5  އަހަރެންގެ މައްޗަށް ފޯކައިދޫ އަޙުމަދު ސަމީރު ލިޔެ ފަތުރަމުން ގެންދާ "އިރުޝާދުގެ ސިޓީ" ތަކަށް ދެވޭ ރައްދުތައް (1) : ޝެއިޚް ޢަބްދުލް މުޙްސިން އަލްޢައްބާދް حَفِظَهُ الله އާއި މެދު ދައްކާފައިވާ ވާހަކަތައް - أبو أنس محمد حسن حفظه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

 އަހަރެންގެ މައްޗަށް ފޯކައިދޫ އަޙުމަދު ސަމީރު ލިޔެ ފަތުރަމުން ގެންދާ "އިރުޝާދުގެ ސިޓީ" ތަކަށް ދެވޭ ރައްދުތައް (1) : ޝެއިޚް ޢަބްދުލް މުޙްސިން އަލްޢައްބާދް حَفِظَهُ الله އާއި މެދު ދައްކާފައިވާ ވާހަކަތައް - أبو أنس محمد حسن حفظه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ އަޙުމަދު ސަމީރު ގެ "އިރުޝާދުގެ ސިޓީ" އަށް ރައްދު

ލިޔުނީ: މުޙައްމަދު ޙަސަން، ރެޑްސީ، ގދ.ތިނަދޫ 

1 ޝައްވާލް 1440

 

بسم الله الرّحمن الرّحيم، الحمد لله ربّ العالمين، والصّلاة والسّلام على نبيّنا محمّد وعلى آله وصحبه أجمعين، ومن تبعهم إلى يوم الدّين، أمّا بعد:

ކުރު ތަޢާރަފެއް: މި ލިޔުމަކީ މިއީ، ށ.ފޯކައިދޫ ކަރަންކާގޭ އަޙްމަދު ސަމީރު "އިރުޝާދުގެ ސިޓީ" މި ނަމުގައި އަހަރެންނަށް ފޮނުވަމުން ގެންދިޔަ ބައެއް ސިޓީތަކުގައި އޭނާ އަހަރެންގެ މައްޗަށް ހަދާފައިވާ ދޮގުތަކާއި، ކޮށްފައިވާ ޙަޤީޤަތެއް ނެތް ތުހުމަތުތަކާއި، އޮޅުން އަރުވާލަން މަސައްކަތްކޮށްފައިވާ ކަންތައްތައް ބަޔާންކޮށް، ސާފުކޮށްދިނުމުގެ ނިޔަތުގައި ލިޔަން ފަށައިގަންނަ ލިޔުމެކެވެ.
ޙަޤީޤަތުގައި، މިފަދައިން މީސްތަކުން އަހަންނާ މެދު ދައްކާ ކޮންމެ ކޮންމެ ވާހަކައަކަށް ރައްދުދީ އަމިއްލަ ނަފްސު ދިފާޢުކުރުމަށްވުރެ، އަހްލުއް ސުންނާ ވަލްޖަމާޢަތުގެ މަގަށް މީސްތަކުންނަށް ދަޢުވަތު ދިނުމުގައި އަހަރެން ހޭދަކުރާ ވަގުތު އަހަރެންގެ ގާތުގައި މާ އަގުބޮޑުވެފައި މާބޮޑަށްވެސް މުހިންމެވެ. އަޙްމަދު ސަމީރާއި އޭނާގެ އަޢުވާނުން ފަތުރަމުން ގެންދިޔަ ލިޔުންތަކަށް ރައްދު ދިނުމުގައި ލަސްވި ސަބަބަކީ މިއެވެ. ނަމަވެސް، އަޙްމަދު ސަމީރު އެލިޔުންތައް ފެތުރުމާއެކު، އެއަށް ރައްދު ދިނުމަށް އަހަރެންގެ ގާތް އަޚުން އަހަރެންގެ ކިބައިން ދިޔައީ އެދެމުންނެވެ. އަދި އަޙްމަދު ސަމީރު އޭނާގެ އަނިޔާވެރިކަމުގައި އަހަރެންގެ މައްޗަށް ދޮގު ހަދައި، އެ ލިޔުންތައް މީސްމީޑިއާގެ އެކި ތަންތަނުގައި ފަތުރައި، އޭނާގެ 'ގޭންގު' އެތަކެތި ޢާންމު މިސްލިމުންގެ މެދުގައި ޝާޢިއުކޮށް އޮޅުވާލައި، އޭގެ އެހީގައި މީސްތަކުން ޙައްޤު މަންހަޖުން ދުރަށްލުމުގެ މަސައްކަތް ފަށާފައިވުމާއެކު، އޭނާގެ އެ އަނިޔާވެރިކަމަށް އެކަށީގެންވާ ރައްދެއް ދިނުމުގެ ވަގުތު އަތުވެއްޖެކަމުގައި އަހަންނަށްވެސް ޤަބޫލުކުރެވުނެވެ.  ވުމާއެކު، ﷲ ގެ ޙަޟްރަތުން ވާތްގަށް އެދޭ ޙާލު، މި ލިޔުމުގައި މި ބަލައިލަނީ އޭނާ ލިޔެފައިވާ ބައެއް ވާހަކަތަކަށް ރައްދު ދެވޭތޯއެވެ! އަދި މި ލިޔުމުގެ ކުރިޔަށް ހުރި ފޮޅުވަތްތަކުގައި އަހަރެން ލިޔެފައިވާނީ ސީދާ އަޙްމަދު ސަމީރަށް މުޚާޠަބު ކޮށްފައެވެ. 

 

ޝެއިޚް ޢަބްދުލް މުޙްސިން އަލްޢައްބާދް -حَفِظَهُ الله- އާއި މެދު އަޙްމަދު ސަމީރު ދައްކާފައިވާ ވާހަކަތައް:

ޝެއިޚް ޢަބްދުލް މުޙްސިން އަލްޢައްބާދް -حَفِظَهُ الله- އާއި މެދު އަޙްމަދު ސަމީރު ދައްކާފައިވާ ވާހަކަތަކާއި މުސްލިމް ވެރިންނާ ދެކޮޅަށް ނުކުތުމުގެ މައްސަލަ:
މި ނުކުތާއިން ލިޔުން މި ފަށައިގަންނަނީ މީގައި އަހަރެންގެ ޙައްޤުގެ އިތުރުން އުއްމަތުގެ ބޮޑު ޢިލްމުވެރިއެއްގެ ޙައްޤަށް އަޙްމަދު ސަމީރު އަރައިގެންފައިވާތީއެވެ. އަދި އެ ޢިލްމުވެރިޔާގެ ޙަޤީޤީ މަންހަޖަކީ ކޮބައިކަން އޮޅުވާލައި، މީސްތަކުންނަށް، އެ ޢިލްމުވެރިޔާވެސް ވަނީ ތިމާމެންގެ މަގުފުރެދުމުގެ މަތީގައިކަން ދައްކައިދޭން މަސައްކަތްކޮށްފައިވާތީއެވެ.

އިރުޝާދުގެ ދެވަނަ ސިޓީގެ ނަމުގައި އަޙްމަދު ސަމީރު އަހަންނަށް ފޮނުވި ލިޔުމުގެ 15 ވަނަ ޞަފްޙާގައި ލިޔެފައިވެއެވެ. "މުންކަރާތްތައް މަނާ ކުރުމުގައި، ޝެއިޚް ޢަބްދުލް މުޙްސިނުގެ މަންހަޖު ބަލާލުމުންވެސް މިކަން ވަރަށް ރަނގަޅަށް ފާހަގަ ވާނެ އެވެ. ވެރިންނަށް ކިޔަމަން ވުމުގެ ނަމުގައި މުޖުތަމަޢުގައި ހިނގަމުންދާ މުންކަރާތްތަކަށް ހަނުތިބުމަކީ ފަހަރެއްގައިވެސް ޞަލަފުއް ޞާލިޙުންނާއި އެބޭކަލުންގެ މަގުގައި ދެމިތިއްބެވި ޢިލްމުވެރިންނާއި މުޞްލިޙުންގެ މަގެއް ނޫނެވެ."


އަޙްމަދު ސަމީރެވެ. އިސްލާމީ ޝަރީޢަތުގެ ޢިލްމު ލިބިފައިވާ ކޮންމެ މީހަކަށްމެ އެނގި ބަޔާންވެގެންވާނެ ކަމަކީ، އިސްލާމްދީނަކީ މުންކަރާތްތައް ނަހީ ކުރާ ދީނެެއް ކަމެވެ. އަދި އެމުންކަރާތްތައް ނަހީކުރުމުގައި ގެންގުޅެންޖެހޭ އުސްލޫބުތަކަކީ ކޮބައިކަމާއި، އެމުންކަރާތްތައް ނަހީކުރާނީ ކިހިނެއްކަމާއި، މުންކަރާތްތައް ނަހީކުރުމުގެ ބާބުގައި ވެރިންނާއި މެދު މުޢާމަލާތްކުރާނީ ކިހިނެއްކަމާއި، އެނޫން ފަރާތްތަކާއި މެދު މުޢާމަލާތްކުރާނީ ކިހިނެއްކަން މިދީނުގައިވަނީ ބަޔާންކޮށްދެއްވާފައެވެ. އެއީ އެއްވެސް ޙާލެއްގައި ވަކި ޢިލްމުވެރިޔަކަށް، ނުވަތަ ވަކި ޕާޓީއަކަށް ނުވަތަ ޖަމްޢިއްޔާއަކަށް ކަނޑައެޅޭނޭ ކަންކަމެއް ނޫނެވެ.


މުސްލިމް ވެރިންނަށް އަދި ވެރިންގެ ސަރުކާރު ތަކުގައި ކުރެވޭ ކުށްތަކަށް ބޭސްފަރުވާކުރަންޖެހޭނީ ކިހިނަކުންކަން ޝަރީޢަތުގައި ކަނޑައަޅުއްވާފައިވާ ހިނދު، ވަކި ޝެއިޚެއް ޢަމަލުފުޅު ކުރައްވާގޮތް އެއީ ތިބާ އާއި ތިބާގެ ބައިވެރިންގެ ޢަމަލުކުރުމަށް ވާ ގޮތް ކަމުގައި ދެކި، އެ ޢިލްމުވެރިޔާގެ އަމަލުފުޅު އެއީ ޙުއްޖަތެއް ކަމުގައި ނަގަނީ ހެއްޔެވެ؟ ޤުރުއާނާއި ސުންނަތުގެ ދަލީލުތަކާއި، މާތް ރަސޫލާ صلّى الله عليه وسلّم ގެ ޞަޙާބީންގެ ބަސްފުޅުތައް އަދި އުއްމަތުގެ އެކިއެކި ޖީލުތަކުގައި ދިރިއުޅުއްވި ޞަލަފުއް ޞާލިޙުންގެ އިމާމުންގެ ބަސްފުޅުތައް ތިބާއާއި ތިބާގެ ބައިވެރިންނަށް ޙުއްްޖަތެއްގެ ގޮތުގައިނުވި ކަމަކީ ޙައިރާންވެ ޢަޖައިބުވާ ކަމެކެވެ.


ތިބާއާއި ތިބާގެ ބައިވެރިން ދިވެހި ފަސްގަނޑުގައި އިސްލާމީ ޝަރީޢަތަށް، އަދި އުއްމަތުގެ ސަލަފުއް ޞާލިޙުންނަށް ނިސްބަތްވެގެން ތިބެ، ކުރާ އެކިއެކި ކަންތައްތަކުގެ ވާހަކަ އެކިއެކި ގޮތްތަކުން ޢާންމު ތެރޭގައި ދެއްކުމަށްފަހު، އެކަމުގެ ދަލީލެއްގެ ގޮތުގައި ފެނުނީ ޢިލްމުވެރިއެއްގެ ބަސްފުޅު ހެއްޔެވެ؟ އަޙުމަދު ސަމީރު އަދި އޭނާގެ ބައިވެރިން ހޯދައިފައިވާ މަންހަޖުގައި މާތް މަތިވެރި އިސްލާމީ ޝަރީޢަތުގެ ދަލީލުތައްވަނީ ކޮންގޮތަކަށް ހެއްޔެވެ؟


އަޙުމަދު ސަމީރެވެ. ޙުއްޖަތަކީ، ދަލީލަކީ ޝެއިޚް އެއް ހެއްޔެވެ؟ ނުވަތަ ޙުއްޖަތާއި ދަލީލު އަދި ތަބަޢަވާން ޖެހޭނީ ﷲ تعالى ގެ ބަސްފުޅުތަކާއި، އެއިލާހުގެ ރަސޫލާ صلّى الله عليه وسلّم ގެ ޙަދީޘްފުޅުތަކަށް އަދި އަޞްޙާބު ބޭކަލުން އިޖްމާޢުވެ އިއްތިފާޤުވެވަޑައިގެންފައިވާ ބަސްފުޅުތަކަށްތޯ އެވެ؟ ތިބާ އެ ޢިލްމުވެރިޔެއްގެ ބަސްތައް ނަޤުލުކުރި ޝެއިޚް އަލްޢައްބާދު ގެ ބަސްފުޅުތަކުގެ ތެރެއިން ފެންނަނީ ހަމައެކަނި ތިބުނާ ބަސްފުޅުތައް އެކަނި ހެއްޔެވެ؟ 


مقدّمة ابن أبي زيد القيرواني ގެ ޝަރަޙާގައި އަހަރެންގެ ޝައިޚް العلّامة عبد المحسن العبّاد -حفظه الله ومتعه بالصّحة والعافية- ވިދާޅުވެފައިވެއެވެ.
"
ދެންފަހެ، ހަމަކަށަވަރުން، ވެރިންނަށާއި އެނޫން ފަރާތްތަކަށް ނަޞޭޙަތްދިނުން އޮތީ ސިއްރުންނެވެ. އަދި އޯގާތެރިކަމާއި މަޑުމައިތިރިކަމާ އެކުގައެވެ. މިކަމުގެ މައްޗަށް ދަލީލުކޮށްދެނީ، موسى އަދި هارون -عليهما السّلام- އަށް ﷲ سبحانه وتعالى ވަޙީކުރެއްވި ބަސްފުޅެވެ. اذْهَبَا إِلَىٰ فِرْعَوْنَ إِنَّهُ طَغَىٰ (43) فَقُولَا لَهُ قَوْلًا لَّيِّنًا لَّعَلَّهُ يَتَذَكَّرُ أَوْ يَخْشَىٰ طه: ٤٣ – ٤٤  މާނައީ: "ފިރުޢައުނުގެ ގާތަށް ތިޔަ ދެބޭކަލުން ވަޑައިގަންނަވާށެވެ! ހަމަކަށަވަރުން އޭނާ އަނިޔާވެރިވެ ޙައްދުފަހަނައަޅައި ހިނގައްޖެއެވެ. ފަހެ، މަޑުމައިތިރި ބަހުން ތިޔަ ދެބޭކަލުން އޭނާއަށް ބަސް ވިދާޅުވާށެވެ! (އެއީ) އޭނާ ހަނދުމަކުރޭތޯ ނުވަތަ ބިރުވެތިވޭތޯ އެކަމުގެ އުންމީދުގައެވެ."

 

އަދި ނަބިއްޔާ صلّى الله عليه وسلّم ޙަދީޘްކުރެއްވި ކަމުގައި عائشة -رضي الله عنها- ގެ އަރިހުން ވާރިދުވެފައިވެއެވެ. (( إِنَّ الرِّفْقَ لَا يَكُونُ فِي شَيْءٍ إِلَّا زَانَهُ، وَلَا يُنْزَع عَنْ شَيْءٍ إِلَّا شَانَهُ ))  މާނައީ: ހަމަކަށަވަރުން، އެއްވެސް އެއްޗެއްގައި އޯގާތެރިކަން އެކުލެވިއްޖެނަމަ، އެއެއްޗެއް ޒީނަތްތެރިނުކޮށް ނުދާނެއެވެ. އަދި އެއްވެސް އެއްޗަކުން އޯގާތެރިކަން ނިގުޅައިގަނެވިއްޖެނަމަ އެެއެއްޗެއް ހުތުރުނުކޮށް ނުދާނެއެވެ. (رواه مسلم: 2594)


صحيح البخاري (3267) އަދި صحيح مسلم (2989) ގައި ވާރިދުވެފައިވެއެވެ. أبو وائل شقيق بن سلمة  ވިދާޅުވިއެވެ. أسامة އަށް ދެންނެވުމެވެ. ތިބާ عثمان -رضي الله عنه- ގެ އަރިހަށް ވަޑައިގެން ވަހާކަ ނުދައްކަވާނުތޯއެވެ؟ ވިދާޅުވިއެވެ. ތިޔަބައިމީހުން ދެކެނީ، އަހަރެން ތިޔަބައިމީހުންނަށް އެކަމުގެ ވާހަކަ އަޑު ނުއިއްވާހާ ހިނދަކު އަހަރެން އެބޭފުޅާ (އެބަހީ: ޢުޘްމާން رضي الله عنه ) އާއި ވާހަކަ ނުދައްކާ ކަމުގައި ތޯއެވެ؟ ﷲ ގަންދީ ބުނަމެވެ. ހަމަކަށަވަރުން އަހަރެންނާއި عثمان -رضي الله عنه-  އާއި ދެމެދު އެކަން (ސިއްރުން) އޮންނަ ގޮތުގެމަތުން، އަހަރެން ވާހަކަ ދައްކައިފީމެވެ. އެއީ އެ ކަމުގެ (ދޮރު) ހުޅުވި ފުރަތަމަ މީހާއަކީ އަހަރެން ކަމުގައި ވުމަށް އަހަރެން ނޭދޭ ކަމެއްގެ (ދޮރު) ހުޅުވަމަކާއި ނުލައިއެވެ..."


فتح الباري (13/51) ގައި الحافظ ابن حجر -رحمه الله- ވިދާޅުވެފައިވެއެވެ. "އެބަހީ: ތިޔަބައިމީހުން ތިޔަ އިޝާރާތްކުރާ ކަންތަކުގައި އަހަރެން އެކަލޭގެފާނާއި ވާހަކަ ދައްކައިފީމުއެވެ. އެހެނަސް، (އަހަރެން އެވަހާކަ ދައްކާފައިވާނީ) މަޞްލަޙަތު ހުރި ގޮތުގައި، އަދަބުވެރިކަމާއެކު، ސިއްރުންނެވެ. އެއީ އަހަރެންގެ ބަސްތަކުގައި ފިތުނަޔަކަށް ނުވަތަ އެފަދަ އެހެން ކަމަކަށް މަގުފަހިވުން ނުހިމެނޭނޭ ގޮތުގެ މަތިންނެވެ."


