5  ޙައްޤު މަގުގައިވާ أَهْلُ السُّنَّةِ وَالْجَمَاعَة އަކީ ކޮން ބައެއް؟ ބާޠިލުގެ މަތީގައިވާ ބައިބައިވުމާއި އިޚްތިލާފުގެ އަހުލުވެރިންނަކީ ކޮން ބައެއް؟ - الشَّيْخُ صَالِح بن فَوْزَان الفَوْزَان حفظه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

 ޙައްޤު މަގުގައިވާ أَهْلُ السُّنَّةِ وَالْجَمَاعَة އަކީ ކޮން ބައެއް؟ ބާޠިލުގެ މަތީގައިވާ ބައިބައިވުމާއި އިޚްތިލާފުގެ އަހުލުވެރިންނަކީ ކޮން ބައެއް؟ - الشَّيْخُ صَالِح بن فَوْزَان الفَوْزَان حفظه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو نوح محمد رفاد حفظه الله. ކެޓަގަރީ أَهْلُ السُّنَّةِ وَالْجَمَاعَة ސުންނަތާ ޖަމާޢަތުގެ އަހުލުވެރިން

إِنَّ الْحَمْدَ للهِ نَحْمَدُهُ وَنَسْتَعِينُهُ وَنَسْتَغْفِرُه. وَنَعُوذُ بِاللهِ مِنْ شُرُورِ أَنْفُسِنَا وَمِنْ سَيِّئَاتِ أَعْمَالِنَا. مَنْ يَهْدِهِ اللهُ فَلَا مُضِلَّ لَه، وَمَنْ يُضْلِلْ فَلَا هَادِيَ لَهُ. وَأَشْهَدُ أَلَّا إِلَهَ إِلَّا الله وَحْدَهُ لَا شَرِيكَ لَهُ، وَأَشْهَدُ أَنَّ محمدا عَبْدُهُ وَرَسُولُه. ثُمَّ أَمَّا بَعْد:
 

އަދުގެ ދުނިޔޭގައި މުސްލިމުންނަކީ އެންމެ އަދަދު ގިނަ އެހެން ނަމަވެސް އާރާއި ބާރު އެހާމެ މަދު ބައެކެވެ. އަދި މުސްލިމުންނަށް ނިކަމެތިކަމާއި ބަލިކަށިކަން ކުރިމަތިވެފައިވާ މައިގަނޑު ސަބަބަކީ އިސްލާމް ދީނާމެދު ބީރަށްޓެހިވެ ޣާފިލުވެފައިވާލެއް ބޮޑުކަމެވެ. ފަހެ އުންމަތް ބައިބައިވެ، އެއްބަޔަކު އަނެއްބަޔަކާ ދެކޮޅުވެރިވެ، ޙައްޤަކާ ނުލައި ކާފަރުކޮށް ބިދުޢަވެރިކޮށް، ހަނގުރާމަކޮށް، ލޭ އޮހޮރުވައި، މުދާތައް ފޭރި، ބޮޑެތި ފާފަތައް ކުރުމުގެ ޙާލުގައި އެހާމެ ގިނަ މީސްތަކުންވެ އެވެ. ކޮންމެ ޖަމާޢަތެއްވެސް ދެކެނީ އެޖަމާޢަތެއް ވަނީ ޙައްޤުގެ މަތީގައި ކަމެވެ. ކޮންމެ ޖަމާޢަތެއްވެސް ދެކެނީ އެޖަމާޢަތުގެ ބަސްތަކާއި އަމަލުތައް ރަނގަޅު ކަމަށެވެ. އެހެން ނަމަވެސް ދަންނަ ހުއްޓެވެ! ޤިޔާމަތާ ޖެހެންދެން ޙައްޤުގެ މަތީގައި ގާއިމްވެ ތިބޭނީ އެންމެ ޖަމާޢަތެކެވެ. އެއީ أَهْلُ السُّنَّةِ وَالْجَمَاعَة (ސުންނަތާ ޖަމާޢަތުގެ އަހުލުވެރިން) އެވެ. اَلطَّائِفَةُ المَنْصُورَة (ނަޞްރު ދެވިގެންވާ ޖަމާޢަތް) އެވެ. اَلْفِرْقَةُ النَّاجِيَة (ކާމިޔާބު ލިބިގެންވާ ޖަމާޢަތް) އެވެ. އެ ޖަމާޢަތަކީ ޤުރުއާނާއި ސުންނަތުން އެޖަމާޢަތުގެ ޙަޤީޤަތް ސާފުކޮށް ބަޔާންކޮށް، އެބަޔަކާ މެދު ސަނާގެ ބަސްފުޅުތައް ވާރިދުވެފައިވާ ޖަމާޢަތެވެ. އެޖަމާޢަތަކީ ކޮބައިކަމާއި، އެބައިމީހުންގެ ސިފަތަކާއި، ޢަޤީދާތައް، ބަޔާންކުރެވިފައިވެ އެވެ. ފަހެ މުސްލިމުންގެ ޢަޤީދާތަކާއި އަޅުކަންތަކާއި މުޢާމަލާތްތައް މިނެކިރަން ޖެހޭ މީޒާނަކީ أَهْلُ السُّنَّةِ وَالْجَمَاعَة ގެ މީޒާނެވެ. ފަހެ أَهْلُ السُّنَّةِ އަށް އެނަން ދެވުނީ ކީއްވެގެން ކަމާއި އެއީ ކޮންބައެއްކަން ބަޔާންކޮށްދެއްވަމުން ސަޢޫދީ ޢަރަބިއްޔާގެ ރައްބާނީ ބޮޑު ޢިލްމުވެރިއެއް ވިދާޅުވެފައިވާ ބަސްކޮޅުތައް ކިއުއްވާ ވިދާޅުވާށެވެ.
 

