ރަސޫލާ صلى الله عليه وسلم ދަމުނަމާދު ކުރެއްވި ގޮތް - أُسْتَاذ أبو عبد الله سلمان رشيد حفظه الله

ރަސޫލާ صلى الله عليه وسلم ދަމުނަމާދު ކުރެއްވި ގޮތް
بسم الله الرحمن الرحيم
ރަސޫލާ صلى الله عليه وسلم ދަމުނަމާދު ކުރެއްވީ ވަރަށްވެސް ދިގުކޮށް ކިޔަވައިގެން އަދި ވަރަށްގިނައިރު ކޮޅަށް ހުންނަވައިގެންނެވެ.
عَنْ عَبْدِ اللَّهِ رَضِيَ اللَّهُ عَنْهُ، قَالَ: «صَلَّيْتُ مَعَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ لَيْلَةً، فَلَمْ يَزَلْ قَائِمًا حَتَّى هَمَمْتُ بِأَمْرِ سَوْءٍ» ، قُلْنَا: وَمَا هَمَمْتَ؟ قَالَ: هَمَمْتُ أَنْ أَقْعُدَ وَأَذَرَ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ ]أخرجه البخاري [
ޢަބްދުﷲ އިބުނު މަސްޢޫދު رضي الله عنه ވިދާޅުވިއެވެ. " ރޭގަނޑެއްގައި ތިމަންނަ ނަބިއްޔާ ‘ އާ އެކީގައި ނަމާދުކުރީމެވެ. ފަހެ، އަހަރެންގެ ޤަޞްދު ނުބައިވަންދެން ( މާނައަކީ އަދަބާ ޚިލާފު ކަމެއް ކުރުމަށް ބޭނުން ވަންދެން ) ނަބިއްޔާ ‘ ( ނަމާދުގައި ) ކޮޅަށް ހުންނެވިއެވެ. ޢަބްދުﷲ އިބުނު މަސްޢޫދު ވިދާޅުވިއެވެ. ނަބިއްޔާ ‘ ޤިޔާމުގައި ދޫކުރެއްވުމަށްފަހު އިށީނުމަށް އަހަރެން ޤަޞްދުކުރީމެވެ."
އިބުނު ޙަޖަރު رحمه الله މިޙަދީޘްގެ ޝަރަޙައިގައި ވިދާޅުވެފައިވެއެވެ. ރޭގަނޑުގައި ކުރާނަމާދުގައި ނަބިއްޔާ ‘ ދިގުކޮށްކުރުން އިޚްތިޔާރު ކުރާކަން މިޙަދީޘުން ދަލީލުކުރެއެވެ. އަދި ޢަބްދުﷲ އިބުނު މަސްޢޫދަކީ ވަރުގަދައަކަށް ނަބިއްޔާ ‘ ގެ މަގަށް ތަބާވެވަޑައިގަންނަވާ ޞަޙާބީއަކަށް ވެވަޑައިގަތުމާއެކުވެސް އިށީދެވަޑައިގަތުމަށް ޤަޞްދު ކުރެއްވީ އާދަވެފައިވާ މިންވަރަށްވުރެ ދިގުވުމުން ކަން ކަށަވަރެވެ. [ ފަތުޙުލްބާރީ 3/26 ]
އިމާމު މުސްލިމު ޙުޒައިފާ رضي الله عنه ގެ ޙަދީޘްތަކުން ރިވާކުރައްވާފައިވެއެވެ. ޙުޒައިފާ ނަބިއްޔާ ‘ އާ އެކު ރޭގަޑެއްގައި ނަމާދުކުރެއްވިއެވެ. ފަހެ، ނަބިއްޔާ ‘ އެންމެ ރަކުޢަތެއްގައި ބަޤަރާ ސޫރަތާއި އާލްޢިމްރާން ސޫރަތާއި ނިސާސޫރަތް ކިޔަވާ ވިދާޅުވިއެވެ. އަދި ނަބިއްޔާ ‘ ކިޔަވާވިދާޅުވިއިރު ތަސްބީޙައިގެ އާޔަތެއް ބައްދަލުވެއްޖެ ނަމަ ތަސްބީޙަ ވިދާޅުވެއެވެ. ނުވަތަ ސުވާލުކޮށް އެދެންޖެހޭ އާޔަތެއްނަމަ ސުވާލު ކުރެއެވެ. ނުވަތަ ރައްކާތެރިކަމަށް އެދެންޖެހޭ އާޔަތެއްނަމަ ރައްކާތެރި ކަމަށް އެދެއެވެ. އެއަށްފަހު ޤިޔާމުގައި ހުންނެވި މިންވަރަށް ރުކޫޢުކުރައްވައެވެ. އެއަށްފަހު ރުކޫޢުގައި އޮންނެވި މިންވަރަށް ކޮޅަށް ހުންނަވައެވެ. އެއަށްފަހު ކޮޅަށްހުންނެވި މިންވަރަށް ސަޖިދާގައި އޮންނަވައެވެ.
