އަހަރެންގެ މައްޗަށް ފޯކައިދޫ އަޙުމަދު ސަމީރު ލިޔެ ފަތުރަމުން ގެންދާ "އިރުޝާދުގެ ސިޓީ" ތަކަށް ދެވޭ ރައްދުތައް (2) : فلسطين ގެ މައްސަލައާއި މެދު އަޙްމަދު ސަމީރު ލިޔެފައިވާ ބަސްތަކާއި ގުޅޭ - أبو أنس محمد حسن حفظه الله

ލިޔުނީ: މުޙައްމަދު ޙަސަން، ރެޑްސީ، ގދ.ތިނަދޫ
10 ذي الحجة 1440
بسم الله الرّحمن الرّحيم، الحمد لله ربّ العالمين، والصّلاة والسّلام على نبيّنا محمّد وعلى آله وصحبه أجمعين، ومن تبعهم إلى يوم الدّين، أمّا بعد:
(2) ދެވަނަ ބައި: فلسطين ގެ މައްސަލައާއި މެދު އަޙްމަދު ސަމީރު ލިޔެފައިވާ ބަސްތަކާއި ގުޅޭ
އަހަންނަށް އެޑްރެސްކޮށް އަހުމަދު ސަމީރު ލިޔެފައިވާ އިރުޝާދުގެ ދެވަނަ ސިޓީގެ އަސްލަކީ ކޮބައިކަން ބަޔާންކުރަމުން، އެއީ 1435 އަހަރުގެ (މީލާދީ ސަނަތުން 2014 ވަނަ އަހަރު) ފަލަސްތީނުގެ މުސްލިމުންގެ ބިންތައް ގަދަކަމުން ފޭރިގެންވައިވާ އަނިޔާވެރި ޔަހޫދީން އެތައް އަހަރުތަކެއް ވަންދެން ހިޞާރުކޮށްފައިވާ ޣައްޒާއަށް ހަމަލާދީ އެތަނުގެ މުސްލިމް ކުޑަކުދިންނާއި އަންހެނުން މަރަމުންދާ ދަނޑިވަޅުގައި ޔަހޫދީންގެ ނުބައި ވާހަކަ ދެއްކުމުގެ ބަދަލުގައި، އެމީހުންނާއި ދެކޮޅަށް ހަނގުރާމަކުރަމުންދާ ޙަމާސް ޖަމާއަތާއި ދެކޮޅަށް އަހަރެން ހަތިޔާރު ނެގުން ކަމުގައި ބުނެފައިވެއެވެ. އަދި އަހަރެންނަކީ ފަލަސްތީނުގެ އާންމު މުސްލިމުންގެ ހާލަތާއި މެދު އެއްވެސް ފަރުވާލެއް ނެތި، މުސްލިމުންނަށް ވާގިވެރިވުމުގެ ބަދަލުގައި ޔަހޫދީންނަށް ވާގިވެރިވެ ނަސްރުދޭން މަސައްކަތް ކުރާ މީހެއްކަން ދޭހަވާ ފަދަ ބީދައަކުން އަހަރެންގެ ދީންވެރިކަމާއި ގުޅުވައިގެން އަނިޔާވެރިކަމުގައި ހައްދުފަހަނައަޅައިފައިވާ ވާހަކަތަކެއް އަޙްމަދު ސަމީރުވަނީ އަހަރެންގެ މައްޗަށް ނިސްބަތްކޮށް ފަތުރާފައެވެ. ތިރީގައި މިވަނީ އަޙްމަދު ސަމީރު ލިޔެފައިވާ ބަސްތަކެވެ.
އާންމު މީސްތަކުން ސަލަފީންނާއި ގާތްވެ ދިޔަ ނުދިނުމަށްޓަކައި އާންމުންގެ ކުރިމަތީގައި ސަލަފީންގެ އަބުރު ކަތިލައިލުމަށް މަސައްކަތް ކުރުމަކީ ޒަމާނުއްސުރެ ސަލަފީ ދަޢުވަތާއި ދެކޮޅު މީސްތަކުން އިޚްތިޔާރު ކޮށްފައިވާ މަގެއް ކަމުގައިވުމުން އަހުމަދު ސަމީރުގެ ތި އަމަލާއި މެދު އަހަރެން ޙައިރާން ނުވަމުއެވެ. ހަމަ އެފަދައިން ރައްބާނީ ޢިލްމުވެރިންނަށް ނިސްބަތްކޮށް އެބައިމީހުންނަކީ ޙައްދުފަހަނައަޅައިފައިވާ އަނިޔާވެރި ވެރިންނަށް ނަސްރުދިނުމުގެ އިތުރުން ޙައްޤާއި ޢަދުލުން އެއްކިބާވެފައިވާ ހަވާނަފްސުގެ ނުބައި އަހުލުވެރީންގެ ގޮތުގައި ސިފަކުރުމަށް ދުނިޔޭގެ އެކިކަންކޮޅުތަކުގައިވާ އިޚްވާނީ ފިކުރުގެ މީސްތަކުން ދައްކަމުންދާ ވާހަކަތަކަކީ އަހަރެމެންގެ ކަންފަތަށް އަޑުނީވޭ ވާހަކަތަކެއްނޫނެވެ.
މިނެކިރުމުގައި އަޙްމަދު ސަމީރުގެ މަންހަޖު:
އަޙްމަދު ސަމީރެވެ. އެ ބައިގަނޑަކާމެދު ތިމާމެން އެތައް ޒަމާންތަކެއް ވަންދެން ޢާންމުންގެ ތެރޭގައި ހަނުތިބި އައި.އެސް.އައި.އެސް ޖަމާޢަތާމެދު ތިބާގެ ބައިވެރިން ޢަމަލުކުރިގޮތަށް ވިސްނާލުމުން، މީސްމީހުންނަށް ކުފުރުގެ ޙުކުމް ޖެހުމާއި، މުނާފިޤުކަމަށް ގޮވުމާއި، ޔަހޫދީއެކޭ ގޮވައި ހެދުމަކީ ތި ޖަމާޢަތަށް މާބޮޑުކަމެއް ނޫންކަން އެނގޭނެއެވެ.
ISIS އާއި ދެކޮޅަށް ހަނގުރާމަކުރުމަށް އުފެއްދި ކޯލިޝަންގައި އެމެރިކާއާ އެއްކޮށް ސަޢުދީ ޢަަރަބިއްޔާއާއި، ބައެއް އެހެން ޢަރަބި ޤައުމުތަކުން ބައިވެރިވުމުން، އެއީ މުސްލިމުންގެ މައްޗަށް ކާފަރުންނަށް އެހީވުން ކަމުގައި ތިބާގެ ޖަމާޢަތުގެ ބަޔަކު ސިފަކުރިއެވެ. އަދި، އެއީ ކޮންމެ ބަޔަކު ކުރިކަމުގައިވިޔަސް ކުފުރުގެ ޢަމަލެކޭ ބުނެ ތިބާގެ ޖަމާޢަތުގެ އެ މީހުން ވަނީ ފޭސްބުކާއި އެކި ތަންތަނުގައި ލިޔެ ފަތުރާފައެވެ.
ކަނާތްފަރާތުގައިވާ ފޮޓޯއިން އެފެންނަނީ އޭގެ ތެރެއިން އެކަކު ފޭސްބުކްގައި ލިޔެފައިވާ ލިޔުމެކެވެ. އޭނާ ބުނެއެވެ، "ކުރީގަވެސް އައި.އެސް.އައި.އެސް އާއި ބެހޭގޮތުން އަޅުގަނޑު ބަޔާންކޮށްފައިވާނޭ ފަދައިން އެމީހުންގެ ތެރޭގައި ޙައްދުފަހަނަޅާފައިވާ ތަކްފީރީ އުސޫލުތައް ހުރިނަމަވެސް، ޢިރާޤުގެ ރާފިޟީންނަށްވުރެ، ނުވަތަ ސީރިޔާގެ ނުޞައިރީންނާއި އަދި އިސްލާމްދީނުގެ ޝަރީޢަތާ އިނދިކޮޅު ހަދާ އެޝަރީޢަތް ނައްތާލަން މަސައްކަތްކުރާ އިސްލާމީ ޤައުމުތަކުގެ ވެރިންނަށްވުރެ، އައި.އެސް.އައި.އެސް އާއި އަދި އެމީހުންގެ ބާރުގެ ދަށުގައިވާ ތަންތަނުގައި ކުރެވެމުންދާ ވެރިިކަން ރަނގަޅުވެގެން ވެއެވެ. އެއީ އެމީހުންނަކީ މުސްލިމުންނަށްވެ، އަދި ﷲ ގެ ޝަރީޢަތް ތަންފީޒުކުރާ ބަޔަކަށް ވާތީއެވެ. އެހެންކަމުން، އިސްލާމްދީނުގެ ޢަދާވާތްތެރި އެމެރިކާއާއި އިނގިރޭސި ވިލާތާ އަދި އެނޫންވެސް ކާފަރު ޤައުމުތަކާ ދެކޮޅަށް އަޅުގަނޑުވެސް އެމީހުންނަށް ތާއީދު ކުރަމެވެ. އެއީ ކޮންމެ ގޮތެއް ނަމަވެސް، ފާޅުގައި އިސްލާމްދީނުގެ ހުޅުކޮޅު ނިއްވާލައި، އިސްލާމީ ޝަރީޢަތް ނައްތާލަން އުޅޭ ކާފަރުންގެ މިބައިގަނޑުގެ ނުބައިކަން ހުރިހާ ގޮތަކުންވެސް ބޮޑުވެގެން ތީއެވެ. އެހެންކަމުން މުސްލިމުންނާ އިނިދިކޮޅަށް، އެމެރިކާ ފަދަ ފާޅުގައި އިސްލާމީ ޝަރީޢަތް މި ބިންމަތިން ފޮހެލުމަށް މަސައްކަތްކުރާ ބަޔަކަށް އެހީވުމަކީ އެފަދަ ބަޔަކު ދީނުން ބޭރުވާނޭ ކަމެކެވެ. އަދި އެއީ ސީދާ އިސްލާމްދީން ނައްތާލުމަށް ކާފަރުންނަށް ވެދޭ އެހީތެރިކަމެކެވެ."
މި ފޮޓޯގައި މި ފެންނަނީ ރާއްޖޭގައި ނަން މަޝްހޫރު އެހެން "ޝެއިޚް" އެކެވެ. އޭނާ ބުނަނީ "ކޮންމެ ބަޔަކު ކުރިޔަސް، މުސްލިމުންނާ އިދިކޮޅަށް ކާފަރުންނާ ގުޅިގެން ހަނގުރާމަ ކުރުމަކީ ކުުފުރެއް، ނުރައްކާތެރިކަމެއް..." މިހެނެވެ.
އަދި އަމިއްލަޔަށް ކޮމެންޓުގައި އޭނާ ލިޔެފައި ވެއެވެ. "އެމީހުންގެ ޢަޤީދާ މަންހަޖު ރަނގަޅު ނޫން ކަމަށް ޝާމާއި ޙިޖާޒްގެ ޢުލަމާ (ޢިލްމުވެރިން) ފަތުވާ ދެއްވަމުން ގެންދަވަނީ. އޭގެ މާނައެއް ނޫން ޞަލީބީންނާ އެހެންވެސް ދީނުގެ ޢަދާވާތްތެރިންނާ ކޯލިޝަން ހެދުން ހުއްދައެކޭ. އެއީ މުޅިން މި އުއްމަތާ އިދިކޮޅަށް ޢަރަބި ޙުއްކާމުން (ޢަރަބި ވެރިން) ހިންގި ޖަރީމާއެއް."
މުސްލިމުންގެ ބައެއްގެ މައްޗަށް ކާފަރުންނަށް ނަޞްރުވެރިވަނީއޭ، އަދި މިއީ ކުފުރުގެ ޢަމަލެކޭ ބުނެ މިމީހުން ހޭރެމުން ގެންދާއިރު، މިއުއްމަތުގެ ޢިލްމުވެރިން މި މައްސަލާގައި ވިދާޅުވަނީ ކީކޭ ހެއްޔެވެ؟ މިތަނުގައި ކުރުކުރުމުގެ ޤަޞްދުގައި، މި ގެނެސްދެނީ ގިނަ ޢިލްމުވެރިންތަކެއްގެ ތެރެއިން އެންމެ ޢިލްމުވެރިއެއްގެ ފަތުވާއެވެ. އެއީ ޚުދު އަޙްމަދު ސަމީރާއި، ސަމީރުގެ އަޢުވާނުންވެސް އެބޭފުޅެއްގެ ބަސް ޤަބޫލުކުރާނޭކަމަށް އަހަރެން އުއްމީދުކުރާ ޢިލްމުވެރިއެކެވެ.
الشيخ العلّامة المجدّد عبد العزيز بن باز -رحمه الله- ވިދާޅުވެފައިވެއެވެ. "... ފަހެ ހުއްދަވެގެން ނުވަނީ، މުސްލިމުންގެ މައްޗަށް ކާފަރުން ނަޞްރުވެރި ކުރުވުމެވެ. އެހެނަސް (ހުއްދަވެގެންވާ) މި ގޮތަކީ މުސްލިމުން ޙިމާޔަތްކޮށް އެމީހުންގެ ބިންތައް މުޖުރިމުންނާ، ޢުދުވާނީ އަހުލުވެރިންނާއި ކާފަރުންގެ ކިބައިން ސަލާމަތް ކުރުމެވެ. މިއީ ތަފާތުވެގެންވާ ދެ ޙާލަތެވެ. އެއީ، އިންސާނަކު މުސްލިމުންގެ މައްޗަށް ކާފަރުން ނަޞްރުވެރި ކުރުވުމާއި އަދި މުސްލިމުންގެ މައްޗަށް ކާފަރުންނަށް އެހީތެރިވުމެވެ. މިއީ މުރުތައްދުވާނޭ ކަމެކެވެ. މިއީ ހުއްދަވެގެންވާނެ ކަމެއް ނޫނެވެ. މިއީ މުންކަރާތެކެވެ. އެހެނަސް މަމްލަކާ (ސަޢުދީ ޢަރަބިއްޔާ) ގެ ޙާލަތުފަދައިން، މުސްލިމް ދައުލަތްތައް ރައްކައުތެރި ކުރުމާއި އަދި މުޤައްދަސް ބިންތައް، ކާފަރެއްގެ ކިބައިން ނުވަތަ މުސްލިމެއްގެ ޢުދުވާނުން ހިމާޔަތް ކުރުމަކީ އެކަމެއް ކުރަންޖެހިގެންވާ އަމުރެކެވެ. އަދި އެއީ (އެ ހިނދުގައި) ލާޒިމްވެގެންވާ ކަމެކެވެ. ސަބަބަކީ، ކާފަރެއްގެ ނުބައިކަމުން ނުވަތަ މުސްލިމެއްގެ ނުބައިކަމުން މުސްލިމުން ޙިމާޔަތް ކުރުމެވެ. مجموع فتاوى 18-169
އަދިވެސް الشيخ ابن باز -رحمه الله- ވިދާޅުވެފައިވެ އެވެ. "....ދެންފަހެ މުސްލިމް ދައުލަތްތައް ދިފާޢުކޮށް ހިމާޔަތް ކުރުމަށްޓަކައި ސަޢުދީ ސަރުކާރުން ތަފާތު ދައުލަތްތަކެއްގެ ފަރާތުން އެހީއަށް އެދުނު އެދުން – ސަބަބަކީ އެބައިމީހުންގެ (ސަޢުދީގެ) ޢަދުއްވުން ކުވައިތަށް އަރައިގަތް ފަދައިން އެމީހުންގެ މައްޗަށް އަރައިނުގަންނާނެ ކަމަށް ޔަޤީންކަން ނެތުމުން – ފަހެ މިކަމުގައި މައްސަލައެއް ނެތެވެ. ހަމަކަށަވަރުން ހައިއަތު ކިބާރު (ބޮޑެތި ޢިލްމުވެރިންގެ މަޖިލީހުގައި ހިމެނޭ) ޢިލްމުވެރިން މިކަމުގެ މައްޗަށް (ޤަރާރެއް) ނެރުނެވެ. އަހަރެންނަކީ އެތަނުގައިވާ އެކަކީ މެވެ. މިކަންތައް ބަޔާންކޮށް ރޭޑިޔޯގެ ޛަރީއާއިން އަދި ނޫސްތަކުގައި ބަޔާންވެ ދިޔަ އެވެ.
މިކަން ހުއްދަވެގެންވާ ކަމުގައި އެއްވެސް ޝައްކެތް ނެތެވެ. އެހެނީ، މުސްލިމުންގެ މައްޗަށް އަންނަ ޢުދުވާނަކުން ހިމާޔަތް ވުމަށްޓަކައި، މުސްލިމުން އެބައިމީހުން ނޫން އެހެން ބައެއްގެ ފަރާތުން ވާގިވެރިކަން ހޯދުމަކީ މައްސަލައެއް ނޫނެވެ. މިއީ ޢިލްމުވެރިން (ބާބު : މުރުތައްދުގެ ޙުކުމް) ގައި ޢިލްމުވެރިން ޛިކުރުކުރައްވާފައިވާ ކާފަރުންނަށް ނަޞްރުވެރިވުމުގެ ޙުކުމުގެ ތެރެއަށް ވަންނާނެ ކަމެއް ނޫނެވެ. އެ (ބާބުގައި) ބަޔާންވެފައިވަނީ، މުސްލިމުންގެ މައްޗަށް، މުސްލިމަކު ކާފަރުން ނަސްރުވެރި ކުރުމެވެ. ހުއްދަވެގެން ނުވަނީ މި އެވެ.
އެހެނަސް މުސްލިމަކު ކާފަރެއްގެ ނުބައިކަމުން ސަލާމަތްވުމަށް ނުވަތަ މުސްލިމެއްގެ ޢުދުވާނުން ސަލާމަތް ހޯދުމަށް ނުވަތަ އެމީހެއްގެ ޢުދުވާނުގެ ބިރުވެރިކަމުން، ކާފަރެއް ކައިރިން އެހީ (ވާގިހޯދުން، އެހީއަށް އެދުން) ފަހެ، މިއީ މައްސަލައެއް އޮތް ކަމެއް ނޫނެވެ. ހަމަކަށަވަރުން ނަބިއްޔާ صلّى الله عليه وسلّم، صفوان بن أمية ގެ ދަނގަޑު ދަހަނާ ބޭނުންކުރައްވާ އެއިން ރައްކައުތެރިކަން ހޯއްދެވިކަން ޘާބިތުވެ އެވެ. އެއީ އަނބުރާ ދެއްވާ ގޮތަށް ނަންގަވާފައިވާ އެއްޗެކެވެ. އަދި صفوان بن أمية އެއިރު ވަނީ ކާފަރެއްގެ ގޮތުގަ އެވެ. ޙުނައިނުގެ ދުވަހުގައި، ޘަޤީފް ވަންހައިގެ މީހުންނާ ހަނގުރާމަ ކުރެއްވި އިރު އެވެ. އަދި ފަޠަޙައިގެ ދުވަހުގައި، ޤުރައިޝުވަންހައިގެ ކާފަރުންނާއި ނަބިއްޔާ صلّى الله عليه وسلّم ހަނގުރާމަކުރެއްވި އިރު، ޚުޒާޢާ ވަންހައިގެ މުސްލިމުންނާއި ކާފަރުންވީ ނަބިއްޔާ صلّى الله عليه وسلّم އާ އެކުގަ އެވެ. އަދި ނަބިއްޔާ صلّى الله عليه وسلّم ޙަދީޘްކުރެއްވިކަމަށް ޞައްޙަވެގެންވެ އެވެ. (( إنكم تصالحون الروم صلحا آمنا، ثم تقاتلون أنتم وهم عدوا من ورائكم )) "ހަމަކަށަވަރުން ތިޔަބައިމީހުން ރޯމުގެ އަހުލުވެރިންނާ އަމާންކަމުގެ ޞުލްޙައެއް ޞުލްޙަ ކުރާނެ އެވެ. ދެން އެއަށްފަހު ތިޔަބައިމީހުންނާ އެބައިމީހުން ތިޔަބައިމީހުންގެ ފަހަތުގައިވާ ޢަދުއްވުންނާއި ހަނގުރާމަ ކުރާނެ އެވެ." މީގެ މާނައަކީ : އަހަރުމެންގެ (މުސްލިމުންގެ) ފަހަތުގައިވާ ޢަދުއްވުންނާއި ހަނގުރާމަ ކުރުމުގައި، އެމީހުންގެ ފަރާތުން އެހީ ހޯދުމެވެ...." مجموع فتاوى 6-185
ފޭސްބުކްގައި އެމީހާ އެބުނި ބަހާއި މެދު ސީދާ الشّيخ عبد الله بن عبد الرّحيم البُخَاري -حفظه الله- އަށް ސުވާލު ދެންނެވުނެވެ.
ސުވާލު: އަހަރުމެންގެ ޝެއިޚް އެވެ. السلام عليكم. އިސްލާމީ ދައުލަތްތައް ގުޅިގެން (އެއްބައިވެ) އަދި އެމެރިކާއާ ގުޅިގެން ISIS (އައި.އެސް.އައި.އެސް) އާ ދެކޮޅަށް ނިކުތުމަކީ އެއީ ކުފުރުވާނޭ ޢަމަލެކޭ ބުނެއެވެ. (މާނައީ އެންމެން އެއްވެގެން މަސައްކަތްކުރުން) އަދި މިއީ ޢަރަބި ވެރިންތައް ކޮށްފައިވާ ޖަރީމާއެކޭ ބުނެ އެވެ. އަހަރުމެންގެ ޝެއިޚް އެވެ. މި ފަތުވާއާ މެދުގައި ވިދާޅުވަނީ ކީކޭތޯ އެވެ؟ ސަބަބަކީ، މިޤައުމުގައި މިފަދައިން ބުނާ ބައެއްމީހުންނަކީ "ޢިލްމުވެރިން" ކަމުގައި ދަޢުވާކުރާ ބަޔެކެވެ. ޝެއިޚަށް މާތް ﷲ ބަރަކާތް ލައްވާށި އެވެ. އަދި އެބައިމީހުން މިއާޔަތް ދަލީލެއްގެ ގޮތުގައި ނަގަ އެވެ. يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا عَدُوِّي وَعَدُوَّكُمْ أَوْلِيَاءَ تُلْقُونَ إِلَيْهِمْ بِالْمَوَدَّةِ الممتحنة: ١
ޖަވާބުގައި ޝެއިޚް ވިދާޅުވިއެވެ. "وعليكم السلام ތިޔަ ގެނެސްފައިވާ ދަލީލަކީ (ތިކަމުގެ މައްޗަށް) ގެނައުން ބާޠިލް ދަލީލެކެވެ. ތިޔައީ، އަބަދުވެސް ތަކްފީރީން ތަކުރާކުކޮށް ގެންނަ އެއްޗެކެވެ. ތިޔަ އާޔަތުގެ ޞައްޙަ މާނައަކީ ކޮބައިކަން އަދި އެހެނިހެން އާޔަތްތަކުގަވެސް ޞައްޙަ މާނައަކީ ކޮބައިކަން، އަހަރެން ނަވާޤިޟުލް އިސްލާމް ކިޔަވައިދިން އިރުގައި ވަރަށް ފާޅުކޮށް (ތަފްޞީލުކޮށް) ބަޔާންކޮށްފައިވާނެ އެވެ. ޢާއްމުކޮށް، ތިޔަ ދަލީލު ގެނެސް އެއިން ދަލީލު ކުރުމަކީ އެންމެ ކުރީންސުރެ (ޤަދީމީ ޒަމާނުއްސުރެ) ތަކްފީރީ، ޚަވާރިޖުން އެހެން މީހުން ކާފަރު ކުރުމަށްޓަކައި ގެންނަ އާޔަތެކެވެ. އަދި الشيخ عبد العزيز بن باز -رحمه الله- ގެ މަޖުމޫޢުލް ފަތާވާގައި 6/ 185- 186 ތިޔަ މައްސަލައަށް ވިދާޅުވެފައިވާ ބަސްފުޅުތަކަށް ބަލާށެވެ. (ނޯޓް: މިފަތުވާތައް ވާނީ އިސްވެ ބަޔާންކުރެވިފައެވެ.). އަދިވެސް އެހެނިހެން މުހިއްމު ފަތުވާތައް الشيخ ابن عُثيمين -رحمه الله- އަދި الفوزان އަދި އަހަރުމެންގެ ޝެއިޚް ربيع މި މައުޟޫގައި ލިޔުއްވާފައިވާ ފޮތް "صد عدوان الكافرين" ގައިވާނެ އެވެ. އަދި އަހަރުމެންގެ ޝެއިޚް محمد أمان އަދި އެހެނިހެން ޝެއިޚުން (ވިދާޅުވެފައިވާ ފަތުވާތައް) ރެކޯޑު ކުރެވިފައިވާ ރޯލެއް ވާނެ އެވެ. އަދި ސަޙާބް ސައިޓުގައި "މުސްލިމުން ޤަޠުލުކުރުމުގައިވާ މާރިޤީ (ދީނުންބޭރުވެގެންވާ) އަނިޔާވެރި ޚަވާރިޖުން ނުވަތަ މުސްލިމުންނަށް ޢުދުވާނީ ޙަމަލާތައްދޭ އެހެން މުސްލިމުންނާ ދެކޮޅަށް ކާފަރުންގެ އެހީތެރިކަން ހޯދާ މުސްލިމުންނަކީ ކާފަރުން ކަމުގައި ބުނާ މީސްތަކުންނަށް އޮތް ރައްދު" މި (ސުރުޙީ ދަށުގައި ލިޔެފައިވާ ލިޔުން) ބަލާލުން ހުއްޓެވެ.
ސުވާލު ކުރާ މިހާ: ﷲ ގެ އިޛުނަފުޅާ އެކު ބަލާނަމެވެ. ޝެއިޚަށް މާތް ﷲ ބަރަކާތް ލައްވާށި އެވެ.
އަޙްމަދު ސަމީރެވެ! ތިބާގެ އަޢުވާނުންގެ ތެރޭގައި އެފަދަ ވިސްނުން ހުންނަ މީހުން ތިބި އިރު، ތިބާ އިރުޝާދުގެ ސިޓީ ލިޔެ އެމީހުންނަށް ފޮނުވާކަށް ނުވޭ ހެއްޔެވެ؟ ނުވަތަ ތިބާ އެމީހުންނާ އެކަމުގައި އެއްބަސް ވަނީ ހެއްޔެވެ؟ އެމީހުންނަށް އެފަދަ ސިޓީ ފޮނުވާފައި، އެމީހުންގެ ގޮތް ދޫނުކުރުުމުން، އެ ސިޓީތައް ޢާންމު ކުރާކަށް ނުވޭ ހެއްޔެވެ؟ ކަނޑައެޅި ބަޔާންވެގެންވާ ކަމަކީ، އެފަދައިން ކަންކުރި ބަަޔަކު އަދި އަދަށް ދާންދެންވެސް އެ ބަސްތަކުން ރުޖޫޢަވެފައި ނުވާކަމެވެ. އޭގެ ބަދަލުގައި އޭގެ ތެރެއިން ބައެއް މީހުންވަނީ އެމީހުންގެ ސޯޝަލް މީޑިއާ އެކައުންޓްތައް ޑިލީޓްކޮށް، އައު އެކައުންޓުތަކެއް ހަދައި، 'ފިލައިގަނެފައެވެ.'