عياض بن غنم -رضي الله عنه-    ނަބިއްޔާ صلّى الله عليه وسلّم އަރިހުން ރިވާކުރައްވާފައިވެ އެވެ. ނަބިއްޔާ صلّى الله عليه وسلّم  ޙަދީޘް ކުރެއްވި އެވެ. «مَ
نْ أَرَادَ أَنْ يَنْصَحَ السُّلْطَانٍ بِأَمْرٍ فَلَا يُبْدِهِ عَلَانِيَةً، وَلَكِنْ لِيَأْخُذْ بِيَدِهِ، فَيَخْلُو بِهِ، فَإِنْ قَبِلَ مِنْهُ فَذَاكَ، وَإِلَّا كَانَ قَدْ أَدَّى الَّذِي عَلَيْهِ لَهُ» " ވެރިޔާއަށް ނަޞޭހަތް ދޭން ބޭނުންވާ މީހާ އެކަން ފާޅުކޮށް (މީސްތަކުންނަށް އެނގޭނޭ ފަދައިން) ނުކުރާށެވެ. އެހެނަސް، ވެރިޔާގެ އަތުގައި ހިފައިގެން މީސްތަކުންނާ ވަކިވެ ގަންނާށެވެ. ފަހެ، އޭނާ (އެ ނަޞޭޙަތް) ޤަބޫލުކޮށްފިނަމަ، ފަހެ، (އެދެވިގެންވީ ކަމަކީ) އެއީއެވެ. އެހެން ނޫންނަމަ (އެބަހީ: ނަޞޭޙަތް ޤަބޫލުނުކުރިޔަސް) ތިބާ އެވެރިޔާއަށް އަދާކުރަންޖެހޭ ކަންތައްް އެހިނދު ތިބާ އަދާކޮށްފިއެވެ." رواه أحمد (15333)، الحاكم (3/290) އަދި السّنة ގައި ابن أبي عاصم (1096-1098) ، އަދި الألباني -رحمه الله- އޭގެ ތަޚްރީޖު (2/523) ގައި ވިދާޅުވެފައިވެއެވެ. "ފަހެ، (މި) ޙަދީޘަކީ އޭގެ އެކި ޠުރުޤުތައް ޖަމާކުރުމުން ޞައްޙަ ވެގެންދާ ޙަދީޘެކެވެ." ފަހެ، އޯގާތެރިކަމާއި، މަޑުމައިތިރިކަމާއި ނުލައި، ފާޅުގައި ނަޞޭޙަތް ދިނުމުން އޭގެ ސަބަބުން ލިބޭނީ ގެއްލުމެވެ. މަންފާއެއް ނުކުރާނެއެވެ..."

މި ޒިކުރުކުރި ބަސްތަކަކީ މި މައުޟޫޢުގައި ޝައިޚް ވިދާޅުވެފައިވާ އެތައް ގިނަގުނަ ބަސްފުޅުތަކުގެ ތެރެއިން ވަރަށް މަދު ބަސްތަކެކެވެ.
 

އަޙްމަދު ސަމީރެވެ! الشّيخ عبد المحسن العبّاد -حفظه الله- ގެ މި ބަސްފުޅުތަށް ނުފެންނަނީ ހެއްޔެވެ؟ ވެރިންނަށް ނަޞޭޙަތްތެރިވުމުގައި އޯގާތެރިވުމާއި، އެކަން ސިއްރުން ކުރުމަށް ދެއްވާފައިވާ ނަޞޭޙަތް ނުފެންނަނީ ހެއްޔެވެ؟ އޭގެ ބަދަލުގައި، ތިމާ އެ ޖަމްޢިއްޔާ އެއްގެ ޒިންމާދާރު މަޤާމެއްގައި ހުންނަ ޖަމްޢިއްޔާއިން ވެރިޔާއާ ދެކޮޅަށް ނުކުމެ މުޒާހަރާ ކުރަނީ الشيخ العبّاد -حفظه الله- ގެ ކޮން ބަސްފުޅެއްގެ އަލީގައި ހެއްޔެވެ؟ ނުވަތަ ވެރިންނާ ދެކޮޅަށް ނުކުތުމަށް ނުވަތަ އިޙްތިޖާޖު ކުރުމަށް، އެއްޒަމާނެއްގައި ތިބާގެ ޖަމްޢިއްޔާގެ ގާތުގައި ލާދީނީ ޕާޓީއަކަށްވި އެމް.ޑީ.ޕީ ގެ ކިބައިން އެހީތެރިކަން އެދުމަކީވެސް ހަމަ الشيخ العبّاد -حفظه الله- ގެ ބަސްފުޅުން ދޭހަވާ ކަމެއް ހެއްޔެވެ؟ الشيخ العبّاد -حفظه الله- ގެ މަންހަޖުގައި ވަކި ބަޔަކަށް ނުތިބެވިފައި، ތިބާއަށް ހުރެވުނީ ބާއެވެ! ތިބާގެ ޖަމްޢިއްޔާއަށް ނިސްބަތްވާ ބައެއް "ޢިލްމުވެރިން"، ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ޕާޓީއެއް ކަމުގައިވާ އަދާލަތު ޕާޓީއަށް ވޯޓުލުން ވާޖިބު ކަމުގައި ފަތުވާދީ، އެކަމަށް ގޮވާލީވެސް الشيخ العبّاد -حفظه الله- ގެ ބަސްފުޅުގެ އަލީގައި ހެއްޔެވެ؟ الشيخ العبّاد -حفظه الله- ގެ އަރިހުން ފެނިވަޑައިގަންނަވަނީ ޢިލްމާނީންނާއި ޑިމޮކްރަސީއާއި ލިބިރަލިޒަމް އަށް ގޮވާލާ މީސްތަކުންނަށް ރައްދު ދެއްވާ މަންޒަރެވެ. ތިބާގެ ޖަމާއަތުގެ މީސްތަކުންގެ ކިބައިން ފެންނަނީ ޑިމޮކްރަސީއަށް ތަބާވާ ޕާޓީތަކަށް ވަނުން ވާޖިބު ކުރާ ތަނެވެ. އަދި ވެރިންނާ ދެކޮޅަށް އިޙުތިޖާޖު ކުރުމަށް -ޚުދު ތިމާމެން ދީފާއިވާ ލަޤަބުން ނަމަ- "ލާދީނީ" ޕާޓީތަކުން އެހީއަށް އެދޭ ތަނެވެ. މިއަށްވުރެ ބޮޑު ފަޟީޙަތެއް ވާނެ ހެއްޔެވެ؟


އަޙްމަދު ސަމީރެވެ! އަޑުއަހާށެވެ! އަޙްމަދު ސަމީރު ތިހުރީ މުޅިން އެހެން ވާދީއެއްގައެވެ. الشيخ العبّاد -حفظه الله- ހުންނެވީ މުޅިން އެހެން ވާދީއެއްގައެވެ.  ތިމާމެންގެ މިސާލަކީ ހެދުން ފަހަން ނޭނގި ހުރެ، ފަހާ މީހާގެ މިސާލެވެ. މީގެ ސަބަބުން ފަހާ ހެދުން ނަގާފައިވާ މިންތަކާ ދިމާ ނުވެއެވެ. ނުވަތަ، ފެހި ހެދުމުގައި އުނިކަން ހުރެއެވެ. ދެން އޭނާ އިންތިޒާރު ކުރަނީ ޙަޤީޤީ ފެހުންތެރިންގެ ތެރެއިން މީހަކަށް އެފަދަ ކުށެއް ކުރެވޭތޯއެވެ. އޭރުން އޭނާއަށް ބުނެވޭނެތާއެވެ! މިއީ އެވެނި މިވެނި މަޝްހޫރު ފެހުންތެރިޔާވެސް ފަހާ ގޮތެވެ! نعوذ بالله من الهوى 


ފަހަރެއްގައި، މިފަދަ ކަންތައްތައް ތިބާގެ ކިބައިން މެދުވެރިވަނީ ޔުނިވަސިޓީގައި މުޤައްރަރުގެ ތެރެއިން الشيخ العبّاد -حفظه الله- އުގަންވައިދެއްވި ބައިތަކުގައި މިފަދަ ކަންތައްތައް ނުހިމެނޭތީ ކަމުގައި ވެދާނެއެވެ. އެހެނީ، ޔުނިވަސިޓީގެ މުޤައްރަރުތަކަކީ -އޭގެ ފުރިހަމަކަމާއި ހެޔޮކަމާއި އެކުވެސް- ދީނުގެ ހުރިހާ ޢިލްމުތަކެއް އޭގައި އެކުލެވޭ މުޤައްރަރުތަކެއް ނޫނެވެ. ނަމަވެސް، ޙަމްދު ހުރީ ﷲ އަށެވެ. ޔުނިވަސިޓީގެ މުޤައްރަރުތަކުގެ ދާއިރާއިން ބޭރުގައި، އަލްމަސްޖިދުއް ނަބަވީ ގައި ޝައިޚް މިފަދަ ކިތަންމެ މަޢުޟޫޢުތަކަށް ވާހަކަ ދައްކަވާފައިވެއެވެ. ތިބާއަށް މިކަން ނޭނގި އޮތްކަމުގައި ވިޔަސް، ޝައިޚްގެ އަރިހުން އަލްމަސްޖިދުއް ނަބަވީ ގައި ޢިލްމު ޙާޞިލްކުރި ދަރިވަރުންނަށް މިކަން އެނގޭނެއެވެ. 


الشيخ العبّاد -حفظه الله- ޢިލްމާނީންނަށް (ސެކިޔުލަރ މީހުންނަށް) އިންކާރު ކުރެއްވުމަކީ ވެރިންނަށް އިންކާރު ކުރެއްވުން ކަމުގައި ދެކިވަޑައިނުގަންނަވައެވެ. އެއީ ވެރިންނާ ދެކޮޅަށް ނުކުތުން ކަމުގައި، ނުވަތަ ވެރިންނަށް އިންކާރު ކުރެއްވުން ކަމުގައި ދެކެވަޑައިގެންނެވިނަމަ، އެފަދައިން އިންކާރު ނުކުރެއްވީހެވެ. އަދި ކިއެއްތަ! މިކަން ޝައިޚްގެ އަމިއްލަ ބަސްފުޅުތަކުން ސާބިތުވެއެވެ.

 
الشيخ العبّاد -حفظه الله-  އަށް ރައްދުދެއްވައި އެހެން ބޭފުޅަކު ލިޔުއްވި ބަސްތަކަކަށް ރައްދު ދެއްވައި ޝައިޚް ވިދާޅުވެފައިވެއެވެ. 
"އަހަރެން، ވެރިންނަށް ފާޅުގައި، އިންޓަނެޓުގައި، އެއްޗެހި ކިޔަނީ ކަމުގައި އޭނާ ބުނެފައިވާ ބުނުމާއި މެދު ދަންނައެވެ. ފަހެ، ހަމަކަށަވަރުން ޙަޤީޤަތުގައި އަހަރެން ނަޤްދު ކޮށްފައިވާނީ ދައުލަތުގެ ޢަދުއްވުންނަށެވެ. އެއީ ދައުލަތާއި ރައްޔިތުންގެ މައްޗަށް މަކަރުވެރި ރޭވުން ރާވާ މަކަރުވެރި ތަޣްރީބީންނާއި ދެކޮޅަށެވެ."  ތަޣުރީބީންނަކީ ހުޅަނގުގެ ގޮތްތަކަށް އިސްލާމީ ދައުލަތް ބަދަލުކުރަން މަސައްކަތްކުރާ މީހުންނެވެ. ޝައިޚްގެ މިލިޔުން ޝައިޚްގެ ވެބްސައިޓުގައި 7/8/1434 ގައި ވަނީ ޝާއިޢު ކުރެވިފައެވެ 


الشيخ العنجري އަށް الشيخ العبّاد -حفظه الله-  ދެއްވި ރައްދުވެސް ރަނގަޅަށް ކިޔާލި ނަމަ މިކަން ދޭހަވީހެވެ! ޝައިޚް ވިދާޅުވިއެވެ. "މިއީ ދެޙަރަމްފުޅުގެ ބިމުގައި ތަޣްރީބީން ކުރަމުންގެންދާ ފަސާދައާއި މެދުގައި އަހަރެން ފާހަނގަ ކުރަން ބޭނުންވާ ބައެއް ކަންތައްތަކެވެ. ވެރިންނާއި މެދުގައި ދަންނައެވެ! ފަހެ، ހަމަކަށަވަރުން އަހަރެންވަނީ އެފަރާތްތަކަށްޓަކައި ހެޔޮދުޢާ ކުރުމާއި، ޚާއްޞަ (ސިއްރު) ސިޓީތަކުގެ ޒަރީޢާއިން އަހަރެންގެ ނަޞޭޙަތް ފޯރުކޮށްދީފައެވެ." 


މި ލިޔުން ނޫން އެހެން ލިޔުންތަކުންވެސް ޝައިޚްގެ މި ފަހްމު ދޭހެވެގެންދާނެއެވެ. އެހެންކަމުން، ދައުލަތުގެ އިސްމަގާމުތަކުގައި އެ ތަޣްރީބީން ތިބި ކަމުގައިވިޔަސް، ޝައިޚް ރައްދުދެއްވަނީ އެބައިމީހުންނަކީ ސީދާ ވެރިން ކަމުގައި ދެކެވަޑައިގެން ނޫންކަމާއި، އަދި ކިއެއްތަ، ޒިންމާދާރު މަގާމުތަކެއްގައި ތިބި ތަޣްރީބީންތަކެއް ކަމުގައިވާތީކަން ބަޔާންވެގެން ދެއެވެ. މިއަދާ ޖެހެންދެން، އެއްވެސް އިރެއްގައި ޝައިޚު ސަޢުދީ ޢަރަބިޔާގެ ވެރިޔާއަށް އެއްޗެހި ކިޔާފައިވާކަން ސާބިތުކޮށް ނުދެވޭނެއެވެ. 


އަޙްމަދު ސަމީރެވެ! ތިބާއާއި ތިބާގެ ޖަމާޢަތް ވަނީ މި މަންހަޖުގައި ހެއްޔެވެ؟ ތިބާގެ ޖަމާޢަތުން ވެރިންނަށް ނަޞޭޙަތް ދިނުމުގައި ފާޅުގައި ފޭސްބުކާއި، ޓްވިޓާއާއި، އެނޫންވެސް ތަންތަނުގައި ވެރިޔާގެ ޢައިބުތައް ޒިކުރުކުރަނީ ނޫންހެއްޔެވެ؟ ދިވެހިރާއްޖޭގެ ވެރިކަމެއް ވައްޓާލަން އިސްލާމްދީނުގެ ނަމުގައި، ތިބާގެ ޖަމާޢަތުގެ މީހުން ނުނުކުމޭ ހެއްޔެވެ؟ އަންހެނުންނާއި މުސްކުޅިން މަގުމައްޗަށް ނެރެ، މިސްކިތްތަކުގައި ފަސްވަގުތު ބަންގި ދެވޭ އިރު، އެ މީހުން ގޮވައިގެން -މުޒާހަރާގައި ދެމިތިބުމަށްޓަކައި- މަގުތައްމަތީ ނަމާދު ނުކުރޭ ހެއްޔެވެ؟ މިއީ ދިވެހިން ދަންނަ ކަންތައްތަކެވެ.


އަދި، ދައުލަތުގެ އެކި ވުޒާރާތަކާއި ޙަވާލުވެގެންތިބޭ، ވެރިޔާގެ ވަޒީރުންނަށް ފާޅުގައި ބަދުބަސް ބުނުމަކީ - الشيخ العبّاد -حفظه الله-  ގެ އަރިހުގައި ކުރެވިދާނޭ ކަމެއް ކަމަށް ބެލެވުނަސް – އެހެން ގިނަ ޢިލްމުވެރިން ތަކެއްގެ އަރިހުގައި ހުއްދަވެގެންވާ ކަމެއް ނޫނެެވެ. އަޙްމަދު ސަމީރެވެ. ރަނގަޅަށް ތިރީގައިވާ ފަތުވާތައް ކިޔާލާށެވެ!


الشيخ صالح الفوزان -حفظه الله-  އަށް ސުވާލު ދެންނެވުނެވެ. ދައުލަތު އެކި އިދާރަތަކާއި، އެތަންތަން ހިންގާ ވަޒީރުން ކުށްވެރިކޮށް، އިޞްލާޙްކުރުމުގެ ނިޔަތުގައި، އަދި ކުށް ބަޔާންކޮށްދިނުމުގެ ބޭނުމުގައި، މީސްތަކުންގެ ތެރޭގައި  ވާހަކަ ދެއްކުން ހުއްދަވެގެންވޭ ހެއްޔެވެ؟


ޝެއިޚް ޖަވާބުގައި ވިދާޅުވިއެވެ. "އޭގެ މަޤްޞަދަކީ މަސްއޫލުވެރިން ޖަރަޙަކޮށް، އެމީހުންގެ އަގު ދަށްކޮށް، އެމީހުންގެ އައިބުތައް ހޯދުން ކަމުގައިވާނަމަ، މިއީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. އެހެނަސް، މަސްއޫލުވެރިން އެކަންކަން އިޞްލާޙު ކުރުމަށްޓަކައި، އެކަންކަން އެ މަސްއޫލުވެރިންނާ ހަމަޔަށް ފޯރުކޮށްދޭ ގޮތަށް، އެ ކުށްތައް ފާހަނގަކުރުމަކީ މައްސަލައެއް ނޫނެވެ. މިސާލަކަށް، މިވެނި އެވެނި އިދާރާއެއްގައި މިވެނި އެވެނި މައްސަލަތަކެއް އެބަހުއްޓެވެ. މިވެނި އެވެނި އުނި ކަންތައްތައް އެބަހުއްޓެވެ.  ނުވަތަ މިވެނި އެވެނި މަސްއޫލުވެރިއެއްގެ ކިބައިގައި މިވެނި އެވެނި މައްސަލަތަކެއް އެބަހުއްޓެވެ. (މިގޮތަށް ވާހަކަ ދެއްކުން އޮތީ) ވަލިއްޔުލް އަމްރުގެ އަރިހުގައެވެ. ޢާންމު މީސްތަކުންގެ ތެރޭގައެއް ނޫނެވެ. އިދާރާތަކާއި، މަސްއޫލުވެރި ފަރާތްތަކުގެ ވާހަކަ ޢާންމު މީސްތަކުންގެ ގާތުގައި ދެއްކުމަކީ ޣީބަ ބުނުމެވެ. އަދި ޣީބަ ބުނުމުގެ އިތުރުން އޭގައި ފަސާދަކުރުން އެކުލެވިގެންވެއެވެ. އެހެނީ، އޭގެ ސަބަބުން ފަހަރެއްގައި ވަލިއްޔުލް އަމްރަށް ނުކިޔަމަންތެރިވުމާއި، އިހާނަތްތެރިކުރުމާއި، މިފަދަ މިނޫންވެސް ކަންކަމަށް މަގުފަހިވެގެންދާނެތީއެވެ. ފަހެ، މިއީ ޚަވާރިޖުން ކަންކުރާ ގޮތެވެ. މިއީ ޚަވާރިޖުންގެ ސިފަތަކުގެ ތެރެއިން ސިފައެކެވެ." http://bit.ly/2wgXCvs


