5  ތިލާވަތުގެ ސަޖިދަ ޖެހުމުގެ ޙުކުމް - الشَّيْخ عَبْدُ العَزِيز بن بَاز رحمه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

 ތިލާވަތުގެ ސަޖިދަ ޖެހުމުގެ ޙުކުމް - الشَّيْخ عَبْدُ العَزِيز بن بَاز رحمه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو نوح محمد رفاد حفظه الله. ކެޓަގަރީ ތިލާވަތުގެ ސަޖިދަ

ސުވާލު: ސުވާލުކުރާ މީހާ އަހައެވެ: ތިލާވަތުގެ ސަޖިދައިގެ ޙުކުމަކީ ކޮބައިތޯ އެވެ؟ މުސްލިމަކު މަސައްކަތްކުރަން ހުރި ކަމުގައިވީ ނަމަވެސް ޤުރްއާނުގެ އަޑު އިވޭ ނަމަ ސަޖިދަ ޖަހަންވީތޯ އެވެ؟ އަދި ނަމާދުގައި ވަނިކޮށް (ތިލާވަތުގެ) ސަޖިދައެއް އަތުވެއްޖެ ނަމަ، އަޑުހަރުކޮށް ކިޔަވަން ޖެހޭ ނަމާދުގައި، މައުމޫމީންނަށް އިމާމުވެ ހުރި ޙާލުގައި ސަޖިދަ ޖަހަންވީތޯ އެވެ؟ ދެން އެއަށްފަހު، ތިލާވަތުގެ ސަޖިދަ ޖަހާނެ ޞައްޙަ ގޮތާއި، ރަނގަޅު ގޮތުގައި އެސަޖިދަ އަދާކުރާނީ ކިހިނަކުންކަމާ މެދު އަޅުގަނޑު ޝައިޚުމެންނާ ސުވާލުކުރަމެވެ.


ޖަވާބު: ތިލާވަތުގެ ސަޖިދައަކީ ސުންނަތެކެވެ. އަދި އެއީ ޤުރްއާނުގައި އެނގިގެންވާ ސަޖިދަތަކެކެވެ. ޤުރްއާނުގައި ފަނަރަ ސަޖިދަވެ އެވެ. އެއިން އެންމެ ފުރަތަމަ ސަޖިދަ ވަނީ الأَعْرَاف ގެ ފަހު ކޮޅުގައެވެ. އަދި އެއިން އެންމެ ފަހު ސަޖިދަ ވަނީ اِقْرَأ ސޫރަތުގެ އެންމެ ފަހު ކޮޅުގައެވެ. ނަމާދުން ބޭރުގައި މުއުމިނަކަށް އެއިން ސަޖިދައަކާ ކުރިމަތިވެއްޖެ ނަމަ، ޠަހާރަތުގެ މަތީގައި ނުވާ ހާލުގައިވީ ނަމަވެސް ސަޖިދަ ޖަހާނީ އެވެ. އެންމެ ޞައްޙަ ބުނުމަކީ މިއީ އެވެ. ތިލާވަތުގެ ސަޖިދައަށް ޠަހާރަތު ޝަރުޠުކުރެވިގެން ނުވެ އެވެ. އަދި އެންމެ ހެޔޮ ގޮތަކީ ސަޖިދައިގެ ފުރަތަމަ ކޮޅުގައި ހަމައެކަނި އެއް ތަކްބީރު (الله أكبر) ކިއުމެވެ. ދެން އެއަށްފަހު ސަޖިދަ ޖަހާނީ އެވެ. އަދި ނަމާދުގެ ސަޖިދައިގައި ކިޔާ ފަދައިން އޭނާ (ތިލާވަތުގެ) ސަޖިދައިގައި ކިޔާނީ އެވެ: سُبْحَانَ رَبِّيَ الأَعْلَى، سُبْحَانَ رَبِّيَ الأَعْلَى. އޭނާއަށް ފަސޭހަވީ ދުޢާއަކުން ދުޢާކުރާނީ އެވެ. އަދި ތިލާވަތުގެ ސަޖިދައިގެން ސަލާމް ދިނުމެއް ނުވަތަ ދެވަނަ ތަކްބީރެއް ނުވެ އެވެ. އިޚްތިޔާރު ކުރެވިފައިވާ ގޮތަކީ މިއީ އެވެ. އެންމެ ބުރަވެވޭ ކޮޅަކީ މިއީ އެވެ.


އަދި އޭނާ ނަމާދުގައިވާ ނަމަ، (ތިލާވަތުގެ) ސަޖިދަ ޖެހުން އޭނާއަށް ޝަރުޢުކުރެވިގެންވެ އެވެ. އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގަ އެވެ. މަޣްރިބާއި، ޢިޝާއާއި، ފަތިހާއި، ހުކުރު ނަމާދުތައް ފަދަ ނަމާދުތަކުގައި އޭނާއަށް ސަޖިދަ ޖެހުން ޝަރުޢުކުރެވިގެންވެ އެވެ. އަދި ނަމާދުކުރާ މީހުން އޭނާގެ ފަހަތުން ސަޖިދަ ޖަހާނީ އެވެ. އެއީ މުދިމެއް ކަމުގައިވާ ނަމަ، އޭނާ ސަޖިދަ ޖެހުމުން އެމީހުން އޭނާއާ އެކު ސަޖިދަ ޖަހާނީ އެވެ.