ޢިލްމަށް ނިސްބަތްވާ ބަޔަކު ކަމުގައި ދަޢުވާކުރާ މިމީހުންގެ ވާހަކަތަކާއިމެދު ޢިލްމީގޮތުން ނަޒަރު ހިންގާލުން ހުއްޓެވެ.
އެންމެ ފުރަތަމައީ އެބަޔަކާއި ދެކޮޅަށް ހަނގުރާމަކުރުމަށް އެ ކޯލިޝަނުގައި ޤަސްދުކުރެވިގެންވާ ބައިގަނޑަކީ މިޒަމާނުގައި ޚަވާރިޖީ ފިކުރުގައި ޖެހިގެން އުޅޭ އައި.އެސް.އައި.އެސް ISIS އަދި އެމީހުންނަށް ނަސްރުދޭ ފަރާތްތަކެވެ. އެދައުލަތްތަކުގެ ބޯޑަރުތަކުގެ ބޭރުގައި ކާފަރުންނާއި ގުޅިގެން އެމީހުންނާއި ދެކޮޅަށް ހަނގުރާމަކުރުމަށް ގަސްދުކުރީ އިންޒާރުގެ އެތައް އެތައް ގަރާރުތައް ނެރެ، މުސްލިމުންނަށް ބިރުދެއްކުމުގައި ޙައްދުފަހަނައަޅައި ދިޔުމުންނެވެ. އެއީ ޢިލްމުވެރިންނާއި ވެރިންގެ އިތުރުން އާންމު މީސްތަކުނަށް ފާރަލައިގެން މަރާލާނެކަމާއި ބޮންގޮއްވާލާނެ ކަމުގެ އިންޒާރުތައް ކެނޑިނޭޅި ތަޙައްމަލު ކުރުމަށްފަހުގައެވެ. ބަޔަކު ދިރިތިއްބާ އަންދާލުމަށް ފަހުގައެވެ. މުސްލިމް އަންހެނުންތަކެއް އަޅުއަންހެނުން ތަކެއްގެ ގޮތުގައި ހަދައި އަބުރަށް އަރަމުން ދަނިކޮށެވެ. ބަކަރި ކަތިލާ ބީދައިން މުސްލިމުން ކަތިލަމުން ދިޔަ ހިނދުގައެވެ.
އަނެއްކަމަކީ ހާޖަތެއް އޮވެއްޖެނަމަ ކާފަރުންގެ އެހީތެރިކަން ހޯދައިގެން ހަނގުރާމަކުރުމަކީ ޢިލްމުވެރިން ހުއްދަކުރައްވާފައިވާ ކަމެކެވެ. އެހެންކަމުން މިޢަމަލަކީ ޝަރުޢީ އުސޫލްތަކާއި އެއްގޮތްވެގެންވާ އަދި ދަލީލުތަކުން އެކަމަށް ބާރުލިބިގެންވާ ކަމެކެވެ. މިމައްސަލައިގައި އިތުރު ތަފްސީލް ހޯދުމަށް އެދޭނަމަ މިކަމުގައި الشّيخ ابن باز އަދި الشّيخ ابن عثيمين -رحمهما الله- ފަދަ މިނޫންވެސް އެހެން ބޮޑެތި ޢިލްމުވެރީން ދެއްވައިފައިވާ ފަތުވާތަކަށް ރުޖޫޢަވެ އެޢިލްމުވެރިންގެ އިރުޝާދާއި އެއްގޮތަށް ޢަމަލުކުރުމަށް އޮޅިފައިވާ އެންމެހާ ފަރާތްތަކަށް ނަސޭހަތްތެރިވަމެވެ. މީގެ ކުރިން ލިޔުމުގައި ބަޔާންކުރެވިފައިވަނީ އެބަސްފުޅުތަކުގެ ތެރެއިން ހަމއެކަނި الشيخ ابن باز -رحمه الله- ގެ ބައެއް ބަސްފުޅުތަކެވެ.
މިފަދައިން އިޝާރާތްކޮށް މިފުއްދާލީ މިމަޤާމަކީ މިމައްސަލަ ފުޅާކޮށް ތަފްސީލުކުރުމަށްޓަކައި މަޤާމެއްކަމުގައި ނުވާތީ އެވެ. އަދި މިފަދައިން ކާފަރުންގެ ފަރާތުން އެހީތެރިކަމަށް އެދުމަކީ ކާފަރުންނަށް އެމީހުންގެ ދީނުގައި ވާގިވެރިވުން ކަމުގައި ބުނެވޭ ބުނުންވަނީ ޖާހިލުކަމުގެ ތެރެއިންނެވެ. އެއްވެސް ޙާލެއްގައި އެއީ ކާފަރުންނަށް ދީނުގައި ނަސްރުވެރިވެ ވާގިވެރިވުމެއް ނޫނެވެ. އެހެނަސް އެއީ އެއްބަޔަކު އަނެއްބަޔަކަށް މަސްލަހަތުތައް ބަދަލުކޮށް ދެފަރާތުގެ މެދުގައި ކުރެވޭ މުއާމަލާތެކެވެ. މި މައްސަލައިގައި الشيخ العَلاَّمَة صالح الفوزان حفظه الله ވިދާޅުވެފައިވާ ބަސްފުޅުވެސް އަޑުއަހާލާށެވެ!
އަދި ދަންނާށެވެ! ރައްބާނީ ޢިލްމުވެރިންގެ ތެރެއިން މިހާރުގެ ޚަވާރިޖުން ކަމުގައިވާ ދާޢިޝް (އައި.އެސް.އައި.އެސް) އާއި ދެކޮޅަށް ކޯލިޝަން ހަދައިގެން ހަނގުރާމަ ކުރުމަކީ ކުފުރުގެ ޢަމަލެއްކަން ވިދާޅުވި އެންމެ ޢިލްމުވެރިއެއްގެ ނަން ނިކަން ގެނެސްދީބަލާށެވެ. ނޫނީ ތިޔަ ފަތުވާތައް ގޮސް ހުއްޓެނީ އިލްމުވެރިން ކަމުގައި އަމިއްލައަށް ހެދިގެންއުޅޭ ތަކްފީރީ ފިކުރުގެ ރޯނުއެދުރުންނާއި ހަމައަށް ނޫންހެއްޔެވެ؟ އިރު އޭގެ އަލިކަމާއިއެކު ފާޅުވެގެންވާ ފަދައިން ތިބަސްތަކުގެ ފުރަގަހުގައި ފޮރުވިގެންވާ ހަޤީގަތްތަކަކީ ކޮބައިކަން ޝައްކެއްނެތް މިންވަރަށް އަހަރެމެންނަށް ސާފެވެ.
އަޙްމަދު ސަމީރެވެ! ތިބާ ﷲ އަށް ޙައްޤުގޮތުގައި ބިރުވެތިވުން ހުއްޓެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުގައި މުސްލިމުން ކަތިލަމުންދާ އަދި އެބައެއްގެ ފަރާތުން މުސްލިމުންނަށް އެތައް ދުއްތުރާއެއް ކުރިމަތިވަމުން އަންނަ އައިއެސްއައިއެސް އާއި ދެކޮޅަށް އިސްލާމްދީނާއި މުސްލިމުންގެ ދިފާޢުގައި އިސްލާމީ ދައުލަތްތައް ތެދުވުމުން އެކަމާއި ދެކޮޅަށް ސަމީރުގެ އަޢުވާނުން ހަމައެކަނި ޢައިބުގެ ބަސްތަކެއް ރައްދުކުރީ ހެއްޔެވެ؟ ނޫނީ އެ ޢަމަލަކީ އިސްލާމްކަން ނަފީކުރާ ކުފުރުގެ އަމަލެއްކަމުގައި ބުނެ އެބޮޑެތި ދައުލަތްތަކުގެ މައްޗަށް ކުފުރުގެ ޙުކުމް ލާޒިމްކުރަން މަސައްކަތްކުރީ ނޫންހެއްޔެވެ؟
ސަމީރުމެން މާބޮޑަށް އެނގިގަނެގެން އުޅޭކަމަށް ދައުވާކުރާ ރައްބާނީ ޢިލްމުވެރިންގެ މަންހަޖަކީ، ބާތިލާއި ދެކޮޅަށް ޝަރުޢީ ހަނގުރާމައެއްގައި އެދައުލަތްތައް ވަނިކޮށް އެދައުލަތްތަކުގެ މައްޗަށް ތިފަދަ ހުތުރުކަން ބޮޑު ނުބައި ބަސްތައް ރައްދުކުރުން ހެއްޔެވެ؟
އަދި ސަމީރު އަޑުއަހައިގެން ތިއުޅޭ الشّيخ الألباني -رحمه الله- ގެ އޯޑިއޯއިން ނެގި ފިޤުހު އަދުލުވެރިކަމާއިއެކު ޖެހިލުމެއްނެތި މިހާލަތަށްވެސް ތަންފީޒުކޮށް ތިބާގެ ޖަމާޢަތުގެ އެ މީހުންނަށް އިރުޝާދުގެ ސިޓީއެއް ނުފޮނުވާނަން ހެއްޔެވެ؟ ނޫނީ މިޙާލަތުގައި ވިސްނެނީ މިދަނޑިވަޅަކީ ޓެރަރިޒަމްއާއި ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ދައުލަތްތަކުގެ މައްޗަށް ޢަދާވާތްތެރިކަން ފާޅުކުރަން އެންމެ އެކަށީގެންވާ ވަގުތު ކަމުގައި ހެއްޔެވެ؟ އައިއެސްއައިއެސްގެ ފަރާތުން އަނިޔާލިބެމުންދާ މުއުމިނުންގެ ހިތްތަކަށް ސަމީރުގެ އައުވާނުންގެ ވާހަކަތަކުގެ ސަބަބުން ލިބިދެންގަނީ ފަރުވާހެއްޔެވެ؟ ނުވަތަ ވޭން ހެއްޔެވެ؟
ހަމާސް ޖަމާއަތާއި ދެކޮޅަށް ރައްދެއް ލިޔުމުން އަހަރެންގެ މައްޗަށް ލާޒިމުކުރިކަންތައް ހަމައެބީދައިން ސަމީރުގެ އައުވާނުންގެ މައްޗަށް އަހަރެން ރައްދުކުރަމެވެ. މިނެކިރުމުގައި ތިމާމީހުންގެ ހާލަތާއި މެދުގައި ސުވާލުކޮށް ﷲ އަށް ބިރުވެތިވުން ހުއްޓެވެ.
ﷲ ވަހީ ކުރައްވާފައި ވެއެވެ. وَيْلٌ لِلْمُطَفِّفِينَ * الَّذِينَ إِذَااكْتَالُوا عَلَى النَّاسِ يَسْتَوْفُونَ * وَإِذَا كَالُوهُمْ أَوْ وَزَنُوهُمْ يُخْسِرُونَ * أَلَا يَظُنُّ أُولَئِكَ أَنَّهُمْ مَبْعُوثُونَ * لِيَوْمٍ عَظِيمٍ "މިނެކިރުމުގައި އުނިކުރާ މީހުންނަށް، ގެއްލުމާއި ހަލާކު ހުށްޓެވެ. އެބައިމީހުންނަކީ އެހެންމީހުންގެ ކިބައިން މިނާނަމަ، ހަމަކުރަން އެދޭމީހުންނެވެ. އަދި އެހެންމީހުންނަށް މިނެދޭނަމަ، ނުވަތަ އެހެންމީހުންނަށް ކިރައިދޭނަމަ، ގެއްލުންކުރާ މީހުންނެވެ. ބޮޑުވެގެންވާ ދުވަހަކަށް އެބައިމީހުން ފޮނުއްވާނޭ ކަމުގައި އެބައިމީހުން يقين ނުކުރަނީ ހެއްޔެވެ؟"
މި މައުޟޫގައި ލިޔަން ފަށައިގަންނަމުން އިސްވެދިޔަ ކަންތައް ސަމީރުގެ ސަމާލުކަމަށް ގެންނަން ބޭނުންވީ ސަބަބުތަކަކާއި ހުރެއެވެ. އެއީ ބޮޑެތި ޢިލްމުވެރިން ޝާމިލުވާގޮތަށް އިސްލާމީ ބޮޑެތި ދަޢުލަތްތަށް ވަނީ މުސްލިމުނާއި ދެކޮޅަށް ވާގިވެރިވުމުގައި ކަމަށް ސަމީރުގެ އަޢުވާނުން ސިފަކުރި ފަދައިން ސަމީރުވެސް ތިވަނީ އެފަދަ ތުހުމަތެއް އަހަރެންގެ ބޮލުގައި އަޅުވައިފައެވެ.
ޤަދަރާއި ޝަރަފުގެ ގޮތުން އަހަރެންނަށްވުރެ އެތައްގޮތަކުން މަތިވެރިވެގެންވާ ޢިލްމުވެރީން ތިމާމެންގެ ދޫތަކުން ސަލާމަތް ނުވާނަމަ އަހަރެން ސަލާމަތްވާނީ ކިހިނެތް ހެއްޔެވެ؟ މިކަމުންވެސް ދޭހަވަނީ މީސްތަކުންގެ ދީންވެރިކަމާއި ގުޅުވައިގެން ޢިލްމީގޮތުން ހަމައެއް ލަމައެއްނެތި ކޮންމެފަދަ ވާހަކައެއްވެސް ދައްކާކަށް ތިމާމެން ފަސްނުޖެހޭނެކަމެވެ.
ތިމާމެން ނުރުހޭކަމެއް ކިރިޔާ ފެންނައިރަށް އެބަޔަކީ ލާދީނީ ނުވަތަ މުނާފިޤު ބައެއްކަމުގައި ސިފަކުރުމުގައި ސަމީރުގެ އަޢުވާނުން ހޯދައިފައިވާ ތި އަނިޔާވެރި އުސްލޫބަކީ އަހަރެމެންނަށް ބީރައްޓެހި އެއްޗެއް ނޫންކަންވެސް ހަނދާންކޮށްދިނުމަށެވެ. ބަދުނާމުކޮށް އަނގުވައްޓާލުމަށްޓަކައި ސަމީރުއާއި ސަމީރުގެ އަޢުވާނުން ހޯދައިފައިވާ މަގާއިމެދު ޣާފިލުވެގެންވާ ބަޔަކު ކަމުގައިވެސް އަހަރެމެން ނުވާކަން ހާމަކުރުމަށްޓަކައެވެ.
ތި އުސްލޫބަކީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހަވާނަފްސުގެ އަހުލުވެރިން އެމީހުންގެ މަގުފުރެދުންތަކަށް ނަސްރުދިނުމުގައި ބޭނުންކުރާ އެއް ހަތިޔާރުކަމީ ޒަމާނުއްސުރެ އަހަރެމެން ދަންނަ ހަޤީޤަތެއްކަންވެސް ހާމަ ކުރުމުގެ ބޭނުމުގައެވެ. ރައްބާނީ ސަލަފީ ޢިލްމުވެރިންގެ މަންހަޖުގެ މަތީގައި ތަރުބިއްޔަތު ވެފައިވާ ބަޔަކަށް ވުމުގެ ބަދަލުގައި ސަމީރާއި ސަމީރު ނިސްބަތްވާ ޖަމުޢިއްޔާ ކަމުގައިވާ ޖަމިއްޔަތުލް ސަލަފްގެ ފިކުރުތައް ބިނާވެގެން ވުން ގާތް ކުރަނީ އިޚްވާނީ އުސޫލުތަކުގެ މަތީގައި ކަން ބޭރުފުށުން ފާޅުކޮށްފައިވާ ބައެއް އަމަލުތަކުން ފާޅުވެއެވެ. މިއީ އެހެން ލިޔުމެއްގެ މައުޟޫޢެއް ކަމުގައިވުމުން، މިވަރުން މިވަގުތަށް ފުއްދައިލާނަމެވެ.
ފަހަރެއްގައި އަޙުމަދު ސަމީރު ސުވާލު ކޮށްފާނެ އެވެ. ބަޔަކު ލިޔުނު އެއްޗެއްގެ ޒިންމާ އަހަރެންގެ ބޮލުގައި އެޅުވުމަކީ އަދުލުވެރި ގޮތެއް ހެއްޔެވެ؟ އަޙްމަދު ސަމީރެވެ! މިއުޅެނީ އެ ލިޔުންތައް ލިޔުނީ އަޙްމަދު ސަމީރޭ ބުނެގެނެއް ނޫނެވެ. އެހެނަސް، ތިމާގެ އެކުވެރިންނާއި ބައިވެރިން އެފަދަ ކަންކަން ފާޅުގައި ކުރާއިރު، އަދި ކިއެއްތަ! މުސްލިމު ދައުލަތްތަކާއި ޢިލްމުވެރިންނާއި، ވެރިންގެ އިސްލާމްކަމާއި މެދު އެމީހުން ތުހުމަތު ކުރަމުން ގެންދާއިރު، ތިބާ އެމީހުންނަށް އިންކާރު ނުކުރާތީ އެވެ. އެއީ ތިބާ އެއްބަސްވާ ކަންތައްތަކެއް ކަމުގައި ނުވާނަމަ، އިރުޝާދުގެ ސިޓީތައް ލިޔެ ނުފަތުރާތީ އެވެ. ތިބާ އެމީހުންނާއި އޮންނަ ގުޅުމަކީ އެންމެންވެސް ދަންނަ ގުޅުމެކެވެ. ތިބާގެ 'ޖަމްޢިއްޔަތުއް ސަލަފް' އަށް ނިސްބަތްވާ ބައެއް މީހުން އޭގެ ތެރޭގައި ހިމެނުމުން، ތިމާއާއި ތިމާގެ ޖަމުޢިއްޔާގެ މަސްލަޙަތު ﷲ ގެ ޝަރީޢަތަށް ވުރެ އިސްކުރަނީ ހެއްޔެވެ؟ މުސްލިމުންނަށް އެނގެންޖެހޭ ޙަޤީޤަތްތައް ފޮރުވާލަނީ ހެއްޔެވެ؟ އެ ޙަޤީޤަތް އަނގައިދޭން މަސައްކަތްކުރާ މީހުންނާ ދެކޮޅަށް ހަނގުރާމަކުރަނީ ހެއްޔެވެ؟
|
ރަސޫލާ صلى الله عليه وسلم ޙަދީޘްފުޅު ކުރައްވާފައި ވެއެވެ. "المرء على دين خليله ، فلينظر أحدكم من يخالل" (أخرجه الإمام أحمد في المسند) "ކޮންމެ މީހަކުވަނީ އެމީހެއްގެ ގާތް ރަޙުމަތްރެރިޔާގެ ދީނުގެ މަތީގައެވެ . ފަހެ ތިޔަބައިމީހުން ކުރެ މީހަކު ގާތް ރަޙުމަތްތެރިއެއްގެ ގޮތުގައި ހަދާ މީހަކީ ކާކުތޯ ބަލާހުށި ކަމެވެ." ފަހަރެއްގައި ޤަބޫލުކުރާ އަޤީދާ އެހެންމީހުންނަށް ފޮރުވައިލައިގެން ހުރެވިދާނެ އެވެ. އެހެނަސް ދީނުގައި އެމީހަކު ބަލައިގަންނަ ރަހުމަތްތެރިންނަކީ ފޮރުވޭނެ ބައެއް ނޫނެވެ. |
އެބަޔަކާއި އެއްކޮށް ދަޢުވަތުގެ މައިދާނުގައި ތިބާ މަސައްކަތްކުރާ ގާތް އެކުވެރިންނަކީ އެމީހުން ކަމުގައި ވާހިނދެއްގައި ތިބާއާ މެދު ޝަރުޢީ ގޮތުން މުޢާމަލާތްކުރެވޭ މިންގަނޑު ދަސްކުރާށެވެ! الإبانة ގައި ابن بطة -رحمه الله- ރިވާކުރައްވައިފައިވެ އެވެ.
لما قدم سفيان الثوري البصرة، جعل ينظر إلى أمر الربيع بن صبيح وقدره عند الناس، سأل أي شيء مذهبه؟ قالوا: ما مذهبه إلا السنة، قال: مَنْ بطانته؟، قالوا: أهل القدر، قال: هو قدري "سفيان الثوري ބަޞަރާއަށް ވަޑައިގެންނެވި ހިނދު الربيع ين صبيح ގެ ޙާލާއި، މީސްތަކުންގެ ގާތުގައި އޭނާއަށް ދެވިގެންވާ ގަދަރަށް ބައްލަވައިލެއްވި އެވެ. އަދި އޭނާގެ މަޛްހަބަކީ ކޮބައިކަމާއި މެދު (މީސްތަކުންނާ) ސުވާލުކުރެއްވި އެވެ. އެމީހުން ދެންނެވި އެވެ. "އޭނާގެ މަޛްހަބަކީ ސުންނަތް ކަމުގައި މެނުވީ ނުވެ އެވެ." ދެން ސުވާލު ކުރެއްވި އެވެ. "އޭނާ އެބަޔަކާއި އެއްކޮށް އުޅޭ ގާތް އެކުވެރިންނަކީ ކޮންބައެއް ހެއްޔެވެ؟" އެހިނދު އެބައިމީހުން ދެންނެވިއެވެ. "އޭނާގެ ގާތް އެކުވެރިންނަކީ ޤަދަރުގެ އަހުލުވެރިންނެވެ." އެހިނދު سفيان الثوري ވިދާޅުވި އެވެ. "އޭނާއަކީ ވެސް ޤަދަރީއެކެވެ."
އިސްވެ ދިޔަ އަޘަރާއި މެދު ވާހަކަފުޅު ދައްކަވަމުން ابن بطة -رحمه اﷲ- ވިދާޅުވެފައިވެއެވެ. (( رحمة الله على سفيان الثوري؛ لقد نطق بالحكمة فصدق، وقال بعلم فوافق الكتاب والسنة وما توجبه الحكمة ويدركه العيان، ويعرفه أهل البصيرة والبيان؛ قال الله جل وعلا: “يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا بِطَانَةً مِّن دُونِكُمْ لَا يَأْلُونَكُمْ خَبَالًا“ )). " سفيان الثوري އަށް ﷲ ރަހުމަތް ލައްވާށިއެވެ. ހަމަކަށަވަރުން سفيان الثوري އެވަނީ ޙިކުމަތާއި އެކު ވާހަކަދައްކައި ތެދުބަސް ބުނެފަ އެވެ. ޢިލްމާއި އެކު އެ ދެއްކެވި ވާހަކަތައް ޤުރުއާނާއި ސުންނަތާއި ދިމާވެ އެވެ. އަދި އެގޮތެއްގެ މައްޗަށް ޙިކުމަތް ލާޒިމްކުރާ ގޮތުގެ އިތުރުން ޙަޤީޤަތަށް ލޯތަކަށް ފެންނަ ގޮތާއިވެސް އެއްގޮތްވެގެންވެ އެވެ. އަދި ޢިލްމާއި، ބަޔާންގެ އަހުލުވެރީންނަށް އެކަން އެނގިގެންވެ އެވެ. ﷲ ވަޙީ ކުރައްވާފައިވެއެވެ. يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا بِطَانَةً مِّن دُونِكُمْ لَا يَأْلُونَكُمْ خَبَالًا "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ނޫން މީހުންގެ ތެރެއިން ގާތް އެކުވެރިން ތިޔަބައިމީހުން ނުހޯދާށެވެ! (އެހެނީ) ތިޔަބައިމީހުންގެ ކަންތައް فساد ކުރުމުގައި، އެބައިމީހުން ދުލެއް ނުދޭނެ އެވެ. " آل عمران: ١١٨
شرح أصول اعتقاد أهل السنة والجماعة މިފޮތުގައި الفضيل بن عياض -رحمه الله - ގެ އަރިހުން ރިވާކުރައްވައި الإمام اللا لكائي -رحمه الله – ގެނެސްދެއްވާފައިވެ އެވެ. الفضيل بن عياض -رحمه الله - ވިދާޅުވި އެވެ. "مَنْ جلس مع صاحب بدعة فاحذره" "ބިދުޢައިގެ އަހުލުވެރިޔަކާއި އެކު އިށީންދެއްޖެ މީހެއްގެ މަތީން އިންޒާރު ލިބިގަތުން ހުއްޓެވެ."
މިއީ ބިދުޢަވެރިޔާ ގާތުގައި، އޭނާއާއެކު އިށީނދެ އުޅޭ މީހާއާއި މެދުގައި ޢަމަލުކުރަން އެބޭކަލުން ދެކިލެއްވި ގޮތެވެ. ނުބައި މީހުންނާ އެކު އުޅޭ މީހުންނާއި މުޢާމަލާތްކުރަން އޮތް ގޮތުގެ މައްޗަށް ކުރެވިފައިވާ އިޝާރާތެކެވެ. އަޙްމަދު ސަމީރެވެ! އަހަރެން ވަކި މީހަކު ބިދުޢަވެރިކުރަނީއެއް ނޫނެވެ. އެހެނަސް، މި ރިވާޔަތްތައް މިގެނެސްދިނީ، ސަލަފުއް ޞާލިޙުންގެ ފަހުމް ތިބާއަށް އޮޅިފައި އޮވެދާނޭތީ އެވެ.
ހަމައެފަދައިން شرح السنة ގައި الإمام البربهاري -رحمه الله- , ބަޔާންކުރައްވާފައިވާ އަޤީދާއަކީވެސް މިއެވެ. ވިދާޅުވެފައިވެ އެވެ. وإذا رأيتَ الرّجلَ يَجلسُ مع رجلٍ من أهلِ الأهواءِ فَحَذِّرْهُ وعَرِّفْهُ؛ فإن جَلَسَ معه بعدما عَلِمَ فاتّقِهِ، فإنَّه صاحبُ هوىً "ހަވާނަފްސުގެ އަހުލުވެރިޔަކާއި އެކު އިށީންނަ މީހަކު ތިބާއަށް ފެނިއްޖެނަމަ (އެކަން އެމީހެއްގެ ސަމާލުކަމަށް ގެނައުމުގެ ގޮތުން) އެމީހަކަށް އޭނާގެ މަތިން އިންޒާރުދީ އަދި އޭނާގެ ހަޤީޤަތް ބަޔާންކޮށްދޭށެވެ. އެހުރިހާ ކަމެއް އެނގުމަށްފަހުވެސް އޭނާއާއި އެއްކޮށް އިށީންނަ ނަމަ ތިބާ އެމީހެއްގެ ކިބައިން ދުރުވެ ރައްކާތެރިވާށެވެ. ހަމަކަށަވަރުން އޭނާ ވާކަން ކަށަވަރީ ހަވާނަފްސުގެ އަހުލުވެރިއެއް ކަމުގަ އެވެ."
