ފަލަކީ ޙިސާބުން ރަމަޟާން މަސް ޘާބިތު ކުރުމުގެ ޙުކުމް؟ - الشَّيخ أُسَامَة بن سُعُود العَمري حفظه الله

"ފަހެ، ﷲ ގެ އަޅުތަކުންނޭވެ! ދީނުގައި ޝައްކު އުފައްދާ މީސްތަކުންގެ ކިބައިން އިންޒާރު ލިބިގަތުން ހުއްޓެވެ. ދީނުގައި އޮޅުން އަރުވާ މީސްތަކުންގެ ކިބައިން އިންޒާރު ލިބިގަތުން ހުއްޓެވެ. ކޮންމެ ރަމަޟާން މައްސަރެއްގެ ކުރިން އެބައިމީހުން އަހަރެމެންގެ ތެރެއަށް ފާޅުވެ އެވެ. އަދި އެބައިމީހުން ރަމަޟާން މައްސަރު ޘާބިތު ކުރުމާއި ރަމަޟާން މައްސަރުނިމުން ޘާބިތުކުރާނެ ގޮތާއި މެދު ބަސްތައް ބުނެ އެވެ. ހަނދު ފާޅުވެފައިވާނި މިވަނި ދަރަޖައެއްގައި ވުމުން އެ ހަނދެއް ނުފެންނާނެ އެވެ. ނުވަތަ މިވަނި ދަރަޖައެއްގައި ހުރުމުން ލޮލަށް ނުފެންނާނެ އެވެ. ނުވަތަ އެވެނި މިނެވި ސަބަބުތަކާހެދި ލޮލަށް ފެނުމަކީ އެއީ ވާނެކަމެއް ނޫނެވެ. މިފަދައިން ބުނެ އެވެ.
މުސްލިމް އުއްމަތެވެ! މިފަދަ ޝައްކުތައް، އޮޅުވާލުންތަކުގެ ކިބައިން އިންޒާރު ލިބިގަތުން ހުއްޓެވެ! ފަހެ، ހަމަކަށަވަރުން ރަމަޟާން މައްސަރު ޘާބިތު ކުރުމުގައި ނަބިއްޔާ ﷺ ގެ ހިދާޔަތަކީ ހަނދު ފެނުމުގެ މައްޗަށް ބަރޯސާވުމެވެ. އަދި ފުސްވެ، ވިލާބޯވެ ހަނދު ނުފެނިއްޖެހިނދު ޝަޢުބާން މައްސަރު 30 ދުވަހުގެ ގޮތުގައި ފުރިހަމަ ކުރުމެވެ. (ޙަދީޘް ކުރެއްވި އެވެ.) (صومُوا لِرُؤيتِه ، وأفْطِرُوا لِرُؤيتِه، فإنْ غُمَّ عليكم فَأَكْمِلُوا العدة ثلاثينَ) "ރަމަޟާން މައްސަރުގެ ހަނދުފެނުމުން ތިޔަަބައިމީހުން ރޯދަ ހިފާށެވެ. އަދި (ޝައްވާލުމަހުގެ) ހަނދުފެނުމުން ތިޔަބައިމީހުން ރޯދަ ހިފުން ހުއްޓާލާށެވެ. އަދި އުޑުމަތި ފުސްވެ، ވިލާ ބޯވުމުގެ ސަބަބުން ހަނދު ނުފެނިއްޖެހިނދު ތިޔަބައިމީހުން (ޝަޢުބާން) މަސް 30 ދުވަހުގެ ގޮތުގައި ފުރިހަމަ ކުރާށެވެ."
