ޠަވާފުކުރަނިކޮށް ވުޟޫ ގެއްލުނު މީހާގެ މައްޗަށް ލާޒިމްވެގެންވާ ކަންތަކުގެ ބަޔާން - الشَّيْخ عَبْدُ العَزِيزِ بنُ عَبْدِ الله بنِ بَاز رحمه الله

ސުވާލު: ރިޔާޟުން އަޑުއެހުންތެރިޔާ م.ع. ސުވާލުކުރެ އެވެ: ޠަވާފުލް އިފާޟާ ކުރަނިކޮށް ވުޟޫ ގެއްލުނު މީހާގެ ޙުކުމަކީ ކޮބައިތޯ އެވެ؟ އޭނާ އަލުން ޠަވާފު އިއާދަކުރާނީތޯ އެވެ؟ ނުވަތަ ވުޟޫކޮށްފި ނަމަ، ޠަވާފުން އިސްވެދިޔަ ބައިގެ މައްޗަށް ބިނާކުރާނީތޯ އެވެ؟ (އެބަހީ ނުނިމި އޮތް ބައި ފުރިހަމަކުރާނީތޯ އެވެ؟) ނުވަތަ ޝައިޚުމެން އޭނާއަށް އިރުޝާދުދެއްވަނީ ކިހިނިކުންތޯ އެވެ؟
ޖަވާބު: ޠަވާފު ވަނީ ނަމާދުއާ އެއްފަދައިންނެވެ. ޠަވާފުގެ ތެރޭގައި ވުޟޫ ގެއްލިއްޖެ ނަމަ، އޭނާ ޠަވާފު އަލުން ކުރާނީ އެވެ. ނަމާދުއާ އެއްފަދައިންނެވެ. ނަމާދުގައި ޙަދަޘްވެރިވެއްޖެ ނަމަ، އެ ނަމާދު ފެށޭ ހިސާބުން އަލުން އިއާދަކުރާނީ އެވެ. ޠަވާފުގައި ވެސް ވަނީ ހަމަ މިފަދައިންނެވެ. އޭނާގެ ކިބައިން ވައެއް ބޭރުވެއްޖެ ނަމަ، ނުވަތަ އެނޫން ވެސް ވުޟޫ ގެއްލޭ ކަމެއް ދިމާވެއްޖެ ނަމަ، ފަހެ ހަމަކަށަވަރުން އޭނާ ވުޟޫކުރާނީ އެވެ. ދެން އެއަށްފަހު ޠަވާފުގެ ފެށޭ ހިސާބުން އަލުން ޠަވާފު އިއާދަކުރާނީ އެވެ. އެ ޠަވާފަކީ ފަރުޟު ޠަވާފެއް ނަމަ އޭނާއަށް މިފަދައިން ލާޒިމްވެގެންވެ އެވެ. ދެން ފަހެ ޠަވާފަކީ ސުންނަތް ޠަވާފެއް ނަމަ ފަހެ އޭނާއަށް އިޚްތިޔާރު ލިބިގެންވެ އެވެ. އޭނާ ބޭނުންވެއްޖެ ނަމަ އެ އިއާދަކުރާނީ އެވެ. އަދި އޭނާ ބޭނުންވެއްޖެ ނަމަ އެ އިއާދަ ނުކުރާނީ އެވެ.
ސުވާލު: ސުވާލުކުރާ މީހާ އަހައެވެ: އަޅުގަނޑަށް އިނގޭ މިންވަރުން، ޠަވާފުގެ ޝަރުތުތަކުގެ ތެރެއިން ޠަހާރަތް ހިމެނިގެންވެ އެވެ. އަޅުގަނޑު ޠަވާފުކުރަނިކޮށް ވުޟޫ ގެއްލެން މެދުވެރިވިއެވެ. އެހެން ނަމަވެސް މީހުންގެ ބައިބޯ ގިނަކަމުން ފަސޭހައިން (މަސްޖިދުލް ޙަރާމްއިން) ނުކުތުމަށް އަޅުގަނޑަށް ކުޅަދާނަވެގެނެއް ނުވިއެވެ. އެހެންކަމުން، ވުޟޫއަކާ ނުލައި އަޅުގަނޑު ޠަވާފު ފުރިހަމަކުރީމެވެ. ފަހެ އަޅުގަނޑުގެ ޠަވާފު ޞައްޙަތޯ އެވެ؟ ނުވަތަ އަޅުގަނޑުގެ މައްޗަށް އެ އިއާދަކުރުން ވާޖިބުވެގެންވޭތޯ އެވެ؟ އަދި އަޅުގަނޑު އެ އިއާދަކުރަންވީ އެންމެ ފުރަތަމަ ބުރުން ފެށިގެންތޯ އެވެ؟ ނުވަތަ ހަމައެކަނި ބާކީ ހުރި ބުރުތައްތޯ އެވެ؟
ޖަވާބު: އިންސާނާ ޠަވާފުކުރަނިކޮށް އޭނާގެ ވުޟޫ ގެއްލިއްޖެ ނަމަ، އޭނާގެ ޠަވާފު މެދުކެނޑުނީ އެވެ. ފަހެ އޭނާގެ މައްޗަށް ވާޖިބުވެގެންވަނީ (މަސްޖިދުލް ޙަރާމްއިން) ނުކުމެ ވުޟޫ އިއާދަކުރުމެވެ. ދެން އެއަށްފަހު ޠަވާފުގެ ފެށޭ ހިސާބުން އޭނާ އަލުން އެ އިއާދަކުރާނީ އެވެ. އެބަހީ ހަތްބުރު އެއްކޮށެވެ. ސަބަބަކީ އޭނާގެ ޠަވާފު އެއްކޮށް ބާޠިލުވެގެން ދިއުމުންނެވެ. ނަމާދެކޭ އެއްފަދައިންނެވެ. އޭގެ އެންމެ ފުރަތަމަ ހިސާބުން އޭނާ އެ އިއާދަކުރާނީ އެވެ.
◇ ◇ ◇
ފަތުވާ ނަގައިފައިވަނީ: فتاوى نور على الدرب، المجلد السابع عشر، كتاب الحج، بيان ما يلزم من انتقض وضوؤه أثناء الطواف، ج17، ص473، فتوى رقم: 269.
ސައިޓް ލިންކް: http://goo.gl/t0u0c1