5  އެއް ރެއެއްގެ ތެރޭގައި ވިތުރި ނަމާދު ތަކުރާރުކުރުމުގެ ޙުކުމް - الشَّيْخ عَبْدُ العَزِيز بن بَاز رحمه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ނަމާދުގެ ސުންނަތްތައް سنن الصلاة

 އެއް ރެއެއްގެ ތެރޭގައި ވިތުރި ނަމާދު ތަކުރާރުކުރުމުގެ ޙުކުމް - الشَّيْخ عَبْدُ العَزِيز بن بَاز رحمه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو نوح محمد رفاد حفظه الله. ކެޓަގަރީ ވިތުރި الوتر

ސުވާލު: ރޭގަނޑުގެ ފަހު ކޮޅުގައި ނުތެދުވެވިދާނެ ކަމުގެ ބިރު އޮތުމުން، ޢިޝާ ނަމާދަށް ފަހު އަޅުގަނޑު ނިދުމުގެ ކުރިން ވިތުރި ނަމާދު ކޮށްފައި، އެއަށްފަހު ރޭގަނޑުގެ ފަހު ކޮޅުގައި ތެދުވެ، އަޅުގަނޑު ނަމާދުކުރަން ބޭނުންވެއްޖެ ނަމަ، އެކަން ކުރުން ހުއްދަވެގެންވޭތޯ އެވެ؟ އަދި ނަމާދު ނިމޭ ހިސާބުން ވިތުރި ކުރުން އަޅުގަނޑަށް ހުއްދަވެގެންވޭތޯ އެވެ؟


ޖަވާބު: ރައްކައުތެރިކަމުގެ ގޮތުން ރޭގަނޑުގެ ފުރަތަމަ ކޮޅު އިންސާނާ ވިތުރި ނަމާދު ކޮށްފި ނަމަ، އެއީ ހެޔޮވެގެންވާ ޙައްޤެކެވެ. އަދި ނަބިއްޔާ ﷺ ވަނީ ރޭގަނޑުގެ އެންމެ ފުރަތަމަ ކޮޅުގައި ވިތުރި ނަމާދު ކުރުމަށް أَبُو الدَّرْدَاء އަށާއި أَبُو هُرَيْرَة އަށް ވަޞިއްޔަތްކުރައްވާފަ އެވެ.(1) ޢިލްމުގެ ބައެއް އަހުލުވެރިން ވިދާޅުވި އެވެ: ހަމަކަށަވަރުން އެފަދައިން އެ ދެ ޞަޙާބީންނަށް ވަޞިއްޔަތްކުރެއްވީ، އެ ދެ ޞަޙާބީން ރޭގަނޑުގެ ފުރަތަމަ ކޮޅު ޢިލްމު ޙާޞިލުކުރެއްވުމުގައި އަވަދިނެތިކޮށް އުޅުއްވާތީ އެވެ. އަދި (އެހެން ވުމުން) އެ ދެ ޞަޙާބީންނަށް ރޭގަނޑުގެ ފަހު ކޮޅުގައި ތެދެވެވަޑައިގަތުމަށް އުނދަގޫވެގެންވެ އެވެ. އެހެން ކަމުން އިންސާނާ ރޭގަނޑުގެ ފުރަތަމަ ކޮޅުގައި ވިތުރި ނަމާދު ކޮށްފި ނަމަ، ދެން އެއަށް ފަހު ރޭގަނޑުގެ ފަހު ކޮޅުގައި ތެދުވުމަށް الله އޭނާއަށް ފަސޭހަކޮށްދެއްވައިފި ނަމަ، ފަހެ ހަމަކަށަވަރުން ވިތުރި ކުރުމަކާ ނުލައި، އޭނާއަށް ފަސޭހަވީ މިންވަރަކުން ރަކުޢަތްތައް ކޮށް ނަމާދުކުރާނީ އެވެ. އެންމެ ފުރަތަމަ ވިތުރި ފުދިގެންވެ އެވެ. އެހެނީ ނަބިއްޔާ ﷺ ޙަދީޘްކުރައްވާފައިވެ އެވެ: {لَا وِتْرَانِ في لَيْلَةٍ}(2)، މާނައީ: "އެއް ރެއެއްގައި ދެ ވިތުރިއެއް ނުވެ އެވެ." ފަހެ އޭނާ ރޭގަނޑުގެ ފަހު ކޮޅުގައި ވިތުރި ނަމާދު ކުރުމަކާ ނުލައި ދެ ރަކުޢަތް ނުވަތަ ހަތަރު ރަކުޢަތް ނުވަތަ ހަ ރަކުޢަތް ނުވަތަ އެއަށްވުރެ ގިނައިން ކުރާނީ އެވެ. އެކަމުގައި ފާފައެއް ނެތެވެ. އަދި އެކަމުގައި މައްސަލައެއް ނެތެވެ. އަދި ހަމަކަށަވަރުން ރޭގަނޑުގެ ފަހު ބަޔަށް ވިތުރި ނަމާދު ފަސްކުރުމަށް އަމުރުކުރެވިގެންވަނީ އޭނާ ރޭގަނޑުގެ ކުރީ ކޮޅުގައި ވިތުރި ނުކޮށްފި ނަމަ އެވެ. އަދި ރޭގަނޑުގެ ފަހުކޮޅުގައި ތެދުވުމަށް އޭނާއަށް ފަސޭހަވެއްޖެ ނަމަ، ފަހެ އެމީހަކަށް ވަޞިއްޔަތްކުރެވިގެން ވަނީ ރޭގަނޑުގެ ފަހުކޮޅުގައި ވިތުރި ނަމާދު ކުރުމަށެވެ. އޭނާއަށް އެކަން ފަސޭހަވެއްޖެ ނަމަ އެވެ. އެއީ ރޭގަނޑުގެ ފަހު ކޮޅު ހެޔޮކަން ބޮޑުވެގެންވާތީ އެވެ. ފަހެ ރޭގަނޑުގެ ފަހު ކޮޅުގައި ތެދުވުމަށް الله އަޅާއަށް ފަސޭހަކޮށްދެއްވައިފި ނަމަ، ފަހެ އެއީ އެންމެ ހެޔޮކަން ބޮޑު ގޮތެވެ.


