5 ހޮނިހިރު ދުވަހު ރޯދަ ހިފުމުގެ ޙުކުމް - الشَّيْخ مُحَمَّد بن هَادِي المَدْخَلِي حفظه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ހޮނިހިރު ދުވަހު ރޯދަ ހިފުމުގެ ޙުކުމް - الشَّيْخ مُحَمَّد بن هَادِي المَدْخَلِي حفظه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو نوح محمد رفاد حفظه الله. ކެޓަގަރީ ހޮނިހިރު ދުވަހު ރޯދަ

ތަރުޖަމާކުރީ: އުސްތާޛް މުޙައްމަދު ރިފާދު حفظه الله

(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ޝަރީޢާއިން އިން ޑިގްރީ ހާޞިލްކޮށް، މަދީނާގެ ބޮޑެތި ސަލަފީ މަޝައިޚުން އަރިއަހުން ޢިލްމު ހާޞިލްކޮށްފައިވާ)


الشَّيْخ مُحَمَّد بن هَادِي المَدْخَلِي حفظه الله

ހޮނިހިރު ދުވަހު ރޯދަ ހިފުމުގެ ޙުކުމް

الشَّيخُ مُحَمَّد بن هَادِي المَدْخَلِي حفظه الله ވިދާޅުވި އެވެ:
ދެން އެއަށްފަހު (މުޞައްނިފު) رحمه الله ވިދާޅުވި އެވެ: (އަދި ހޮނިހިރު ދުވަހެވެ.) އެބަހީ: އަދި ހޮނިހިރު ދުވަސް އެކަހެރިކޮށް ރޯދަ ހިފުން މަކްރޫހަ ވެގެންވެ އެވެ. މަކްރޫހަވުމަކުން މަކްރޫހަވެގެންވެ އެވެ. عَبْدُ اللَّهِ بْنُ بُسْرٍގެ ޙަދީޘްގެ މައްޗަށް ބިނާކޮށެވެ. ނަބިއްޔާ صلى الله عليه وسلم  ޙަދީޘް ކުރެއްވި އެވެ: {لاَ تَصُومُوا يَوْمَ السَّبْتِ إِلاَّ فِيمَا افْتُرِضَ عَلَيْكُمْ} މާނައީ: "ތިޔަބައިމީހުންނަށް ފަރުޟު ކުރެވިގެންވީ ރޯދައަކުން މެނުވީ ތިޔަބައިމީހުން ހޮނިހިރު ދުވަހު ރޯދަ ނުހިފާށެވެ." މިޙަދީޘް ރިވާ ކުރެއްވީ أَحْمَدُ، أَبُو دَاوُد، التِّرْمِذِي، الدَّارِمِي އަދި އެނޫންވެސް ބޭފުޅުންނެވެ. އެ ޙަދީޘްގެ ބައެއް ރިވާޔަތްތަކުގައި އިތުރު ތަންކޮޅެއް ވާރިދުވެގެންވެ އެވެ: {وَلَوْ لَمْ يَجِدْ أَحَدُكُمْ إِلاَّ لِحَاءَ عِنَبٍ أَوْ عُودَ شَجَرَةٍ فَلْيَمُصَّهُ} ‏މާނައީ: "އަދި ތިޔަބައިމީހުން ކުރެ މީހަކަށް މޭބިސްކަދުރެއްގެ ތޮއްޓެއް ނުވަތަ ގަހެއްގެ ވަކަރުގަނޑެއް މެނުވީ ފެނުނުކަމުގައިވީ ނަމަވެސް ފަހެ އޭނާ އެބުއިން ހުއްޓެވެ." އަދި މި ޙަދީޘަކީ އެނގިގެންވާ ޙަދީޘެކެވެ. އަދި މިއަދު އެޙަދީޘާ މެދު ދެކެވޭ ވާހަކަ ވެސް ވަނީ އެނގިފަ އެވެ. ޚާއްސަކޮށް طَلَبَةُ العِلْم (ޝަރުޢީ ޢިލްމު ކިޔަވާ ދަރިވަރުން) ގެ މެދުގައެވެ. އެކަން އެހެންވާ ސަބަބަކީ މައްސަލައިގެ މަޝްހޫރު ކަމެވެ. الحَافِظ اِبْنُ حَجَر މިޙަދީޘް "بُلُوغُ المَرَام" ގެ كِتَابُ الصِّيَام ގައި ޛިކުރުކުރެއްވި އެވެ. އަދި الحَافِظ اِبْنُ حَجَر، "التَّلْخِيصُ الخَبِير" ގައި ޛިކުރުކުރެއްވި ފަދައިން، ޙަދީޘް ޢިލްމުވެރިންނާއި ޙާފިޒުންގެ ޖަމާޢަތެއް މިޙަދީޘަކީ މުޟްޠަރިބު ޙަދީޘެއް ކަމަށް ޙުކުމް ކުރައްވާފައިވެ އެވެ. އަދި الشَّيْخُ نَاصِرُ الدِّين الأَلْبَانِي رحمه الله ވަނީ މިޙަދީޘަކީ ޞައްޙަ ޙަދީޘެއްކަމަށް ޙުކުމް ކުރައްވާފަ އެވެ. އަދި އަހަރުމެންގެ سَمَاحَةُ الشَّيخ، މިޒަމާނުގެ شَيخُ الإِسْلَام، الشَّيخُ عَبْدُ العَزِيز (ابن بَاز) މިޙަދީޘް ޝާއްޛު ކަމާއި ބަލިކަށިކަމަށް ޙުކުމްކުރެއްވި އެވެ. އެ ޙަދީޘްގެ ޝާއްޛު ކަމުގެ ސަބަބުން، އަދި ޞައްޙަ ޙަދީޘްތަކާ ޚިލާފުވުމުގެ ސަބަބުން، އެޙަދީޘަކީ ޟަޢީފު (ބަލިކަށި) ޙަދީޘެއް ކަމަށް ވިދާޅުވި އެވެ.