މަދީނާގެ މަޝްހޫރު ޢިލްމުވެރިއެއް ކަމުގައިވާ الشيخ سُليمان الرّحيلي -حفظه الله-  ވިދާޅުވެފައިވެއެވެ. "ޢާންމު ކަންކަމުގައި ހުންނަ ފަސާދާއި މެދު – އެއީ ސީދާ ވަލިއްޔުލް އަމްރުގެ އަރިހުން އަންނަ ފަސާދައެއް ކަމުގައި ނުވިޔަސް – އެއަށް ފާޅުގައި އިންކާރުކުރުމާއި މެދު ޞައްޙަ ބަސްފުޅަކީ އެގޮތަށް އިންކާރުކުރުން ހުއްދަވެގެން ނުވުމެވެ. އެހެނީ އޭގެ ސަބަބުން ހިތްތައް ކެކި އަރައިގެން ދާނެއެވެ. އެއީ ވަޒީރެއްގެ ކިބައިން ފާޅުވާކަމެއް ކަމުގައިވިޔަސް މެއެވެ. ނުވަތަ އެފަދަ ޢާންމު ކަންކަމުގައެވެ. ވާޖިބުވެގެންވަނީ އެ ފަރާތްތަކަށް ނަސޭޙަތްދިނުމެވެ. އަދި ސިޓީލިޔުމެވެ. އެހެނަސް، އެއާމެދު ނޫސްތަކާއި މަޖައްލާތަކުގައި ލިޔުމާއި މެދު ދަންނައެވެ. އެއީ ރައްޔިތުންގެ ހިތްތައް ކެކި އުތުރި އަރައިގެންދާނޭ ކަމެކެވެ. އަދި ރައްޔިތުންގެ ހިތުގައި ނަފްރަތު އުފެދިގެންދާނޭ ކަމެކެވެ. ވުމުން، ޢާންމު ކަންކަމުގައި ފާޅުކޮށް އިންކާރުކުރުން ހުއްދަވެގެން ނުވެއެވެ. ނަމަވެސް، ބައެއް ޢިލްމުވެރިން، ވެރިޔާގެ މައްޗަށް ފާޅުގައި އިންކާރުކުރުން ހުއްދަކަމުގައި ދެކެވަޑައިނުގަންނަވާ ޙާލު، ވަޒީރުންނާއި އެއަށްވުރެ ދަށްފަންތީގެ މީހުންނަށް ފާޅުގައި އިންކާރުކުރުން ހުއްދަކަމުގައި ދެކެވަޑައިގަންނަވައެވެ. އެހެނަސް، ވެރިންނަށް ފާޅުގައި އިންކާރުކުރުން މުސްލިމުންގެ މައްޗަށް ނަހީކުރެވުނު ޙިކުމަތް، އެ ވެރިޔާގެ ނައިބުންނާއި ވެރިޔާ ޢައްޔަންކުރާ އެހެން ފަރާތްތަކަށް އިންކާރުކުރުމުގައި ވެސް އެކުލެވިގެންވެއެވެ. އެހެނީ، އެ ފަރާތްތަކަށް ފާޅުގައި އިންކާރުމުން، އެކަންކަން ވެރިޔާއަށް ނިސްބަތްވުމަށް މަގުފަހިވެގެން ދެއެވެ. އަދި އެ ޤައުމަށް ފަސާދަ ނިސްބަތްކުރެވުމަށް މަގުފަހިވެގެން ދެއެވެ. އަދި ޢާންމު މީސްތަކުންގެ ހިތްތައް ކެކި އުތުރި އަރައިގެން ދެއެވެ. އަދި އޭގެ ނިމުމަށް ޘަނާ ނުކިޔޭނޭފަދަ ނިމުމަކަށް އޭގެ ސަބަބުން ވާސިލްވެގެން ހިނގައިދާނެއެވެ.
ފަހަރެއްގައި، މި ބާބުގައި ބައެއް ޢިލްމުވެރިން ވިދާޅުވެފައިވާ ބަސްފުޅުތައް ބޭނުންކޮށްގެން، ހަވާނަފްސުގެ އަހުލުވެރިން، މުސްލިމް ވެރިޔާގެ މައްޗަށް ޢާންމު މީސްތަކުން ނެރުމަށް މަސައްކަތްކޮށްފާނެއެވެ!" الأصول السّنيّة البهيّة، 242-243


އެއަށްފަހު ދަންނާށެވެ! އަޙްމަދު ސަމީރެވެ. އެއްވެސް ޢިލްމުވެރިޔަކީ ކުށުން ސަލާމަތްވާނޭ މީހެއް ނޫނެވެ. ޢިލްމުވެރިންނަކީ މައުޞޫމު ބަޔެއް ނޫނެވެ. ވެރިންގެ ފަރާތުން، ނުވަތަ ވެރިޔާގެ ވަޒީރުންގެ ފަރާތުން ފާޅުވާ ކުށްތަކަށް އިންކާރު ކުރުމުގައި ޢިލްމުވެރިޔަކަށްވެސް ކުށް ކުރެވިދާނެއެވެ. އެހެނަސް، ތިޔަބައިމީހުންނަކީ ޢިލްމުވެރިންގެ ކުށްތަކަކީ އެއީ ތިޔަބައިމީހުން ތަބާވާ ދީނެއްކަމުގައި ހަދާ ބައެކެވެ. އަދި ޢިލްމުވެރިޔާގެ އެކުށަކީ ތިޔަބައިމީހުން އެ ކުށެއްގެ މައްޗަށް ތިޔަބައިމީހުންގެ ޖަމާޢަތް ތަރުބިއްޔަތު ކުރާ އެއްޗަކަށް ހަދަމުއެވެ.

 

رفع الاشتباه عن معنى العبادة والإله وتحقيق معنى التوحيد والشرك بالله މިނަން ކިޔުނު ފޮތުގައި (2/294) الشيخ عبد الرّحمن بن يحيى المعلمي -رحمه الله- ވިދާޅުވެފައިވެއެވެ. "އަދި ތިބާ ދަންނާށެވެ! ހަމަކަށަވަރުން، ބައެއް އިޚްލާޞްތެރިނަށް ކުށް ކުރެވުމަށް  ފަހަރެއްގައި ﷲ تعالى  މިންވަރުކުރަށްވައިފާނެއެވެ. އެއީ އެނޫން މީސްތަކުންނަށްވާ އިމްތިޙާނެއްގެ ގޮތުގައެވެ. އެ މީސްތަކުން އެބޭފުޅާގެ ބަސް ދޫކޮށް ޙައްޤު ޤަބޫލުކުރާނީ ތޯއެވެ؟ ނުވަތަ އެބޭފުޅާގެ މާތްކަމާއި ޤަދަރުގެ ސަބަބުން ޣުރޫރުވެގެން ދާނީތޯއެވެ؟ އެބޭފުޅާއަށް ވަނީ ޢުޛުރު ލިބިވަޑައިގެނެންވެ. އަދި ކިއެއްތަ! އެބޭފުޅާ ކުރެއްވި އިޖްތިހާދާއި، ހެޔޮ ޤަޞްދުފުޅާއި، އެކަމުގައި އިހްމާލުވެވަޑައިގެންފައި ނުވާ ކަމަށްޓަކައި އެބޭފުޅަކަށް އަޖުރު ލިބިގެން ވެއެވެ. އެހެނަސް، ﷲ تعالى  ގެ ފޮތާއި، އެކަލާނގެ ރަސޫލާ صلّى الله عليه وسلّم ގެ ސުންނަތުގައި ހުރި ޙަޤީޤީ ޙުއްޖަތްތަކަށް ބެލުމެއް ނެތި، އެބޭފުޅާގެ މާތްކަމުގެ އަވާގައި ޖެހި، އެބޭފުޅާގެ ބަސްފުޅަށް ތަބަޢަވެއްޖެ މީހާއަށް  އެކަމުގައި ޢުޛުރެއް ލިބިގެން ނުވެއެވެ. އަދި ކިއެއްތަ! އެފަދަ މީހަކު ވަނީ ނުހަނު ބޮޑު ނުރައްކަލަކަށް ހުށަހެޅިފައެވެ."


الإمام ابن رجب -رحمه الله-  ވިދާޅުވެފައިވެ އެވެ. "އެކަމުގައި އިޖްތިހާދުކޮށް ރަސޫލާ صلّى الله عليه وسلّم ގެ ބައެއް އަމުރުފުޅުތަކާ ޚިލާފްްވުމުގެ ޤަސްދެއްނެތި، ކުށަކަށް އަރައިގަނެފައިވުމަކީ މި އުއްމަތުގެ އެންމެ ބޮޑެތި ޢިލްމުވެރިންނާ އަދި މުޞްލިޙުންގެ ތެރެއިން ވަރަށްގިނަ ބޭކަލުންނަށް ވެއްޓިވަޑައިގެންފައިވާ ކަމެކެވެ. އަދި މިކަމުގައި އެބޭކަލުންނަށް ފާފައެއްނެތެވެ. އަދި ކިޔެއްތަ، އޭގެ ޞާޙިބާ އެކަމުގައި ކޮށްފައިވާ އިޖްތިހާދަށް، އޭގެ އަޖުރު ލިބިވަޑައިގަންނަވާނެ އެވެ. އަދި އެކުށް އެބޭކަލެއްގެ ކިބައިން ނުހިއްޕެވޭނެ އެވެ. އަދި މިކަންތައްތަކާ އެކުގައި ﷲ އަށްޓަަކައި ނަޞޭޙަތްތެރިވުމާއި، އެ އިލާހުގެ ރަސޫލާއަށްޓަކައި ނަޞޭޙަތްތެރިވުން އަދި އެންމެހައި މުސްލިމުންނަށް ނަޞޭޙަތްތެރިވުމަށް ރަސޫލާ صلّى الله عليه وسلّم އަމުރުފުޅު ކުރައްވާފައިވާ ޢިލްމްއިން މަނާވުމެއް ނުވެ އެވެ. އަދި އެ ފަރާތުގެ މާތްމަތިވެރިކަމަކީވެސް ރަސޫލާ صلّى الله عليه وسلّم ގެ އަމުރުފުޅާ ޚިލާފަށް ކުށްކުރެވުން މަނާކުރާކަމެއް ނޫނެވެ. އަދި އެ ޚިލާފްވި ފަރާތަށް ލިބިވަޑައިގެންވާ ޤަދަރު އަދި މަތިވެރިކަން އެހިނދު ލިބިވަޑައިގަންނަވާނެ އެވެ. އެހެނަސް އެފަރާތަކަށް އޮންނަންޖެހޭ ޙައްޤަށްވުރެ ރަސޫލާ صلّى الله عليه وسلّم އަށް އޮންނަންޖެހޭ ޙައްޤު އިސްވެގެންވެ އެވެ. އަދި ރަސޫލާ صلّى الله عليه وسلّم އަކީ މުއުމިނުންނަށް އެބައިމީހުންގެ ނަފްސަށްވުރެންވެސް އައުލާވެގެންވާ ފަރާތެއްކަމުގައިވެ އެވެ." الحكم الجديرة باالإذاعة 33


زياد بن حُدير -رحمه الله-  ވިދާޅުވެފައިވެ އެވެ. "ތިމަންގެ ގާތުގައި عمر بن الخطاب ވިދާޅުވި އެވެ. އިސްލާމްދީން ހަލާކުވެދަނީ ކިހިނެތްކަން ދަންނަމުހެއްޔެވެ؟" ތިމަން ދެންނެވީމެވެ. ނުދަންނަމެވެ. އެހިނދު ވިދާޅުވި އެވެ. "އިސްލާމްދީން ހަލާކުވެގެންދަނީ ޢިލްމުވެރިޔާއަށް ކުރެވޭ ކުށުންނާއި، ﷲގެ ފޮތުން މުނާފިޤުންނާއި ޖަދަލު ކުރުމާއި އަދި މަގުފުރެދިފައިވާ އިމާމުންގެ ޙުކުމްތަކުގެ ސަބުންނެވެ." الدارمي في السنن  1-82


الإمام الشاطبي -رحمه الله-  ވިދާޅުވެފައިވެ އެވެ. "ހަމަކަށަވަރުން ސަލަފުއް ޞާލިޙުން ޢިލްމުވެރިންނަށް ކުރެވޭ ކުށްތަކުގެ މައްޗަށް އިންޒާރު ދެއްވާފައިވެ އެވެ. އަދި އެފަދަ ކުށްތަކަކީ އެއީ އިސްލާމް ދީން ހަލާކުކޮށްލާ ކަންތަކެއް ކަމުގައި ބަޔާންކުރައްވާފައިވެ އެވެ. ފަހެ، ހަމަކަށަވަރުން އެކަންތައްތައް މީސްތަކުންގެ ތެރޭގައި އެންމެހައި ހިސާބުތަކަށް ފެތުރި، އެއީ ދީންކަމުގައި ބަލައިގަނެވެ. އެހެނަސް އެއީ ދީނާއި ދެކޮޅު ކަމެކެވެ. ފަހެ، އެހިނދުގައި އެކުށަކީ އެއީ ދީނުގައި ޙުއްޖަތެއްކަމުގައި (ދަލީލެއް) ކަމުގައިވެ އެވެ." الإعتصام  2-349


ابن عبد البر -رحمه الله-  ވިދާޅުވެފައިވެ އެވެ. " أحمد بن شُعيب ލިޔުއްވާފައިވާ ފޮތުގައި ވިދާޅުވެވައިވެ އެވެ. ހަމަކަށަވަރުން ނަބީޛުގެ ތެރެއިން އެބުއިމުން މަސްތުވެދާ ތަކެތި ޙަލާލުވެގެންވާ ކަމުގައި ވިދާޅުވީ إبراهيم النخعي އެވެ. މިއީ ޢިލްމުވެރިއަކަށް ކުރެވިފައިވާ ކުށެކެވެ. ފަހެ، ޢިލްމުވެރިންނަށް ކުރެވޭ ކުށްތަކުގެ މައްޗަށް އަހަރެމެންނަށް އިންޒާރުދެވިފައިވެ އެވެ. އަދި ސުންނަތް ފާޅުވުމަށްފަހު އޭގެ މައްޗަށް އެއްވެސް މީހެއްގެ ބަސްފުޅަކީ ޙުއްޖަތެއް ކަމުގައިނުވާނެ އެވެ." التمهيد 1-255  


ނުހަނު ބޮޑެތި ޢިލްމުވެރި ބޭފުޅުންގެ ތެރެއިން ބައެއްބޭކަލުން ކަމުގައިވާ إبراهيم النخعي އަދި  الشعبي ފަދަ އިމާމުން އޭގެ މައްޗަށް ޚިލާފް އުފެދިފައިވާ ނަބީޛްގެ މައްޗަށް ކޫފާގައި الإمام عبد الله بن مبارك ކުރެއްވި ޢީލްމީ ބަޙުޘް އަދި އެބޭފުޅުންގެ ބަސްފޫލުތަކުގެ މައްޗަށް ރައްދުދެއްވަައި الإمام عبد الله بن مبارك ދެއްވެވި ޖަވާބު ބަޔާންކުރައްވާ الإمام شيخ الإسلام ابن تيمية -رحمه الله-  ވިދާޅުވެފައިވެ އެވެ. " الإمام عبد الله بن مبارك ހަމަކަށަވަރުން ވިދާޅުވެފައިވާ ބަސްފުޅުތަކަކީ އެންމެހައި ޢިލްމުވެރިންގެ މެދުގައި އިއްތިފާޤްވެވަޑައިގެންވާ ބަސްފުޅުތަކެކެވެ. ފަހެ، ހަމަކަށަވަރުން އުއްމަތަށް އެންމެ ކުރީއްސުރެން ފާޅުވި އެންމެ ބޮޑެތި (ފަރުބަދަ، ދިދަ) ފަދަ ޢިލްމުވެރިންނާއި އަދި ފަހުގެ ދުވަސްތަކުގައި ފާޅުވި ޢިލްމުވެރިންގެ ތެރެއިން ބައެއް ބޭފުޅުންނަށް އެކަމުގައި ސުންނަތް ވަންހަނާވެފައި ވުމުގެ ސަބަބުން ވިދާޅުވެފައިވާ ބަސްފުޅުތަކާއި ޢަމަލުފުޅުތައްވެ އެވެ. މިއީ އެކަމުގައި އަދަދު ނުކުރެވޭހާ ގިނަ ކަންތައްތަކެއް ބަޔާންވެގެންވާ ބާބެކެވެ. އަދި އެއާއެކު މިއީ އެބައިމީހުންގެ ޤަރަދަށް އުނިކަން އަންނާނެ ކަމެއްވެސް ނޫނެވެ. އަދި އެބޭކަލުންނަށް އެކަމުގައި ތަބަޢަވުން ހުއްދަވެގެންވެސް ނުވާނެ އެވެ." الفتاوى الكبرى 3-176  


***

އެއަށްފަހު ބުނަމެވެ! އަޙްމަދު ސަމީރެވެ! "އިރުޝާދުގެ ސިޓީ" ގެ ނަމުގައި ތިބާ އަހަންނަށް ލިޔެފައިވާ ދެވަނަ ސިޓީގެ އަށާރަވަނަ ސަފްހާގައި ތިބާ އަހަރެންގެ މައްޗަށް ލާޒިމް ކުރުވަން މަސައްކަތްކޮށްފައިވާ ބޮޑު ޖަރީމާއަށް ބަލައިބަލާށެވެ! ތިބާ ލިޔެފައި ވެއެވެ. "ވީމާ، މިހާ ހިސާބުން މިހެދުނު، ހިސާބު ނަންބަރުގެ ނަތީޖާއަކަށް ވާން އޮތީ ދެގޮތެކެވެ. އެއީ އެއްގޮތަކީ އައްޝައިޚް ޢަބްދުލް މުޙްސިން އަލް ޢައްބާދު ސަލަފުއް ޞާލިޙުންގެ މަންހަޖުން އެއްކިބާވެފައިވާ ބިދުޢަވެރިއެއް ކަމުގައި ވުމެވެ. އެހެން ވެއްޖެނަމަ، އެބޭކަލެއްގެ ގާތުން ކިޔެވި މީހުންވެސް ވާނީ ބިދުޢަވެރިންގެ ގާތުން ކިޔެވި މީހުން ކަމުގައެވެ. އަނެއް ގޮތަކީ މުޙައްމަދު ޙަސަނަކީ ސަލަފުއް ޞާލިޙުންނާއި އެބޭކަލުންނަށް ތަބާވެ ވަޑައިގެން ރައްބާނީ ޢިލްމުވެރިންގެ މަންހަޖުން އެއްކިބާވެފައިވާ ބިދުޢަވެރިއެއް ކަމުގައި ވުމެވެ."


