އިސްލާމްދީނުގައި ކަޑައެޅިފައިވާ ރަޖަމުގެ ހައްދާއިމެދު ޝައްކުކޮށް ސުވާލު އުފެއްދި މީސްތަކުންނަށް ދެވޭ ޖަވާބު - الإمام العلامة الشيخ صالح الفوزان حفظه الله

ޞައްޙަ ކައިވެންޏެއްގެ ރަހަ ލިބުމަށްފަހު ޒިނޭކުރި މީހެއް (މުޙްޞަނެއް) ގެ މައްޗަށް އިސްލާމްދީނުގައި ކަޑައެޅިފައިވާ އުޤޫބާތަކީ ރަޖަމްކުރުމެވެ. މިޙުކުމަކީ ކީރިތި ޤުރުއާނާއި ރަސޫލާސުންނަތުގެ އިތުރުން މުސްލިމުންގެ އިޖުމާޢުއިން ޘާބިތުވެގެންވާ ޙުކުމެކެވެ. މިކަމާއި ބެހޭ ފިޤުހީ ތަފްސީލްތަށް ފަހުން މިލިޔުމުގައި އިޝާރާތްކުރެވޭނެ އެވެ.
އެގޮތުން ކީރިތި ޤުރުއާނުގައި މިޙުކުމް ކަޑައެޅިގެންވާކަން الإمَام مُسلم ޞަޙީޙުގައި ރިވާކޮށްފައިވާ މިރިވާޔަތުން އެގިގެންދެ އެވެ.
عبيد الله بن عبد الله بن عتبة ވިދާޅުވެފައިވެ އެވެ. (ރަސޫލާގެ ޞަޙާބީ) عبد الله بن عباس رضي الله عنه ވިދާޅުވި އެވެ. "عمر بن الخطاب رضي الله عنه رسول الله ﷺ ގެ މިންބަރުކޮޅު މަތީގައި އިންނަވައި ވިދާޅުވިއަޑު ތިމަން ޞަޙާބީ އެއްސެވީމެވެ. (إن الله قد بعث محمدا صلى الله عليه وسلم بالحق وأنزل عليه الكتاب فكان مما أنزل عليه آية الرجم قرأناها ووعيناها وعقلناها فرجم رسول الله صلى الله عليه وسلم ورجمنا بعده فأخشى إن طال بالناس زمان أن يقول قائل ما نجد الرجم في كتاب الله فيضلوا بترك فريضة أنزلها الله وإن الرجم في كتاب الله حق على من زنى إذا أحصن من الرجال والنساء إذا قامت البينة أو كان الحبل أو الاعتراف) "ހަމަކަށަވަރުން ﷲ ތަޢާލާ محمد ﷺ ޙައްޤު (ދީނާއިގެން) ފޮނުއްވި އެވެ. އަދި އެ ނަބިއްޔާގެ މައްޗަށް ފޮތް ބާވައިލެއްވި އެވެ. ފަހެ، އެފޮތުގައި ބާވައިލެއްވުނު އާޔަތް ތަކުގެ ތެރޭގައި ރަޖުމް (ގެ ޙުކުމް) ބާވައިލެއްވިގެންވެ އެވެ. ފަހެ، އަހަރެމެން ދެކުނީމެވެ. އަހަރެމެންނަށް އެ އާޔަތް ދޭހަވެ ފަހުމްވި އެވެ. ފަހެ، ރަސޫލާ ރަޖުމް ކުރެއްވެވި އެވެ. އަދި ރަސޫލާ އަށްފަހުގައި އަހަރެމެން ރަޖުމް ކުރީމެވެ. މީސްތަކުންގެ މައްޗަށް ޒަމާންތައް ވޭތިވެދިއުމަށްފަހު، މީސްތަކުންގެ ތެރެއިން ބަޔަކު މިފަދައިން ބުނެފާނެ ކަމުގެ މައްޗަށް އަހަރެން ބިރުވެތިވަމެވެ. "ﷲ ގެ ފޮތުގައި ރަޖުމް ކުރުމެއް އަހަރެމެންނަށް ނުފެނެ އެވެ." ފަހެ، ﷲ ބާވައިލެއްވި ފަރުޟެއް ދޫކޮށްލައި އެބައިމީހުން އެހިނދު މަގުފުރެދިގެންދެ އެވެ. ހަމަކަށަވަރުން ފިރިހެނުންނާއި އަންހެނުންގެ ތެރެއިން މުޙްޞިނެއްގެ ގޮތުގައިވި ފަރާތެއް ޒިނޭކޮށްފިކަން ބަޔާންވެއްޖެހިނދު ނުވަތަ އަންހެނަކު ބަލިވެއިދެއްޖެހިނދު ނުވަތަ އަމިއްލަ އިޢުތިރާފުން އިޢުތިރާފްވެއްޖެހިނދު، ﷲ ގެ ފޮތުގައި އެފަދަ މީހާ ރަޖުމް ކުރުމަކީ ޙައްޤުގޮތް ކަމުގައިވެ އެވެ." صحيح مُسلم 1691
މި ރިވާތާއި މެދު ފުންކޮށް ވިސްނާލުން ހުއްޓެވެ. މީސްތަކުންނާއި މުޚާތަބުކުރައްވާ މިފަދައިން އެވިދާޅުވަނީ މުސްލިމުންގެ ދެވަނަ ޚަލީފާ ކަމުގައިވާ عمر بن الخطاب رضي الله عنه އެވެ. އަދި އެއީ ރަސޫލާ ﷺ މިސްކިތުގައި އެ ނަބިއްޔާ ﷺ ގެ މިންބަރު ކޮޅުގައި ހުންނަވައިގެންނެވެ. އަދި މިފަދައިން ވިދާޅުވެ އެ މުޚާތަބު ކުރެއްވީ ކީރިތި ޤުރުއާނުގައި އެބޭކަލުންގެ އަދުލުވެރިކަމުގެ މައްޗަށް ﷲ ތަޢާލާ ހެކިވެ ވޮޑިގެންފައިވާ މާތް ޞަޙާބީންނާ އެވެ. އެބޭކަލުންގެ ތެރެއިން އެއްވެސް ބޭކަލަކު عمر بن الخطاب رضي الله عنه ގެ މިބަސްފުޅަށް ދެކޮޅު ހެއްދެވުމުގެ ގޮތުން އިންކާރެއް ނުކުރައްވަ އެވެ. އެހެންކަމުން މެންދުރުގެ އިރުފަދައިން މިބަސްފުޅުތަކުގެ ޙައްޤުކަން ފާޅުވެ އެވެ.
