5  މުސްލިމް ޖިންނި ރުޤްޔާކުރުމުގައި ބޭނުންކުރާ މީހެއް ކައިރިން ބޭސްފަރުވާ ކުރުމުގެ ޙުކުމް - الشَّيْخ صَالح بن عَبد العَزِيز آل الشيخ حفظه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ޖިންނި ޝައިޠޯނުން

 މުސްލިމް ޖިންނި ރުޤްޔާކުރުމުގައި ބޭނުންކުރާ މީހެއް ކައިރިން ބޭސްފަރުވާ ކުރުމުގެ ޙުކުމް - الشَّيْخ صَالح بن عَبد العَزِيز آل الشيخ حفظه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ރުޤްޔާ ކުރުން

ސުވާލު: މުސްލިމް ޖިންނި ބޭނުންކޮށްގެން ބޭސްފަރުވާކުރާކަމަށް ދަޢުވާކުރާ މީހެއްގެ ގާތަށް ބޭސްފަރުވާ ކުރުމަށްޓަކައި ދިއުން ހުއްދަވާނެ ހެއްޔެވެ؟ އަދި ރުޤްޔާ ކުރާ މީހާ ޖިންނީންގެ ކިބައިން އެހީތެރިކަން ހޯދުމަކީ ވާގިވެރިކަން (އެހީތެރިކަން) ހޯދުން ހުއްދަވެގެންވާ ކަމެއް ތޯއެވެ. ނުވަތަ އެއީ ޙަރާމްވެގެންވާ ކަމެއް ތޯއެވެ.

ޖަވާބު: ޖިންނީންގެ ފަރާތުން އެހީތެރިކަން ހޯދުން އެއީ މުސްލިމް ޖިންނި ނުވަތަ މުސްލިމް ނޫން ޖިންނި ކަމުގައި ވީ ނަމަވެސް އެތަކެތީގެ ކިބައިން އެހީތެރިކަން ހޯދުމަކީ ޝިރުކުގެ ވަސީލަތްތަކުގެ ތެރެއިން ވަސީލަތެކެވެ. الإستعانة ގެ މާނައަކީ: ވާތްގަށް އެދުމެވެ (އެހީތެރިކަމަށް އެދުމެވެ.) ފަހެ، އެގޮތުން ޢިލްމުގެ އަޙުލުވެރިން އެބޭފުޅުންގެ މެދުގައި އިޤްރާރުވެވަޑައިގެންފައިވަނީ މުސްލިމު ޖިންނިގެ ކިބައިން އެހީތެރިކަން އެދުން ހުއްދަވެގެން ނުވާނެކަމެވެ. ސަބަބަކީ ޞަޙާބީން –އެ ޖިންނީންގެ ކިބައިން އެފަދައިން އެހީތެރިކަމަށް އެދިވަޑައިގެންފައި ނުވުމެވެ. އެބޭކަލުންނަކީ، އެބޭކަލުންނަށް ޖިންނީން ޚިދުމަތްކުރުން އައުލާވެގެންވާ ބޭކަލުންނެވެ. އަދި ޖިންނީން އެބޭކަލުންނަށް އެހީތެރިވެދިނުން އައުލާވެގެންވެ އެވެ.
 