އެހެން ނަމަވެސް، އެއީ ޞައްޙަ ޙަދީޘެއް ކަމުގައި ވެއްޖެ ނަމަ، ފަހެ ހަމަކަށަވަރުން އަހަރުމެން ބުނާނީ އެ ޙަދީޘްގެ މުރާދަކީ، މުޞައްނިފު މިތަނުގައި ވިދާޅުވެފައިވާ ފަދައިންނެވެ. އެބަހީ އެ ދުވަހުގައި ރޯދަ ހިފުމުގެ ޙުކުމަކީ މަކްރޫހަ ކަމެކެވެ. ޙަރާމް ކަމެއް ނޫނެވެ. ފުރަތަމަ ނުކުތާއަކީ މިއީ އެވެ. އެ ދުވަސް އެކަހެރިކޮށް ރޯދަ ހިފުމަކީ މަކްރޫހަ ކަމެއް ކަމުގެ ޙުކުމެވެ. އެއީ ޙަރާމް ކަމެއް ނޫނެވެ. ޙަދީޘްގެ ދިދަ މިޒަމާނުގައި އުފުއްލެވި الشَّيخُ نَاصِرُ (الأَلْبَانِي) رحمه الله (އެއީ ޙަރާން ކަމެއް ކަމަށް) ވިދާޅުވެފައިވާ ފަދައަކުން ނޫނެވެ.


ފަހެ ޞައްޙަ ބުނުމަކީ އެކަން މަކްރޫހަ ވެގެންވާ ކަމެވެ. އެ ދުވަސް އެކަހެރިކޮށް ރޯދަ ހިފުން މަކްރޫހަވެގެންވާ ކަމަށް އޭގެ މުރާދު އުފުލުމެވެ. ފަހެ އެ ދުވަސް އެކަހެރިކޮށް ރޯދަ ހިފުން މަކްރޫހަވެގެންވެ އެވެ. މިއީ ދެ ނުކުތާ އެވެ:


ފުރަތަމައީ: ރޯދަ ހިފުން މަކްރޫހަ ވެގެން ވުމެވެ. ޙަރާން ވެގެނެއް ނުވެ އެވެ.
ދެވަނައީ: މުޞައްނިފު ވިދާޅުވި ފަދައިން މަކްރޫހަކަން އޮތީ އެދުވަސް އެކަހެރި ކުރާ ނަމައެވެ. ފަހެ މިތަނުގައި އަހަރުމެންގެ މަޒްހަބަކީ އެއީ އެވެ.


ދެން ފަހެ އެދުވަހާ އެކީ ޖަމަޢަކޮށް އެހެން ދުވަހެއް ހިފައިފި ނަމަ، ފަހެ އެކަމުގައި މަކްރޫހަ ކަމެއް ނުވެ އެވެ. އަދި މަކްރޫހަކަމެއް ނުވާ ނަމަ، ޙަރާމްކަން އެޢަމަލުގައި އެކުލެވިގެން ނުވުން މާ އައުލާވެގެންވެ އެވެ. الشَّيْخُ الأَلْبَانِي رحمه الله ވިދާޅުވި ބަސްފުޅާ ޚިލާފަށެވެ. އެދުވަހާ އެހެން ދުވަހެއް ޖަމަޢަކޮށްފި ނަމަ، އެކަމުގައި މަކްރޫހަކަމެއް ނުވެ އެވެ. އަދި މަކްރޫހަކަމެއް ނުވާ ނަމަ، ޙަރާމްކަން އެޢަމަލުގައި އެކުލެވިގެން ނުވުން މާ އައުލާވެގެންވެ އެވެ.