ސުންނަތަށް ދަޢުވާކުރާ ސުންނަތުގެ އަހުލުވެރީންވެސް މިކަންތަކުގައި ފަރުވާކުޑަކުރާނަމަ އެމީހުންނާއިމެދު މުޢާމަލާތްކުރަން ސަލަފުންގެ ފަރާތުން ބަޔާންވެގެންވާ މަންހަޖު އެނގިގަތުން ހުއްޓެވެ. ابن أبي يعلى ގެ طبقات الحنابلة ގައި عثمان بن إسماعيل السكري ގެ އަރިހުން ރިވާވެގެންވެ އެވެ. ވިދާޅުވި އެވެ. سمعتُ أبا داود السجستاني يقول: قلتُ لأبي عبدالله أحمد بن حنبل: أرى رجلاً من أهل السنة مع رجل من أهل البدعة، أترك كلامه؟ قال: ((لا، أو تُعلمه أنَّ الرجل الذي رأيته معه صاحب بدعة؛ فإن ترك كلامه فكلِّمه، وإلا فألحقه به ))
"الإمام أبو داود ވިދާޅުވަނިކޮށް ތިމަން އަޑުއެހީމެވެ. أبو عبد الله أحمد بن حنبل ގެ އަރިހުގައި ތިމަން (އެބަހީ أبو داود ) ދެންނެވީމެވެ. ބިދުޢަވެރީންގެ ތެރެއިންވާ މީހަކާއިއެކުގައި އަހުލުއްސުންނަތުގެ ތެރެއިންވާ މީހަކު އަހަރެން ދެކެމެވެ. އަހަރެން އެމީހަކާއި ވާހަކަ ދެއްކުން ހުއްޓާލަންވީ ހެއްޔެވެ؟ الإمام أحمد ވިދާޅުވި އެވެ. ނޫނެކެވެ. އޭނާ އެމީހަކާއި އެކު އެފެންނަ މީހަކީ ބިދުޢައިގެ އަހުލުވެރީންގެ ތެރެއިންވާ މީހެއްކަން އޭނާއަށް އަންގައިދޭށެވެ. ފަހެ، އެހިނދު އޭނާ އެމީހަކާއި ވާހަކަދެއްކުން ހުއްޓާލައިފިނަމަ ތިބާ އެމީހަކާއި ވާހަކަ ދައްކާށެވެ. އެހެނަސް (ތިބާގެ ނަސޭހަތް ޤަބޫލު ނުކޮށްފިނަމަ) އޭނާއަކީ އެފަދަމީހެއްކަމުގައި ދެކޭށެވެ."
މިފަދަ ވާހަކަތައް ބަޔާންކުރުމުން ތިމާމެން ތަކުރާރުކޮށް ދައްކާ ވާހަކައަކީ "ތިފަދަ ބަސްތަކަކީ ބިދުޢައިގެ އަސްލުތައް ކަމުގައިވާ އެންމެ ބޮޑެތި ބިދުޢަތަކާއިމެދު އައިސްފައިވާ ބަސްތަކެކެވެ." ވުމާއިއެކު، އަހަންނަކީ އެބަސްތައް ފައްތަން ޖެހޭތަންތަނަށް ފައްތަން ނުދަންނަ މީހެއްކަމުގައި ބުނެ އަހަންނަކީ މަޤާމާއި އެކަށީގެންވާ ވާހަކަތައް ދައްކަން ނުދަންނަ މީހެއްކަމުގައި މީގެ ކުރިންވެސް ސިފަކުރިފަދައިން ސިފަކުރާނެ ކަމީ ދުރުކަމެއް ނޫނެވެ. އަހަރެމެންނަކީ، ސަމީރުމެން ތުހުމަތުކުރާ ފަދައިން އެއްވެސް އުސޫލެއްނެތި ކޮންމެ ކޮންމެ މީހެއްގެ މައްޗަށް ބިދުޢަވެރިންނާއި އެކުގައި އުޅެއޭބުނެ މިފަދަ ބަސްތައް ފައްތަމުންދާ ބަޔެއް ނޫނީމު އެވެ. އޭގެ ބަދަލުގައި ވަކިމީހަކާއި ނުވަތަ ބަޔަކާއި ބެހޭގޮތުން ޚާއްޞަ ހުކުމެއް ނެރުމަށްޓަކައި އަހަރުމެން އަބަދުވެސް ރުޖޫޢަވަނީ ޢިލްމުވެރިންނަށެވެ. މިތަނުގައި މިވާހަކަތައް މި ގެނެއީ، މީހެއްގެ މައްޗަށް ޙުކުމްކުރުމުގައި އޭނާގެ އެކުވެރިންނަކީ ކޮބައިތޯ ޢިލްމުވެރިން ބަލާކަން އަންގައި ދިނުމަށްޓަކަ އެވެ. އަދި އެއީ އެމީހަކަށް ޙުކުމްކުރުމަށް ޢިލްމުވެރިން ރިޢާޔަތްކުރާ ކަމެއްކަން ބަޔާންކުރުމަށްޓަކަ އެވެ.
الإمام أحمد ގެ އިސްވެދިޔަ ބަސްފުޅު ނަޤުލުކުރެއްވުމަށްފަހު، القول البليغ އޭ ކިޔުނު ފޮތުގައި الشّيخ حمود التُّويجري -رحمه الله- ވިދާޅުވެފައިވެ އެވެ. ((هذه الرواية عن الإمام أحمد ينبغي تطبيقها على الذين يمدحون التبليغيين، ويجادلون عنهم بالباطل. فمن كان منهم عالماً بأنَّ التبليغيين من أهل البدع والضلالات والجهالات، وهو مع هذا يمدحهم، ويجادل عنهم؛ فإنّه يلحق بهم، ويعامل بما يعاملون به، من الهجر والتجنُّب )) "ތަބްލީޣީންނަށް މަދަޙަ (ޘަނާ) ކިޔައި އަދި ބާތިލް ގޮތުގައި އެމީހުން ދިފާޢުކުރާ މީހުންގެ މައްޗަށް الإمام أحمد ގެ އަރިހުން ރިވާވެފައިވާ މި މިބަސްތައް ތަޠުބީޤުކުރުން އެދެވިގެންވެ އެވެ. ފަހެ، ތަބްލީޣީންނަކީ ބިދުޢައިގެ އަހުލުވެރީންކަމާއި، މަގުފުރެދުމާއި ޖާހިލުކަމުގެ އަހުލުވެރީން ކަން އެނގިހުރެ، އެއާކުވެސް އެމީހުންނަށް މަދަޙަކިޔައި އަދި އެމީހުންގެ ދިފާޢުގައި ޖަދަލުކުރާ ކޮންމެ މީހަކު ދަންނަ އެވެ! ފަހެ ހަމަކަށަވަރުން އެމީހަކު ބެލެވޭނީ އެމީހުންގެ ތެރެއިންވާ މީހެއްގެ ގޮތުގަ އެވެ. އަދި އޭނާއާއި މެދު މުޢާމަލާތްކުރެވޭނީވެސް އެމީހުންނާއި މެދު މުޢާމަލާތްކުރެވޭ ފަދައިންނެވެ. އެއީ ހަޖުރުކުރުމާއި ދުރުވުން ފަދަ ކަންކަމުގަ އެވެ."
ތަބްލީޣީންގެ މައްޗަށް މިވާހަކަތައް ފެތޭނަމަ، އިސްލާމީ ދަޢުލަތްތައް -އެދައުލަތްތަކުގައިވާ ޢިލްމުވެރިން ޝާމިލުވާގޮތުގައި - އެއީ ލާދީނީ ބައެއްގެ ގޮތުގައި ސިފަކުރަމުންދާ ތަކްފީރީ ފިކުރު އެބައެއްގެ މައްޗަށް ވެރިވެފައިވާ މި މީސްތަކުންގެ މައްޗަށް އެގޮތުގައި އެމީހުން ދެމިތިބިހާ ހިނދެއްގައި މިވާހަކަތައް ނުފެތި ގޮސްދާނެހެއްޔެވެ؟
މިއީ ހަމަ ކިރިޔާ ސުންނަތާއި ޚިލާފުވެގެން ނުވަތަ ސުންނަތާއި ޚިލާފުބަޔަކާއި އެއްކޮށް އުޅެގެން ދެކެވޭ ވާހަކަތަކެއް ހެއްޔެވެ؟ ބަޔަކު އައްޔަންކޮށް މިދަނޑިވަޅުގައި ޙުކުމެއް ކުރަން އަހުރެން ނެތީމެވެ. އެހެނަސް މިއީ ކުރިމަތިކޮށްލާ ސުވާލެކެވެ.
އިސްލާމީ އުންމަތުގެ ދިފާޢުގައި މިޒަމާނުގައި ޚަވާރިޖު ފިކުރުގައި ޖެހިފައިވާ އައިއެސް،އައިއެސް އާއި ދެކޮޅަށް ހަނގުރާމަކުރުން ހަޖަމްނުވިބަޔެއްގެ ނުބައިގެ ކަމުގެ ބޮޑުކަމާއެވެ!
އިރުޝާދުގެ ސިޓީތައް ލިޔެ އެބަޔަކާއި ދެކޮޅަށް އިންކާރުކުރުން ތިބާގެ މައްޗަށް ވާޖިބު ވެގެންވާ ހަޤީޤީ މީސްތަކުން ނުފެނި، ތިމާގެ ލޯ އެކަމުގެ މަތިން އަދިރިވެފައިވާ ސަބަބު ވަރަށް ސާފެވެ. ދަޢުވަތުގެ މައިދާނުގައި އަދި ދީނީ ކަންކަމުގައި ތިމާމެން އެކަކު އަނެކަކަށް ރުހޭ މިންވަރުގެ އިތުރުން އެކަކު އަނެކަކަށް ވާގިވެރިވެ އެއްބާރުލުންދޭ މަންޒަރު ޝޯޝަލް މީޑިއާގައިވެސް ވަރަށް ސާފެވެ.
ދެން މިހިސާބުން އިރުޝާދުގެ ސިޓީގައި އަހުމަދު ސަމީރު ދައްކާފައިވާ އަނިޔާވެރިކަމުގެ ވާހަކަތަކަށް ރައްދު ދިނުމަށް ﷲ ގެ ވާގިފުޅާއި އެކު ފަށަމެވެ.
އިޚްވާނުލް މުސްލިމީން ނުވަތަ Muslim Brotherhood ގެ މައްޗަށް ބަލައިލުމެއް:
މި ސުރުޙީ އަޅާފައި މިވަނީ މުހިންމު ސަބަބަކަށްޓަކައެވެ. އެހެނީ، ޙަމާސްޖަމާޢަތުގެ ވާހަކަ ދެއްކުމުގެ ކުރިން މިވާހަކަ އެބަ ދައްކަން ޖެހެ އެވެ. ޙަމާސްޖަމާޢަތަަކީ މި ބައިމީހުންގެ ތެރެއިންވާ، މިބައިމީހުންނަށް ތަބާވާ ބަޔަކު ކަމުގައި ވާތީ އެވެ.
މި މީހުން ބައިޢަތު ހިފާފައިމިވާ އިޚްވާނުލް މުސްލިމީންގެ ޢަޤީދާއަކީ އަދި މަންހަޖަކީ ކޮބައި ހެއްޔެވެ؟ އަޙްމަދު ސަމީރެވެ. މި ބަޔާންކުރާ ކަންކަން ރަނގަޅަށް ވިސްނައިގެން ކިޔާށެވެ. މިއީ ތިބާއަށް މިކަން ކުރިން އެނގޭނަމަ ހަނދުމަކޮށްދިނުމެކެވެ. އަދި ނޭނގޭނޭމަ ޙުއްޖަތް ޤާއިމްކޮށްދިނުމެކެވެ.
އިޚްވާނީ ޖަމާޢަތުގެ މުއައްސިސް އަދި ލީޑަރު ކަމުގައިވާ حسن البنا ބުނެފައިވެ އެވެ.
"އަހަރެމެން ބައެއްފަހަރުގައި عزبة النوام (މިނަންކިޔޭ ތަނަކަށް) ޒިޔާރަތް ކުރަމެވެ. ފަހެ، އެތަނަކީ އެތަނުގައި الشيخ سيد سنجر ވަޅުލެވިފައިވާ ތަނެވެ. އޭނާއަކީ ޞޫފީންގެ ތެރޭގައި އެންމެނަށް އެނގި، ދަންނަ މަޝްހޫރު ޞޫފީ އެކެވެ. އޭނާގެ ތަޤްވާވެރިކަމާއި ޞާލިޙްކަން އެންމެންދަނެ އެވެ. އެތަނަށް އަހަރުމެން ޒިޔާރަތްކޮށް އެއްދުވަސްވަރު އެތަނުގައި (އެ ޤަބުރުގެ ޒިޔާރަތުގައި) އަހަރެމެން ހޭދަކޮށް އެއަށްފަހުގައި އަނބުރައި އަންނަމެވެ." انظر الحدود الفاصلة 539
އެ ޖަމާޢަތުގެ ބާނީ، އަދި ތަރުބިއްޔަތު ކުރި މުރައްބީގެ ޙާލަކީ މިއީއެވެ. ޞޫފީއެއްގެ ޤަބުރަށް ޒިޔާރަތްކުރުމެވެ.
އަދިވެސް حسن البنا ބުނެފައިވެ އެވެ. "އަހަރެމެންނާއި ޔަހޫދީންނާއި ދެމެދުގައިވާ ދެބަސްވުމަކީ، ދީނީ ދެބަސްވުމެއް ނޫނެވެ." الإخوان المسلمون أحداث صنعت التاريخ 1/409
އަދިވެސް އޭނާ ބުނެފައިވެ އެވެ. "އަހަރެމެންގެ ޙަރަކާތްތައް ޤާއިމްކޮށްފައިވަނީ، ޢަޤީދާތަކުގެ ތެރެއިން އެއްވެސް ޢަޤީދާއަކާއި ނުވަތަ ދީންތަކުގެ ތެރެއިން އެއްވެސް ދީނަކާއި ދެކޮޅަކަށް ނޫނެވެ." قافلة الإخوان المسلمين 1/211
އިޚްވާނުލް މުސްލިމީންގެ މުރުޝިދެއް ކަމުގައިވާ التّلمساني ބުނެފައިވެ އެވެ. "އިޚްވާނީ ޖަމާޢަތަކީ ބައިނަލް އަޤްވާމީ، މުސްލިމުންނާއި ޣައިރު މުސްލިމުންނަށް އޮތް ޖަމާޢަތެކެވެ." الصحوة الإسلامية رؤية نقدية 123
މި التّلمساني އަދިވެސް ބުނެފައި ވެއެވެ. "އިޚްވާނުން (އިޚްވާނުލް މުސްލިމީން) ނަޞާރާ ދީނުގެ މީހުން ކަނީސާ ބިނާކުރުން ޙަރާމެއް ނުކުރެވެ." مجلة الدعوة عدد 14
އެމީހުންގެ ހަތަރުވަނަ މުރުޝިދު ކަމުގައިވާ حامد أبو النّصر ބުނެފައި ވެއެވެ. "އެންމެހައި މީސްތަކުންނަށް ޢާންމުވެ، ޝާމިލްވެގެންވާ ގޮތުގައި އަހަރެމެން ބޭނުންވަނީ ޑިމޮކްރަސީ އެވެ." مجلة العالم 21/ 6/ 1986
އަދިވެސް މީނާ ބުނެފައިވެ އެވެ. "އެންމެހައި ދީންތައް އެކައްޗެއްގެ ގޮތުގައި، އެއްބައެއްގެ ގޮތުގައި ޤާއިމްކުރާ ކޮންމެ ފަރާތަކަށް، އަހަރެމެންގެ އަތްތަކުން ވާގިވެރިވުން އަހަރެމެންގެ މައްޗަށް ވާޖިބުވެގެންވެ އެވެ." من هنا نعلم ص 150
އެމީހުންގެ އިސްވެރިންގެ ތެރެއިން ގުނާލެވޭ އެކަކީ يُوْسُف القَرضَاوِي އެވެ. މި ދުނިޔެމައްޗަށް ފާޅުވި އެއް ޠާޣޫޠު ކަމުގައިވާ ނަޞާރާދީނުގެ އެއް ޠާޣޫޠު Pope John Paul II ވެޓިކަން ސިޓީގެ ބާބާ، މަރުވުމުން މި يوسف القرضاوي ބުނެފައިވެއެވެ.
"اﷲ އޭނާއަށް ރަޙްމަތް ލެއްވުމަށް އެދި އަހަރެމެން ދުޢާކޮށްދިނުން މެނުވީ އަހަރެމެންނަށް ކުޅަދާނަވެގެންވާ ކަމެއް ނެތެވެ. އަދި އިންސާނިއްޔަތައްޓަކައި އޭނާ ކޮށްދީފައިވާ ކަންތައްތަކަށް އޭނާއަށް ޘަވާބު ލިބިދިނުމަށް އެކަލާނގެއަށް އަހަރެމެން ދުޢާކޮށްދިނުން ވެ އެވެ. އަދި އޭނާ ދޫކޮށް ދީފައިވާ ޞާލިޙް ޢަމަލާއި، ހެޔޮވެގެންވާ އަޘަރުތަކަށް އޭނާއަށް ޘަވާބު ލިބުމަށްއެދި ދުޢާކުރުން ނޫނީ ނެތެވެ..."
އަޙްމަދު ސަމީރު އަޖައިބު ނުވޭ ހެއްޔެވެ؟ މިއީ ނަޞާރާ ދީނުގެ އެންމެ އިސް ފާދިރީ، ބޮޑު ޠާޣޫތު މަރުވުން، އިސްލާމްދީނުގެ ޢިލްމުވެރިޔަކު ދައްކައިފާނެ ވާހަކައެއް ހެއްޔެވެ؟
އަދިވެސް القرضاوي ބުނެފައިވެއެވެ. "އަހަރެން ފުރިހަމައަށް، އެކީ އެކައްޗަކަށް މިހުރީ ދީނީ ދަޢުލަތްތަކާއި އިދިކޮޅު ފަރާތެއްގެ ގޮތުގަ އެވެ." جريدة الناس عدد 536
އަދިވެސް އޭނާ ބުނެފައިވެ އެވެ. "ހަމަކަށަވަރުން ރައްޔިތުންގެ މިނިވަންކަމަކީ ޝަރީޢަތް ތަންފީޛު ކުރުމަށްވުރެ އިސްވެގެންވާ ކަމެކެވެ." موقعه الصفحة الرئيسية بتاريخ 6 مارس 2011
މިއީ އެމީހުންގެ އަނދިރި ތާރީޚުގެ ތެރެއިން ހުޅުވައިލެވުނު އެންމެ ޞަފްޙާއެކެވެ. އަޙްމަދު ސަމީރެވެ. ޢިލްމުވެރިން މި ޖަމާޢަތާއިމެދުގައި ވިދާޅުވެފައިވާ ބަސްފުޅުތަކަށް ކުރުގޮތަކަށް ބަލައިލަމާ ހިނގާށެވެ!އިސްލާމްދީނުގައި މަގުފުރެދިފައިވާ 72 ބައިގަނޑެއް އޮންނާނެ ކަމުގައި ވާރިދުވެފައިވާ ޙަދީޘް ސަމީރުއަށް ނޭނގި ނޯންނާނޭ ކަމުގައި ދެކެމެވެ.
ފަހެ، ޖަމާޢަތުއް ތަބްލީޣް އާއި އިޚްވާނުލް މުސްލިމީން އަކީ މި 72 ބައިގަނޑުގެ ތެރެއިން ހިމެނޭ ބައެއް ކަމުގައި الشيخ ابن باز -رحمه الله- ވިދާޅުވެފައިވެ އެވެ.
ސުވާލު: ޝިރުކީ ކަންތަކާއި ބިދުޢަވެރި ކަންތައް ކުރުމުގައިވާ ތަބްލީޤީ ޖަމާޢަތް އަދި ޕާޓީ ހަދައިގެން މުސްލިމުން ވެރިންގެ ކިޔަމަންގަތުމުން ބޭރުވެ އުޅޭ އިޚްވާނުލް މުސްލިމީން، މި 2 ފިރުޤާއަކީ ހަލާކުވެގެންވާ 72 ފިރުޤާގެ ތެރެއަށް ވަންނާނެ ފިރުޤާތަކެއްތޯ އެވެ؟
ޖަވާބު: "72 ފިރުޤާގެ ތެރެއަށް ވަންނާނެ އެވެ. أهل السنة ޢަޤީދާއާ ޚިލާފްވި ކޮންމެ މީހަކުމެ 72 ފިރުޤާގެ ތެރެއަށް ވަންނާނެ އެވެ. ނަބިއްޔާ صلّى الله عليه وسلّم ޙަދީޘް ކުރައްވާފައިވާ ޙަދީޘްގައިވާ (ތިމަން ނަބިއްޔާގެ އުއްމަތޭ) މާނައަކީ : ނަބިއްޔާއަށް އިޖާބަދިން އުއްމަތެވެ. އެބައިމީހުން ނަބިއްޔާއަށް އިޖާބަ ދިނެވެ. ނަބިއްޔާއަށް ތަބަޢަވެގެންވާ ކަމުގައި ފާޅުކުރި އެވެ. އެއީ 73 ފިރުޤާއެކެވެ. އެއްމެ ފިރުޤާއެއް ދީނުގައި ފުރިހަމައަށް ޤާއިމްވެ، އެގޮތުގައި ދެމިތިބުމުން ނަރަކައިން ސަލާމަތްވެގެންވެ އެވެ. އަދި 72 ފިރުޤާގެ އަހުލުވެރިންގެ ތެރޭގައި ކާފިރުވެގެންވާ ފަރާތްތަކާއި، ފާފަކޮށް އުރެދުމުގައިވާ ފަރާތްތަކާއި، ބިދުޢަވެރިން ހިމެނެ އެވެ. (އެބައިމީހުންގެ ތެރޭގައި އެކިބައިތަކުގެ) އަހުލުވެރިންވެ އެވެ.
އެއަށްފަހުގައި ސުވާލުކުރިމީހާ ދެންނެވި އެވެ. މާނައަކީ، މި ދެ ފިރުޤާއަކީ 72 ފިރުޤާގެ ތެރޭގައި ހިމެނިގެންދާނެ ބައެއްތޯ އެވެ؟
ابن بَاز – رحمه الله- ވިދާޅުވި އެވެ. "އާއެކެވެ. އެމީހުން ވަންނާނީ 72 ފިރުޤާގެ އަހުލުވެރިންގެ ތެރެއަށެވެ. އަދި މުރުޖިއާއިން، ޚަވާރިޖުންވެސް ވަންނާނެ އެވެ. ބައެއް ޢިލްމުގެ އަހުލުވެރިން ދެކިވަޑައިގެންފައިވަނީ ޚަވާރިޖުންނަކީ އެ 72 ފިރުޤާއިން ބޭރުވެގެންވާ ކާފަރުންގެ ތެރޭގައި ހިމެނިގެންވާ ބައެކެވެ. އެހެނަސް އެބައިމީހުންނަކީ 72 ފިރުޤާގެ ތެރެއަށް ވަންނާނެ މީހުންނެވެ." النصيحة و ملحق النصيحة ص 10- 11
މީގެ އިތުރުން، الشيخ ابن باز -رحمه الله- ވަނީ އެ ޖަމާޢަތާއި ނުގުޅުމަށް ނަޞޭޙަތްތެރިވެވަޑައިގެންފަ އެވެ. https://safeshare.tv/x/BzdKNwpjFO
الشيخ الألباني -رحمه الله- ވިދާޅުވެފައިވެ އެވެ. "އިޚްވާނުލް މުސްލިމީން އަކީ އަހްލުއް ސުންނަތުގެ ބައެކޭ ބުނުން ޞައްޙައެއް ނޫނެވެ. އެހެނީ، އެބައިމީހުންނަކީ ސުންނަތާއި ދެކޮޅަށް ހަނގުރާމަކުރާ ބައެކެވެ."
އަދިވެސް الشيخ الألباني -رحمه الله- ވިދާޅުވެފައިވެ އެވެ. "އިޚްވާނުލް މުސްލިމީންގެ ބޮޑުންތައް ވަނީ އެބައިމީހުންނާއި ރަސޫލާ صلّى الله عليه وسلّم އާއި ދެމެދުގައިވާ ގުޅުން ކަނޑާލައިފައެވެ. އަދި އެބައިމީހުންގެ ގުޅުން ޤާއިމްކޮށްފައިވަނީ حسن البنا އާއެވެ." http://t.co/fg1VXuJCds
الشيخ صالح الفوزان -حفظه الله- ވިދާޅުވެފައިވެއެވެ. "އިޚްވާނުލް މުސްލިމީން ޖަމާޢަތުގެ މަންހަޖުން އަހަރެން ބަރީއަ ވަމެވެ."
ސުވާލު : ޝެއިޚްއަށް ﷲ ހެޔޮގޮތް މިންވަރު ކުރައްވާށި އެވެ. އިޚްވާނުލް މުސްލިމީންނަކީ އަހުލުސުންނަތް ވަލް-ޖަމާޢަތުގެ ތެރޭގައި އިމެނިގެންވާ ބައެއް ކަމުގައި ޝެއިޚް ވިދާޅުވެފައިވާ ފަތުވާއެއް އިންޓަނެޓްގައި ފެތުރިފައިވެ އެވެ. މިއީ ޞައްޙައެއްޗެއް ތޯ އެވެ؟
الشيخ العلّامة صالح الفوزان -حفظه الله- ގެ ޖަވާބު : "އަހަރެން އެއަށް ރައްދުދީފައިވާނެ އެވެ. އެހެނަސް އެބައިމީހުން، އެބައިމީހުންގެ މައްޗަށް އޮތް ރައްދަކަށްވުމުން އެބައިމީހުން އެ ޤަބޫލެއް ނުކުރެ އެވެ. އަހަރެން އެވަޤުތުގައި އެއަށް ރައްދުދިނީމެވެ. އަހަރެން އަހަރެން ބުނީމެވެ. "އިޚްވާނުލް މުސްލީމީންގެ މަންހަޖުން އަހަރެން ބަރީއަ ވަމެވެ." އަދި އެބައިމީހުންނަށް އަހަރެން ދިން ރައްދުގައި، އެބަިމީހީހުންގެ މަންހަޖަކީ ކޮބައިކަން ބަޔާންކުރީމެވެ. އެހެނަސް އެއީ އެބައިމީހުންގެ މައްޗަށް އޮތް ރައްދެއްގެ ގޮތުގައި ވުމުން އެ ރައްދެއް އެބައިމީހުން ނުފަތުރަ އެވެ. http://goo.gl/ZXR2XT
الشيخ العلّامة عُبيد الجابري -حفظه الله- ވިދާޅުވެފައިވެއެވެ. "އިޚްވާނުލް މުސްލިމޫންގެ ޖަމާޢަތަކީ މަގުފުރެދިފައިވާ، މަގުފުރައްދާ ޖަމާޢަތެކެވެ. އެ ޖަމާޢަތަކީ އެއްވެސް އަގެއް ނެތް، ޙައްޤުމަގު ގެއްލި މަގުފުރެދިފައިވާ ބައިގަނޑެކެވެ. ފަހެ، ޢަދުލުވެރިއެއްގެ ހެކިބަސް ނޫނީ އިސްލާމްދީނުގައި ޤަބޫލުނުކުރެވޭނެ އެވެ. އަދި އިޚްވާނުލް މުސްލިމީން އަކީ ޢަދުލުވެރި ބައެއް ނޫނެވެ." الرّسائل 1/247
الشّيخ المحدّث مقبل بن هادي الوادعي -رحمه الله- ވިދާޅުވެފައިވެ އެވެ. "އިޚްވާނުލް މުސްލިމޫންއާއި މެދުގައި އަހަރެން ޤަބޫލުކުރަނީ އެބައިމީހުންނަކީ ބިދުޢަވެރިން ކަމުގަ އެވެ. އަދި ތަބްލީޣީ ޖަމާޢަތަކީ ބިދުޢަވެރި ޖަމާޢަތެކެވެ." إجابة السّائل 328
އަދިވެސް الشّيخ مقبل الوادعي -رحمه الله- ވިދާޅުވެފައިވެއެވެ. "ތަބްލީޣީ ޖަމާޢަތުގެ ދަޢުވަތާއި، އަދި އިޚްވާނުލް މުސްލިމީންގެ ދަޢުވަތް ފަދައިން، ހަމަށަވަރުން ޖާހިލުކަމުގެ މައްޗަށް ބިނާކުރެވިފައިވާ އެއްވެސް ދަޢުވަތަކީ އެއްވެސް ގޮތެއްގެ މައްޗަށް ޤަރާރުވެފައިވާނޭ ދަޢުވަތްތަކެއް ނޫނެވެ." المصارعة، 18
އަދި މިނޫންވެސް އެތައް ޢިލްމުވެރިންތަކެއް ވަނީ މި ޖަމާޢަތާއި މެދު އިންޒާރު ދެއްވައި، ނުބައިކަން ބަޔާންކޮށްދެއްވާފައެވެ.
