ރަޤާއިޤް

 الْفَضِيْحَة وَالنَصِيْحَة 01 - ފިކުރީ ހަނގުރާމައިގެ ވިހައިގެ ސަބަބުން ފަސާދަވެފައިވާ އިސްލާމީ އުންމަތް (އިސްލާމް ދީނުގައި ނަމާދުގެ މަޤާމް) - الأخ حسين رشيد بن محمود حفظه الله

ކެޓަގަރީ ނަމާދު

الْفَضِيْحَة وَالنَصِيْحَة - 1

ފިކުރީ ހަނގުރާމައިގެ ވިހައިގެ ސަބަބުން ފަސާދަވެފައިވާ އިސްލާމީ އުންމަތް   

بسم الله الرحمن الرحيم. الحمد لله ربالعالمين وصلى الله على نبينا محمد وعلى آله وصحبه أجمعين. أما بعد "الْفَضِيْحَة وَالنَصِيْحَة" މިނަމުގައި އަޅުގަނޑު މިފަށާ ޕްރޮގްރާމަކީ މުޖުތަމަޢުގެ އިޞްލާޙަށްޓަކައި ހިންގަން ގަސްތުކޮށްފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ޢާންމުކޮށް އޮންނާނީ މުޖުތަމަޢުގައި ހުރި މައްސަލަތައް ދެނެގަނެ އެކަމާ ގުޅޭގޮތުން ނަޞޭޙަތްތެރި ވުމެވެ. رسول الله ﷺ ޙަދީޘު ކުރައްވާފައި ވެއެވެ. "الدِّينُ النَّصِيحَة" މާނައަކީ: "ދީނަކީ ނަޞޭޙަތެވެ."

އަޅުގަނޑުގެ ދުޢާއަކީ މި މަސައްކަތުގެ ބަރަކާތްލައްވައި މިމަސައްކަތަކީ، މީސްތަކުން ހޭލުންތެރި ވުމުގެ ސަބަބެއްކަމުގައި ލެއްވުމެވެ. މިފަހަރުގެ ޕްރޮޤްރާމުގައި ލިޔަން ގަސްތުކޮށްފައިވަނީ ޞަލީބީން އިސްލާމީ އުންމަތާ ދެކޮޅަށް ކުރަމުން އަންނަ ޒަމާންވީ ފިކުރީ ވިހަގަދަ ހަނގުރާމައިގެ ސަބަބުން އުންމަތަށް ވެފައިވާ ގެންލުން ބަޔާންކޮށް މީސްތަކުން ހޭލުންތެރި ކުރުވުމެވެ. ހަތްވަނަ ޞަލީބީ ހަނގުރާމާގައި ނާކާމިޔާބުވުމާ ގުޅިގެން އެހަނގުރާމައިގެ ކޮމާންޑަރަކަށް ހުރި ފަރަންސޭސި ރަސްގެފާނު ލުއިސް ނުވައެއް ކުރިވަޞިއްޔަތުގެ ދަށުން 1250 ވަނައަހަރުގައި މުސްލިމުންނާއި ދެކޮޅަށްނަޞާރާއިން ފެށި ފިކުރީ ހަނގުރާމައިގެ ވިހަގަދަ އަސަރުން މުޅި އިސްލާމީ އުންމަތް މިވަނީ ފަސާދަވެފައެވެ.

މިމަކަރުވެރި މުޑުދާރުމީހުން އެބައިމީހުންގެ ކެހިވެރި ރޭވުންތައް ތަންފީޒު ކުރާ މައިގަނޑު ތަންތަނަކީ ސްކޫލްތަކާއި ޔުނިވެރސިޓީތަކެވެ. އެތަންތަނަކީ އެބައިމީހުންނަށް މުސްލިމު ދަރިންތައް ފަސާދަ ކުރުމަށް ލިބިގެންވާ އެންމެ އަމާން ތަންތަނެވެ. އެތަންތާގެ ތެރެއިން ރާވާ ހިންގޭ ޕްރޮގްރާމްތަކުގެ ތެރެއިން ކުދިން ނަމާދާ ދުރުކުރުވުމާއި، ޢަައުރަ ނިވާނުވާ ހެދުން އެޅުވުމާއި އަދި ދެޖިންސުގެ ކުދިން މަސްހުނިކުރުވުމުގެ ކަންތައް ކުރިޔަށް ގެންދެވެއެވެ. އަދި އެތަންތާގައި ދެވޭ ތަޢުލީމުގެ ތެރެއިން ހުރިހައި ކާމިޔާބަކާއި ބާއްޖަވެރިކަމުގެ އަސްލަކީ ދުނިޔެވީ ކާމިޔާބީކަމަށް އެކުދިންގެ ބޮލަށް ވައްދަމުން ގެންދެއެވެ. އަދި ހަމަ އެހެންމެ އަމިއްލަ ވަންތަކަމުގެ ނަމުގައި ކިޔަމަންތެރިކަމުގެ ދާއިރާއިން ބޭރުވުމަށް ކުދިންނަށް ހިތްވަރުދެވެމުން ދެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެކުދިންނަކީ އެއްވެސް މީހެއްގެ ނަޞޭޙަތެއް ޤަބޫލުނުކުރާ އަމިއްލަ ރައުޔަށް ފެންނަގޮތަކަށް ނޫނީ ކަންތައްނުކުރާ ކުދިބަޔަކަށް ވަނީ ވެފައެވެ. އިސްކޫލާއި ޔުނިވެރސިޓީތަކުގައި ހިންގޭ ފަސާދަތަކުގެ އިތުރުންވެސް ރާއްޖޭގެ މުސްލިމް އާބާދީ ފަސާދަކުރުމަށް އެބައިމީހުންނަށް ލިބިފައިވާ ފުރުޞަތުތައް ވަރަށް ގިނައެވެ. އޭގެތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއަކީ ވަރަށް ކާމިޔާބު ގޮތެއްގައި ފަސާދައިގެ ޢަމަލު ހިންގަމުންދާ ދާއިރާއެކެވެ.
 

1250 ވަނަ އަހަރުން ފެށިގެން މުސްލިމުންނާއި ދެކޮޅަށް ނަޞާރާއިން ހިންގަމުން ގެންދާ ފަސާދަބޮޑު މިޖަރީމާގެ ސަބަބުން ސައްތައިން ސައްތަ މުސްލިމް އާބާދީއެއްގެ މައްޗަށް ބިނާވެފައިވާ ދިވެހިރާއްޖެ މިއަދު މިވަނީ ޢަޤީދާގެ ގޮތުންނާއި ދީނީގޮތުން ބަނގުރޫޓުވެފަ އެވެ. ރާއްޖޭގެ އާބާދީގެ ވަރަށް ބޮޑުބައަކީ ފަރުޟު ނަމާދުތަކަށް ރައްކާތެރިނުވާ، ނަމާދު އަޅާ ނުވަތަ އެއްގޮތަކަށްވެސް ނަމާދު ނުކުރާ މީހުންނެވެ. އަދި އާބާދީގައި ހިމެނިގެންވާ ޒުވާނުންގެ ބޮޑުބައެއް ވަނީ މަސްތުވާ ތަކެއްޗަށް ދެވިހިފައި އޭގެ އަޅުންނަށްވެ އަޚުލާޤީގޮތުން ދަށުދަރަޖައަކަށް ވެއްޓިފައެވެ. މީހުން މެރުމާއި މާރާމާރީ ހިންގުން ވަނީ ޢާންމު ކަމަކަށް ވެފައެވެ. އަންހެނުންވަނީ މުޅިންހެން ބަރަހަނާވެފައެވެ. ރާއްޖޭގެ  މުޅިއާބާދީހެން މިވަނީ ދީނާއި ދުރު، ދުނިޔެވީކަންތަކަށް ލޯބިޖެހިފައެވެ. އާޚިރަތާއިމެދު ޣާފިލުވެފައެވެ. މުދަލާއި މަޤާމުގެ މިންގަނޑުން ނޫނީ އެއްވެސް ކަމެއް ވަޒަންކުރަން ނުދަންނަ ބަޔަކަށް ވެފައެވެ. ކުރުކޮށް ދަންނަވާނަމަ މުޅި އާބާދީ ޙަރަކާތްތެރިވަނީ މާއްދިޔަތާއި ދިމާއަށެވެ. ރޫޙާނީ ގޮތުން އާބާދީވަނީ ބަނގުރޫޓުވެފައެވެ. މިކަމުގެ ގެއްލުމާއި ހަލާކުގެ ބޮޑުކަން ތަޞައްވަރުކުރުމަކީ ވެވޭނެ ކަމެއް ނޫނެވެ. އެހެން ނަމަވެސް މިކަމުގައި އެކުލެވިގެންވާ ހަލާކުގެ ބޮޑުކަން ކޮންމެވެސް ވަރަކަށް ތަޞައްވަރުކޮށް ދިނުމުގެ ގޮތުން ކީރިތި ޤުރްއާނާއި މާތް ނަބިއްޔާ ﷺ  ގެ ސުންނަތުގެ އަލީގައި ބައެއް ކަންތައް ގެނެސްދެވޭތޯ ބަލާނަމެވެ.
 

