ދަންނަހުއްޓެވެ! ދީންވެރިކަމާއި ޢިލްމުވެރިކަމާއި ތަޤްވާއަކީ ހޯދައިފައިވާ ސެޓްފިކެޓެއް ނޫނެވެ. - الإمام العلامة الشيخ صالح الفوزان حفظه الله

ޙަދީޘްގައިވެ އެވެ. (رب أشعث أغبر مدفوع بالأبواب لو أقسم على الله لأبره) "އެމީހެއްގެ (ފަޤީރުކަމާ ހުރެ) ބޮލުގެ އިސްތަށިގަނޑު އެގޮތް މިގޮތަށް ވިހުރުފައިވާ އަދި އެމީހެއްގެ ހަށިގަނޑާއި ހެދުން ހިރަފުސްވެފައިވާ ކިތައް މީހުންވޭ ހެއްޔެވެ؟ ދޮރުތަކުން ނުވެއްދުމަށް އެމީހުން ފަހާލެވެ އެވެ. އެހެނަސް ﷲ ޤަންދީ އެމީހުން ކަމަށް ހުވާކޮށްފިނަމަ (ﷲ ގެ ޙަޟުރަތުގައި އެބައިމީހުންނަށް ދެވިފައިވާ މާތް ކަމުގެ ސަބަބުން) އެ ހުވާކުރި ގޮތަކަށް ﷲ އެކަން ކުރައްވަތެވެ."
العَلاَّمَة د. صَالح الفَوزَان حفظه الله ވިދާޅުވެފައިވެ އެވެ. : އެ އިންސާނާއަކީ މީސްތަކުންގެ ކައިރީގައި ޤަދަރެއް ހައިބަތެއްހުރި އިންސާނެއް ނޫނެވެ. އޭނާގެ ބޭރުސިފައިގެ މަންޒަރަކީ ހައިބަތުގެ އަހުލުވެރިއެއްގެ ސިފައެއް އަދި މަންޒަރެއް ނޫނެވެ. އަދި އޭނާއަކީ މީސްތަކުންގެ މެދުގައި މަޝްހޫރުވެ މީސްތަކުންނަށް އޭނާ ދަންނަ މީހެއް ކަމުގައިވެސް ނުވެ އެވެ. އެހެނަސް އެމީހާ އަކީ ﷲ ގެ ޙަޟުރަތުގައި ޢިއްޒަތްލިބިފައިވާ ޤަދަރުވެރި ފަރާތެކެވެ. ސަބަބަކީ އޭނާއަކީ އޭނާ އާއި ﷲއާ ދެމެދު އިޚްލާޞްތެރިގޮތުގައި ޢަމަލު ކުރާ މީހެކެވެ. އޭނާ ﷲ ޤަންދީ ހުވާކޮށްފިނަމަ، ޔަޢުނީ : އޭނާއަށް އެވެނި މިވެނި އެއްޗެއް ލިބުމަށްއެދި ދަންނަވައިފިހިނދު، އޭނާއަށް އެ އެއްޗެއް ﷲ މިންވަރު ކުރައްވަތެވެ. އެހެނަސް އެއާއި އެކުގައި އޭނާއަކީ މީސްތަކުންގެ ދޮރުތަކުން ފަހާލެވޭ މީހެއްގެ ގޮތުގައިވެ އެވެ."
ބަސްތައް ނަގާފައިވަނީ : إعانة المستفيد بشرح كتاب التوحيد (ج٢، ص١٣٩)
އަޚުންނޭވެ! އެމީހަކީ މަޝްހޫރު، ޤަދަރުވެރި މީހަކަށް ނުވާތީ ވެރިން، މިނިސްޓަރުން، އޮފީސްތަކުގެ ދޮރުތަކުން އެމީހަކު ފަައްސާލެވެ އެވެ. އެމީހާގެ އަތުގައި ސެޓްފިކެޓް އާއި މަޤާމް ނެތުމެވެ. އެހެނަސް ﷲ ގެ ޙަޟުރަތުގައި ކޮންފަދަ ޤަދަރުވެރި، ޢިއްޒަތްތެރި ފަރާތެއް ކަމުގައިވޭ ހެއްޔެވެ؟ އިޚްލާޞްތެރި ކަމެވެ. ދީނުގައި ޤާއިމްވެ ދެމިހުރުމެވެ. އަޚާ އެވެ! ދީން ހޯދުން އޮތީ އެމީހެއްގެ މަޝްހޫރުކަމާއި، ލިބިފައިވާ މަޤާމެއްގެ ޙައިސިއްޔަތުންނެއް ނޫނެވެ. އެމީހަކު ދީނުގައި ދެމިހުރި ގޮތެއްގެ މަތީގައި ބެލުމަށްފަހުގަ އެވެ. އޭނާގެ ޘާބިތުކަމާއި ތެދުވެރިކަމެވެ.