ޖިންނިީންގެ ކިބައިން އެހީތެރިކަމަށް އެދުމުގެ އަސްލަކީ، ޖިންނީންގެ ކިބައިން އިންސާނުން ތަވައްސުލުކުރުމުގެ ކެހިވެރިކަމުގައި ޖެހުމުގެ ސަބަބެއް ކަމުގައި ވެއެވެ. އަދި ޖިންނީންގެ މަޤާމު އުފުލިގެން ދިއުމާއި، ޖިންނީންގެ ކިބައިން ފައިދާ ލިބިގެން ދިއުމެވެ. ހަމަކަށަވަރުން ﷲ ވަޙީކުރެއްވިއެވެ. ﴿وَيَوْمَ يَحْشُرُهُمْ جَمِيعًا يَا مَعْشَرَ الْجِنِّ قَدِ اسْتَكْثَرْتُم مِّنَ الْإِنسِ وَقَالَ أَوْلِيَاؤُهُم مِّنَ الْإِنسِ رَبَّنَا اسْتَمْتَعَ بَعْضُنَا بِبَعْضٍ وَبَلَغْنَا أَجَلَنَا الَّذِي أَجَّلْتَ لَنَا قَالَ النَّارُ مَثْوَاكُمْ خَالِدِينَ فِيهَا إِلَّا مَا شَاءَ اللَّهُ﴾ "އެކަލާނގެ އެންމެން މަޙްޝަރުކުރައްވާ ދުވަސް ހަނދުމަކުރާށެވެ. (އެދުވަހު އެކަލާނގެ ވަޙީކުރައްވާނެ އެވެ.) އޭ ޖިންނީންގެ ޖަމާޢަތުގެ މީހުންނޭވެ. ތިޔަބައިމީހުން އިންސީންގެ ތެރެއިން ވަރަށްގިނަބަޔަކު މަގު އޮޅުވައިލީމުއެވެ. ދެން އިންސާނުންގެ ތެރެއިން އެބައިމީހުންގެ އެކުވެރިން ދަންނަވާނެއެވެ.  އަޅަމެންގެ ވެރި އިލާހުއެވެ! އަޅަމެން އެއްބަޔަކު އަނެއް ބައެއްގެ ކިބައިން ފައިދާ ހޯދީމުއެވެ. އަދި އިބައިލާހު އަޅަމެންނަށް ކަނޑައަޅުއްވައި ދެއްވައިފައިވާ އަޖަލަށް އަޅަމެން ފޯރައްޖައީމުއެވެ. ﷲ ވަޙީކުރައްވާނެތެވެ. ތިޔަބައިމީހުން ތިބޭނެތަނަކީ ނަރަކައެވެ."
 

ތަފްސީރު ޢިލްމުވެރިން ވިދާޅުވެފައިވާ ގޮތުގައި (އާޔަތުގައި ބަޔާންވެގެންވަނީ) ޖިންނީންނަށް އިންސީންގެ ފަރާތުން ލިބޭ ފައިދާއަކީ : އިންސީން އެޖިންނީންނަށް ކުއްތަންވުމެވެ. ޖިންނީންނަށް ނިކަމެތިވެގަތުމެވެ. ޖިންނީންނަށް ކިޔަމަންގަތުމެވެ. ޖިންނީންގެ ގާތަށް ޙާޖަތްޖެހިފަވުމެވެ. އަދި ޖިންނީންގެ ފަރާތުން އިންސާނާއަށް ފައިދާ ކުރާގޮތަކީ ޖިންނި އިންސާނާއަށް ޚިދުމަތް ކޮށްދިނުމެވެ.
 

އަދި އެކަމާއެކީ ބައެއްފަހަރު ޖިންނިއަށްޓަކައި އިންސާނާ އެއްޗެއް ޤުރުބާން ކޮއްދިނުންވެ އެވެ. އަދި ގިނަ ބާވަތްތަކެއްގެ އަޅުކަންތައްކޮށް ޖިންނިއަށް ކުއްތަންވެ އެވެ. އެގޮތުން މުޞްހަފްއަށް އިހާނެތިކޮށް ހިތައި ނުވަތަ އިހާނެތިކުރެވޭ ކަންތައްތައްކޮށް ﷲ އަށް ކާފަރުވެ އެވެ. وَالعياذ بالله. ނުވަތަ އެފަދަ ކަންތައް ކުރެއެވެ. ފަހެ އެހެންވުމުން އަހަރެމެން ބުނަމެވެ. ހަމަކަށަވަރުން މިފަދަ އެހީތެރިކަމަށް އެދުމުގެ އެންމެހައި ބާވަތްތަކަކީ ހުއްދަވެގެންވާ ކަންތައްތަކެއް ނޫނެވެ. ފަހެ އޭގެތެރޭގައި ޝިރުކުގެ ތެރެއިން ހިމެނިގެންވާ ބައިތައް ވެއެވެ. މިޘާލަކަށް ކާފަރު ޖިންނީންގެ ކިބައިން އެހީތެރިކަމަށް އެދުމެވެ. އަދި ޝިރުކަށް ގެންގޮސްދޭ ވަސީލަތްތަކުގެ ތެރެއިން ހިމެނިގެންވާ ކަމަކަށްވެސް ވެއެވެ. މިޘާލަކަށް މުސްލިމް ޖިންނީންގެ ކިބައިން އެހީތެރިކަމަށް އެދުމެވެ.
 