الشَّيْخُ العَلَّامَة صَالِحُ الفَوْزَان حَفِظَه الله ވިދާޅުވި އެވެ:

އަދި ސުންނަތުގެ މުރާދަކީ: ރަސޫލާ ﷺ ގެ މަގެވެ. ފަހެ އެބައިމީހުންނަށް أَهْلُ السُّنَّة (ސުންނަތުގެ އަހުލުވެރިން) ގެ ނަން ދެވުނީ ރަސޫލާ ﷺ ގެ މަގާ އެއްގޮތަށް އަމަލުކުރުމުންނެވެ. ބިދުޢައިގެ އަހުލުވެރިންނާ ޚިލާފަށެވެ. ފަހެ ހަމަކަށަވަރުން ބިދުޢައިގެ އަހުލުވެރިން އަމަލުކުރަނީ ރަސޫލާ ގެ މަގާ ޚިލާފަށެވެ. ފަހެ ސުންނަތުގެ އަހުލުވެރިންގެ ނަން ދެވުނީ އެބައިމީހުންނާ الله ގެ ރަސޫލާ ގެ ސުންނަތުގައި ނުވާ އަމަލުތަކެއް ކުރަމުންދާ ބިދުޢަވެރިންނާ ފަރަޤު ކުރުމަށެވެ.
 

ހަމަކަށަވަރުން ނަބިއްޔާ ﷺ ޙަދީޘް ކުރެއްވި އެވެ: {مَنْ عَمِلَ عَمَلاً لَـيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ}(1) މާނައީ: "އަހަރުމެންގެ ދީނުގައި ނުވާ އަމަލެއް ކޮށްފި މީހާކު ނަމަ، ފަހެ އެ (އަމަލު) ވަނީ ރައްދު ކުރެވިގެންނެވެ."
 

އަދި ނަބިއްޔާ ﷺ ޙަދީޘް ކުރެއްވި އެވެ: {وَإِيَّاكُمْ وَمُحْدَثَاتِ الْأُمُور، فَإِنَّ كُلَّ مُحْدَثَةٍ بِدْعَة، وَكُلَّ بِدْعَةٍ ضَلَالَة}(2) މާނައީ: "އަދި ތިޔަބައިމީހުން ދީނުގައި އަލަށް ގެނެވޭ ކަންކަމަށް ސަމާލުވެ އިންޒާރު ލިބިގަންނާށެވެ. ފަހެ ހަމަކަށަވަރުން އަލަށް ގެނެވޭ ކޮންމެ ކަމަކީ ބިދުޢައެކެވެ. އަދި ކޮންމެ ބިދުޢަ އަކީ މަގުފުރެދުމެކެވެ."
 

އަދި އެބައިމީހުންނަށް أَهْلُ السُّنَّة ގެ ނަން ދެވުނީ، الله ގެ ރަސޫލާ ﷺ ގެ އަރިއަހުން ޞައްޙަވީ ރިވާޔަތްތަކުގެ މައްޗަށް އަމަލުކޮށް، ރަސޫލާ ﷺ އަށް ތަބައަވާތީ އެވެ. އަދި الله ގެ ފޮތްކޮޅުން ނުވަތަ الله ގެ ރަސޫލާ ގެ ސުންނަތުން ދަލީލެއް އޮތް އަމަލެއް މެނުވީ އަމަލުތަކުގެ ތެރެއިން އެއްވެސް އަމަލެއް ނުކުރާތީ އެވެ. އޭގެ ސަބަބުން އެބައިމީހުންނަށް أَهْلُ السُّنَّة ގެ ނަން ދެވުނެވެ. އަދި އެބައިމީހުންނަށް اَلْجَمَاعَة (ޖަމާޢަތް އެބަހީ ޖަމާޢަތުގެ އަހުލުވެރިން) ގެ ނަން ދެވުނީ އެއްބައިވަންތަ ވާތީ އެވެ. އެއީ އެބައިމީހުން ޙައްޤުގެ މައްޗަށް އެއްބައިވަންތަވާތީ އެވެ. އަދި އެބައިމީހުން ބައިބައި ނުވާތީ އެވެ. الله تَعَالَى ވަޙީ ކުރެއްވި އެވެ: ﴿ وَاعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا وَلَا تَفَرَّقُوا ۚ ﴾ [آل عمران: 103] މާނައީ: "އަދި ތިޔަބައިމީހުން އެންމެން الله ގެ ވާފަށުގައި ހިފަހައްޓާށެވެ! އަދި، ވަކިވަކިވެ ނުގަންނާށެވެ!"
 

ފަހެ އެބައިމީހުންނަށް اَلْجَمَاعَة ގެ ނަން ދެވުނީ އެބައިމީހުން ޙައްޤުގެ މައްޗަށް އެއްބައިވަންތަވާތީ އެވެ. އަދި ބައިބައި ނުވާތީ އެވެ. ފަހެ އެބައިމީހުންގެ ޢަޤީދާ އެކައްޗެކެވެ. އަދި އެޢަޤީދާ އަކީ އޭގެ މައްޗަށް ޤުރުއާނާއި ސުންނަތުގެ ދަލީލު އޮތް ޢަޤީދާ އެވެ. އެބައިމީހުންނަށް އެނޫން ޢަޤީދާއެއް ނުވެ އެވެ. މަގުފުރެދުމުގެ އަހުލުވެރިންނާ ޚިލާފަށެވެ. ފަހެ ހަމަކަށަވަރުން މިބައިމީހުންނަށް ބައިވަރު ޚިލާފުވެގެންވާ އެކަތި އަނެކައްޗާ ދުރުވެގެންވާ ޢަޤީދާތަކެއްވެ އެވެ. އެއީ އެޢަޤީދާތަކަކީ ޤުރުއާނާއި ސުންނަތުގެ މަތީގައިވާ ޢަޤީދާތަކަކަށް ނުވާތީ އެވެ.
 

އަދި ޤުރުއާނާއި ސުންނަތް ދޫކޮށްފި މީހާ، ފަހެ ހަމަކަށަވަރުން އޭނާ ބައިބައިވުމާއި އިޚްތިލާފުވުމުގެ މުޞީބާތް ކުރިމަތިކުރުވޭނެ އެވެ. الله تَعَالَى ވަޙީ ކުރެއްވި އެވެ: ﴿ وَّإِن تَوَلَّوْا فَإِنَّمَا هُمْ فِي شِقَاقٍ ۖ فَسَيَكْفِيكَهُمُ اللَّهُ ۚ وَهُوَ السَّمِيعُ الْعَلِيمُ ﴾ [البقرة: 137] މާނައީ: "އަދި އެއުރެން އެނބުރި ފުރަގަސްދީފި ނަމަ، އެއުރެން ވާކަން ކަށަވަރީ، ދެކޮޅުވެރި ކަމެއްގެ ތެރޭގައެވެ. ފަހެ، الله އެއުރެންގެ ކިބައިން އިބަނަބިއްޔާ ރައްކައުތެރި ކުރައްވައި ސަލާމަތްކަން ދެއްވާނެތެވެ. އެކަލާނގެއީ السَّمِيعُ، العَلِيم އެވެ."
    