އަޙްމަދު ސަމީރެވެ! މިޞްރުގެ ވެރިކަމަށް މި ޖަމާޢަތުގެ މީހަކު ހޮވުނު ހިނދު، ތިބާގެ ބައިވެރިން ތަކްބީރު ކިޔައި އުފާފާޅު ކުރިއެވެ. އަދި ފޭސްބުކުގައި ލިޔެ ފެތުރިއެވެ. ނަމަވެސް، އޭނާގެ ވެރިކަން ނިމި، އޭނާވެސް ނިމިގެން ދިޔަ އިރު، އިސްލާމީ ޝަރީޢަތުގެ ދިފާޢުގައި، ނުވަތަ ޝަރީޢަތަށްޓަކައި އޭނާ ކުރީ ކޮންކަމެއް ހެއްޔެވެ؟ ނަޞާރާއިންނަކީ އަހަރެމެންގެ އަޚުން ކަމުގައި ބުނުމާއެކު، އެމީހުންގެ ފައްޅިތަކަށް ޒިޔާރަތް އެމީހަކު ނުކުރޭހެއްޔެވެ؟ ޝަރީޢަތާއި ޚިލާފު އެތައް ވާހަކަތަކެއް އެމީހަކު ނުދައްކާ ހެއްޔެވެ؟
މަތީގައި އެފެންނަނީ، އިޚްވާނުލް މުސްލިމީން ޖަމާޢަތާއި، އެ ޖަމާޢާތުގެ ފަރާތުން މިސްރު ވެރިކަމަށް ހޮވުނު މީހާއަށް ތިބާގެ އަޢުވާނުންގެ ތެރެއިން މީހަކު ޘަނާ ކިޔާފައިވާ މަންޒަރެވެ.
އޭނާ ބުނެފައިވެ އެވެ. "އެތައް ޒަމާނަކުއްސުރެ އެމެރިކާއާއި އިސްރާއީލްގެ ގުލާމެއްގެ ގޮތުގައ ހުސްނީ މުބާރަކް ހުރެގެން އެމީހުންގެ އެދުންތައް ފުއްދުމަށްޓަކަައި ބޭރނުންކުރަމުން ދިޔަ މުސްލިމުންގެ ޙަޟާރަތުގެ ދުވަސްވީ މިސްރުގެ ވެރިކަމަށް އިޚްވާނުލް މުސްލިމޫންގެ ލީޑަރު މުޙައްމަދު މުރްސީ ހޮވިއްޖެ. އިސްލާމްދީނަށް ލޯބިކުރާ، ﷲ ގެ ޝަރީޢަތް ތަންފީޒުކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދީފަވާ އިޚްވާނުންގެ ވެރިކަމެއް އަޔަ ނުދިނުމަށް ރޭވި މަކަރުތައް ފެއިލްވެ ދީނީ ޖަމާޢަތް ކާމިޔާބުވެއްޖެ. الله أكبر! މާތް ﷲ އެކަލާނގެ ދީނަށް ނަޞްރުދެއްވާނެ. މުޙައްމަދު މުރްސީއާއި އޭނާގެ ވެރިކަމަށް ހެޔޮ ތައުފީޤު ދެއްވާށި. އިސްލާމީ ވެރިކަމެއް ކުރިޔަ ނުދިނުމަށް މުނާފިޤުންނާ ކާފަރުން ކުރާ ހުރިހާ މަކަރަކުން ސަލާމަތްކުރައްވާށި..." މިއެވެ.
މީނާ މިހާވަރަށް ޘަނާ މިކިޔާ ޖަމާޢަތުގެ ވާހަކަ ޢިލްމުވެރިން ބަޔާންކުރެއްވި ގޮތް އިސްވެ ވާނީ ބަޔާންކުރެވިފަ އެވެ. މި މަންޒަރުތައް އަޙްމަދު ސަމީރަށް ފެނިގެން އެމީހުންނަށް އިރުޝާދުގެ ސިޓީ ލިޔެ ނުފަތުރަނީ ކީއްވެ ހެއްޔެވެ؟ އަޙްމަދު ސަމީރު އެބައިމީހުންނާ މިކަންކަމުގައި އެއްބަސްވާތީ ހެއްޔެވެ؟ ނުވަތަ އެމީހުންދެކެ ބިރުގަންނަނީ ހެއްޔެވެ؟ ނުވަތަ އެމީހުން ދެކެ މާބޮޑަށް ލޯބިވަނީ ހެއްޔެވެ؟ ދެން އޮތީ މި އިޚްވާނުލް މުސްލިމީންއަށް ބަޢިއަތު ހިފާފައިވާ ޙަމާސް ޖަމާޢަތުގެ ވާހަކައެވެ.
ޙަމާސް ޖަމާޢަތް:
ޙަމާސް ޖަމާޢަތުގެ ޢަހުދުގެ ދެވަނަ މާއްދާގައި އެމީހުންނަކީ އިޚްވާނުލް މުސްލިމީންއަށް ތަބަޢަވާ ބައެއްކަން ވަރަށް ސަރީޙަކޮށް ބަޔާންވެގެންވެ އެވެ. އަދި ﷲގެ މަގުގައި މަރުވަންދެން ޖިހާދުކުރުމުގެ ބަދަލުގައި އެޖަމާޢަތުގެ މަގުގައި މަރުވުމަށް ﷲ ގަންދީ ހުވާކުރާ އަޑުގެ އިތުރުން އިޚްވާނީ އަޤީދާގައި ހިފަހައްޓަން އެބައިމީހުން ﷲ ޤަންދީ ހުވާކުރާ އަޑު ތިރީގައިވާ އޯޑިއޯއިން އިވިގެންދާނެއެވެ. http://safeshare.tv/w/GxduxWnGtg.
ވުމާއެކު ހަމާސް ޖަމާއަތަކީ އިޚްވާނުލް މުސްލިމީންގެ އެއްފިޔަ އެވެ. އޭގައި ހުވައި ލައިދޭ މީހާ މިފަދައިން ހުވައި ލައިދެ އެވެ.
"އަހަރެން ﷲ އަށް ޢަހުދުވަމެވެ. އަހަރެން ﷲ އަށް ޢަޙްދުވަމެވެ. އެންމެ މަތިވެރިވަންތަ އެންމެ މާތްވެގެންވާ ﷲ އަށް އަހަރެން އަޙުދުވަމެވެ. އިޚްވާނުލް މުސްލިމީންގެ ދަޢުވަތުގައި ހިފަަހައްޓައިގެން ތިބުމަށެވެ. އަދި އެ (ޖަމާޢަތުގެ) މަގުގައި ޖިހާދުކުރުމަށެވެ. އަދި އެ ޖަމާޢަތުގެ މެމްބަރެއް ކަމުގައިވުމަށް ފުރިހަމަކުރަންޖެހޭ ޝަރުޠުތައް ފުރިހަމަކުރުމަށެވެ...."
މިއީ އޭގައި ދައްކާފައިވާ ވާހަކަތަކުގެ ތެރެއިން މަދު ސިކުންތުކޮޅެކެވެ.
އަދި ޙަމާސްގެ ލީޑަރެއް ކަމަށްވާ خالد مشعل ތިމަންމެންނަކީ އިސްލާމީ ހަރަކާތެއް ނޫން ކަމާއި، އޭގެ ބަދަލުގައި ސިޔާސީ ހަރަކާތެއް ކަން އަމިއްލަ ދުލުން ބުނާ އަޑު އިވިގެންދާނެ އެވެ. http://safeshare.tv/w/nJYwFcimWP. މިއީ އެއްވެސް އަސްލެއްނެތި އަހުރެން ކުރާ ތުހުމަތެއް ނޫނެވެ.
ﷲ ގެ މަގުގައި ކުރެވޭ ޖިހާދަކީ އެ އިލާހުގެ ކަލިމަފުޅު މަތިވެރި ކުރުމަށް ކުރެވޭ ޖިހާދުކަން ނޭގޭ މިންވަރަށް އަހަރެމެން ޖާހިލުވީ ހެއްޔެވެ؟ އަދި އެއީ ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން أَبُو مُوسى -رضي الله عنه- ރިވާކޮށްފައިވާ ފަދައިންނެވެ. ((مَنْ قَاتَلَ لِتَكُونَ كَلِمَةُ اللَّهِ هِيَ الْعُلْيَا فَهُوَ فِي سَبِيلِ اللَّهِ)) "ﷲ ގެ ކަލިމަ މަތިވެރިކުރުމަށްޓަކައި ހަނގުރާމަކުރާ މިހާއަކީ، ހަމަކަށަވަރުން ﷲ ގެ މަގުގައި ހަނގުރާމަކުރާ މީހާއެވެ." رواه البخاري
ފަހެ އިޚްވާނުންގެ މި ޖަމާޢާތަކީ އެތަކެއް ޢިލްމުވެރިންތަކެއް އެމީހުންގެ މަގުފުރެދުމާއިމެދު ވާހަކަ ދައްކަވާފައިވާ، ޝަރީއަތާއި ޚިލާފު އެތަކެއް އަމަލުތަކެއް ކުރަމުންދާ މަގުފުރެދިފައިވާ ޖަމާޢަތެކެވެ. ހަމައެފަދައިން ޝިރުކާއި ދެކޮޅަށް ހަނގުރާމަކޮށް ތަޥްޙީދުގެ މައްޗަށް އިސްކަން ދިނުމުގެ ބަދަލުގައި އިސްލާމްދީނުގެ ނަމުގައި ފަލަސްތީނުގައި އެމީހުންގެ ވެރިކަން ޤާއިމުކޮށް ސިޔާސީ ބޭނުންތައް ހާސިލްކުރުމަށްޓަކައި މަސައްކަތްކުރާ ސިޔާސީ ޖަމާޢަތެކެވެ.
ޙަމާސް ޖަމާޢަތުން ބައިޢަތު ހިފާފައިވާ އިޚްވާނުލް މުސްލިމީންގެ ބާނީ حسن البنا ބުނެފައިވެ އެވެ. "އަހަރެމެންނާއި ޔަހޫދީންނާއި މެދުގައިވާ ދެބަސްވުމަކީ ދީނީގޮތުންވާ ދެބަސްވުމެއް ނޫންކަމުގައި އަހުރެން ކަނޑައަޅަމު އެވެ. އެހެނީ ހަމަކަށަވަރުން ކީރިތި ޤުރުއާން ވަނީ އެމީހުންނާއި އެއްސަފަކަށް އަރާ އަދި އެމީހުންނާއި އެކުވެރިވުމަށް ބާރުއަޅުއްވާފަ އެވެ. ޤައުމީ ޝަރީޢަތެއްގެ ކުރިން އިސްލާމީ ޝަރީއަތަކީ އިންސާނީ ޝަރީއަތެކެވެ." الإخوان المسلمين أحداث صنعت التاريخ 1/409
ހިތާމައަކީ އިޚްވާނުންގެ ޖަމާޢަތަށް ތަބަޢަވާ މީސްތަކުން ވަނީ މި އަޤީދާ ބަލައިގަނެފަ އެވެ. އެގޮތުން އިޚްވާނީންގެ ސަފުގައި އެންމެ އަރައި ހުރި އެކަކު ކަމުގައިވާ القرضاوي ބުނެފައިވެ އެވެ. "ޔަހޫދީންނާއި އަހަރެމެންނާއި މެދު ކުރެވޭ ޖިހާދަކީ ކޮންމެހެން އެމީހުންނަކީ ޔަހޫދީން ކަމުގައިވާތީ ކުރާ ޖިހާދެއް ނޫނެވެ. އަހަރުމެން މިހެން ނުދެކެމެވެ. އަހަރުމެން ޔަހޫދީންނާއި ދެކޮޅަށް ހަނގުރާމަ ކުރަނީ އަޤީދާއަށްޓަކައި ނޫނެވެ. އެހެނަސް އަހަރެމެން ޔަހޫދީންނާއި ހަނގުރާމަ ކުރާކަން ކަށަވަރީ ބިމަށްޓަކަ އެވެ. އަދި ހަމަކަށަވަރުން ކާފަރުންނާއި ދެކޮޅަށް އަހަރެމެން ހަނގުރާމަ ކުރަނީ އެމީހުންނަކީ ކާފަރުން ކަމުގައި ވާތީކީއެއް ނޫނެވެ. ހަމަކަށަވަރުން އަހަރެމެން އެމީހުންނާއި ދެކޮޅަށް ހަނގުރާމަ ކުރަނީ އެމީހުންވަނީ އަހަރެމެންގެ ބިންތަކާއި ގޯތިގެތޮރުތަކަށް ވެރިވެގަނެ އަހަރެމެންގެ އަތުން އެތަންތަން ހައްގަކާއި ނުލައި ނަގައި ފޭރިގަނެފައެވެ." مجلة الراية عدد 4696
ހަމާސްގެ މުއައްސަސެއް ކަމުގައިވާ أحمد ياسين މި އަސާސްގެ މައްޗަށް ބާރުދެމުން ބުނެފައިވެ އެވެ. "އަހަރުމެން މި އެދެނީ އަހަރުމެންގެ ހައްޤަށެވެ. އަހަރުމެންނަށް ލިބެންވާ ހައްޤަށްވުރެ އިތުރަކަށް އަހަރުމެން ނޭދެމެވެ. އަހަރުމެން ޔަހޫދީންނަކާއި ނުރުހުންތެރިއެއް ނުވަމު އެވެ. ހަމަކަށަވަރުން އަހަރެމެން ޔަހޫދީންނާއި ހަނގުރާމަ ކުރަނީ އެމީހުންނަކީ ޔަހޫދީންކަމުގައި ވާތީކީއެއް ނޫނެވެ. ޔަހޫދީންނަކީ ދީނެއްގެ އަހުލުވެރިންނެވެ. އަހަރެމެންނަކީވެސް ދީނެއްގެ އަހުލުވެރިންނެވެ. އަހަރެމެން ހުރިހާ ދީންތަކަށް ލޯބިކުރަމު އެވެ. އަހަރެންގެ އެއްބަޑު އެއްބަފާ ބޭބެ އަހަރެންގެ ގެއަށް ވެރިވެގަނެ އެ ގެ ފޭރިގެންފި ނަމަ އޭނާއާއި ދެކޮޅަށްވެސް އަހުރެން ހަނގުރާމަ ކުރީމުހެވެ. ފަހެ، އަހަރެންގެ ގެއިން އަހަރެން ނެރެލާ އެގެ ފޭރިގަތުމުން ޔަހޫދީ މީހާއާއި ދެކޮޅަށް އަހަރެން ހަނގުރާމަ ކުރަމު އެވެ. އަހަރެން އެމެރިކާ، އިނގިރޭސި ވިލާތު އަދި އެނޫންވެސް އެހެނިހެން މީސްތަކުންނާއި ދެކޮޅަށް ހަނގުރާމައެއް ނުކުރަމު އެވެ. އެ އެންމެންވަނީ އަހަރެމެންނާއި އެކު ސަލާމަތްތެރި ކަމުގަ އެވެ. އަހުރެން އެދެނީ އެންމެހާ މީސްތަކުންގެ ހެވަށެވެ. އަދި ޔަހޫދީންނަށްވެސް ހެޔޮގޮތް މެދުވެރިވުމަށް އަހުރެން އެދެމެވެ." https://youtu.be/8vawTyUwfVw وانطر: حقيقة الجهاد في فلسطين وموقف المسلم منه، ص 234
އިޚްވާނުންގެ ފިކުރަށް ތަބަޢަވާ ހަމާސް ޖަމާޢަތުން މިވަނީ އެމީހުން ޔަހޫދީންނާއި ދެކޮޅަށް ހަނގުރާމަ ކުރަނީ ހުދު ޤައުމިއްޔަތަށް ޓަކައި ކަން އިޢުތިރާފު ވެފަ އެވެ. ޔަހޫދީންނާއި އެމީހުންނާއި ދެމެދުގައިވާ އަދާވާތްތެރިކަމަކީ ދުނިޔެވީ އަދާވާތްތެރިކަމެއްކަމުގައި އެމީހުން އެބުނާ ބުނުމަކީ ސީދާ ކީރިތި ޤުރުއާނުގެ ސަރީޙަ ނައްސުތަކާއި ފުށޫއަރާ ކަމެކެވެ. އެހެނީ އަހަރެމެންނާއި ޔަހޫދީންނާއި މެދުގައިވާ އަދާވާތްތެރިކަމުގެ އަސާސީ ސަބަބަކީ އީމާންކަމާއި ދީންކަން ވަރަށް ސާފުކޮށް ކީރިތި ޤުރުއާނުން ހާމަވެގެން ދެއެވެ.
وَلَن تَرْضَىٰ عَنكَ الْيَهُودُ وَلَا النَّصَارَىٰ حَتَّىٰ تَتَّبِعَ مِلَّتَهُمْ البقرة: ١٢٠ "އަދި يهودى ންވެސް نصارى އިންވެސް އެބައިމީހުންގެ دين އަށް އިބަ ނަބިއްޔާ تبع ވެވަޑައިގެންފުމަށް ދާނދެން އިބަ ނަބިއްޔާކާއި ނުރުހޭނެތެވެ."
އަދިވެސް ﷲ سبحانه وتعالى ވަޙީ ކުރައްވާފައިވެއެވެ. يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا الْيَهُودَ وَالنَّصَارَىٰ أَوْلِيَاءَ ۘ بَعْضُهُمْ أَوْلِيَاءُ بَعْضٍ ۚ وَمَن يَتَوَلَّهُم مِّنكُمْ فَإِنَّهُ مِنْهُمْ ۗ إِنَّ اللَّهَ لَا يَهْدِي الْقَوْمَ الظَّالِمِينَ المائدة: ٥١ "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން يهودى ންނާއި، نصارى އިން (އެއީ) އެކުވެރިން ކަމުގައި ނުބަލާށެވެ! އެއުރެންގެ ތެރެއިން އެއްބަޔަކީ އަނެއްބަޔެއްގެ އެކުވެރިންނެވެ. ތިޔަބައިމީހުންގެ ތެރެއިން އެއުރެން އެކުވެރިން ކަމުގައި ބަލައިފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެއީ، އެއުރެންގެ ތެރެއިންވާ މީހެކެވެ. ހަމަކަށަވަރުން، އަނިޔާވެރި ބަޔަކަށް اللَّه ތެދުމަގެއް ނުދައްކަވާނެތެވެ."
އަދި ހަމަކަށަވަރުން ޔަހޫދީންނަކީ جبريل -عليه السّلام- އަށްވެސް ޢަދާވާތްތެރިކަން ފާޅުކުރި ބައެއްކަން ހާމަވެ އެވެ. قُلْ مَنْ كَانَ عَدُوًّا لِجِبْرِيلَ فَإِنَّهُ نَزَّلَهُ عَلَىٰ قَلْبِكَ بِإِذْنِ اللَّهِ مُصَدِّقًا لِمَا بَيْنَ يَدَيْهِ وَهُدًى وَبُشْرَىٰ لِلْمُؤْمِنِينَ البقرة: ٩٧ "ނަބިއްޔާ ވިދާޅުވާށެވެ! جبريل ގެފާނަށް عداوة ތެރިޔަކު ކަމުގައިވާ މީހަކީ، (اللَّه އަށް عداوة ތެރިޔަކު ކަމުގައިވާ މީހެކެވެ.) އެހެނީ جبريل عليه السلام, އިބަ ނަބިއްޔާގެ ހިތްޕުޅުގެ މައްޗަށް އެ قرآن ގެނެސްދެއްވީ، اللَّه ގެ إذن ފުޅަށެވެ. އޭގެ ކުރިން ބާވައިލެއްވި ފޮތްތައް ތެދުކުރާ حال ގައެވެ. مؤمن ތަކުންނަށް ތެދުމަގެއް ކަމުގައްޔާއި، އުފާވެރި خبر އެއް ކަމުގައެވެ."
މިހުރިހާ ކަމަކަށް ފަހުގައިވެސް އަހަރެމެންނާއި ޔަހޫދީންނާއި މެދުގައިވާ ޢަދާވާތްތެރިކަމަކީ ހަމައެކަނި ބިމަށްޓަކައި ދުނިޔެވީ ގޮތުންވާ އަދާވާތްތެރިކަމެއް ކަމުގައި އިސްލާމް ދީނަށްޓަކައި މަސައްކަތްކުރާ ޖަމާޢަތަކުން ބުނެފާނެ ހެއްޔެވެ؟ ނޫނީ މިފަދަ ބަސްތަކެއް ނުކުމެގެން އަންނާނީ ދިނާ ގުޅުމެއް ނެތް ސިޔާސީ ޖަމާޢަތެއްގެ ފަރާތުން ނޫން ހެއްޔެވެ؟ އަހަރެމެންނަށްޓަކައި އެބިން އަނބުރާ އެމީހުން ރައްދުކޮށްފިނަމަ، އެހިސާބުން އަދާވާތްތެރިކަން ނެތިގޮސް ޔަހޫދީންނާއި އެކު އެއްބަޑު އެއްބަފާ އަޚުން ގޮތުގައި އަހަރުމެން ވާންވީހެއްޔެވެ؟
ފަހެ ރަސޫލުﷲ صلى الله عليه وسلم މައްކާއިން ނެރެލެވުނެވެ. އަދި އެނަބިއްޔާ صلى الله عليه وسلم ގެ ގެކޮޅަށް ޤުރައިޝުން ވެރިވެގަތެވެ. އެހެނީ ޤުރައިޝުންގެ ތެރެއިން ހިޖުރަކުރި މުހާޖިރުންގެ ގާތް ތިމާގެ މީހުން މުހާޖިރުން ދޫކުރި ބިންތަކާއި ގެތަކަށް ވެރިވެގަނެ އެ ގެތައް ވިއްކާ ހެދިއެވެ. މިހުރިހާ ކަމަކަށްފަހުވެސް ނަބިއްޔާ صلى الله عليه وسلم މައްކާގެ މުޝްރިކުންނާއި އެކު ޞުލްޙަ ޙުދައިބިއްޔާގައި ސުލްހަ ވެވަޑައިގެންނެވި އެވެ. ދެންފަހެ، މައްކާ ފަތަޙަވެ މުސްލިމުންނަށް ނަސްރާއި ބާރު ލިބުނު ދަނޑިވަޅުގައި ނަބިއްޔާ صلى الله عليه وسلم ގެ އަމިއްލަ ގެކޮޅަށް އެބުރި ދިޔުމަށް ދެކޮޅު ހެއްދެވިކަން الإمام البخاري އަދި الإمام مسلم ރިވާ ކުރައްވާފައިވާ أسامة ابن زيد -رضي الله عنهما- ގެ ހަދީޘުން ޘާބިތުވެ އެވެ. ( مسلم 2494 )
ފަހެ، މިދަނޑިވަޅުގައި ނަބިއްޔާ صلى الله عليه وسلم އަށް ބާރުގެ ބޭނުންފުޅު ކުރައްވައިގެން އެގެކޮޅު އަބުރާ އަތުލެވޭނެކަން ކަށަވަރެވެ. އެހެނަސް ރަސޫލު صلى الله عليه وسلم މައްކާ ފަތަޙަ ކުރެއްވީ ތައުޙީދު ފަތުރާ އިސްލާމީ ޝިޢާރު ނަގައި ދެމެހެއްޓުމުގެ ބޭނުމުގަ އެވެ. ބުދުތައް ސުންނާފަތިކޮށް ޝިރުކު ނައްތާލުމުގެ ބޭނުމުގަ އެވެ. އެއްވެސް ޙާލެއްގައި އެނަބިއްޔާ صلى الله عليه وسلم ގެ އަމިއްލަ ވަޒަނުން ނެރެލެވުނު ކަމަށްޓަކައި އެކަމުގެ ބަދަލު ހިފައި ބިން އަބުރާ ހޯދުމަކަށް ނޫނެވެ. ނަބިއްޔާ صلى الله عليه وسلم މައްކާއިން ނެރެލެވުނު ސަބަބަކީ ތައުޙީދުކަން ކަށަވަރެވެ.
ޔަހޫދީންނާއި މެދު އިސްވެ ބަޔާންކުރެވުނު ނަޒަރަކުން ދެކޭ ބަޔަކާއި ދެކޮޅަށް، އެމީހުންގެ ހުރި ޝަރުއާއި ޚިލާފު ކަންތައް ބަޔާންކޮށް ޢިލްމީ ރައްދެއް އަހުރެން ލިޔުމުން އެކަން ޔަހޫދީންނަށް ބާރުދިނުމުގެ އަމަލެއްކަމުގައި އަޙްމަދު ސަމީރާއި ބައިވެރިންނަށް ވިސްނުނީ ހެއްޔެވެ؟
އަދި މިއީ ލާޒިމުނުވާ ކަމެއް އަހަރެންގެ މައްޗަށް ލާޒިމުކުރުމެވެ. މިއީ އެއްވެސް ޝައްކެއްނެތް ގޮތުގައި އަނިޔާވެރިކަމުގެ ޢަމަލެކެވެ.
އެހެންކަމުން، އެންމެ ފުރަތަމަ ކަމަކަށް ޙަމާސްއަކީ ﷲގެ މަގުގައި ދީނީ ޖިހާދެއް ކުރާ ބައެއްކަމުގައި އަހަރުމެން ނުދެކެމެވެ. އެ ދަޢުވާ އެމީހުންގެ ތެރެއިން ބަޔަކު ކުރި ނަމަވެސް، ނުވަތަ އެމީހުންނަށް ތާއިދުކުރާ ބަޔަކު ކުރިނަމަވެސް، ޚުދު އެމީހުންގެ ލީޑަރުންނާއި މުއައްސިސުންގެ ބަހުން އެއީ ޙައްޤު ދަޢުވާއެއް ނޫންކަން އެނގެ އެވެ. ފަހެ ﷲ ގެ މަގުގައި ޖިހާދު ކުރާ ބައެއްގެ ކިބައިގައި ހުންނަން ޖެހޭ ސިފަތަކާއި ގާތްކުރާ ސިފަތަކެއްވެސް މިނުބައި ޖަމާޢަތުގެ އަހުލުވެރިންގެ ކިބައިގައި ނެތްކަމާއި މެދު ހައްޤުގެ އަހުލުވެރިން ދެބަސްނުވާނެކަން ކަށަވަރެވެ. ޢަދުއްވުންނާއި ދެކޮޅަށް ޖިހާދު ކުރުމަށް ނުކުތުމުގެ ކުރިން ނަފްސުގެ މައްޗަށް ޖިހާދުކުރުން ވަނީ އިސްވެގެންނެވެ.