ދެން ފަހެ ރޭގަނޑުގެ ފަހުކޮޅުގައި ނުތެދުވިދާނެކަމުގެ ބިރު ހީވެއްޖެ ނަމަ، ފަހެ އޭނާ އެންމެ ފުރިހަމަ ގޮތުގައި ހިފުން ހުއްޓެވެ. ފަހެ އޭނާ ރޭގަނޑުގެ ފުރަތަމަ ކޮޅު ވިތުރި ނަމާދު ކުރާނީ އެވެ. އަދި ރޭގަނޑުގެ ފަހު ކޮޅުގައި ތެދުވުމުގެ ރިޒްޤު الله އޭނާއަށް ދެއްވައިފި ނަމަ، ވިތުރި ކުރުމަކާ ނުލައި އޭނާއަށް ފަސޭހަވީ މިންވަރަކަށް ނަމާދުކުރާނީ އެވެ. ރަސޫލާ ﷺ ގެ އަރިއަހުން ސުންނަތުގައި އައިސްފައިވާ ފަދައިންނެވެ. ހަމަކަށަވަރުން ނަބިއްޔާ ﷺ ވިތުރި ނަމާދަށް ފަހު ދެ ރަކުޢަތް ކުރެއްވި ކަމަށް عَائِشَةُ رضي الله عنه ގެ އަރިއަހުން ސާބިތުވެގެންވެ އެވެ.(1) ވިތުރި ނަމާދަށް ފަހު ނަމާދު ކުރުމަކީ ހުއްދަ ކަމެއް ކަމާއި، އެކަމުގައި ފާފައެއް ނެތް ކަން ބަޔާން ކޮށްދެއްވި އެވެ.


◇  ◇  ◇

ފަތުވާ ނަގައިފައިވަނީ: فتاوى نور على الدرب، المجلد العاشر، كتاب الصلاة القسم الخامس، حكم تكرار الوتر في ليلة واحدة، ج10، ص160، فتوى رقم: 58.
ސައިޓް ލިންކް: https://goo.gl/wbCbv4

.....................................................................................

(1) ރިވާކުރެއްވީ: مسلم، كتاب صلاة المسافرين وقصرها، باب استحباب صلاة الضحى والحث على المحافظة عليها، رقم (722).
(2) ރިވާކުރެއްވީ: أبو داود، كتاب صلاة، باب تفريغ أبواب الوتر، باب في نقض الوتر، برقم (1439)، والترمذي أبواب الوتر، باب ما جاء لا وتران في ليلة، برقم (470)، والنسائي في المجتبى في كتاب قيام الليل وتطوع النهار، باب نهي النبي عن الوترين في ليلة، برقم (1679).
(1) ރިވާކުރެއްވީ: أحمد في مسند الأنصار من حديث أبي سلمة رضي الله عنه عن عائشة رضي الله عنها، حديث رقم (25031)، وأبو داود، كتاب صلاة، باب صلاة الليل، برقم (1340)، والترمذي كتاب الصلاة، باب ما جاء لا وتران في ليلة، برقم (471)، والنسائي في المجتبى في كتاب قيام الليل وتطوع النهار، باب وقت ركعتي الفجر والاختلاف على نافع، برقم (1781).

 

Like what you see?

Close

Hit the buttons below to follow us, you won't regret it...