އަދި އެކަމުގެ މައްޗަށް އޮތް ދަލީލަކީ: އިސްވެދިޔަ مُتَّفَقٌ عَلَيْهِ ގެ ދަރަޖައިގައިވާ أَبُو هُرَيْرَة ގެ ޙަދީޘެވެ: {لَا يَصُومَنَّ أَحَدُكُم يَوْمَ الجُمُعَةِ} މާނައީ: "ތިޔަބައިމީހުން ކުރެ މީހަކު ހުކުރު ދުވަހު ރޯދަ ނުހިފާ ހުށިކަމެވެ." އެހެންނެއް ނޫންތޯ؟ ހުކުރު ދުވަހާ ބެހޭގޮތުން އަހަރުމެންނަށް ކުޑަ ހިނދުކޮޅެއް ކުރިން އިސްވެ ދިޔަ ޙަދީޘް: {لَا يَصُومَنَّ أَحَدُكُم يَوْمَ الجُمُعَةِ، إِلَّا أَنْ يَصُومَ يَوْمًا قَبْلَهُ}، މާނައީ: "ތިޔަބައިމީހުން ކުރެ މީހަކު ހުކުރު ދުވަހު ރޯދަ ނުހިފާ ހުށިކަމެވެ. އެދުވަހުގެ ކުރިން އެއް ދުވަހު ރޯދަ ހިފައިގެން މެނުވީ އެވެ." ހުކުރު ދުވަހުގެ ކުރިއަކީ ކޮން ދުވަހެއް ހެއްޔެވެ؟ {أَوْ يَوْمًا بَعْدَه} މާނައީ: "ނުވަތަ އެދުވަހުގެ ފަހުން އެއް ދުވަހު ރޯދަ ހިފައިގެން މެނުވީ އެވެ." އަދި ހުކުރު ދުވަހުގެ ފަހުގައި ވަނީ ކޮން ދުވަހެއް ހެއްޔެވެ؟ މި ޙަދީޘް އައިސްފައިވަނީ ސުންނަތް ރޯދަ ނުވަތަ ފަރުޟު ރޯދައާ ބެހޭގޮތުން ހެއްޔެވެ؟ ސުންނަތް ރޯދައާ ބެހޭ ގޮތުންނެވެ. އަދި މިޙަދީޘަކީ مُتَّفَقٌ عَلَيْهِ ޙަދީޘެކެވެ. މިއީ ތެދެއް ނުވަތަ ނޫން ހެއްޔެވެ؟ އަދި އަނެއް ޙަދީޘްގައި ވަނީ: {إِلاَّ فِيمَا افْتُرِضَ عَلَيْكُمْ މާނައީ: "ތިޔަބައިމީހުންނަށް ފަރުޟު ކުރެވިގެންވީ ރޯދައަކުން މެނުވީ އެވެ." ފަހެ މިޙަދީޘަކީ (أَبُو هُرَيْرَة ގެ ޙަދީޘަކީ) مُتَّفَقٌ عَلَيْهِ ޙަދީޘެކެވެ. އަދި އެއީ (عَبْدُ اللَّهِ بْنُ بُسْرٍގެ ޙަދީޘަކީ) އެޙަދީޘްގެ ޞައްޙަ ކަމާއި ބަލިކަށި ކަމާ ބެހޭގޮތުން އިޚްތިލާފު އުފެދިފައިވާ ޙަދީޘެކެވެ. (ޢިލްމުވެރިންގެ) ޖަމާޢަތެއް ވިދާޅުވަނީ އެއީ ޞައްޙަ ޙަދީޘެކެވެ. އަދި ޢިލްމުގެ އަހުލުވެރިންނާއި ޙާފިޒުންގެ ތެރެއިން ގިނަ ބޭފުޅުންގެ ޖަމާޢަތެއް ވިދާޅުވަނީ އެއީ ޞަޢީފު ޙަދީޘެކެވެ. އެއީ އެޙަދީޘްގެ ޝާއްޛުކަމުގެ (އެއަށްވުރެން ޞައްޙަކަން ބޮޑު ޙަދީޘްތަކާ ފުށޫއެރުމުގެ) ސަބަބުންނެވެ. ސަބަބަކީ އެ ޙަދީޘް އެއަށްވުރެން ޞައްޙަކަން ބޮޑު ޙަދީޘްތަކާ ޚިލާފުވާތީ އެވެ. ފަހެ އެ ޙަދީޘްގައި ވަނީ: {لاَ تَصُومُوا يَوْمَ السَّبْتِ إِلاَّ فِيمَا افْتُرِضَ عَلَيْكُمْ} މާނައީ: "ތިޔަބައިމީހުންނަށް ފަރުޟު ކުރެވިގެންވީ ރޯދައަކުން މެނުވީ ތިޔަބައިމީހުން ހޮނިހިރު ދުވަހު ރޯދަ ނުހިފާށެވެ." އޭގެ މާނައަކީ ސުންނަތް ރޯދަ އެދުވަހުގައި ނުހިފާށެވެ. އަދި އަހަރުމެން ގާތުގައި މިހާރު މިއޮތް، ނަބިއްޔާ صلى الله عليه وسلم ގެ ޙަދީޘް، أَبُو هُرَيْرَة ގެ (އަރިއަހުން ވާރިދުވި) ޙަދީޘަކީ مُتَّفَقٌ عَلَيْهِ ޙަދީޘެކެވެ. އެއީ ޞައްޙަ ކަމުގައި އެންމެ މަތީ ދަރަޖަ އެވެ. އެޙަދީޡްގައި ވަނީ ހުކުރު ދުވަހު ރޯދަ ހިފުން ޚާއްސަ ނުކުރުމަށެވެ. {لَا تَصُومُوا يَوْمَ الجُمُعَةِ، إِلَّا أَنْ يَصُومَ يَوْمًا قَبْلَهُ، أَوْ يَوْمًا بَعْدَه} މާނައީ: "ތިޔަބައިމީހުން ހުކުރު ދުވަހު ރޯދަ ނުހިފާ ހުށިކަމެވެ. އެދުވަހުގެ ކުރިން އެއް ދުވަހު ރޯދަ ހިފައިގެން، ނުވަތަ އެދުވަހުގެ ފަހުން އެއް ދުވަހު ރޯދަ ހިފައިގެން މެނުވީ އެވެ." ފަހެ ހުކުރު ދުވަހުގެ ކުރިން ހިފާ ރޯދަވަނީ ބުރާސްފަތި ދުވަހު ކަމުގައިވާ ނަމަ، އަދި ހުކުރު ދުވަހުގެ ފަހުން ހިފާ ރޯދަވަނީ ހޮނިހިރު ދުވަހު ކަމުގައިވާ ނަމަ، އެހިނދު ހޮނިހިރު ދުވަހު ރޯދަ ހިފުން އަހަރުމެންނަށް ޞައްޙަ ވެގެންވެ އެވެ. އެހެން ނޫން ހެއްޔެވެ؟ ހުކުރު ދުވަހާ ގުޅުވައިގެން ހޮނިހިރު ދުވަހު ރޯދަ ހިފުން އަހަރުމެންނަށް ޞައްޙަވެގެންވެ އެވެ. އެހެން ނޫން ހެއްޔެވެ؟ ފަހެ އެދުވަސް މިދުވަހާ ގުޅުނީ އެވެ. އެހިނދު އެދުވަހު ރޯދަ ހިފުން ހުއްދަވެގެންވޭ ހެއްޔެވެ؟ ނުވަތަ ނުވޭ ހެއްޔެވެ؟ އެދުވަހު ރޯދަ ހިފުން ހުއްދަވެގެންވެ އެވެ.