ރަސޫލާ صلى الله عليه وسلم ހަދީޘްކުރައްވާފައިވެއެވެ. (( الْمُجَاهِدُ مَنْ جَاهَدَ نَفْسَهُ فِي طَاعَةِ اللَّهِ وَالْمُهَاجِرُ مَنْ هَجَرَ الْخَطَايَا وَالذَّنُوبَ )) "ފުރިހަމަ މުޖާހިދަކީ އޭނާގެ ނަފްސު ﷲއަށް ކިޔަމަންވެ ބޯލެނބުމުގައި ޖިހާދުކުރާ މީހާ އެވެ. އަދި ފުރިހަމަ ހިޖުރައެއްކުރި މީހަކީ އެންމެހާ ކުށްތަކާއި ފާފަތަކުން ދުރުހެލިވެގަންނަ މީހާ އެވެ."
ނަފްސުގެ ޖިހާދަކީ ޖިހާދުގެ އެންމެ އިސްވެގެންވާ އެންމެ ފުރަތަމަ ބާވަތެވެ. ސަބަބަކީ ބާކީހުރި އެހެނިހެން ބާވަތްތައް ނުކުމެ އަދި ބިނާވެގެން އަންނަނީ މި ބާވަތުގެ މައްޗަށް ކަމުގައި ވާތީ އެވެ. އެގޮތުން ހައްޤު ދީން އުނގެނުމާއި އަދި އެޢިލްމަށް ޢަމަލުކުރުމާއި އަދި އެއަށް ދަޢުވަތު ދިނުމާއި އަދި އެކަމުގައި ދިމާވާ އެންމެހައި އުދަނގޫތަކުގެ މައްޗަށް ކެތްތެރިވުމަކީ ނަފްސުގެ ޖިހާދުގެ ތެރެއިން ހިމެނޭ ހަތަރުބައިކަމަށް, زاد المعاد (3/ 9) ގައި الإمام ابن قيم -رحمه الله – އިޝާރާތްކުރައްވާފައިވެ އެވެ. އަދި ހަމައެފައިން ޙަޤީޤީ ޖިހާދުކުރާ އަހުލުވެރިންނަކީ ޝައިތާނާގެ މައްޗަށްވެސް ޖިހާދުކުރާނެ މީހުންނެވެ. ޝައިތާނާގެ މައްޗަށް ޖިހާދުކުރުން ދެބަޔަކަށް ބައްސަވައި الإمام ابن قيم -رحمه الله - ޛިކުރު ކުރައްވާފައިވެ އެވެ.
ފުރަތަމައީ އީމާންކަމުގެ މައްޗަށް ޝައިތާނާ ގެންނަ އެންމެހާ ޝައްކުތަކާއި ޝުބުހާތްތައް އެކަހެރި ކޮށްލުމަށް ކުރެވޭ ޖިހާދެވެ. ދެވަނައީ ޝައިތާނާ ގެންނަ ފަސާދައާއި ޝަހުވާނީ އެދުންތައް އެއްފަރާތްކޮށް އެކަމުގެ މައްޗަށް ޖިހާދުކުރުމެވެ. ހަމައެފަދައިން ބިދުޢައާއި މުންކަރާތްތަކުގެ އިމާމުންގެ މައްޗަށް ޖިހާދުކުރުންވެސް ހިމެނެ އެވެ.
شيخ الإسلام ابن تيمية -رحمه الله – ވިދާޅުވެފައިވެ އެވެ. "ޤުރުއާނާއި ސުންނަތުގެ މައްޗަށް ޚިލާފުވެގެންވާ ނުބައި ބަސްތައް ފާޅުކޮށްފައިވާ ހަވާނަފްސާއި ބިދުޢައިގެ އަހުލުވެރިން ނުވަތަ ޤުރުއާނާއި ސުންނަތާ ޚިލާފަށް އަޅުކަން ކުރުމުގައި ދެމިތިބި ހަވާނަފްސުގެ އަހުލުވެރިން ފަދަ އެންމެހައި މީސްތަކުން، އެމީހުންގެ ޙާލަތް ބަޔާންކޮށްދިނުމާއި، މި އުންމަތުގެ އަހުލުވެރިންނަށް އެބައިމީހުންގެ މަތިން އިންޒާރު ދިނުމަކީ (ރައްދު ދިނުމަކީ) އެންމެހައި މުސްލިމުން އިއްތިފާޤުވެގެންވާ ގޮތުގައި ވާޖިބުވެގެންވާ ކަމެކެވެ. أَحْمَدُ بِنْ حَنْبَل އަރިއަހުގައި ދެންނެވުނެވެ. މީހަކު ރޯދަ ހިފައި ނަމާދުކޮށް އިޢުތިކާފު ކުރުމާއި، ބިދުޢައިގެ އަހުލުވެރިންނާ ދެކޮޅަށް ވާހަކަދެއްކުމުގެ ތެރެއިން ބޮޑަށް ލޯބިކުރައްވަނީ ކޮންކަމަކަށް ތޯއެވެ؟ ވިދާޅުވިއެވެ. މީހަކު ނަމާދުކޮށް އިޢުތިކާފު ކުރުމަކީ އޭނާގެ އަމިއްލަ ނަފްސަށް އޮތް ކަމެކެވެ. ބިދުޢައިގެ އަހުލުވެރިންނާ ބެހޭގޮތުން ވާހަކަ ދެއްކުމަކީ އެންމެހައި މުސްލިމުންނަށްޓަކައި އޭނާ ކޮށްދޭ ކަމެކެވެ. މި 2 ކަމުގެ ތެރެއިން ހެޔޮކަން ބޮޑީ މިގޮތެވެ. މާނައަކީ : ބިދުޢައިގެ އަހުލުވެރިންނާއި ބެހޭގޮތުން ވާހަކަދެއްކުމަކީ ހެޔޮކަންބޮޑު ގޮތެވެ.
މިތަނުގައި ބަޔާންކޮށްފައި މިވަނީ އެންމެހައި މުސްލިމުންނަށް މިކަމުގެ ސަބަބުން އެބައިމީހުންގެ ދީނަށް މަންފާ ލިބޭނޭ ކަމެކެވެ. މިއީ الله ގެ މަގުގައި ކުރެވޭ ޖިހާދުގެ ތެރެއިންވާ ކަމެކެވެ. ސަބަބަކީ الله ގެ މަގާއި ދީނާއި މަންހަޖާއި އެކަލާނގެ ޝަރިޢަތާ މެދު މި މީސްތަކުން ފާޅުކޮށްފައިވާ ހައްދުފަހަނައަޅާ ދިއުމާ މިފަދަ އެންމެހައި ކަންތައް ޠާހިރު ކުރުމަކީ މުސްލިމުން އިއްތިފާޤު ވެގެންވާ ގޮތުގައި ކިފާޔަތުގެ ވާޖިބެކެވެ. މިބައިމީހުންގެ ނުބައިކަމާއި ފަސާދައިން ދިފާޢު ކުރުމަށް އެކަލާނގެ ބަޔަކު ލައްވާފައިނުވާ ނަމަ މިބައިމީހުންގެ ފަސާދަ ބޮޑުވެގެންދާނީ އަދުއްވުން ހަނގުރާމައިގެ މައިދާނުގައި މުސްލިމުންގެ މައްޗަށް ވެރިވެގަންނަ ފަސާދައަށްވުރެ ބޮޑު ފަސާދައަކަށެވެ. ފަހެ އެ ކާފަރުންތައް މީސްތަކުންގެ މައްޗަށް ވެރިވެގަންނަ ހިނދު މީސްތަކުންގެ ހިތްތަކެއް ފަސާދައެއް ނުކުރެއެވެ. އަދި މީސްތަކުންގެ ދީނެއް ފަސާދައެއް ނުކުރެ އެވެ. އެހެނަސް މިބައިމީހުން އެންމެ ފުރަތަމަ ފަސާދަ ކުރާނީ މީސްތަކުންގެ ހިތްތަކެވެ." مجموع الفتاوى (28/ 231-232)
ޙަމާސް ޖަމާޢަތުގެ މަގުފުރެދުން ބަޔާންވެގެންދާ އެއް ކަމަކީ، އެމީހުންގެ ވެރިން ޑިމޮކްރަސީއާއި މެދު ދެކޭ ދެކުމެވެ. ޙަމާސް ޖަމާޢަތުގެ ލީޑަރެއް ކަމުގައިވާ އިސްމާޢީލް ހަނިއްޔާ ބުނެފައި ވެއެވެ. "ޑިމޮކްރަސީއަކީ ޞައްޙަވެގެންވާ، ސަލާމަތް ކަމުގައިވާ މަގެކެވެ." برنامج قضية (على بساط الحوار) ربيع الآخر 1426
އަހުމަދު ސަމީރެވެ. މިދައްކާ ވާހަކަތައް އޮޅުވައި ނުލާށެވެ! އަހަރެން ވާހަކަ މިދައްކަނީ ވަކި މައުޟޫއެއްގަ އެވެ. އެއީ މުސްލިމުންނަށް ޔަހޫދީންނާއި ދެކޮޅަށް ކުރިމަތިލުމުގެ ކުޅަދާނަކަން ލިބިގެން ނުވާ ޙާލު ފަލަސްތީން މިނިވަންކުރުމަށޭ ބުނެ ސިޔާސީ ބޭނުންތަކަށްޓަކައި ފަލަސްތީނު ހަލަބޮލިކޮށްލުމަށް ހިންގަމުންދާ ހަރަކާތްތަކާއި ދެކޮޅަށެވެ. މިހަރަކާތްތަކުގެ ނަތީޖާއެއްގެ ގޮތުން މުސްލިމުންނަށް ކުރިމަތިވަމުންދާ ދުއްތުރާތަކާއި އުދަނގޫތަކާއި ދެކޮޅަށެވެ. ޔަހޫދީންނަށް ބިރު ދެއްކުމުގެ ބޭނުމުގެ ޙަމާސް ޖަމާޢަތުން ދެމުންދާ ޖާނުން ފިދާވުމުގެ ހަމަލާތަކާއި ދެކޮޅަށެވެ.
ފަހެ، ޔަހޫދީންނަށް ބިރުދެއްކުމުގެ ނަމުގައި ޙަމާސް ޖަމާޢަތުން ދެމުންދާ ޖާނުންފިދާވުމުގެ ޙަމަލާތަކުން މުސްލިމުންނަށް ކުރާ އެއްވެސް މަންފާއެއް ނެތެވެ. އޭގެ ބަދަލުގައި ގިނަ ފަހަރު އެ ޙަމަލާތަކުގެ ޝިކާރައަކަށްވަނީ ކުޑަކުދިންނާއި އަންހެނުންގެ އިތުރުން މުސްކުޅިންނެވެ. މިފަދަ ޖާނުން ފިދާވުމުގެ ޙަމަލާތައް ހުއްދަކުރާ އެންމެ ރައްބާނީ ޢިލްމުވެރިއެއްގެ ނަން ނިކަން ގެނެސްދީބަލާށެވެ؟ އެއީ ޔަހޫދީންނަށް ބިރުދެއްކުމުގެ ބޭނުމުގައި ކަމުގައި ވީނަމަވެސް އެވެ.
الشيخ ابن عثيمين -رحمه الله- ވިދާޅުވެފައިވެ އެވެ. "އެ ޙަމަލާއެއްގައި އެމީހަކު މަރުވާނެކަން ޔަޤީންވާ ޖާނުންފިދާވުމުގެ ޙަމަލާތަކަކީ އަހަރުމެން ދެކޭގޮތުގައި ޙަރާމްކަމެކެވެ. އަދި ކީއްހެއްޔެވެ. އެކަން ވަނީ ބޮޑެތި ފާފަތަކުގެ ތެރެއިންނެވެ. އެހެނީ ހަމަކަށަވަރުން މީހަކު އޭނާގެ ނަފްސު ޤަތުލުކުރި އެއްޗަކުން ޖަހައްނަމުގައި އެމީހަކަށް ޢަޒާބު ދެއްވޭނެކަމަށް ރަސޫލާ صلى الله عليه وسلم ޚަބަރު ދެއްވާފައިވެ އެވެ. އެއްވެސް ކަމެއް އިސްތިސްނާ ނުކުރައްވައި އެއީ އާންމު ޙުކުމެއްކަމުގައި ކަނޑައެޅުއްވި އެވެ. ހަމަކަށަވަރުން ﷲ ގެ މަގުގައި ޖިހާދުކުރުމުގެ މަޤްސަދަކީ އިސްލާމް ދީނާއި މުސްލިމުން ހިމާޔަތް ކުރުމެވެ. ފަހެ، ޖާނުން ފިދާވާ މީހާ އޭނާގެ މިއަމަލުގެ ސަބަބުން އެމީހެއްގެ ފުރާނަ ދުއްވާލުމުގެ އިތުރުން އެގެއްލުވާލަނީ މުސްލިމުންގެ ތެރެއިންވާ ފަރުދެކެވެ. އަދި އެއަށްފަހު އެހެންމީހުންނަށްވެސް އޭނާ ގެއްލުން ކުރިމަތިކުރެ އެވެ. އެހެނީ، ޢަދުއްވުން އެމީހުން ބަދަލު ހިފާއިރު އެންމެ މީހަކު ޤަތުލުކޮށް ފުއްދައި ނުލާނެ އެވެ. އެމީހުންނަށް ވެގެންވާނަމަ އޭގެ ބަދަލެއްގެ ގޮތުގައި އުއްމަތްތަކެއް ޤަތުލުކުރީހެވެ. 10 ނުވަތަ 20 ނުވަތަ 30 މީހުން ޤަތުލުވެގެންދާ ޖާނުންފިދާވާ މިފަދަ ވަކި ޢަމަލެއްގެ ސަބަބުން އެންމެހައި މުސްލިމުންގެ މައްޗަށް ދަތިކުރުންތައް ދަނީ ކުރިމަތިވަމުންނެވެ. ފަލަސްތީނުގައި ޔަހޫދީންނާއި އެކު މިހާރު ކަންހިގަމުންދަނީ މިފަދައިންނެވެ. لقاء الباب المفتوح , شريط رقم 124
އަދުގެ ފަލަސްތީނުގެ މުސްލިމުންގެ ޙާލު ހުރިގޮތުން އެމީހުންގެ ހައްޤުގައި ޔަހޫދީންނާއި ކުރިމަތިލުމަށް ބާރު އަޅުއްވައި އެކަމަކީ އެދެވިގެންވާ ކަމެއްކަމުގައި ވިދާޅުވި އެންމެ ރައްބާނީ ޢިލްމުވެރިއެއްގެ ނަން ނިކަން ގެނެސްބަލާށެވެ؟
ފަހެ މިކަމުގައި الشّيخ ابن باز -رحمه الله- ގެ ކުރީގެ ފަތުވާއެއް ޙުއްޖަތެއް ކަމުގައި ހަދައިގެން ވާހަކަ ދައްކާފާނެ ކަމީ ދުރުކަމެއްކަމުގައި ނުބެލެވޭތީ އެފަތުވާއާ މެދު ބުނަމެވެ.
އެފަތުވާގައި ޝެއިޚް ބަރޯސާވެފައިވަނީ ޢަދުލުވެރި ބައެއްގެ ގޮތުގައި ޝެއިޚް ދެކެވަޑައިގަންނަވާ ބަޔަކު ޝެއިޚަށް ފޯރުކޮށްދިން މައުލޫމާތެއްގެ މައްޗަށެވެ. އެމީހުން ފަލަސްތީނުގައި ޔަހޫދީންނާއި ކުރިމަތިލައި މީސްތަކުންނަކީ އިސްލާމީ ޖިހާދެއްކުރާ މުސްލިމުންގެ ތެރެއިންވާ ޚާއްސަ ބައެއް ކަމުގައި ޚަބަރުދިނެވެ. އަދި އެމީހުންނަކީ ﷲގެ ޝަރީޢަތް ތަންފީޒުކުރުމަށް ދަހިވެތިވާ ބައެއްކަމުގައިވެސް ޚަބަރުދިނެވެ. އިސްވެ ބަޔާންވެދިޔަ ފަދައިން ޝެއިޚުއާ ހަމަޔަށް ފޯރާފައިވާ މިޚަބަރުތަކަކީ ޞައްހަ ނޫން ޚަބަރު ތަކެއްކަން ޝައްކެއްނެތް މިންވަރަށް އަހަރުމެންނަށް ސާފުވެގެންދެ އެވެ.
ފަހަރެއްގައި އެޚަބަރު ގެނެސްދިން މީސްތަކުންނަށް ރަނގަޅަށް ކަންތައްތައް ސާފުނުވުން އެކަށީގެންވެ އެވެ. ނޫނީ އެމީހުންނަކީ ސަލަފިއްޔަތުގެ ފޭރާން ލައިގެން الشّيخ ابن باز -رحمه الله- އަށް ހަޤީޤަތް އޮޅުވައިލުމަށް މަސައްކަތް ކުރި ބައެއްކަމުގައި ވުންވެސް ދުރެއްނޫނެވެ.
الشّيخ عُبيد الجابري -حفظه الله- ވިދާޅުވެފައިވެއެވެ. "(އެހެން އިންސާނުން ފަދައިން) ހަނދާން ނެތުމާއި އެކު ކުށްހެދިދާނެ ފަރާތެއްކަމުގައި އަހުލުއްސުންނަތުގެ ޢިލްމުވެރިޔާ ވެ އެވެ. ހަމައެއާއެކު އެކުގައި އުޅޭ ނުބައި މީސްތަކުންގެ ސަބަބުން ނުވަތަ ޖަރަޙަ ވެފައިވާ މީހަކަށް އިތުބާރު ކުރުމުގެ ނަތީއްޖާއެއްގެ ގޮތުން އޮޅުވާލެވިދާނެ ފަރާތެއްކަމުގައިވެސް ޢިލްމުވެރިޔާ ވެ އެވެ. ފަހެ ގިނަގުނަ ވެގެންވާ ޙާދިޘާތައް މިކަމުގެ މައްޗަށް ހެކިދެއެވެ." الرسائل الجابرية ١-٢٢٥
އެހެންކަމުން މިކަމުގައި الشّيخ ابن باز -رحمه الله- ގެ އެއްވެސް ކުށެއް ނެތެވެ. އެހެނީ ފަތުވާ ދޭމީހާ ފަތުވާ ދޭނީ އެމީހަކަށް ފާޅުވި އެއްޗެއްގެ މައްޗަށް ބިނާކޮށެވެ. ތަފްސީލީގޮތުންވާ ޖަރަޙަ އިޖުމާލީގޮތުންވާ ތަޢުދީލް (ތަޒްކިޔާ)ގެ މައްޗަށް އިސްކުރެވޭނެ ކަމީ الجرح والتّعديل ގެ ޟަވާބިތުތައް ދަންނަ މީހަކު ދެބަސްވާނެ ކަމެއްނޫނެވެ. ޙުއްޖަތް ނޭގޭ މީހާގެ ބަހުގެ މައްޗަށް ޙުއްޖަތް އެނގޭ މީހާގެ ބަސް އިސްވާނެކަން ކަށަވަރެވެ. ހަމައެފަދައިން الشّيخ ابن باز -رحمه الله- ގެ އެ ފަތުވާ ވަނީ، ކުރިމަތިލުމަށް ކުޅާދަނަކަން ލިބިގެންވުމާއި އަދި އެމީހުންގެ މެދުގައި ﷲގެ ޝަރީޢަތުގެ މައްޗަށް ޙުކުމްކުރުމުގެ މައްޗަށް ޝަރުތުވެވިގެންވާ ޙާލުގަ އެވެ. އެހެނަސް ހަޤީޤަތުގައި ކަންހުރީ އެއާއި ޚިލާފަށްކަން ހާމަވެގެންދެ އެވެ.
ވީމާ އާރެއް ބާރެއްނެތި ޖިހާދުގެ ޝަރުތުތައް ފުރިހަމަ ނުވާ ޙާލު، ފަލަސްތީން މިނިވަންކުރުމަށޭބުނެ ޖިހާދުގެ ނަމުގައި އިސްވެ ޔަހޫދީންނާއި ކުރިމަތިލުމަށް ފަތުވާ ދެއްވި އެންމެ ރައްބާނީ ޢިލްމުވެރިއެއްވެސް އަހުރެންނަކަށް ނުފެނުނެވެ. ފަހެ މުސްލިމުންގެ ބަލިކަށިކަން ޚުދު الشّيخ ابن باز -رحمه الله- އަށް ހާމަވިހިނދު ޝެއިޚުގެވެސް އެންމެ ފަހު ބަސްފުޅެއްކަމުގައި ވީ ސުލްޙަވުމުގެ މައްޗަށް ބާރުއަޅުއްވައި އިރުޝާދު ދެއްވުން ނޫން ހެއްޔެވެ؟
فلسطين ގެ ޝެއިޚެއް ކަމުގައިވާ الشيخ سعد بن فتحي الزّعتري – حفظه الله- ލިޔުއްވާފައިވާ حقيقة الجهاد في فلسطين وموقف المسلم منه މި ފޮތާއި الشّيخ ابن باز -رحمه الله- ގެ އޯޑިއޯއެއް ހިމެނޭ https://youtu.be/iviwhnldjA4 މި ލިންކުން ތަފްޞީލްތައް ލިބޭނެ އެވެ.
އެއްވެސް ޙާލެއްގައި ޔަހޫދީން އަރައިގަތުމުން އެހަމަލާތަކުގެ ދިފާއުގައި ޣައްޒާގެ އާންމު މުސްލިމުން ކުރަނީ ޖިހާދެއް ނޫނޭ އަހަރެން ބުނަނީކީ އެއް ނޫނެވެ. އެ މުސްލިމް އަޚުންނާއި އުޚްތުންނަށް ޔަހޫދީންގެ ފަރާތުން ކުރިމަތިވަމުންދާ އަނިޔާތަކަކީ ވަންހަނާވެފައިވާ ކަންކަމެއް ނޫނެވެ. އެ އަޚުންނާއި އުޚްތުން ތަޙައްމަލްކުރަމުންދާ ވޭނަކީ ބަޔަކަށް ތަޞައްވުރުކުރަންވެސް ދަތިވާނޭ ކަމެކެވެ.
އެއްކޮޅުން ޔަހޫދީން އެމީހުންނާ ހަނގުރާމަކުރަނީ އެވެ. އަނެއްކޮޅުން، ޙަމާސް ފަދަ ޖަމާޢަތްތަކުން އެމީހުންނަށް ނޭނގޭ ކަންކަމުގެ ފައިދާނަގައި، އޮޅުވާލައި، އެމީހުން ޔަހޫދީ ސަފުތަކުގެ ކުރިމައްޗަށް ނެރެ ދައްކަނީ އެވެ.
އަޙްމަދު ސަމީރެވެ! ޣައްޒާގެ ނިކަމެތި ރައްޔިތުންނަށް، ބަޑިއާއި ޓޭންކަރުތަކާއި ބޮންއަޅާ މަތިންދާބޯޓުތަކާއި އެކި އެކި ހަތިޔާރު ލިބިފައިވާ ޔަހޫދީ ދައުލަތުގެ ލަޝްކަރުގެ ސަފުތަކުގެ ކުރިމައްޗަށް ނުކުތުމަށް ޙަމާސްއިން ބާރުއަޅަނީ އެއީ ރަނގަޅު ކަމެއް ހެއްޔެވެ؟ އެ ނިކަމެތި މީހާ އެއިން ޓޭންކަރަކާ ދިމާލަށް ގާއޮށެއް އެއްލައިލިޔަސް، އޭނާ މަރާލައި، އޭނާގެ ގެ ސުންނާފަތިކޮށް ބިމާ ހަމަކުރަނީ ނޫންހެއްޔެވެ؟ މަފްސަދާ މާބޮޑު ނޫން ހެއްޔެވެ؟ އެއާއެކުވެސް، އެމީހުންނަށް މި ޖަމާއަތްތަކުން ފަތުވާދެނީ އެފަދައިން އެ ސަފުތަކުގެ ކުރިމައްޗަށް ނުކުތުމަށެވެ! އެސަފުތައް ކުރިމަތީ މުޒާހަރާކުރުމަށެވެ. ޔަހޫދީން މެރުމަށެވެ.
މިޖަމާޢަތްތަކުގެ ގާތުގައި މުސްލިމުންގެ ލޭގެ އަގަކީ ކޮބައި ހެއްޔެވެ؟ މުސްލިމުން ރައްކާތެރިކުރުމުގެ ބަދަލުގައި އެމީހުން މި ނެރެނީ، ކާމިޔާބީ ނުލިބޭނޭކަން ޔަޤީންވާ މައިދާނަކަށެވެ. ހިލަކޮޅަކާއި، އެންމެ ޒަމާނީ ފެންވަރުގެ ބަޑިއަކާއި އެއްވަރު ވާނީ ކިހިނެއްހެއްޔެވެ؟ އަޙްމަދު ސަމީރެވެ! ތިބާ ކެކި އުތުރި އަރައިގެން ދިޔައީ، މިޙަޤީޤަތް އަހަރެން ބަޔާންކުރުމުންނެވެ. މުސްލިމުންނަށް މިކަން ވިސްނައިދީ، އެމީހުން ޙަމާސްގެ އޮޅުވައިލުމުން ސަލާމަތްކުރަން މަސައްކަތްކުރުމުންނެވެ.
ޔަހޫދީންގެ ނުބައި ވާހަކަ ދެއްކުމުގެ ބަދަލުގައި އަހުރެންނަކީ ޔަހޫދީން ކޮޅަށް ބުރަވާ މީހެއްކަން ދެއްކުމަށްޓަކައި އެ ހިންގައިފައިވާ އަނިޔާވެރިކަމުގެ ޢަމަލު ނިކަން ދެކެބަލާށެވެ. އެގޮތުން ޣައްޒާގެ މުސްލިމުންނާއި ދެކޮޅަށް ހަނގުރާމަކުރުމަށް ޔަހޫދީންނާއި އެކު "އެސްއެސް ޖަމާޢަތުން" ވެސް ބައިވެރިވެއްޖެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އަހުރެންގެ އަގު ވައްޓައިލުމަށް ގަދައަޅައަ މަސައްކަތް ކުރަމުން ދިޔައެވެ. އަދި ތައުޙީދުގެ ޝަރުތެއް އުނިކޮށްފައިވާ މުނާފިޤެއްކަމުގައި އަހުރެން ލޭބަލް ކުރަމުން ދިޔައެވެ. އަދި ޚުދު ތިބާ އަހުރެންނަކީ މުސްލިމުންނާއި ކާފަރުންގެ ތަފާތު ނޭނގޭ މީހެއްކަމުގައި ސިފަކޮށް އުންމަތުގެ ސަލަފުންގެ ނަމުގައި ދީނީ ތާކިހާ އަޅައިގެން ވާހަކަދެއްކުމަށް އަހަރެން ލަދުގަންނަން ޖެހޭ ކަމަށްބުނެ ފެތުރި ވާހަކަތައް ތިރީގައިވާ ޕޯސްޓްތަކުން އެހުރީ ފެންނާށެވެ.