އަޙްމަދު ސަމީރެވެ! ތިބާގެ މިބަސްތައް ކިޔާލުމުން ހަނދާނަށް އަންނަނީ ނަބިއްޔާ صلّى الله عليه وسلّم ޙަދީޘްކުރަށްވާފައިވާ ޙަދީޘްފުޅެކެވެ. أبو مسعود عقبة بن عمرو الأنصاري -رضي الله عنه- ވިދާޅުވިއެވެ. ރަސޫލު ﷲ صلّى الله عليه وسلّم ޙަދީޘްކުރެއްވިއެވެ.  ((إن مما أدرك النّاس من كلام النّبوّة الأولى: إذا لم تستح فاصنع ما شئت)) رواه البخاري  މާނައަކީ: "ހަމަކަށަވަރުން، ކުރީގެ ނަބީކަމުގެ ބަސްފުޅުތަކުގެ ތެރެއިން މީސްތަކުންނާ ހަމަޔަށް ފޯރާފައިވާ ބަސްފުޅުތަކުގެ ތެރޭގައި ހިމެނެއެވެ: ތިބާ ލަދު ނުގަންނަ ނަމަ ތިބާ އެދޭ ކަމެއް ކުރާށެވެ!"


އަޙްމަދު ސަމީރެވެ! ޢިލްމުވެރިންގެ ޤަދަރަކީ ކިހާވަރެއްގެ އެއްޗެއްކަން އެނގޭ ކަމަށް ދަޢުވާކުރާ މީހަކު މިފަދަ ކަމަކަށް އަރައިގަންނާނޭ ކަމަށް ހިޔެއް ނުކުރަމެވެ. ނިކަން ބަލައިބަލާށެވެ! ތިބާ އަހަރެންގެ މައްޗަށް ލާޒިމް ތިކުރަނީ އަހަރެން ނުހަނު ލޯބިވާ، އެ ޢިލްމުވެރިޔެއްގެ އަރިހުން އަހަރުތަކެއް ވަންދެއް އަހަރެން ޢިލްމު ޙާޞިލް ކުރި ޢިލްމުވެރިޔާ ބިދުޢަވެރި ކުރުމަށެވެ! އެއީވެސް ބިދުޢަވެރިކުރުން ލާޒިމްކުރުވޭނޭ އެއްވެސް ދަލީލަކާއި ނުލައެވެ! މިއިންވެސް ދޭހަވަނީ ތިބާއަށް ސަލަފުއް ޞާލިޙުންގެ މަންހަޖު އޮޅުން ފިލާފައި ނުވާކަމެވެ. ސަލަފިއްޔަތަކީ ކޮބައިކަން ނޭނގޭ ކަމެވެ. ޢިލްމުވެރިން ބިދުޢަވެރިކުރުމަކީ އަހަރެމެން ފަދަ ޢާންމު ކިޔަވާ ކުދިން ކުރަން އޮތް ކަމެއް ނޫނެވެ. އެކަން ކުރަންޖެހިއްޖެ ޙާލަތެއްގައި އެކަން ކުރާނޭ ޢިލްމުވެރިން ދުނިޔެމަތީގައި އެބަ ތިއްބެވެ. އަދި ހަމައެއާއެކު ދަންނާށެވެ! ޢިލްމުވެރިޔަކަށް، ނުވަތަ އެ ޢިލްމުވެރިއެއްގެ އަރިހުން ޢިލްމު އުނގެނޭ ދަރިވަރަކަށްވެސް ކުށެއް ކުރެވިދާނެއެވެ. ނަމަވެސް، ކޮންމެ ކުށަކީ އެއީ ބިދުޢަވެރިކޮށް، ގުޅުން ކަނޑަަންޖެހޭ ކުށެއް ނޫނެވެ. 


ބުނަމެވެ! ތިބާއާއި ތިބާގެ ޖަމާޢަތުގެ މީހުން މީސްތަކުންނަށް ދައްކަން ބޭނުންވާ މަންޒަރު ވަރަށް ސާފެވެ. މަކަރުވެރިކަމުގެ އިންތިހާއެވެ! ތިޔަބައިމީހުން ބޭނުންވަނީ ޢާންމު މީސްތަކުންގެ ގާތުގައި ސަލަފީންގެ އަގު ވައްޓާލައި ތަޞައްވުރު ނުބައި ކުރުމަށެވެ. އެގޮތުން، ސަލަފީންނަކީ ވަކި ހަމައެއް ލަމައެއް ނެތި ޢިލްމުވެރިންނާއި އެހެނިހެން މީސްތަކުން ބިދުޢަވެރިކުރާ ބައެއްކަމުގައި މީސްތަކުންނަށް ތިޔަބައިމީހުން ބަޔާންކޮށްދެމުއެވެ. މި ލިޔުމުގައިވެސް ތިބާގެ ކިބައިން މި ފެނުނީ އެ މަސައްކަތުގެ ސިލްސިލާއަށް ބޮޅެއް އިތުރު ކޮށްލިތަނެވެ. ބުނަމެވެ! މި ތުހުމަތު އަހަރެމެންގެ މައްޗަށް ކުރާ މީސްތަކުން ﷲ އަށް ބިރުވެތިވުން ހުއްޓެވެ! ޞަރިީޙަކޮށް ބުނަމެވެ! އެމީހެއްގެ ކިބައިން ބިދުޢަ ފާޅުވެ، އެ ބިދުޢަޔަކަށް އެމީހަކު ދަޢުވަތުދީ، ބިދުޢަވެރިއެއްގެ ޙުކުމް އެމީހަކަށް ޖެހުން މަނާކުރާނޭ އެއްޗެއް ނެތިވެ، ޙުއްޖަތް ޤާއިމްވުމަށްފަހުގައި ނޫނީ މީހުން ބިދުޢަވެރި ކުރުމެއް ނުވެއެވެ. އަދި މިފަދަ ޙުކުމްތައް މީސްތަކުންގެ މައްޗަށް ޖެހުމުގައި އެންމެ ސަލާމަތްތެރި ގޮތަކީ ބޮޑެތި ރައްބާނީ ޢިލްމުވެރިންނަށް ރުޖޫޢަވުމެވެ.


ފަހަރެއްގައި، ތިބާގެ ލިޔުން ތިބާ އެގޮތަށް ލިޔެފައިވަނީ ތިބާއަށް ލިބިފައިވާ ޢިލްމުގެ އުނި ކަމުން ކަމުގައިވެސް ވެދާނެއެވެ. ތިބާއަށް ހީވަނީ ކުށެއް ކުރުުމުން އޮތީ ދެގޮތުން ކުރެ އެއްގޮތް ކަމުގައި ހެއްޔެވެ؟ އެއްގޮތަކީ އެ ކުށް ކުރި މީހާ ބިދުޢަވެރި ވުމެވެ. އަނެއް ގޮތަކީ އެ ކުށް ނުކުރާ މީހުން، ނުވަތަ އެ ކުށަށް ތަބާ ނުވާ މީހުން ބިދުޢަވެެރި ވުމެވެ! މިއީ ތިބާއަށް މި ކަމުގައި ފެންނަ ހަމައެކަނި ދެ ގޮތް ހެއްޔެވެ؟ ބިދުޢަވެރި ކުރުމުގައި ތިބާ 'ތިހަދާ ހިސާބުގެ' ނުބައި ކަމާއެވެ! އަދި ބިދުޢަވެރިކުރުމުގައި ތިބާ ތިޔަ ބަޔާންކުރާ މަންހަޖުގެ ނުރައްކާތެރިކަމާއެވެ!


އަޙްމަދު ސަމީރެވެ! ރުޅިވެރިކަމާއި ނަފްރަތު ކުރުމަކީ، ބަނގުރަލުގެ ސަބަބުން މީހާ މަސްތުވެގެންދާ ފަދައިން 'މަސްތުކޮށްލާ' އެއްޗެކެވެ! އަމިއްލަ ގަލަމާއި ދުލުގެ މައްޗަށް ބާރު ފޯރުވާށެވެ! އަންނަ ރުޅިއެއްގެ ސަބަބުން ޢަދުލުވެރިކަމާއި ޝަރުޢީ ޢިލްމުގެ އިންތައް ފަހަނަޅައި ނުދާށެވެ! ތިބާގެ ރުޅިވެރިކަމާއި ނަފްރަތުގައި އަހަރެންގެ މައްޗަށް ނުހަނު ދޮގުތަކެއް ހަދައިފީމުއެވެ. އެތަކެއް ތުހުމަތުތަކެއް އަހަރެންމެ މައްޗަށް ކޮށްފީމުއެވެ. އެފަދައިން ތިބާ ހަދާފައިވާ ދޮގުތަކާއި ތުހުމަތު ތަކުގެ ތެރެއިން ތިރީގައިވާ ބަސްތައް މިސާލެއްގެ ގޮތުގައި ބަޔާންކުރަމެވެ.

ތިބާ ބުނެފައިވެއެވެ. "ތިމަންނާއަކީ ޝެއިޚް ޢައްބާދުގެ ދިވެހި ރާއްޖޭގައި ހުރި ހަމައެކަނި ދަރިވަރު ކަމަށް ތި ކުރާ ދަޢުވާގައި ޙުކުމް ކުރުންވެސް ދޫކޮށްލަނީ މުޙައްމަދު ޙަސަނަށެވެ."

މި ބަސްތައް ކިޔާލުމަށްފަހު، އަހަރެން އަޙްމަދު ސަމީރަށް ކަމެއް ހަދާންކޮށްދޭން ބޭނުންވެއެވެ. އެއީ ޅެންވެރިޔާގެ މި ބަހެވެ.


ظالم ން އަނިޔާ ކުރާއިރު ބައްލަވަން مرصاد ގައި
                خالق الكونين ވާކަން ނޭނގެނީތަ ޢަޖައިބެކޭ!


މި ބައިތަކީ އެެއް އިރަކު އަޙްމަދު ސަމީރު އަހަންނަށް ހަނދާންކޮށްދިން ބައިތެކެވެ. މިއަދު އަޙްމަދު ސަމީރަށް މި ބައިތު ހަނދާންކޮށްދޭން މިއޮތީ ޖެހިފައެވެ. 


އަޙްމަދު ސަމީރެވެ! އަޑުއަހާށެވެ! ދުވަހަކުވެސް، އަހަރެންގެ އެއްވެސް ދަރުހެއްގައިވެސް، އެއްވެސް ބައްދަލުވުމެއްގައިވެސް، ތިޔަ ބުނާ ފަދަ ދަޢުވާއެއް އަހަރެން ކޮށްފައި ނުވާނެއެވެ. الشيخ العبّاد -حفظه الله-  ގެ އަރިހުން ޢިލްމު އުނގެނުނު ދިވެހި ހަމައެކަނި ދަރިވަރަކީ އަހަރެން ކަމުގައި ބުނެފައި ނުވާނެއެވެ. އަދި ކިއެއްތަ، އަހަރެން ޝައިޚްގެ އަރިހުން ޢިލްމު ޙާޞިލްކުރި އިރު، އެއިރު، އަހަންނާއެކު އަހަރެންގެ ނުލާހިކު ގާތް އެހެން އަޚުންތަކެއްވެސް އެ ދަރުސްތަކަށް ޙާޟިރުވަމުން ދިޔަ ވާހަކަ އެއީ އަހަރެން އަބަދުވެސް ދައްކާ ވާހަކަ އެކެވެ. ސަމީރެވެ! ﷲ އަށް ބިރުވެތިވާށެވެ! އަހަރެންގެ މައްޗަށް ބުހުތާނު ދޮގު ހަދައިގެން އެކަލާނގެ ޙަޟްރަތުން ތިބާއަށް ލިބޭނޭ އެއްވެސް މަންފާއެއް ނޯންނާނެއެވެ. އެހެނަސް، މިއީ އަހަރެން ޢަޖައިބުވާ ކަމެއް ނޫނެވެ. އެހެނީ، މިއީ ތިބާ އާއި ތިބާގެ ޖަމާޢަތުގެ މީހުންގެ ކިބައިން މިފަދަ ކަމެއް ފެނުނު ފުރަތަމަ ފަހަރެއް ނޫނެވެ. 

***

ތިބާގެ ލިޔުމުން، ދިވެހި މުސްލިމް މުޖުތަމަޢުއަށް އަންގައިދޭން ބޭނުންވަނީ، ވެރިންނާއި ރަސްކަލުން އެ ބޭފުޅުންގެ ރަސްކަމުގައި ކުރައްވާ ކަންކަން އިންޓަނެޓްގައި އަދި ފާޅުކަންބޮޑު ގޮތުގައި މީޑިޔާގައި އަދި ޕޯޑިއަމް ތަކުގައި ދެއްކުމަކީ އެއީ އެކަން ކުރަންއޮންނަ ގޮތްކަމުގައި ހެއްޔެވެ؟ ސަބަބަކީ މިއީ ތިބާއާއި ތިބާގެ ޢައުވާނުންވެސް އެފަދައިން ކަންތައްތައް ކުރާގޮތް ކަމުގައި ވުމުންނެވެ. ދަލީލަށް ފެނުނީ ޢިލްމުވެރިއެއް އެފަދައިން ޢަމަލު ކުރައްވާ ތަން ހެއްޔެވެ؟ ﷲގެ ޝަރީޢަތުގެ ދަލީލުތައް ހުއްޖަތެއްކަމުގައި ނުވެ، ދިވެހި އުއްމަތަށް ބަޔާންކޮށްދެނީ ޙަދީޘް އާއި އުއްމަތުގެ އެކިއެކި ޤަރުނުތަކުގައި ވަޑައިގެންނެވި އިމާމުންގެ ބަސްފުޅު އެއީ ދަލީލާއި ދިމާނުވާ ބަސްފުޅުތައް ކަމުގައި ހެއްޔެވެ؟


عياض بن غنم -رضي الله عنه-   ނަބިއްޔާ صلّى الله عليه وسلّم އަރިހުން ރިވާކުރައްވާފައިވެ އެވެ. ނަބިއްޔާ صلّى الله عليه وسلّم ޙަދީޘް ކުރެއްވި އެވެ. «
مَنْ أَرَادَ أَنْ يَنْصَحَ السُّلْطَانٍ بِأَمْرٍ فَلَا يُبْدِهِ عَلَانِيَةً، وَلَكِنْ لِيَأْخُذْ بِيَدِهِ، فَيَخْلُو بِهِ، فَإِنْ قَبِلَ مِنْهُ فَذَاكَ، وَإِلَّا كَانَ قَدْ أَدَّى الَّذِي عَلَيْهِ لَهُ» " ވެރިޔާއަށް ނަޞޭހަތް ދޭން ބޭނުންވާ މީހާ އެކަން ފާޅުކޮށް (މީސްތަކުންނަށް އެނގޭނޭ ފަދައިން) ނުކުރާށެވެ. އެހެނަސް، ވެރިޔާގެ އަތުގައި ހިފައިގެން މީސްތަކުންނާ ވަކިވެ ގަންނާށެވެ. ފަހެ، އޭނާ (އެ ނަޞޭޙަތް) ޤަބޫލުކޮށްފިނަމަ، ފަހެ، (އެދެވިގެންވީ ކަމަކީ) އެއީއެވެ. އެހެން ނޫންނަމަ (އެބަހީ: ނަޞޭޙަތް ޤަބޫލުނުކުރިޔަސް) ތިބާ އެވެރިޔާއަށް އަދާކުރަންޖެހޭ ކަންތައްް އެހިނދު ތިބާ އަދާކޮށްފިއެވެ." رواه أحمد (15333)، الحاكم (3/290) އަދި السّنة ގައި ابن أبي عاصم (1096-1098) 


އިސްވެ ބަޔާންވެދިޔަ ޙަދީޘުން އަޙުމަދު ސަމީރަށް ބަޔާންވަނީ ޙަދީޘުން ދަލީލުކުރެވެނީ ވެރިޔާއަށް ނަޞޭޙަތްދިނުންވަނީ ސިއްރުގައިތޯ ނުވަތަ ފާޅުކަންބޮޑު ގޮތުގައި ހެއްޔެވެ؟ ނުވަތަ ވެރިޔާގެ ކުށްތައް މަޝްހޫރުކޮށް މިމްބަރުތަކުގެ މަތީގައި ނުވަތަ ޙަފްލާތަކުގައި އަދި މިސްކިތްތަކުގައި އާއި ނޫސް ކަރުދާސްތަކުގަ އާއި މަޖައްލާތަކުގައި ބަޔާންކުރުން ހުއްދަވެގެންވާ ކަމުގައި ހެއްޔެވެ؟ ނުވަތަ އެކަން ކުރުންއޮތީ ވަންހަނާ ވެގެންވާ ގޮތުގައި ހެއްޔެވެ؟ ނުވަތަ ފާޅުކަންބޮޑު ގޮތުގައި ޢަމަލުކުރާ މީހާ އަދި މިފަދަ ޢަމަލުކުރާ މީސްތަކުން ކުރާކަންތައްތަކީ އެއީ ޙައްޤު ކަމުގައި ހެއްޔެވެ؟ 
އިސްވެ ބަޔާންވެގެންވާ ޙަދީޘަކީ މުސްލިމް ވެރިންނަށް ނަޞޭޙަތްްތެރިވުމަށް ބަޔާންވެގެންވާ މަންހަޖު ސިފަކޮށްފައިވާ ޙަދީޘެކެވެ. އެއްވެސް ޝައްކެތްނުވާ ގޮތުގައި ރަސޫލާ صلّى الله عليه وسلّم އުނގަންނަވައި ދެއްވާފައިވާ މަގު ޚިޔާރުކޮށްފީ މީހާ އޭނާ އަދާކުރަންޖެހޭ މަސްއޫލިއްްޔަތު ފުރިހަމައަށް އަދާކޮށްފި އެވެ. 


ޙުއްޖަތް އޮތީ ޤުރުއާނާއި ސުންނަތުގައެވެ. އެވެނި މީހަކު ބުނެފައިވާ ބަސްތަކުގައި ނުވަތަ މިވެނި މީހަކު ކުރާ ޢަމަލެއްގައި ނޫނެވެ. އެއީ ކޮންމެ ފަދަ ކިތަންމެ މޮޅު މީހެއްކަމުގައި ވިޔަސްމެ އެވެ. ﷲ عزّوجلّ ވަޙީކުރައްވާފައިވެ އެވެ.
إِنَّمَا كَانَ قَوْلَ الْمُؤْمِنِينَ إِذَا دُعُوا إِلَى اللَّهِ وَرَسُولِهِ لِيَحْكُمَ بَيْنَهُمْ أَن يَقُولُوا سَمِعْنَا وَأَطَعْنَا ۚ وَأُولَٰئِكَ هُمُ الْمُفْلِحُونَ (51) وَمَن يُطِعِ اللَّهَ وَرَسُولَهُ وَيَخْشَ اللَّهَ وَيَتَّقْهِ فَأُولَٰئِكَ هُمُ الْفَائِزُونَ (52) (النور 051-052)  "އެބައިމީހުންގެ މެދުގައި، ޙުކުމް ކުރެއްވުމަށް اللهއާއި، އެކަލާނގެ ރަސޫލާގެ އަރިހަށް އައުމަށް، އެބައިމީހުނަށް ގޮވައިލައްވައިފި ހިނދު މުއުމިނުންގެ ބަސް ވާކަން ކަށަވަރީ، ތިމަންމެން އަޑުއަހައިފީމުއޭ، އަދި ތިމަންމެން ކިޔަމަންވެއްޖައީމުއޭ، އެބައިމީހުން ބުނުމެވެ. އަދި ދިންނަވާނޭ މީހުންނީ، ހަމަ އެބައިމީހުންނެވެ. އަދި الله އާއި، އެކަލާނގެ ރަސޫލާއަށް ކިޔަމަންވެ، އަދި الله އަށް ބިރުވެތިވެ، އެކަލާނގެއަށް ތަޤްވާވެރިވެއްޖެ މީހާ (ދަންނާށެވެ!) ފަހެ އެބައިމީހުންނީ ހަމަ ނަޞީބުލިގެންވާ މީހުންނެވެ."