اَلْحَمْدُ لله އެވެ. ފަހެ أَهْلُ السُّنَّة ޙައްޤުގެ މައްޗަށް އެއްބައިވަންތަވެ އެވެ. އަދި އިޚްތިލާފުވެގެނެއް ނުވެ އެވެ. މަގުފުރެދުނު ފިރުޤާތަކާ ޚިލާފަށެވެ. ޖަހްމީންނާއި، މުރްޖީންނާއި، ޝިޔަޢީންނާއި، ޤަދަރީންނާއި، އަޝްޢަރީންނާއި، ޚަވާރިޖުންނާއި މިހެންގޮސް މިއެންމެނާ ޚިލާފަށެވެ. ފަހެ ހަމަކަށަވަރުން އެފިރުޤާތައް ވަނީ އެބައިމީހުންގެ ޢަޤީދާތަކުގައި އިޚްތިލާފުވެގެންނެވެ. ކޮންމެ ފިރުޤާއަކަށް ޢަޤީދާއެއް ލިބިގެންވެ އެވެ. ﴿ فَتَقَطَّعُوا أَمْرَهُم بَيْنَهُمْ زُبُرًا ۖ كُلُّ حِزْبٍ بِمَا لَدَيْهِمْ فَرِحُونَ ﴾ [المؤمنون: 53] މާނައީ: "ފަހެ، އެއުރެންގެ ދީނުގެ ކަންތައް، އެއުރެންގެ މެދުގައި ތަފާތު ޖަމާޢަތްތަކަކަށް އެއުރެން ބައިކުރޫއެވެ. ކޮންމެ ޖަމާޢަތެއް، އެޖަމާޢަތެއްގެ ގާތުގައިވާ ގޮތާމެދު އުފަލުން ތިބެއެވެ." ކޮންމެ ފިރުޤާއެއް ޖެހިގެން އައި ފިރުޤާ އަކީ މަގުފުރެދިފައިވާ ބައެއް ކަމުގައި ބުނެ އެވެ. އަދި ކިއެއްތޯ އެވެ. ކޮންމެ ފިރުޤާއެއް ޖެހިގެން އައި ފިރުޤާ ކާފަރު ކުރެ އެވެ.
 

ދެން ފަހެ أَهْلُ السُّنَّة: ފަހެ އެބައިމީހުންނީ ޙައްޤުގެ މައްޗަށް އެއްބައިވަންތަވާ ބައެކެވެ. އެބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ވާގިވެރިވެ އެވެ. އަދި އެއްބަޔަކު އަނެއްބަޔަކު ދެކެ ލޯބިވެ އެވެ. އަދި އެއްބަޔަކު އަނެއްބަޔަކަށް ނަޞްރުވެރިވެ އެވެ. ފަހެ އެބައިމީހުންނީ ޙައްޤުގެ މައްޗަށް އެއްބައިވަންތަވާ ބައެކެވެ. އަދި އެބައިމީހުން ބައިބައިވެގެން ނުދެ އެވެ.

الله تَعَالَى ގެ ވަޙީ ބަސްފުޅުގެ މައްޗަށް އަމަލުކުރުމުގެ ގޮތުންނެވެ: ﴿ وَاعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا وَلَا تَفَرَّقُوا ۚ وَاذْكُرُوا نِعْمَتَ اللَّهِ عَلَيْكُمْ إِذْ كُنْتُمْ أَعْدَاءً فَأَلَّفَ بَيْنَ قُلُوبِكُمْ ﴾ [آل عمران: 103] މާނައީ: "އަދި ތިޔަބައިމީހުން އެންމެން الله ގެ ވާފަށުގައި ހިފަހައްޓާށެވެ! އަދި، ވަކިވަކިވެ ނުގަންނާށެވެ! އަދި الله ތިޔަބައިމީހުންނަށް ދެއްވި ނިޢުމަތް ތިޔަބައިމީހުން ހަނދުމަކުރާށެވެ! ތިޔަބައިމީހުން (އެއްބަޔަކު އަނެއްބަޔަކަށް) ޢަދާވަތްތެރިން ކަމުގައި ވަނިކޮށް އެކަލާނގެ ތިޔަބައިމީހުންގެ ހިތްތައް އެކުވެރި ކުރެއްވި އެވެ."


އަދި ނަބިއްޔާ ﷺ ގެ ޙަދީޘް ބަސްފުޅުގެ މައްޗަށް އަމަލުކުރުމުގެ ގޮތުންނެވެ: {إِنَّ اللهَ يَرْضَى لَكُمْ ثَلَاثاً: أَنْ تَعْبُدُوهُ ، وَلَا تُشْرِكُوا بِهِ شَيْئاً ، وَأَنْ تَعْتَصِمُوا بِحَبْلِ اللهِ جَمِيعاً وَلَا تَفَرَّقُوا ، وَأَنْ تُنَاصِحُوا مَنْ وَلَّاهُ اللهُ أَمْرَكُمْ}(3) މާނައީ: "ހަމަކަށަވަރުން الله ތިޔަބައިމީހުންނަށް ތިން ކަމެއް ރުހިވޮޑިގެންވެ އެވެ: އެއީ ތިޔަބައިމީހުން އެއިލާހަށް އަޅުކަންކުރުމާއި އެއިލާހުއާ އެހެން އެއްވެސް ފަރާތަކާ ޝަރީކަ ނުކުރުމެވެ. އަދި ތިޔަބައިމީހުން الله ގެ ވާފަށުން ސަލާމަތްކަމާއި ރައްކައުތެރިކަން ހޯދުމާއި ތިޔަބައިމީހުން ބައިބައިނުވުމެވެ. އަދި الله ތިޔަބައިމީހުންގެ ކަންކަމުގެ މައްޗަށް ވެރިއެއްގެ ގޮތުގައި ލެއްވި ފަރާތަށް ތިޔަބައިމީހުން ނަޞޭޙަތްތެރިވުމެވެ."