އިސްލާމް ދީނުގައި ނަމާދުގެ މަޤާމް

މިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ޤައުމެއްގެ ގޮތުގައި އެތަކެއް ސަތޭކަ އަހަރު ވޭތުކޮށްފައިވާ ޤައުމެކެވެ. އަދި ނަމާދަކީ އިސްލާމް ކަމުގެ ރުކުންތަކުގެ ތެރެއިން ޝަހާދަތުގެ ދެކަލިމައަށްފަހު އެންމެ އަހަންމިއްޔަތުކަން ދެވިފައިވާ ރުކުނެވެ. އަދި އެއީ ދީނުގެ ތަނބެވެ. އެއީ އަޅާއާއި އޭނާގެ ރައްބާއިދެމެދުގައިވާ ގުޅުމެވެ. އަދި އެއީ ޤިޔާމަތްދުވަހުން އެންމެ ފުރަތަމަ ޙިސާބުބެއްލެވޭނެ ކަންތަކެވެ. އެކަން ރަނގަޅުވެއްޖެއްނަމަ ދެންހުރި ހުރިހައި ކަމެއް ރަނގަޅުވެގެން ދާނެއެވެ. އެކަން ގޯސްވެއްޖެނަމަ ހުރިހައި ކަމެއް ގޯސްވެގެންދާނެއެވެ. އެއީ އިސްލާމް ކަމާއި ކުފުރާއި ދެމެދުގައިވާ ފާރެވެ. އެޤާއިމް ކުރުމަކީ އީމާންކަމެވެ. އެކަންތައް ނަގާލުމަކީ ކުފުރެވެ. ނަމާދު ނުކުރާމީހަކަށް ދީނެއް ނުވެއެވެ. އަދި އެފަދަ މީހަކަށް އިސްލާމް ދީނުން އެއްވެސް މިންވަރެއް ލިބިގެނެއް ނުވެއެވެ. ނަމާދަށް ރައްކާތެރި ވެއްޖެ މީހެއްގެ ހިތާއި، މޫނާއި އަދި އޭނާގެ ޤަބުރުގައި ނޫރު ލެވިގެން ވާނެއެވެ. އަދި އޭނާ ވާނީ ޤިޔާމަތްދުވަހުން ނަޖާވެގެންވާ މީހުންގެ ތެރެއިންނެވެ. އެފަދަ މީހުން މަޙްޝަރު ކުރެއްވޭނީ الله އެބޭކަލުންނަށް ނިޢުމަތް ލެއްވި ބޭކަލުންނާ އެކުގައެވެ.
 

ނަމާދުޤާއިމް ނުކުރާމީހާ އަކަށް ނޫރެއްވެސް، ހެއްކެއްވެސް އަދި ޤިޔާމަތްދުވަހު ނަޖާވުމެއްވެސް ނުވެއެވެ. އެފަދަ މީހާ މަޙްޝަރުކުރެއްވޭނީ ކުފުރުގެ ބޮޑެތި އިމާމުންކަމުގައިވާ ފިރުޢައުނާއި، ހާމާނާއި، ޤާރޫނާއި އުބައްޔު ބުނު ޚަލަފާ އެކީގައެވެ. އިސްލާމްދީނުގައި ނަމާދުގެ މަޤާމު ބަޔާންކުރައްވައި މާތްނަބިއްޔާ ﷺ  ޙަދީޘުކުރައްވާފައި ވެއެވެ.

((رَأْسُ الْأَمْرِ الْإِسْلَامُ وَعَمُودُهُ الصَّلَاةُ))  މާނަ: "ދީނުގެ ބޮލަކީ ދެޝަހާދަތެވެ. އަދި އޭގެ ތަނބަކީ ނަމާދެވެ."

އެއްޗެއް އޭގެ މައްޗަށް ޢިމާރާތް ކުރެވިފައިވާ ތަނބު ބިންދައިގެން ހިނގައްޖެނަމަ ވާނީ ކިހިނަކުން ހެއްޔެވެ؟ ނިކަން ވިސްނާލަ ބައްލަވާށެވެ. ފޭލިގެ ހިފެހެއްޓުމަށްޓަކައި ޖަހާފައި ހުންނަ މުޑި ބިންދައިގެން ހިނގައްޖެނަމަ ވާނީ ކިހިނަކުންހެއްޔެވެ؟ އެފޭލިގެ ކޮޅަށް ހުންނާނެހެއްޔެވެ؟ ނުވަތަ ފޭލިގެ ޖެހުމަށްޓަކަށް ހަރުކޮށްފައި ހުންނަ ވާތަކާއި އަދި ޖަހާފައި ހުންނަ އަބުތަކުން އެއްވެސް މަންފާއެއް ކުރާނެ ހެއްޔެވެ؟ މީގެ ޖަވާބަކީ ކޮޅަށް ޖަހާފައި ހުންނަ މުޑި ބިންދައިގެން ހިނގައްޖެނަމަ އެފޭލިގެއެއް ކޮޅަކަށް ނުހުންނާނެއެވެ. އަދި އެފޭލިގެ ކޮޅަށް ބެހެއްޓުމަށްޓަކައި ހަރުކޮށްފައިވާ ވާތަކަކުން ނުވަތަ އަބުތަކަކުން އެއްވެސް ފައިދާއެއް ނުކުރާނެއެވެ. ހަމައެގޮތަށް ދީން އޭގެމައްޗަށް ބިނާވެފައިވާ ތަނބު ބިންދައިގެން ހިނގައްޖެނަމަ  ދީން ޤާއިމެއް ނުކުރެވޭނެއެވެ. މިކަންތަކާމެދު ތިޔަބައިމީހުން ވިސްނާ ހޭއަރާށެވެ! މާދަމާ ތިޔަބައިމީހުން މުސްލިމުންގެ ގޮތުގައިވާ ޙާލު الله އާއި ބައްދަލުކުރަން އެދޭނަމަ ނަމާދު ފުރިހަމަ ގޮތުގައި ޤާއިމް ކުރާށެވެ. އަދި ތިޔަބައިމީހުން އެއާމެދު الله އަށް ބިރުވެތިވާށެވެ. އަދި އެކަކު އަނެކަކަށް އެކަމުގައި އެހީތެރިވެ ނަޞޭޙަތްތެރިވާށެވެ. އަދި ހަނދާންކޮށްދީ ޣަފުލަތުގެ ނިދިން ހޭއަރުވާށެވެ. އެހެނީ ނަމާދަކީ އެންމެ ފުރަތަމަ ޤިޔާމަތްދުވަހު ސުވާލުކުރެވޭނެ ކަންތަކެވެ.

رسول الله ﷺ ޙަދީޘުކުރައްވާފައި ވެއެވެ.  (( إِنَّ أَوَّلَ مَا يُحَاسَبُ بِهِ الْعَبْدُ يَوْمَ الْقِيَامَةِ مِنْ عَمَلِهِ صَلَاتُهُ فَإِنْ صَلُحَتْ فَقَدْ أَفْلَحَ وَأَنْجَحَ وَإِنْ فَسَدَتْ فَقَدْخَابَ وَخَسِرَ)) މާނަ: [ޤިޔާމަތްދުވަހުން އަޅާގެ ޢަމަލުތަކުގެ ތެރެއިން އެންމެ ފުރަތަމަ ޙިސާބު ބެއްލެވޭނީ އޭނާގެ ނަމާދާއި މެދުގައެވެ. އެކަންތައް ރަނގަޅުވެއްޖެނަމަ ހަމަ ކަށަވަރުން އޭނާ ކަމީޔާބުވެ ނަޖާވެއްޖެއެވެ. އެކަންތައް ފަސާދަ ވެއްޖެނަމަ ހަމަ ކަށަވަރުން އޭނާ ނާކަމިޔާބުވެ ގެއްލެނިވެ ހިނގަޖެއެވެ.]

 

ނަމާދު ނުކުރުމަކީ ކުފުރެއް

ގަސްތުގައި ފަރުޟު ނަމާދު ދޫކުރުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމާއިމެދު މުސްލިމުންގެ މެދުގައި އެއްވެސް ޚިލާފެއް ނެތެވެ. އެއީ މީހުން ގަތުލުކުރުމާއި، މުދާތައް ފޭރިގަތުމާއި، ޒިނޭ ކުރުމާއި އަދި ރާބުއިމަށްވުރެވެސް ބޮޑު ފާފައެކެވެ. އަދި ނަމާދު ގަސްތުގައި އަޅާ މީހާއަކީ ކާފިރެއްކަމަށާއި އަދި އޭނާ ގަތުލު ކުރަން ޖެހޭނެކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. ޢިލްމުވެރިންގެ މިބަސްފުޅަށް ދަލީލު ލިބޭ ނައްޞުތައް ވަރަށް ގިނައެވެ. ގަސްތުގައި ނަމާދު އަޅާ މީހުންނާމެދު الله ﷻ ވަޙީކުރައްވާފައި ވެއެވެ. فَخَلَفَ مِنْ بَعْدِهِمْ خَلْفٌ أَضَاعُوا الصَّلَاةَ وَاتَّبَعُوا الشَّهَوَاتِ ۖ فَسَوْفَ يَلْقَوْنَ غَيًّا (مريم: 59) މާނަ: [ފަހެ، އެބޭކަލުންނަށްފަހު، އެހެންބަޔަކު އައޫއެވެ. އެއުރެން ނަމާދު ދޫކޮށްލޫއެވެ. އަދި هوى نفس ގެ އެދުންތަކަށް تبع ވޫއެވެ. ފަހެ، ނިކަންހުރެ އެއުރެން ހަލާކާ ކުރިމަތިލާހުށްޓެވެ!] އިބުނު މަސްޢޫދު އަރިއަހުން ރިވާވެފައިވާ ގޮތުގައި ހަމަކަށަވަރުން ((غَيًّا)) އަކީ ނަރަކައިގެ ވަރަށް އަޑީގައިވާ ވަސްނުބައި ކޯރެކެވެ. (تفسير ابن كثير:(5/245))

އަދިވެސް އެއިލާހުގެ ވަޙީބަސްފުޅުގައި ވެއެވެ: فَإِن تَابُوا وَأَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ فَخَلُّوا سَبِيلَهُمْ (التوبة: 5)  މާނަ: [ ފަހެ، އެއުރެން توبة ވެ، ނަމާދު قائم ކޮށް، زكاة ދީ އުޅެފިނަމަ، ދެން އެއުރެން މިނިވަންކަމާއެކު ދޫކޮށްލާށެވެ!] މިއާޔަތުގައި މީސްތަކުން މިނިވަންކަމާއިއެކު ދޫކޮށްލުމުގެ ޝަރުޠުތަކުގެ ތެރޭގައި ނަމާދު ޤާއިމު ކުރުން ވަނީ ހިމަނުއްވާފައެވެ. މާނައަކީ ނަމާދު ނުކުރާނަމަ އޭނާއަކަށް މުސްލިމުންނަށް ލިބިގެންވާ އަމާންކަމެއް ނުލިބޭނެއެވެ.