އަދިވެސް الله ވަޙިކުރައްވާފައިވެ އެވެ.
وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّهُ وَرَسُولُهُ أَمْرًا أَن يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ ۗ وَمَن يَعْصِ اللَّهَ وَرَسُولَهُ فَقَدْ ضَلَّ ضَلَالًا مُّبِينًا (الأحزاب 036)  "އަދި الله އާއި، އެކަލާނގެ ރަސޫލާ ކަމަކަށް ނިޔާކުރައްވައިފި ހިނދު، މުއުމިން ފިރިހެނަކަށްވެސް އަދި މުއުމިން އަންހެނަކަށް ވެސް، އެބައިމީހުންގެ އެކަމުގައި އެބައިމީހުންނަށް އިޚްތިޔާރު އޮތުމަކީ ނެތް ކަމެކެވެ. الله އަށާއި، އެކަލާނގެ ރަސޫލާއަށް އުރެދިއްޖެ މިހާ (ދަންނާށެވެ!) ފަހެ، ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު މަގުފުރެދިއްޖެކަން ކަށަވަރެވެ."

އަދިވެސް ވަޙީކުރައްވަ އެވެ. وَإِذَا قِيلَ لَهُمْ تَعَالَوْا إِلَىٰ مَا أَنزَلَ اللَّهُ وَإِلَى الرَّسُولِ رَأَيْتَ الْمُنَافِقِينَ يَصُدُّونَ عَنكَ صُدُودًا (النساء 061) "އަދި، الله ބާވައިލެއްވި ފޮތަށާއި، ރަސޫލާ އަންގަވާ ގޮތަށް ތަބަޢަވުމަށް ތިޔަބައިމީހުން އަންނާށޭ ބުނެފިނަމަ، މުނާފިޤުން، (ނަފުރަތުވެ) އިބަ ނަބިއްޔާއަށް ފުރަގަސްދޭތީ ދެކެވަޑައިގަންނަވާނޫއެވެ." އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ. فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّىٰ يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا فِي أَنفُسِهِمْ حَرَجًا مِّمَّا قَضَيْتَ وَيُسَلِّمُوا تَسْلِيمًا (النساء 065) "އެހެނަކުން ނޫނެވެ! އިބަނަބިއްޔާގެ ވެރި އިލާހު ޤަންދެއްވާ ވަޙީކުރައްވަމެވެ. އެބައިމީހުންގެ މެދުގައި އުފެދިފައިވާ ދެކޮޅުވެރިކަމުގައި، އިބަ ނަބިއްޔާ ޙުކުމްވެރި ކޮށްދުމަށްދާންދެން، އެބައިމީހުން އީމާނެއް ނުވާނެތެވެ. އެހިނދު، އިބަ ނަބިއްޔާ ނިޔާކުރެއްވި ގޮތާމެދު އެބައިމީހުންގެ ހިތްތަކުގައި، ދަތިކަމެއް ވާކަމުގައި އެބައިމީހުން ނުދެކޭނެއެވެ. އަދި އެބައިމީހުން (އެ ނިޔާއަށް) ފުރިހަމަވެގެންވާ ކިޔަމަންވުމަކުން ކިޔަމަންވާނެއެވެ."


އަޙްމަދު ސަމީރެވެ! މި އާޔަތްތަކާއި ޙަދީޘްތަކަށްފަހުގައި ތަބަޢަވުމަށް އޮތް ދަލީލަލީ ޢިލްމުވެރިއެއްގެ ޢަމަލުފުޅު ހެއްޔެވެ؟ ނުވަތަ ޢިލްމުވެރިޔާގެ ޢަމަލުފުޅު ޞައްޙަކަމާއި ޞައްޙަ ނޫންކަން މީޒާން ކުރަންޖެހޭނީ ދަލީލުތަކުގެ މައްޗަށް ގެނެސްގެން ހެއްޔެވެ؟ 


صحيح البخاري (3267) އަދި صحيح مسلم (2989) ގައި ވާރިދުވެފައިވެއެވެ. أبو وائل شقيق بن سلمة  ވިދާޅުވިއެވެ. أسامة އަށް ދެންނެވުމެވެ. ތިބާ عثمان -رضي الله عنه- ގެ އަރިހަށް ވަޑައިގެން ވަހާކަ ނުދައްކަވާނުތޯއެވެ؟ ވިދާޅުވިއެވެ. ތިޔަބައިމީހުން ދެކެނީ، އަހަރެން ތިޔަބައިމީހުންނަށް އެކަމުގެ ވާހަކަ އަޑު ނުއިއްވާހާ ހިނދަކު އަހަރެން އެބޭފުޅާ (އެބަހީ: ޢުޘްމާން رضي الله عنه ) އާއި ވާހަކަ ނުދައްކާ ކަމުގައި ތޯއެވެ؟ ﷲ ގަންދީ ބުނަމެވެ. ހަމަކަށަވަރުން އަހަރެންނާއި عثمان -رضي الله عنه-  އާއި ދެމެދު އެކަން (ސިއްރުން) އޮންނަ ގޮތުގެމަތުން، އަހަރެން ވާހަކަ ދައްކައިފީމެވެ. އެއީ އެ ކަމުގެ (ދޮރު) ހުޅުވި ފުރަތަމަ މީހާއަކީ އަހަރެން ކަމުގައި ވުމަށް އަހަރެން ނޭދޭ ކަމެއްގެ (ދޮރު) ހުޅުވަމަކާއި ނުލައިއެވެ..."


القاضي عياض -رحمه الله-  ވިދާޅުވެފައިވެ އެވެ. "މިތަނުގައި އުސާމާ ބިން ޒައިދު -رضي الله عنه- ގެ މުރާދަކީ އަޑުހަރުކޮށް ވެރިމީހާއަށް ނަޞޭޙަތް ދިނުމުގެ ދޮރު ނުހުޅުވުމެވެ. އެއީ އެކަމުގައި އެކުލެވިގެންވާ ފާފައިގެ ބޮޑުކަމާއެކުގަ އެވެ. އެހެނަސް ނަޞޭޙަތް ދިނުން އޮތީ މަޑުމައިތިރިކަމާ އެކުގައި ސިއްރިޔާތުގަ އެވެ. ވެރިޔާ އެނަޞޭޙަތް އެންމެ ރަނގަޅަށް ޤަބޫލުކުރުން އޮތީ އެގޮތުގައި އެވެ." (فتح الباري ج 4  ص 52 އަށް ބަލާށެވެ.)


ابن النحاس  -رحمه الله-   ވިދާޅުވެފައިވެ އެވެ. "ވެރިޔާއާ ވާހަކަދެއްކުން އިޚްތިޔާރުކުރުން އޮތީ އެކަހެރިކޮށެވެ. ގިނަ މީސްތަކުންގެ ތެރޭގައި އެންްމެނަށް ޢާންްމުވެގެންދާ ގޮތުގައެއް ނޫނެވެ. ނަޞޭޙަތްދިނުމަށް ދާމީހާ ލޯބިކުރުންއޮތީ ވެރިއާއަށް ސިއްރުގައި ނަޞޭޙަތްދިނުމެވެ. ތިންވަނަފަރާތެއްނެތި ފޮރުވިގެންވާ ނަޞޭޙަތެއްގެ ގޮތުގައި ދިނުމެވެ." ( تنبيه الغافلين عن أعمال الجاهلين ص 64 )


އިމާމް الشوكاني  -رحمه الله-    ވިދާޅުވެފައިވެ އެވެ. "ކަންތައްތަކުގައި ވެރިމީހާއަށް ކުށްކުރެވޭކަން ދަންނަ މީހާ ވެރިޔާއަށް ނަޞޭޙަތްދިނުންވެ އެވެ. މިނަޞޭޙަތްދިނުން އޮތީ އެތަކެއް މީސްތަކުންގެ ކުރިމަތީގައި ފާޅުކޮށް ބަޔާންވެގެންވާ ގޮތެއްގައެއްނޫނެވެ. އެހެނަސް ޙަދީތްގައި ވާރިދުވެގެންވާ ފަދައިން ވެރިޔާގެ އަތުގައި ހިފައިގެން މީސްތަކުންނާ އެކަހެރިވެ ހުރެގެންނެވެ. ނަޞޭޙަތްދިނުމުގައި އެކަމެއް ގަދައަޅާ ބަޔާންކޮށްދޭށެވެ. الله މިދުނިޔެމަތީގައި ވެރިކަންދެއްވާފައިވާ ވެރިޔާ ދެރަނިކަމެތި މީހެއްގެ ގޮތުގައި ނަހަދާށެވެ. ވެރިމީހާގެ ޢަމަލުތައްް އިންތިހާ ދަރަޖައަށް ދިޔަކަމުގައި ވިޔަސް އެވެރިޔާއާ ދެކޮޅަށް ނުކުތުމެއްނުވެ އެވެ." ( السبل الجراد المتدق على حدائق الأزهار ج 4  ص 556 )


الشيخ محمد ناصر الدين الألباني  -رحمه الله-  ވިދާޅުވެފައިވެ އެވެ. "ވެރިން ކުރާ އެކިއެކި މުންކަރާތްތައްް މީސްތަކުންގެ ކުރިމަތީގައި އަޑުހަރުކޮށް އިންކާރުކުރުމުން އޭގެ ހިތިނަތީއްޖާ ދިއުންއޮތީ ކިހާހިސާބަކަށް ކަމެއް ނޭނގެވެ. އުޘްމާން -رضي الله عنه-  ގެ މައްޗަށް އަޑުހަރުކޮށް އިންކާރުކުރުމުން އެކަން ނިމިދިޔައީ ޚަލީފާ ޤަތުލުކުރުމާ ހަމައިންނެވެ." ( مختصر صحيح مسلم  ص 335) 


الشيخ عبد العزيز بن عبد الله بن باز -رحمه الله- ވިދާޅުވެފައިވެ އެވެ. "މީސްތަކުންގެ ކުރިމަތީގައި ވެރިންކުރާ ކުށްތަކުގެ ވާހަކަދެއްކުމާއި އެކަންތައްް އިޝްތިހާރުކުރުމަކީ ސަލަފުންގެ މަންހަޖެއްނޫނެވެ. އަދި މިކަންތައް މިމްބަރުތަކުގެ މަތީގައި ދެއްކުމަކީ ވެސް ސަލަފުންގެ މަންހަޖެއްނޫނެވެ. މިގޮތަށް ޢަމަލުކުރުމުން، ނިމުންދާނީ އިންޤިލާބުތަކަށެވެ. އަދި ވެރިންއަމުރުކުރާ ހެޔޮކަންތައްތަކުގައި ކިޔަމަންވުމުން އެއްކިބާވެގަތުމަށެވެ. އެއަށްފަހު ވެރިއާ ދެކޮޅަށްނުކުމެ ފާއިދާއެއް ޙާޞިލްނުވެ އެތަކެއް ގެއްލުންްތަކެއް ލިބިދިނުމެވެ. އެހަނަސް ސަލަފުން ނަޞޭޙަތްތެރި ވުމުގައި ތަބަޢަވެ ޤާއިމްވެ ދެމިތިއްބެވި މަގަކީ،އެބޭފުޅުންނާއި ވެރިޔާ އާއި ދެމެދުގައި (ސިއްރުން) ނަޞޭޙަތްތެރިވުމެވެ. ނުވަތަ ލިޔުމުން ނަޞޭޙަތްތެރި ވުމެވެ. ނުވަތަ ވެރިންނާ ގާތްގުޅުން އޮންނަ ޢިލްމުވެރިންނަށް ގުޅައި އެކަން ބަޔާންކޮށްދިމުނެވެ. އެއީ އެގޮތުން ވެރިންނަށް ނަޞޭޙަތްތެރިވުމަށެވެ." ( المعلوم من واجب العلاقة بين الحاكم و المحكوم   ص 22 ) 


އަޙުމަދު ސަމީރެވެ. ތިބާ އަދި ތިބާގެ ޢައުވާނުން ދިވެހި ފަސްގަޑުގައި ވެރިންނާ ދެކޮޅަށް ވެރިންގެ ކުށްތައް އިންކާރު ކުރުމާއި، ރައްޔިތުން އެދޭގޮތް ބަޔާންކުރުމުގެ އެކިއެކި ޝިޢާރުގެ ދަށުގައި ކޮށްފައިވާ ޢަމަލުތައް ޞައްޙަ ކުރުމަށް ޤުރުއާނުގެ ދަލީލުތައް ދޫކޮށް އަދި ޙަދީޘްތަކުގެ މަންހަޖު ދޫކޮށް، އަމިއްލަ ނަފްސު އަދި ޢައުވާނުންގެ ޢަމަލު ދިފާއުކުރުމަށް، ދަލީލެއްގެ ގޮތުގައި ޢިލްމުވެރިއެއްގެ ބަސްފުޅު ނެގުމާއި މެދު ދަންނައެވެ! ﷲ ގެ ޝަރީޢަތަށް ލޯބިކުރާ ކޮންމެ މުސްލިމަކަށް އެފަދަ ކަންތައްތަކުގައި ރުޖޫޢަވުން އޮތީ ޢިލްމުވެރިއަކަށް ކުރެވިފައިވާ ކުށަކަށް ނޫންކަމާއި، ޢިލްމުވެރިޔާގެ ޢަމަލު ފުޅަކީ އެއީ ޙުއްޖަތެއް ނޫންކަމާއި، ޙުއްޖަތަކީ ދަލީލުގައި ވާރިދުވެގެންވާ ގޮތްތަކަން ޢާންމު މުސްލިމް އެންމެ ދަށްފަންތީގެ ފަރުދަށްވެސް އިނގެ އެވެ. އެހެނަސް އަޙުމަދު ސަމީރަށް އެކަން ނޭނގިފައިވުމަކީ ބޮޑުވެގެންވާ ޢަޖައިބެކެވެ. މަދީނާގެ ޖާމިޢަތުލް އިސްލާމިއްޔާގެ ޢަރަބި އުނގަންނައިދޭ މަޢުޙަދުގެ އެންމެ ފުރަތަމަ ކިލާސްތަކުގައިވެސް އުނގަންނައިދޭ މަންހަޖަކީ ދަލީލަށް ތަބަޢަވުމެވެ. އަދި ދަލީލު ފާޅުވެ ބަޔާންވުމުން އެއްވެސް ޢިލްމުވެރިއެއްގެ ބަސްފުޅު ދަލީލުގެ މައްޗަށް ގެނެސްގަތުން ޙަލާލެއް ނުވުމެވެ. މިއީ ފުރަތަމަ ކިލާސްތަކުގައި އުނގަންނައިދޭ ފިލާވަޅުތަކެވެ. އަޙުމަދު ސަމީރުއަށް މި މިންވަރު އޮޅުންފިލައިފައި ނުވަނީ ހެއްޔެވެ؟ 


އިމާމް الشافعي  -رحمه الله-  ވިދާޅުވެފައިވެ އެވެ. "أجمع المسلمون على أن من استبان له سنة عن رسول الله صلى الله عليه وآله وسلم لم يحل له أن يدعها لقول أحد" "ﷲގެ ރަސޫލާ صلّى الله عليه وسلّم ގެ އަރިހުން ސުންނަތެއް ބަޔާންވުމުން، އޭގެ މައްޗަށް އެއްވެސް މީހެއްގެ ބަހެއް ގެނެސްގަތުން ޙަލާލުވެގެންނުވާ ކަމުގައި އެންމެހައި މުސްލިމުން އިޖްމާޢުވެވަޑައިގެންފައިވެ އެވެ." މިބަސްފުޅަކީ އެބަސްފުޅެއްގެ މަޝްހޫރުކަން އިންތިހާގައިވާ ބަސްފުޅެކެވެ. އަޙްމަދު ސަމީރު، މަދީނާގައި ޢަރަބި ކިޔަވާ މަޢުޙަދުގެ 3ވަނަ ކުލާސްގެ އަލް-ޤިރާއާ ފޮތުގެ 2ވަނަ ފިލާވަޅު އަލުން ކިޔާލުމުންވެސް މި ބަސްފުޅު ފެންނާނެއެވެ.

***

އަޙްމަދު ސަމީރެވެ! ތިބާ ލިޔެފައިވެއެވެ. "ހަނުތިބުމަކީ ފަހަރެއްގައިވެސް ޞަލަފުއް ޞާލިޙުންނާއި އެބޭކަލުންގެ މަގުގައި ދެމިތިއްބެވި ޢިލްމުވެރިންނާއި މުޞްލިޙުންގެ މަގެއް ނޫނެވެ.


މީގެ މާނައަކީ ސުންނަތުގައި ބަޔާންވެގެންވާ ފަދައިން ވެރިންނަށް ސިއްރިޔާތުގައި، ވަކިން ބައްދަލުކޮށް، ނުވަތަ ފޯނުން ގުޅައި، ނުވަތަ ސިޓީން ޢާންމުންނަށް ވަންހަނާވެގެންވާ ގޮތުގައި ނަޞޭޙަތް ދިނުމާއި އަދި އެފަދައިން ނަބަވީ މަންހަޖުގައި ޢަމަލު ކުރުމަކީ އެއީ ހަނުތިބުން ކަމުގައި ހެއްޔެވެ؟ އެފަދައިން ނަޞޭހަތްތެރިވުމަކީ ޢިލްމުވެރިން އަދި މުޞްލިޙުންގެ މަގު ނޫން ކަމުގައި ހެއްޔެވެ؟


މިފަދަ ނުބައި ހީކުރުންތަކާއި ތުހުމަތުތަކުން ދުރުހެލިވާށެވެ! ތިބާ ހީކުރަނީ ތިބާގެ "ގޭންގު" ގެ މީހުން ޢަމަލުކުރާ ފަދައިން މަގުތަކަށް ނުކުމެ މުޒާހަރާ ނުކުރަންޏާ، ނުވަތަ ސޯޝަލް މީޑިޔާގަ އެވާހަކައެއް ނުދައްކާނަމަ އެތިބީ ހަނު ކަމުގައި ހެއްޔެވެ؟ ޢިލްމުވެރިން ބަޔާންކޮށްދެއްވާފައިވާ ޤަވާޢިދުތަކުގެ ތެރޭގައި الحكم على الشّيء فرع عن تصوّره މި ޤަވާޢިދު ހިމެނެއެވެ. އެބަހީ: އެއްޗަކަށް ޙުކުމްކުރުން ވަނީ އެއެއްޗެއް ރަނގަޅަށް ތަޞައްވުރު ވުމަށް ފަހުގައެވެ. މި ޤަވާޢިދު ތިބާއަށް ފޮރުވިފައި އޮވެދާނެޔެކޭ ހިޔެއް ނުކުރަމެވެ. 


