ވެރިމީހާއާ މެދު އާންމުންގެ ހިތްތަކުގައި ރުޅިވެރިކަމާއި ޢަދާވާތްތެރިކަން އުފައްދައި، ރައްޔިތުންނާ ދުރުކުރުވަން މަސައްކަތްކުރުމީ ބިންމަތީގައި ފަސާދަ އުފައްދާ މުނާފިޤުންގެ ޢަމަލުތަކުގެ ތެރެއިންވާ ކަމެއް - الشَّيْخُ صَالِح بن فَوْزَان الفَوْزَان حفظه الله

ސުވާލު: ވެރިންނާ މެދު ޢާންމުންގެ ހިތްތަކުގައި ރުޅިވެރިކަމާއި ޢަދާވާތްތެރިކަން އުފައްދައި ފެތުރުމީ އެއްބައިވަންތަކަމުގެ ތެރެއިންވާ ކަމެއްތޯ އެވެ؟
ޖަވާބު: ވެރިންނާ މެދު ޢާންމުންގެ ހިތްތަކުގައި ރުޅިވެރިކަމާއި ޢަދާވާތްތެރިކަން އުފެއްދުމީ ފަސާދަ އުފައްދާ މީހުންނާއި ދެބައޮޑުވާ މީހުންގެ ޢަމަލުތަކުގެ ތެރެއިންވާ ކަމެކެވެ. އެބައިމީހުންނީ ހަމަނުޖެހުން ފަތުރައި، އިސްލާމީ މުޖްތަމަޢު ބައިބައިކޮށްލަން ބޭނުންވާ މީހުންނެވެ.(1) އަދި ހަމަކަށަވަރުން އިސްވެދިޔަ ޒަމާނުގައި، މުޖްތަމަޢު ބައިބައިކޮށްލުމައްޓަކައި، މުސްލިމުންނާއި رَسُولُ الله ﷺ ދުރުކުރުވަން ބޭނުންވީ ހިނދު މުނާފިޤުން މިފަދަ ކަންކަން ކުރުމަށް މަސައްކަތްކުރި އެވެ. އަދި އެބައިމީހުން ބުންޏެވެ: ﴿ لَا تُنْفِقُوا عَلَىٰ مَنْ عِنْدَ رَسُولِ اللَّهِ حَتَّىٰ يَنْفَضُّوا﴾ [المنافقون: 7] މާނައީ: " الله ގެ ރަސޫލާގެ އަރިއަހުގައި ތިބި ބަޔަކަށް ތިޔަބައިމީހުން ހޭދަ ނުކުރާށެވެ. އެބައިމީހުން ރަސޫލާގެ އަރިއަހުން ވަކިވެއްޖެއުމަށް ދާންދެނެވެ."
އެހެންކަމުން، ވެރިމީހާ އާއި ރައްޔިތުން ދުރުކުރުވަން މަސައްކަތްކުރުމަކީ ބިންމަތީގައި ފަސާދަ އުފައްދާ މުނާފިޤުންގެ ޢަމަލުތަކުގެ ތެރެއިންވާ ކަމެކެވެ. އެބައިމީހުންނާ މެދު الله ވަޙީކުރެއްވި އެވެ: ﴿ وَإِذَا قِيلَ لَهُمْ لَا تُفْسِدُوا فِي الْأَرْضِ قَالُوا إِنَّمَا نَحْنُ مُصْلِحُونَ﴾ [البقرة: 11] މާނައީ: "އަދި ތިޔަބައިމީހުން ބިމުގައި ފަސާދަ އުފައްދައި ނޫޅޭށޭ، އެއުރެންނާ ދިމާއަށް ބުނެވިއްޖެ ނަމަ، ތިމަންމެންނީ، ހަމަ އިސްލާޙު ކުރަން އުޅޭ ބަޔަކީމުއޭ، އެއުރެން ބުނެތެވެ."
އަދި މުސްލިމުންގެ ވެރިންނަށާއި ޢާންމުންނަށް ނަޞޭޙަތްތެރިވާ މީހާ ވަނީ އޭގެ އިދިކޮޅަށެވެ. ފަހެ އޭނާ މަސައްކަތްކުރާނީ ރައްޔިތުންނަށް ވެރިމީހާއާ މެދު ލޯބި އުފެއްދުމައްޓަކައެވެ. އަދި ވެރިންނަށް ރައްޔިތުންނާ މެދު ލޯބި އުފެއްދުމައްޓަކައެވެ. އަދި ކަލިމަ އެއްތަންކުރުމަށެވެ. އަދި ޚިލާފު އުފެދޭ ހުރިހައި ކަމަކުން ދުރުވުމަށެވެ.
*****
ފަތުވާ ނަގައިފައިވަނީ: الأجوبة المفيدة عن أسئلة المناهج الجديدة، س87، ص214-216، دار سحاب السلفية، الطبعة الخامسة 1432 ه.