އިބުނު ޙަޖަރު ފަތުޙުލްބާރީގައި ވިދާޅުވެފައިވެއެވެ. ޢާއިޝާ رضي الله عنها ގެ އަރިހުން ވާރިދުވެފައިވާ ޚަބަރުތަކުގައި ނަބިއްޔާ ‘ ރޭގަނޑުގެ 3 ބައިކުޅަ އެއްބައިގައި ނަމާދު ކުރައްވައެވެ.
އިމާމު ބުޚާރީ ޞަޙީޙް ބުޚާރީގައި ލިޔުއްވާފައިވެއެވެ. ރޭގަނޑުގެ ނަމާދުގައި ސަޖިދަ ދިގުކުރުމުގެ ވާހަކަ ނަންގަނެވޭ ބާބު . މިބާބުގެ ދަށުން ގެންނަވާފައިވާ ޢާއިޝާ رضي الله عنها ގެ ޙަދީޘްފުޅުގައި ވެއެވެ. ހަމަކަށަވަރުން ﷲގެ ރަސޫލާ ‘ ރޭގަޑުގެ ނަމާދުގައި ކުރައްވަނީ އެގާރަ ރަކުޢަތެވެ. އެކަލޭގެފާނުގެ އިސްތަށިފުޅު ސަޖިދައިން އުފުއްލަވާ ލެއްވުމުގެ ކުރިން ތިޔަބައި މީހުންކުރެ މީހަކު 50 އާޔަތް ކިޔަވާހާ މިންވަރަށް ސަޖިދައިގައި އޮންނަވައެވެ. .... "
ތަރާވީޙް ނަމާދު ކުރެވެމުން އައިގޮތް
ތަރާވީޙް ނަމާދު ކުރެވުނުގޮތަށް ބަލާއިރު ރަސޫލާ صلى الله عليه وسلم ގެ ޙަޔާތްޕުޅުގައި ތަރާވީޙްނަމާދު މީސްތަކުންނާއިގެން ޖަމާޢަތުގައި ކުރެއްވީ އެންމެ 3 ރޭގައެވެ. އެއަށްފަހު އުންމަތުގެ މީސްތަކުންގެ މައްޗަށް ފަރުޟަކަށް ވެދާނޭކަމުގެ ބިރަށްޓަކައި މީސްތަކުންނާއިގެން މިނަމާދު ކުރުން ދޫކޮށްލެއްވިއެވެ. ރަސޫލާ‘ އަވަހާރަވެވަޑައި ގަންނަވަންދެން މިކަންއޮތީ މިގޮތުގައެވެ.