އެހެން ނޫނަސް، ތިބާ ނުހަނު ރަނގަޅަށް "ދަންނަ" ޤަވާޢިދަކަަށް ތިބާ ޢަމަލު ކުރި ނަމަވެސް، މި ތުހުމަތް ތިބާ ނުކުރީހެވެ. އެހެނީ أصول الفقه ގެ ޢިލްމުވެރިން ވިދާޅުވެފައިވާ ފަދައިން "އެއްޗެއް އޮތްކަން ނޭނގުން އެއީ އެ އެއްޗެއް ނެތްކަން އެނގުމެއް ނޫނެވެ." އެކަމާބެހޭގޮތުން އެއްޗެއް ތިމާއަށް އެނގިފައި ނެތަސް އެއީ އޮތް އެއްޗެއް ކަމުގައި ވެދާނެއެވެ. ތިބާއަށް ބަޔަކު ހަނު ތިބެނީ ކަމުގައި ހީވިޔަސް، ޝަރުޢީގޮތުން ކުރަންޖެހޭ ކަންކަން ކުރަންޖެހޭނީ ޝަރީޢަތުގައި ބަޔާންވެފައިވާ ގޮތަށެވެ. ތިމާއަށް އެކަމުގެ ޙަޤީޤަތް ނޭނގުމުން، އަނެކުންގެ މައްޗަށް މިފަދަ ތުހުމަތުތައް ކުރުމަކީ އުއްމަތުގެ ސަލަފުއް ޞާލިޙުންނާއި އަމާނަތްތެރި ރައްބާނީ ޢިލްމުވެރިންގެ ގޮތެއް ނޫނެވެ. އަދި ހަމައެހެންމެ، އެއްވެސް ބެލުމެއް ނެތި ތިމާގެ ދޫ ބޮޑުކޮށް ފަތުރާލާނަމަ އެއީ ތިބާ ތިބުނާ "ހަނުތިބޭ" ޢިލްމުވެރިންނާއި ދުޢާތުންގެ މައްޗަށް ހެދޭ ބޮޑު ދޮގެކެވެ. އަދި އެއީ އެމީހެއްގެ ކިބައިގައި އަމާނަތްތެރިކަން ނެތް ކަމުގެ ވަރުގަދަ ހެއްކެކެވެ.


އަޙުމަދު ސަމީރު ދިވެހި މުޖްތަމަޢުއަށް ދޭން ބޭނުންވާ މެސެޖު ވަރަށް ސާފެވެ. ސަލަފީން އަދި ސަލަފީ ދަޢުވަތުގެ ޢިމާމުން ޤާއިމްވެ ދެމިތިއްބެވި ގޮތަކީ އެކީ ޙައްޤު މަންހަޖު ނޫންކަމުގައި ވިސްނުވައި ދިނުމެވެ. ވެރިންނަށް ނަޞޭޙަތް ދިނުމޭ ބުނެ، ފާޅުކޮށް އެކަން ކުރުމަކީ އެއީ ސުންނަތުގެ ދަލީލުތަކާ ޚިލާފަށް ކުރި ކަމެއް ކަމުގައި ވީނަމަވެސް އެކަން ކުރަންއޮތް ގޮތަކީ އެއީ ކަމުގައި މީސްތަކުންނަށް ވިސްނައިދިނުމެވެ. ސަބަބަކީ ތިބާގެ ޢައުވާނުންނަށް އެކަން އެގޮތުގައި ކުރެވިިފައިވެ، އެކަން ޞައްޙަ ކަމުގެ ފޭރާމެއް އޭގައި ލާންޖެހިފައި ވުމެވެ. 


ސަޢުދީ ޢަރަބިއްޔާގެ ރިޔާޟުގައި ދިރިއުޅުއްވާ، އެންމެ ބޮޑެތި ޢިލްމުވެރިންގެ ކޮމެޓީގެ މެމްބަރ އަދި ފަތުވާކޮމެޓީގެ މެމްބަރު ޝެއިޚް الشيخ صالح الفوزان -حفظه الله- އަރިއަހުގައި ސުވާލު ކުރެވުނެވެ.

 
ސުވާލު: ޝަރުޢީގޮތުން ވެރިންނަށް ނަޞޭޙަތްދިނުން އޮތީ ކޮންގޮތަކަށް ހެއްޔެވެ؟
ޖަވާބު: " ވެރިންނަށް ނަޞޭޙަތްދިނުން އޮތީ އެކިގޮތްތަކުންނެވެ. އޭގެ ތެރޭގައި: އެބައިމީހުން އިޞްލާޙުވުމަށާއި ދީނުގެ ޙައްޤުމަގުގައި ދެމިތިބުމަށް ދުޢާ ކުރުމެވެ. ސަބަބަކީ ސުންނަތުގައި ވާރިދުވެގެންވަނީ މުސްލިމް ވެރިންނަށް ދުޢާކޮށްދިނުމެވެ. ޚާއްޞަ ގޮތެއްގައި ދުޢާ އިޖާބަ ކުރެވޭ ވަޤުތު ތަކުގައި އަދި ދުޢާ އިޖާބަ ކުރެވޭ ތަންތަނުގައި ވެރިންނަށް ދުޢާކޮށްދިނުން ހުއްޓެވެ. الإمام أحمد އަދި الفضيل بن عياض ވިދާޅުވެފައިވެއެވެ. "ތިމަންނައަށް ﷲ ގެ ހަޟުރަތުގައި އިޖާބަ ކުރެވޭނެ ދުޢާއެއް ލިބިއްޖެ ކަމުގައި ވާނަމަ އެ ދުޢާ ކުރާނީ ވެރިޔާއަށްޓަކައެވެ." ފަހެ، ވެރިޔާގެ އިޞްލާޙު ވުމަކީ މުޅި މުޖުތަމަޢު އިޞްލާހު ވުމެވެ. ވެރިޔާ ފަސާދަ ވުމަކީ މުޖުތަމަޢު ފަސާދަ ވުމެވެ. އަދިވެސް ވެރިޔާއަށް ނަޞޭޙަތްތެރި ވުމުގައި، މުވައްޒަފުންނާއި ޙަވާލު ކުރެވިފައިވާ ޢަމަލުތަކުގައި ދެމިހުރުން ވެސް ހިމެނެއެވެ. އަދިވެސް ވެރިންނަށް ނަޞޭޙަތްތެރިވުމުގެ ތެރޭގައި މުޖްތަމަޢުގައި ހިނގާ ކުށްތަކާއި މުންކަރާތްތައް ބަޔާންކޮށްދިނުން ވެއެވެ. ބައެއްފަހަރުގައި ވެރިންނަށް އެކަންތައް ނޭނގި އޮވެދާނެއެވެ. އެހެނަސް މިގޮތުގައި ދެވޭ ނަޞޭޙަތް ވާންޖެހެނީ ނަޞޭޙަތްތެރިވާ މީހާއާއި ވެރިޔާއާ ދެމެދުގައެވެ. ސިއްރުގައެވެ. މީސްތަކުންގެ ކުރިމައްޗަށް ނިކުމެ ހުރެ ދެވެނީ ނަޞޭޙަތެއް ނޫނެވެ. ނުވަތަ ޕޯޑިއަމްތަކުގެ މަތީގައި ދެވެނީ ނަޞޭޙަތެއް ނޫނެވެ. ސަބަބަކީ މިއީ މީސްތަކުންގެ ތެރޭގައި ނުބައިކަންތައް ފެތުރި، މީސްތަކުންގެ މެދުގައި ވެރިންނާ މެދުގައި ޢަދާވާތްތެރިކަން ފާޅުވެދާނެ މަގުތަކެވެ. ޕޯޑިއަމްތަކުގެ މަތީގައި ވެރިންގެ ކުށްތައް މީސްތަކުންނަށް ކިޔައިދިނުމަކީ ނަޞޭޙަތްތެރި ވުމެއް ނޫނެވެ. ނުވަތަ މަޖްލިސް ތަކުގައި މީސްތަކުންގެ ތެރޭގައި ވެރިންގެ ވާހަކަ ދެއްކުމަކީ ނަޞޭޙަތްތެރި ވުމެއް ނޫނެވެ. މިއީ ހެޔޮކަންތަކަށް ޚިދުމަތްކުރި މީހެއް ނޫނެވެ. މިފަދަ މީހާ ބޭނުން ވަނީ ނުބައިކަންތައް އިތުރަށް ނުބައިކުރުމަށެވެ.


ހަމަކަށަވަރުން ނަޞޭޙަތަކީ އަމިއްލައަށް ވެރިޔާއާ މުޚާޠަބުކޮށް ވާހަކަ ދެއްކުމެވެ. ނުވަތަ ލިޔުމުން ބަޔާންކޮށްދިނުމެވެ. ނުވަތަ ވެރިޔާއާ ގުޅުން އޮންނަ މީސްތަކުން މެދުވެރިކޮށް ބަޔާން ކޮށްދިނުމެވެ. އަދި ބަޔާންކޮށްދޭ ނަޞޭޙަތް ނަޞޭޙަތްދޭ މީހާއާއި ވެރިޔާއާ ދެމެދުގައި ސިއްރިޔާތުގައި ދެވޭ އެއްޗެއްގެ ގޮތުގައި ހެދުމެވެ. ނަޞޭޙަތެއް ލިޔެ، މީސްތަކުން އެކަކުގެ އަތުން އަނެކަކު އުފުލައި މީސްތަކުން އޭގައި ސޮއިކޮށް ހަދައި ހެދުމަކީ ނަޞޭޙަތްތެރިވުން ކަމުގައި މިބައި މީހުން ބުނެއެވެ. މިއީ ނަޞޭޙަތެއް ނޫނެވެ. އެހެނަސް މިއީ ފަޟީޙަތެވެ. މިކަންތަކަކީ ފިތުނަ ފަސާދަ ގެނެސްދޭ ސަބަބުތަކެވެ. އަދި އެކަންތަކާމެދު ކާފަރުން އުފާކުރާނެ ކަންތަކެވެ. އަދި ހަވާނަފްސުގެ އަހުލުވެރިން ވަދެގަތުމަށް އޮތްގޮތްތަކެވެ." ފަތުވާ ނަގާފައިވަނީ : الأجوبة المفيدة عن الأسئلة المناهج الجديدة ص 112-117


މަދީނާގައި ދިރިއުޅުއްވާ ބޮޑެތި ޢިލްމުވެރިންގެ ތެރެއިން އެއްބޭފުޅެއް ކަމުގައިވާ ޝެއިޚް عبيد الجَابري -حفظه الله- އިސްވެ ބަޔާންކުރެވުނު عياض بن غنم -رضي الله عنه-  ރިވާކޮށްފައިވާ ޙަދީޘް ޝަރަޙަ ކުރައްވާ ވިދާޅުވެފައިވެ އެވެ. "ފަހެ، ޢިލްމީ ނަޒަރަކުން މި ޙަދީޘަށް ނަޒަރު ހިންގައި އަދި ޙައްޤު ހޯދުމުގެ ޤަޞްދުގައި ބަލައިފިމީހާއަށް ﷲ ތަޥްފީޤު ދެއްވާނެއެވެ. އަދި އެފަދަ މީހާއަށް މި ޙަދީޘުން (އަންނަނިވި ކަންކަން) ބަޔާންވެގެން ދެއެވެ. 


ފުރަތަމައީ:  ވަލިއްޔުލް އަމްރަށް ނަސޭހަތްތެރިވުމުގައި އެންމެ ފުރިހަމައަށް އެކަން ސިއްރުކުރެވިފައި ވުމެވެ.
ދެވަނައީ: ޙަދީޘްގައި ބަޔާންވެގެންވާ ގޮތަށް ވަލިއްޔުލް އަމްރަށް ނަސޭޙަތްތެރި ވެއްޖެ މީހާގެ ފަރާތުން އޭނާ އަދާކުރަންޖެހޭ ޙައްޤު އަދާކޮށްފި ކަމެވެ.
ތިންވަނައީ: ވަލިއްޔުލް އަމްރަށް ނަސޭހަތްތެރިވުމަށް މި މަގު ނޫން އެހެން މަގެއް ހޯދައިގެން ނުވާނެކަމެވެ. މިގޮތުން ތިޔަބައިމީހުންނަށް ބަޔާންވެގެންދަނީ ވެރިންގެ ކުށްތައް އަދި ވެރިން ކުރާ (ޢައިބު) ނުބައިކަންތައްތައް ހުކުރު ޚުޠުބާތަކުގައި ނުވަތަ ނޫސް މަޖައްލާތަކުގައި ނުވަތަ ދަރުސްތަކުގައި ނުވަތަ ރޭޑިޔޯއާއި ޓީވީ ޗެނަލް ތަކުގައި މަޝްހޫރުކޮށް ދެއްކުމަކީ ސުންނަތުގައިވާ ގޮތެއް ނޫން ކަމެވެ. އަދި ކިއެއްތަ! މިއީ ވެރިންނާ ދެކޮޅަށް މީސްތަކުން ނުކުތުމަށް ހިތްވަރުދޭ الخوارج القعدية (ޚަވާރިޖު އަލް-ޤަޢްދިއްޔާ) ގެ ޢަމަލެކެވެ." ބަސްތައް ނަގާފައިވަނީ : تقرير الأحمد بشرح أصول السنة لإمام أحمد 


***


އަހުމަދު ސަމީރެވެ.  ތިބާގެ ލިޔުމުގައި 16 ވަނަ ސަފްޙާއިން 17 ވަނަ ސަފްޙާއަށް "ސަޢުދީ ޢަރަބިއްޔާގެ ތަޢުލީމީ ވަޒީރު އަޙްމަދު އަލް-ޢީސާ ..." މިފަދައިން ލިޔުއްވާފައިވާ ލިޔުންތައް އެއީ ސަރުކާރުގެ އަހުލުވެރިންނަށް އަދި ވެރިންނަށް ފާޅުކަންބޮޑުގޮތުގައި ރައްދުދިނުމާއި މުންކަރާތް މަނާކުރުން ކަމުގައި އަޙުމަދު ސަމީރު ގެނެސްފައިވާ ބަސްތަކަކީ ޝަރުޢީ ދަލީލުތަކެއްތޯ ސުވާލު ކުރަމެވެ. ތަބަޢަވުމަށްއޮތް ޙުއްޖަތެއްތޯ ސުވާލު ކުރަމެވެ. ދީނުގައި ކަނަޑައަޅުއްވާފައިވާ މިންގަނޑު ތަކަކީ ކޮބައިތޯ ބަލައި އެއަށް ރުޖޫޢަވުން ހެޔޮކަން ބޮޑުވެގެންވެ އެވެ. 

***

އަޙްމަދު ސަމީރުގެ ލިޔުމުގެ 16 ވަނަ ޞަފްޙާގައިވެ އެވެ. "އިސްލާމިކް މިނިސްޓްރީއަށް ވަދެ އަޑުގަދަކޮށް މިނިސްޓަރަށް ބިރުދެއްކުންވެސް އެއީ ހަމަ ވަލިއްޔުލް އަމްރަށް ކިޔަމަންތެރިވުން ހެއްޔެވެ؟"


އަޙުމަދު ސަމީރު ތިތަނުގައި އިޝާރާތްކޮށްފައިވާ އިސްލާމިކް މިނިސްޓްރީއަށް ގޮސް މިނިސްޓަރ އަށް ބިރުދެއްކި ކަމުގައި ބުނެފައިވާ ވާހަކަ އެބަޔަކަށް ނިސްބަތްވާނަމަ، އެބައެއްގެ ގާތުން ސުވާލު ކުރީމެވެ. އެއިން އެއްވެސް ފަރާތެއް މިނިސްޓަރ އަށް ބިރުދެއްކި ކަމާއި، އަޑުގަދަކުރި ކަމުގައި ނުބުނެ އެވެ. ބައްދަލުކޮށް ވާހަކަ ދެއްކުން، ވާހަކަ ދެއްކުމުގައި އަޑުއުފުލުން އެއީ އިންޒާރު ދިނުން ހެއްޔެވެ؟ އެއީ ބިރުދެއްކުން ހެއްޔެވެ؟ ބައެއްގެ މައްޗަށް އޮތް ރުޅިވެރިކަމަކީ ޢަދުލުވެރިކަމާއި އިންސާފުން އެއްކިބާވެ، އެބައެއްގެ މައްޗަށް އަނިޔާވެރިވުން ހުއްދަވަނީ ހެއްޔެވެ؟ ﴿ وَلَا يَجْرِمَنَّكُمْ شَنَآنُ قَوْمٍ عَلَىٰ أَلَّا تَعْدِلُوا ۚ اعْدِلُوا هُوَ أَقْرَبُ لِلتَّقْوَىٰ﴾ "އަދި ބަޔަކު މީހުންދެކެ ތިޔަބައިމީހުންގައި އުފެދިފައިވާ ރުޅިވެރިކަމެއް އެއީ، ތިޔަބައިމީހުން ޢަދުލުވެރި ނުވުމުގެ މައްޗަށް ބާރުއަޅާ ކަމެއް ކަމުގައި ނަހަދާށެވެ." އަދި ހަމަޔަޤީނުންވެސް އެއީ މަދީނާއިން ނުވަތަ އެހެނިހެން އިސްލާމީ ތަޢުލީމީ މުވައްސަސާއަކުން ކިޔަވައި ދަރިވަރުވެފައިވާ ދަރިވަރެއް ޙާޟިރުވި މަޖްލީހެއްކަމުގައިވެސް ނުވެ އެވެ. ވުމުން، އެފަދަ ބައެއްގެ ފަރާތުން އުނިކަމެއް ފެނުމަކީ އެކަން ކުރުން އެދެވިގެން ނުވިޔަސް، ނުކުރާނެ ކަމެއް ކަމުގައި ނުބުނަމެވެ. އެހެނަސް ޢަދުލާއި އިންސާފުން ބަސްތައް ބަޔާންކުރުމުގެ ބަދަލުގައި، ބައެއްގެ ހިތުގައި ނަފްރަތް ރޯކޮށްލައި ބަޔައެއްގެ މައްޗަށް ރުޅިވެރިކަން ފާޅުކުރުމަށް ކޮށްފައިވާ ކަމެއް ނޫން އެހެން އެއްވެސް ކަމެއް އަޙުމަދު ސަމީރުގެ ވާހަކައިގައި ނުވެ އެވެ. އަދިވެސް ބުނަމެވެ. އަހުމަދު ސަމީރު އަދި އަޢުވާނުން ޚަބަރެއް ލިބުމުން ޘާބިތު ކުރަނީ ވަކިބަޔަކާއި ބެހޭގޮތުން ބަސްތައް އައުމުން ހެއްޔެވެ؟ ތިމާ ހިތްނޭދޭ އަދި ނުރުހޭ ބަޔަކާ ބެހޭގޮތުން ކޮންމެފަދަ، ފާފަ ކުރުމުގައިވާ މީހެއް، ބޮޑުފާފަކުރާމީހެއް، ފާސިޤެއް (މިއީ އެއްވެސް ޙާލެއްގައި އިސްލާމިކް މިނިސްޓަރ އަށް މުޚާޠަބު ކުރެވުނު ބަސްތަކެއް ނޫން ކަމުގައި ފާހަގަ ކުރަމެވެ.) ބުންޏަސް އެއީ ތެދު ޘާބިތު އެއްޗެއް ކަމުގައި ޤަބޫލުކުރެވޭ ހެއްޔެވެ؟ ޝަރީޢަތުގައިވާ ޢަދުލުވެރި ޙުކުމް އެއީ ވަކިބަޔަކަށް އޮތް އެއްޗެއް ބާވަ އެވެ. ﴿
يَا أَيُّهَا الَّذِينَ آَمَنُوا إِنْ جَاءَكُمْ فَاسِقٌ بِنَبَأٍ فَتَبَيَّنُوا أَنْ تُصِيبُوا قَوْمًا بِجَهَالَةٍ فَتُصْبِحُوا عَلَى مَا فَعَلْتُمْ نَادِمِينَ ﴾ "އޭ އީމާންވެއްޖެ މީސްތަކުނޭވެ! ތިޔަބައިމީހުންގެ ގާތަށް ފާސިޤަކު ޚަބަރަކާއިގެން އަތުވެއްޖެނަމަ، އޭގެ ދޮގުތެދުބަލައި، ޙަޤީޤަތް ހޯދާށެވެ. އެއީ، ނޭނގިތިބެ ތިޔަބައިމީހުންނަށް ބަޔަކަށް ގެއްލުންދެވިދާނެ ތީ އެވެ. ފަހެ، އެހެންވެއްޖެނަމަ، ތިޔަބައިމީހުން ކުރި ކަންތައްތަކުގެ މައްޗަށް ހިތާމަކުރާ ބަޔަކުކަމުގައި ތިޔަބައިމީހުން ވެދާނެތެވެ." ޔަޤީނުންވެސް އެނގޭ އެއްޗަކީ އެކަމެއް ކޮށްފައިވާނަމަ ކޮށްފައިވަނީ ޢާންމު ފަރުދުންތަކެވެ. އެފަދައިން ޢަމަލުކުރުމަށް އަހަރެން އެއްވެސް އިރެއްގައި އިރުޝާދު ދީފައެއް ނޯންނާނެއެވެ. އަދި ކިއެއްތަ! ތިޔަކުރާ ތުހުމަތަށް އެމީހުން އިންކާރުކޮށް، މިނިސްޓަރަށް އިންޒާރު ދީފައި ނުވާނޭކަމަށް ބަޔާންކުރެއެވެ. 