ބައެއް ޢިލްމުގެ އަޙުލުވެރިން، އޭގެ ތެރޭގައި شيخ الإسلام ابن تيمية ވިދާޅުވެފައިވެ އެވެ. ބައެއްފަހަރު ޖިންނި އިންސާނަކަށް ޚިދުމަތް ކޮއްފާނެ އެވެ. ފަހެ، މި މަޤާމަށް ނަޟަރުހިންގައި ބަލައިލަންޖެހޭ ތަފްސީލެއްވެ އެވެ. ސަބަބަކީ شيخ الإسلام رحمه الله ލިޔުއްވި ފޮތް "النبوات" މިފޮތުގެ އެންމެ ފަހުކޮޅުގައި ޛިކުރުކުރައްވާފައިވެ އެވެ. "ހަމަކަށަވަރުން ﷲ ގެ ވަލީވެރިން ޖިންނީންނަށް ޚިދުމަތްތަކެއް ނުކުރާނެ އެވެ. ނަބިއްޔާ ﷺ ޢަމަލުފުޅު ބެހެއްޓެވި މިންވަރަށް މެނުވީ އެވެ. އެއީ އެޖިންނީންނަށް އަމުރުފުޅު ކުރެއްވުމާއި، ނަހީކުރެއްވުން، މާނައީ: ދީނުގައި (ޝަރީޢަތުގައި ބަޔާންވެގެންވާ ކަންތައްތައް) ޢަމުރުފުޅު ކުރެއްވުން، ޝަރުޢީ ގޮތުން ނަހީ ކުރައްވާފައިވާ ކަންތައްތައް ނަހީކުރެއްވުމެވެ. އެހެންވީ ނަމަވެސް އެތަކެތީގެ ކިބައިން ޚިދުމަތް ހޯދުމާއި އެތަކެތީގެ ކިބައިން ފައިދާ ހޯދުމަކީ، ﷲ ގެ ވަލީވެރިންގެ ސިފަތަކެއް (އަޚްލާޤެއް) ނޫނެވެ. އެފަދަ އަޙުލުވެރިންގެ އަމަލެއް ނޫނެވެ. އަދިވެސް ވިދާޅުވެފައިވެ އެވެ. ފަހަރެއްގައި ޖިންނީންގެ ކިބައިން އިންސާނުންނަށް ފައިދާއެއް ކޮށްފާނެ އެވެ. އަދި ބައެއް ޚިދުމަތްތައް ކޮށްދީފާނެ އެވެ. މިއީ ހިނގައިދާ ކަންތައްތަކަށް ބަލާހިނދު ޞައްޙަ ކަމެކެވެ.