(عَبْدُ اللَّهِ بْنُ بُسْرٍގެ) ޙަދީޘްގައި ވަނީ: {إِلاَّ فِيمَا افْتُرِضَ عَلَيْكُمْ} މާނައީ: "ތިޔަބައިމީހުންނަށް ފަރުޟު ކުރެވިގެންވީ ރޯދައަކުން މެނުވީ އެވެ." އަދި މިޙަދީޘްގައި ވަނީ: {لَا تَصُومُوا يَوْمَ الجُمُعَةِ، إِلَّا أَنْ يَصُومَ يَوْمًا قَبْلَهُ، أَوْ يَوْمًا بَعْدَه} މާނައީ: "ތިޔަބައިމީހުން ހުކުރު ދުވަހު ރޯދަ ނުހިފާ ހުށިކަމެވެ. އެދުވަހުގެ ކުރިން އެއްދުވަހު ރޯދަ ހިފައިގެން، ނުވަތަ އެދުވަހުގެ ފަހުން އެއްދުވަހު ރޯދަ ހިފައިގެން މެނުވީ އެވެ." ފަހެ އެ ޙަދީޘްގައި ވަނީ ހުކުރު ދުވަހު އެކަހެރިކޮށް ރޯދަ ހިފުން ކަމުގައިވުމުން، ފަހެ އެދުވަހާ އެކީ އެހެން ދުވަހެއް ރޯދަ ހިފައިގެން މެނުވީ އެދުވަހުގައި ރޯދަ ހިފުން ތިބާއަށް ހުއްދަވެގެނެއް ނުވެ އެވެ. ފަހެ (ހޮނިހިރު ދުވަހު ރޯދަ ހިފުން) ހުއްދަވެގެންވާކަން އެ ޙަދީޘުން ދަލީލު ކޮށްދެ އެވެ. އަދި މިޙަދީޘް ފުރަތަމަ ޙަދީޘަށް ވުރެ މާ ބޮޑަށް ވަރުގަދަކަން އެނގިގެންވެ އެވެ.