އަދިވެސް މިފަދަ އެހެން އާޔަތެއްގައި ވެއެވެ. فَإِن تَابُوا وَأَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ فَإِخْوَانُكُمْ فِي الدِّينِ (التوبة: 11) މާނަ: [އެއުރެން توبة ވެ، ނަމާދު قائم ކޮށް، زكاة ދީފިނަމަ، ފަހެ، އެއުރެންނަކީ، دين ގައި ތިޔަބައިމީހުންގެ أخ ންނެވެ.] މިއާޔަތުގައި އިސްލާމީ އަޚުވަންތަކަން ލިބިގަތުމަށްޓަކައި ނަމާދު ޤާއިމުކުރުން މިވަނީ ޝަރުޠެއްކަމުގައި ލައްވާފައެވެ.

އަދިވެސް ނަމާދު ނުކުރާ މީހުންނަށް އިންޒާރު ކުރައްވައި ވަޙީކުރައްވާފައިވެއެވެ. وَإِذَا قِيلَ لَهُمُ ارْكَعُوا لَا يَرْكَعُونَ (48) وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ (49) فَبِأَيِّ حَدِيثٍ بَعْدَهُ يُؤْمِنُونَ (50) (المرسلات: 48-50) މާނަ: [ތިޔަބައިމީހުން (ނަމާދުކޮށް) ركوع ކޮށްއުޅޭށޭ އެއުރެންނަށް ބުނެފިނަމަ، އެއުރެން ركوع ކޮށެއް ނޫޅެތެވެ. (48) ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކުހުށްޓެވެ. (49) ފަހެ، އެ قرآن އަށްފަހު، އެއުރެން إيمان ވަނީ، ކޮން ވާހަކައަކަށް ހެއްޔެވެ؟ (50)] ޢިލްމުވެރިން މިއާޔަތްތަކުން ނަމާދު ނުކުރާމީހުންގެ ކުފުރުގެ މައްޗަށް ދަލީލު ގެންނަވައެވެ.

ހަމަ އެހެންމެ رسول الله ﷺ ގެ ސުންނަތުގައިވެސް މިފަދަ ދަލީލުތައް މަދެއް ނޫނެވެ. ޖާބިރު رضي الله عنه އަރިއަހުން އިމާމު މުސްލިމު ރިވާކުރައްވާފައިވާ ހަދީޘެއްގައި ވެއެވެ: النَّبِيَّ ﷺ يَقُولُ : ((إِنَّ بَيْنَ الرَّجُلِ وَبَيْنَ الشِّرْكِ وَالْكُفْرِ تَرْكَ الصَّلَاةِ)) މުސްލިމް:(82) މާނަ: [ހަމަ ކަށަވަރުން މީހާއާއި، ޝިރުކާއި އަދި ކުފުރާއި ދެމެދުގައިވަނީ ނަމާދު އަޅައިފުމެވެ.] އަދިވެސް عَبْدُ اللَّهِ بْنُ بُرَيْدَةَ އެކަލޭގެފާނުގެ ބައްޕާފުޅު އަރިއަހުން ރިވާކުރައްވާފައިވެއެވެ.

قَالَ رَسُولُ اللَّهِ ﷺ: ((إِنَّ الْعَهْدَ الَّذِي بَيْنَنَا وَبَيْنَهُمْ الصَّلَاةُ فَمَنْ تَرَكَهَا فَقَدْ كَفَرَ))  މުސްނަދު އަޙްމަދު:(22937)، ތިރްމިޛީ:(2621)، ނަސާއީ:(463)، އިބުނު މާޖާ:(1079) މާނަ: [ހަމަ ކަށަވަރުން އަހަރެމެންނާ އެބައިމީހުންގެ މެދުގައިވާ އަޙްދަކީ ނަމާދެވެ. ފަހެ އެކަންތައް ދޫކޮށްފިމީހާ ހަމަކަށަވަރުން ކާފިރުވެއްޖެއެވެ.] މި ޙަދީޘުގައި މިވަނީ ކުފުރާއި އިސްލާމާއި ދެކަންތައް ފަރަޤުކުރާ ކަމަކީ ނަމާދުކަމުގައި ލައްވާފައެވެ.

އަދިވެސް عَبْدُ اللَّهِ بْنُ عمرو بن العاص އަރިއަހުން ރިވާވެފައިވާ ހަދީޘެއްގައި ވެއެވެ. ((مَنْ حَافَظَ عَلَيْهَا كَانَتْ لَهُ نُورًا وَبُرْهَانًا وَنَجَاةً يَوْمَ الْقِيَامَةِ وَمَنْ لَمْ يُحَافِظْ عَلَيْهَا لَمْ يَكُنْ لَهُ نُورٌ وَلَا بُرْهَانٌ وَلَا نَجَاةٌ وَكَانَ يَوْمَ الْقِيَامَةِ مَعَ قَارُونَ وَفِرْعَوْنَ وَهَامَانَ وَأُبَيِّ بْنِ خَلَف))  މުސްނަދު އަޙްމަދު:(5676) صححه الألباني في المشكاة : 578 މާނަ:[ފަސްނަމާދަށް ރައްކާތެރިވެއްޖެ މީހާއަށް ޤިޔާމަތްދުވަހުން ނޫރަކާއި، ޙުއްޖަތަކާއި އަދި ނަޖާވުމެއް ލިބިގެންވެއެވެ. އެއަށް ރައްކާތެރި ނުވާ މީހާއަކަށް ޤިޔާމަތްދުވަހުން ނޫރެއްވެސް، ޙުއްޖަތެއްވެސް އަދި ނަޖާވުމެއްވެސް ނުވެއެވެ. އޭނާ ޤިޔާމަތްދުވަހުން ވާނީ ޤާރޫނާއި، ފިރުޢައުނާއި، ހާމާނާއި އަދި އުބައްޔު ބުނު ޚަލަފާ އެކީގައެވެ.]

އަދި މުޢާޛު ބުނު ޖަބަލު އަރިއަހުން ރިވާކުރައްވާފައިވާ ހަދީޘެއްގައި ވެއެވެ: ((مَنْ تَرَكَ صَلَاةً مَكْتُوبَةً مُتَعَمِّدًا فَقَدْ بَرِئَتْ مِنْهُ ذِمَّةُ اللَّه))  އަޙްމަދު:(22075) الترغيب والترهيب:(570) ގައި ޝައިޚު އަލްބާނީ ވިދާޅުވެފައިވާ ގޮތުގައި މިޙަދީޘުގެ ދަރަޖައަކީ (حسن لغيره) އެވެ. މާނަ: [ގަސްތުގައި ފަރުޟު ނަމާދެއް އަޅައިފިމީހެއްގެ މައްޗަށް الله ﷻ ގެ ޙަޟުރަތުން ދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް އަމާންކަމެއް ނުވެއެވެ.]

އަދި އިމާމު މުސްލިމް އިބުނު މަސްޢޫދު އަރިއަހުން ރިވާކުރައްވާފައިވާ ރިވާޔަތެއްގައި ވެއެވެ: ((مَنْ سَرَّهُ أَنْ يَلْقَى اللَّهَ غَدًا مُسْلِمًا فَلْيُحَافِظْ عَلَى هَؤُلَاءِ الصَّلَوَاتِ حَيْثُ يُنَادَى بِهِنَّ))  މުސްލިމް:(654) މާނަ: [މާދަމާ މުސްލިމެއްގެ ގޮތުގައިވާ ޙާލު الله ﷻ އާއި ބައްދަލުވުމަށް އެދޭމީހާ ނަމާދުތަކަށް މިސްކިތްތަކަށް ގޮސް އެނަމާދުތައް ކުރުމަށް ރައްކާތެރިވާށެވެ. އަދިވެސް عبد الله بن عمر އަރިއަހުން ދެއިމާމުން ރިވާކުރައްވާފައިވާ ހަދީޘެއްގައި ވެއެވެ.

رسول الله ﷺ ޙަދީޘު ކުރެއްވިއެވެ: ((أمِرْتُ أَنْ أُقَاتِلَ النَّاسَ حَتَّى يَشْهَدُوا أَنْ لَا إِلَهَ إِلَّا اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ وَيُقِيمُوا الصَّلَاةَ وَيُؤْتُوا الزَّكَاةَ ))   ބުޚާރީ:(25)، މުސްލިމް:(22) މާނަ: [މީސްތަކުން ދެޝަހާދަތް ކިޔައި ނަމާދުކޮށް ޒަކާތްދީ ހަދައިފުމަށް ދާންދެން އެބައިމީހުންނާ ހަނގުރާމަ ކުރުމަށް ތިމަންކަލޭގެފާނަށް އަމުރު ވެވިގެންވެއެވެ.] މި ޙަދީޘުން ދަލީލު ލިބޭގޮތުގައި ނަމާދު ނުކުރާނަމަ އެމީހެއްގެ މައްޗަށް އުފުލިފައިވާ ކަނޑި ތިރިއެއް ނުކުރެވޭނެއެވެ.

