ފޯރީގައި، ދީނުގައިވާ ޤަވާޢިދު ތަކުން ބެލުމެއްނެތި ޢަމަލުކުރުމަކީ އާތަޔްތަކާއި ޙަދީޘްތައް އޭގެ ޙައްޤު މާނައިން އެއްފަރާތް ކުރުމެވެ.
ޙަޤީޤަތުގައި މުވާލާތް ކުރުމަކީ ކާފަރުންގެ ފަރާތުން އެހީ ހޯދުންތޯ އެވެ. ނުވަތަ ކާފަރުންނާއި މުޢާހަދާ، އެއްބަސްވުން ޤާއިމްކުރުންތޯ އެވެ. ނުވަތަ ކާފަރުންނާއި ގަނެވިއްކުން، ވިޔަފާރި ކުރުންތޯ އެވެ. މުއާލާތް ކުރުމަކީ މިއީތޯ އެވެ.
އިޚްވާނުންނޭވެ. މުސްލިމުންނާއި ކާފަރުންނާ ގުޅިގެން ފަހު ޒަމާނުގައި މުސްލިމުން، އެމީހުންގެ ޢަދުއްވު އާ ހަނގުރާމަ ކުރާނެ ކަމުގައި ޙަދީޘްގައި ވާރިދުވެގެންވެ އެވެ. ތަކްފީރީންގެ ބަހުންނަމަ އެހިނދު މުސްލިމުން ކާފަރުވެ މުރުތައްދުވީ އެވެ.
މި ބަސްތައް ކިޔާލުން ހުއްޓެވެ.
الشيخ العلامة الإمام عبد العزيز بن باز رحمه الله
ސައްދާމުގެ ކިބައިން ރައްކައުތެރިވުމަށް ސަޢުދި އަރަބިއްޔާއަށް އެމެރިކާގެ ލަޝްކަރު ވެއްދުން
[الشيخ العلامة الإمام عبد العزيز بن باز رحمه الله ވިދާޅުވެފައިވެ އެވެ. "ދެންފަހެ މުސްލިމް ދައުލަތްތައް ދިފާޢުކޮށް ހިމާޔަތް ކުރުމަށްޓަކައި ސަޢުދީ ސަރުކާރުން ތަފާތު ދައުލަތްތަކެއްގެ ފަރާތުން އެހީއަށް އެދުނު – ސަބަބަކީ އެބައިމީހުންގެ (ސައުދީގެ) ޢަދުއްވުން (އިރާޤުން) ކުވައިތަށް އަރައިގަތް ފަދައިން އެމީހުންގެ މައްޗަށް އަރައިނުގަންނާނެ ކަމަށް ޔަޤީންކަން ނެތުމުން – ފަހެ މިކަމުގައި މައްސަލައެއް ނެތެވެ. ހަމަކަށަވަރުން ހައިއަތު ކިބާރު ޢިލްމުވެރިން މިކަމުގެ މައްޗަށް (ޤަރާރެއް) ނެރުނެވެ. އަހަރެންނަކީ އެތަނުގައިވާ އެކަކީ މެވެ. މިކަންތައް ބަޔާންކޮށް ރޭޑިޔޯގެ ޛަރީއާއިން އަދި ނޫސްތަކުގައި ބަޔާންވެ ދިޔަ އެވެ.
މިކަން ހުއްދަވެގެންވާ ކަމުގައި އެއްވެސް ޝައްކެތް ނެތެވެ. އެހެނީ، މުސްލިމުންގެ މައްޗަށް އަންނަ ޢުދުވާނަކުން ހިމާޔަތް ވުމަށްޓަކައި، މުސްލިމުން އެބައިމީހުން ނޫން އެހެން ބައެއްގެ ފަރާތުން ވާގިވެރިކަން ހޯދުމަކީ މައްސަލައެއް ނޫނެވެ. މިއީ ޢިލްމުވެރިން (ބާބު : މުރުތައްދުގެ ޙުކުމް) ގައި ޢިލްމުވެރިން ޛިކުރުކުރައްވާފައިވާ ކާފަރުންނަށް ނަޞްރުވެރިވުމުގެ ޙުކުމުގެ ތެރެއަށް ވަންނާނެ ކަމެއް ނޫނެވެ. އެ (ބާބުގައި) ބަޔާންވެފައިވަނީ، މުސްލިމުންގެ މައްޗަށް، މުސްލިމަކު ކާފަރުން ނަސްރުވެރި ކުރުމެވެ. ހުއްދަވެގެން ނުވަނީ މި އެވެ.