عمر بن الخطاب رضي الله عنه ގެ މި ބަސްފުޅުން ރަޖުމް ކުރުމަކީ ކީރިތި ޤުރުޢާނުގައި ކަޑައެޅިގެންވާ ޙުކުމެއްކަން އެނގި ދިޔުމުން ދެން އުފެދޭ ސުވާލަކީ އެ އާޔަތް ފެންނަން ނެތީ ކީއްވެގެން ތޯ އެވެ. ޖަވާބަކީ އެ އާޔަތްވަނީ މަންސޫޚަވެގެންނެވެ. ދަންނާށެވެ. އެ އާޔަތް ތިލާވަތްކުރުން މަންސޫޚުވިކަން އެކަންޏެވެ. އެހެނަސް އޭގެ ޙުކުމް ވަނީ ދެމިގެންނެވެ. އެހެނީ، ޢުޞޫލުގެ ޢިލްމުވެރިންގެ އަރިހުގައި ޤުރުއާނުގެ އާޔަތްތައް ނަސްޚުވުން ތިންބަޔަކަށް ބެހިގެންދެ އެވެ. އަދި އޭގެން ކޮންމެ ބަޔަކަށް މިސާލުތަކެއް ވެއެވެ. އެގޮތުން އެންމެ
ފުރަތަމަ ގޮތަކީ: ތިލާވަތް ކުރުމާއި އެކު ޙުކުމްވެސް މަންސޫޚުވެގެންދިޔުމެވެ.
ދެވަނަ ގޮތަކީ: ތިލާވަތްކުރުން މަންސޫޚުވުމަކާއި ނުލައި ޙުކުމް މަންސޫޚަވެގެންދިޔުމެވެ.
ތިންވަނަ ގޮތަކީ: ހުކުމް މަންސޫޚަވުމަކާއި ނުލައި ހަމައެކަނި ތިލާވަތްކުރުން މަންސޫޚަވުމެވެ. މިކަމުގެ މިސާލެއްކަމުގައި ރަޖަމުގެ އާޔަތް ވެއެވެ.
ދެން އުފެދޭ ސުވާލަކީ ޙުކުމް ދެމިއޮތުމަށްފަހު މިއާޔަތް ތިލާވަތްކުރުން މަންސޫޚަވުމުގެ ފަހަތުގައިވާ ޙިކުމަތަކީ ކޮބައިތޯ އެވެ. އާދެ އެއީ العَلاَّمَة محمد بن صَالح العُثَيمين رحمه الله ވިދާޅުވެފައިވާ ފަދައިން، އޭގެ ސަބަބެއް ކަމުގައި ބޮޑަށް ބެލެވެނީ ނަބިއްޔާ ﷺ ގެ އިތުރުން ޞަޙާބީންނާއި އަދި މިއުންމަތުގެ ހެޔޮލަފާ މީސްތަކުންގެ ހިތުގައި ﷲ ގެ މިޙުކުމުގެ މައްޗަށް ދެވިގެންވާ ޤަދަރު ފާޅުކޮށް މިއުންމަތުގެ މަތިވެރިކަން ބަޔާންކޮށްދިނުމަށްޓަކަ އެވެ. އެއީ ރަޖަމުގެ އާޔަތް ފެންނަން ނެތް ކަމުގައި ވީނަމަވެސް އެޙުކުމް ތަންފީޒުކުރުމުގެ މަތީގައި އެބައިމީހުން ދެމިތިބިކަން މިލިޔުމުން އެގިގެންދާނެ އެވެ.
ހަމަ އެފަދައިން ދެނެގަތުން ހުއްޓެވެ. ރަޖަމް ކުރުމަކީ ކީރިތި ޤުރުއާނުގެ އިތުރުން ތައުރާތުގައިވެސް ބާވައިލެވިގެންވާ ޙުކުމެކެވެ. އެހެނަސް ޔަހޫދީންގެ ޝަރަފުވެރިންގެ ތެރޭގައި ޒިނޭކުރުން އިތުރުވުމުން އެމީހުންގެ މައްޗަށް މިޙުކުމް ތަންފީޒުކުރުން ޔަހޫދީންނަށް ބޮޑުކަމަށް ވީހިނދު ﷲ ގެ މިޙުކުމް އެބައިމީހުން ބަދަލުކުރި އެވެ. صَحِيح البُخَاري ރިވާޔަތެއްގައި ވެ އެވެ. ޔަހޫދީންގެ ތެރެއިން އަންހެނަކާއި ފިރިހެނަކު (ރަސޫލު ﷺ ގެ ޒަމާނުގައި) ޒިނޭކުރި އެވެ. ޔަހޫދީން ކުރެން ރަސޫލާ އެއްސެވި އެވެ. "ރަޖަމް ކުރުމާއި މެދު ތިޔަބައިމީހުން ތައުރާތުގައި ދެކެނީ ކިހިނެއް ހެއްޔެވެ." އެހިނދު އެބައިމީހުން ދެންނެވި އެވެ. ތިމަންމެން ޒިނޭ ކުރާ މީހުންގެ ގައިގައި ޙައްދު ޖަހައި ފަޟީހަތްކުރަމު އެވެ. އެހިނދު عَبد الله بن سلام ދެންނެވި އެވެ. (މި ޞަޙާބީއަކީ އިސްލާމްވުމުގެ ކުރިން ޔަހޫދީންގެ ޢިލްމުވެރިންގެ ތެރެއިން ހިމެނި ވަޑައިގަންނަވާ ބޭކަލެކެވެ.) "ތިޔަބައިމީހުން ތިޔަހަދަނީ ދޮގެވެ. ހަމަކަށަވަރުން ތައުރާތުގައި ވަނީ ރަޖަމުކުރުމެވެ." އެހިނދު ޔަހޫދީން ތައުރާތު ހިފައިގެން އައިސް ހުޅުވާލި އެވެ. އަދި އޭގެ ތެރެއިން އެކަކު ރަޖަމުގެ އާޔަތް މަތީގައި އަތްއަޅައިގެން ހުރެ އޭގެ ކުރީގެ އާޔަތާއި އެޔާއި ވިދިގެން އޮންނަ އާޔަތް ކިޔެވި އެވެ. އެހިނދު އެމީހަކާއި މުޚާތަބުކޮށް عَبد الله بن سلام ދެންނެވިއެވެ. "ތިބާގެ އަތް ނަގާހުށިކަމެވެ. ފަހެ އޭނާގެ އަތް ނެގިހިނދު ރަޖަމުގެ އާޔަތް ފާޅުކޮށް ފެންނަން އޮތެވެ." صحيح البخاري ގެ ޙަދީޘް ނަންބަރ 3635 އަށް ބައްލަވާ.
