ޤިޔާމާތް ދުވަހަށް އީމާންވުން

 ޞާލިޙް އަޅުތަކުންނަށް ނިޢުމަތް ދެއްވުމަށް ﷲ ތައްޔާރު ކުރެއްވި جَنات عَدن! - العلاَّمة الشيخ مُحمَّد بن صَالح العُثَيمِين رحمه الله

ކެޓަގަރީ ނަރަކައާއި ސުވަރުގެ

ﷲ ވަޙީކުރައްވާފައިވެ އެވެ. ﴿أُولَٰئِكَ لَهُمْ عُقْبَى الدَّارِ جَنَّاتُ عَدْنٍ يَدْخُلُونَهَا وَمَن صَلَحَ مِنْ آبَائِهِمْ وَأَزْوَاجِهِمْ وَذُرِّيَّاتِهِمْ﴾ الرعد 23-24
"އެބައިމީހުންނަށް އާޚިރަތުގައި އުފާވެރި ގޮވަތި ހުއްޓެވެ. އެއީ ޢަދްނު އޭ ކިޔުނު ސުވަރުގެތަކެވެ. އެ ސުވަރުގެތަކަށް އެބައިމީހުންނާއި އެބައިމީހުންގެ މައިންބަފައިންނާއި އެބައިމީހުންގެ އަނބިންނާއި އެބައިމީހުންގެ ދަރިންކުރެ ޞާލިޙްވި މީހުން ވަންނާނެތެވެ."


العلاَّمة الشيخ مُحمَّد بن صَالح العُثَيمِين رحمه الله ވިދާޅުވެފައިވެ އެވެ. "عَدْن ގެ މާނައަކީ ތަނެއްގައި ވަކިނުވެ، ދޫކޮށްނުލައި އިސްތިޤްރާރުވެ ދެމިހުރުމެވެ. ހަމަކަށަވަރުން ސުވަރުގޭގެ ނިޢުމަތްތައް ފުރިހަމަވެގެންވާ ކަމަކީ އެތަނުގައިވާ އަހުލުވެރިން އެބައިމީހުންނަށް ލިބިފައިވާ ނިޢުމަތުން އެހެންތަނަކަށް އެނބުރި ދިއުމަށް އެބައިމީހުން ނޭނދޭނެތެވެ. ސަބަބަކީ އެއިން އެކަކުވެސް އޭނާއަށްވުރެ ނިޢުމަތުގައިވާ ފަރާތެއްވާކަމަށް ނުދެކޭނެ އެވެ. އަދި އޭނާއަށްވުރެ ފުރިހަމަ، މަތިވެރި ޙާލުގައިވާ ފަރާތަށްވުރެ ދަށުދަރަޖައިގައި ކަމުގައި އެއްވެސް ގޮތަކަށް އޭނާ ހިތުގައި އެފަދައިން އިޙްސާސު ނުކުރެވޭނެ އެވެ. ﷲ  ވަޙީކުރެއްވި އެވެ. ﴿ خَالِدِينَ فِيهَا لَا يَبْغُونَ عَنْهَا حِوَلًا﴾ الكهف 108 "އެބައިމީހުން އެތަންފިޔަވައި، އެހެން ފަރާތަކަށް އެނބުރި ދިއުމަށް ނޭދި، އެތާނގައި އަބަދަށް ދެމިތިބޭ ޙާލުގަ އެވެ." މާނައަކީ : އެބައިމީހުންނަށް ލިބިފައިވާ ނިޢުމަތުގެ ގޮވަތި ނޫން އެހެންތަނަކަށް ބަދަލުވެދިއުމަށް އެބައިމީހުން ނޭނދޭނެ އެވެ. ސަބަބަކީ ﷲ އެބައިމީހުންނަށް ދެއްވާފައިވާ ނިޢުމަތުން އެބައިމީހުންގެ ހިތްތަކާއި ނަފްސުތައްވަނީ ރުހިގެންފައިވާ ޙާލުގަ އެވެ. އަދި އެބައިމީހުންގެ ތެރެއިން މީހަކަށް، އެބައިމީހުން ފިޔަވައި މަތިވެރި ނިޢުމަތުގައި އުޅޭ އެއްވެސް މީހަކު ވާކަމަށް ނުދެކޭނެ އެވެ. ފަހެ، އެހެންވުމުން ﷲ މި جَنَّاتُ އަށް جَنَّاتُ عَدْنٍ ގެ ނަމުން ނަންދެއްވި އެވެ. ﷲ އަހަރެންނާއި އަދި ތިޔަބައިމީހުންނަކީ އެތަނުގެ އަހުލުވެރިންގެ ގޮތުގައި ލައްވާށި އެވެ."
ފަތުވާ ނަގާފައިވަނީ : لـقاء البـاب المفـتوح ٨٧

Like what you see?

Close

Hit the buttons below to follow us, you won't regret it...