އެހެނަސް މުސްލިމަކު ކާފަރެއްގެ ނުބައިކަމުން ސަލާމަތްވުމަށް ނުވަތަ މުސްލިމެއްގެ ޢުދުވާނުން ސަލާމަތް ހޯދުމަށް ނުވަތަ އެމީހެއްގެ ޢުދުވާނުގެ ބިރުވެރިކަމުން، ކާފަރެއް ކައިރިން އެހީ (ވާގިހޯދުން، އެހީއަށް އެދުން) ފަހެ، މިއީ މައްސަލައެއް އޮތް ކަމެއް ނޫނެވެ.
ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم صفوان بن أمية ގެ ދަނގަޑު ދަހަނާ ބޭނުންކުރައްވާ އެއިން ރައްކައުތެރިކަން ހޯއްދެވިކަން ޘާބިތުވެ އެވެ. އެއީ އަނބުރާ ދެއްވާ ގޮތައް ނަންގަވާފައިވާ އެއްޗެކެވެ. އަދި صفوان بن أمية އެއިރު ވަނީ ކާފަރެއްގެ ގޮތުގަ އެވެ. ޙުނައިނުގެ ދުވަހުގައި، ޘަޤީފް ވަންހައިގެ މީހުންނާ ހަނގުރާމަ ކުރެއްވި އިރު އެވެ. އަދި ފަޠަޙައިގެ ދުވަހުގައި، ޤުރައިޝުވަންހައިގެ ކާފަރުންނާއި ނަބިއްޔާ صلى الله عليه وسلم ހަނގުރާމަކުރެއްވި އިރު، ޚުޒާޢާ ވަންހައިގެ މުސްލިމުންނާއި ކާފަރުންވީ ނަބިއްޔާ صلى الله عليه وسلم އާ އެކުގަ އެވެ. އަދި ނަބިއްޔާ صلى الله عليه وسلمޙަދީޘްކުރެއްވިކަމަށް ޞައްޙަވެގެންވެ އެވެ. (إنكم تصالحون الروم صلحا آمنا، ثم تقاتلون أنتم وهم عدوا من ورائكم) "ހަމަކަށަވަރުން ތިޔަބައިމީހުން ރޯމުގެ އަހުލުވެރިންނާ އަމާންކަމުގެ ޞުލްޙައެއް ޞުލްޙަ ކުރާނެ އެވެ. ދެން އެއަށްފަހު ތިޔަބައިމީހުންނާ އެބައިމީހުން ތިޔަބައިމީހުންގެ ފަހަތުގައިވާ ޢަދުއްވުންނާއި ހަނގުރާމަ ކުރާނެ އެވެ." މީގެ މާނައަކީ : އަހަރުމެންގެ (މުސްލިމުންގެ) ފަހަތުގައިވާ ޢަދުއްވުންނާއި ހަނގުރާމަ ކުރުމުގައި، އެމީހުންގެ ފަރާތުން އެހީ ހޯދުމެވެ.
ބަޔާންވެގެންދާ މަޤްޞަދަކީ : މުސްލިމުން ދިފާޢު ކުރުމަށް އަދި އެމީހުންގެ ޤައުމު ދިފާޢުކުރުމަށް މުސްލިމް (ބައެއްގެ ބާރު ބޭނުން) ކުރުން ހުއްދަވެގެންވެ އެވެ. އަދި ނަޞާރާއިން ނުވަތަ އެހެން ބައެއްގެ ފަރާތުން ހަތިޔާރުގެ އެހީ ހޯދުން މައްސަލައެއް ނޫނެވެ. އަދި ޢުދުވާނީ ހަމަލާއިން ސަލާމަތްވުމަށްޓަކައި މުސްލިމުންނަށް އެހީތެރިކަން ހޯދުމަށް ލަޝްކަރުގެ ބޭނުންވެސް ހިފިދާނެ އެވެ. އެއީ އެބައިމީހުން ގެ ބިން ޢަދުއްވުންގެ ނުބައިކަމުންނާއި އެބައިމީހުންގެ މަކަރުވެރި ރޭވުންތަކުން ޙިމާޔަތް ކުރުމަށްޓަކަ އެވެ.