ދަލީލު :-
އިމާމް ބުޚާރީ ޞަޙީހު ބުޚާރީގައި ޢާއިޝާ رضي الله عنها ގެ ޙަދީޘްތަކުގައި ގެންނަވާފައިވެއެވެ. ހަމަކަށަވަރުން ﷲގެ ރަސޫލާ ‘ ރޭގަނޑެއްގައި ދަންވަރު ނުކުމެ ވަޑައިގެން މިސްކިތުގައި ނަމާދު ކުރެއްވިއެވެ. ފިރިހެނުންތަކެއް އެކަލޭގެފާނުގެ ނަމާދުގައި ބައިވެރިވެ ނަމާދު ކުރެއްވިއެވެ. ފަހެ، ހެނދުނުވުމުން މީސްތަކުން އެވާހަކަ ދައްކަން ފެށިއެވެ. ފަހެ، ދެވަނަ ރޭގައި މިސްކިތަށް ޖަމަޢަވި މީސްތަކުންގެ ޢަދަދު ގިނަވިއެވެ. ފަހެ،އެކަލޭގެފާނު ނަމާދުކުރެއްވިއެވެ. ފަހެ، އެކަލޭގެފާނުގެ ނަމާދުގައި އެބައިމީހުން ބައިވެރިވިއެވެ. ފަހެ، ހެދުނުވުމުން މީސްތަކުން އެވާހަކަ ދެއްކިއެވެ. ފަހެ، ތިންވަނަ ރޭގައި މިސްކިތަށް ޖަމަޢަވީ މީސްތަކުންގެ ޢަދަދު އިތުރުވެގެން ދިއައެވެ. ފަހެ، ރަސޫލުﷲ ‘ މިސްކިތަށް ނުކުމެ ވަޑައިގެން ، މީސްތަކުން އެކަލޭގެފާނާއެކުގައި ނަމާދު ކުރެއްވިއެވެ. ފަހެ، ހަތަރުވަނަ ރޭގައި މިސްކިތް ނުކަތާވަރަށް މީސްތަކުން މިސްކިތަށް ޖަމަޢަވެފައި ތިއްބައި ފަތިސްނަމާދަށް ނުކުމެ ވަޑައިގެންނެވިއެވެ. ފަހެ، ފަތިސްނަމާދު ކޮށް އަވަދިވެ ވަޑައިގެންނެވުމުން މީސްކުންނަށް ކުރިމަތި ލައްވައި ޙަދީޘްފުޅު ކުރެއްވިއެވެ. " ފަހެ، ހަމަކަށަވަރުން ތިޔަބައިމީހުން ތިއްބެވި ތަން ތިމަންކަލޭގެފާނަށް ވަންހަނާވެ ވަޑައިނުގަންނަވައެވެ. އަދި ކިޔެއްތަ ، ތިމަންކަލޭގެފާނު ބިރުފުޅުގެންނެވީ ( މިނަމާދު ) ތިޔަބައިމީހުންގެ މައްޗަށް ފަރުޟުވެ، މިނަމާދު ކުރުމަށް ތިޔަބައިމީހުން ނުކުޅުދުންތެރި ވެދާނެތީއެވެ. ރަސޫލާ ‘ އަވަހާރަވީ މިކަން މިގޮތުގައި އޮއްވައެވެ. "
ރަސޫލާ ‘ އަވަހާރަވެވަޑައިގެންނެވުމަށް ފަހު އަބޫބަކުރުއްޞިއްދީޤުގެ ދުވަސްވަރުގައިވެސް މިކަން އޮތީ ހަމަ މިގޮތުގައެވެ. ހަމައެހެންމެ ޢުމަރު ބުނު ޚައްޠާބު رضي الله عنه ގެ ޚިލާފަތުގެ ކުރީކޮޅުގައި ވެސް މިކަން އޮތީ މިގޮތުގައެވެ. އެއަށްފަހު މީސްތަކުންނާއިގެން ޖަމާޢަތުގައި ތަރާވީޙު ނަމާދުކުރެއްވުމަށް ޢުމަރު ބުނު ޚައްޠާބު އުބައްޔު ބުނު ކަޢުބު رضي الله عنه އައްޔަން ކުރެއްވިއެވެ.
ދަލީލު :-
ޞަޙީޙު ބުޚާރީގައި ރިވާވެގެންވެއެވެ. ޢަބުދުއްރަޙްމާން އިބުނު ޢަބުދުނިލް ޤާރީ ވިދާޅުވިއެވެ. ރަމަޟާންމަހުގެ ރެއެއްގައި އަހަރެން ޢުމަރު ބުނު ޚައްޠާބާ އެކު މިސްކިތައް ދިޔައީމެވެ. ފަހެ، އެހިދު މީސްތަކުން މިސްކިތުގެ އެތައްމިތަނުގައި ނަމާދުކުރަން ތިއްބެވެ. މީހަކު އެކަނި ނަމާދު ކުރެއެވެ. އަދި މީހަކު ނަމާދު ކުރާއިރު އޭނާގެ ފަހަތުގައި ދިހަވަރަކަށް މީހުން ނަމާދު ކުރެއެވެ. ފަހެ، ޢުމަރު ވިދާޅުވިއެވެ. އެހުރިހާ މީސްތަކުން އެއްޤާރީއެއްގެ ފަހަތަށް ޖަމަޢަވުން މާރަނގަޅު ކަމުގައި އަހަރެން ދެކެމެވެ. އެއަށްފަހު ޢަޒުމު ކަނޑައަޅުއްވައި އުބައްޔު ބުނު ކަޢްބުގެ ފަހަތުގައި (މީސްތަކުން ) ޖަމަޢަ ކުރެއްވިއެވެ. އެއަށްފަހު އެހެން ރެއެއްގައި އަހަރެން އެކަލޭގެފާނާ އެކުގައި ނުކުމެވަޑައިގެންނެވި އިރު މީސްތަކުން އެބައިމީހުންގެ އިމާމާއެކު ނަމާދު ކުރަނީއެވެ. ......"