ވުމާއި އެކު، ރަޖަމުގެ ޙުކުމަކީ ބާވައިލެވިގެންވާ ޙައްޤު އިލާހީ ޙުކުމެއްކަން ވަރަށް ސާފުކޮށް ބަޔާންވެގެންދެ އެވެ. الإمام ابن القيِّم رحمه الله ނޫނިއްޔާގައި ވިދާޅުވެފައިވާ ޅެންބައިތެއްގެ މާނައިގައި ވެ އެވެ. "ޙައްޤު އޭގެ އަލިކަމާއި ފާޅުވުމުގައި އިރު ފަދައިން ވެއެވެ. އަދި އެ ޙައްޤާއި ދިމާލަށް ލޯތައް ބަލަބަލައި ތިބެއެވެ. އެހެނަސް އެލޯތަކާއި ޙައްޤާއިމެދު ފަރުދާލެވި އޭގެ ސަބަބުން ކަނުވެފައިވާ ލޯ ތަކުގެ މަތިން އެޙައްޤުވަނީ ވަންހަނާވެގެންނެވެ." الكافية الشافية في الانتصار للفرقة الناجية
ރަޖަމަކީ އިލާހީ ޙުކުމެއްކަން އެނގިދިޔުމުން އެޙުކުމާއި ދެކޮޅުހެދުމުގެ އެއްވެސް އިޚްތިޔާރެއް ދެރަ ނިކަމެތި އިންސާނާއަށް ލިބިގެން ނުވެ އެވެ. ﷲ ވަޙީކުރައްވާފައިވެ އެވެ. ﭐﱡوَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّهُ وَرَسُولُهُ أَمْرًا أَن يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ ۗ وَمَن يَعْصِ اللَّهَ وَرَسُولَهُ فَقَدْ ضَلَّ ضَلَالًا مُّبِينًاﱠ الأحزاب 36 "އަދި ﷲ އާއި އެއިލާހުގެ ރަސޫލާ ކަމަކަށް ނިޔާ ކުރައްވައިފިހިނދު، މުއުމިނު ފިރިހެނަކަށްވެސް އަދި މުއުމިނު އަންހެނަކަށްވެސް، އެކަމުގައި އެބައިމީހުންނަށް އިޚްތިޔާރެއް އޮތުމަކީ ނެތް ކަމެކެވެ. އަދި ﷲ އަށާއި އެއިލާހުގެ ރަސޫލާއަށް އުރެދިއްޖެ މީހާ ދަންނާށެވެ. ފަހެ، ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު މަގުފުރެދިއްޖެކަން ކަށަވަރެވެ."
އެންމެހައި ކަންތައްތައް މޮޅަށް ދެނެވޮޑިގެންވާ އިލާހުގެ ހުކުމްފުޅެއް ކަމުގައި ރަޖަމްވެގެން ދިޔުމުން އެކަން އޭގެ ޒާތުގައި ޙިކްމަތެއް ކަމުގައި ނުފުދޭހެއްޔެވެ. ﭐﱡ لَا يُسْأَلُ عَمَّا يَفْعَلُ وَهُمْ يُسْأَلُونَ ﱠ الأنبياء 36 "އެކަލާނގެ ކުރައްވާ ކަމަކާމެދު، އެކަލާނގެއާ ސުވާލު ނުކުރެއްވޭ ހުއްޓެވެ. އެބައިމީހުންގެ ކަންތަކާމެދު އެބައިމީހުންނާ ސުވާލު ކުރައްވާނެތެވެ."
އަދިވެސް ﷲ ވަޙީ ކުރައްވާފައިވެ އެވެ. ﭐﱡأَفَحُكْمَ الْجَاهِلِيَّةِ يَبْغُونَ ۚ وَمَنْ أَحْسَنُ مِنَ اللَّهِ حُكْمًا لِّقَوْمٍ يُوقِنُونَﱠ المائدة 50 "ފަހެ، އެބައިމީހުން އެދެނީ ޖާހިލީ ޒަމާނުގެ ޙުކުމަށް ހެއްޔެވެ؟ ޔަޤީންކުރާ ބަޔަކަށް ﷲއަށްވުރެ ޙުކުމް ކުރެއްވުން މޮޅީ ފަހެ ކާކު ހެއްޔެވެ؟"
އަދިވެސް ﷲ ވަޙީ ކުރައްވާފައިވެ އެވެ. ﭐﱡ أَلَيْسَ اللَّهُ بِأَحْكَمِ الْحَاكِمِينَﱠ التين 8 "ޙުކުމް ކުރައްވާ އެންމެ ޢަދުލުވެރި އިލާހު ކަމުގައި ﷲ ވޮޑިގެން ނުވޭ ހެއްޔެވެ؟"
ފަހެ، އަޅުތަކުންނަށް އެންމެ މަސްލަހަތު ހުރި ރަނގަޅު ގޮތް އެނގުން އައުލާ ވެގެން ވަނީ ދެރަ ނިކަމެތި އިންސާނާއަށް ހެއްޔެވެ. ނޫނީ އެންމެހައި ކަންތައްތައް މޮޅަށް ދެނެވޮޑިގެންވާ އެންމެ ޙިކްމަތްވަންތަ ﷲ އަށް ހެއްޔެވެ.