އަދި މިގޮތުގެ މައްޗަށް އީމާންކަމާއި ޢިލްމުގެ އެންމެހައި އަހުލުވެރިން އިޖްމާޢުވެވަޑައިގެންފައިވެ އެވެ. ފަހެ، އަހަރެމެންގެ ދީނަކީ ލުއިފަސޭހަ ދީނެކެވެ. ދަތިކަމެއްނުވެ އެވެ. ޝައްކު އުފެއްދުމާއި، ކަނޑައެޅިގެން ނުވާ މިންވަރަަށް ކަންތައްތަކުގައި ހައްދުފަހަނައަޅައިި ދިއުން ދީނުގައިނުވެ އެވެ.
شَيخ الإِسلام ابن تَيمية رحمه الله ވިދާޅުވެފައިވެ އެވެ. "އެއްވެސް ޝައްކެތްނުވާގޮތުގައި، ޞައްޙަ ސުންނަތުން އަދި އެންމެހައި ޞަޙާބީންގެ އިއްތިފާޤުން ޘާބިތުވެގެންވަނީ، ފަލަކީ ޢިލްމަށް ބަރޯސާވުން ހުއްދައެއް ނުވާނެ އެވެ. ޞަޙީޙައިންގައި ޘާބިތުވެގެންވާ ފަދައިންނެވެ. (إنا أمة أمية لا نَكْتُب ولا نحسب صومُوا لِرُؤيتِه، وأفْطِرُوا لِرُؤيتِه) "ހަމަކަށަވަރުން އަހަރެމެންނަކީ އުއްމިއްޔަ އުއްމަތެކެވެ. ޙިސާބުކޮށް އަދި ލިޔެ ނަހަދަމެވެ. ރަމަޟާން މައްސަރުގެ ހަނދުފެނުމުން ތިޔަަބައިމީހުން ރޯދަ ހިފާށެވެ. އަދި (ޝައްވާލުމަހުގެ) ހަނދުފެނުމުން ތިޔަބައިމީހުން ރޯދަ ހިފުން ހުއްޓާލާށެވެ. "
ހަނދު ޘާބިތުކުރުމަށް ޙިސާބަށް ބަރޯސާވާ މީހާކީ ޝަރީޢަތުގެ މައްޗަށް މަގު ގެއްލިފައިވާ މީހެކެވެ. ދީނަށް އަލަށް (ބިދުޢަ) ގެނެސްފައިވާ މީހެކެވެ. ފަހެ، އޭނާވަނީ އޭނާގެ ވިސްނުމުގައި އަދި ޙިސާބުގެ ޢިލްމުގައި ކުށްކޮށްފަ އެވެ."
ފަހެ، (ރަމަޟާން މައްސަރުގެ ހަނދު ޘާބިތު ކުރުމުގައި) ނަބިއްޔާ ﷺ ގެ ހިދާޔަތަކީ، މުސްލިމަކަށް ހަނދުފެނިއްޖެ ކަމުގެ ހެކިބަސް ދިނުމުން މީސްތަކުންނަށް ރޯދަ ހިފުމަށް އަމުރު ކުރުމެވެ. عَبد الله بن عمر ވިދާޅުވެފައިވެ އެވެ. "މީ×ސްތަކުން ހަނދުބެލުމަށް ނުކުންނެވި އެވެ. ތިމަން ޞަޙާބީއަށް ހަނދު ފެނުނުކަން ނަބިއްޔާ ﷺ އަށް ޚަބަރު ދެއްވީމެވެ. ފަހެ، ރަސޫލާ ﷺ ރޯދަހިއްޕެވި އެވެ. އަދި މީސްތަކުންނަށް ރޯދަހިފުމަށް އަމުރުފުޅު ކުރެއްވި އެވެ." روَاه أبودَاود
ﷲ އަށް ހަމްދު ހުއްްޓެވެ. ފަހެ، ﷲގެ ރަސޫލާގެ ހިދާޔަތް އެއީ އެންމެ ފުރިހަމަ ހިދާޔަތެވެ. އެއީ ދީނުގައި ކަނޑައަޅުއްވާފައިވާ މަޤްޞަދު ޙާޞިލްވުމަށްއޮތް އެންމެ މަތިވެރި ގޮތެވެ. އަދި ނަފްސުތަކަށް އެންމެ ލުއިފަސޭހަ ގޮތެވެ."