އަދި ނަބިއްޔާ صلى الله عليه وسلم ގެ އަނބިކަނބަލުން جُوَيْرِيَة އަށް ޙަދީޘްކުރެއްވި ބަސްފުޅުގައިވެ އެވެ: {أَ صُمْتِ أَمْسِ؟} މާނައީ: "ތިބާ އިއްޔެ ރޯދަ ހިއްޕެވިންތޯ އެވެ؟" ވިދާޅުވި އެވެ: "ނޫނެކެވެ." މިއީ ތެދެއް ނުވަތަ ނޫން ހެއްޔެވެ؟ އިއްޔެގެ މާނައަކީ ކޮބައި ހެއްޔެވެ؟ ބުރާސްފައްޗެވެ. ޙަދީޘް ކުރެއްވި އެވެ: {أَتَصُومِينَ غَدًا؟} މާނައީ: "މާދަމާ ތިބާ ރޯދަ ހިއްޕަވާނަންތޯ އެވެ؟" ވިދާޅުވި އެވެ: "ނޫނެކެވެ." މާދަމައަކީ ކޮން ދުވަހެއް ހެއްޔެވެ؟ އެކަމަނާ ސުންނަތް އަޅުކަމެއް އަދާ ކުރައްވަނީ އެވެ. ސުންނަތް ރޯދައެއް ހިއްޕަވަނީ އެވެ. ޙަދީޘް ކުރެއްވި އެވެ: {فَأَفْطِرِي إِذاً} މާނައީ: "އެހެން ވެއްޖެ ނަމަ ރޯދަ ވީއްލާށެވެ." ފަހެ ނަބިއްޔާ صلى الله عليه وسلم އެކަމަނާ ރޯދަ ވީއްލެވުމަށް އަމުރުފުޅު ކުރެއްވި އެވެ. އެއީ އެރޯދައިގެ ކުރިން އެއްދުވަސް ނުވަތަ އޭގެ ފަހުން އެއްދުވަސް އެއްނުކުރައްވާ ނަމަ އެވެ. ބުރާސްފަތި ދުވަސް ހުކުރު ދުވަހާ ނުގުޅުއްވާ ނަމަ އެވެ. ނުވަތަ ހޮނިހިރު ދުވަސް ހުކުރު ދުވަހާ އެއް ނުކުރައްވާ ނަމަ އެވެ. ފަހެ އެކަމަނާ ރޯދަ ވީއްލެވުމަށް ނަބިއްޔާ صلى الله عليه وسلم ވާޖިބުކުރެއްވި އެވެ. އަދި އެއީ ހުކުރު ދުވަހަކީ މުސްލިމުންނަށް އޮންނަ ޢީދެއްކަމުގައި ވާތީ އެވެ. ފަހެ އެދުވަހުގައި ރޯދަ ހިފުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ. ފަހެ އެކަން އޮތީ އެހެން ކަމުގައިވާ ނަމަ، ފަހެ މިޙަދީޘަކީ ހުކުރު ދުވަހާ އެކު ހޮނިހިރު ދުވަސް ރޯދަ ހިފުމަކީ ޞައްޙަ ކަމެއް ކަމަށް ދަލީލު ކޮށްދޭ ދަލީލެކެވެ.