މިމައްސަލާގައި رسول الله ﷺ ގެ ޞަޙާބީން ދެކެވަޑައިގަންނަވާ ގޮތް ބަޔާންކުރައްވައި عَبْدِ اللهِ بْنِ شَقِيْقُ، أبوهريرة އަރިއަހުން ރިވާކުރައްވާފައިވާ ރިވާޔަތެއްގައި ވެއެވެ. المستدرك على الصحيحين :(1/48) ޢަމަލެއް ނުކޮށް ދޫކޮށްލުމުން ކާފިރުވާކަމެއް ނަމާދުފިޔަވައިވާ ވާކަމަށް رسول الله ﷺ ގެ ޞަޙާބީން ދެކެވަޑައެއް ނުގަންނަވައެވެ.  އިސްވެ ދިޔަ ނައްޞުތަކުގެ ޡާހިރަށް ބަލާއިރު ނަމާދު ނުކުރާމީހުންގެ ކުފުރުގެ މައްޗަށް ދަލީލު ލިބެއެވެ. އެގޮތަށް ވިދާޅުވާ ޞަޙާބީންގެތެރޭގައި علي بن أبي طالب އާއި، ابن عباس އާއި، جابر އާއި އަދި أبي الدرداء ހިމެނިވަޑައިގަންނަވައެވެ. އެބޭކަލުން ވިދާޅުވާގޮތުގައި ނަމާދު ނުކުރާ މީހަކީ ކާފިރެކެވެ. ޢުމަރުގެފާނު ވިދާޅުވެފައިވާ ގޮތުގައި ނަމާދު ނުކުރާ މީހަކަށް އިސްލާމް ދީނުން އެއްވެސް މިންވަރެއް ލިބިގެން ނުވެއެވެ. އިބުނު މަސްޢޫދު ވިދާޅުވެފައިވާ ގޮތުގައި ނަމާދު ނުކުރާ މީހަކަށް ދީނެއް ނުވެއެވެ. إبراهيم النخعي އާއި، الحكم بن عتيبة އާއި، أيوب السختياني އާއި،ابن المبارك އާއި، أحمد بن حنبل އަދި إسحاق بن راهويه ވިދާޅުވެފައިވާ ގޮތުގައި އެންމެ ނަމާދެއް ޢުޒުރަކާއި ނުލައި ގަސްތުގައި ނުކޮށް ވަގުތު ފާއިތުވަންދެން ހުރެ، ނަމާދު ކުރުމަށް އިންކާރުކޮށްފިނަމަ އޭނާއަކީ ކާފިރެކެވެ. އޭނާގެ ލެއާއި، މުދާ ޙަލާލުވެގެން ވެއެވެ. އަދި އޭނާގެ ކިބައިން އޭނާގެ ވާރުތަވެރިންނަށް ވާރުތަނުވެވޭ ހުއްޓެވެ. އެހެނީ ކާފިރެއްގެ ކިބައިން މުސްލިމަކަށް އަދި މުސްލިމެއްގެ ކިބައިން ކާފިރަކަށް މުދާ ވާރުތަނުކުރެވޭނެއެވެ. އޭނާއަށް ތައުބާވުމަށް އަންގައި ތައުބާ ނުވެއްޖެނަމަ އޭނާ ގަތުލުކުރެވޭނެއެވެ. އޭނާގެ މުދަލުގެ ޙުކުމަކީ މުރުތައްދުވީ މީހެއްގެ މުދަލުގެ ޙުކުމެވެ. أبو داود الطيالسي އާއި، أبو خيثمة އާއި، أبو بكر بن أبي شيبة ގެ ބަސްފުޅަކީވެސް އެއީއެވެ. التمهيد لابن عبد البر:(4/225) ނަމާދު ނުކުރާ މީހާގެ ކުފުރުގެ މައްޗަށް ވަރަށް ގިނަ ދަލީލު ވެއެވެ. އެހެންނަމަވެސް މިއީ ކުރުގޮތަކަށް ކަންތަކުގެ ޙަޤީޤަތް ބަޔާންކުރުމުގެ ގަސްތުގައި ލިޔާ އެއްޗަކަށްވާތީ މިމިންވަރުންވެސް ފުދިދާނެކަމަށް ދެކެމެވެ.
 

މަތީގައި ބަޔާންކުރެވި ދިޔަ ނައްޞުތަކުންނާއި ޞަޙާބީންނާއި އަދި  އޭގެފަހުގެ ޢިލްމުވެރިންގެ ބަސްފުޅުތަކުން ނަމާދު ނުކުރާމީހާގެ ކުފުރު ފާޅުކަން ބޮޑު ގޮތެއްގައި ސާބިތުވެއެވެ. ކުފުރަކީ އާދައިގެ ކަމެއް ނޫނެވެ. އޭގައި ވަރަށް ގިނަ ޙުކުމްތަކެއް ހިމެނިގެންވެއެވެ. އޭގެ ތެރޭގައި މުސްލިމަކު މުރުތައްދު ވެއްޖެނަމަ އޭނާގެ ކައިވެނި ރޫޅުމާއި، އޭނާގެ މުދާ އޭނާގެ ވާރިޘުންނަށް ނުލިބުމާއި އަދި އޭނާ ގަތުލުކުރުންފަދަ ކަންތައް ހިމެނިގެންއެވެ. ކާފިރުންނާއި މުސްލިމުންގެ ކައިވެންޏާއިމެދު الله  ﷻ ގެ ފޮތުގައި ވެއެވެ. فَلَا تَرْجِعُوهُنَّ إِلَى الْكُفَّارِ ۖ لَا هُنَّ حِلٌّ لَّهُمْ وَلَا هُمْ يَحِلُّونَ لَهُنَّ (الممتحنة: 10) މާނަ: [ފަހެ، كافر ންގެގާތަށް ތިޔަބައިމީހުން އެކަނބަލުން އަނބުރައި ނުފޮނުވާހުށިކަމެވެ! އެކަނބަލުން އެއުރެންނަށް حلال ވެގެނެއް ނުވެތެވެ. އަދި އެއުރެންވެސް އެކަނބަލުންނަކަށް حلال ވެގެނެއް ނުމެވޭމެއެވެ.] ވާރުތަ މުދަލާއިމެދު رسول الله ﷺ ޙަދީޘުކުރައްވާފައި ވެއެވެ. ((لَا يَرِثُ الْمُسْلِمُ الْكَافِرَ وَلَا الْكَافِرُ الْمُسْلِم))  ބުޚާރީ:(4283)،މުސްލިމް:(1614) މާނަ: [މުސްލިމެއްގެ ކިބައިން ކާފިރަކަށް ވާރުތައެއް ނުކުރެވޭނެއެވެ. އަދި ކާފިރެއްގެ ކިބައިން މުސްލިމަކަށް ވާރުތައެއް ނުކުރެވޭނެއެވެ.] އިސްލާމްދީނުން ބޭރުވާ މީހުން ގަތުލު ކުރަން ޖެހޭނެކަމާއިމެދު ޙަދީޘުކުރައްވާފައި ވެއެވެ. ((مَنْ بَدَّلَ دِينَهُ فَاقْتُلُوهُ))  ބުޚާރީ:(3017) މާނަ: [އެމީހެއްގެ ދީން ބަދަލުކޮށްފިމީހަކު ތިޔަބައިމީހުން ގަތުލު ކުރާށެވެ.] އަދި އޭނާހިނެވުމެއް އަދި ކަފުންކުރުމެއްވެސް ނެތެވެ. على بن أبى طالب  އަރިއަހުން ރިވާވެފައިވެއެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. ތިމަންކަލޭގެފާނު رسول الله ﷺ އަށް ދެއްނެވީމެވެ. ކަލޭގެފާނު މަގުފުރެދިފައިވާ ބޮޑުބޭބޭފުޅު އަވަހާރަ ވެއްޖެއެވެ. އޭނާ ވަޅުލާނީ ކާކުހެއްޔެވެ؟ ޙަދީޘުކުރެއްވިއެވެ. ކަލޭގެފާނު ބައްޕާފުޅު ގެންގޮސް ފަސްއަޅާ ފޮރުއްވައި ލައްވާށެވެ. (المحلى لابن حزم:(5/117)) އޭނާގެމައްޗަށް ކަށުނަމާދު ކުރުމެއްވެސް ނުވެއެވެ. އާޚިރަތުގައި އޭނާވާނީ ތާއަބަދަށް ނަރަކައިގައި ހުންނަން ޖެހޭ މީހުންގެތެރެއިންނެވެ.