 

މިތިން ކަމަކީ الله އަހަރުމެންނަށް ރުއްސަވާ ވޮޑިގެންވީ ތިން ކަމެވެ. އަދި އޭގެ ތެރެއިން ހިމެނިގެންވެ އެވެ: الله ގެ ވާފަށުގެ އެހީގައި ސަލާމަތާއި ރައްކައުތެރިކަން ހޯދުމެވެ. އެވައުކޮޅަކީ ޤުރުއާނެވެ. އަދި ރަސޫލާ ﷺ ގެ އަރިއަހުން ސާބިތުވެގެންވާ ސުންނަތެވެ. އެއީ އެސުންނަތް ޤުރުއާނަށް ތަބައަވެގެންވާ އެއްޗެއްގެ ގޮތުގައިވާތީ އެވެ. ފަހެ الله ގެ ވާފަށަކީ ޤުރުއާނާއި ސުންނަތެވެ.
 

އަދި އެވާފަށަކީ އެއާ ބެހޭގޮތުން الله ވަޙީ ކުރެއްވި ވާފަށެވެ. އެއީ: ﴿ وَاعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا وَلَا تَفَرَّقُوا ۚ وَاذْكُرُوا نِعْمَتَ اللَّهِ عَلَيْكُمْ إِذْ كُنْتُمْ أَعْدَاءً فَأَلَّفَ بَيْنَ قُلُوبِكُمْ ﴾ މާނައީ: "އަދި ތިޔަބައިމީހުން އެންމެން الله ގެ ވާފަށުގައި ހިފަހައްޓާށެވެ! އަދި، ވަކިވަކިވެ ނުގަންނާށެވެ! އަދި الله ތިޔަބައިމީހުންނަށް ދެއްވި ނިޢުމަތް ތިޔަބައިމީހުން ހަނދުމަކުރާށެވެ! ތިޔަބައިމީހުން (އެއްބަޔަކު އަނެއްބަޔަކަށް) ޢަދާވަތްތެރިން ކަމުގައި ވަނިކޮށް އެކަލާނގެ ތިޔަބައިމީހުންގެ ހިތްތައް އެކުވެރި ކުރެއްވި އެވެ."


އެބައިމީހުންގެ ހިތްތައް ގުޅުވާލެއްވީ ކޮންއެއްޗަކުންތޯ އެވެ؟
ޤުރުއާނާއި އަދި ރަސޫލާ ﷺ ގެ އަރިއަހުން ސާބިތުވެގެންވާ ސުންނަތުންނެވެ.

الله تَعَالَى ވަޙީ ކުރެއްވި އެވެ: ﴿ هُوَ الَّذِي أَيَّدَكَ بِنَصْرِهِ وَبِالْمُؤْمِنِينَ (62) وَأَلَّفَ بَيْنَ قُلُوبِهِمْ ۚ لَوْ أَنفَقْتَ مَا فِي الْأَرْضِ جَمِيعًا مَّا أَلَّفْتَ بَيْنَ قُلُوبِهِمْ وَلَٰكِنَّ اللَّهَ أَلَّفَ بَيْنَهُمْ ۚ إِنَّهُ عَزِيزٌ حَكِيمٌ ﴾ [الأنفال: 62-63] މާނައީ: "އެއިލާހަކީ، އެކަލާނގެ ނަޞްރުންނާއި، މުއުމިނުން މެދުވެރިކުރައްވައިގެން އިބަނަބިއްޔާއަށް ވާގިވެރިކަން ދެއްވި އިލާހެވެ. އަދި އެއިލާހު އެއުރެންގެ ހިތްތައް (އެބަހީ: މުއުމިނުންގެ ހިތްތައް) އެކުވެރި ކުރެއްވި އެވެ. އިބަނަބިއްޔާ ބިމުގައިވާ ހުރިހައި އެއްޗެއް ހޭދަކުރެއްވި ކަމުގައިވީ ނަމަވެސް އެއުރެންގެ ހިތްތައް އެކުވެރިއެއް ނުކުރެއްވުނީހެވެ. އެހެނެއްކަމަކު، الله، އެއުރެން އެކުވެރި ކުރެއްވި އެވެ. ހަމަކަށަވަރުން އެއިލާހަކީ عَزِيز ވަންތަ حَكِيم ވަންތަ އިލާހެވެ."


ފަހެ އެބައިމީހުންނަށް اَلْجَمَاعَة ގެ ނަން ދެވުނީ އެސަބަބަށްޓަކައެވެ. އެބައިމީހުންނަށް ލިބިގެންވާ ޚާއްޞަ ވަކިކުރުވަނިވި ސިފަ އަކީ: އެބައިމީހުންނީ އެއް ޖަމާޢަތެކެވެ. އަދި އެއް އުންމަތެކެވެ. އެބައިމީހުންގެ ނަބިއްޔާ (ޤާއިމްވެވަޑައިގެން) ހުންނެވި މަގާ އެބައިމީހުން ޚިލާފެއް ނުވެ އެވެ. އަދި އެބައިމީހުންގެ ނަބިއްޔާގެ ޞަޙާބީން (ޤާއިމްވެވަޑައިގެން) ހުންނެވި މަގާ އެބައިމީހުން ޚިލާފެއް ނުވެ އެވެ. އަދި ކިއެއްތޯ އެވެ. އެބައިމީހުން ހިނގަމުން ދަނީ ރަސޫލާ ﷺ އާއި އެރަސޫލާގެ ޞަޙާބީން ތިއްބެވި މަންހަޖުގެ މަތީގައެވެ. ނަބިއްޔާ ﷺ ޙަދީޘް ކުރެއްވި ފަދައިންނެވެ: {وَإِنَّ هَذِه الأُمَّةَ سَتَفْتَرِقُ عَلَى ثَلَاثٍ وَسَبْعِينَ فِرْقَةً، كُلُّهَا فِي النَّارِ إِلَّا وَاحِدَة، ثِنْتَانِ وَسَبْعُونَ فِي النَّارِ، وَوَاحِدَةٌ فِي الجـَــنَّة، وَهِيَ الجَمَاعَة}(4) މާނައީ: "އަދި ހަމަކަށަވަރުން މިއުންމަތް ހަތްދިހަ ތިން ފިރުޤާއަށް (ޖަމާޢަތަށް) ބެހިގެން ދާނެ އެވެ. އެއެންމެހައި ފިރުޤާތައް ވަނީ ނަރަކައިގަ އެވެ. އެންމެ ފިރުޤާއެއް މެނުވީ އެވެ. ހަތްދިހަ ދޭއް ނަރަކައިގަ އެވެ. އަދި އެކެއް ސުވަރުގޭގަ އެވެ. އަދި އެފިރުޤާއީ އަލް-ޖަމާޢަތެވެ."