އުބައްޔު ބުނު ކަޢްބު رضي الله عنه މީސްތަކުންނާއިގެ ނަމާދު ކުރެއްވިގޮތް
ފަޠުޙުލް ބާރީގައި އިބުނު ޙަޖަރު ލިޔުއްވާފައިވެއެވެ. މިރިވާޔަތްތަކުގައި އުބައްޔު ބުން ކަޢްބު ތަރާވީޙް ނަމާދުގައި ކުރެއްވި ރަކްޢަތްތަކުގެ ޢަދަދު ބަޔާންވެގެން ނުވެއެވެ. އަދި އެކަމުގައި ޚިޔާލު ތަފާތުވެފައިވާކަން ކަށަވަރެވެ. " އަލް މުވައްޠާ " ގައި މުޙައްމަދު އިބުނު ޔޫސުފް ، އައްސާއިބު ބުނު ޔަޒީދުގެ ފަރާތުން އެއީ 11 ރަކުޢަތް ކަމަށް ގެންނަވާފައި ވެއެވެ. އަދި ސަޢީދު ބުނު މަންޞޫރު އެހެން މަގަކުން ރިވާކޮށް އިތުރު ކޮށްފައިވެއެވެ. " އެބައިމީހުން 200 އާޔަތުން ކިޔަވާ ވިދާޅުވެއެވެ. އަދި ޤިޔާމުގައި ކޮޅަށް ހުންނަ ވަގުތު ދިގުކަމުން އެބައިމީހުން ކޮޅަށްތިއްބަވަނީ ޢަޞާގެ މައްޗަށް ބުރަވެއެވެ. " [ ފަތުޙުލް ބާރީ 4/ 321 ]
މިދަންނަވާ ލެވުނީ ކުރުގޮތަކަށް އެންމެ ހެޔޮޤަރުނުގައި މީސްތަކުން ތަރާވީޙް ނަމާދު ކުރެއްވި ގޮތެވެ. މިއަދު އަޅުގަނޑުމެން މިވަނީ ހިދާޔަތް ލިބި އެބަޔަކަށް ތަބަޢަވުމަށް އަޅުގަނޑު މެންގެ ނަބިއްޔާ ‘ އަމުރުކުރެއްވި ޞަޙާބީންގެ މަގުދޫކޮށްލައި އަމިއްލަ ގޮތް މިނަމާދު ކުރުމުގައި އިޚްތިޔާރު ކޮށްފައެވެ. މިނަމާދުގެ ރޫޙަކީ ގިނަވަގުތުގައި ކޮޅަށްހުރުމާއި ދިގުކޮށް ޤުރުއާން ކިޔެވުން ކަމުގައި ވާއިރު އަޅުގަޑުމެންނަށް 8 ރަކުޢަތުގައި ބަޤާރާ ސޫރަތުގެ 33 އާޔަތް ކިޔެވުން މިވަނީ މާފުރިހަމަ ގޮތަކަށް ވެފައެވެ. އަޅުގަޑުމެންނަށް ބުނެވޭކަހަލައެވެ. " އެންމެ ހެޔޮޤަރުނުގައި ވީ ޞަޙާބީން އެވަނީ ޙައްދު ފަހަނަ އަޅައިފައެވެ." سبحان الله! އަޅުގަޑުމެން މިބަލިމަޑުކަމުން ސަލާމަތް ކުރައްވާށިއެވެ. އާމީން
و بالله التوفيق . و الحمد لله رب العالمين
2015/ 06/ 23