ނަމާދަށް ނާރާ އަދި ބަނގުރާ ބުއިމުގައިވާ އަވަށްޓެރިޔާ މެދު ޢަމަލުކުރާނީ ކިހިނެތް؟ - الشَّيْخ العَلاَّمَة عَبدُالعَزِيز بن باَز رحمه الله

ސުވާލު: ބަނގުރާ ބޮއެ އަދި ނަމާދަށް ނާރާ އަވަށްޓެރިއެއް އަހަރެންގެ ހުރެ އެވެ. ދިރިއުޅުމުގެ ޙާލަތަށް ބަލާހިނދު އޭނާއުޅެނީ ވަރަށްވެސް ދަތި ޙާލުގަ އެވެ. އަހަރެން ފައިސާ ހޭދަކޮށް އޭނާއަށް އެހީތެރިވަމެވެ. މިގޮތުގައި އޭނާއަށް ފައިސާގެ އެހީތެރިކަން ދިނުން އަހަރެންނަށް ހުއްދަވާނެ ހެއްޔެވެ؟ ނުވަތަ ހޭދަކުރުން ހުއްޓާލަންވީ ހެއްޔެވެ؟ މިކަމުގައި އަހަރެންނަށް ފައިދާކުރަނިވި ބަސްތަކެއް ބަޔާންކޮށްދިނުން ހުއްޓެވެ.
ޖަވާބު: ތިޔަ އަވަށްޓެރިޔާއަކީ ނުބައި އަވަށްޓެރިއެކެވެ. ނަމާދު ނުކުރުމާއި ބަނގުރާ ބުއިމުގައިވާ އަވަށްޓެރިއެކެވެ. އޭނާގެ ތިޔަ މުޑުދާރު ޢަމަލުތަކުގެ ސަބަބުން އޭނާއަށް އެހީތެރިކަން ފޯރުކޮށްދިނުން އެދެވިގެންނުވެ އެވެ. އެދެވިގެންވަނީ، އޭނާ ހަޖުރުކުރުމާއި، ގުޅައި ނުހެދުމާއި، އޭނާއަށް ސަލާމް ނުގޮވުމާއި، އޭނާއަށް ޒިޔާރަތް ނުކުރުމެވެ. އެއީ އޭނާ ތަޥްބާވެ ﷲއަށް ރުޖޫޢަވުމަށް ދާންދެނެވެ. އެހިނދުގައި މައްސަލައެއް ނެތެވެ. އެހެނަސް މިޙާލަތުގައި ވެއްޖެހިނދު، ނަމާދު ކުރުން ދޫކޮށްފައިވުމުގެ ސަބަބުން ފަހެ އޭނާއަކީ މުރުތައްދުވެފައިވާ މީހެކެވެ. އޭނާއާ ގުޅުންކެނޑުން ވާޖިބުވެގެންވެ އެވެ. އަދި އޭނާގެ މައްޗަށް ރުޅިވެރިކަމާއި ނަފްރަތު އިޢުލާނުކުރުން ހުއްޓެވެ. އޭނާ ދަޢުވަތެއް ދީފި ހިނދު އެފަދަ ދަޢުވަތަކަށް އޭނާއަށް އިޖާބަ ދީގެން ނުވާނެ އެވެ. އަދި ތިބާ ބާއްވާ ވަލީމާއަކަށް، ތިބާގެ ހެޔޮލަފާ ޞާލިޙް އަޚުންގެ އެއްވެސް ވަލީމާއަކަށް އޭނާއަށް ދަޢުވަތު ދީގެން ނުވާނެ އެވެ.
އޭނާ ދޫކޮށްލާށެވެ. ނަޞޭޙަތް ދިނުމާއި އެކު، ހެޔޮވެގެންވާ މަގަށް އޭނާއަށް އިރުޝާދު ދިނުމާއެކު އޭނާ ހަޖުރު ކުރުން ހުއްޓެވެ. އުއްމީދު ކުރެވެނީ، ތިޔަބައިމީހުން ސަބަބެއް ކަމުގައި މެދުވެރިވެ އޭނާއަށް ހެޔޮމަގަށް ﷲ ގެ ޙަޟުރަތުން ހިދާޔަތް ލިބުމެވެ. އަދި ނަޞޭޙަތް ދިނުމަށްފަހުގައި، އޭނާގެ އެ މުޑުދާރު ޢަމަލުތަކުގެ މަތީގައި ދެމިހުރެއްޖެ ހިނދުގައި އޭނާގެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމެވެ. އެއީ އެތަނަށް އޭނާ ޙާޟިރުކޮަށް އޭނާ އެކަންްތައްތަކުން ތަޥްބާވުމަށް އެދުމަށްޓަކަ އެވެ. ނުވަތަ ވަލިއްޔުލް-އަމްރުއަށް އޭނާގެ ވާހަކަ ބަޔާންކޮށް އޭނާގެ ނުބައިކަމުން މުޖުތަމަޢު ރައްކާތެރިކުރުމަށްޓަކަ އެވެ. އެހެން މީހުން އޭނާގެ މަގަށް ތަބަޢަވިޔަ ނުދިނުމަށްޓަކަ އެވެ. އަހަރެމެންނަށާއި އޭނާއަށް ﷲ ހިދާޔަތް ދައްކަވާށި އެވެ.
****
ފަތުވާ ނަގާފައިވަނީ : فتاوى نور على الدرب 4-2138