ﷲ އެކަލާނގެ މަތިވެރިވެގެންވާ ފޮތުގައި ވަޙީކުރައްވާފައިވެ އެވެ. {يَا أَيُّهَا الَّذِينَ آمَنُوا خُذُوا حِذْرَكُمْ "އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން (ޢަދުއްވުންނާ ހަނގުރާމަކުރުމުގައި) ރައްކައުތެރިކަމުގައި ހިފާށެވެ." ފަހެ، އަމުރުފުޅު ކުރައްވާފައިވަނީ، އަހަރެމެންގެ ޢަދުއްވުންގެ މައްޗަށް ރައްކައުތެރިކަން ހޯދުމަށެވެ. އަދިވެސް އެކަލާނގެ ވަޙީކުރެއްވި އެވެ. {وَأَعِدُّوا لَهُمْ} "އެބައިމީހުންނާ ދެކޮޅަށް ބާރުވެރިކަން" މާނައީ : ކާފަރުންގެ ގޮތުގައިވާ ޢަދާވާތްތެރިންނެވެ. {مَا اسْتَطَعْتُمْ مِنْ قُوَّةٍ} "ކުޅަދާނަވީހައި ބާރެއް ތިޔަބައިމީހުން ތައްޔާރު ކުރާށެވެ."
ހަމަ މިފަދައިން، އަހަރެމެންގެ މައްޗަށް އަނިޔާވެރިވާ ކަމުގައިވާ މީހުން، އޭނާއަކީ އިސްލާމްދީނަށް ނިޞްބަތްވާ މުސްލިމެއް ކަމުގައިވީނަމަވެސް، އޭނާގެ ޢުދުވާނަށް މުސްލިމުން ބިރުހީވެއްޖެ ހިނދުގައި، އެ މުސްލިމުންނަށް އެބައިމީހުންނަށް އެކަމުގައި އެހީތެރިވެދޭނެ ބައެއްގެ ފަރާތުން އެހީތެރިކަން ހޯދުން ހުއްދަވެގެންވެ އެވެ. އެއީ އެ ކާފަރު މީހާގެ ޢުދުވާން ހުއްޓުވުމަށެވެ. އަދި އެބައިމީހުންގެ މައްޗަށް ގަދަވެގަތުމުގައިވާ، އަނިޔާވެރިކަމުގައިވާ ޢުދުވާނުގެ ކިބައިން މުސްލިމުންގެ ރަށް އަދި އެބައިމީހުންގެ ޙުރުމަތް ހުއްޓުވުމަށްޓަކަ އެވެ." (مجموع فتاوى 6-185)
އިޚްވާނުންނޭވެ.
އާދަމް ޝަމީމް އަދި އޭނާގެ ބައިވެރިޔާ، ސައުދީ ޢަރަބިއްޔާ އަދި މުސްލިމް ދައުލަތްތަށް އަދި މުސްލިމް ވެރިން އެއީ ކާފަރުވާނެ ބައެއްގެ ގޮތުގައި އަދި އެއީ ޖަރީމާއެއް ކަމުގައި ސިފަކޮށްފައިވަނީ އުއްމަތުގެ ޢިލްމުވެރިންގެ ބަސްތަކުގެ މައްޗަށް ރިއާޔަތްކޮށް އަދި އާޔަތްތައް އޭގެ ޙައްޤު ގޮތުގައިވާ މަފްހޫމަށް ގެންގޮސްގެން ހެއްޔެވެ.