ފަހެ، ޙާސިލްވެގެންދަނީ މިކަމުގައި ނަޟަރުހިންގައި، މިކަމުގައި ތަފްސީލުއޮތްކަން ދެނެގަތުމެވެ. ފަހެ، މުސްލިމް ޖިންނިއެއްގެ ބޭނުންކޮށްގެން ޚިދުމަތްތަކަށް އެދޭނަމަ އެއީ ޝިރުކަށް ގެންގޮސްދޭ ވަސީލަތެކެވެ. މުސްލިމް ޖިންނި ބޭނުންކޮށްގެން ބޭސްފަރުވާ ކުރާކަން އެނގިފައިވާ އެއްވެސް މީހެއް ގާތުން ބޭސްފަރުވާ ކުރުން ހުއްދައެއް ނުވާނެއެވެ. އަދި ބައެއް އިންސާނުންނަށް، އެބައިމީހުން އެއްވެސްގޮތަކަށް އެކަމަށް ނުއެދެނީސް ޖިންނީން ޚިދުމަތްކޮށްފައިވެ އެވެ. ފަހެ ހަމަކަށަވަރުން މިއީ ވެފައިހުރި ކަންތަކެވެ. އެހެން ނަމަވެސް މިއީ ﷲ ގެ ވަލީވެރިންގެ އަޚްލާޤެއް ނޫނެވެ. އަދި މިއީ ﷲ އެއިލާހުގެ އަޅުތަކުންގެ ތެރެއިން ޚާއްސަ މަޤާމާއި، މަތިވެރިކަން ދެއްވި ޚާއްޞަ އަޅުތަކުންނަށް ޚިދުމަތްތެރި ކުރެއްވި ކަމެއްވެސް ނޫނެވެ. އެމީހަކަށް ޖިންނި ޚިދުމަތް ކުރުން ގިނަ ކޮށްފައިވާ ޙާލުގައިވާ މީހަކު ނުބައި ކަންތައްތަކުގެ ތެރެއަށް ވެއްޓި ދިއުމުން ސަލާމަތެއް ނުވާނެ އެވެ. ބައެއް ޚަބަރުތައް ދިނުމާއި މިފަދަ ކަންކަމެވެ. ފަހެ، ޙާސިލްވެގެންދަނީ، މި ޚިދުމަތަކީ އެކަމަށް އެދިގެން ހޯދާ ޚިދުމަތެއް ކަމުގައި ވެއްޖެހިނދުގައި، ހަމަކަށަވަރުން އެއީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. އަދި އެއީ ޙަރާމް ކުރައްވާ ބާވަތްތަކުގެ ތެރެއިން ޙަރާމްވެގެންވާ ކަމެކެވެ. އަދި އެއީ ފައިދާ ހޯދުމުގެ ބާވަތްތަކުގެ ތެރޭގައިވާކަމެކެވެ. އަދި އެމީހެއް އެކަމަށް ނުއެދިހުއްޓައި ޖިންނި ޚިދުމަތް ކުރާނަމަ އޭނާއަށް އެދެވިގެންވަނީ ޝައިތާނުންގެ ކިބައިން ރައްކައުތެރިކަން ލިބުމަށް ﷲ ގެ ހަޟުރަތަށް ދެންނެވުމެވެ. އަދި ޖިންނީންގެ މަރަދަ (ބޮޑެތި ޖިންނީން) ގެ ނުބައިކަމުން ރައްކައުތެރި ކުރެއްވުން އެދި ﷲ އަށް ދެންނެވުމެވެ. ސަބަބަކީ، ފަހަރެއްގައި އެތަކެތި ގެންނަ ޚަބަރު ޤަބޫލުކުރުމުގެ ތެރެއަށް ދެވެ އެވެ. އަދި އެއަށް ބަރޯސާވުމެވެ. އެތަކެތީގެ މައްޗަށް އޯގާތެރިވެ ގާތްކަން އުފެދިގެން ދިއުމެވެ. އަދި ފަހަރެއްގައި މިފަދައިން ޖިންނި ބޭނުން ކުރުމުގެ ސަބަބުން އެތަކެތިން ތަވައްސުލްކުރުމާއި އެތަކެތީގެ ފަރާތަށް އެނބުރި ދިއުންވެސް ހިމެނިގެންދެއެވެ. وَالعياذ بالله.


ފަހެ ތިބާއަށް މިކަން ބަޔާންވެ ދިއުމުން (ދަންނަ) އެވެ. ހަމަކަށަވަރުން ޖިންނި (ގެނެސްދޭ) ޚަބަރުތަކަކީ ޢިލްމުގެ އަޙުލުވެރިންގެ އަރިއަހުގައި ބަލިކަށި ޚަބަރެކެވެ. حَدِيث ގެ އަހުލުވެރިން ދެކެވަޑައިގަންނަަވާ ގޮތުގައި އެ ޙުއްޖަތެއްގެ ގޮތުގައި ނެގުން ހުއްދަވެގެން ނުވެ އެވެ. އަދިވެސް ފިޤުހު ޢިލްމުވެރިން ޛިކުރުކުރައްވައިފައިވެ އެވެ. އަދި އެއީ ޞައްޙަ ބަސްފުޅެކެވެ. ސަބަބަކީ އެފަރާތަކުން ގެންނަ ޚަބަރުތައް ޤަބޫލުކުރުން ބިނާވެފައި އޮންނާނީ ޚަބަރު ގެނެސްދޭ ފަރާތުގެ ޢަދުލުވެރިކަމުގެ މައްޗަށެވެ. (މާނައީ: އެފަރާތެއްގެ ޚަބަރު ޤަބޫލުކުރުމާއި ރައްދުކުރުން ބިނާވެގެންވަނީ އެފަރާތެއްގެ ޢަދުލުވެރިކަމުގެ މައްޗަށެވެ.)

