5 ހުކުރު ދުވަހުގެ މާތް ޘަވާބުން މީސްތަކުން އެކަހެރިވެ، ޘަވާބު ފާއިތުވެގެންދިއުމުގައިވާ ބައެއް ކުށްތައް - أُسْتَاذ أبو أنس محمد حسن حفظه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ހުކުރު ދުވަހުގެ މާތް ޘަވާބުން މީސްތަކުން އެކަހެރިވެ، ޘަވާބު ފާއިތުވެގެންދިއުމުގައިވާ ބައެއް ކުށްތައް - أُسْتَاذ أبو أنس محمد حسن حفظه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ހުކުރު ނަމާދު

ހުކުރު ދުވަހުގެ މާތް ޘަވާބުން މީސްތަކުން އެކަހެރިވެ، ޘަވާބު ފާއިތުވެގެންދިއުމުގައިވާ ބައެއް ކުށްތައް

1. أوس بن أوس رضي الله عنه ވިދާޅުވެފައި ވެއެވެ. ތިމަންނަ ރަސޫލާ ﷺ ޙަދީޘްފުޅު ކުރައްވަނިކޮށް އަޑުއެއްސެވީމެވެ.


"ހުކުރު ދުވަހުގައި މީހަކު ހިނައިގަނެ، އެ ހިނައިގަތުން ފުރިހަމަ ހިނެއިގަތުމެއްގައި ހަދައި، އެދުވަހުގައި ވީހާވެސް ކުރިން މިސްކިތައް ގޮސް، އަދި އޭނާ އެދުވަހުގައި ހުކުރުނަމާދަށް ދިޔައީ ހިނގާފަ، އެއްވެސް ސަވާރީއަކަށް ނާރައެވެ. އަދި މިސްކިތުގައި އިމާމާއި ވީހާވެސް ކައިރިއަށް ޖެހި އެގޮތުގައި ޤާއިމްވެ އިދެ، އިމާމްގެ ޚުޠުބާއަށް އަޑުއެހުމުގައި ދެމިހުރެ އިތުރު އެއްވެސް ބޭކާރު ކަމެއް ނުކުރެއެވެ. އޭނާއަށް ޘަވާބުގެ ގޮތުގައި އެ ނަމާދަށް ދިއުމަށްޓަކައި އެޅި ކޮންމެ ފިޔަވަޅަކަށް އެއް އަހަރުގެ ޘަވާބުވެއެވެ. އެއީ ކޮންމެ ފިޔަވަޅަކަށް އެއްއަހަރުގެ ރޯދައާއި އެއްއަހަރުގެ ނަމާދު ޤާއިމްކުރުމުގެ އަޖުރެވެ."


2. أبو هريرة رضي الله عنه ވިދާޅުވެފައި ވެއެވެ. ނަބިއްޔާ ﷺ ޙަދީޘްފުޅު ކުރެއްވިއެވެ.


"ހުކުރު ދުވަހުގައި މަލާއިކަތުން މިސްކިތުގެ ދޮރުކޮޅު ތަކުގައި ދެމިތިއްބަވައެވެ. މިސްކިތައް ވަންނަ މީސްތަކުން އެންމެ ފުރަތަމަ އަދި އެއަށްފަހު ވަންނަ މީހުން އެތަރުތީބުން ލިޔުއްވައެވެ. އެންމެ ފުރަތަމަ ވަޤުތުގައި މިސްކިތައް ވަންނަ މީހުންނަށް ޖަމަލެއް ހަދިޔާ ކުރުމުގެ ޘަވާބު ލިބިދެއެވެ. ދެވަނަ ވަޤުތުގައި މިސްކިތައް ވަންނަ މީހުންނަށް ގެރިއެއް ހަދިޔާ ކުރުމުގެ ޘަވާބު ލިބިދެއެވެ. އެއަށްފަހު ތިންވަނަ ވަޤުތުގައި ކަންބަޅިއެވެ. އެއަށްފަހު ކުކުޅެކެވެ. އެއަށްފަހު ކުކުޅުބިހެއް ހަދިޔާކުރުމުގެ ޘަވާބެއެވެ. އިމާމް ޚުޠުބާ ދިނުމަށް ނުކުތުމުން މަލާއިކަތުން ލިޔުއްވާ ފޮތްތަށް ބަންދުކޮށްލެއްވުމަށް ފަހު ޒިކުރު އަޑުއެއްސެވުމަށް އިށީންނަވައެވެ."


3. سلمان الفارسي رضي الله عنه ވިދާޅުވެފައިވެއެވެ. ރަސޫލުއް ﷲ ﷺ ޙަދީޘްފުޅު ކުރެއްވިއެވެ.


"ހުކުރު ދުވަހުގައި ހިނައިގަނެ، އޭނާއަށް ކުޅަދާނަވީ މިންވަރަކަށް ހަށިގަނޑު ޠާހިރުކޮށް ހިނައިގަތުމަށްފަހުގައި ހަށިގަނޑުގައި ހުވަނދުލައި މިސްކިތައް ދިއައެވެ. މިސްކިތަށް ދިއުމަށްފަހު ދެމީހެއް ވަކިކޮށް އޭނާ ނަހަދައެވެ. އަދި މިސްކިތުގައި ސުންނަތް ނަމާދު ވެވުނު މިންވަރަކަށް ކުރުމަށްފަހުގައި، އިމާމް ޚުޠުބާ ދިނުމަށް ނުކުތުމުން ކަނުލައި އަޑުއެހުމުގައި ދެމިހުންނެވިއެވެ. މިމީހާއަށް ލިބިދޭ އަޖުރަކީ ހުކުރުން ފަށައިގެން އަންނަންއޮތް ހުކުރު ދުވަހުގެ ދެމެދުގައި ކުރެވޭ ފާފަތައް އެކަލާނގެ ފުއްސަވާނެތެވެ."