الشيخ عبد المحسن العباد حفظه الله : ISIS ޖަމާޢަތަކީ އިސްލާމްދީނާ އެއްވެސް ގުޅުމެއްއޮތް ބައެއް ނޫނެވެ. އެބައިމީހުންގެ ޢަމަލުތަކަކީ ޚަވާރިޖުންގެ ޢަމަލުތަކެވެ. އަބޫބަކުރު ބަޣްދާދީއަށް ބައިޢަތު ހިފުމަކީ ޝައިޠާނާއަށް ބައިޢަތުހިފުމެވެ. އެބައިމީހުންނަށް އިސްލާމީ ޚިލާފަތޭ ކިޔުމެއްނެތެވެ. އެއީ ދާޢިޝީންނެވެ. މުސްލިމުންގެ ޚިލާފަތޭ ކިޔާބަޔަކު މީސްތަކުން ވަޅިން ކަތިލާނެ ހެއްޔެވެ؟
އަޑުއައްސަވާ 1 : http://goo.gl/bonXZF އަޑުއައްސަވާ 2 : http://goo.gl/lFTZEc
އިޚްވާނުންނޭވެ. ކާފަރުންނާ މުވާލާ ކުރުމަކީ އެމީހުންނާ ގާތް ގުޅުމެއް ބޭއްވުން، ނުވަތަ އެބައިމީހުންނާ ވިޔަފާރި މުއާމަލާތް ކުރުން ނުވަތަ އެމީހުންގެ ނުރައްކަލުން ސަލާމަތްވުމަށް އެމީހުންނަށް ފައިސާ ދިނުން ފަދަ ކަމެއް ކުރުމެއް ނޫނެވެ. އަދި ކިޔެއްތޯ އެވެ. އެމީހުންގެ ފަރާތުން ބާރުވެރިކަން ހޯދައި އެމީހުންގެ ކިބައިން މުސްލިމުންގެ މައްޗަށް ފާޅުވެގެންވާ ޢަދުއްވެއް ބަލިކަށީ ކުރުމަކީވެސް މުވާލާތު ކުރުމެއް ނޫނެވެ. އެހެނަސް މިއަދުވެސް ކުރީގަވެސް ތަކްފީރީން މިއާޔަތުގައިވާ މުއާލާތަކީ އާންމު މާނަ ކަމުގައި ބުނެ، ކާފަރުންނާ ގުޅުން ބޭއްވުން، މުޢާހަދާ ޤާއިމްކުރުން، ކާފަރުންނާ ބައިވެރިވުން، ކާފަރުންގެ ފަރާތުން އެހީ ހޯދުން ފަދަ އެންމެހައި ކަމަކީ ކާފަރުންނާ މުވާލާ ކުރުން ކަމުގައި ބުނެ އެވެ.
މިބަސްތައް ކިޔާލުން ހުއްޓެވެ. މުވާލާތުގެ ޙަޤީޤީ މާނައަކީ ކޮބައިކަން ބަޔާންކޮށް الشَّيْخُ عَبْدُ العَزِيْز بنْ بَاز رحمه الله ވިދާޅުވެފައިވެ އެވެ.
الشَّيْخُ عَبْدُ العَزِيْز بنْ بَاز رحمه الله ވިދާޅުވެފައިވެ އެވެ.
".. ފަހެ ހުއްދަވެގެން ނުވަނީ، މުސްލިމުންގެ މައްޗަށް ކާފަރުން ނަޞްރުވެރި ކުރުވުމެވެ. އެހެނަސް (ހުއްދަވެގެންވާ) މި ގޮތަކީ މުސްލިމުން ޙިމާޔަތްކޮށް އެމީހުންގެ ބިންތައް މުޖުރިމުންނާ، ޢުދުވާނީ އަހުލުވެރިންނާއި ކާފަރުންގެ ކިބައިން ސަލާމަތް ކުރުމެވެ. މިއީ ތަފާތުވެގެންވާ ދެ ޙާލަތެވެ. އެއީ، އިންސާނަކު މުސްލިމުންގެ މައްޗަށް ކާފަރުން ނަޞްރުވެރި ކުރުވުމާއި އަދި މުސްލިމުންގެ މައްޗަށް ކާފަރުންނަށް އެހީތެރިވުމެވެ. މިއީ މުރުތައްދުވާނޭ ކަމެކެވެ. މިއީ ހުއްދަވެގެންވާނެ ކަމެއް ނޫނެވެ. މިއީ މުންކަރާތެކެވެ. އެހެނަސް މަމްލަކާ (ސަޢުދީ ޢަރަބިއްޔާ) ގެ ޙާލަތުފަދައިން، މުސްލިމް ދައުލަތްތައް ރައްކައުތެރި ކުރުމާއި އަދި މުޤައްދަސް ބިންތައް، ކާފަރެއްގެ ކިބައިން ނުވަތަ މުސްލިމެއްގެ ޢުދުވާނުން ހިމާޔަތް ކުރުމަކީ އެކަމެއް ކުރަންޖެހިގެންވާ އަމުރެކެވެ. އަދި އެއީ (އެ ހިނދުގައި) ލާޒިމްވެގެންވާ ކަމެކެވެ. ސަބަބަކީ، ކާފަރެއްގެ ނުބައިކަމުން ނުވަތަ މުސްލިމެއްގެ ނުބައިކަމުން މުސްލިމުން ޙިމާޔަތް ކުރުމެވެ. (مجموع فتاوى 18-169)