 

ފަހެ އެބައިމީހުން ރަސޫލާ ﷺ މެނުވީ އެހެން އެއްވެސް ފަރާތަކަށް ތަބައެއް ނުވާނެ އެވެ. އެބައިމީހުންގެ އިމާމަކީ ރަސޫލާ ﷺ އެވެ. އަދި ޢިލްމުވެރިންގެ ތެރެއިން ރަސޫލާ ﷺ އަށް ތަބައަވެއްޖެ ކޮންމެ މީހަކީ އެބައިމީހުންގެ އިމާމެކެވެ. އަދި الله ގެ ރަސޫލާއާ ޚިލާފުވި މީހުންނާ އެބައިމީހުން ދުރުވެގަންނާނެ އެވެ. {مَنْ كَانَ عَلَى مَا أَنَا عَلَيْهِ وَأَصْحَابِي}(5) މާނައީ: "ތިމަން ނަބިއްޔާއާއި ތިމަން ނަބިއްޔާގެ އަޞްޙާބުން ތިއްބެވި މަގުގައި ތިބޭ މީހުންނެވެ."
 

الله تَعَالَى ވަޙީ ކުރެއްވި އެވެ: ﴿ وَالسَّابِقُونَ الْأَوَّلُونَ مِنَ الْمُهَاجِرِينَ وَالْأَنصَارِ وَالَّذِينَ اتَّبَعُوهُم بِإِحْسَانٍ رَّضِيَ اللَّهُ عَنْهُمْ وَرَضُوا عَنْهُ ﴾ [التوبة: 100] މާނައީ: "މުހާޖިރުންނާއި އަންޞާރުންގެ ތެރެއިން ކުރިން އިސްނެންގެވި އެންމެ ފުރަތަމަ ބޭކަލުންނާއި، ހެޔޮގޮތުގައި އެބޭކަލުންނަށް ތަބައަވި މީހުންނަށް الله ރުހިވޮޑިގެންފި އެވެ. އަދި އެއުރެން އެއިލާހަށް ރުހުނޫއެވެ."

އެބޭކަލުންނަށް ތަބައަވީ މީހުންނެވެ. (އެބަހީ:) މުހާޖިރުންނާއި އަންޞާރީންނަށް ތަބައަވީ މީހުންނެވެ. އަދި މިމީހުންނީ ހަމަކަށަވަރުން أَهْلُ السُّنَّةِ وَالْجَمَاعَة އެވެ. އެބޭކަލުންނަށް އިޙްސާންތެރިކަމާއެކު ތަބައަވީ މީހުންނެވެ. އިތުރުކުރުމާ ހައްދުފަހަނައެޅުމަކާ ނުލައެވެ. އަދި އުނިކުރުމާއި ފަރުވާ ކުޑަ ކުރުމަކާ ނުލައެވެ. އަދި ކިއެއްތޯ އެވެ. އެބޭކަލުންނަށް ތަބައަވީ ޢިލްމާ، ޙިކްމަތާ އެކު އެވެ. ހަމައެކަނި އެބޭކަލުންނަށް ނިސްބަތްވާ ނިސްބަތްވުމަކުން ނޫނެވެ. އިންސާނާ ބުނެ އެވެ: "އަހަރެންނަކީ أَهْلُ السُّنَّة ގެ ތެރެއިންވާ މީހަކީމެވެ. އަދި އަހަރެންނަކީ ޞަޙާބީންނަށް ތަބައަވާ މީހަކީމެވެ." އެހެންނަމަވެސް އޭނާގެ އަމަލުތައް ޞަޙާބީންގެ އަމަލުތަކާ ޚިލާފުވެގެންވެ އެވެ. އަދި އޭނާގެ ޢަޤީދާ ޞަޙާބީންގެ ޢަޤީދާއާ ޚިލާފުވެގެންވެ އެވެ. މިއިންސާނާ އެބޭކަލުންނަށް އިޙްސާންތެރިކަމާއެކު ތަބައެއް ނުވެ އެވެ. އަދި ކިއެއްތޯ އެވެ. އޭނާ އެޞަޙާބީންނާ ޚިލާފުވެގެންވެ އެވެ. އެބޭކަލުންނަށް އިޙްސާންތެރިކަމާއެކު ތަބައަވީ މީހާއަކީ ޢަދުލުވެރިވި މީހާއެވެ. އަދި އެބޭކަލުން ގާއިމްވެވަޑައިގެން ތިއްބެވި މަގުގައި ސާބިތުކަމާއެކު ގާއިމްވި މީހާއެވެ. އެއްވެސް އިތުރުކުރުމަކާ ނުލައެވެ. އަދި އެއްވެސް އުނިކުރުމަކާ ނުލައެވެ. އެބޭކަލުން ތިއްބެވި މަގު އެނގިގެން މެނުވީ އެކަމެއް ކުޅަދާނައެއް ނުވާނެ އެވެ. ދެން ފަހެ އެބޭކަލުން ތިއްބެވި މަގު ނޭނގޭ ކަމުގައިވާ ނަމަ، ފަހެ އެބޭކަލުންނަށް ތަބައަވާ ފަރާތަކަށް ވުމީ ކުޅަދާނަވެގެންވާ ކަމެއް ނޫނެވެ.
 

އެބޭކަލުން ގާއިމްވެވަޑައިގެން ތިއްބެވި މަގު ކޮންމެހެންވެސް އުނގެނެން ޖެހޭނެ އެވެ. ކޮންމެހެންވެސް އެމަގު މަޢުރިފާކޮށް ދެނެގަންނަން ޖެހެއެވެ. ސަލަފުއް ޞާލިޙުންނަކީ ކޮންބައެއްކަން މަޢުރިފާކޮށް ދެނެގަންނަން ޖެހެއެވެ. ސަލަފުއް ޞާލިޙުންގެ ޢަޤީދާ މަޢުރިފާކޮށް ދެނެގަންނަން ޖެހެއެވެ. ސަލަފުއް ޞާލިހުން ތިއްބެވި މަގު، ތިބާ ކޮންމެހެންވެސް އެމަގު އުނގެނެން ޖެހެއެވެ. ތިބާ ޢިލްމުގެ މަތީގައި ގާއިމްވެ ހުރުމަށެވެ. އަދި އެބޭކަލުންނަށް އިޙްސާންތެރިކަމާއެކު ތިބާ ތަބައަވުމަށެވެ.