 

ދެން ފަހެ އޭނާއަކީ މުދިމެއް ކަމުގައިވެ، ސިއްރުގައި ކިޔަވާ ނަމާދުގައި (ތިލާވަތުގެ) ސަޖިދަ ޖެހުން އޭނާއަށް ޝަރުޢުކުރެވިގެނެއް ނުވެ އެވެ. އެއީ ސިއްރު ނަމާދުގައި، މީސްތަކުންނަށް އުނދަގޫތަކާ ކުރިމަތިކުރުވައިފާނެތީ އެވެ. ސިއްރު ކިޔެވުމެއްގައި، މިސާލަކަށް މެންދުރު ނަމާދާއި، ޢަޞްރު ނަމާދާއި، މަޣްރިބު ނަމާދުގެ ތިންވަނަ ރަކުޢަތުގަ އާއި، ޢިޝާ ނަމާދުގެ ތިންވަނަ އާއި ހަތަރު ވަނަ ރަކުޢަތުގައި އެ އާޔަތް ކިޔަވައިފި ނަމަ، ފަހެ އެންމެ ހެޔޮވެގެންވާ ގޮތަކީ އޭނާ ސަޖިދަ ނުޖެހުމެވެ. އެއީ މީސްތަކުންނަށް އުނދަގޫވެދިޔަ ނުދިނުމައްޓަކައެވެ. އޭނާ އެކަނި ނަމާދުކުރާ ޙާލުގައި މެނުވީ އެވެ. ފަހެ އެ ހާލަތުގައި މައްސަލައެއް ނެތެވެ. މިސާލަކަށް ސުންނަތް ނަމާދު ކުރާ މީހާ އެވެ. ނުވަތަ ފަތިސް ނަމާދު ގެއްލުމުން އެކަނި ނަމާދުކުރާ މީހާ، ސިއްރިއްޔާތުގައި ކިޔަވާ ނަމާދުގައި ސަޖިދަ ޖެހުން މައްސަލައެއް ނެތެވެ. އެއީ އުނދަގުލެއް ކުރިމަތި ނުވާތީ އެވެ.

 

އަދި ނަމާދުގައި އޭނާ ތަކްބީރު ކިޔާނީ އެވެ. ސަޖިދަ ޖަހާ ނަމަ، ތަކްބީރު ކިޔާނީ އެވެ. އަދި ތެދުވެއްޖެ ނަމަ ތަކްބީރު ކިޔާނީ އެވެ. އެއީ ރަސޫލާ ﷺ ކޮންމެ ތިރިވުމެއްގައި އަދި ކޮންމެ ތެދުވުމެއްގައި ތަކްބީރު ކިޔުއްވާފައިވާތީ އެވެ. އޭގެ ތެރެއަށް ނަމާދުގައިވާ ތިލާވަތުގެ ސަޖިދަ ވަންނާނެ އެވެ. އަދި އެއީ ސުންނަތެކެވެ. ވާޖިބެއް ނޫނެވެ. އެހެނީ ނަބިއްޔާ ﷺ ގެ މައްޗަށް زَيْدُ بْنُ ثَابِت رضي الله عنه النَّجْم ސޫރަތް ކިޔަވައިވިދާޅުވި ހިނދު ނަބިއްޔާ ސަޖިދަ ނުޖައްސަވާކަން الصَّحِيحَين ގައި ނަބިއްޔާ ﷺ ގެ އަރިއަހުން ސާބިތުވެގެންވެ އެވެ.(1) ފަހެ އޭގެން ދަލީލުކޮށްދެނީ އެކަން ވާޖިބުވެގެން ނުވާ ކަމެވެ.


އަދި عُمَرُ رضي الله عنه ވިދާޅުވެފައިވެ އެވެ: "إِنَّ اللهَ لَمْ يَفْرِضْ السُّجُودَ إِلا أَنْ نَشَاء"(2) މާނައީ: "ހަމަކަށަވަރުން އަހަރުމެން ބޭނުންވެއްޖެ ހާލަތެއްގައި މެނުވީ الله އަހަރުމެންގެ މައްޗަށް ސަޖިދަ ފަރުޟު ނުކުރައްވައެވެ." ފަހެ ބޭނުންވެއްޖެ މީހާ ސަޖިދަ ޖަހާނީ އެވެ. އަދި ބޭނުން ނުވެއްޖެ މީހާ ސަޖިދަ ނުޖަހާނީ އެވެ. ފަހެ އެއީ ސުންނަތެކެވެ. ވާޖިބެއް ނޫނެވެ.

◇  ◇  ◇

ފަތުވާ ނަގައިފައިވަނީ: فتاوى نور على الدرب، المجلد العاشر، كتاب الصلاة القسم الخامس، حكم سجود التلاوة ، ج10، ص450، فتوى رقم: 202.
ސައިޓް ލިންކް:
https://goo.gl/t2o8db

--------------

(1) ރިވާކުރެއްވީ: البخاري في كتاب الجمعة، باب من قرأ السجدة ولم يسجد، برقم (1073)، ومسلم في كتاب المساجد ومواضع الصلاة، باب سجود التلاوة برقم (577).
(2) ރިވާކުރެއްވީ: البخاري في كتاب الجمعة، باب من رأى أن الله عز وجل لم يوجب السجود، برقم (1077).

 

Like what you see?

Close

Hit the buttons below to follow us, you won't regret it...