 

ޖިންނިއަކީ ލޯމައްޗަށް ގެއްލިފައިވާ ޢާއިބު އެއްޗެކެވެ. އޭގެ ޢަދުލުވެރިކަމަކީ އެނގިގެންވާ ކަމެއް ނޫނެވެ. އަދި އަޑުއަހާ މީހާއަށް އެކަން ބަޔާންވެގެން ނުވެ އެވެ. ފަހެ، ލޮލަށް ނުފެންނަ ޙާލުގައިވާ ޖިންނި ގެންނަ ޚަބަރުގެ މައްޗަށް އޭނާ ބިނާކޮށްފި ހިނދު، އަދި ހަމައެކަނި އޭނާއަށް އަޑު އިވުނު ޚަބަރު ނޫން އެއްޗެއް އޭނާއަށް އެފަރާތާ ބޭހޭގޮތުން އެނގިފައި ނުވެ އެވެ. އެހިނދު އޭގެ އަދުލުވެރިކަން އޭނާއަށް ޙައްޤުވެގެންވާ ގޮތުގައި ބަޔާންވެގެން ނުދެ އެވެ. މިއީ ފުދޭނެ މިންވަރެއް ނޫނެވެ. ފަހެ ހަމަކަށަވަރުން އެއީ ފާސިޤުކަމުގައިވާ ފަރާތެއްގެ ޚަބަރު ޤަބޫލު ކުރެވުނު ކަމުގައި ފަހަރެއްގައި ވެދާނެ އެވެ. އެގޮތުން ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿يَا أَيُّهَا الَّذِينَ آَمَنُوا إِنْ جَاءَكُمْ فَاسِقٌ بِنَبَأٍ فَتَبَيَّنُوا أَنْ تُصِيبُوا قَوْمًا بِجَهَالَةٍ فَتُصْبِحُوا عَلَى مَا فَعَلْتُمْ نَادِمِينَ﴾ "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ގާތަށް ފާސިޤަކު ޚަބަރަކައިގެން އަތުވެއްޖެނަމަ، އޭގެ ތެދު ދޮގު ބަލައި ޙަޤީގަތް ހޯދާށެވެ. (އެއީ) ނުއެނގި ތިބެ، ތިޔަބައިމީހުންނަށް ބަޔަކަށް ގެއްލުންދެވިދާނެތީއެވެ. ފަހެ އެހެންވެއްޖެނަމަ، ތިޔަބައި މީހުން ކުރި ކަންތަކުގެ މައްޗަށް ހިތާމަކުރާ ބަޔަކުކަމުގައި ތިޔަބައިމީހުން ވެދާނެތެވެ."