الله تَعَالَى ވަޙީ ކުރެއްވި ފަދައިންނެވެ: ﴿ وَالَّذِينَ اتَّبَعُوهُمْ بِإِحْسَانٍ ﴾ [التوبة: 100] މާނައީ: "އަދި ހެޔޮގޮތުގައި އެބޭކަލުންނަށް ތަބައަވި މީހުންނެވެ."

ވަރަށް ގިނަ މީހުން އަދި ވަރަށް ބައިވަރު ފިރުޤާތައް ދައުވާ ކުރެއެވެ: ތިމަންނަ ވަނީ الله ގެ ރަސޫލާގެ ސުންނަތުގެ މަތީގައެވެ. އަދި އޭނާ ދައުވާ ކުރެ އެވެ: ހަމަކަށަވަރުން ތިމަންނަ ވަނީ މުހާޖިރުންނާ އަންޞާރުންގެ މަންހަޖުގެ މަތީގައެވެ. އެހެންނަމަވެސް (އެމަންހަޖަށް) އަމަލު ކުރުމުގައި އޭނާގެ ކިބައިގައި އިޚްތިލާފުތަކެއްވެ އެވެ. އެއީ އޭނާ ސަލަފުންގެ މަންހަޖު އުނގެނިފައި ނުވާތީ އެވެ. އަދި އެމަންހަޖަށް އަހައްމިއްޔަތުކަމެއްވެސް ދީފައި ނުވާތީ އެވެ. ހަމަކަށަވަރުން އޭނާ ތަބައަވީ އެވެނި މީހެއްގެ މަގަށެވެ. އަދި އެވެނި މިވެނި މީހެއްގެ މަންހަޖަށެވެ. އަދި އެމަގު الله ގެ ފޮތްކޮޅާއި الله ގެ ރަސޫލާ ﷺ ގެ ސުންނަތާއި ސަލަފުއް ޞާލިޙުންގެ މަންހަޖާ ހުށަ ނާޅަ (އެއްގޮތް ވޭތޯ އަޅާ ކިޔައި ބަލައެއް ނުލަ) އެވެ.
 

ފަހެ އެމީހާ، އޭނާ ވަނީ ސަލަފުއް ޞާލިޙުންގެ މަންހަޖުގެ މަތީގައި ކަމަށް ދައުވާ ކުރިކަމުގައިވީ ނަމަވެސް، އޭނާ ސަލަފުއް ޞާލިޙުންގެ މަންހަޖާ ދުރުވެގެންވެ އެވެ. ފަހެ އެކަން ސާބިތުވަނީ ދައުވާތަކަކުން ނޫނެވެ. އެހެނީ މަގުފުރެދިފައިވާ އަދި މަގުއޮޅިފައިވާ ބައިވަރު ފިރުޤާތައްވަނީ ސަލަފުންގެ މަންހަޖުގެ މަތީގައިކަމަށް އެފިރުޤާތަކުން ދައުވާ ކުރެއެވެ. އެހެންނަމަވެސް، އެބައިމީހުން ގާއިމްވެތިބި މަގާއި، ސަލަފުންގެ މަންހަޖާ ތިބާ އަޅާ ކިޔައިލައިފި ނަމަ، ބޮޑުވެގެންވާ ފަރަގެއް ތިބާއަށް ފެންނާނެ އެވެ. އެއީ އެއްގޮތުންނަމަ އެބައިމީހުންނަށް ސަލަފުންގެ މަންހަޖު ނޭނގޭތީ އެވެ. ނުވަތަ އަނެއް ގޮތުންނަމަ، އެބައިމީހުންނަކީ ހަވާ ނަފްސުގެ އަހުލުވެރިން ކަމުގައިވާތީ އެވެ. އެބައިމީހުންނަށް ޙައްޤު އެނގެއެވެ. އެހެންނަމަވެސް އެބައިމީހުން (އެޙައްޤު) ބޭނުމެއް ނުވެ އެވެ. ހަމަކަށަވަރުން އެބައިމީހުން ބޭނުންވަނީ އެބައިމީހުންގެ ހަވާނަފްސުތައް އެދި ގޮވާލާ ކަންކަމެވެ. އަދި އެބައިމީހުންގެ އިސްވެރިންނާއި އިމާމުން ބުނާ ބަސްތަކެވެ. އަދި (ދެން ފަހެ) މުއުމިނުން، ފަހެ އެބައިމީހުންނަށް ރަސޫލާ ﷺ މެނުވީ އިމާމެއް ނުވެ އެވެ:

﴿ لَّقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُو اللَّهَ وَالْيَوْمَ الْآخِرَ وَذَكَرَ اللَّهَ كَثِيرًا﴾ [الأحزاب: 21] މާނައީ: "ހަމަކަށަވަރުން الله ގެ ރަސޫލާގެ އަރިއަހުގައި ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވެ އެވެ. (އެއީ) الله ގެ ދަރުމައާއި، އާޚިރަތް ދުވަހަށް އެދޭ، އަދި ގިނަގިނައިން الله ހަނދުމަކުރާ ކަމުގައިވާ މީހަކަށެވެ."


ފަހެ ރަސޫލާގެ މަންހަޖުގެ މަތީގައިވާ މީހަކު ނަމަ، އަދި ރަސޫލާއާއި ރަސޫލާގެ އަޞްޙާބުންގެ މަގުގައިވާ މީހަކު ނަމަ، ފަހެ އެމީހަކީ އަހަރުމެންގެ އިމާމެވެ. އަދި ރަސޫލާ ﷺ ގެ މަންހަޖާ ޚިލާފުވެގެންވާ މީހަކު ނަމަ، ފަހެ އަހަރުމެން ވަނީ އެމީހެއްގެ ކިބައިން ބަރީއަވެގެންނެވެ.