 

ނަރަކައިގެ ގަދަފަދަވެގެންވާ ޢަޒާބު

ނަރަކަ މިބަސް ދުލުން ކިޔާލުމަކީ ވަރަށް ފަސޭހަ ކަމެކެވެ. އެހެންނަމަވެސް އެތަނުގެ ނުރައްކާތެރިކަން ބަޔާންކުރުމަކީ އެއްވެސް ޙާލެއްގައި ކުރެވޭނެ ކަމެއް ނޫނެވެ. ކީރިތި ޤުރްއާނާއި އަދި މާތް ނަބިއްޔާ ﷺ ސުންނަތުގައި އެތަނުގެ ހުރިނުރައްކަލާއި ޢަޒާބުގެ ވައްތަރުތައް ކޮންމެވެސް ވަރަކަށް ބަޔާން ކުރައްވާފައިވެއެވެ. އެކަމަކު އެޢަޒާބުގެ ގަދަފަދަކަން ހިތަށް ގެނައުމަކީ އެއްގޮތަކަށްވެސް ވާނެކަމެއް ނޫނެވެ. އެހެންނަމަވެސް މިކަމާގުޅޭ ބައެއް ނައްޞުތަކާއިމެދު ވިސްނައި ފިކުރުކުރުން ހުއްޓެވެ. ޞަޙީޙު މުސްލިމުގައި އަނަސްގެފާނު އަރިއަހުން ރިވާކުރައްވާ ޙަދީޘެއްގައި ވެއެވެ. قَالَ رسول الله ﷺ: ((يُؤْتَى بِأَنْعَمِ أَهْلِ الدُّنْيَا مِنْ أَهْلِ النَّارِ يَوْمَ الْقِيَامَةِ فَيُصْبَغُ فِي النَّارِ صَبْغَةً ثُمَّ يُقَالُ يَا ابْنَ آدَمَ هَلْ رَأَيْتَ خَيْرًا قَطُّ هَلْ مَرَّ بِكَ نَعِيمٌ قَطُّ فَيَقُولُ لَا وَاللَّهِ يَا رَبِّ)) ( މުސްލިމް:(2807) ) މާނަ: [رسول الله ﷺ ޙަދީޘުކުރެއްވިއެވެ. ޤިޔާމަތްދުވަހު ނަރަކައިގެ އަހުލުވެރިންގެ ތެރެއިން ދުނިޔޭގައި އުޅުނުއިރު އެންމެ އުފަލާއި ޢަރާމުގައި އުޅުނު މީހާ ގެނެވި ނަރަކައިގެ ތެރެއަށް ލެއްވުމަށްފަހު ހަމަވަގުތުން ނަންގަވައި އޭނާއަށް ބުނެވޭނެއެވެ. އޭ އާދަމުގެ ދަރިޔާއެވެ! ކަލޭ ދުވަހުކުވެސް އުފަލެއް ޢަރާމެއް ދުށިންހެއްޔެވެ؟ ދުވަހަކުވެސް އެއްވެސް އުފަލަކާއި ޢަރާމަކާއި ކުރިމަތިވިހެއްޔެވެ؟ އޭނާ ހުވައިކޮށްފަ ދަންނަވާނެއެވެ. އޭ ތިމަންގެ ރައްބެވެ! ދުވަހަކުވެސް ތިމަންނަގެ މުޅި ޙަޔާތުގައިވެސް އުފަލެއް ޢަރާމެއް ނުދެކެމެވެ.] ތަޞައްވަރުކޮށްލައްވާ! އޭނާއަކީ ދުނިޔޭގެ ޙަޔާތުގައި ހުރިހައިކަމެއް ފުރިހަމަވެ އެންމެ އުފަލާއި ޢަރާމުގައި އުޅުނު މީހެކެވެ. ދުނިޔޭގެ ޙަޔާތުގައި އޭނާކުރި އެހުރިހައި އުފަލަކާއި، ހިތްހަމަޖެހުމަކާއި އަދި އެލިބިގަތް  ހުރިހައި ނިޢުމަތެއް ހަމަ އެންމެ ހިނދުކޮޅަކަށް ނަރަކައިގެ ތެރެއަށް ވަންނަން ޖެހުމުން ހަނދާން ނެތިގެން ހިގައްޖެއެވެ. ވީމާ އެނަރަކައިގައި އެތައް ސަތޭކަ އަހަރެއް ނުވަތަ އެތައް ހާސް އަހަރެއް ނުވަތަ ތާއަބަދަށް ދެމިހުންނަން ޖެހިއްޖެމީހެއްގެ ޙާލު ހިތަށް ގެންނަވައި ބިރުވެތިވުން ހުއްޓެވެ.

 

ބަލަދުވެރިކަމުގައި ތިބޭ އަހުލުވެރިންނަށް ނަމާދަށް އަމުރުކުރުން

ބުއްދީގެ އަހުލުވެރީންނޭވެ! ތިޔަބައިމީހުން ހޭއަރާށެވެ! ދުނިޔެވީގޮތުން ލިބިދާނެ ކުޑަވަގުތުކޮޅެއްގެ އުފަލަށްޓަކައި ތިމާގެ އާޚިރަތް ބަރުބާދު ނުކުރާށެވެ. އޭ މައިން ބަފައިންނޭވެ! ތިޔަބައިމީހުންގެ ދަރީންނަކީ ތިޔަބައިމީހުންގެ ލޮލުގެ ފިނިކަމެވެ. އެކުދިން މާދަމާ ޤިޔާޔަމަތްދުވަހު ކުށްވެރިންގެ ތެރޭގައި ހިމެނިގެން ހިގައިދާނެފަދަ ގޮތަކަށް ކުދިން ދޫކޮށްނުލާށެވެ. އިސްކޫލާއި، އެހެނިހެން ތަންތަނުގައި އުޅޭއިރުވެސް އެކުދިންގެ ނަމާދާމެދު ޚާއްޞަ ސަމާލުކަމެއް ދެއްވާށެވެ! އިސްކޫލުތަކުން ކުދިންގެ ނަމާދާމެދު ވަނީ ވަރަށް ބޮޑަށް އިހުމާލުވެވިފައެވެ. އެކަމަކު މައިންބަފައިންނަކީ އެބައިމީހުންގެ ދަރިންނާއިމެދު ސުވާލުވެވޭނެ މީހުންނެވެ. الله ﷻ ވަޙީކުރައްވާފައި ވެއެވެ. يَا أَيُّهَا الَّذِينَ آمَنُوا قُوا أَنفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا النَّاسُ وَالْحِجَارَةُ عَلَيْهَا مَلَائِكَةٌ غِلَاظٌ شِدَادٌ لَّا يَعْصُونَ اللَّهَ مَا أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ ( التحريم: 6 )   މާނަ:[ އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ نفس ތަކާއި، ތިޔަބައިމީހުންގެ أهل ވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ. އެ ނަރަކައިގެ މައްޗަށް (ބަނޑޭރިންކަމުގައި) ހަރުކަށި، އަދި ގަދަފަދަ ملائكة ންވެއެވެ. الله، އެބޭކަލުންނަށް ކުރައްވާ أمر އަކަށް އެބޭކަލުން ނުއުރެދޭނެތެވެ. އަދި އެބޭކަލުންނަށް أمر ކުރައްވާކަންތައް އެބޭކަލުން ކުރައްވާނެތެވެ.]

ކޮންމެ މީހަކުވެސް އެމީހެއްގެ ބަލަދުވެރިކަމުގައި ތިބޭ ބަޔަކަށް ނަމާދުކުރުމަށް އަމުރުކުރުމަކީ ވާޖިބުކަމެކެވެ. الله ﷻ ގެ ވަޙީބަސްފުޅުގައި ވެއެވެ. وَأْمُرْ أَهْلَكَ بِالصَّلَاةِ وَاصْطَبِرْ عَلَيْهَا ۖ لَا نَسْأَلُكَ رِزْقًا ۖ نَّحْنُ نَرْزُقُكَ ۗ وَالْعَاقِبَةُ لِلتَّقْوَىٰ  ( طه: 132 ) މާނަ: [އަދި ކަލޭގެފާނުގެ أهل ވެރިންނަށް ނަމާދުކުރުމަށް أمر ކުރައްވާށެވެ! އަދި އެކަމުގެ މައްޗަށް ކެތްތެރިވެވަޑައިގަންނަވާށެވެ! رزق ދެއްވުމަކަށް ކަލޭގެފާނުގެ ކިބަޔަކުން ތިމަންރަސްކަލާނގެ އެދިވޮޑިއެއް ނުގަންނަވަމެވެ. ކަލޭގެފާނަށް رزق ދެއްވަނީ، ތިމަންރަސްކަލާނގެއެވެ. ރަނގަޅު ނިމުންވަނީ، تقوى ވެރިންނަށެވެ.] މިއާޔަތުގައި މުޚާޠަބުކުރައްވާފައިވަނީ رسول الله ﷺ އަށްކަމުގައިވިއަސް އެއީ މުޅި އުއްމަތަށް އޮތް ޚިޠާބެކެވެ.

އެކަލޭގެފާނު ﷺ ޙަދީޘުކުރައްވާފައި ވެއެވެ. ((مُرُوا أَوْلَادَكُمْ بِالصَّلَاةِ وَهُمْ أَبْنَاءُ سَبْعِ سِنِينَ وَاضْرِبُوهُمْ عَلَيْهَا وَهُمْ أَبْنَاءُ عَشْرٍ وَفَرِّقُوا بَيْنَهُمْ فِي الْمَضَاجِعِ)) ( އަބޫދާވުދު:(495) ) މާނަ: [ތިޔަބައިމީހުންގެ ދަރިންނަށް އެބައިމީހުންގެ ޢުމުރުން ހަތްއަހަރުގައި ނަމާދުކުރުމަށް އަމުރުކުރާށެވެ. ދިހައަހަރު ވުމުން ނަމާދު ނުކުރާނަމަ އެބައިމީހުންނަށް އަދަބުދޭށެވެ. އަދި އަންހެންކުދީންނާއި ފިރިހެންކުދިންގެ ނިދާ ތަންމަތި ވަކިކުރާށެވެ.] އިސްލާމީ ތަޢުލީމަކީ މިހިރީއެވެ. އެހެންނަމަވެސް އަޅުގަނޑުމެންގެ އިސްކޫލްތަކުގެ ނިޡާމު ރޭވިފައިވާ ގޮތުން މިމަތިވެރި އަޅުކަމާއިމެދު ވަނީ އިހުމާލުވެވިފައެވެ. އެގޮތަށް ނަމާދާމެދު ފަރުވާކުޑަކޮށް މުޅި އިސްކޫލް ދައުރު ހޭދަކުރުމުގެ ނަތީޖާއަކީ އިސްކޫލުން ނިމުމުންވެސް ނަމާދާމެދު ފަރުވާކުޑަވުމެވެ. ނުވަތަ އެއްގޮތަކަށްވެސް ނަމާދު ނުކުރުމެވެ. ވަރަށްގިނަ މައިންބަފައިން ކުދިންގެ ޓިއުޝަނަށްޓަކައި ނުވަތަ އިސްކޫލުން  ރާވާ ފުޓުބޯޅަ ކުޅުމުގެ ޕްރޮގުރާމުތަކަށްޓަކައި ނުވަތަ އެނޫންވެސް އެފަދަ ކަންތަކަށްޓަކައި ކުދިން ނަމާދަށް ނުފޮނުވާތިބެއެވެ. މިފަދަ ކަންތަކަށް އަދާކުރަންޖެހޭ އަގުވަރަށް ބޮޑުވެގެން ހިނގައިދާނެއެވެ. ބައްޕައަކު އޭނާގެ ދަރިފުޅާއިމެދު ހިންގާނެ އެންމެބޮޑު ޖަރީމާއަކީ އެ ދަރިފުޅުގެ ނަމާދާއިމެދު އިހުމާލުވުމެވެ.