މި ބަސްތައް މިއީ އަހަރެންނަށް ނިސްބަތްކޮށްގެން ދައްކާފައިވާ ވާހަކަތަކެއް ކަމަށް އަޙްމަދު ސަމީރުގެ އަޢުވާނުން ދަނީ ކިޔަމުންނެވެ. އަދި މިބަސްތައް ރައްދުކުރީ އަހަންނަށް ކަމާއިމެދު މިކަންކަން ދަންނަ މީހަކު އިންކާރެއްވެސް ނުކުރާނެއެވެ. |
|
މިފަދަ ބަސްތައް ނަގައިގެން، ޖަމްޢިއްޔަތުއް ސަލަފުގެ ބެރުތަކަށް ނަށާ ޒުވާންކުދިން އަހަންނާ ދިމާލަށް ތިއީ މުނާފިޤެކޭ ބުނެ ގޮވިއެވެ. މިއީ ތިމާމެން ތިމާމެންގެ ޖަމާޢަތް ތަރުބިއްޔަތު ކުރާ ގޮތެވެ. މި ފެންނަނީ ހެއްކެވެ. މި ލިޔުން ލިޔުނު މީހާގެ އެ ބަސް އަހަންނަށް ރައްދުވުމުގެ ކުރިން އެ ރައްދުވަނީ ޙަމާސް ޖަމާޢާތާ މެދު އިންޒާރުދެއްވި ޢިލްމުވެރިންނަށެވެ. އަހަރެން ކުރި ހަމައެކަނި ކަމަކީ ޢިލްމުވެރިންގެ ބަސް ނަޤުލުކުރުމެވެ. | ![]() |
މުޖުތަމަޢުގައި ޙައްދުފަހަނަޅައި ދިޔުމާއި، ކާފަރުކުރުމާއި، ބިދުޢަވެރިކުރުމާއި، ފާސިޤުުކުރުމާއި، ނިފާގަށް ގޮވުން ފަދަ ކަންކަން އުފެދިގެން އަންނަނީ މިފަދަ ޝެެއިޚުން ސަބަބުންނެވެ. |
|
ކަނާތްފަރާތުގައި އެވަނީ މުޙައްމަދު ޠައްޔިބު ކުރި ޓްވީޓެކެވެ. އޭގައި އޭނާ ލިޔެފައި އެވަނީ "ޣައްޒާގެ މުސްލިމުންނާއި ހަނގުރާމަކުރުމަށް ޔަހޫދީންނާއެކު އެސް.އެސް ޖަމާޢަތުން ވެސް ބައިވެރި ވެއްޖެ" މިހެނެވެ. އަދި އެބަސްތަކާއެކު ޙަމާސްޖަމާއަތަކީ އިޚްވާނުލް މުސްލިމީންގެ ފިޔައެއްކަން ބަޔާންކޮށްދިނުމަށް الشّيخ مقبل -رحمه الله- ގެ ބަސްކޮޅެއް އަހަރެން ތަރުޖަމާކުރުމުން އެ ފޮޓޯ ޖަހާފައި ވެއެވެ.
ނިކަން ބަލައިބަލާށެވެ! އެ ޓްވީޓަށް ޖަވާބުދެމުން ތިބާގެ ގާތް ބައިވެރިޔާ ބުނެފައިވާ ބަސްތަކުން އެ ފިކުރަކީ އެއީ ބިދުޢަވެރި ފިކުރެއް ކަމުގައި ބުނާކަން ދޭހަނުވޭ ހެއްޔެވެ؟ الشّيخ مقبل -رحمه الله- އާއި އަދި އެގޮތަށް ދެކިލައްވާ އެހެން ޢިލްމުވެރިންނާއި މީސްމީހުންނަކީ އެއީ ބިދުޢަވެރިވެފައިވާ 72 ބައިގަނޑު ކަމުގައި ހަދާފައިވާކަން ދޭހަ ނުވޭ ހެއްޔެވެ؟ ބިދުޢަވެރިކުރުމުގައި ޙައްދުފަހަނައަޅައި ދިޔުމަކީ މިއީ ނޫން ހެއްޔެވެ؟ ޢިލްމުވެރިންނާއި އެބޭކަލުން ވިދާޅުވާގޮތަށް ވިދާޅުވާ މީހުން، ތިމާމެން ދެކޭ ގޮތާ ޚިލާފްވާތީ ބިދުޢަވެރި 72 ބަޔަށް ފައްތާލުމެވެ. |
މިއީވެސް ތިބާގެ ޖަމާޢަތުގެ މީހެކެވެ. އެންމެ ފަހު ޖުމްލައިގައި އެވަނީ "ޙަމާސް ކުއްވެރިކުރާ ގަމާރުންނަށް މިކަން ނުވިސްނޭތީ ހަމަ ޙައިރާން ވަން" މިފަދައިންނެވެ.
|
|
ޢިލްމުވެރިން ވިދާޅުވީ ކީކޭ؟
މިތަނުގައި މި ގެނެސްދެނީ ޙަމާސް ޖަމާޢަތާއި މެދުގައި ޢިލްމުވެރިންގެ ތެރެއިން ބައެއް ޢިލްމުވެރިން ވިދާޅުވެފައިވާ ބަސްފުޅުތަކެވެ. ޔަހޫދީންނަށް ވާގިވެރިވަނީއޭ، ނުވަތަ މުނާފިޤުންނޭ، ނުވަތަ ގަމާރުންނޭ، ނުވަތަ ބިދުޢަވެރިންނޭ ބުނެ ތިބާގެ ޖަމާޢަތުގެ މީހުން އެކިޔާހާ އެއްޗެއް ފުރަތަމަ ރައްދުވަނީ މި ޢިލްމުވެރިންނަށެވެ. މިވާހަކަތައް އަސްލު ދެއްކެވި ފަރާތްތަކަކީ ޢިލްމުވެރިންނެވެ. އަހަރެންކުރި ހަމައެކަނި ކަމަކީ ނަޤުލުކޮށްދިނުމެވެ.
الشيخ الإمام المحدّث محمّد ناصر الدّين الألباني -رحمه الله- ގެ އަރިހުގައި ސުވާލު ދެންނެވުނެވެ. ޙަމާސް ފަދަ ޖަމާޢަތެއް މިސާލެއްގެ ގޮތުގައި ނިކަން އަހަރެމެން ތަސައްވަރު ކޮށްލަމާހެއްޔެވެ. އަހަރަމެންނަށް އަޑު އިވޭ ގޮތުގައި ޙަމާސް އަކީ އިސްލާމް ދީނަށް ދައުވަތު ދީ الله ގެ މަގުގައި ޖިހާދު ކުރުމުގައިވާ ޖަމާޢަތަކެވެ. އެ ފަދަ ޖަމާޢަތައެއްގެ އަސްކަރީ ވެރީންތަކެއް އެ ޖަމާޢަތުގެ ބައެއް އަފްރާދުންނަށް ޔަހޫދީންގެ ބަޔަކާ ކުރިމަތިލާ ހަމަލާ ދިނުމަށް ނަސޭހަތްތެރިވެ ބާރު އަޅައަވެ.
ޖަވާބުގައި ޝެއިޙް ވިދާޅުވިއެވެ. "ﷲ އަހަރެމެންނަށާއި ތިޔަބައިމީހުންނަށް ހިދާޔަތް ދައްކަވާންދޭވެ! ފަލަސްޠީނުގެ ރަށެއް ކަމުގައިވާ ޟައްފާގައިވާ ޙަމާސްގެ ހަރާކަތީ އިސްލާމީ ހަރަކާތެއް ނޫނެވެ. އެއީ ތިޔަބައިމީހުން އެދުނަސް އަދި ނޭދުނަސް ކަމުގައިވީ ނަމަވެސް މެއެވެ. އެހެނީ އެބައިމީހުން ހަނގުރާމައަށް ނުކުތުމަށް އެދޭނަމަ އެކަމަށް ހަތިޔާރާއި ތަކެތި އެބައިމީހުން ތައްޔާރުކުރީހެވެ. އެމީހުން ތައްޔާރު ކުރި އެއްޗެއް ކޮބައި ހެއްޔެވެ؟ (ޔަހޫދީންގެ މުސީބާތް) ފިލައިދިޔުމަށް މުޅި އިސްލާމީ އުއްމަތް އެކުއެކީގައި އެދޭއިރު މިބައި މީހުން އެދެނީ ބަކަރި ކަންބަޅި ކަތިލެވޭހެން (ނުރައްކާތެރިގޮތުގައި) ކަތިލެވި ޤަތުލުވެގެން ދިޔުމަށެވެ. ދެން އެއަށްފަހު (މިކަމުގެ މައްޗަށް) ހުކުމްތައް ބިނާކުރަން އަހަރުމެން އެދެނީ މުސްލިމުންގެ ޚަލީފާގެ ފަރާތުން އައިސްފައިވާ ޙުކުމްތަކާއި އެއްގޮތްވެގެންވާ ޙުކުމްތަކެއްގެ ގޮތުގަ އެވެ. މިޚަލީފާ އިސްކުރި ކޮމާންޑަރެއް ކޮބައިތޯއެވެ؟ ޙަމާސް ޖަމާޢަތް ފަދަ މިފަދަ ޖަމާޢަތަކަށް ހައްޤުވެގެންވަނީ ކޮން އެއްޗެއް ތޯއެވެ؟ އިސްލާމީ ޙުކުމްތައް އެމީހުންނަށް ދިނުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. ﷲ ތިބާއަށް ބަރަކާތް ލައްވާށިއެވެ. އަހަރެމެން ދެކޭގޮތުގައި ޤިޔާމަތާއި ޖެހެންދެން މި ޒުވާނުންގެ މައްޗަށް އެމީހުންގެ ލޭ ހިމާޔަތްކޮށް ރައްކާތެރިކޮށް ވާޖިބު ވެގެން ވެއެވެ." http://safeshare.tv/w/pIQGLHboAw
الشيخ الإمام المحدّث مقبل بن هادي الوادعي -رحمه الله- އަށް ސުވާލު ދެންނެވުނެވެ. "ފަލަސްޠީނުގައި (ޔަހޫދީން) ވެރިވެގަނެގެން އުޅޭ އަރަބި ބިންތަކުގައި އެކަމާ ދެކޮޅަށް ކުރާ އިސްލާމީ ޖިހާދާއި، އިސްލާމީ ޖަމާޢަތް ޙަމާސްއާއި މެދުގައި ދެކިލައްވަނީ ކިހިނަކުން ތޯއެވެ؟"
ޖަވާބުގައި ވިދާޅުވި އެވެ. "ޙަމާސް ޖަމާޢަތާއި މެދުގައި ދަންނައެވެ! އެބައިމީހުންނަކީ އިސްލާމްދީނަށްވާ ނަޞްރެއްކަމުގައި ނުވާނެ އެވެ. ފަހެ، އެ ޖަމާޢަތުގައި ޝީޢީންނާއި، އިޚްވާނީންނާއި ޙިޒްބީން ވެއެވެ. .... ފަހެ ޙަމާސް ޖަމާޢަތަކީ ހެޔޮކަމަކަށް އަމުރުކުރުމެއް ނުވާ އަދި މުންކަރާތެއް ނަހީ ކުރުމެއް ނުވާ ހިޒްބީ ޖަމާޢަތެކެވެ. އެ ޖަމާޢާތަކީ އަހުލުއް ސުންނަތުގެ މައްޗަށް އިންކާރު ކުރާ ޖަމާޢަތެކެވެ. އެމީހުންނަށް ނަސްރެއް ލިބިއްޖެނަމަ އަފްޣާނިސްތާނުގައި ކަން ހިގައިދިޔަ ފަދައިން އެބައިމީހުން އެއްބަޔަކު އަނެއްބަޔަކާއި ދިމާލަށް ބަޑިތަކާއި މެޝިން ބަޑިތައް އަމާޒުކުރީސްކަން ކަށަވަރެވެ. ސަބަބަކީ އެމީހުންނަކީ އެއްހިތެއްގެ މަތީގައި ވާބައެއް ނޫނެވެ." تحفة المجيب على أسئلة الحاضر والغريب ص. 228
الشيخ محمّد بن عمر بازمول -حفظه الله- ވިދާޅުވެފައިވެއެވެ. ".... ޔަހޫދީން މުސްލިމުން ޤަތުލުކުރާކަން އެނގިތިބެ، އަދި އަމިއްލަ އަތުގައި އެމީހުންނާއި ދެކޮޅަށް ނުކުތުމުގެ ކުޅަދާނަކަން ނެތްކަން އެނގިހުރެ، ފަހެ، އެހެންވުމުން މިކަމުން ދޭހަވެގެންދަނީ، ތިޔަބައިމީހުން (ޙަމާސް) ބޭނުންވަނީ، މުސްލިމުން މަރުވެގެން ދިއުމެވެ. އެ ޔަހޫދީން ހިންގުމަށް ބޭނުންވާ ކަންތައްތަކުގައި ތިޔަބައިމީހުން (ޙަމާސް) ވަނީ އެމީހުންނަށް ވާގިވެރިވެފަ އެވެ. ތިޔަބައިމީހުން އެމީހުންނަށް ޙަމަލާ ދީފިނަމަ، އެކަމުގެ ސަބަބުން އެބައިމީހުން މުސްލިމުން މަރާނެ އެވެ. އަދި އެބައިމީހުން ޙަމަލާ ދީފިނަމަ، އެ ޙަމަލާތައް ހުއްޓުވުމުގެ ކުޅަދާނަކަމެއް ތިޔަބައިމީހުންނަށް ލިބިގެނެއް ނުވެ އެވެ. ފަހެ، އެހިނދު ތިޔަބައިމީހުންގެ ޙައްޤުގައި އޮތީ، ކުށެއްނެތް ބަޔަކު ޤަތުލުވެދިޔަ ނުދިނުމަށްޓަކައި އެބައިމީހުންނާއި ކުރިމަތިލުމުންނާއި، ޙަމާލާދިނުމުން މަނާވެގަތުމެވެ. ކާފަރުންގެ (ބާޠިލް) އިލާހުންތަކަށް މުސްލިމުން އެއްޗެހި ގޮވި ހިނދު، އެކަމުގެ ބަދަލެއްގެ ގޮތުން އެމީހުން ﷲ އަށް އެއްޗެހި ގޮވިއެވެ. އެހިނދު، ކާފަރުން އަޅުކަންކުރާ ބާޠިލް އިލާހުންތަކަށް އެއްޗެހި ގޮވުން ﷲ ނަހީ ކުރެއްވި އެވެ. 'ﷲ ފިޔަވައި އެބައިމީހުން އަޅުކަންކުރާ ތަކެއްޗަށް ތިޔަބައިމީހުން އެއްޗެހި ނުގޮވާށެވެ! އޭރުން، ނޭނގިތިބެ، ޢަދާވާތްތެރިވުމުގެ ގޮތުން އެމީހުން ﷲ އަށް އެއްޗެހި ގޮވާފާނެއެވެ.' ޙައްޤުވަނީ ސާފުވެ ފާޅުވެގެންނެވެ. ބާޠިލްވަނީ ނުސާފުކަމާއެކީ ވަންހަނާ ވެގެންނެވެ. ގުދުކަމެއްވާ ދަނޑިއެއްގެ ހިޔަނި ސީދާވާނީ ކިހިނަކުން ހެއްޔެވެ؟ މީގެ ކުރިންވެސް އެމީހުންނާ ދެކޮޅަށް ހަނގުރާމަކުރުމަށް ބާރުއެޅުމުން، ޣައްޒާގެ އަހުލުވެރިން ޤަތުލުކުރެވުނު ގޮތް އެމީހުން ވަނީ މީގެ ކުރިންވެސް ތަޖުރިބާ ކޮށްފަ އެވެ. އެހެންވުމުން އެމީހުންނާ ކުރިމަތިލުމަށް ބާރުދީ ހިތްވަރުދެނީ ކީއްވެގެން ހެއްޔެވެ؟ ޚިލާފްވެ ދެބަސްވުމާއި މެދު އެމީހުން (އިޚްވާނީން/ޙަމާސް) ގެ ރަން ޤަވާޢިދު (ޝިޢާރު) އެމީހުން އުފުލައެވެ. އެއީ 'އަހަރެމެން އިއްތިފާޤުވާ ކަންކަމުގައި އެއްބަޔަކު އަނެއްބަޔަކަށް އެއްބާރުލުން ދިނުން ހުއްޓެވެ. (އަދި ޚިލާފްވާ ކަންކަމުގައި އެއްބަޔަކު އަނެއް ބަޔަކަށް ޢުޒުރުވެރި ވާނީއެވެ.) މިއެވެ. ސަލަފިއްޔަތުގެ މަތިން ޒިކުރުކުރެވި، އަދި އަހަރެމެންގެ ވެރިންގެ ވާހަކަ ނަންގަނެވިއްޖެނަމަ (އެފަދައިން ވާހަކަދެއްކި މީހަކާ ދިމާލަށް) ކަލެއަކީ އަދި އެމީހުން (ޔަހޫދީން)ނަކީ ހުރިހާ ކަމެއް ވަރިހަމަކޮށް ރަނގަޅުކަމަށް ދެކޭ ބަޔަކު ކަމުގައި ބުނެ އެވެ. ހުކުރުދުވަހުގައި މުސްލިމުންވާ ޙާލަތު އެނގިތިބެ އެދުވަހު އެ ކުޑަކުއްޖާގެ ހަށިގަނޑު ޙަވާލުކުރުމުން އެއިން އެނގިގެންދަނީ އެމީހުންނަކީ (ޔަހޫދީންނަކީީ) ވަކި ކަމަކަށް ރާވަމުންދާ ބައެއް ކަމެވެ. ތިޔަބައިމީހުން ތިވަނީ އެބައިމީހުންނާއެކު އެކަމުގައި ބައިވެރިވެފަ އެވެ! " ޝެއިޚްގެ ޓްވިޓާރ އެކައުންޓް، ތާރީޚް: 20/07/2014
އަޙްމަދު ސަމީރެވެ! الشيخ محمّد بازمول -حفظه الله- ގެ އިސްވެދިޔަ ބަސްތައް ޝެއިޚް ލިޔުއްވާފައިވަނީ ޔަހޫދީން ޣައްޒާގައި މުސްލިމް އަޚުންނާއި އުޚްތުން ޤަތުލުކުރަމުން ދިޔަ ދަނޑިވަޅެއްގަ އެވެ. މިއީ الشيخ الألباني -رحمه الله- ގެ ދަރިވަރެކެވެ. الشيخ الألباني -رحمه الله- ގެ ބަސްފުޅުތައް ސަމީރަށްވުރެ ބޮޑަށް ފަހުމްވުން އައުލާވެގެންވާ ފަރާތެކެވެ. ޝެއިޚްގެ ބަސްފުޅުތައް ވިދާޅުވެފައިވާ ތާރީޚީ ސިލްސިލާ (އެބަހީ: ކުރިން ވިދާޅުވި ބަސްފުޅުތަކާއި، ފަހުން ވިދާޅުވި ބަސްފުޅުތައް) ސަމީރަށްވުރެ ބޮޑަށް އެނގުން އައުލާވެގެންވާ ފަރާތެވެ. އަދި ޝެއިޚްގެ ބަސްފުޅުތައް ފަހުމްކުރުމާއި، އެއަށް ޢަމަލުކުރުމުގައިވެސް ސަމީރަށްވުރެ އައުލާވެގެންވާ ފަރާތެވެ.
ޝެއިޚް ޓުވިޓާގައި މި ބަސްތައް ވިދާޅުވުމުން އެއިން ބައެއް ބަސްފުޅުތައް ތަރުޖަމާކޮށް ބަޔާންކުރުމުން އަހަރެންގެ މައްޗަށް އަޙުމަދު ސަމީރު އަދި ތިބާގެ އަޢުވާނުން އަރައިގެންފައިވާ "ޢަދުލުވެރި" ސިފަތައް މިއަދުވެސް އެހުރީ ފެންނާށެވެ. ޢިލްމުވެރިންގެ މަންހަޖު ޤާއިމްކޮށް ބަޔާންކުރުމުން އެކަން ކުރި ފަރާތްތަކަށް ތިބާ ޢަމަލުކޮށްފައިވާގޮތް އެއީ ޢަދުލުކަމުގައި ތިބާގެ ދެކެނީހެއްޔެވެ؟ އެހެން ކަމުގައިވާނަމަ މި ޢިލްމުވެރިން އެދުވަސްތަކުގައި ޙަމާސްގެ ޙަޤީޤަތް ފާޅުކޮށް ދެއްކުން އެއީ އަޙުމަދު ސަމީރު އަދި އަޙުމަދު ސަމީރުގެ އަޢުވާނުން ބުނެފައިވާ އެންމެހައި ކުޑައިމީސް ބަސްތަކާއި، އަނިޔާވެރި ހަޑިހުރުތު ޢަމަލުތައް ރައްދުވާނެ އެންމެ ފުރަތަމަ ފަރާތްތަކެވެ.
ބައެއްގެ މައްޗަށް އުފެދުނު ނުރުހުންތެރިކަމެއް އެއީ އެމީހުންގެ މައްޗަށް ނަހަމައިން ހައްދުފަހަނައަޅައި ދިޔުމުގެ ސަބަބެއް ކަމުގައި ނަހަދާށެވެ! އަހަރުމެންގެ ވެރި ރައްބު އެންގެވި އިލާހީ ނަސޭހަތަށް ދެކޮޅު ހަދައި ފުރަގަސް ދިނުމުގެ ސަބަބުން އަބާއްޖަވެރިންގެ ތެރެއިން ވެދާނެ ކަމަށްޓަކައި ﷲ އަށް ބިރުވެތިވުމަށް ތިބާއަށް ނަސޭހަތްތެރިވަމެވެ. އެހެންމީހުންގެ ބޮލުގައި މީހުންގެ މައްޗަށް ބިދުޢަވެރި ހުކުމް ކުރުމުގައި އަވަސްވެގަންނަ ބައެއްގެ ތުހުމަތު އެޅުވުމަށްފަހު ތިމާމެންގެ ޢަމަލު ހުރިގޮތް ނިކަން ދެކިބަލާށެވެ.
ޙަމާސް ޖަމާޢަތާއި ދެކޮޅަށް އަހުރެން ލިޔުނު ރައްދުގައި އަހުރެން ބުނެފައިވާނެ އެވެ. "މިއަދު ދުނިޔޭގެ މުސްލިމުންނާއި ދެކޮޅަށް ހިންގަމުންދާ ލޭއޮހޮރުވުންތަކަކީ އަދި އުދުވާނީ ހަމަލާތަކަކީ އެއްވެސް މުސްލިމަކު އެކަމަށް ރުހޭނެ ކަންތައްތަކެއް ނޫނެވެ. އަދި ކިއެއްތޯ އެވެ. އަދި މުސްލިމް އަޚުންނާއި އުޚްތުން ކަތިލެވި އެބައިމީހުންގެ ލޭ އޮހުރުވެރިގެން ދިޔުމުން ސަލާމަތް ކޮށްދިނުމަށް އެމީހަކަށް ކުރެވުނުހާ މަސައްކަތެއް ކުރުން ވެ އެވެ." މިފަދައިން ސަރީޙަކޮށް އަހުރެން ލިޔެފައިވާ އިބާރާތުގެ މާނަ ނޭނގޭވަރަށް ތިމާމެން ދިވެހި ބަހުގެ ފެންވަރު ދަށީ ހެއްޔެވެ؟ އަހަންނަށް ދިވެހި ބަސް ނޭނގޭ ކަން ދޭހަވާގޮތަށް އަޙްމަދު ސަމީރު އިރުޝާދުގެ ފުރަތަމަ ސިޓީގައި ލިޔެފައި އޮތުމުން، އަހަރެން ހީކުރީ އަޙްމަދު ސަމީރަކީ ދިވެހިބަހަށް މޮޅު މީހެއް ކަމުގައެވެ. އެހެން ނޫންނަމަ، އަހުރެންގެ މައްޗަށް ތިފަދައިން ތުހުމަތު ތިކުރަނީ އޮންނަ ރުޅިވެރިކަމެއްގެ ސަބަބުން ނަހަމަ ގޮތުގައި އަނިޔާވެރިވުމުގައި ހައްދުފަހަޅައަޅައިދިޔުން ނޫން އިތުރު ކޮންކަމަކާ ހެދި ހެއްޔެވެ؟
މަދީނާއިން ޑިގްރީ ޙާސިލް ކުރުމަށްފަހު ދަޢުވަތުގެ މައިދާނުގައި ހޭދަކުރި ވޭތުވެދިޔަ 10 އަހަރުގެ މުއްދަތުގައި އަހުރެން އެކިއެކި ދަރުސްތަކުގައި ދައްކާފައިވާ ވާހަކަތަކުން ﷲ އަށްޓަކައި ލޯބިވުމާއި ރުޅިވުމުގެ ބާބުގައި އަހުރެންގެ އަޤީދާއަކީ އުއްމަތުގެ ސަލަފުއް ޞާލިހުން ފާޅުކޮށްފައިވާ އަޤީދާކަން އަދުލުއިންސާފުގެ ނަޒަރަކުން ބަލާލި ކޮންމެ މީހަކަށް އެއްވެސް އޮޅުމެއްނެތި ސާފުވާނެކަން ކަށަވަރެވެ. ސަލަފީންނަށްވުރެ ބޮޑަށް މިބާބުގައި ޢިލްމުވެރިން ދައްކާފައިވާ ވާހަކަތައް މީސްތަކުންނަށް އުނގަންނައިދީ އެ ޢުސޫލުތަކުގައި ކޯދަތްތަކުން ހިފަހައްޓައި އެ ޢުސޫލުތައް ދަމަހައްޓަން މަސައްކަތް ކުރަނީ އިތުރު ކޮން ބައެއް ހެއްޔެވެ؟
ޙަމާސް އާއި ދެކޮޅަށް އަހުރެން ނެރުނު ލިޔުމުގެ މަޤްސަދު އިންސާފަށް ލޯބިކުރާ ކޮންމެ މީހަކަށް ވަރަށް ސާފެވެ. އެއީ ޙަމާސްގެ އަޑު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެދުވަސްވަރު އިވިގެން ދިޔުމުން އެބައިމީހުންގެ ގޮތް ނޭގޭ ބަޔަކު، އެމީހުންނަކީ ރަނގަޅު ބަޔަކު ކަމުގައި ދެކި އެމީހުންގެ ވާހަކަތަކުން އަޘަރުކޮށް އެމީހުންނަކީ ތަބަޢަވެވިގެންވާ ނަމޫނާއެއް ކަމުގައި ހަދައިފާނެ ކަމުގެ ބިރުހީވުމުން މުސްލިމުންނަށްޓަކައި އެބައިމީހުންގެ އަޤީދާ ސަލާމަތްކޮށްދިނުމަކީ ވާޖިބެއް ކަމުގައި ދެކިގެންނެވެ.