މުސްލިމެއްގެ ނަމުގައި ހުރެ، ﷲ ގެ ޢަދުވެރި ޙުކުމްފުޅުތަކުގެ މައްޗަށް ބަސްބުނާ މީހުންގެ މައްޗަށް ސަމާލުވެ އިންޒާރު ލިބިގަތުން ހުއްޓެވެ! އެބަޔަކު އެހުށަހެޅެނީ ކޮންފަދަ ނުރައްކަލެއްގެ ތެރެއަށްކަން އެބަޔަކަށް ނޭނގެނީ ބާއެވެ! ﷲ ވަޙީކުރެއްވި އެވެ. ﭐﱡ أَلَا يَعْلَمُ مَنْ خَلَقَ وَهُوَ اللَّطِيفُ الْخَبِيرُﱠ الملك 14 "ހުރިހައި ތަކެއްޗެއް ހެއްދެވި އިލާހުއަށް އެތަކެތި ދެނެވޮޑިގެން ނުވޭ ހެއްޔެވެ؟ އަދި އެ އިލާހުއީ، އޯގާވަންތަކަން ބޮޑު، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ."
ފަހެ ރަޖަމުގެ ޙައްދު ޤާއިމްކުރެވޭތަން ފެނިފައިވާ މީހަކަށް ޒިނޭގެ ނުބައިވެގެންވާ މުޑުދާރު ފާހިޝް އަމަލަށް އަރައިގަންނަން ހިތަށްވެސް ނާރުވާނެކަން ކަށަވަރެވެ. އެހެންކަމުން އިންސާނުންގެ އަބުރާއި ޢިއްޒަތް އިންތިހާއަށް ހިމާޔަތްކުރުމަށްޓަކައި ބާރުއަޅާ މަތިވެރި އިސްލާމީ ޝަރީޢަތުގެ މިމާތް ޙުކުމާއި މެދު ކަންބޮޑުވުން ފާޅުކުރުމަށް ބުއްދި ޖާގަދެނީ ކިހިނެއްހެއްޔެވެ.
ﷲ ގަންދީ ބުނަމެވެ. އަމިއްލަ ނަފްސާއި ސުވާލު ކޮށްލުން ހުއްޓެވެ. ތިމާގެ އަމިއްލަ އަބިމީހާ، ނުވަތަ ދަރިއަކާއި، ނުވަތަ އުޚްތަކާއި، ނުވަތަ އެނޫންވެސް ތިމާގެ މީހަކާއި އެއްކޮށް އެހެންމީހަކު ޒިނޭގެ މުޑުދާރު ޢަމަލު ހިންގަން ތިބާ ލޯބިކުރާނަންތޯ އެވެ. އެމީހެއްގެ ކިބައިގައި ޛައްރެއްގެ މިންވަރަށްވެސް ޣީރަތްތެރިކަން ހުރި މީހަކުނަމަ އެކަމަށް ނުރުހޭނެކަން ކަށަވަރެވެ.
ފިރިމީހާގެ ތަންމައްޗަށް އަންހެންމީހާ ޚިޔާނާތްތެރިވުން ނުވަތަ އަންހެންމީހާގެ ތަންމައްޗަށް ފިރިހެންމީހާ ޚިޔާނާތްތެރިވުން އާދައިގެ ލުއިކަމެއް ކަމުގައި ދައްކާނީ ކޮންމީޒާނެއް ހެއްޔެވެ. ކައިވެނީގެ ރަހަ ލިބުމަށްފަހު މިހިންގާ މުޑުދާރު ޖަރީމާގެ ސަބަބުން ރޫޅިފައިވާ އާއިލާތަކުގެ ގިނަކަމާ އެވެ. އަދި ކިތައް އާއިލާއެއްގެ އުފާވެރިކަން ނެތިގޮސްފައި ވޭ ހެއްޔެވެ. ހަމައެފަދައިން މިކަމުގެ ސަބަބުން އިންސާނުންނަށް ﷲ ދެއްވާފައިވާ ކަރާމާތާއި ޢިއްޒަތްތެރިކަން ވެއްޔާއި މޮޑެވި އެއްވެސް ޣީރަތްތެރިކަމެއް ނެތް ހައިވާނުންގެ ދަރަޖައަށް ވެއްޓުމުގެ އިތުރުން އިންސާނުން ނަސަބު އޮޅި އަދި ހުތުރުވެގެން ދަނީ ކިހާ މިންވަރަކަށް ހެއްޔެވެ.
އިންސާނީ ޙައްޤުތަކޭ ބުނެ ރެޔާއި ދުވާލު ދައުވާ ކުރާ ބަޔަކު މުޖުތަމައުގެ ޢާންމު މަސްލަހަތާއި ގުޅިފައިވާ މިފަދަ ކަންތައްތަކާއި ދިމާލަށް ކަންބޮޑުވުމުގެ ނަޒަރަކުން ނުބެލުމަކުން އަދި ހައިރާންވާކަށް ނުޖެހެ އެވެ. އެހެނީ މިބައިމީހުންގެ ހަޤީޤަތް ވަނީ ބަޔާންވެގެންނެވެ.
العَلامَة الشيخ صَالح الفَوزَان حفظه الله ވިދާޅުވެފައިވާ ފަދައިންނެވެ. "އިސްލާމްދީނުން މީސްތަކުން އެއްކިބާ ކުރުމަށްޓަކައި ކާފަރުންކުރާ ދައުވާ ތަކުގެ އަޘަރު މިބައިމީހުންނަށް ކޮށްފައިވުމެވެ. މުސްލިމުންގެ ތެރެއިން އިސްލާމް ދީނުގައި ޝަރުޢުވެގެންވާ ކަންތައްތަކުގެ ހިކުމަތްތައް އޮޅުންފިލައިފައި ނުވާ، އަދި އެބަޔަކަށް ފަސޭހައިން އޮޅުވައިލެވޭނެ ވިސްނުން ބަލިކަށި މީސްތަކުންނަށް ކާފަރުން މި ޝުބުހަތައް ލައިދިނުމުން މުސްލިމުންގެ ތެރޭގައި ފެތުރިގެންދެއެވެ." المنتقى من فتاوى الشيخ الفوزان 3-251
ފާފަތަކަށް ވާ އުޤޫބާތެއްގެ ގޮތުގައި ﷲ ކަޑައަޅުއްވާފައިވާ ޙައްދުތަކަކީ އެ ފާފަތަކަށްވާ ކައްފާރާއެކެވެ. އެބަހީ، އާޚިރަތް ދުވަހުގެ އަޛާބުން އެމީހަކު މިންޖުވާނެ އެވެ. ފަހެ ކައިވެނީގެ ރަހަ ދެކުމަށްފަހު ޒިނޭ ކުރުން މުޑުދާރުވެގެންވާ ބޮޑުފާފައެއް ކަމުގައި ވެގެންދިޔަހިނދު އެފާފައިގެ ކައްފާރާއެއް ކަމުގައިވާ ޙައްދަކީ ސުންޕާވެގެންވާ ހަރުކަށި އުޤޫބާތެއްކަމުގައި ވެގެންދިޔުން މުނާސިބުވެގެންވެ އެވެ. އެއީ ދުނިޔޭގައި ކިތަންމެ ބޮޑު އުޤޫބާތެއް ދެވުނު ކަމުގައި ވީނަމަވެސް، އާޙިރަތް ދުވަހުގައި ދެވޭ އުޤޫބާތަކާއި އެއްވަރެއް ނުވާނެ އެވެ. ހުޅަނގުގެ ވިސްނުމުން ވިސްނާ މީހަކަށް މިކަން ތަޞައްވުރެއް ނުކުރެވޭނެ އެވެ. އޭގެ ބަދަލުގައި މިކަން އެންމެ ފުރިހަމަގޮތުގައި ތަސައްވުރު ކުރެވޭނީ ރަނގަޅަށް ﷲ މަޢުރިފާކޮށް ދެނެގަންނަ އަދި އާޚިރަތް ދުވަހަށް ޔަޤީންކުރާ މީހުންނަށެވެ.