އިބުނުލް ޤައްޔިމް رحمه الله ވިދާޅުވެފައިވެއެވެ. [ އެމީހެއްގެ ދަރިފުޅަށް ފައިދާހުރި ތަޢުލީމު ދިނުމުގައި އިހުމާލުވެ އޭނާ ދޫކޮށްލުމަކީ އެދަރިފުޅާމެދު އެންމެބޮޑުވެގެންވާ އިހާނެތިވުމުން އިހާނެތިވުމެވެ. ގިނަކުދިން ފަސާދަވެގެންދަނީ ބައްޕައިންގެ އިހުމާލުންނެވެ. އެކުދިންނަށް ދީނުގެ ތަޢުލީމު ނުދީ  އެކުދިން ކުޑައިރު ނަގާލަނީއެވެ. އޭގެ ސަބަބުން ބޮޑުވުމުން އެބައިމީހުންގެ އަމިއްލަ ނަފުސަށް ނުވަތަ މައިންބަފައިންނަކަށްވެސް އެއްވެސް ފައިދާ ނުކުރެއެވެ.] تحفة المولود - ابن قيم الجوزية:(ص. 229) 

 

ނަމާދުގެ ވަގުތުތަކަށް ރައްކާތެރިވުން

ނަމާދަކީ ވަގުތު ކަނޑައެޅިގެންވާ އަޅުކަމެކެވެ. ނަމާދުގެ ވަގުތަކީ ނަމާދުގެ ޝަރުޠެކެވެ. ވީމާ ނަމާދު ކުރަންޖެހޭނީ ނަމާދުގެ ވަގުތުގައެވެ. الله ﷻ ވަޙީކުރައްވާފައިވެއެވެ. نَّ الصَّلَاةَ كَانَتْ عَلَى الْمُؤْمِنِينَ كِتَابًا مَوْقُوتًا (النساء: 103)  މާނަ: [ހަމަކަށަވަރުން، ނަމާދަކީ مؤمن ތަކުންގެ މައްޗަށް وقت ކަނޑައެޅިގެންއޮތް فرض އެއްކަމުގައި ވެއެވެ.] ނަމާދުގެ ވަގުތުގައި ނަމާދު ނުކޮށް ލަސްކުރުމަކީ ޢުޤޫބާތް ޙައްޤުކަމެކެވެ. الله ﷻ ގެ ވަޙީބަސްފުޅުގައި ވެއެވެ.  فَوَيْلٌ لِّلْمُصَلِّينَ (4) الَّذِينَ هُمْ عَن صَلَاتِهِمْ سَاهُونَ (الماعون: 4-5) މާނަ: [(3–4) ފަހެ، އެއުރެންގެ ނަމާދާމެދު غافل ވެ ތިބެ، ނަމާދުކުރާ މީހުންނަށް ގެއްލުމާއި ހަލާކު ހުށްޓެވެ.] އިބުނު ޢައްބާސް ވިދާޅުވެފައިވެއެވެ. އެބައިމީހުންނަކީ ނަމާދުގެ ވަގުތުގައި ނަމާދު ނުކޮށް ލަސްކުރާ މީހުންނެވެ. (تفسير الطبري:(24/631))


އިސްލާމް ދީނުގެ އެންމެ އިތުރުކަންބޮޑު އަދި އެންމެ އަގުބޮޑު ޝިޢާރުތަކުގެ ތެރޭގައި ޖަމާޢަތުގެ ނަމާދު ހިމެނެއެވެ. ފިރިހެނުން ނަމާދު ކުރަން ޖެހޭނީ ޖަމާޢަތުގައެވެ. ޖަމާޢަތުގެ ނަމާދަކީ މުސްލިމް ކޮންމެ ފިރިހެނެއްގެ މައްޗަށްވާ ވާޖިބެކެވެ. މިސްކިތްތައް ޢިމާރާތް ކުރެވި ބަންގިގޮވުން ޝަރުޢުކުރައްވައި، އިމާމުންނާއި، މުދިމުން ޢައްޔަން ކުރެވިފައިވަނީ ނަމާދު މިސްކިތުގައި، ޖަމާޢަތުގައި ކުރުމަށްޓަކައެވެ. ނަމާދު ޖަމާޢަތުގައި ކުރުމަށް އަމުރުކުރައްވައި الله ﷻ އެއިލާހުގެ ފޮތުގައި ވަޙީކުރައްވާފައިވެއެވެ. وَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ وَارْكَعُوا مَعَ الرَّاكِعِينَ (البقرة: 43) މާނަ:[ އަދި ތިޔަބައިމީހުން ނަމާދު قائم ކުރާށެވެ! އަދި ތިޔަބައިމީހުން زكاة ދޭށެވެ! އަދި ركوع ކުރާ މީހުންނާ އެކުގައި ތިޔަބައިމީހުން ركوع ކުރާށެވެ!] މިއާޔަތުން ޞަރީޙަކޮށް ޖަމާޢަތުގައި ނަމާދުކުރުމަށް މިވަނީ އަމުރު ކުރައްވާފައެވެ. الله ﷻ ގެ ޙަޟުރަތުން އަންނަ އަމުރުފުޅު ތަކާއި އަދި رسول الله ﷺ ކުރައްވާފައިވާ އަމުރުފުޅުތަކަކީ އެ އަމުރުފުޅުތައް އެހެންގޮތަކަ ބަދަލު ވެގެން ހިނގައިދާނެ ފަދަ ދަލީލެއް ނުލިބޭހާ ހިދަކު އެއަށް ޢަމަލު ކުރުން ވާޖިބުވެގެންވާ ވާޖިބުތަކެވެ.


ހަނގުރާމައިގެ މައިދާނުގައި ކަނދުރާތަކުން ބޯތައް ވަކިވަމުންދާއިރުވެސް ނަމާދު ކުރުމަށް އަމުރުކުރައްވާފައިވަނީ ޖަމާޢަތުގައެވެ. ނަމާދުގެ އެތައް ރުކުނަކާއި އަދި ރަކްޢަތްތަކުގެ ޢަދަދު އުނިކޮށް ނަމާދު ކުރުން ޝަރުޢުކުރައްވާފައިވާ އިރުވެސް ނަމާދު ކުރުމަށް އަމުރުކުރައްވާފައިވަނީ ޖަމާޢަތުގައެވެ. ހަމައެކަނި މި މައްސަލައިންވެސް ފަރުޟު ނަމާދު ޖަމާޢަތުގައި ކުރުމުގެ ވާޖިބުކަމުގެ މައްޗަށް ދަލީލު ލިބެއެވެ. ޚައުފު ނަމާދާއިމެދު الله ﷻ އެއިލާހުގެ ފޮތުގައި ވަޙީކުރައްވާފައިވެއެވެ.  وَإِذَا كُنْتَ فِيهِمْ فَأَقَمْتَ لَهُمُ الصَّلَاةَ فَلْتَقُمْ طَائِفَةٌ مِنْهُمْ مَعَكَ وَلْيَأْخُذُوا أَسْلِحَتَهُمْ فَإِذَا سَجَدُوا فَلْيَكُونُوا مِنْ وَرَائِكُمْ وَلْتَأْتِ طَائِفَةٌ أُخْرَىٰ لَمْ يُصَلُّوا فَلْيُصَلُّوا مَعَكَ وَلْيَأْخُذُوا حِذْرَهُمْ وَأَسْلِحَتَهُمْ ۗ (النساء: 102)  މާނަ:[ އަދި، އެއުރެންގެ ތެރޭގައި ކަލޭގެފާނު ހުންނަވައި އެއުރެންނާއިގެން ނަމާދު قائم ކުރައްވައިފިނަމަ، އެއުރެންގެ ތެރެއިން ބަޔަކު ކަލޭގެފާނާއެކުގައި ނަމާދަށް قائم ވާހުށިކަމެވެ! އަދި، އެއުރެންގެ ހަތިޔާރުތައް އެއުރެން ހިފާހުށިކަމެވެ! (އެބަހީ: ހަތިޔާރު އަޅައިގެންތިބެ ނަމާދުކުރާ ހުށިކަމެވެ!) ދެން، އެއުރެން سجدة ކޮށްފިނަމަ (އެބަހީ: ފުރަތަމަ ركعة ފުރިހަމަކޮށްފުމަށް ދާނދެން) ނަމާދު ނުކޮށް ފާރަޔަށް ތިބިމީހުން އެއުރެންގެ ފަހަތުގައި ތިބޭހުށިކަމެވެ! އަދި، ނަމާދު ނުކޮށް ތިބިމީހުން އައިސް، ކަލޭގެފާނާއެކުގައި ނަމާދުކުރާ ހުށިކަމެވެ! އަދި، އެއުރެން ހަތިޔާރުތަކާއި، ރައްކާތެރިކަމުގައި ހިފާހުށިކަމެވެ!]