ފަހެ، ޒުވާނެއްގެ މައްޗަށް އިޚްވާނީ ޖަމާޢަތުގެ ހަރުކަށި ފިކުރު އަރައިފި ނަމަ އެޒުވާނަކު އިސާހިތަކު ގެއްލި ހަލާކުވެދާ ހުއްޓެވެ. الإمام ابن القيّم -رحمه الله- ވިދާޅުވެފައިވެއެވެ. "ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތް އުންމަތަށް ބަޔާން ކޮށްދިނުން ޢަދުއްވުންގެ މައްޗަށް ކަނޑި ހިފައިގެން ނުކުމެ އެ ޢަދުއްވުން ޤަތުލުކުރުމަށްވުރެ ހެޔޮކަން ބޮޑުވެގެންވެއެވެ. ސަބަބަކީ ޢަދުއްވުންގެ މައްޗަށް ހަނގުރާމަ ކުރުމަކީ އެއީ ނުހަނު ގިނަ ބަޔަކު ކުރަމުން ގެންދާ ކަމެކެވެ. އެހެނަސް އެ އުންމަތްތަކަށް ސުންނަތް ބަޔާންކޮށްދިނުން ނަބިއްޔާ صلى الله عليه وسلم ގެ ވާރުތަވެރިން މެނުވީ ނުކުރެއެވެ. ﷲ އަހަރެމެން އެފަދަ މީސްތަކުންގެ ތެރެއިންވާ ބަޔަކު ކަމުގައި ލައްވާށިއެވެ." جلاء الأفهام 415
އެހެންކަމުން ޔަހޫދީންގެ ނުބައިކަން ހާމަކުރާ ޙާލު މުސްލިމުންނަށްޓަކައި އެމީހުންގެ ޢަޤީދާ ރައްކާތެރިކުރުމުގެ ބޭނުމުގައި ހަމާސް ޖަމާޢަތާއި ބެހޭގޮތުން ޢިލްމުވެރިންގެ ވާހަކަތައް ހިމަނައިގެން އަހުރެން ރައްދެއް ލިޔުނީމެވެ.
شيخ الإسلام ابن تيمية -رحمه الله- ވިދާޅުވެފައިވެއެވެ. " ޔަހޫދީންނާއި ނަސާރާއިންގެ ފަސާދަ ވަނީ އާންމު މުސްލިމުންނަށް ވެސް ފާޅުވެ ހާމަވެގެންނެވެ. އެހަނަސް ބިދުޢައިގެ އަހުލުވެރީންނަކީ އެމީހުންގެ ފަސާދަ ކޮންމެ މީހަކަށް ހާމަވެގެންވާ ބައެއް ނޫނެވެ." مجموع الفتاوى ٢٣
كثير بن زياد -رحمه الله- ވިދާޅުވެފައިވެ އެވެ. "ބުނެވެ އެވެ. ހަވާނަފްސުގެ އަހުލުވެރިންނަށް އެއްވެސް ޙުރުމަތެއް ލިބިގެން ނުވެ އެވެ." للالكائي في السنة 1-159
ކަންހުރި ގޮތަކީ މިއީ ކަމުގައި ވާ އިރު، އަހުރެންނަކީ ޔަހޫދީންގެ ނުބައި ވާހަކަ ދެއްކުމުން މަނާވެގަންނަ މީހެއްކަން ދައްކަން ތިކުރާ މަސައްކަތަކީ އަނިޔާވެރިކަމުގައި ހައްދުފަހަނައަޅައި ދިޔުން ނޫންހެއްޔެވެ؟
ޒާތީ ރުޅިވެރިކަމުގެ މިސާލެއް:
އަހުމަދު ސަމީރެވެ. ސުވާލެއް ކޮށްލާނަމެވެ. ސަމީރާއި ސަމީރުގެ ބައިވެރިން އަހުރެން ވަނީ ޔަހޫދީންނަށް ވާގިވެރިވަފައިކަމަށް ބުނެ އަހުރެންނާއި މެދު ތި އިންޒާރުދެނީ ހަޤީޤަތަށްވެސް އިސްލާމް ދީނަށް އޮންނަ ޣީރަތްތެރި ކަމެއްގެ ސަބަބުން ހެއްޔެވެ؟ ނޫނީ ޒާތީ ރުޅިވެރިކަމެއްގެ ސަބަބުން ހެއްޔެވެ؟ އަހަރެންގެ ގާތުގައި އެއީ ޒާތީ ރުޅިވެރިކަމެއްގެ ސަބަބުންކަން ބެލެވުން ގާތެވެ.
އެއީ ކީއްވެ ހެއްޔެވެ؟ ސަބަބަކީ ޔަހޫދީންނާއި ނަޞާރާއިންނަށް ޘަނާކިޔައިގެން ސަމީރު ރުޅިއަންނަނީ އަހަރެން ދެކެ އެކަނި ކަމުގައި ބެލެވޭތީ އެވެ. ޔަހޫދީންނަށް ޘަނާ ކިޔާ އެހެން މީހުން އެއީ ޢިލްމުވެރިން ކަމަށް ހަދައި އެމީހުންގެ ވާހަކަތައް ރިޓްވީޓްކޮށް އެމީހުންގެ މީސްތަކުންނަށް ފޯރުކޮށްދޭތީ އެވެ. އޭގެ މިސާލަކީ މަޝްހޫރު އިޚްވާނީއެއް ކަމުގައިވާ يوسف القرضاوي އެވެ.
يوسف القرضاوي އަކީ ޔަހޫދިންނަށް ޘަނާ ކިޔުމުގައި ދެވަނައެއްނުވާ ވަރުގެ މީހެކޭ ބުނުން އެއީ މުޅިން ދޮގެއް ކަމުގައި ނުވާނެއެވެ.
ﷲ سبحانه وتعالى ވަޙީ ކުރައްވާފައިވެއެވެ. يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا الْيَهُودَ وَالنَّصَارَىٰ أَوْلِيَاءَ المائدة: ٥١ "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ޔަހޫދީންނާއި ނަޞާރާއިން އެއީ، އެކުވެރިންކަމުގައި ނުބަލާށެވެ!"
يوسف القرضاوي މި އާޔަތާއި މެދުގައި އޭނާގެ الحلال والحرام މި ނަންކިޔުނު ފޮތުގައި (ޞ.307 ގައި) ބުނެފައިވެއެވެ. "މުޠުލަޤުކޮށް ހުރިހައި އެންމެން މިއާޔަތުގެ ތެރެއަށް ނުވަންނާނެ އެވެ! މި އާޔަތުގައި އެންމެހައި ޔަހޫދީންނެއް ނުވަތަ އެންމެހައި ނަޞާރާއިންނެއް ނުވަތަ އެންމެހައި ކާފަރުންނެއް ނުހިމެނޭނެ އެވެ."
މީނާގެ ފަހުމުގައި، މިއާޔަތުން ދޭހަވަނީ ބައެއް ޔަހޫދީންނާއި ބައެއް ނަޞާރާއިން އެއީ އެކުވެރިންކަމުގައި ނެގިދާނޭކަމަށެވެ.
އަދިވެސް القرضاوي ބުނެފައިވެއެވެ. "އަހަރެން (އެ ނަޞާރާއިންނަށް ނިސްބަތްކޮށް) ބުނަމެވެ. އެއީ އަހަރެމެންގެ މަސީޙީ (ކްރިސްޓިއަން) އަޚުންނެވެ. ބައެއް މީހުން އަހަރެންގެ މައްޗަށް އިންކާރުކޮށް، މަސީޙީންނަކީ އަހަރެމެންގެ އަޚުންނަށްވާނީ ކިހިނަކުންހޭ ބުނެއެވެ. (އަދި މިއާޔަތް ކިޔައެވެ.) إِنَّمَا الْمُؤْمِنُونَ إِخْوَةٌ الحجرات: ١٠ {މާނައީ: މުއުމިނުން ވާކަން ކަށަވަރީ އަޚުންތަކެއް ކަމުގައެވެ.} އާނއެކެވެ! އެންމެހާ މުއުމިނުންނަކީ އަޚުންނެވެ. އެބައިމީހުންނަކީ (އެބަހީ؛ ނަޞާރާއިންނަކީ) އެހެން ގޮތަކުން މުއުމިނުންނެވެ." برنامج الشريعة والحياة حلقة بعنوان غير المسلمين في ظل الشريعة الإسلامية بتاريخ 10/6/1418هـ.
އަދިވެސް މީނާ ބުނެފައިވެއެވެ. "އަހަރެމެން ކާފަރުން އެއީ ކާފަރުންނަށް ވެގެން އެމީހުންނާ ހަނގުރާމަ ނުކުރަމެވެ. އެހެނަސް އެބައިމީހުންނާ އަހަރެމެން ހަނގުރާމަ ކުރަނީ ޙައްޤަކާއި ނުލައި އަހަރެމެންގެ ބިން ފޭރިގެންފައި ވާތީ އެވެ." مجلة الراية عدد 4696 تاريخ 24/8/1415هـ.
އަޙްމަދު ސަމީރެވެ! މީނާ މިބުނަނީ ތިމަންނަމެން ކާފަރުންނާއި ހަނގުރާމަކުރަނީ ކާފަރުންނަށްވީތީއެއް ނޫނެވެ. ދީނީ ކަމަކާއި ހުރެއެއް ނޫނެވެ. އަދި ކިއެއްތަ! ބިމާއި ހުރެއެވެ.
القرضاوي އަދިވެސް ﷲ ގެ ބަސްފުޅުގެ މާނަ ބަދަލުކޮށް، ދީނުގައިވާ ޙުކުމް ބަދަލުކޮށް ބުނެފައިވެ އެވެ. "ބައެއް މީސްތަކުންނަށް މި އާޔަތް ފަހުމް ވާންޖެހޭނީ ކިހިނަކުންކަން އަހަރެން ބަޔާންކޮށްދީ ބުނަމެވެ. لَتَجِدَنَّ أَشَدَّ النَّاسِ عَدَاوَةً لِلَّذِينَ آمَنُوا الْيَهُودَ وَالَّذِينَ أَشْرَكُوا المائدة: ٨٢ "އީމާންވި މީހުންނަށް މީސްތަކުންކުރެ، ޢަދާވާތްތެރިކަން އެންމެބޮޑު ބަޔަކީ، ޔަހޫދީންނާއި އަދި ޝަރީކުކުޅަ މީހުންކަމުގައި އިބަނަބިއްޔާ ދެކިވަޑައިގަންނަވާނެ އެވެ." ހަމަކަށަވަރުން މިއީ ރަސޫލާ صلّى الله عليه وسلّم ގެ ޒަމާނުގައި ކަންތައް އޮތް ގޮތަކުން ބަޔާންވެފައިވާ ގޮތެވެ." الشريعة والحياة: الصراع بين المسلمين واليهود 7/8/1418هـ.
އޭނާ މިވަނީ އާޔަތުގައި އޮތް ޙުކުމް، އެއްވެސް ތާކުންތާކުޖެހޭ ދަލީލަކާއި ނުލައި ނަބިއްޔާ صلّى الله عليه وسلّم ގެ ޒަމާނަށް ޚާއްޞަކޮށްފައެވެ. އެހެންކަމުން، އޭނާ އެބުނަނީ މިޒަމާނުގައި އެފަދަ ޢަދާވާތްތެރިކަމެއް ނޯންނާޔޭ ތާ އެވެ؟
އަދިވެސް القرضاوي ބުނެފައި ވެއެވެ. "ޑިމޮކްރަސީގައި މިނިވަންކަން ޔަޤީންކޮށްދީފައިވެ އެވެ. އަދި މީސްތަކުން އަޅުވެތިކުރާ ވެރިން ވައްޓާލެވޭނެ އުސްލޫބްތައްވެ އެވެ. ޑިމޮކްރަސީގެ ބާބަކީ އިސްލާމީ ފިޤުހުގައި ފުޅާވެގެންވާ ބާބެކެވެ. ފަހެ، ޝޫރާއާ ޑިމޮކްރަސީއަކީ އެއް ނޫޓެއްގެ ދެ ފުށެވެ." جريدة الشرق عدد 2719 تاريخ 19/3/1416هـ
ރަސޫލާ صلّى الله عليه وسلّم ޙަދީޘް ކުރެއްވި އެވެ. (( إنَّ أبي وأباك في النار )) "ހަމަކަށަވަރުން ތިބާގެ ބައްޕަ އަދި ތިމަން ނަބިއްޔާގެ ބައްޕަ ވަނީ ނަރަކައިގަ އެވެ."
މި ޙަދީޘް ކިޔައިދިނުމަށްފަހު، القرضاوي، ސުންނަތައް ހަޖޫ ޖަހައި ބުނެފައިވެ އެވެ. "އަހަރެން ބުނަމެވެ. عبد الله بن عبد المطلب ނަރަކައަށް ވަންނަން ޖެހުމުގެ ކުށަކީ، ފާފައަކީ، ކޮބާ ހެއްޔެވެ؟ އޭނާވާނީ فترة ގެ އަހުލުވެރިންގެ ތެރެއިންނެވެ. ޞައްޙަ ގޮތަކީ އެބައިމީހުންނަކީ ސަލާމަތްތަކަން ލިބިގެންވާ މީހުންނެވެ." كيف نتعامل مع السنة النبوية ص97.
لاإله إلا الله! މިއީ މި އިންސާނާގެ ޙާލުހުރި ގޮތެވެ. ކަނޑައެޅިގެން ނަބިއްޔާ صلّى الله عليه وسلّم އާއި ދެބަސް ވަނީ އެވެ.
އެދައުލަތަކަށް "އިސްރާއީލް" ގެ ނަމުން ޔަހޫދިން ނަންދީފައިވާ އެބައިމީހުން ޔަހޫދީ ދައުލަތަށް ޘަނާ ކިޔަމުން القرضاوي ބުނެފައިވެ އެވެ. "އިސްރާއީލަށް އަހަރެމެން ޘަނާކިޔަނީ މިހެންވެގެނެވެ. އަހަރެމެން އުންމީދުކުރަނީ އަހަރެމެންގެ ޤައުމަކީވެސް އެފަދަ (އިސްރާއީލް ފަދަ) ޤައުމެއްކަމުގައި ވުމަށެވެ.
القرضاوي އަކީ، ޔަހޫދީން (ޔަހޫދީ ދައުލަތުގައި) ބޭއްވުނު އިންތިޚާބުގައި ނަތަންޔާހޫ އަށް 90 އެތަށް ޕަސެންޓެއް ލިބުމުން، ﷲ އަށް ނިސްބަތްކޮށް، ﷲ سبحانه وتعالى މީސްތަކުންގެ މައްޗަށް ފާޅުވިކަމުގައި ވިޔަސް މިފަދަ ނިސްބަތެއް ނުލިބޭނެ ކަމުގައި ބުނި މީހެކެވެ. އަދި އެއްފަހަރު ހަމަ އެ އޯޑިއޯ އަޑު އަހާލާށެވެ!
الشيخ محمّد بن صالح العثيمين -رحمه الله- އަރިހުގައި މިބަސްތައް ވިދާޅުވުމުން ޝެއިޚް ވިދާޅުވި އެވެ. "އޭނާއަށް އޮތީ ﷲ އަށް ތައުބާ ވުމެވެ. ނޫންނަމަ އޭނާގެ ބޯކެނޑުން ހުއްޓެވެ."
އަޙްމަދު ސަމީރެވެ! ޔަހޫދީން ދެކެ ލޯބިވާ، ނުވަތަ އެމީހުންނަށް އެއްބާރުލުންދޭ މީހުންނަކީ މިއީ އެވެ! ތިބާ، އަހަރެންގެ ބޮލުގައި އެތުހުމަތު އަޅުވައި ސިޓީލިޔެ ފެތުރުމަށްފަހު، ސޯޝަލް މީޑިއާގައި މީނާގެ ޓްވީޓްތައް ރިޓްވީޓްކުރީމާ އެ ހެދޭ ހިސާބުގެ ނަތީޖާއަކީ ކޮބައި ހެއްޔެވެ؟ އަހަންނާއި މުޢާމަލާތް ތިގޮތަށް ކުރީ ޒާތީ ނަފުރަތުގެ ސަބަބުން ނޫން އެހެން ސަބަބަކާއި ހުރެ ހެއްޔެވެ؟
މިފެންނަނީ ޔަހޫދީންނާއި މެދު، އަދި އިސްލާމީ ޝަރީޢަތާމެދު އިސްވެ ބަޔާންކުރެވުނު ފަދައިން ވާހަކަ ދެއްކި يوسف القرضاوي ގެ ބަސްތައް ތިބާ ރީޓްވީޓްކޮށްފައިވާތަނެވެ. އެވެސް އަދި ބޮޑު މުޒާހަރާއަކާއި ގުޅޭގޮތުން ދައްކާފައިވާ ވާހަކަތަކެކެވެ.
މި މިންވަރަށް މުޑުދާރު ބަސްތައް ބުނެފައިވާ މީސްތަކުން އެއީ ޢިލްމުވެރިންކަމުގައި ހަދާ މީހުން އަހުރެންނަކީ ޔަހޫދީންނަށް އެއްބާރުލުން ދޭ މީހެއްކަމުގައި ހަދައި އިނގިލި ދިއްކުރިއިރު އެމީހަކު ލަދު ނުގަންނަނީ ބާވަ އެވެ؟ އެއީ އިސްލާމްދީނުގައި ތަންދޮރު އެބަޔަކަށް އޮޅުންފިލާފައިވާ ބައެއް ބާވަ އެވެ. ޝައްކެތްވެސް ނެތެވެ. މިސުރުގައި އުފެދިފައިވާ ސިޔާސީޕާޓީ އިޚްވާނުލް މުސްލިމީންގެ އެންމެ ބޮޑު އެކަކީ القرضاوي ކަމުގައި ވުމުން، އެފަދަ އެހެން ސިޔާސީ މީސްތަކުންނަށް ޤަރަޟާވީއަކީ ރަނގަޅު މީހެއްކަމުގައި ނުވާނެ ގޮތެއް ނޯންނާނެ އެވެ. އެހެން ކަމުން ރަނގަޅު ފަޟީހަތަކުން ފަޟީހަތް ވާށެވެ.
ޔަހޫދީންގެ އަތްދަށުން ފަލަސްޠީނުގެ ފޭރިގަނެފައިވާ ބިންތައް އަތުލައި އެތަން މިނިވަންކުރުމަށް ޔަހޫދީންނާއި ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ޙަމާސް ޖަމާޢަތާއި ދެކޮޅަށް އަހުރެން ހަތިޔާރު ނަގާފައިވާ ކަމަށް އަހުމަދު ސަމީރު ބުނެފައިވުމުން، އެއިން އާންމުންނަށް އަންގައިދޭން ބޭނުންވަނީ މުސްލިމުންނާއި ކާފަރުންނާއި ދެމެދު ކުރެވޭ ހަނގުރާމައެއްގައި އަހަރެން ހަތިޔާރު އެޅީ މުސްލިމުންނާއި ދެކޮޅަށް ކަމެވެ. ތިފަދައިން އަހުރެން ކަންތައް ކުރިނަމަ، ގެއްލެނިވެ ހަލާކުވެގެންދާ އަބާއްޖަވެރިއެއްކަމުގައި އަހުރެން ވީކަން ކަށަވަރެވެ. ދަންނާށެވެ! އަހުރެން ހަތިޔާރު ނެގީ މުސްލިމުންނާއި އެއްކޮޅަށެވެ. އަދި އަނިޔާވެރި ކަމާއިއެކު މުސްލިމުން މަރާ ޔަހޫދީންނާއި ދެކޮޅަށެވެ. އަދި ހަމަ އެފަދައިން އަޑީގައި ތިބެގެން ސިޔާސީ ބޭނުންތަކަށް ޓަކައި ޔަހޫދީންނަށް އެ ފުރުޞަތު މަގުފަހި ކޮށްދިން ނުބައިވެގެންވާ ހަމާސް ޖަމާޢަތާއިވެސް ދެކޮޅަށެވެ.
ހަނގުރާމަތަކުގެ ޝިކާރައަކަށް މުސްލިމުން ހަދައި އެމީހުންގެ ލެޔަކީ އެއްވެސް އަގެއްނެތް އެއްޗެއް ކަމުގައި ހަދާ މުސްލިމުންގެ ލެޔަށް ޖޯކު ޖެހުމަކީ އިޚްވާނީ މަންހަޖުގެ މަތީގައި ފަތުވާދޭ ރޯނު އެދުރުންގެ ގާތުގައި ވަރަށް އާދައިގެ ކަމެއް ކަމުގައި ވީނަމަވެސް ސަލަފީ ރައްބާނީ ޢިލްމުވެރިންގެ އަރިހުގައި އެކަމަކީ ބޮޑުވެގެންވާ ކަމެކެވެ.
އަދި މުސްލިމުންގެ ލޭގެ މައްޗަށް ޣީރަތްތެރިވެ ހަރުއަޑުން އެފަދަ ޢަމަލުތަކަށް އިންކާރުކުރުމުގައި ކެނޑިނޭޅި އެ ޢިލްމުވެރިން ދެމި ތިބެއެވެ. ރަސޫލުﷲ صلى الله عليه وسلم ހަދީޘްފުޅު ކުރައްވާފައިވެ އެވެ. ((والَّذِي نَفْسِي بيده لَقَتْلُ مُؤْمِنٍ أَعْظَمُ عِنْدَ اللَّهِ من زَوَالِ الدُّنْيَا )) رواه الترمذي والنسائي 3986 "އެފަރާތެއްގެ އަތްޕުޅުގައި ތިމަން ނަބިއްޔާގެ ނަފްސުވާ އިލާހު ޤަންދީ ހުވާކޮށް ވިދާޅުވަމެވެ. ދުނިޔެ ނެތިވެގެން ދިޔުމަށްވުރެ ﷲ ގެ ހަޟްރަތުގައި މުއުމިނު އަޅަކު ޤަތުލުވެގެން ދިޔުން ބޮޑުވެގެންވާކަން ކަށަވަރެވެ." ފަހެ މުއުމިނު އަޅާގެ ލޭގެ ހުރުމަތްތެރިކަން ބަޔާންވެ ދިޔުމަށްޓަކައި މި ހަދީޘް އެކަނިވެސް ފުދެ އެވެ.
އަދިވެސް عبد الله بن عمر -رضي لله عنهما- ގެ އަރިހުން ރިވާވެގެންވާ ހަދީޘެއްގައި ވެއެވެ. ((رَأَيْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَطُوفُ بِالْكَعْبَةِ , وَيَقُولُ : " مَا أَطْيَبَكِ وَأَطْيَبَ رِيحَكِ , مَا أَعْظَمَكِ وَأَعْظَمَ حُرْمَتَكِ , وَالَّذِي نَفْسُ مُحَمَّدٍ بِيَدِهِ , لَحُرْمَةُ الْمُؤْمِنِ أَعْظَمُ عِنْدَ اللَّهِ حُرْمَةً مِنْكِ مَالِهِ وَدَمِهِ وَأَنْ , نَظُنَّ بِهِ إِلَّا خَيْرًا )) سنن ابن ماجه رقم الحديث: 3930 رسول الله صلى الله عليه وسلم މިފަދައިން ހަދީޘްފުޅު ކުރައްވަމުން ކަޢުބާ ވަށައިގެން ތަވާފު ކުރަނިކޮށް ތިމަންނަ ދުށީމެވެ. "އޭ ކަޢުބާއެވެ. ތިބާގެ ހެޔޮކަމާއެވެ. އަދި ތިބާގެ ވަހުގެ މީރުކަމާ އެވެ. އަދި ތިބާގެ މަތިވެރިކަމާ އެވެ. އަދި ތިބާގެ ހުރުމަތްތެރިކަމުގެ މަތިވެރިކަމާ އެވެ. އެފަރާތެއްގެ އަތްޕުޅުގައި مُحَمَّد صلى الله عليه وسلم ގެ ފުރާނަ ވާ އިލާހު ގަންދީ ހަދީޘްފުޅު ކުރައްވަމެވެ. މުއުމިނު އަޅާއާއި އަދި އޭނާގެ ލެޔާއި މުދާ ތިބާގެ ހުރުމަތަށްވުރެ ބޮޑުވެގެންވާކަން ކަށަވަރެވެ. އަދި ހެޔޮގޮތުގައި މެނުވީ އަހަރެމެން މުއިމިނު އަޅާ ދޭތެރޭ ދެކިގެން ނުވާނެއެވެ."
ކައުބާގެ ހުރުމަތަށްވުރެ މުއުމިނު އެންމެ އަޅެއްގެ ލޭ ﷲ ގެ ހަޟްރަތުގައި ހުރުމަތްތެރި ވެގެންވާކަން އެނގިދިޔުމުން އަހަރެމެން ހުރިހާ މުސްލިމުންގެ މައްޗަށް ވާޖބު ވެގެންވަނީ އެމީހުންގެ ހިތްތަކުގައިވެސް މުސްލިމުންގެ ލެޔާއި މެދު އެފަދަ ހުރުމަތްތެރިކަމެއް ބެހެއްޓުމެވެ.
ރަސޫލުﷲ صلى الله عليه وسلم ހަދީޘް ފުޅު ކުރައްވާފައިވެއެވެ. (( لا يحل دم امرئ مسلم يشهد أن لا إله إلا الله ، وأني رسول الله ، إلا بإحدى ثلاث : الثيّب الزاني ، والنفس بالنفس ، والتارك لدينه المفارق للجماعة )) رواه البخاري و مسلم "މުސްލިމު މީހެއްގެ ލޭ ތިންކަމަކުން މެނުވީ ޙަލާލު ވެގެން ނުވެއެވެ. ޒިނޭ ކުރާ ޘައްޔިބު މީހާ (ޝަރުޢީ އަޤުދަކުން ކައިވެނި ކޮށްފައިވާ މީހާ)، ނަފްސަކަށް ނަފްސެއް އަދި ދީން ދޫކޮށް ޖަމާޢަތާއި ވަކިވާ މީހާ އެވެ."
ރައްބާނީ ޢިލްމުވެރިން އެބޭކަލުންގެ ހިތްތަކުން ނުހަނު ބޮޑުވެގެންވާ ޤަދަރެއް މި ޙަދީޘްތަަކަށް ދެއްވި އެވެ. އެއީ މުސްލިމުންގެ ލޭގެ ހުރުމަތްތެރިކަން އެންމެ ބޮޑަށް ވިސްނި އެކަމުގެ މައްޗަށް ﷲ އަށް ހައްޤު ގޮތުގައި ބިރުގަތުން އައުލާކަން ބޮޑުވެގެންވަނީ އެ ޢިލްމުވެރިން ކަމުގައި ވާތީއެވެ.
1435 އަހަރުގައި ފަލަސްޠީނުގައި އަނިޔާވެރި ޔަހޫދީން މުސްލިމުންނަށް ދެމުން ގެންދިޔަ ލާއިންސާނީ އަނިޔާވެރި ޢަމަލުތައް ހިންގަމުންދިޔަ ދުވަސްތަކުގައި، الإمام الألباني -رحمه الله- ގެ ދަރިވަރުންގެ ތެރެއިން ދަރިވަރެއްކަމުގައިވާ، މިއަދު މައްކާގައި ޤާއިމުވެ ހުންނެވި އައްޝެއިޚް محمد بازمول -حفظه الله - ސޯޝަލް މީޑިއާގައި އެދުވަސް ތަކުގައި ލިޔުއްވި އެވެ. "ޔަހޫދީން މުސްލިމުން ޤަތުލުކުރާކަން އެނގިތިބެ، އަދި އަމިއްލަ އަތުގައި އެމީހުންނާއި ދެކޮޅަށް ނުކުތުމުގެ ކުޅަދާނަކަން ނެތްކަން އެނގިހުރެ، ފަހެ، އެހެންވުމުން މިކަމުން ދޭހަވެގެންދަނީ ތިޔަބައިމީހުން (ޙަމާސް) ބޭނުންވަނީ މުސްލިމުން މަރުވެގެން ދިޔުމެވެ. އެ ޔަހޫދީން ހިންގުމަށް ބެނުންވާ ކަންތައްތަކުގައި ތިޔަބައިމީހުން (ޙަމާސް) ވަނީ އެމީހުންނަށް ވާގިވެރިވެފަ އެވެ."