އަދި މި މައްސަލައަކީ ފިޤުހު ޢިލްމުވެރިން ޢާންމުކޮށް، ތަފްސީލު ނުކުރައްވާ (އަޑުއަހާ މީހުންނަށް ފުރިހަމައަށް ސާފުވެގެން ނުދާ) މައްސަލަ ތަކުގެ ތެރެއިން މައްސަލައެކެވެ. އެބޭފުޅުން ވިދާޅުވެ އެވެ: އެއީ އެކަހެރިކޮށް ވަކިވަކިން ރޯދަ ހިފުން މަކްރޫހަ ވެގެންވީ ނަމަވެސް ދެ ދުވަސް އެއްކޮށް ރޯދަ ހިފުން ހުއްދަވެގެންވާ ދެ ދުވަހެވެ. ނުވަތަ އެ ދެ ދުވަހު އެކީގައި ރޯދަ ހިފުން ހުއްދަވެގެންވެ އެވެ. އަދި ބުއްދިއާ ޤިޔާސް ލާޒިމްކުރަނީ މަކްރޫހަ ކަމަކާއި މަކްރޫހަ ކަމެއް އެއްވީމާ އެކަމުގެ މަކްރޫހަކަން އިތުރުވެގެން ދިއުމެވެ. އެހެން ނަމަވެސް މި މައްސަލައިގައި މިކަމުގެ މަކްރޫހަކަން އޭގެ މަކްރޫހަކަން ފިލުވައިފި އެވެ. އަދި އޭގެ މަކްރޫހަކަން މީގެ މަކްރޫހަކަން ފިލުވައިފި އެވެ. ފަހެ ދަލީލުގެ ފާހަގަ ކުރެވޭ ނުކުތާ އަކީ: ނަބިއްޔާ صلى الله عليه وسلم  އެކަމަނާއަށް ޙަދީޘް ކުރެއްވި ކަމެވެ: {أَ صُمْتِ أَمْسِ؟} މާނައީ: "ތިބާ އިއްޔެ ރޯދަ ހިއްޕެވިންތޯ އެވެ؟" އެބަހީ ބުރާސްފަތި ދުވަހެވެ. ޙަދީޘް ކުރެއްވި އެވެ: {أَتَصُومِينَ غَدًا؟} މާނައީ: "މާދަމާ ތިބާ ރޯދަ ހިއްޕަވާނަންތޯ އެވެ؟" ވިދާޅުވި އެވެ: "ނޫނެކެވެ." އެބަހީ ހޮނިހިރު ދުވަހެވެ. ޙަދީޘް ކުރެއްވި އެވެ: {فَأَفْطِرِي} މާނައީ: "އެހެން ވެއްޖެ ނަމަ ރޯދަ ވީއްލާށެވެ." އަދި މިޙަދީޘަކީ البخاري ގައިވާ ޙަދީޘެކެވެ. މިޙަދީޘަކީ البخاري ގައިވާ ޙަދީޘެކެވެ. ފަހެ އެކަންވަނީ އެހެން ކަމުގައިވާ ނަމަ، އޭގެން ދަލީލު ކޮށްދެނީ ސުންނަތް ރޯދައެއްގެ ގޮތުގައި ހޮނިހިރު ދުވަހު ރޯދަ ހިފުމަކީ ހުއްދަކަމެއް ކަމަށެވެ. އެހެން ނޫން ހެއްޔެވެ؟ މި ދެ ޙަދީޘުންނެވެ. (އެބަހީ އެކަން ދަލީލު ކޮށްދެ އެވެ.) އެ ދެޙަދީޘުން ކުރެ އެއް ހަދީޘަކީ مُتَّفَقٌ عَلَيْهِ ޙަދީޘެކެވެ. އަދި ދެވަނަ ހަދީޘް ވަނީ البخاري ގައެވެ.


(عَبْدُ اللَّهِ بْنُ بُسْرٍ ގެ) މި ޙަދީޘް އެ ދެ ޙަދީޘާ އިޚްތިލާފުވުމުން، އެ ދެ ޙަދީޘްގެ މައްޗަށް ބާރު ގަދަވާނެ ހެއްޔެވެ؟ ނޫނެކެވެ! الله ގަންދީ ބުނަމެވެ. ބާރު ގަދައެއް ނުވާނެ އެވެ. ޞިނާޢީ އަދި ޙަދީޘީ ނަޒަރުން ބަލައިފި ކަމުގައިވީ ނަމަވެސް ނުވަތަ ފިޤުހީ ނަޒަރުން ބަލައިފި ކަމުގައިވީ ނަމަވެސްމެ އެވެ. (އެބަހީ ބާރުގަދަވެގެން ނުދާނެ އެވެ.) ފަހެ (عَبْدُ اللَّهِ بْنُ بُسْرٍ ގެ) މި ޙަދީޘް އެ ދެ ޙަދީޘާ އިޚްތިލާފުވުމުން، އެ ދެ ޙަދީޘްގެ މައްޗަށް ބާރު ގަދައެއް ނުވާނެ އެވެ.