الإمام ابن القيِّم رحمه الله ވިދާޅުވެފައިވެއެވެ. "ޞައްޙަ ކައިވެންޏެއްގެ ރަހަ ލިބުމަށްފަހު ޒިނޭ ކުރިމީހާގެ މައްޗަށް ހިލައިން އުކާ ޤަތުލުކޮށްލުން ޝަރުޢުވެގެންވެ އެވެ. އެއީ ޙަރާމްގޮތަކުން އޭނާގެ މުޅި ހަށިގަނޑަށް ލައްޒަތު ވާޞިލުވެފައިވާ ފަދައިން، ވޭނާ ތަދުވެސް މުޅި ހަށިގަނޑަށް ފޯރުމަށްޓަކަ އެވެ. އަދި ހަމައެއާއެކު އެއީ މަރާލެވޭ ގޮތްތަކުގެ ތެރެއިން އެންމެ ސުންޕާގޮތެވެ. ފަހެ އިންސާނާގެ ތަބީޢަތުގައި ޒިނޭއަށް އަރައިގަތުމަށް ދޭ ބާރު ގަދަފަދަ ކަމުގައި ވީ ހިނދު އެބާރުގެ ކުރިމަތީގައި މި އުޤޫބާތުގެ ހަރުކަށިކަން ލެވިފައިވެ އެވެ. އަދި މި އުޤޫބާތުގައި ލޫތު عليه السلام ގެ މީސްތަކުން ފާހިޝް ކަންތައްތަކަށް އަރައިގަތުމުން ﷲ އެބައިމީހުންގެ މައްޗަށް ހިލަފޮނުއްވައި ދެއްވި އުޤޫބާތުގެ މަތިން ހަނދުމަކޮށްދިނުން ހިމެނެއެވެ." الصلاة وأحكامها ص 30
أهل السنة و الجَماَعمة އިމާމް الإمَام أحمد بن حَنبل رحمه الله ވިދާޅުވެފައިވެ އެވެ. "(އަހަރެމެން ދެކޭ ގޮތުގައި ސުންނަތުގެ އުޞޫލު ތަކުގެ ތެރޭގައި) : ކައިވެންޏެއް ކޮށްފައިވާ މީހަކު ޒިނޭ ކުރުމުން ނުވަތަ ޒިނޭ ކުރިކަމަށް އޭނާ އިޢުތިރާފުވުމުން އޭނާ ރަޖުމު ކުރުމަކީ ދީނުގައިވާ ޙައްޤުގޮތެވެ. އަދި އެފަދައިން އޭނާގެ މައްޗަށް ހެކި ޘާބިތުވެއްޖެނަމަ އެނާގެ މައްޗަށް އޮތް ޙުކުމަކީ އެއީ އެވެ. ހަމަކަށަވަރުން رَسُولُ اَللَّهِ ﷺ ރަޖަމް ކުރެއްވިއެވެ. އަދި ހެޔޮވެގެންވާ އިމާމުން ވެސް ރަޖަމް ކުރެއްވިއެވެ." أصول السنة للإمام أحمد
ރަޖުމް ކުރުމުގެ ޙުކުމުގެ ޝަރަޙަ
މިއަދު ސުންނަތުގެ ޢިލްމުވެރި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މަދީގައި ދިރިއުޅުއްވާ ޢިލްމުވެރިޔާ العلاَّمَة عُبَيد الجَابِرِي حفظه الله ރަޖުމް ކުރުމުގެ ޙުކުމް - އިމާމް الإمَام أحمد بن حَنبل رحمه الله ލިޔުއްވާފައިވާ ޢަޤީދާފޮތް ޝަރަޙަ ކުރައްވާ- ތަފްޞީލު ކޮށްދެއްވާ ވިދާޅުވެފައިވެ އެވެ.
"ޝަރީޢަތުގައި މާނައަކީ : އެއީ ކައިވެންޏެއް ކޮއްފައިވާ މީހަކު ޒިނޭ ކުރުމުން ކުދި ހިލައިން އޭނާ މަރުވަންދެން ތެޅުމެވެ. ފަހެ މި ބަޙުޘާއި ގުޅިގެން ނުކުންނަ މައްސަލަ ތަކެއް މިތަނުގައި ވެއެވެ.