*****
ބަސްތައް ނަގާފައިވަނީ : https://goo.gl/yp7Z9j
އަޚުންނޭވެ! މި އެންމެހައި ޢިލްމެއް، އެންމެހައި ހެޔޮވެގެންވާ މަގުތަކެއް އުނގަންނައި ދެއްވުމަށް މި ކާއިނާތައް ﷲ ވުޖޫދު ކުރެއްވި ނަބިއްޔާގެ ހިދާޔަތަށް ވުރެ ހެޔޮ މާތް މަތިވެރި ހިދާޔަތަކީ ކޮބައިހެއްޔެވެ؟ ދީނުގައިވާ ޙުކުމްތަކަކީ ލުއި، ފަސޭހަ ޙުކުމްތަކެއްގެ ގޮތުގައި ކަނޑައެޅުއްވީ އެ ނަބިއްޔާ އެވެ. ނަބިއްޔާ ﷺ ގެ ހިދާޔަތުގައި ކަނޑައެޅުއްވައި އުއްމަތަށް މަގު ބަޔާންކުރައްވައި އުނގަންނަވައި ދެއްވުމަށްފަހު އޭގެ ފަހުގައި އުއްމަތަށް ފާޅުވާބަޔަކަށް އެއަށްވުރެ ހެޔޮ ލުއިފަސޭހަ މަގެއް ފެނުމަކީ ވާނޭ ކަމެއް ނޫނެވެ. ދީނުގައި ޞައްޙަ، ޞަރީޙަ ބަސްފުޅުތައް ބަޔާންވެގެން ދިއުމުން ބޭރާކު، ބޭނުމެއްނެތް އަގެއްނެތް ތަކްލީފުތަކެއް އުފުލުމަކީ އެއީ ވިސްނުމުގައި ކޮންފަދަ ޢައިބު މީހެއްގެ ޢަމަލު ކަމުގައިވާނެ ހެއްޔެވެ؟ އެހެނަސް މިއަދު "ފަލަކީ ޢިލްމަކީ" ސުންނަތުގެ މަައްޗަށްވެސް ޙުކުމް ކުރެވޭ އެއްޗެއްގެ ގޮތުގައި ހަދައިފައިވުމަކީ އެފަދަ ޙައިރާންކަން ގެނުވާ ކަމެކެވެ.
الإِمَام ابن بَاز رحمه الله ވިދާޅުވެފައިވެ އެވެ. "(ގިނަ ދަލީލުތަކެއް ޛިކުރު ކުރުމަށްފަހުގައި) ފަހެ، އެހެންވުމުން ދަލީލުތަކުގެ މައްޗަށް ބަރޯސާވެ ބަޔާންވަނީ، ރޯދަ މަސް ވަނުމާއި އަދި ޝައްވާލު މަސް ވަނުން އަދި އެހެނިހެން އެންމެހައި މައްސަރުތައްވެސް ވަނުން ޘާބިތު ކުރެވެނީ ހަނދު ލޮލަށް ފެނުމުންނެވެ. ނުވަތަ ކުރީގެ މައްސަރު ފުރިހަމަ ވުމުންނެވެ. ހަނދު ލޮލަށް ނުފެނި، މައްސަރެއް ނިމިއްޖެ ކަމާއި އާ ހަނދެއް ފާޅުވާނެކަން (ފަލަކީ ގޮތުން) ޘާބިތުވުމަކީ، އެޢިލްމުވެރިންނަށް ދީނުގައި އިޢުތިމާދު ކުރެވޭ އެންމެހައި ޢިލްމުވެރިންގެ އިޖްމާޢުއާ ޚިލާފް އަދި ޝަރުޢީ ގޮތުން މުޢުތަބަރު ގޮތެއް ނޫނެވެ." فتاواه 17/222