އަދި އޭގެ އިތުރުން، ހޮނިހިރު ދުވަހުގެ ފަހުން އަންނަ ދުވަހާ އެކު ހޮނިހިރު ދުވަހު ސުންނަތް ގޮތުގައި ރޯދަ ހިފުން ތިބާއަށް ހުއްދަވެގެންވެ އެވެ. އެއީ ކޮންދުވަހެއް ހެއްޔެވެ؟ އާދީއްތަ ދުވަހެވެ. އެކަމަށް ދަލީލު ކޮށްދެނީ أُمُّ سَلَمَة ގެ ޙަދީޘެވެ. أُمُّ سَلَمَة ގެ ޙަދީޘްގައި، ނަބިއްޔާ صلى الله عليه وسلم  ގެ އަރިއަހުން ޞައްޙަ ކަމާއެކީ ވާރިދުވި ޙަދީޘެވެ: {أَنَّ النَّبِيَّ صلى الله عليه وسلم  كَانَ يَصُومُ يَوْمَ السَّبْتِ وَيَوْمَ الأَحَدِ، وَيَقُولُ: "إِنَّهُمَا يَوْمَا عِيدٍ لِلْمُشْرِكِينَ وَأَنَا أُحِبُّ أَنْ أُخَالِفَهُم"} މާނައީ: "ނަބިއްޔާ صلى الله عليه وسلم  ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހު ރޯދަ ހިއްޕަވައި އުޅުއްވި އެވެ. އަދި ޙަދީޘް ކުރެއްވި އެވެ: ހަމަކަށަވަރުން އެ ދެ ދުވަހަކީ މުޝްރިކުންނަށް އޮތް ދެ ޢީދު ދުވަހެވެ. އަދި އެބައިމީހުންނާ ޚިލާފުވާން ތިމަން ނަބިއްޔާ صلى الله عليه وسلم  ލޯބިކުރައްވަމެވެ." އެ ޙަދީޘް ރިވާ ކުރެއްވީ أَحْمَدُ، النَّسَائِي، ابن خُزَيْمَة އަދި އެނޫން ވެސް ބޭފުޅުންނެވެ. އަދި އެއީ އިސްނާދު ޞައްޙަ ޙަދީޘެކެވެ. ނަބިއްޔާ صلى الله عليه وسلم  ރޯދަ ހިއްޕަވާ އުޅުއްވީ ކޮން ދުވަހަކު ހެއްޔެވެ؟ ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހު އެވެ. އަދި އެ ދެ ދުވަހާ ބެހޭ ގޮތުން ނަބިއްޔާ صلى الله عليه وسلم  ޙަދީޘް ކުރެއްވި އެވެ: {إِنَّهُمَا يَوْمَا عِيدٍ لِلْمُشْرِكِينَ} މާނައީ: "ހަމަކަށަވަރުން އެ ދެ ދުވަހަކީ މުޝްރިކުންނަށް އޮތް ދެ ޢީދު ދުވަހެވެ." ޔަހޫދީންގެ ޢީދަކީ ހޮނިހިރު ދުވަހެއް ނޫން ހެއްޔެވެ؟ ނަޞާރާއިންގެ ޢީދަކީ އާދީއްތަ ދުވަހެއް ނޫން ހެއްޔެވެ؟ އެހެން ކަމުން ކޮންމެ ނަޞްރާނީއަކީ ޔަހޫދީ އެކެވެ. އަދި އޭގެ އިދިކޮޅެއް ނޫނެވެ. ނަޞްރާނީ ދީން އެ އެންމެން ހިނގަނީ ޔަހޫދީ މިއްލަތުގެ މަތީގަ އެވެ. އަދި ޔަހޫދީން ނަޞާރާއިންގެ މިއްލަތު މަތީގައެއް ނުހިނގާނެ އެވެ. ފަހެ ނަޞްރާނީން ގޮތުގައި ތިބެ، އެމީހުންގެ ޢީދަކީ އާދީއްތަ ދުވަސް ކަމުގައިވީ ނަމަވެސް، އެމީހުން ހޮނިހިރު ދުވަހާއި އާދިއްތަ ދުވަސް ބަންދުކުރާތަން ތިބާއަށް ފެންނާނެ އެވެ. ފަހެ ކޮންމެ ނަޞްރާނީ އަކީ ޔަހޫދީ އެކެވެ. އަދި އޭގެ އިދިކޮޅެއް ނޫނެވެ. ކޮންމެ ޔަހޫދީ އަކީ ނަޞްރާނީއެއް ނޫނެވެ. ސަބަބަކީ ޔަހޫދީންނަކީ މަދު ބައިގަނޑެކެވެ. އެއްވެސް މީހެއް އެމީހުންގެ ތެރޭގައިވުމަށް އެމީހުން ނުއެދޭނެ އެވެ. އަދި އެމީހުންގެ ދީނަށް ވަތް މީހަކަށް ވެސް އަސްލު ޔަހޫދީއަކަށް ދޭ އެއްޗެއް ނުދޭނެ އެވެ. ފަހެ ޔަހޫދީންނަކީ ތަޢައްޞުބުވުމުގައި މުޑުދާރުވެގެންވާ އުންމަތެކެވެ.