(1) މި ލިޔުމުގައިވާ ފުޓްނޯޓުތައް ލިޔުއްވާފައިވަނީ މި ފަތުވާ ނެގިފައިވާ ފޮތް ތައްޔާރުކުރައްވާފައިވާ ދަރިވަރު جَمَال بِن فُرَيْحَان الحَارِثِي އެވެ. ވިދާޅުވި އެވެ:
އަދި އެބައިމީހުންނީ އެބައިމީހުން ނުނުކުތް ކަމުގައިވީ ނަމަވެސް، ވެރިންނާ ދެކޮޅަށް ނުކުތުމަށް ހިތްވަރުދޭ މީހުންނެވެ. އަދި ހަމަކަށަވަރުން ޢިލްމުގެ އަހުލުވެރިން އެބައިމީހުންނަށް ނަންދެއްވާފައިވަނީ القَعْدِيَّة ގެ ނަމުންނެވެ. ފަހެ މަގުފުރެދިފައިވާ ފިރުޤާތައް ބަޔާންކޮށްދެއްވަމުން ابن حَجَر رحمه الله ވިދާޅުވި އެވެ: "القَعْدِيَّة އަކީ އެމީހުން އެކަން ނުކުރާ ހާލުގައި (އެބަހީ ވެރިންނާ ދެކޮޅަށް ނުނުކުންނަ ޙާލުގައި)، ވެރިންނާ ދެކޮޅަށް ނުކުތުން ޒީނަތްތެރިކޮށްދޭ މީހުންނެވެ." هدي الساري مقدمة فتح الباري (ص459).
އަދި އޭގެ އިތުރުން القَعْدِيَّة އަކީ ކޮބައިކަން ބަޔާންކޮށްދެއްވަމުން ابن حَجَر رحمه الله ވިދާޅުވި އެވެ: "އަދި ޤަޢްދީ ޚަވާރިޖުން ހަނގުރާމަކުރަނިކޮށް ފެނިފައިނުވެ އެވެ. އަދި ކިއެއްތޯ އެވެ. ކުޅަދާނަވީ މިންވަރުން އެބައިމީހުން އަނިޔާވެރި ވެރީންނަށް އިންކާރުކުރި އެވެ. އަދި އެމީހުންގެ ރައުޔަށް ގޮވައިލި އެވެ. އަދި އެއާ އެކު (ވެރިންނާ ދެކޮޅަށް) ނުކުތުން ޒީނަތްތެރިކޮށްދީ ރިވެތިކަމެއްގެ ގޮތުގައި ހެދިއެވެ." تهذيب التهذيب (8/114).
އަދި القَعْدِيَّة އަކީ: ޚަވާރިޖުންގެ ފިރުޤާތަކުގެ ތެރެއިން ފިރުޤާއެކެވެ. އެހެންކަމުން ޚަވާރިޖުންނަކީ ހަމައެކަނި ވެރިޔާއާ ދެކޮޅަށް ކަނޑި ހިފައިގެން ނުކުންނަ މީހުންގެ ގޮތުގައި ހީކުރާ މީހަކު ހީނުކުރާށެވެ. ފަހެ މިކަމަށް ސަމާލުވެލައްވާށެވެ!!
ابن حَجَر رحمه الله هدي الساري (ص460) ގައި، އެބައެއްގެ ޢަޤީދާއާ މެދު ޢައިބު ބަސް ބުނެވުނު މީހުންގެ ނަން ޛިކުރުކުރައްވަމުން ވިދާޅުވި އެވެ: "القَعْدِيَّة ގެ ރައުޔު ހުރި ކަމަށް عِمْرَان بن حَطَّان އާ މެދު ބުނެވުނެވެ."
އަދި ގިނަ ފަހަރުގައި القَعْدِيَّة އަކީ ޚަވާރިޖުންނަށް ވުރެ ވެސް ނުރައްކައުތެރި ބައެކެވެ. އެހެނީ ވާހަކަތަކުން ހިތްތައް ދެކޮޅުވެރިކުރުވައި، ޢާންމުންގެ ކިބައިގައި ވެރިންގެ މައްޗަށް ރުޅި އުފެއްދުމަކީ ނަފްސުތަކަށް އެންމެ ފުން އަސަރު ކުރާ ކަމެކެވެ. އަދި ޚާއްސަކޮށް ބަލާޣާތްތެރި، ބަސްމޮށުންތެރި މީހެއްގެ ކިބައިން އެ ވާހަކަތައް އައިސްފައިވާ ނަމަ އެވެ. އޭނާގެ ދުލުންނާއި، ސުންނަތުގެ ފޭރާން ލައިގެން އުޅޭކަމަށް ދެއްކުމުން މީހުންނަށް އޮޅުވާލަ އެވެ.
مَسَائِل الإِمَامِ أَحْمَد ގައި أبو داود رحمه الله ، عَبْدُ الله بن مُحَمَّد الضَعِيف رحمه الله ގެ އަރިއަހުން ރިވާކުރައްވައި ވިދާޅުވި އެވެ: "عَبْدُ الله بن مُحَمَّد الضَعِيف رحمه الله ވިދާޅުވި އެވެ: "قَعْدُ الخَوَارِجِ هُمْ أَخْبَثُ الخَوَارِج" މާނައީ: "ޤަޢުދީ ޚަވާރިޖުންނަކީ ޚަވާރިޖުންގެ ތެރެއިންވާ އެންމެ މުޑުދާރު ބައިގަނޑެވެ." (ص271).