***

ލިޔުމުގައި 17 ވަނަ ސަފްޙާގައިވެ އެވެ. "ހުޅަނގުގެ އޮއެވަރުގައި ޖެހިފައިތިބި މީހުންގެ ބާރު ގަދައީ ސަޢުދީގައި ހެއްޔެވެ؟ ނުވަތަ ރާއްޖޭގައި ހެއްޔެވެ؟


އަޙްމަދު ސަމީރެވެ! މި ބަސްތަކުން ތިބާ ނެރެން ބޭނުންވާ ނަތީޖާއަކީ ތިބާގެ ބަސްތަކުގެ ޖަޒުބާތުގައި ބަޔަކު ޖައްސައި، ތިބާއަށް އަދި ތިބާގެ ޢައުވާނުން ވެރިންނާ ދެކޮޅަށް "ދީނުގެ ނަމުގައި" ހިންގަމުންދާ ކަންކަން އޮއްބާލައި، އެކަންތައް ޖަޒުބާތާއި ޖޯޝުން ހުއްދަކުރުން ހެއްޔެވެ؟ އިސްލާމް ދީނުގައި ވެރިންނަށް އަދި ވެރިޔާ އައްްޔަނުކޮށްފައިވާ އެކިއެކި ޒިންމާދާރު ފަރާތްތަކަށް ނަޞޭޙަތްތެރިވާންޖެހޭގޮތް އިސްވެ ޒިކުރު ކުރެވުނު ދަލީލްތަކުގައި ބަޔާންވެގެން ވެއެވެ. އަދި އެއީ މިކަމުގައި އެއަށް ރުޖޫޢަވުމަށް އޮތް ނައްޞުތަކެވެ. "ހަވާނަފްސު"، "ހުޅަނގުގެ އޮއިވަރު" ނުވަތަ އެނޫންވެސް ބަސްތަކަކީ ޝަރުޢީ ހަމަތަކުން ނެއްޓި "ބައިގަނޑު" ތަކުގެ އަހުލުވެރިން އަމަލުކުރާ ފަދައިން ޢަމަލު ކުރުމަށްއޮތް ޙުއްޖަތެއް ނޫނެވެ. 


މިކަމުގެ އެންމެބޮޑު ހެއްކަކީ، "ރާއްޖޭގައި މޫނު ނިވާކޮށްފައިވާ އަންހެނަކު ވަޒީފާއިން ވަކިކޮށްފި" ކަމުގައި އަޑުއިވިގެން ދިއުމާއެކު ތިބާ ގެ ޢައުވާނުންގެ ޢަމަލުހުރި ގޮތެވެ؟ އާއެކެވެ. އެއްވެސް ޝަތްކެއްނުވާ ގޮތުގައި ހުޅަނގުގެ އޮއިވަރާއި، އެ އޮއިވަރުގެ އަހުލުވެރިން އިސްލާމްދީން ބަލިކަށި ކުރުމުގައި ޤާއިމްވެފައިވާ ކަންކަމުގެ ތެރޭގައި އިސްލާމީ ޝިޢާރުތަކާއި، އިސްލާމީވަންތަކަން މުސްލިމް މުޖުތަމަޢު ތަކުން ފޮހެލުން ހިމެނެ އެވެ. އެހެނަސް މިފަދައިން ޢާންމު މީސްތަކުންގެ ނަފްސުތަކަށް ޖޯޝާއި ފޯރި ގެނެސް ޖަޒުބާތު ވައްދައި އިސްލާމީ ޙުދޫދުން ކަންތައްތައް ބޭރުކުރުން އެއީ ހުއްދަވެގެންވާ ޢަމަލުތަކެއް ނޫނެވެ. 


އަޙުމަދު ސަމީރުގެ "ގޭންގު" އެހިނދު ނުކުތީ މުންކަރު ނަހީ ކުރުމަށް މުޒާހަރާގެ މަގަށެވެ. އަދި އެކަމަށް އެދިފައިވަނީ އެންމެބޮޑަށް "ހުޅަނގަށް" ނަޒަރު ހުއްޓިފައިވާ ފަރާތުން ނެވެ. ތިބާގެ 'ގޭންގު" ކަމުގައިވާ ޖަމްޢިއްޔަތުއް ސަލަފުން ފޮނުވާފައިވާ ސިޓީ މި ލިޔުމުގެ ފަހަތުގައި އެޓޭޗްކޮށްފައި ވާނެއެވެ. 


ހުނޅަގުގެ އޮއިވަރޭ ބުނެ ޢާންމުންގެ ހިތްތަކުގައި ވެރިންނާ މެދުގައި ނަފްރަތު އުފެދޭގޮތަށް، الشيخ العبّاد -حفظه الله-، އަދި އެނޫން ޢިލްމުވެރިއެއްވެސް މުޒާހަރާތަކާއި ފާޅުގައި ވެރިންނަށް އިންކާރުކުރުންފަދަ ޢަމަލުތައް ހުއްދަކޮށްފައިނުވެ އެވެ. އެހެނަސް ހަޤީޤަތުގައި މިއީ ހުނޅަގުގެ އޮއިވަރުގައި ޖެހިގެންގޮސް، މީސްތަކުން ﷲ ރުއްސަވާ ވޮޑިނުގަންނަވާ ހުޅަނގުގެ މަގުތަކަށް ގެންދިއުމުގެ ތެރެއިން ހިމެނޭ ޢަމަލުތަކެވެ. 


އިސްލާމް ދީނުގައި މުސްލިމް ވެރިޔަކާ ދެކޮޅަށް ނުކުތުމަކީ އެތަކެއް ގިނަ ދަލީލުތަކުން ޙަރާމްވެގެންވާ ކަމެކެވެ. ހުޅަނގުގެ އޮއިވަރުގައިޖެހިފައިވާ އަދި އިސްލާމީ ޝަރީޢަތާ ފުށުއަރާ ޑިމޮކްރަސީ، ޢިލްމާނީ، ލިބެރަލް ނިޒާމު ތަކުގައި ޕޮރޮމޯޓްކުރާ ވަޞީލަތެކެވެ. މިއަށްވުރެ ނުބައި ކަމަކީ ކަނޑައެޅި ބަޔާންވެގެންވާ ރަސޫލާ صلّى الله عليه وسلّم ގެ ބަސްފުޅުތަކާ ޚިލާފަށް މިކަންތައް ކޮށްފައި، "ސަލަފުން" ނަށް ތިމާމެން ނިސްބަތްވާ ކަމެވެ.

 
حُذَيفة بن اليَمان -رَضي الله عنه - ނަބިއްޔާ صلّى الله عليه وسلّم ގެފަރާތްޕުޅުން ރިވާކުރައްވާފައިވެ އެވެ. " يَا رَسُولَ اللهِ، إِنَّا كُنَّا بِشَرٍّ، فَجَاءَ اللهُ بِخَيْرٍ، فَنَحْنُ فِيهِ، فَهَلْ مِنْ وَرَاءِ هَذَا الْخَيْرِ شَرٌّ؟ قَالَ: «نَعَمْ» ، قُلْتُ: هَلْ وَرَاءَ ذَلِكَ الشَّرِّ خَيْرٌ؟ قَالَ: «نَعَمْ» ، قُلْتُ: فَهَلْ وَرَاءَ ذَلِكَ الْخَيْرِ شَرٌّ؟ قَالَ: «نَعَمْ» ، قُلْتُ: كَيْفَ؟ قَالَ: «يَكُونُ بَعْدِي أَئِمَّةٌ لَا يَهْتَدُونَ بِهُدَايَ، وَلَا يَسْتَنُّونَ بِسُنَّتِي، وَسَيَقُومُ فِيهِمْ رِجَالٌ قُلُوبُهُمْ قُلُوبُ الشَّيَاطِينِ فِي جُثْمَانِ إِنْسٍ» ، قَالَ: قُلْتُ: كَيْفَ أَصْنَعُ يَا رَسُولَ اللهِ، إِنْ أَدْرَكْتُ ذَلِكَ؟ قَالَ: «تَسْمَعُ وَتُطِيعُ لِلْأَمِيرِ، وَإِنْ ضرِبَ ظَهْرُكَ، وَأخِذَ مَالُكَ، فَاسْمَعْ وَأَطِعْ» " "الله ގެ ރަސޫލާއެވެ. އަހަރުމެން ނުބައިވެގެންވާ ޙާލެއްގައިވީމުއެވެ. އެއަށްފަހު الله سبحانه وتعالى މި ބޮޑުވެގެންވާ ހެޔޮކަން އަހަރުމެންނަށް ދެއްވިއެވެ. ފަހެ، އަހަރެމެން މިވަނީ އެ ހެޔޮކަމުގެ މަތީގައެވެ. މި ހެޔޮކަމުގެ ފުރަގަހުގައި ނުބައިކަމެއްވޭތޯ އެވެ؟" ޙަދީޘް ކުރެއްވި އެވެ."އާއެކެވެ."  ދެންނެވީމެވެ. "އެ ނުބައިކަމުގެ ފަހަތުން ހެޔޮކަމެއް ވޭތޯއެވެ؟" ޙަދީޘްކުރެއްވިއެވެ. "އާއެކެވެ." ދެންނެވީމެވެ. "އެ ހެޔޮކަމުގެ ފަހަތުން ނުބައިކަމެއް ވޭތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. "އާއެކެވެ." ދެންނެވީމެވެ. "އެއީ ކިހިނަކުންތޯއެވެ؟" ޙަދީޘްކުރެއްވިއެވެ. "ތިމަންނަބިއްޔާއަށް ފަހުގައި އިމާމުންތަކެއް (އެބަހީ؛ ވެރިންތަކެއް) ވާނެއެވެ. އެބައިމީހުން ތިމަން ނަބިއްޔާގެ ހިދާޔަތުން ހިދާޔަތެއް ނުހޯދާނެއެވެ. އަދި އެބައިމީހުން ތިމަންނަބިއްޔާގެ ސުންނަތުން ސުންނަތް ލިބިނުގަންނާނެއެވެ! އެބައިމީހުންގެ ތެރޭގައިވާ ބައެއްމީހުންގެ ހިތްތަކަކީ އިންސާނީ ޖިސްމެއްގެ ތެރޭގައިވާ ޝައިޠާނީ ހިތްތަކެކެވެ." ދެންނެވީމެވެ. اللهގެ ރަސޫލާއެވެ. އެބައިމީހުންނާ އަހަރަމެން ބައްދަލުވެއްޖެނަމަ އަހަރަމެން ޢަމަލުކުރަންވީ ކިހިނަކުންތޯއެވެ؟ ޙަދީޘްކުރެއްވި އެވެ. "ވެރިންނަށް އަޑުއަހާ ކިޔަމަންވާށެވެ. ތިބާގެ މުދާތައް ނެގި، ތިބާގެ ބުރަކަށީގައި ތެޅުނު ކަމުގައިވިޔަސް، ވެރިޔާއަށް އަޑުއަހާ ކިޔަމަންވާށެވެ." މިޙަދީޘް إمام مسلم ޞަޙީޙުގައި 1847 ރިވާކޮށްފައިވެ އެވެ. 


މިއީ އިންތިހާ ދަރަޖައަށް އަނިޔާވެރިކަމުގައި، ނުލަފާ، ޖައްބާރުންގެ ގޮތުގައިވާ ވެރިންނާ މެދުގައި މުޢާމަލާތްކުރުމަށް އަމުރުފުޅު ކުރެއްވި ގޮތެވެ. ސުންނަތަކީ މިއެވެ. ވެރިންނާ ދެކޮޅަށް މިފަދަ ޙާލަތުގައި ނުކުތުމަކީ ހުޅަނގުގެ އޮއިވަރުގެ އަހުލުވެރިންގެ ސިފަ އެވެ. ޝަރީޢަތުގައި ޢަދުލުވެރިކަމުގައި ޤާއިމްވެ ދެމިތިއްބެވި އަހުލުވެރިންނާއި މުޞްލިޙުންގެ ސިފައެއް ނުމެ ނޫންމެވެ.


جنادة بن أبي أميّة -رَضي الله عنه - ވިދާޅުވެފައިވެ އެވެ. دَخَلْنَا عَلَى عُبَادَةَ بْنِ الصَّامِتِ، وَهُوَ مَرِيضٌ، قُلْنَا: أَصْلَحَكَ اللَّهُ، حَدِّثْ بِحَدِيثٍ يَنْفَعُكَ اللَّهُ بِهِ، سَمِعْتَهُ مِنَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَ: دَعَانَا النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَبَايَعْنَاهُ، فَقَالَ فِيمَا أَخَذَ عَلَيْنَا: «أَنْ بَايَعَنَا عَلَى السَّمْعِ وَالطَّاعَةِ، فِي مَنْشَطِنَا وَمَكْرَهِنَا، وَعُسْرِنَا وَيُسْرِنَا وَأَثَرَةً عَلَيْنَا، وَأَنْ لاَ نُنَازِعَ الأَمْرَ أَهْلَهُ، إِلَّا أَنْ تَرَوْا كُفْرًا بَوَاحًا، عِنْدَكُمْ مِنَ اللَّهِ فِيهِ بُرْهَانٌ» ތިމަންނަމެން ީ عبادة بن الصامت -رَضي الله عنه -  ބަލިޙާލުކޮޅުގައިވަނިކޮށް ޒިޔާރަތްކުރީމެވެ. އެދުވަހުގައި ޞަޙާބީގެ ފަރާތްޕުޅުންް އަހަރެމެން އެދުނީމެވެ. ރަސޫލާ صلّى الله عليه وسلّم ގެ އަރިއަހުން ލިބިވަޑައިގެންނެވި ފާއިދާ ކުރަނިވި ޙަދީޘެއް އަހަރެމެންނަށް ބަޔާންކޮށްދެއްވުމަށް އެދެމެވެ. الله އިބަ އަޅާއަށް ހެޔޮގޮތް މިންވަރު ކުރައްވާށިއެވެ. (ނުވަތަ ތިބާއަށް ފަސޭހަކުރައްވައި ޝިފާދެއްވާށިއެވެ.) އެހިނދު عبادة بن الصامت -رَضي الله عنه -  ވިދާޅުވިއެވެ. "ނަބިއްޔާ صلّى الله عليه وسلّم  އަހަރެމެންނަށް ދަޢުވަތު ދެއްވިއެވެ. ފަހެ، އަހަރެމެން އެ ނަބިއްޔާ صلّى الله عليه وسلّم  އަށް ބައިޢަތުހިފީމެވެ. އަހަރެމެންގެ ކިބައިން ނަބިއްޔާ صلّى الله عليه وسلّم ޢަހުދުކަށަވަރު ހިއްޕެވި ކަންކަމުގެ ތެރޭގައި ހިމެނެއެވެ. އަހަރުމެން ކުރާހިތްވާ ކަންތަކާއި، ކުރާހިތްނުވާ ކަންތަކުގައި އަދި އުނދަގޫ ޙާލާއި ފަސޭހަ ޙާލުގައި، އަދި އަހަރެމެންގެ ޙައްޤު އަހަރެމްނަށް އަދާނުކުރާ ޙާލުގައިވެސް، ވެރިޔާއަށް ކިޔަމަންވެ އަޑުއެހުމެވެ. (ވެރިޔާގެ ފަރާތުން) ތިޔަބައިމީހުންނަށް، އެކަމެއްގައި ﷲ ގެ ޙަޟްރަތުން ހެކި ލިބިފައިވާ، ފާޅުވެގެންވާ ކުފުރެއް ފެނިއްޖެއުމަށް ދާންދެނެވެ.  މި ޙަދީޘް البخاري 7055 އަދި مسلم 1840 ރިވާކޮށްފައިވެ އެވެ.