4. أبو هريرة رضي الله عنه ވިދާޅުވެފައިވެއެވެ. ރަސޫލާ ﷺ ޙަދީޘްފުޅު ކުރެއްވިއެވެ.


"ހުކުރު ދުވަހުގައި މިސްކިތުގައި އިމާމް ޚުޠުބާ ދެނިކޮށް ތިބާ، ތިބާގެ އަޚާއަށް "ކަލޭ ހިމޭނުން އިންނާށޭ" ބުނިކަމުގައި ވިޔަސް ފަހެ، އެހިނދު ތިބާ ހުއްދަވެގެންނުވާ ކަމެއް ކޮށްފިއެވެ."
އެހެން ރިވާޔަތެއްގައި ވެއެވެ. "ހުއްދަވެގެން ނުވާ ކަމެއްކޮށްފި މީހާއަށް ހުކުރުނަމާދެއް ނުވެއެވެ."


މި އެއްމެހައި ޙަދީޘްފުޅުތަކުން ފައިދާތަކެއް ލިބިދެއެވެ.
ހުކުރު ނަމާދު ޤާއިމްކުރުމަށް ހުރި ޝަރުޠުތަކާއި، އަދަބު ތަކާއި، ސުންނަތްތަކުގައި ޤާއިމްވެ، އެގޮތުގައި ނަމާދުކުރި މީހާއަށް މަތިވެރިވެގެންވާ ޘަވާބާއި ދަރުމަ ލިބިދެއެވެ.


ފުރަތަމައީ: އޭނާގެ ގެއިން ހިނގާފައި މިސްކިތައް ދިއުމުގައި އަޅާ ކޮންމެ ފިޔަވަޅަކަށް އެއްއަހަރުގެ ރޯދައަށް ހުރުމުގެ ޘަވާބާއި، އެއްއަހަރުގެ ނަމާދު ޤާއިމްކުރުމަށް ހުންނަ މީހެއްގެ ޘަވާބު އޭގެ ފުރިހަމަ ގޮތުގައި ލިބިދެއެވެ.


ދެވަނައީ: ޖަމަލެއް ﷲ އަށް ކުށްތަންކުރާ މީހެއްގެ ޘަވާބު ލިބުމެވެ. އަދި ބަކަރިއެއް ﷲ އަށް ކުށްތަންކުރާ މީހެއްގެ ޘަވާބު ލިބިދެއެވެ. ބައެއް ރިވާޔަތްތަކުގައި ދަޅުފަޅާފައިވާ ބަކަރިއެއްގެ ސިފައިގައި ޒިކުރުވެގެން ވެއެވެ. ފަހެ، އެއީ އިތުރު ފުރިހަމަ ކަމެކެވެ. އަދި ދަޅުފަޅައިފައި ވުމަކީ ބަކަރީގެ ބުރަޞޫރަ އިތުރަށް ފުރިހަމަ ވެގެން ދިއުމެކެވެ. އެއަށްފަހު ކުކުޅެއް ﷲ އަށް ކުށްތަން ކުރުމުގެ ޘަވާބެއެވެ. ނުވަތަ ކުކުޅު ބިހެކެވެ. މި ޘަވާބު ލިބިގެންދަނީ އެމީހަކު ނަމާދަށް އަންނަ ވަޤުތައް ނިސްބަތްވެގެންނެވެ.


ތިންވަނައީ: އެމީހެއްގެ ފާފަ ފޮހެވިގެން ދިއުމެވެ. އެއީ ހުކުރު ދުވަހުން ފަށައިގެންގޮސް އަނެއް ހުކުރުދުވަހާ ހަމައަށެވެ. އަދި ބައެއް ރިވާޔަތް ތަކުގައި އިތުރު ތިންދުވަސް ޒިކުރުވެގެންވެއެވެ.


ހަތަރުވަނައީ: މަލާއިކަތުން މީސްތަކުންނަށް ހުކުރުނަމާދުން ލިބިދޭ ޘަވާބުތައް މަލާއިކަތުން ފޮތްތަކުގައި ލިޔުމެވެ.
މިއީ ބޮޑުވެގެންވާ ޘަވާބެކެވެ. މިމާތްވެގެންވާ ޘަވާބު އެތަކެއް މީސްތަކުން މިއަދު ދޫކޮށްލައެވެ. އެއްގޮތަކީ އެބައިމީހުންގެ ކަންނެތް ކަމުންނެވެ. ނުވަތަ އެބައި މީހުން މިކަމުގެ މައްޗަށް ޖާހިލުވެފައިވާލެއް ބޮޑުކަމުންނެވެ. އަދި އެބައި މީހުންގެ ނަބިއްޔާ ﷺ ގެ ސުންނަތާއި އެބައި މީހުން ދުރުފެވައިވާލެއް ބޮޑުކަމުންނެވެ.

Like what you see?

Close

Hit the buttons below to follow us, you won't regret it...