 

ނަބިއްޔާ ﷺ ޙަދީޘް ކުރެއްވި އެވެ: {مَنْ يَعِشْ مِنْكُم فَسَيَرَى اِخْتِلَافًا كَثِيرًا، فَعَلَيْكُم بِسُنَّتِي وَسُنَّةِ الخُلَفَاءِ الرَّاشِدِينَ المَهْدِيِّينَ عَضُّوا عَلَيْهَا بِالنَّوَاجِذ}(6) މާނައީ: "ތިޔަބައިމީހުން ކުރެ ދިރިހުރެއްޖެ މީހަކަށް ބައިވަރު އިޚްތިލާފުތަކެއް ފެންނާނެ އެވެ. ފަހެ ތިޔަބައިމީހުން ތިމަން ނަބިއްޔާގެ ސުންނަތާއި، ހިދާޔަތް ލިބިގެންވި ސީދާވެގެންވާ ތެދުމަގުގައި ގާއިމްވެވަޑައިގެން ތިއްބެވި ޚަލީފާއިންގެ ސުންނަތުގައި ހިފަހައްޓާށެވެ. އޭގައި ތިޔަބައިމީހުންގެ ކޮލު ދަތްތަކުން ދަތްއަޅާށެވެ." (އެބަހީ ސުންނަތުގައި ގަދައަށް ހިފަހައްޓާށެވެ.)
 

ރަސޫލާ ﷺ އަށް ފަހު އިޚްތިލާފު ވާނެކަން ރަސޫލާ ﷺ އަހަރުމެންނަށް ޚަބަރު ދެއްވި އެވެ. އަދި އެ އިޚްތިލާފަކީ ކުޑަ އިޚްތިލާފެއް ނޫން ކަމާއި، ހަމަކަށަވަރުން އެއީ ގިނަވެގެންވާ އިޚްތިލާފުތަކެއްކަން ޚަބަރު ދެއްވި އެވެ.
 

އެހެން ޙަދީޘެއްގައިވާ ފަދައިންނެވެ: {وَسَتَفْتَرِقُ هَذِه الأُمَّة عَلَى ثَلَاثٍ وَسَبْعِينَ فِرْقَةً}(7) މާނައީ: "އަދި މިއުންމަތް ހަތްދިހަ ތިން ފިރުޤާއަށް ބައިބައިވެގެންދާނެ އެވެ."
 

أَهْلُ السُّنَّة ގެ މަގަކީ މިއީ އެވެ. އަދި އީމާންކަމާއި ތަޥްޙީދުގެ އަހުލުވެރިންގެ މަންހަޖަކީ މިއީ އެވެ. އެބޭކަލުންގެ މަންހަޖަކީ މިއީ އެވެ. އަދި އެބޭކަލުންގެ މަގަކީ މިއީ އެވެ. އަދި މިއީ އެބޭފުޅުންގެ އިމާމު އެވެ. محمد ﷺ އެވެ.

الله تَعَالَى ވަޙީ ކުރެއްވި އެވެ: ﴿ وَأَنَّ هَٰذَا صِرَاطِي مُسْتَقِيمًا فَاتَّبِعُوهُ ۖ وَلَا تَتَّبِعُوا السُّبُلَ فَتَفَرَّقَ بِكُمْ عَن سَبِيلِهِ ﴾ [الأنعام: 153] މާނައީ: "އަދި މިއީ ތިމަން الله ގެ ސީދާވެގެންވާ ތެދުމަގެވެ. ފަހެ، އެމަގަށް ތިޔަބައިމީހުން ތަބައަވާށެވެ. (އެނޫން) މަގުމަގަށް ތިޔަބައިމީހުން ތަބައަ ނުވާށެވެ. އެއިރުން އެއިލާހުގެ މަގުން ތިޔަބައިމީހުން ވަކިވަކިވެގެން ހިނގައިދާނެތެވެ."

الله ތަޢާލާގެ ގެ ވަޞިއްޔަތަކީ މިއީ އެވެ: ތިބާ އެއިލާހުގެ ސީދާވެގެންވާ ތެދުމަގުގައި ގާއިމްވުމެވެ. އަދި ތިބާ މަގުފުރެދިފައިވާ މަގުތަކާއި، މަގުފުރެދިފައިވާ މަންހަޖުތަކާއި، މަގުފުރައްދާ ބިދުޢަތައް ދޫކޮށްލުމެވެ. އަހަރުމެން އެތަކެތި އެއްފަރާތްކޮށް ދޫކޮށްލުމެވެ. އަދި އެތަކެއްޗާ ގުޅުންކަނޑާލައި ނަގާ އެއްލާލުމެވެ. އަދި ރަސޫލާއާއި ރަސޫލާގެ އަޞްޙާބުންގެ މަންހަޖު މެނުވީ އަހަރުމެން ނުނެގުމެވެ. އަދި މަތިވެރިވެގެންވީ ޤަރުނުތައް (އެބަހީ އެޤަރުނުތަކުގެ އަހުލުވެރިން) ގާއިމްވެވަޑައިގެން ތިއްބެވި މަގު މެނުވީ އަހަރުމެން ނުނެގުމެވެ. އެމަތިވެރިވެގެންވީ ޤަރުނުތަކަކީ ރަސޫލާ ﷺ އެބަޔަކަށް ސަނާގެ ބަސްފުޅުތައް ވިދާޅުވި ޤަރުނުތަކެވެ: {خَيْرُكُم قَرْنـِي، ثُمَّ الَّذِينَ يَلُونَهُم، ثُمَّ الَّذِينَ يَلُونَهُم}(8) މާނައީ: "ތިޔަބައިމީހުން ކުރެ އެންމެ ހެޔޮކަން ބޮޑީ ތިމަން ނަބިއްޔާގެ ޤަރުނެވެ. ދެން އެއާ ވިދިގެން އަންނަ ބައެކެވެ. ދެން އެއާ ވިދިގެން އަންނަ ބައެކެވެ."