 

އަޙްމަދު ސަމީރެވެ! މޫނުބުރުގާ އަޅައިގެންހުރި އަންހެނަކު ވަޒީފާއިން ވަކިކުރުމަކީ، އިސްލާމްދީނުގައި ވެރިޔާ ކުރުފުރުވާނެ އަދި ކުފުރު ފާޅުވެގެންވާ ދަލީލެއްހެއްޔެވެ؟ އެއީ ކާފަރުވާނެ ކަމެއްގެ ގޮތުގައި ބުނެފި ހިނދުގައި، އިސްލާމްދީނު އެންމެ ދަށުދަރަޖައިންވެސް އޮޅުންފިލައިފައިނުވާ، ތަންދޮރުނޭގޭ މީހެކޭ ބުނުމަކީ ކުށެއްކަމުގައި ނުވާނެ އެވެ. އަނެއް ގޮތަކީ އެއީ ވެރިޔާ ދީނުގެ ޙުދޫދުން ބޭރުނުވާނެ ކަމެއް ކަމުގައިވުމެވެ. އެހިނދު އެފަދަ ކަމެއްގައި ވެރިޔާ ދެކޮޅަށް ނުކުތުން ޙަރާމްވެގެންވެ އެވެ. ސަމީރު އެވެ. ތިބާއާ ތިބާގެ ޢައުވާނުންނަށް އޮތީ މި ދެގޮތުން ކުރެ އެއްގޮތް ޚިޔާރު ކުރުމެވެ. ﷲގެ ޙުދޫދްތައް މީސްތަކުންނަށް އޮޅުވައި، ހުޅަނގުގެ އޮއިވަރުގައި ޖެހިފައިވަނީ ކޮންބައެއްތޯ އެވެ؟ މީސްތަކުންނަށް ބޭރުފުށުން ދައްކައިދެނީ ތިމަންމެންގެ ޢަމަލަކީ ހުޅަނގުގެ އޮއިވަރުން މުޖުތަމަޢު ސަލާމަތް ކުރުމެވެ. ޙަޤީޤަތަކީ ޢަދުލެއް، އިންސާފެއްނެތި، ޝަރީޢަތުގެ އެއްވެސް ކުލައެއްނެތި ހުޅަނގުގެ އަހުލުވެރިންގެ މަންހަޖުތަކަށް ދިއުމެވެ. 


ވެރިޔާ ކާފަރެއްގޮތުގައި ނުވެ، ވެރިޔާއާ ދެކޮޅަށް އިޙުތިޖާޖު ކުރުމަށް ގޮވާލާ ގޮވާލުމަކީ الشيخ العبّاد -حفظه الله-  ގެ މަންހަޖު ބާއެވެ! އެއީ العبّاد -حفظه الله-  އިންޓަނެޓްްގައި ދެއްވާ ދަޢުވަތެއް ހެއްޔެވެ؟ "ލާދީނީ" ފިކުރާއި "ލިބަރަލް" ފިކުރުގެ އަހުލުވެރިންނަށް މުޒާހަރާއަށް ގޮވާލުމަކީ العبّاد -حفظه الله-  ގެ ދަޢުވަތެއް ހެއްޔެވެ؟


11 ރަބީޢުލް އައްވަލް 1432 އެއްގައި، މަސްޖިދުއް ނަބަވީގައި އޮންނަ ޝެއިޚްގެ ދަރުސް ނިމުމަށްފަހު، އެންމެނަށް އަޑު އިވޭގޮތަށް الشيخ العبّاد -حفظه الله-  އަށް ސުވާލު ދެންނެވުނެެވެ. ހިނގާލުންތަކާއި މުޒާހަރާތަކަކީ ވަލިއްޔުލް އަމްރާ ދެކޮޅަށް ނުކުތުން (ޚުރޫޖު) ކަމުގައި ބުނެވިދާނެތޯއެވެ؟ ޝެއިޚް ޖަވާބުގައި ވިދާޅުވިއެވެ. "އެއްވެސް ޝައްކެތް ނެތް ގޮތުގައި އެއީ ޚުރޫޖުގެ (ވެރިޔާއާ ދެކޮޅަށް ނުކުތުމުގެ) ވަސީލަތްތަކުގެ ތެރެއިން ހިމެނޭ ކަންތައްތަކެވެ. އަދިކިއެއްތަ! އެއީ ސީދާ ޚުރޫޖުގެ ތެރެއިން ހިމެނޭ ކަންތައްތަކެކެވެ. މިކަމުގައި އެއްވެސް ޝައްކެއް ނެތެވެ!" (އޯޑިއޯ ލިންކް: http://goo.gl/wnN7H3 އޯޑިއޯގެ 00:52:08 އިން 00:54:42 އަށް.)


އަޙްމަދު ސަމީރެވެ! ތިބާއަށްވެސް އޮތީ މިގޮތުން ނަފްސަށް ޙުކުމް ކުރުމެވެ. ތިބާވަނީ ޝެއިޚްގެ މަންހަޖުގައި ކަމުގައި ދަޢުވާކޮށް ޝެއިޚްގެ ޢަމަލުފުޅާއި ދަޢުވަތާއި ތިބާ ޚިލާފްވުމުން އެއިން ނުކުންނަ ހިސާބު ޢަދަދުގެ ނަތީއްޖާއަކީ ކޮބައިި ހެއްޔެވެ؟ ތިބާއާއި ތިބާގެ 'ގޭންގު' ވަނީ ހަމަ ޝެއިޚްގެ މަންހަޖުގައި ހެއްޔެވެ؟ ما لكم كيف تحكمون؟


ވެރިން ކިތަންމެ ބޮޑު އަނިޔާވެރިން ކަމުގައިވީނަމަވެސް، ވެރިންނާ ދެކޮޅަށް ނުކުތުމަކީ ޙަރާމްކަމެއްގެ ގޮތުގައި ޝަރީޢަތުގެ ނައްޞުތައް އަދި އުއްމަތުގެ އިޖްމާޢު ބަޔާންވެގެންވެ އެވެ. 
އިމާމް النّووي -رحمه الله-  ވިދާޅުވެފައިވެ އެވެ. "މިޙަދީޘްގެ މާނައީ ވެރިކަމުގައި ތިބޭ ވެރިންގެ ކިޔަމަންގަތުމުން ނުކުތުން ނުވާކަމެވެ. އިސްލާމްދީނުގައި ޤަވާޢިދެއް ފަދަ ކަަމަަކުން އެއްވެސް ޝަތްކެއްނުވާގޮތަށް އިންކާރުކޮށް ދެކޮޅުހެދުމުން މެނުވީ އެބައިމީހުންނާ ދެކޮޅުވެރިވުމެއް ނުވެ އެވެ. އެހެނަސް އެބައިމީހުންނާ ދެކޮޅަށްނިކުމެ ލޭއޮހޮރުވުމަކީ މުސްލިމުން ޢިޖްމާޢުވެގެންވާ ގޮތުގައި ޙަރާމް ކަމެކެވެ. އެވެރިންނަކީ އަނިޔާވެރި ފާސިޤުން ކަމުގައި ވިޔަސް ޙަދީޘްތަކުގައި ޛިކުރުކޮށްދެއްވާފައި ވަނީ އަދި އަހުލުއްސުންނަތް ޢިޖްމާޢުވެގެންވަނީ ފާސިޤު ކަމުގެ ސަބަބުން އެބައިމީހުންގެ ވެރިކަމާ ދެކޮޅުނުވެވޭނެ ކަމަށެވެ." شرح صحيح مسلم ج 12 ص 229 


شيخ الإسلام ابن تيمية -رحمه الله- ވިދާޅުވެފައިވެ އެވެ. "ޢިލްމާއި ޢަދުލުގައި މިޝަރީޢަތުގައި އަމުރުވެވިގެން ވަނީ ވެރިންގެ ފަރާތުން ލިބޭ އަނިޔާވެރިކަމާއި އަދި ޙައްދުފަހަނައަޅައި ދިއުމުގެ ކަންތައްތަކުގެ މައްޗަށް ކެތްތެރިވެ ތިބުމެވެ. މިއީ ނަބިއްޔާ ﷺ ގެ މަޝްހޫރު ޙަދީޘްތަކުން ވާރިދުވެފައިވާ ގޮތަށް އަހުލުއްސުންނަތް ވަލްޖަމާޢަތުގައި ލެވިގެންވާ އުޞޫލެކެވެ." مجموع فتاوى ج 28  ص 179


ابن أبي العزّ الحنفي -رحمه الله- ވިދާޅުވެފައިވެ އެވެ. "ވެރީން އަނިޔާވެރިވެ ޙައްދުފަހަނައަޅައި ދިޔައަސް އެބައިމީހުންނަށް ކިޔަމަންގަތުމުގައި ދެމިތިބުން ލާޒިމްވެގެންވެ އެވެ. ކިޔަމަންނުވެ އެބައިމީހުންނާ ދެކޮޅަށް ނިކުތުން ވެގެންދަނީ ވެރިން އަނިޔާވެރިވުމަށްވުރެ އެތަކެއް ގުނައަކަށް އަނިޔާވެރިކަން އިތުރުވެ ދިއުމެވެ. އެ ވެރިންގެ އަނިޔާވެރިކަމަށް ކެތްކުރުމުން މީސްތަކުންނަށް އެބައިމީހުންގެ ފާފަތައް ފުހެވި އެބައިމީހުންގެ އަޖުރު އެތަކެއް ގުނައަކަށް އިތުރުވެ ދެއެވެ. ހަމަކަށަވަރުން الله – تعالى - އަހަރެމެންގެ މައްޗަށް ނުބައިވެރިން ލައްވާފައި ވަނީ އަހަރެމެންގެ ޢަމަލުތައް ފަސާދަވެފައިވާ މިންވަރު ބޮޑުކަމުންނެވެ. ޖަޒާލިބިދެނީ އެބަޔަކު ކޮށްފައިވާ ޢަމަލުގެ ޖިންސުންނެވެ. ފަހެ އަހަރުމެންނަށް އޮތީ ފާފަފުއްސެވުމަށް އެދި އެކަލާނގެއަށް އިސްތިޣްފާރުކޮަށް އަދި ތައުބާވެ އަހަރެމެންގެ ޢަމަލުތައްް އިސްލާޙުކުރުމަށް ގަދައަޅާ މަސައްކަތްކުރުމެވެ." شرح عقيدة الطحاوية ج 2  ص 542


الطّحاوي -رحمه الله- ވިދާޅުވެފައިވެ އެވެ. "އިމާމުންނާއި ވެރިންނާ ދެކޮޅަށް ނުކުތުމަކީ ހުއްދަކަމެއް ކަމުގައި ނުދެކެމެވެ. އެއީ އެބައިމީހުން ނުބައިކަމުގައި ޙައްދުފަހަނައަޅައި ދިޔަކަމުގައިވިޔަސްމެ އެވެ. އެބައިމީހުންނަށް ބަދު ދުޢާކުރުމެއްނުވެއެވެ. އެބައިމީހުންނަށް ކިޔަމަންވާންޖެހޭ ކަމަކުން އެކަހެރިވުމެއްނުވެއެވެ. އެބައިމީހުންނަށް ކިޔަމަންވުމަކީ الله ފަރުޟުކުރައްވާފައިވާ އެކަލާނގެއަށް ކިޔަމަންވުމެކެވެ. ފާފައަކަށް އަމުރުނުކުރާ ހިނދެއްގައި އޮތީ ކިޔަމަންވުމެވެ. އަހަރެމެންނަށް އޮތީ އެބައިމީހުން އިޞްލާޙްވުމަށް އެދި، އަދި ހެޔޮ ޞިއްޙަތް އަދި ޢާފިޔަތް ލިބުމަށްއެދި ދުޢާކުރުމެވެ." العقيدة الطحاوية ص 47  


العلّامة ابن عُثيمين -رحمه الله-   ވިދާޅުވެފައިވެ އެވެ. "ވަލިއްޔުލް އަމްރުގެ ފާސިޤުކަން ކިތަންމެ ބޮޑުކަމުގައިވީނަމަވެސް ވަލިއްޔުލް އަމްރުއާ ދެކޮޅަށް ނުކުތުން ހުއްދައެއް ނުވާނެ އެވެ. ވެރިން ބަގުރާ ބުޔަސް، ޒިނޭކުރިއަސް އަދި މީސްތަކުންނަށް އަނިޔާވެރިވި ކަމުގައި ވީނަމަވެސް ވެރިންނާ ދެކޮޅަށް ނުކުތުން ހުއްދައެއް ނުވާނެ އެވެ." رياض الصالحين 1-220  
ތިބާއާއި ތިބާގެ އަޢުވާނުންނަށް ބުނަމެވެ! ވެރިން ކުށްކުރުމުން، ފާފަތަކަށް އަރައިގަތުމުން، މުންކަރާތްތައް ކުރުމުން ވެރިންނާ ދެކޮޅަށް ނުކުތުމާއި، ވެރިންނާ ދެކޮޅަށް މީސްތަކުންގެ ހިތްތަކުގައި ނަފްރަތާއި ރުޅިވެރިކަން އަށަގެންނެވުމަކީ ސުންނަތުގެ މަޒްޙަބު ހެއްޔެވެ؟ އެއީ ސުންނަތުގެ އިމާމުންނާއި ޢިލްމުވެރިންގެ މަޛްހަބު ހެއްޔެވެ؟ އެއީ الشيخ العبّاد -حفظه الله-  އަދި އެނޫން ޢިލްމުވެރިންގެ މަންހަޖު ހެއްޔެވެ؟ ނުވަތަ އެއީ ޚަވާރިޖުންނާއި މުޢުތަޒިލާއިންގެ މަންޖަހު ހެއްޔެވެ؟ 


އަޙްމަދު ސަމީރެވެ! ތިބާއަށް އިންކާރު ނުކުރެވިގެން ތިއުޅޭ، ނުވަތަ ތިބާގެ "ގޭންގަށް" ދޫކޮށްނުލެވިގެން ތިއުޅޭ މުޒާހަރާތަކަކީ ޙަޤީޤަތުގައި ހުޅަނގުން އައިސްފައިވާ ހުޅަނގުގެ އޮއިވަރުތަކެވެ. "ދީނީ" ޑިމޮކްރެޓިކް ޕާޓީތަކަކީވެސް ހަމަ އެ އޮއިވަރުގެ އެއް ސިފައެވެ.  الشيخ العبّاد -حفظه الله-  ވިދާޅުވެފައިވާ ފަދައިން ޝެއިޚްގެ ރައްދު ބިނާކޮށްފައިވަނީ މުސްލިމް ބިންތަކުގައި އަދި މުސްލިމުންގެ ތެރޭގައި ހުޅަނގުގެ އާދަތަކާއި، އަޚްލާޤުތައް އަދި އޮއިވަރުތަކުން ދުރުކުރުވުމަށްޓަކަ އެވެ. ފަހެ، ތިބާއާއި ތިބާގެ ބައިވެރިންނަކީ މި ހުޅަނގުގެ އޮއިވަރު މުސްލިމުންގެ ތެރޭގައި އަށަގެނުވުމަށް ނިކުމެފައިވާ ބައެއް ކަމުގައި ވުމުން الشيخ العبّاد -حفظه الله-  ފަދަ ބޭފުޅުންގެ ރައްދުތައް ނިޞްބަތްވަނީ ތިފަދަ އަހުލުވެރިންގެ ސިފަތަކުގެ މައްޗަށެވެ. މިއީ ތިބާގެ މައްޗަށް ކުރާ ތުހުމަތެއް ނޫނެވެ! މިއީ ދިވެހިން އެމީހުންގެ ލޯތަކުން ބަލާފައިވާ، އެކަމަށް ހެކިވެފައިވާ ކަންތައްތަކެވެ! މުޒާހަރާތަކުގައި ބޮލުގައި ފޮތި ބަނދެގެން ދީނުގެ ނަމުގައި ޚުރޫޖުވި ފަރާތްތަކުގެ އެކަންތައްތަކަށް، މީސްތަކުން ފިޔަވައި، ޢާލަމްތަކުގެ ވެރި ﷲ ހެކިވެރިއެއްގެ ގޮތުގައި ފުދިވޮޑިގެން ވެއެވެ. 
العلّامة صالح الفوزان -حفظه الله-  ވިދާޅުވެފައިވެ އެވެ. "މުޒާހަރާ ކުރުމަކީ ޙަރާމްކަމެކެވެ. އެއީ އިސްލާމްދީނާއި އެއްވެސް ގުޅުމެއްއޮތް ކަމެއް ނޫނެވެ. އެއީ ކާފަރުންގެ ދީނުގެ ތެރޭގައި ހިމެނިގެންވާ ކަމެކެވެ." https://goo.gl/9GC497 


އަދިވެސް العلّامة صالح الفوزان -حفظه الله-  ވިދާޅުވެފައިވެ އެވެ. "މުޒާހަރާ ކުރުމަކީ މުސްލިމުންގެ ތެރޭގައި އެއަށް އެއްވެސް އަޞްލެއްއޮތް ކަމެއް ނޫނެވެ. އަދި ކިޔެއްހެއްޔެވެ! އެއީ ހުޅަނގުން ގެސްފައިވާ އެއްޗެކެވެ. ޙައްޤުތައް ހޯދުންއޮތީ ޝަރުޢީގޮތުން އައިސްފައިވާ ގޮތްތަކުންނެވެ." http://goo.gl/fKJxzc 


އަޙްމަދު ސަމީރެވެ! ތިބާގެ ލިޔުމުގައިވާ "ހުޅަނގުގެ އޮއެވަރުގައި ޖެހިފައިތިބި މީހުންގެ ބާރު ގަދައީ ސަޢުދީގައި ހެއްޔެވެ؟ ނުވަތަ ރާއްޖޭގައި ހެއްޔެވެ؟" ރާއްޖޭގައި މި އޮއިވަރު ދިރުވުމުގައި ސަމީރު އަދި ސަމީރުގެ ބައިވެރިން ޙިއްސާ ކިހާވަރަކަށްއޮތްތޯ ސުވާލުކޮށްލުން ހުއްޓެވެ؟ ޝަރީޢަތުގައިވާ ކަންކަން ބީރައްޓެހިކޮށް ހުޅަނގުގެ، ލާދީނީ ނިޒާމްތަކުގައިވާ ޢާދަތައް ކަމުގައިވާ މުޒާހަރާތައް ތިބާވެސްވަނީ ކޮށްފަ އެވެ. އަދި އެކަމަށް ގޮވާލާފަ އެވެ. ބަޔާންވެދިޔައީ الشيخ العبّاد -حفظه الله-  އަދި އެހެނިހެން ބައެއް ޢިލްމުވެރިން ދަލީލުތަކުގެ މައްޗަށް ބަރޯސާވެ، އިޢުތިމާދުކޮށް ބަޔާންކޮށްފައިވާ ބަސްފުޅުތަކެވެ. ތިބާއަށް الشيخ العبّاد -حفظه الله-  ވަކި ބާވަތެއްގެ ފަތުވާ ފެނިފައި އެހެން ފަތުވާ ނުފެންނަނީ ހެއްޔެވެ؟  ނުވަތަ العبّاد -حفظه الله-  މުޒާހަރާގެ މައްސަލައިގައި ބާޠިލްގައި ހުރެ، ތިބާ ޙައްޤުގައި ވަނީ ހެއްޔެވެ؟

وصلّى الله وسلّم على نبيّنا محمّد وعلى آله وصحبه أجمعين، والحمد لله ربّ العالمين


                                            (ނުނިމޭ)

                                            1 ޝައްވާލް 1440
މުޙައްމަދު ޙަސަން
ރެޑްސީ، ގދ.ތިނަދޫ

 

********


    

Like what you see?

Close

Hit the buttons below to follow us, you won't regret it...