 

ޖަމާޢަތުގައި ނަމާދު ކުރުން

ޖަމާޢަތުގެ ނަމާދަށް ޙާޟިރުނުވެ ތިބޭ މީހުންނާއިމެދު رسول الله ﷺ  ޙަދީޘުކުރައްވާފައި ވެއެވެ. ((وَالَّذِي نَفْسِي بِيَدِهِ لَقَدْ هَمَمْتُ أَنْ آمُرَ بِحَطَبٍ فَيُحْطَبَ ثُمَّ آمُرَ بِالصَّلَاةِ فَيُؤَذَّنَ لَهَا ثُمَّ آمُرَ رَجُلًا فَيَؤُمَّ النَّاسَ ثُمَّ أُخَالِفَ إِلَى رِجَالٍ فَأُحَرِّقَ عَلَيْهِمْ بُيُوتَهُمْ وَالَّذِي نَفْسِي بِيَدِهِ لَوْ يَعْلَمُ أَحَدُهُمْ أَنَّهُ يَجِدُ عَرْقًا سَمِينًا أَوْ مِرْمَاتَيْنِ حَسَنَتَيْنِ لَشَهِدَ الْعِشَاءَ))  ބުޚާރީ:(644)،މުސްލިމް:(651)  މާނަ: [އެފަރާތެއްގެ އަތްޕުޅުގައި ތިމަންކަލޭގެފާނުގެ ފުރާނަފުޅުވާ ފަރާތް ގަންދެއްވައި ވިދާޅުވިއެވެ. ދަރުއެއްކުރުމަށް އަމުރުކުރައްވައި އޭގެފަހުގައި ނަމާދަށް ބަންގިގޮވުމަށް އަމުރުކުރައްވައި އޭގެފަހުގައި މީސްތަކުންނާއިގެން އިމާމުވެ ނަމާދުކުރުމަށް މީހަކަށް އަމުރުކުރެއްވުމަށްފަހު ނަމާދަށް ޙާޟިރުނުވެ ގޭގައި ތިބޭ މީހުން ގާތަށް ވަޑައިގެން އެބައިމީހުންނާ އެކު އެބައިމީހުންގެ ގެތަކުގައި ރޯކޮށްލެއްވުމަށް ތިމަންކަލޭގެފާނުގެ ހިތްޕުޅަށް އަރާވަޑައިގަންނަވައެވެ. ތިމަންކަލޭގެފާނުގެ ފުރާނަފުޅު އެފަރާތެއްގެ އަތްޕުޅުގައިވާ ފަރާތް ގަންދެއްވައި ވިދާޅުވަމެވެ. އެބައިމީހުންނަށް ޢިޝާނަމާދަށް އައުމުން މަސްކާފައި އޭގައި ކޮންމެވެސް ވަރަކަށް މަސްކޮޅު ހުރި ފަލަ ކަށިގަނޑެއް ނުވަތަ ދެމޭކަށީގެ ދެމެދުގައި ހުންނަ މަސްކޮޅު ލިބޭނެކަން އެނގޭނަމަވެސް ޢިޝާނަމާދަށް ޙާޟިރުވާނެއެވެ.] އެއްވެސް އޮޅުމެއް ނެތްގޮތުގައި ވާޖިބެއް ދޫކުރުމުން މެނުވީ މިފަދަ ބޮޑު ޢުޤޫބާތެއް ދެއްވުމަށް އެކަލޭގެފާނު ﷺ ވިސްނާ ވަޑައެއް ނުގަންނަވާނެއެވެ. އަދި ނަމާދުގެ ޖަމާޢަތަށް ޙާޟިރުނުވެ ތިބޭ މީހުން ޖަމާޢަތަށް ޙާޟިރުނުވެ ތިބެނީ އެމީހުންނަށް ނަމާދުން ލިބޭ އެއްޗަކާއިމެދު ޔަޤީންކަން ނޮއޮންނާތީކަންވެސް މިޙަދީޘުން ސާބިތުވެއެވެ. އެހެނީ އެކަލޭގެފާނުގެ ބަސްފުޅުގައި ހަވާނަފުސު އެކުލެވިގެން ނުވާ މާތް ނަބިއްޔާ ﷺ ސިފަކުރައްވާފައިވާ ގޮތުގައި އެބައިމީހުންނަށް ކިތަންމެ ކުޑަނަމަވެސް އެއްޗެއް ލިބޭނެކަން އެނގޭނަމަ ނަމާދަށް ޙާޟީރުވާނެއެވެ. މި ޙަދީޘުން ޖަމާޢަތުގެ ނަމާދަށް ޙާޟިރުނުވާ މީހުންގެ އީމާންކަމުގެ މައްސަލަ އުޅޭކަމަށް ދަލީލު ލިބެއެވެ.

ނަމާދުގެ ޖަމާޢަތަށް ޙާޟިރުނުވެ ތިބުމަކީ މުނާފިޤުންގެ ސިފައެކެވެ. الله ﷻ ގެ ވަޙީބަސްފުޅުގައި ވެއެވެ. وَإِذَا قَامُوا إِلَى الصَّلَاةِ قَامُوا كُسَالَىٰ يُرَاءُونَ النَّاسَ وَلَا يَذْكُرُونَ اللَّهَ إِلَّا قَلِيلًا (النساء: 142) މާނަ :[ އަދި، އެއުރެން ނަމާދަށް ތެދުވާއިރު، މީސްތަކުންނަށް ކަންދައްކަމުން ކަންނެތްވެ ތިބެ ތެދުވެތެވެ. އަދި، ވަރަށް މަދުންމެނުވީ، އެއުރެން الله ހަނދުމައެއް ނުކުރެތެވެ.] ޖަމާޢަތުގެ ނަމާދުގެ ވާޖިބުކަމާއިދޭތެރޭގައި އަބޫ ހުރައިރާ އަރިއަހުން ރިވާކުރައްވާފައިވާ ޙަދީޘެއްގައި ވެއެވެ. "أَتَى النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ رَجُلٌ أَعْمَى فَقَالَ يَا رَسُولَ اللَّهِ إِنَّهُ لَيْسَ لِي قَائِدٌ يَقُودُنِي إِلَى الْمَسْجِدِ فَسَأَلَ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنْ يُرَخِّصَ لَهُ فَيُصَلِّيَ فِي بَيْتِهِ فَرَخَّصَ لَهُ فَلَمَّا وَلَّى دَعَاهُ فَقَالَ: ((هَلْ تَسْمَعُ النِّدَاءَ بِالصَّلَاةِ؟)) قَالَ: نَعَمْ قَالَ: ((فَأَجِبْ)) " ( صحيح مسلم:(653) ) މާނަ: [رسول الله ﷺ އަރިއަހަށް ލޯފަން ބޭކަލަކު ވަޑައިގެން ދެންނެވިއެވެ. އޭ الله ގެ ރަސޫލާއެވެ. ނަމާދުގެ ޖަމާޢަތަށް މިސްކިތަށް ގެންގޮސްދޭނެ މީހަކު ތިމަންކަލޭގެފާނަކަށް ނުވެއެވެ. އެހެންވީމާ ތިމަންކަލޭގެފާނަށް ގޭގައި ނަމާދުކުރުމުގެ ހުއްދަ ދެއްވާށެވެ. އެބޭކަލަކަށް ހުއްދަ ދެއްވުމުން އެބޭކަލަކު އެނބުރި ވަޑައިގަތުމުން ޙަދީޘު ކުރެއްވިއެވެ. ނަމާދަށް ބަންގި ގޮވާއަޑު ކަލޭގެފާނަށް އިވި ވަޑައިގަނޭތޯއެވެ؟ އެބޭކަލަކު ދެންނެވިއެވެ. އާދޭހެވެ. ޙަދީޘުކުރެއްވިއެވެ. އެހެން ވެއްޖެއްޔާ ނަމާދުގެ ޖަމާޢަތަށް އިޖާބަ ދޭށެވެ.]

އަދިވެސް އިބުނު އުއްމި މަކްތޫމް އަރިއަހުން ރިވާވެފައިވާ ހަދީޘެއްގައި ވެއެވެ. "أَنَّهُ قَالَ: يَا رَسُولَ اللهِ إِنَّ الْمَدِينَةَ كَثِيرَةُ الْهَوَامِّ وَالسِّبَاعِ قَالَ: ((هَلْ تَسْمَعُ حَيَّ عَلَى الصَّلَاةِ حَيَّ عَلَى الْفَلَاحِ؟)) قَالَ: نَعَمْ. قَالَ: ((فَحَيَّ هَلًا)) وَلَمْ يُرَخِّصْ لَهُ" (سنن النسائي:(851)) މާނަ: [އިބުނު އުއްމި މަކްތޫމް ދެންނެވިއެވެ. އޭ الله ގެ ރަސޫލާއެވެ. ހަމަ ކަށަވަރުން މަދީނާއަކީ ފާޑުފާޑުގެ ވިހަލާ ސޫފިތަކާއި ޝިކާރަކޮށްގެން ކައިއުޅޭ ނުރައްކާތެރި ޖަނަވާރުތައް ގިނަ ތަނެކެވެ. ޙަދީޘު ކުރެއްވިއެވެ. ކަލޭގެފާނަށް حَيَّ عَلَى الصَّلَاةِ حَيَّ عَلَى الْفَلَاحِ ގެ އަޑު އިވިލައްވާތޯއެވެ؟] އިބުނު އުއްމި މަކްތޫމް އާދޭހެވެ. ދެންނެވުމުން ޙަދީޘު ކުރެއްވިއެވެ. އެހެންވެއްޖެއްޔާ ނަމާދަށް އަވަސްވެ ގަންނާށެވެ.] އަދިވެސް އިބުނު ޢައްބާސް އަރިއަހުން ރިވާވެފައިވާ ޙަދީޘެއްގައި ވެއެވެ. رسول الله ﷺ ޙަދީޘު ކުރެއްވިއެވެ. (( مَنْ سَمِعَ النِّدَاءَ فَلَمْ يَأْتِهِ فَلَا صَلَاةَ لَهُ إِلَّا مِنْ عُذْرٍ)) سنن ابن ماجة:(793) މާނަ:[ ނަމާދަށް ބަންގި ގޮވާއަޑު އިވި ނަމާދުގެ ޖަމާޢަތަށް ޙާޟިރު ނުވާ މީހަކަށް ޝަރްޢީ ޢުޒުރެއް ނުވާނަމަ އޭނާއަކަށް ނަމާދެއް ނުވެއެވެ.]