ހަމަކަށަވަރުން ސަލަފުއް ޞާލިޙުންނީ ރަސޫލާ އެބަޔަކަށް ސަނާގެ ބަސްފުޅުތައް ވިދާޅުވި އަދި އެބަޔަކަށް ހެޔޮކަމުގެ ސިފަ ކުރެއްވި މަތިވެރިވެގެންވީ ޤަރުނުތަކެވެ. އަދި އެބޭފުޅުންގެ މަންހަޖަކީ ޤުރުއާނާއި ސުންނަތެވެ. ޤުރުއާނާއި ސުންނަތް މެނުވީ އެއްވެސް އެއްޗަކަށް އެބައިމީހުން ލޯބިކޮށް އިޚްތިޔާރުކޮށް ނުއެދޭނެ އެވެ. އަދި ޤުރުއާނާއި ސުންނަތުގައި (އެދެވަޙީއަށް އަމަލު ކުރުމުގައި) އެބައިމީހުން ފަރުވާ ކުޑަ ނުކުރާނެ އެވެ. އަދި މީސްތަކުންގެ ތެރެއިން އެވެނި މިވެނި މީހަކަށް ތަބައެއް ނުވާނެ އެވެ. ހަމަކަށަވަރުން އެބައިމީހުން ތަބައަވާނީ ރަސޫލާ ﷺ އަށް ތަބައަވީ މީހަކަށެވެ. ފަހެ ރަސޫލާއަށް އީމާންވެ، އެރަސޫލާގެ މަންހަޖުގެ މަތިން ހިނގައިފި މީހަކު ނަމަ، ފަހެ ހަމަކަށަވަރުން أَهْلُ السُّنَّةِ وَالْجَمَاعَة ގެ މަގަކީ އެއީ އެވެ.    
◇  ◇  ◇
ލިއުން ނަގާފައިވަނީ: مجموعة رسائل دعوية ومنهجية، الجزء الأول، ص42-47، دار الإمام أحمد، الطبعة الثالثة 1434 هـ.

 

ތަރުޖަމާނު: ލޯބިވާ އަޚުންނޭވެ. ތިޔަބައިމީހުން أَهْلُ السُّنَّة ގެ މަގަށް ތަބައަވާށެވެ. الله ގެ މަގު الصِّرَاطُ المُسْتَقِيم އަކީ އެބޭކަލުން ތިއްބެވި މަގެވެ. ނަބިއްޔާ ﷺ އަދި ޞަޙާބީންގެ މަގަކީ އެއީ އެވެ. އަދި އެބޭކަލުންނަށް އިޙްސާންތެރިކަމާއެކު ތަބައަވީ މީސްތަކުންގެ މަގަކީ އެއީ އެވެ. ރައްބާނީ ބޮޑެތި ޢިލްމުވެރިންގެ މަގަކީ އެއީ އެވެ. ކާމިޔާބާއި އުފާވެރިކަމާއި ބާއްޖަވެރިކަމުގެ މަގަކީ އެއީ އެވެ. އަދި އެމަގާ ޚިލާފުވާ އެންމެހައި މަގުތަކުން ދުރުވެ ރައްކައުތެރިވާށެވެ. ތިބާއަށް ދުނިޔޭގައި އަދި އާޚިރަތުގައި ކާމިޔާބު ލިބުމަށްޓަކައެވެ. الله ތިބާއަށް ހެޔޮ ތަޥްފީޤު ދެއްވާށި އެވެ.
وَصَلَّى اللهُ وَسَلَّمَ عَلَى نَبِيِّنَا محمد وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ.

 

---------------------------

(1) ރިވާކުރެއްވީ: الإمام مسلم في صحيحه، كتاب الأقضية، باب نقض الأحكام الباطلة ورد محدثات الأمور، برقم (4493)، من حديث عائشة رضي الله عنها.
 (2) ރިވާކުރެއްވީ: أبو داود في سننه، كتاب السنة، باب لزوم السنة، برقم (4607)، والترمذي في سننه، أبواب العلم، باب ما جاء في الأخذ بالسنة واجتناب البدع، برقم (2678)، وابن ماجه في سننه، مقدمة، باب اتباع سنة الخلفاء الراشدين، برقم (42)، والإمام أحمد في مسنده، (4/126)، برقم (17184) كلهم من حديث العرباض بن سارية رضي الله عنه.
(3) ޝައިޚު ޛިކުރު ކުރެއްވީ ޙަދީޘުން އެއްބައެވެ. ޙަދީޘް ރިވާކުރެއްވީ: الإمام مسلم في صحيحه، كتاب الأقضية، باب النهي عن كثرة المسائل، برقم (4456)، من حديث أبي هريرة رضي الله عنه.
(4) ރިވާކުރެއްވީ: أبو داود في سننه، كتاب السنة، باب شرح السنة من حديث معاوية بن أبي سفيان رضي الله عنه، برقم (4597)، وانظر في روايات الحديث (سنن الترمذي) برقم (2643) من حديث أبي هريرة، وابن ماجه، برقم (3992) من حديث أوف بن مالك، ومسند الإمام أحمد، برقم (8377) من حديث أبي هريرة.
(5) ރިވާކުރެއްވީ: الترمذي في سننه، أبواب الإيمان، باب ما جاء في افتراق هذه الأمة، برقم (2643)، من حديث عبد الله بن عمرو رضي الله عنه، وانظر: (الفرق بين الفرق)، ص6.
(6) ރިވާކުރެއްވީ: أبو داود في سننه، كتاب السنة، باب لزوم الجماعة، برقم (4607)، والترمذي في سننه، كتاب العلم، باب ما جاء في الأخذ بالسنة واجتناب البدع، برقم (2678)، وابن ماجه في سننه، مقدمة، باب اتباع سنة الخلفاء الراشدين المهديين، برقم (42،43)، والإمام أحمد في مسنده، (4/126)، برقم (17182, 17184)، والدارمي في سننه، المقدمة، برقم (95)، كلهم من حديث العرباض بن سارية رضي الله عنه.
(7) ރިވާޔަތް ކުރިން ބަޔާން ކުރެވިއްޖެ އެވެ.
(8) ރިވާކުރެއްވީ: الإمام البخاري في صحيحه، كتاب الشهادات، باب لا يشهد على شهادة جور إذا شهد، برقم (2651)، من حديث عمران بن حصين رضي الله عنه، والإمام مسلم في صحيحه، فضائل الصحابة، باب فضل الصحابة ثم الذين يلونهم، ثم الذين يلونهم، برقم (6472)، من حديث عبد الله رضي الله عنه.

 

 

Like what you see?

Close

Hit the buttons below to follow us, you won't regret it...