ފުރަތަމަ މައްސަލަ؛ މި މައްސަލަ ކަމުގައިވާ ރަޖަމް ކުރުމުގެ މައްސަލަ މި ފޮތާ ގުޅިފައިވާ ގުޅުމެވެ. ފަހެ ރަޖަމަކީ ފިޤުހީ މައްސަލައެކެވެ. އަދި އެ ޛިކުރު ކުރެވުން އޮތީ ޙައްދުތަކާ ބެހޭ ފޮތްތައް ކަމުގައިވާ ފިޤުހީ ފޮތްތަކާއި ޙަދިޘް ފޮތްތަކުގައެވެ. ފަހެ، އެހެންވުމުން މުޞަންނިފް الإمام أحمد رحمه الله މިތަނުގައި ޛިކުރު ކުރައްވާފައިވާ ސަބަބަކީ ކޮބައިތޯއެވެ؟ ޖަވާބު: ހަމަކަށަވަރުން މިތަނުގައި ޛިކުރުކުރައްވާފައިވަނީ الخوارج (ޚަވާރިޖުންނަށް) ރައްދު ދެއްވުމަށްޓަކައެވެ. އެގޮތުން ވިދާޅުވެފައިވެ އެވެ. "ރަޖަމް ކުރުމަކީ ދީނުގައިވާ ޙައްޤުގޮތެވެ." ޔަޢުނީ ޘާބިތުވެގެންވެ އެވެ. ސަބަބަކީ ޚަވާރިޖުން ރަޖަމް ކުރުން އިންކާރުކޮށް ރަޖަމް ކުރުން ނަފީ ކުރެއެވެ. އަދި އެމީހުންގެ ޙުއްޖަތަކީ ޤުރުއާނުގައި އެކަން ނެތުމެވެ. އަދި އެކަމުގައި ރިވާ ކުރެވިފައިވާ ޙަދީޘްތަކަކީ އާޙާދު ޙަދީޘްތައް ކަމުގައި ބުނަމެވެ. ފަހެ ކީރިތި ޤުރުއާނަކީ މި ޚަބަރު ބަޔާންކުރުމުގައި އެއްވެސް ޝައްކެއްނެތި ޔަޤީންކަމާ އެކު ބަޔާންވެގެންވުމުން އެ ދޫކޮށްލެވޭނީ ކިހިނަކުން ހެއްޔެވެ. ޤުރުއާން ރިވާކުރެއްވި ރާވީންނާ ބެހޭ ގޮތުން ދޮގުހެދުން ހުއްދަ ވެގެންވީތޯއެވެ؟ އެކި ގޮތްގޮތުން މިއަށް ޖަވާބުދިނުންވެއެވެ.
ފުރަތަމައީ : القرآن ގައި ރަޖަމް ޘާބިތުވެގެންވެއެވެ. الله سبحانه وتعالى އެކަން ޛިކުރު ކުރައްވާ محمد ﷺ އަށް ތިލާވަތް ކުރާ އާޔަތެއެް ބާވައިލެއްވިއެވެ. އެ އާޔަތަކީ الله ގެ وحي ބަސްފުޅެވެ. (الشيخُ والشيخةُ إذا زَنَيا فارجُموهما البتَّة نكالًا من اللهِ واللهُ عزيزٌ حكيمٌ) "ފިރިހެނަކު އަދި އަންހެނަކު ޒިނޭކޮށްފި ހިނދުގައި، الله ގެ ޙަޟްރަތުން ކަނޑައަޅުއްވާފައިވާ ޢިބްރަތްތެރި ޢުޤޫބާތެއްގެ ގޮތުން ދެމީހުން ރަޖަމް ކުރާށެވެ. الله އީ ޢަޒީޒުވަންތަ ޙަކީމްވަންތަ އިލާހެވެ." އެއަށްފަހު މި އާޔަތް ތިލާވަތް ކުރުން މަންސޫޚްވީއެވެ. އެހެނަސް އާޔަތުގެ ޙުކުމް ދެމިއޮންނަ ގޮތުގައެވެ.
ދެވަނައީ : ނަބިއްޔާ ﷺ ދެ ޔަހޫދީއެއް ރަޖަމް ކުރެއްވިއެވެ. އަދި މާޢިޒް (ماعز)، ޣާމިދިއްޔާ (الْغَامديّة)، ޖުހަނިއްޔ ާ (الجُهَنِية) އަދި މަސައްކަތު މީހެއްގެ ގޮތުގައިވި މީހާ ، މި 6 މީހުން الله ގެ ރަސޫލާ ﷺ ރަޖަމް ކުރެއްވިއެވެ.
ތިންވަނައީ : ހަތަރު ޚަލީފާއިން (ޒިނޭގެ ޙައްދުގެ) ގޮތުގައި ރަޖަމް ޤާއިމް ކުރެއްވިއެވެ. އަދި އެއަށްފަހު މުސްލިމް ވެރިންތަައް ރަޖަމްގެ ޙުކުމް ޤާއިމް ކުރެއްވިއެވެ.
ފަހެ، މި އެންމެހައި ކަންތަކުން ބަޔާން ވެގެންދަނީ އެބައިމީހުންގެ ޙުއްޖަތްތަކަކީ قرآن އަދި سنة އަދި إجماع އިން ބާޠިލްވެގެންވާ ކަމުގައެވެ. އަދި މިޒަމާނުގައި ޢިލްމަށް ނިޞްބަތްވެ ހުރެ ލިޔުންތައް ލިޔާމީހުންގެ ތެރެއިން ރަޖަމް ނަފީކުރާ މީހުން، ފަހެ އެމީހުން ވަނީ މިކަމުގައި ޚަވާރިޖުންނާ އެއްގޮތްވެފަ އެވެ. މިހާހިސާބުން މިތަނުގައި ދެވަނަ މައްސަލައެއްވެއެވެ. އެއީ މުޙްޞަން އަކީ ކޮބައިތޯއެވެ؟ މުޙްޞަން އަކީ، ބުއްދި ސަލާމަތުން ހުރި، ބާލިޣުވެފައިވާ، މިނިވަނެއްގެ ގޮތުގައިވެ އޭނާ ފަދަ (ސިފަ ލިބިގެންވާ) މީހަކާ ޞައްޙަ ކައިވެނިކޮށް ޖިމާޢުވެފައިވާ މީހާއެވެ. ފަހެ އެހެންވުމުން، މުޙްޞަނެއްގެ ގޮތުގައި ވުމުގެ ޝަރުޠުތަކެއްވެއޭ ބުނެވިދާނެއެވެ. ފުރަތަމައީ : ބާލިޣުވުން، ދެވަނައީ : ބުއްދި ސަލާމަތުންހުރުން، ތިންވަނައީ : މިނިވަނެއް ކަމުގައިވުން، ހަތަރުވަނައީ : އިސްވެ ދިޔަ ތިން ޝަރުޠު ފުރިހަމަވެފައިވާ މީހަކާ ކައިވެނިކޮށް ޖިމާޢުވެފައިވުމެވެ.