އަހުމަދު ސަމީރެވެ. މި ޢިލްމުވެރިޔާއަކީ الإمام الألباني -رحمه الله- ގެ ދަރިވަރުންގެ ތެރެއިން މިހާރު ދުނިޔޭގައި ހުންނެވި އެއް ދަރިވަރެވެ. އަދި މައްކާގެ އުއްމުލް ޤުރާ ޔުނިވަރސިޓީގައި ކީރިތި ޤުރުއާނާއި ސުންނަތުގެ ޢިލްމުން ޕީ.އެޗް.ޑީ ހާސިލްކުރައްވައިގެން ހުންނެވި ޢިލްމުވެރި ބޭފުޅެކެވެ. އަދި މިހާރު އުއްމުލް ޤުރާ ޔުނިވަރސިޓީގެ މާސްޓާރސް އަދި ޕީ.އެޗް.ޑީ މަރުހަލާއަށް ކިޔަވައިދެއްވާ ޕްރޮފެސަރެކެވެ. މިފަދަ ޢިލްމުވެރި ބޭފުޅަކު އެދުވަސްތަކުގައި މިފަދައިން ބަޔާންކުރުމުން އެއީ ޒަޔަނިސްޓް ޔަހޫދީންގެ ސަފުތަކަށް ބާރުވެރިކުރުވާ މުސްލިމުންގެ ސަފުތައް ބަލިކަށި ކުރުމަށް އެޅި ފިޔަވަޅެއްކަމުގައި ޢިލްމުވެރިންނާއި ޢިލްމުވެރިންގެ ގަދަރު ދަންނަ މީހަކު ބުނާނެ ހެއްޔެވެ؟ މީގެ ކުރިން الإمام الألباني -رحمه الله- އާއި الإمام مقبل -رحمه الله- ގެ ބަސްފުޅުތައް އެބޭކަލުން ވިދާޅުވެފައިވަނީ ޔަހޫދީންނާއި ޙަމާސް ޖަމާޢަތާ ދެމެދު ސުލްހަވެފައި އޮތް ޒަމާނެއްގައި ހެއްޔެވެ؟
އަހުމަދު ސަމީރެވެ. ﷲ ޖިހާދު ޝަރުޢު ކުރެއްވީ ތަފާތު މަރުޙަލާތަކެއްގައެވެ.
(1) އެންމެ ފުރަތަމަ، މަރުހަލާއަކީ ހަނގުރާމަ ކުރުމުން އަތްތައް އެއްކިބާކުރުމެވެ.
(2) ދެވަނަ، މަރުހަލާއަކީ ހަނގުރާމަކުރުމަށް އަމުރުކުރުމަކާ ނުލައި އިޛުނަދެވުމެވެ.
(3) ތިންވަނަ، މަރުޙަލާ އަކީ މުސްލިމުންނާ ހަނގުރާމަ ކުރުމުގައި ދެމިތިބި މީސްތަކުންނާ ހަނގުރާމަކުރުމާއި އެނޫން އެންމެހައި މީސްތަކުންގެ ކިބައިން އަތްތައް އެއްކިބާކުރުމެވެ.
(4) ހަތަރުވަނަ، މަރުޙަލާ އަކީ އެންމެހައި ކާފިރުންގެ (އެއީ، ކުފުރު ފަތުރައި، ކުފުރަށް ދަޢުވަތު ދިނުމުގައިވާ ކާފިރުން) މައްޗަށް ހަނގުރާމަކުރުމަށް ބަޔާންވެގެންވާ މަރުޙަލާ އެވެ. އެއީ އެބަޔަކު އަމާންދިނުމަށް ދާންދެން ނުވަތަ ޖިޒިޔަ ދިނުމަށް ދާންދެނެވެ. މިތަނުން އެއްވެސް މަރުހަލާއެއް މަންސޫޚުވެފައި ނުވާކަމަށް ޢިލްމުވެރިން ދެކިލައްވައެވެ.
ابن المناصف -رحمه الله- ޖިހާދުކުރުމުގެ އެންމެހައި މަރުޙަލާތައް ޛިކުރު ކުރެއްވުމަށް ފަހުގައި ވިދާޅުވެފައިވެ އެވެ. "މި މަރުޙަލާތައް ބަޔާންވެގެންވާ އެއްވެސް އާޔަތެއް މަންސޫޚު ވެފައެއްނުވެ އެވެ. އެހެނަސް މިކަމުގައި ވާޖިބުވެގެންވަނީ ކާފަރުންނާ ބައްދަލުވެ ބާރުވެރިކަމުގެ ގޮތުން އަޅާބަލާ ގޮތުގެ ޙާލަތްތަކަށް ބެލުމެވެ. މިކަމަށް ބުރަވާ ބަހަކީ މިއެވެ. و الله أَعْلَمُ. ދަލީލެއް މަންސޫޚުވެގެންވާ ކަމަށް ދާންޖެހޭނީ، އެގޮތުގައި ވާރިދުވެގެންވާ ދަލީލުތައް ޖަމަޢަކުރެވެން ނެތުމުންނެވެ. އަދި އެއަށްފަހުގައި ފުރަތަމަ ވާރިދުވި ދަލީލުހޯދައި އަދި ފަހުން ވާރިދުވި ދަލީލު ހޯދުމަށްފަހުގައި ކުރީގެ ދަލީލުއެއީ މަންސޫޚުވެގެންވާ ޙުކުމްގެ ގޮތުގައި ބަލާނީ އެވެ. މިޙާލަތުގައި ނޫނީ މަންސޫޚު ކުރުމަށް ގޮސްގެންނުވާނެ އެވެ." الإتحاد في أبواب الجهاد (1/ 27). އެހެންކަމުން محمد بازمول -حفظه الله - ގެ މިބަސްތަކަކީ ކިހާ ޢިލްމީ ބަސްތަކެއްކަން ހާމަވެގެންދެއެވެ.
ޙަމާސް ޖަމާޢަތާއި ދެކޮޅަށް އަހުރެން ލިޔުނު ރައްދަކީ ހަމައެކަނި ޢައިބު ކިޔުން ނުވަތަ ހަޖޫ ޖެހުން ކަމުގައި އަޙުމަދު ސަމީރު ސިފަކޮށްފައި ވުންވެސް ޢަދުލު އިންސާފުން އެއްކިބާވެފައިވާ މިންވަރު ނުވަތަ ޢިލްމީ އުސޫލްތަކާއި މެދު ޣާފިލުވެފައިވާ މިންވަރު ހާމަވެގެންދެ އެވެ. ރައްދުތަކަކީ ހަޖޫ ޖަހަން ލިޔާ އެއްޗެއް ނޫނެވެ. އެހެނަސް އެކަމުގައި ނުހަނު ގިނަގުނަ ޝިއާރުތަކެއް ވެއެވެ. އެގޮތުން އެއީ އިސްލާމީ އުންމަތަށް ދެވޭ ނަސޭހަތެކެވެ. ފަހެ ދީނަކީ ނަސޭހަތެއްކަން تميم الداري -رضي الله عنه – ގެ (( الدّين النّصيحة )) މި ހަދީޘުން ޘާބިތުވެގެން ދެއެވެ. ހަމައެފަދައިން އެކަންވަނީ ހެޔޮ ކަންތަކަށް އަމުރުކޮށް މުންކަރާތްތައް ނަހީ ކުރުމުގެ މަތިވެރި ޝިއާރުގެ ތެރެއިންނެވެ.
لُعِنَ الَّذِينَ كَفَرُوا مِن بَنِي إِسْرَائِيلَ عَلَىٰ لِسَانِ دَاوُودَ وَعِيسَى ابْنِ مَرْيَمَ ۚ ذَٰلِكَ بِمَا عَصَوا وَّكَانُوا يَعْتَدُونَ (78) كَانُوا لَا يَتَنَاهَوْنَ عَن مُّنكَرٍ فَعَلُوهُ ۚ لَبِئْسَ مَا كَانُوا يَفْعَلُونَ المائدة: ٧٨ – ٧٩ "إسرائيل ގެދަރިންގެ ތެރެއިން، كافر ވި މީހުންނަށް، داود ގެފާނާއި، مريم ގެފާނުގެ ދަރިކަލުން عيسى ގެފާނުގެ ދޫފުޅުމަތިން لعنة ލައްވާފައިވެ އެވެ. އެއީ އެއުރެން އުރެދުނު ކަމަށްޓަކައެވެ. އަދި އުރެދުމުގައި ހައްދުފަހަނަޅައިދާކަމުގައި އެއުރެން ވީކަމަށްޓަކައެވެ. އެބައިމީހުން ކުޅަ ނުބައިކަންތައް، އެއްބަޔަކު އަނެއްބަޔަކަށް ނަހީކޮށެއް ނުއުޅެތެވެ. އެއުރެން ކޮށްއުޅުނު ކަންތަކުގެ ނުބައިކަމާއެވެ!"
ހަމަ އެފަދައިން އެކަން ވަނީ ޢިލްމު ފޮރުވުމަކާއި ނުލައި އެ ޢިލްމު މީސްތަކުންނަށް ފޯރުކޮށްދިނުމުގައި އަމާނާތްތެރިވުމުގެ މަތިވެރި ޝިއާރުގެ ތެރެއިންނެވެ. إِنَّ الَّذِينَ يَكْتُمُونَ مَا أَنْزَلْنَا مِنَ الْبَيِّنَاتِ وَالْهُدَىٰ مِنْ بَعْدِ مَا بَيَّنَّاهُ لِلنَّاسِ فِي الْكِتَابِ ۙ أُولَٰئِكَ يَلْعَنُهُمُ اللَّهُ وَيَلْعَنُهُمُ اللَّاعِنُونَ البقرة: ١٥٩ "ހަމަކަށަވަރުން ބަޔާންވެގެންވާ ހެކިތަކާއި ތެދުމަގުގެ ތެރެއިން ތިމަން އިލާހުގެ ބާވައިލެއްވި ތަކެތި މީސްތަކުންނަށް ތިމަންއިލާހު އެފޮތުގައި ބަޔާންކޮށް ދެއްވުމަށްފަހު، އެތަކެތި ވަންހަނާކުރާ މީހުން (ދަންނާށެވެ!) އެއުރެންނަށް اللَّه، لعنة ލައްވާނެތެވެ. އަދި لعنة ދޭ މީހުންވެސް އެއުރެންނަށް لعنة ދޭނެތެވެ."
ހަމައެފަދައިން އެކަން ވަނީ ބާތިލުގެ މައްޗަށް ހަނު ހުރުމުގެ ބަދަލުގައި ޙައްޤުބަސް ބުނުމުގެ މަތިވެރި ހިތްވަރާއި ޢަޒުމުގެ މާތްވެގެންވާ ޝިއާރުގެ ތެރެއިންނެވެ. ހަމަ އެފަދައިން އެހެން ހުރިހާ ކަމެއްގެ މައްޗަށް اللَّه سبحانه وتعالى ގެ ދީނުގައިވާ ހައްޤުގޮތް ވަކި ބައެއްގެ މަސްލަހަތަށް ބެލުމެއްނެތި ހާމަކުރުމުގެ މަތިވެރި ޝިއާރުގެ ތެރެއިންވެސް މެއެވެ.
ދެން އެއަށްފަހު ޝެއިޚުގެ ބަސްފުޅު އަހުމަދު ސަމީރު ނަޤުލު ކޮށްފައި ވެއެވެ.
ހަމާސް ޖަމާއަތުގެ ހަގީގަތް ބަޔާންކޮށް އިލްމުވެރީން ވިދާޅުވެފައިވާ ބަސްފުޅުތަކާ އެކީ އަހަރެން ރައްދެއް ލިޔުމުން އަހަރެންގެ މައްޗައް الشيخ الألباني -رحمه الله- ގެ އޯޑިއޯއެއް ގެނެއުމަކީ ޙައިރާންކުރުވަނިވި ކަމެކެވެ. އެއީ ސަބަބުތަކެއް ނެތިއެއް ނޫނެވެ.
الشيخ الألباني -رحمه الله- ގެ ނަސޭހަތުގެ އަގުހުރި ބަސްކޮޅު މި ދަނޑިވަޅަށް ފެތޭނެ ގޮތެއް އަހަރެންނަށް ނުވިސްނޭތީ އެވެ. ފަލަސްތީނަކީ ޙަމާސް އެއް ނޫނެވެ. އަދި ޙަމާސް އަކީ ފަލަސްތީނެއް ނޫނެވެ. އަހަރެން ރައްދު ލިޔުނީ ފަލަސްތީނުގެ މުސްލިމުންނާއި ދެކޮޅަކަށް ނޫނެވެ. އެހެނަސް އަހަރެން ރައްދު ލިޔުނީ ފަލަސްތީނުގެ އެ ނިކަމެތި މުސްލިމުން ޔަހޫދީންގެ އަތުން ގަތުލުކުރުމަށްޓަކައި މަސައްކަތް ކުރާ ޙަމާސް ޖަމާޢަތާ ދެކޮޅަށެވެ.
ކުރިންވެސް އިޝާރަތް ކުރި ފަދައިން ޙަމާސް ޖަމާޢަތަކީ الله ގެ ކަލިމަފުޅު މަތިވެރި ކުރުމުގެ ގޮތުން އިސްލާމް ދީނުގެ ނަމުގައި ޖިހާދު ކުރީ ބައެއް ކަމުގައި ހަމި ހިލާ އަހަރަމެން ގަބޫލެއް ނުކުރާނަމެވެ. އޭގެ ބަދަލުގައި އެމީހުންނަކީ މަގާމާއި ޝަރަފުގެ ދަހިވެތި ކަމުގައި އެއްވެސް ވަރަކަށް އިސްލާމީ ޙުދޫދުތަކަށް ބެލުމެއް ނެތި ދުނެވީ ސިޔާސީ އެދުންތަކަށް ފެން ބޮވައިގެންފައިވާ ސިޔާސީ ޖަމާޢަތެއްކަން ކިތަންމެ ވިސްނުން ކޮށި މީހާއަށް ވެސް ދޭހަވާނެ މިންވަރަށް އަހަރެން ވާނީ މި ލިޔުމުގައި ބަޔާންކޮށްދީފަ އެެވެ. ދެން އެމީހުންގެ ޙަޤީޤަތް އެ އިލްމުވެރިއަކަށް ސާފު ނުވާ އިލްމުވެރިއެއްގެ އަނގައިން ބޭރުވި ބަހެއް މި ހުރިހާ ޙުއްޖައްތަކުގެ މައްޗައް އިސްކުރުމަކީ ޒަމާނުއްސުރެ ހަވާ ނަފުސުގެ އަހުލުވެރީން އިޚްތިޔާރު ކޮށްފައިވާ ގޮތް ކަމާމެދު އެއްވެސް ޝައްކެތް ނެތެވެ.
އަދި މިއަށް ވުރެ ބޮޑަށް ހައިރާންކުރުވަނިވި ކަމަކީ ޙަމާސް ޖަމާޢަތާ މެދު الشيخ الألباني -رحمه الله- ދެކި ލައްވާ ގޮތް ސާފު ސީދާކޮށް ހާމަވާން އޮއްވައި، ދުރުދުރުން ކަމާ ނުގުޅޭ ފަތުވާއެއް ގެނައުމުން އެކަމުގެ ފަހަތުގައި ފޮރިވެގެންވާ މަގުސަދާމެދެ އުފެދޭ ސުވާލެވެ. الشيخ الألباني -رحمه الله- ގެ ފަތުވާ މި ލިޔުމުގައި އިސްވެ ބަޔާންކޮށްދެވިފައި ވާނެ އެވެ. މީގެ އިތުރުން الشيخ مُقبل -رحمه الله- ގެ ފަތުވާވެސް އެ ޞަފްޙާތަކުގައި ގެނެސްދެވިފައި ވާނެ އެވެ.
ދަންނާށެވެ! މިދަނޑިވަޅަކީ الشيخ الألباني -رحمه الله- ގެ އޯޑިއޯ އެއްގެ ބޭނުންކޮށްގެން ބާޠިލްގައިވާ ބަޔަކު ދިފާޢުކުރަންވީ ދަނޑިވަޅެއް ނޫނެވެ. އޭގެ ބަދަލުގައި މިދަނޑިވަޅަކީ ސެކިއުލަރ ޖަމާޢަތްތަކާއި އަދި ދުނިޔެވީ ސިޔާސީ ބޭނުންތަކަށްޓަކައި މުސްލިމުންނާއި ދެކޮޅަށް އެ ޖަމާޢަތްތަކަށް ވާގިވެރިވާ ޖަމާޢަތްތަކާއި ބެހޭގޮތުން ވާހަކަ ދައްކަންވީ ދަނޑިވަޅެވެ. މިއީ އަހަރެންގެ އަމިއްލަ ފަހުމެއް ނޫނެވެ. އޭގެ ބަދަލުގައި ޢިލްމުވެރިން ދައްކާފައި ވާހަކަތަކެވެ. ކުރިން އިޝާރާތްކުރި الشيخ محمّد بازمول -حفظه الله- ގެ ވާހަކައިން މިކަން ވަރަށް ސާފެވެ. އަދި އެދަނޑިވަޅުގައި ޝެއިޚް އެވާހަކަ ދެއްކީ އެކަމުގައި އެއްވެސް ހުރަހެއް ނެތްކަމަށް ދެކިލައްވައިގެންނެވެ. ސަބަބަކީ ޙަމާސް ޖަމާޢަތާއި ބެހޭގޮތުން ވާހަކަ ދެއްކުމަކީ ފަލަސްޠީނުގެ އާންމު މުސްލިމުންނާއި ދެކޮޅަށް ވާހަކަ ދެއްކުން ކަމުގައި ނުވާތީ އެވެ. ހަމަ އެފަދައިން ޔަހޫދީންނަށް އެއްބާރުލުން ދިނުން އެކަމުން ލާޒިމްވެސް ނުކުރާތީއެވެ.
އަޙްމަދު ސަމީރެވެ! މި ދަނޑިވަޅަށް ފަހުގައިވެސް ޙަމާސް ޖަމާޢަތާއި ބެހޭގޮތުން އަޙުމަދު ސަމީރުމެންގެ ބަހެއް ހާމަކޮށްފައި ނެތުމަކީ ކޮންމެހެން އެވާހަކަ ދެއްކި ދަނޑިވަޅު ކަމުނުގޮސްގެން ނޫންކަން ހާމަ ވެގެންދެ އެވެ. އެހެނީ އެހިނގައިދިޔަ ކަންތައްތަކަށް އެތައް އަހަރުތަކެއް ފާއިތުވެއްޖެ އެވެ. މިފަދަ ނުބައި އިޚްވާނީ ޖަމާޢަތަކަށް އިންކާރުކުރުމުގެ ގޮތުން ތިބާ ބުނެފައިވާ އެންމެ ބަހެއްވެސް ނިކަން އަހަރުމެންނާއި ޙިއްސާކޮށްލަ ބަލާށެވެ!
އެހެނަސް، ތިބާގެ ފަރާތުން ފެންނަނީ މިފޮޓޯގައި ވާފަދަ ކަންކަމެވެ. މިތަނުގައި މިވަނީ ޙަމާސްގެ ލީޑަރެއް ކަމުގައިވާ مشعل ގެ ވާހަކަތަކެއް ޝެއަރ ކޮށްފައެވެ. މިއީ خالد مشعل ބަސްތަކެއް ކަމުގައިވާނަމަ، ޙަމާސްއަކީ ދީނީ ބައެއް ނޫންކަމާއި، ސިޔާސީ ޙަރަކާތެއްކަމުގައި އަމިއްލަ ދުލުން ބުނާއަޑު މި ލިންކުގެ، ގާތްގަނޑަކަށް 2 މިނިޓު 35 ވަނަ ސިކުންތާ ހިސާބުން އަޑުއިވޭނެއެވެ. http://safeshare.tv/w/nJYwFcimWP
އަޙްމަދު ސަމީރެވެ! އިޚްވާނުލް މުސްލިމީންއަކީ ބިދުޢަވެރި ޖަމާޢަތެއް ކަމުގައި ޢިލްމުވެރިން ވަނީ ނިންމާފައެވެ. އެއީ އަހްލުއް ސުންނަތުގެ ތެރެއިންވާ ބައެއް ކަމުގައި ނުވާނޭ ކަމަށް ވިދާޅުވެފައެވެ. ޢިލްމުވެރިންވަނީ އެމީހުންގެ ކިބައިން ބަރީއަވެވަޑައިގެންފައެވެ. ޙަމާސްޖަމާޢަތަކީ މިމީހުންނަށް ބައިޢަތު ހިފައިފައިވާ ބައެކެވެ. އެމީހުން އެންމެން އެކީ އެކައްޗަކަށް އަޑުނަގައި އިޚްވާނުލް މުސްލިމީންއަށް ބައިޢަތު ހިފައި އެމީހުންގެ މަގުގައި ހަނގުރާމަކުރުމަށް އަޙުދުވެ ވަޢުދުވާ މަންޒަރު ރެކޯޑްކުރެވިފައިވީ ވީޑިއޯ މި ލިޔުމުގައި އިސްވެ ލިންކުކުރެވިފައި ވާނެއެވެ. އަޙްމަދު ސަމީރެވެ! ތިބާ ތިވަނީ އެފަދަ މީހުންނާއި އެފަދަ ޖަމާޢަތެއްގެ ދިފާޢުގައި ތެދުވެފައެވެ. އެމީހުންގެ ޙަޤީޤަތް ބަޔާންކުރަން އުޅުނު މީހުންނާ ހަނގުރާމަ ފަށައިފައެވެ. ތިބާ ތިވަނީ އެމީހުންގެ ބަސްތައް ފާޅުގޮތުގައި ފޭސްބުކްގައި ޝެއަރ ކޮށްފައެވެ. ތިބާ އެމީހުންނާ މެދު ދެކޭ ގޮތް އެންމެނަށް އަންގައިފައެވެ. ސަމީރު ފޮނުވި އިރުޝާދުގެ ދެވަނަ ސިޓީގައި ހިސާބު ހެދި ގޮތަށް، މިތަނުގައިވެސް ހެދޭ ހިސާބުގެ ނަތީޖާއާ މެދު ވިސްނައިލާށެވެ!
الإمام العلّامة الشّيخ ابن باز -رحمه الله- އަށް ސުވާލު ދެންނެވުނެވެ. ބިދުޢަވެރިންނަށް ޘަނާކިޔައި، މަދަޙަ ކިޔާ މީހާއަކީ އެފަދަ ބިދުޢަވެރިންގެ ތެރެއިންވާ މީހެއް ކަމުގައި ހެދޭނެ ހެއްޔެވެ؟
ޖަވާބު : ”އާއެކެވެ. ތިކަމުގައި އެއްވެސް ޝައްކެތްނެތެވެ. ބިދުޢައިގެ އަހުލުވެރިންނަށް ޘަނާކިޔައި މަދަޙަ ކިޔާ މީހަކީ އެއަށް ދަޢުވަތުދޭ މީހެކެވެ. އަދި އެފަދަ މީހާއަކީ އެއަށް ދަޢުވަތު ދިނުމުގައިވާ (ދާޢީ އެކެވެ.) نسأل الله العافية“
އަޙްމަދު ސަމީރެވެ! ބިދުޢަވެރި އިޚްވާނީ ޖަމާޢަތުގެ އެއްފިޔަ ކަމުގައިވާ ޙަމާސް ޖަމާޢަތަށް ތިބާ ޘަނާ ކިޔުމުން ދެން، މީހަކު ތިބާވަނީ އެމީހުންގެ ތެރެއިންނޭ ބުނެފިނަމަ އެމީހާ ކުށްވެރި ނުކުރާށެވެ! އެމީހާއަކީ ޙައްދު ފަހަނައަޅައި ގޮސްފައިވާ މީހަކު ކަމުގައި ނަހަދާށެވެ! ޙައްދު ފަހަނައަޅައި ދިޔުމަކީ އެފަދަ ޖަމާޢަތްތައް ދިފާޢުކުރުމެވެ. އެމީހުންގެ ޙަޤީޤަތް ފޮރުވުމެވެ. ޙައްދު ފަހަނައަޅައި ދިޔުމަކީ، އަދި އުއްމަތަށް ޚިޔާނަތްތެރިވުމަކީ އެއީއެވެ!
އަޙްމަދު ސަމީރު ގެނައި އޯޑިއޯ އަކީ އޭގެ އަސްލުގައި މައުޟޫއާއި ގުޅުމެއް ނެތް އޯޑިއޯއެއް ކަމުން އޭގެ މައްޗަށް ބިނާކޮށް ސަމީރު ދެން އިތުރަށް ދައްކާފައިވާ ވާހަކަތަކުގެ އެއްވެސް އަސާސެއް ނެތްކަން ހާމަވެގެންދެ އެވެ. ވީމާ الشيخ الألباني -رحمه الله- ގެ މި އޯޑިއޯއިން ސަމީރަށް ލިބޭނެ އެއްވެސް ނަސީބެއް ނެތްކަން ވަރަށް ހިތާމައާއި އެކު ބުނަމެވެ.
އެހެނަސް އެންމެ ދެކަމެއް ފިޔަވައެވެ. ފުރަތަމަ ކަމަކީ ޙަމާސް ޖަމާޢަތަކީ އިޚްވާނީ ޖަމާޢަތެއް ކަމުގައި ވުމުން ފަހަރެއްގައި އެމީހުންނާއި މެދު ހިތުގައި އޮވެދާނެ ޣީރަތްތެރި ކަމެއްގެ ސަބަބުން ކޮންމެވެސް ގޮތަކުން ކޮންމެވެސް އެއްޗެކޭ ކިޔައިގެން އެމީހުންގެ ދިފާޢުގައި ނުކުތުމުން ލިބޭ ހިންހަމަޖެހުމެވެ. އަދި ހަމަ އެފަދައިން އިޚްވާނުންގެ ބޮޑެއް ކަމުގައިވާ ސަލްމާން އައުދާއަށް الشيخ الألباني -رحمه الله- ނުސީދާ ގޮތެއްގައި ޘަނާކިޔާކަން ދައްކަން ބޭނުން ނަމަ އެކަންވެސް ހާސިލުވެދާނެއެވެ.
وصلّى الله وسلّم على نبيّنا محمّد وعلى آله وأصحابه أجمعين، والحمد لله ربّ العالمين
(ނުނިމޭ)
10 ذي الحجة 1440
މުޙައްމަދު ޙަސަން
ރެޑްސީ، ގދ.ތިނަދޫ
(ތިރީގައިވާ ލިންކުގައި މި ލިޔުމުގެ 44 ޞަފްޙާގެ ޕީޑީއެފް ފައިލް އެޓެޗް ކުރެވިފައި)