ޖިންނި އެބައިމީހުންނަށް ބައެއް ޙާދިޘާތައް ބަޔާންކޮށް، ޖިންނި ގެންނަ ޚަބަރުތައް ޤަބޫލުކުރާ މީހުންނަށް، ވަރަށް ގިނަ ބާވަތްތަކުގެ ފަސާދަ އާ ކުރިމަތިލާންޖެހެ އެވެ. ފަހެ އެބައިމީހުން ޔޯލަޔޯލަ ވާހަކަ ދެއްކުން ނުހަނު އިތުރުވެގެން ދެ އެވެ. ރުޤްޔާ ކުރުމުގެ ގޮތުގައިވާ ޖާހިލު މީހާ އޭނާއަށް އެ ޚަބަރުތައް ގެނެސްދޭ ފަރާތުގެ ބަސްތައް ތެދުކުރުމުގެ ސަބަބުން، އެއީ އެޚަބަރު ތެދުކޮށް އެކަން ކޮށްފައިވަނީ މިވެނި މީހެއްކަމުގައި އޭނާ ދަޢުވާ ކުރެއެވެ. މީގެ ސަބަބުން ބައެއް ގޭބިސީތައް (އާއިލާތައް) ބައިބައިވެގެން ގޮސްފައިވެ އެވެ. އަދި ފަހަރެއްގައި އޭނާއަށް އެޚަބަރު ގެނެސްދިން ޖިންނި ގެނައި ޚަބަރަކީ ދޮގެއް ކަމުގައި ވެދާނެ އެވެ. އެހެންވުމުން އެފަރާތެއްގެ ޢަދުލުވެރިކަން އެނގިފައިނުވާ ފަރާތެއްގެ ޚަބަރުގެ މައްޗަށް އޭނާވަނީ ބަރޯސާވެފަ އެވެ. އޭގެ މައްޗަށް ބިނާކޮށް ރުޤްޔާކުރާ މީހާވަނީ ޚަބަރުދީފަ އެވެ. ފަހެ އޭނާގެ އެ ޚަބަރުގެ ސަބަބުން ބައިބައިވެގެންދެ އެވެ. ޚިލާފްތައް އުފެދިގެންދެ އެވެ. އެއްބައިވަންތަކަން ރޫޅިގެންދެ އެވެ. އެއް ޢާއިލާ ރޫޅި ބައިބައިވެ އެވެ. ހަމަކަށަވަރުން إمَام مُسلم ޞަޙީޙުގައި ރިވާކުރައްވާފައިވާ ޞައްޙަ ޙަދީޡުން އަހަރެމެންނަށް އެނގިގެންވަނީ އިބްލީސް އޭނާގެ ތަޚުތު ފެންމަތީގައި ފަތުރާލައެވެ. އަދި އޭނާގެ ލަޝްކަރު މީސްތަކުންގެ ތެރެއަށް ފޮނުވަ އެވެ. ފަހެ، އޭނާ ފޮނުވި އޭނަގެ ލަޝްކަރުގެ ތެރެއިން އޭނާ އެންމެ ލޯބިވާ ފަރާތަކީ އިބްލީސް ގާތުގައި މިފަދައިން ބުނާ ފަރާތެވެ. "ފިރިމީހާ އާއި އޭނާގެ އަނބިމީހާ ދެމީހުން ވަކިކޮށްލީމެވެ." ފަހެ މިއީ ޖުމްލަކޮށް ﷲ ގެ ޢަދުއްވު ގަދައަޅާ މަސައްކަތްކުރާ ބައިބައި ކުރުމުގެ ތެރޭގައި އެކުލެވިގެންވާ ކަންތައްތަކުގެ ތެރެއިން ކަމެކެވެ. އަދި ކިޔެއްތަ! ގިނަ ފަހަރުތަކުގައި އޭނާގެ މަސައްކަތް ބިނާކޮށްފައި އޮންނަނީ މިކަމުގެ މައްޗަށެވެ. ﷲ ގެ ޢަދުއްވު އެންމެ ލޯބިކުރާ ކަމެއްގެ ގޮތުގައިވަނީ މުއުމިނުންތައް ބައިބައި ކޮށްލުމެވެ. ފަހެ އެގޮތުން إمَام مُسلم އަދި އެނޫން إمَام ން ރިވާކުރައްވާފައިވާ ޞައްޙަ ޙަދީޡްގައި ވެއެވެ. ނަބިއްޔާ ﷺ ޙަދީޡްކުރެއްވި އެވެ. (إنَّ الشَّيطانَ قد أيِسَ أن يعبُدَه المصلُّون، جزيرة العرب ولكنَّ في التحريشِ بينكم) "ހަމަކަށަވަރުން ޝައިތާނާވަނީ ޢަރަބި ޖަޒިރާގައި މުސްލިމުން އެހެންފަރާތަކަށް އަޅުކަން ކުރުމަށް ނުކުޅެދުންތެރި (ނާއުއްމީދު) ވެފަ އެވެ. އެހެން ނަމަވެސް ތިޔަބައިމީހުންގެ މެދުގައި ފަސާދަ އުފައްދައި ބައިބައިވުން އުފެއްދުމުގެ މައްޗަށް އުއްމީދު ނުކެނޑެ އެވެ."


ފަހެ ޢިލްމު ހޯދާ ދަރިވަރުންނަށް ވާޖިބުވެގެންވަނީ މި މައްސަލަ އިންކާރު ކުރުމުގައި ގަދައަޅާ ބާރުއަޅާ މަސައްކަތް ކުރުމެވެ. އަދި ބައެއް ޢިލްމުވެރިން މިކަން ހުއްދަކުރައްވާފައިވާ ކަމަށް ބުނެ ޖިންނީންގެ ފަރާތުން ޚިދުމަތް ހޯދާ ފަރާތްތަކުގެ މައްޗަށް ޙުއްޖަތް ޤާއިމް ކުރުމެވެ. ފަހެ، އެނގި ބަޔާންވަނީ ހަމަކަށަވަރުން މި ޢަމަލަކީ ﷲ ތަޢާލާ އަށް ޝިރުކު ކުރުމުގެ ތެރެއަށް ގެންދިއުމަށް އޮތް ވަޞީލަތެއް ކަމެވެ.