ފަހެ، ބާލިޣުވެފައިވާ، ބުއްދި ސަލާމަތުންހުރި، މިނިވަނެއް ގޮތުގައިވާ އަންހެނަކު ބާލިޣު ނުވާ ކުޑަ ފިރިހެން ކުއްޖަކާ ކައިވެނި ކުރުމަކުން މުޙްޞަނަކަށް ނުވާނެއެވެ. އެއި ދެމަފިރިކަމުގެ ގުޅުން ހިންގި ކަމުގައިވީ ނަމަވެސް ނުވަތަ އެ ގުޅުން ނުހިންގި ކަމުގައިވީ ނަމަވެސްމެއެވެ.
އެހެން މިޘާލަކީ : ބާލިޣު ވެފައިވާ، ބުއްދި ސަލާމަތުންހުރި މިނިވަނެއް ކަމުގައި ވީ ފިރިހެނަކު، މޮޔަ އަންހެނަކާ ނުވަތަ އަޅު އަންހެނަކާ ނުވަތަ ބުއްދި ހަމަ ނުޖެހޭ އަންހެނާ ކައިވެނިކުރުމަކުން މުޙްޞަނަކަށް ނުވާނެއެވެ.
މި ބަޙުޘްގެ ދެވަނަ މައްސަލައަކީ : ރަޖަމް ޘާބިތުވަނީ ކިހިނަކުން ހެއްޔެވެ؟ މުޞައްނިފް الإمام أحمد رحمه الله ރަޖަމް ޘާބިތުވާނެގޮތް ޛިކުރު ކުރައްވައެވެ.
އެއީ،
ފުރަތަމައީ : ހެކި ބަޔާންވުމެވެ. އެއީ މުސްލިމުންގެ ތެރޭގައިވި ޢަދުލުވެރި ހަތަރު ފިރިހެނުންގެ ހެކިބަސް ބަޔާންވުމެވެ. އެއީ (އެ ހެކި ބަހުގައި) މިވެނި ފިރިހެނެއްގެ އެ ގުނަވަން މިވެނި އަންހެނެއްގެ އެ ގުނަވަނުގެ ތެރެއަށް ވަނުން ޞަރީޙަކޮށް ބުނުމެވެ. މިވެނި މީހެއްގެ މިވެނި އަންހެން ދަރިއެއްގެ ގުނަވަނުގެ ތެރެއަށް، މިވެނި ފިރިހެނެއްގެ ގުނަވަން ވައްދާފައިވާ ކަމުގައި ޞަރީޙަކޮށް ހެކިވުމެވެ.
ދެވަނައީ : ޒިނޭ ކުރި މުޙްޞަން މީހާ އޭނާ އަމިއްލަ ނަފްސަށް އިޤްރާރުވެ އިޢްތިރާފްވުމެވެ.
ތިންވަނައީ : މާ ބަނޑުވުމެވެ. ފިރިމީހާ ވަރިކޮށްފައިވި އަންހެނަކު މާބަނޑުވުމުން ނުވަތަ ފިރިމިހާ މަރުވެފައިވާ އަންހެނަކު މާބަނޑުވުމުން އެއީ ހެކި ބަޔާންވުމެވެ. ފިރިއަކު ނެތް އަންހެނަކު، އެއަންހެނާގެ ޢިއްދައިގެ މުއްދަތު ހަމަވެ، ރަހިމު ސާފު ވެފައިވާކަން ޔަޤިންވެފައިވާ އަންހެނަކު ނުވަތަ ފިރިމިހާ މަރުވެފައިވާ އަންހެނާ، އެ އަންހެންމީހާގެ ޢިއްދަ ފުރިހަމަކޮށް ރަހިމު ސާފު ވެފައިވާކަން ޔަޤީންވެފައިވާ އަންހެނާ، އެއަށްފަހު މީސްތަކުންނަށް އާދަކާދައިގެ ގޮތުން މަޢުރޫފް ނޫން ގޮތެއްގައި މާބަނޑުވުމެވެ. ސަބަބަކީ އަންހެންމީހާ މާބަނޑުވެފައިވާކަން، އޭނާގެ ފިރިމީހާ މަރުވުމަށްފަހު ޢިއްދައިގެ ފުރަތަމަ މަހުގައިވެސް އެނގިދެއެވެ. އެއީ މަރުވި ފިރހެންމިހާގެ ދަރިއެކެވެ." تقرير الأحمد بشرح أصول السنة لامام أحمد
ރަޖަމްގެ ޙުކުމަކީ ދީނުގައި ނެތް ކަމުގައި ބުނާނީ ކިހިނަކުން ހެއްޔެވެ؟ ނަބިއްޔާ ﷺ ދެ ޔަހޫދީއެއް ރަޖަމް ކުރެއްވިކަން صحيح البخاري ގެޙަދީޘް ނަމްބަރ 3635 ގައި، صحيح مسلم ގެޙަދީޘް ނަމްބަރ 1699 ގައިވެ އެވެ. صحيح مسلم ގެޙަދީޘްގައިވެ އެވެ. (أنَّ رسولَ اللهِ صلَّى اللهُ عليهِ وسلَّمَ رجمَ في الزنى يهودييْنِ......) "ހަމަކަށަވަރުން ރަސޫލާ ﷺ ދެ ޔަހޫދީއަކު ޒިނޭ ކުރިކަމުގެ މައްޗަށް (ޒިނޭ ކުރިކަން ޘާބިތުވެ) ރަޖްމު ކުރެއްވެވި އެވެ..."
އަދި މާޢިޒް (ماعز) ކިޔުނު ޞަޙާބީއެއް ޒިނޭކުރިކަމަށް އިޢުތިރާފްވެވަޑައިގެންނެވުމުން ރަޖްމު ކުރެއްވި އެވެ. އެ ޙާދިޘާ صحيح البخاري ގެޙަދީޘް ނަމްބަރ 6824 ގައި صحيح مسلم ގެޙަދީޘް ނަމްބަރ 1695 ގައިިވެ އެވެ. ޣާމިދިއްޔާ (الْغَامديّة)، އަންހެންކަނބަލެއް ރަޖްމު ކުރެއްވި އެވެ. صحيح مسلم ގެޙަދީޘް ނަމްބަރ 1695 ގައި އެ ޙާދިޘާ ވެ އެވެ. އަދި މި ނޫނަސް ރަޖްމުގެ ޙުކުމް ތަންފީޛު ކުރެވުނު ޙާދިޘާތައްވެ އެވެ.