އަދި އެހެންމެ އިބުނު މަސްޢޫދު އަރިއަހުން ރިވާވެފައިވާ ރިވާޔަތެއްގައި ވެއެވެ. "مَنْ سَرَّهُ أَنْ يَلْقَى اللَّهَ غَدًا مُسْلِمًا فَلْيُحَافِظْ عَلَى هَؤُلَاءِ الصَّلَوَاتِ حَيْثُ يُنَادَى بِهِنَّ فَإِنَّ اللَّهَ شَرَعَ لِنَبِيِّكُمْ ﷺ سُنَنَ الْهُدَى وَإِنَّهُنَّ مِنْ سُنَنِ الْهُدَى وَلَوْ أَنَّكُمْ صَلَّيْتُمْ فِي بُيُوتِكُمْ كَمَا يُصَلِّي هَذَا الْمُتَخَلِّفُ فِي بَيْتِهِ لَتَرَكْتُمْ سُنَّةَ نَبِيِّكُمْ وَلَوْ تَرَكْتُمْ سُنَّةَ نَبِيِّكُمْ لَضَلَلْتُمْ وَمَا مِنْ رَجُلٍ يَتَطَهَّرُ فَيُحْسِنُ الطُّهُورَ ثُمَّ يَعْمِدُ إِلَى مَسْجِدٍ مِنْ هَذِهِ الْمَسَاجِدِ إِلَّا كَتَبَ اللَّهُ لَهُ بِكُلِّ خَطْوَةٍ يَخْطُوهَا حَسَنَةً وَيَرْفَعُهُ بِهَا دَرَجَةً وَيَحُطُّ عَنْهُ بِهَا سَيِّئَةً وَلَقَدْ رَأَيْتُنَا وَمَا يَتَخَلَّفُ عَنْهَا إِلَّا مُنَافِقٌ مَعْلُومُ النِّفَاقِ وَلَقَدْ كَانَ الرَّجُلُ يُؤْتَى بِهِ يُهَادَى بَيْنَ الرَّجُلَيْنِ حَتَّى يُقَامَ فِي الصَّفِّ "  صحيح مسلم:(654)  މާނަ: [މާދަމާ މުސްލިމެއްގެ ގޮތުގައިވާ ޙާލު الله  ﷻއާއި ބައްދަލު ކުރުމަށް އެދޭ މީހާ ފަހެ ފަރުޟު ނަމާދުތަކަށް ގޮވޭ ތަންތާގައި އެނަމާދުތައް ކުރުމަށް ރައްކާތެރިވާށެވެ. އެބަހީ މިސްކިތްތަކަށް ނަމާދުގެ ޖަމާޢަތަށް ޙާޟިރުވާށެވެ. ހަމަ ކަށަވަރުން الله ﷻ ވަނީ ތިޔަބައިމީހުންގެ ނަބިއްޔާއަށް ހިދާޔަތާއި ރަނގަޅުގޮތުގެ މަގުތައް ޝަރުޢު ކުރައްވާފައެވެ. އަދި ނަމާދުތައް ހިމެނިގެންވަނީ ހިދާޔަތާއި އޭގައި ރަނގަޅުގޮތް އެކުލެވިގެންވާ މަގުތަކުގެތެރޭގައެވެ. ތިޔަބައިމީހުން ނަމާދުގެ ޖަމާޢަތަށް ޙާޟިރު ނުވެ ގޭގައި ނަމާދުކުރާ މީހެއްފަދައިން ގޭގައި ނަމާދު ކުރާނަމަ ތިޔަބައިމީހުން ތިޔަބައިމީޔުންގެ ނަބިއްޔާގެ ސުންނަތް ދޫކޮށްލައިފިއެވެ. ތިޔަބައިމީހުން ތިޔަބައިމީހުންގެ ނަބިއްޔާގެ ސުންނަތް ދޫކޮށްލައިފިނަމަ ތިޔަބައިމީހުން މަގުފުރެދިގެން ހިގައިދާނެއެވެ. ތިޔަބައިމީހުންގެ ތެރެއިންމީހަކު ގޭގައި ރަނގަޅަށް ވުޟޫކޮށްގެން މި މިސްކިތްތަކުގެ ތެރެއިން މިސްކިތަކަށް ދިއުމަށް ނިޔަތް ގަނެގެން ނިކުމެ އަޅާ ކޮންމެ ފިޔަވަޅަކަށް އެމީހަކަށް ހެޔޮކަމެއް ލިއުއްވައި އަދި އޭނާގެ ދަރަޖައެއް އުފުއްލަވައި އަދި އޭނާގެ ފާފަތަކުގެ ތެރެއިން ފާފައެއް ފުއްސަވާނެވެ. ހަމަ ކަށަވަރުން ތިމަން ބޭކަލުން ދެކެވަޑައިގަތީމެވެ. ނަމާދުގެ ޖަމާޢަތަށް ނުގޮސް ފަސްޖެހިފައި އެމީހެއްގެ ނިފާޤުކަން ބަޔާންވެގެންވާ މުނާފިޤެއް ނޫނީ ނުހުރެއެވެ. ހަމަ ކަށަވަރުން ދެމީހަކު ދެފަރާތުގައި ތިބެގެން އަތުލަފިކޮށްގެން ގެނެސް ޞަފުގައި މީހަކު ބަހައްޓައެވެ.] މިހިރީ މިއުންމަތުގެ ސަލަފުން މިމަތިވެރި ފަރުޟާއިމެދު ސަމާލުކަން ބެހެއްޓެވި މިންވަރެވެ.  އަޅުގަނޑުމެންވެސް ސަލާމަތްކަން ބޭނުންނަމަ އަޅުގަނޑުމެންނަށްވެސް ވަނީއެބޭކަލުން ހިންގެވި މަގުން އެބޭކަލުން ހިންގެވިގޮތަށް ހިނގުމެވެ. (27 އޮކުޓޫބަރ 2017)

ނަމާދު: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

ނަމާދު ނުކޮށް އެހެން އަޅުކަން ކުރާ މީހާގެ ޙުކުމް - الشَّيْخ الإِمَام العَلامة عَبد العَزِيز بن باز رحمه الله | 26 އޭޕްރީލް 2020

 ނަމާދުގައި ހުންނަ މީހާ މައްޗަށް (އުޑަށް) ބެލުން ނަހީ ކުރެވިގެން ވުން، ބޮޑުވެގެންވާ ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެއް - الشَّيْخ العَلاَّمة مُحمَّد بن صالح العُثَيمِين رحمه الله | 03 މާރޗް 2019

 ބޮޑުކަމު ނުވަތަ ކުޑަގިފިއްޔަށް ދާން ޖެހިފައިވާ މީހަކު، އެ ހިފައްޓައިގެން ހުރެ ނަމާދު ކުރުމުގެ ޙުކުމް - الشَّيْخ العَلاَّمة مُحمَّد بن صالح العُثَيمِين رحمه الله | 01 މާރޗް 2019

 ނަމާދަށް ހުއްޓާ ޙަދަޘަވެރިވީ، އެހެނަސް މީހުން އޭނާއަށް ބަލާނެތީވެ ލަދުން ނަމާދުން ނުނިކުންނަ މީހާގެ ޙުކުމް - الشيخُ العلاَّمة صَالح الفَوزَان حفظه الله | 17 ޑިސެމްބަރ 2017

 މައުމޫމުން ނަމާދުކޮށް އަވަދިވުމުން ތެދުވާނީ ކޮންއިރަކުން - شَّيْخ الإِسلاَم ابن تَيْميَّة رحمه الله | 16 ޑިސެމްބަރ 2017

ފަތިސް ނަމާދަށް ރައްކާތެރިވެއްޖެ މީހާއަށް، ބަޔާންވެގެންވާ އުފާވެރިކަމުގެ ދިހަ ޚަބަރު - ނަބިއްޔާ صلى الله عليه وسلم | 13 ޖުލައި 2017

ޖުނުބުވެރިވެފައިވާކަން ނޭނގިހުރެ ނަމާދުކުރި މީހާގެ ޙުކުމް - الشَّيْخ عَبْدُ العَزِيز بن بَاز رحمه الله | 15 އޮކްޓޯބަރ 2016

ގަމަތް ދެވުމަށް ފަހު ސުންނަތް ނަމާދު އަދާކުރުމުގެ ޙުކުމް - الشَّيْخ عَبْدُ العَزِيز بن بَاز رحمه الله | 09 އޮކްޓޯބަރ 2016

ދަރިން ފަތިސްނަމާދަށް ހޭލެއްވުން - الشَّيْخُ العلامة عَبْدُ العَزِيْزِ آلُ الشَّيْخ حفظه الله | 07 މެއި 2016

ކަޢުބާ ކުރަހާފައި ހުންނަ މުސައްލާތަކުގައި ނަމާދުކުރުން - الإِمَامُ العَلَّامة سَماحة الشَّيخُ عَبْدُ العَزِيز بن بَاز رحمه الله | 15 ޖެނުއަރީ 2016

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...