ތިޔަބައިމީހުން ابن بشر ލިޔުއްވާފައިވާ تَاريخ نجد ކިޔާލުން ހުއްޓެވެ. ފަހެ އެފޮތުގައި ބަޔާން ކުރައްވާފައި ވެއެވެ. ހަމަކަށަވަރުން ނަޖުދު ކަރައިގެ ބައެއް އަވަށްތަކަށް ޝިރުކު ވަދެފައިވުމުގެ ސަބަބު ކަމުގައިވަނީ، ބައެއް ބަދަވީން (ރަށާއި ދުރު ސަރަހައްދު ތަކުގައި ދިރިއުޅޭ) މީހުން އެބައިމީހުންނަށް ދަނޑުގެ ކުރާގަނޑުތައް ކެނޑުމުގެ ވަޤުތު އަންނަ ހިނދު، ނުވަތަ ކަދުރު ރުއްތަކުން ކަދުރު ކަނޑާ މޫސުމް އައުމުން އެއަވަށްތައް އެކިފަރާތް ފަރާތުން ހިމާޔަތް ކުރެއެވެ. އަދި އެބައިމީހުންގެ އަތުގައި އެކިއެކި ކަހަލަ ބޭސްވެރިކަމަށް ބޭނުންކުރާ ބޭހާއި ފަތްޕިލާވެލި އެބައިމީހުން ބޭނުންކުރެ އެވެ. ފަހެ އެބައިމީހުން އެފަދައިން عَمَل ކުރަމުންދާހިނދު އެއަވަށްތަކުގައި އުޅޭ ބައެއް ޖާހިލުން އެކަންތަކާމެދު ސުވާލުކުރެ އެވެ. އަދި އެބައިމީހުން ކުރަމުންދާ ޙަރާމްވެގެންވީ ބައެއް ޢަމަލުތަކުގެ މައްޗަށް އެބައިމީހުން ލޯބިކޮށް ބައެއް ޝިރުކުގެ عَمَل ތަކުގެ މައްޗަށް ލޯބިޖެހި އެޢަމަލުތައް ކުރެއެވެ. ނުވަތަ ބައެއް ބިދުޢަވެރި عَمَل ތައް ކުރެއެވެ. އަދި މި ބޭސްފަރުވާކުރާ މީހުންގެ ސަބަބުން މިކަންތައްތައް އެބައިމީހުންގެ މެދުގައި ފާޅުވެ ފެތުރިގެން ދިޔައެވެ. ފަހެ ابن غُنَّام ޛިކުރުކުރައްވާފައިވާ ގޮތުގައި މިފަދަ ބާޠިލް ގޮތުގައި ބޭސްކުރާ ޖާހިލުންނާއި، ފަންޑިތަވެރި މީހުންގެ ސަބަބުން ކުރީ ޒަމާނުގައި ނަޖުދުކަރައިގައި އަދި ނަޖުދުކަރަ ވަށައިގެންވާ ރަށްތަކުގައި ޝިރުކު ފެތުރިގެން ދިޔައެވެ.