ރަޖަމްގެ ޙުކުމަކީ ޘާބިތުވެގެންވާ، ﷲ ބާވައިލެއްވި ޙުކުމެއްކަން ސާފުކޮށް ޝައްކެތްނެތި ބަޔާންވެގެންވެ އެވެ. އެކަމުގައި ވަހުމާއި ޝައްކު ވައްދާނީ ދީނަށް ފުރަގަސްދީ ޝަރީޢަތް ޤަބޫލު ނުކުރާ، ދީނެތް ނެތް އިސްލާމް ކަމެއްނެތް މީހެކެވެ. ޖާހިލުކަމުގެ އަހުލުވެރިންނަށް ދަލީލު ބަޔާންވުމުން އެއަށް ރުޖޫޢަވުން ހުއްޓެވެ. އެއަށްފަހު އެކަން އިންކާރުކޮށްފި މީހަކީ ދީނުން ބޭރުވެފައިވާ މުރުތައްދުވެފައިވާ ނުބައިކަން ޙައްދުފަހަނައަޅައިފައިވާ މީހެކެވެ.
ރަޖްމުގެ ޙުކުމް އިންކާރު ކޮށްފި މީހެއްގެ ޙުކުމް
ސައުދީ ޢަރަބިއްޔާގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ العلاَّمَة د.صَالح الفَوزَان حفظه الله އަރިއަހުގައި ސުވާލުކުރެވުނެވެ.
ސުވާލު: ރަޖްމުގެ ޙުކުމް އިންކާރު ކޮށްފި މީހެއްގެ ޙުކުމަކީ ކޮބައި ހެއްޔެވެ؟ އެހިނދުވާނީ، ދީނުގައި ޟަރޫރީކޮށް ކަނޑައެޅި ބަޔާންވެގެންވާ ކަމެއް އިންކާރު ކުރުން ގޮތުގައި ހެއްޔެވެ؟
ޖަވާބު: "އޭގެ ޙުކުމް ދެނެހުރެ އޭނާގެ ދެކޮޅުހެދުން ކަމުގައިވާނަމަ އޭނާ ކާފަރުވާނެ އެވެ. އިސްލާމްދީނުން މުރުތައްދުވާނެ އެވެ. އެހެނަސް އިންކާރު ކުރީ އޭގެމައްޗަށް ޖާހިލު ކަމުގައިވެ ނުވަތަ ޝުބުހާތްތަކުގެ ސަބަބުން ކަމުގައިވެއްޖެހިނދު، އޭނާއަށް އޮތީ ބަޔާން ކޮށްދިނުމެވެ. އޭނާއަށް ކުރެވިފައިވާ ކުށް ބަޔާންކޮށްދިނުން ހުއްޓެވެ. ބަޔާންވެ ދިއުމުން އޭނާއަށް އޮތީ ތަޥްބާވުމެވެ. އެގޮތުގައި ދެމިހުރެއްޖެހިނދު މުރުތައްދުވެފައިވާ މީހެއްގެ ގޮތުގައި ޙުކުމް ކުރެވޭނެ އެވެ." https://goo.gl/saBTMJ
މުސްލިމުންނޭވެ! ދިވެހި ރައްޔިތުންނޭވެ! އިސްލާމީ މުޖުތަމަޢުއެއްގައި، މުސްލިމުންގެ ތެރޭގައި މިފަދަ ބަސްތައް ފާޅުގައި ބުނަން ފަސްނުޖެހުމަކީ ޙައިރާންވާންޖެހޭ ކަމެކެވެ. ޚާލިޤްވަންތަ ﷲ ގެ ޤާނޫނާއި ޝަރީޢަތުގެ މައްޗަށް ބަސްބުނުމެވެ. މިއީ ކޮންފަދަ ޢަދާވާތްތެރި ކަމެއްހެއްޔެވެ؟ ކޮންފަދަ ޙައްދުފަހަނައަޅައި ދިއުމެއް ހެއްޔެވެ؟ ތިމަންނަމެންނަކީ ޤާނޫނީ ބައެއް ކަމުގައިބުނާ މީހުން ﷲގެ ޤާނޫނާއި ޝަރީޢަތުގެ މައްޗަށް މިފަދައިން ބުނުމުން އެބައިމީހުންގެ ހިތްތަކުގައި އިސްލާމް ދީނަށް އޮތީ ކޮން މަޤާމެއްކަން ބަޔާން ނުވޭ ހެއްޔެވެ؟ ﷲ ޤަންދީ ބުނަމެވެ. މިފަދަ މީސްތަކުން ސަފުތަކުގެ ކުރިއަށް ނެރެ، އެކަމަށް ވާގިވެރިވެ، އެބަޔަކާއި އެކީ ވާގިވެރިވާ ފަރާތްތައްވެސް ހަމަ އެފަދައެވެ. ﷲ އަށް ބިރުވެތިވުން ހުއްޓެވެ. އެއިލާހުގެ ކޯފާއަށް ބިރުވެތިވުން ހުއްޓެވެ. ޢަޛާބަށް ރައްކާތެރިވުން ހުއްޓެވެ. މިއީ އެބައެއްގެ ކިބައިން ބަރީއަވެ،ދީނުގައި އެބައެއްގެ މައްޗަށް އިންޒާރު ލިބިގަންނަން ޖެހޭ ބައެކެވެ. ނިކަމެތި އިންސާނާގެ ދުލާއި އަތާއި އޭނާގެ އެހެނިހެން ގުނަވަންތަކަކީ ﷲ ގެ މައްޗަށް ބަސްބުނުމަށާއި، އެ އިލާހުގެ ޝަރީޢަތާއި ޤާނޫނާއި ދެކޮޅަށް ޢަމަލުކުރަން އޮތް އެއްޗެއް ކަމުގައި ނަހަދާށެވެ. ތިޔަ މުސްލިމް އަޅާގެ ހިތުގައި ﷲ އަށާއި އެއިލާހުގެ ރަސޫލާއަށް އިޚްތިރާމާއި ޤަދަރު އޮތީ ކިހާ މިންވަރަކަށްކަން މިފަދަ ބަސްތަކުގެ އަހުލުވެރިންނާ މެދު މުޢާމަލާތްކުރާ ގޮތުން ފެންނާނެ އެވެ.