އަދިވެސް ޖިންނި ބޭނުންކުރާ ބައެއްމީހުންގެ ގާތަށް (ބޭސްފަރުވާ ކުރަން އަންނަ މީހުން) ގިނަވެ އެވެ. ފަހެ އެމީހާއަށް މިފަދައިން ފެންނަން ފެށުމުން ނުހަނު ފައިދާކުރާ ބޭސްފަރުވާ ކޮށްދޭ މީހަކަށް އޭނާވެގެންދެ އެވެ. އަދި ޖިންނި އޭނާއަށް ޚިދުމަތްކޮށްދިނުން އިތުރުވެ އެވެ. އަދި އެގޮތުންގޮސް އަޡަރުކުރުވާ މިންވަރު ބަލިކަށި ހާލަތަށް ދެ އެވެ. ފަހެ ބަލިމީހުންނަށް އަޡަރު ކުރުވާލެއް ކުޑަވެ، އޭނާކިޔެވުމުން ކުރިން އަންނަފަދަ ޙާލަތު މެދުވެރި ނުވުމުން، ބޭސްފަރުވާ ނުކުރެވުމުން އޭނާ ޖިންނީގެ ފަރާތަށް ބަރޯސާވެ ޖިންނިއަށް އެދޭ މިންވަރު ބޮޑުވެ އެވެ. އެގޮތުން ފަހަރަކަށް ވުރެ ފަހަރަކު އެޖިންނިއަށް ލެނބި ބަރޯސާވެ އެވެ. އެއަށްފަހު ޙައްޤުމަގު އޮޅި ގެއްލި ސުންނަތުން ނެރެލަ އެވެ. وَالعياذ بالله. އަދި ހިތުގައި ޤާއިމްވެ އޮތުން ވާޖިބު ވެގެންވާ ﷲ ގެ تَوحِيد އަދި ﷲ މާތްވަންތަ (މަތިވެރި) ކުރުމުން ބޭރުވެގެން ދެއެވެ. ޖިންނި ބޭނުންކުރުން ހުއްދަވެގެންނުވާ ޝިރުކީ އެކިއެކި ކަންތައްތަކުގައި ޖިންނި ބޭނުންކޮށް ޚިދުމަތް ހޯދައި ޙައްޤުމަގުން ބޭރުވެ އެވެ. ފަހެ އެގޮތުން ހުއްދަވެގެން ނުވާނެ ކަމުގައި (ދީނުގައި އެންމެހައި ޢިލްމުވެރިން) އިއްތިފާޤުވެވަޑައިގެންފައިވާ ބޭނުންތަކުގައި އަދި ޝިރުކު ކަންކަމުގައި (އޭނާއަށް ބޭނުންޖެހިފައިވާ ކަންކަންފުއްދުމުގެ ބޭނުމަށްޓަކައި) ޖިންނީންގެ ހިދުމަތްތައް ހޯދަން އޭނާ ފަށަ އެވެ.
*****
ފަތުވާ ނަގާފައިވަނީ :التمهيد لشرح كتاب التوحيد 615-618

ރުޤްޔާ ކުރުން: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

 ރޭގަނޑުގެ ނުބައިކަަން، ސިޙުރުވެރިންގެ ނުބައިކަން އަދި ޙަސަދަވެރިންގެ ނުބައިކަމުން ސަލާމަތްވާނެ މަގު - العلاَّمة الشيخ محمد بن صالح العثيمين رحمه الله | 05 ޖެނުއަރީ 2018

 ޤުރުއާނުގެ އާޔަތްތައް ލިޔެފައި ހުންނަ ތަށިތައް ބޭނުން ކުރުމުގެ ޙުކުމް - الشَّيْخ صَالح بن عَبد العَزيز آل الشيخ حفظه الله | 03 ނޮވެމްބަރ 2017

 ރުޤްޔާ ކުރުމުގެ ނަމުގައި ޖިންނި ޝައިޠާނުން ބޭނުން ކުރުން - اللجنة الدائمة للبحوث العلمية والإفتاء | 22 އޮކްޓޯބަރ 2017

ރުޤްޔާ ކުރުމުގެ ނަމުގައި ސިޙުރު ހެދުމާއި ޝައިޠާނުން ބޭނުން ކުރުން - الإِمَامُ العَلَّامَة الشَّيْخُ رَبِيْع بن هَادِيْ حفظه الله | 19 ޖެނުއަރީ 2017

ރިކޯޑު ކޮށްފައި ހުންނަ ރުޤްޔާ ޖަހައި ރުޤްޔާކުރުން - الإِمَام المُحَدِّث نَاصِر الدِّين الألبَانِيْ رحمه الله | 23 މެއި 2016

ރިކޯޑު ކޮށްފައި ހުންނަ ރުޤްޔާ ޖަހައި ރުޤްޔާކުރުން - الإِمَامُ العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله | 22 މެއި 2016

ރުޤްޔާ ކުރާ ހިނދުގައި ޖިންނި ގާތުގައި ސުވާލު ކުރުން - الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله | 12 ނޮވެމްބަރ 2015

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...