ފަހެ ދަލީލުގެ ފާހަގަ ކުރެވޭ ނުކުތާ އަކީ: أَحْمَدُ، النَّسَائِي، ابن خُزَيْمَة އަދި އެނޫން ވެސް ބޭފުޅުން ޞައްޙަ ސަނަދަކައިގެން ރިވާކުރެއްވި أُمُّ سَلَمَة ގެ ޙަދީޘްގައިވާ ކަމެވެ: ނަބިއްޔާ صلى الله عليه وسلم  މި ދެދުވަހުގައި ރޯދަ ހިއްޕަވައި އުޅުއްވި އެވެ. ކޮން ދެ ދުވަހެއް ހެއްޔެވެ؟ ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހެވެ. އަދި އެ ދެ ދުވަހާ ބެހޭ ގޮތުން ޙަދީޘް ކުރައްވަ އެވެ: {إِنَّهُمَا يَوْمَا عِيدٍ لِلْمُشْرِكِينَ} މާނައީ: "ހަމަކަށަވަރުން އެ ދެ ދުވަހަކީ މުޝްރިކުންނަށް އޮތް ދެ ޢީދު ދުވަހެވެ."


ފަހެ މިއީ ސުންނަތް ރޯދައެއްގެ ގޮތުގައި، ހޮނިހިރު ދުވަހާ އޭގެ ފަހުން އަންނަ ދުވަހާ އެކުގައި ރޯދަ ހިފުމަކީ ހުއްދަވެގެންވާ ކަމަށް އޮތް ދަލީލެކެވެ. މިއީ ތެދެއް ނުވަތަ ނޫން ހެއްޔެވެ؟
އެހެންކަމުން، ހޮނިހިރު ދުވަހުގެ ކުރިން އަންނަ ދުވަސް - ހުކުރު ދުވަހާ އެކުގައި ހޮނިހިރު ދުވަހު ރޯދަ ހިފުން ޞައްޙަވެގެންވާ ނަމަ، އަދި ހޮނިހިރު ދުވަހުގެ ފަހުން އަންނަ ދުވަސް - އާދީއްތަ ދުވަހާ އެކުގައި ހޮނިހިރު ދުވަހު ރޯދަ ހިފުން ޞައްޙަވެގެންވާ ނަމަ، އޭގެން ދަލީލު ކޮށްދެނީ ހޮނިހިރު ދުވަހު ރޯދަ ހިފުމުގެ ހުއްދަ ކަމެވެ. ހޮނިހިރު ދުވަހުގެ ކުރިން ނުވަތަ ފަހުން ވީ ނަމަވެސް ދުވަހަކާ އެކުގަ އެވެ. އެއީ އެ އިޚްތިލާފު އުފެދިގެންވީ ޙަދީޘަށްވުރެ މާ ޞައްޙަ އަދި މާ ވަރުގަދަ ޙަދީޘްތަކެއްގެ ސަބަބުންނެވެ.
ދެން ފަހެ އެ (އިޚްތިލާފް އުފެދިގެންވީ) ޙަދީޘް ޞައްޙަކަމަށް އަހަރުމެން ބަލައިފި ނަމަ، ފަހެ އަހަރުމެން ބުނަނީ އެޙަދީޘްގެ މުރާދު އަދި މާނަ އުފުލިގެންވަނީ އެއީ މަކްރޫހަ ކަމެއްގެ މައްޗަށެވެ. އަދި އެދުވަހު އެކަހެރިކޮށް ރޯދަ ހިފުމަކީ މަކްރޫހަ ކަމެއް ކަމީ އަހަރުމެންގެ ގާތުގައިވާ އަހަރުމެންގެ މަޛްހަބެވެ. އަދި إن شاء الله އެއީ އެންމެ ރާޖިހު (އެންމެ ބުރަދަން އެކުލެވިގެންވާ، އެންމެ ޞައްޙަވެގެންވާ) ބުނުމެވެ. އަދި އެއީ شَيْخُ الإِسْلَام اِبْنُ تَيْمِيَّة އިޚްތިޔާރު ކުރެއްވި ނިންމުމެވެ.


ދެން ފަހެ، الشَّيْخُ نَاصِرُ (الْأَلْبَانِي) رحمه الله އިޚްތިޔާރު ކުރެއްވި ފަދައިން، ފަރުޟު ރޯދައެއްގައި މެނުވީ ހޮނިހިރު ދުވަހު ރޯދަ ހިފުން ހުއްދަވެގެން ނުވެއޭ ބުނާ ބުނުން، ފަހެ އެއީ ޟަޢީފު (ބަލިކަށި) ބުނުމެކެވެ. އަދި އެއީ އެތަކެއް ސަބަބުތަކާ ހުރެ އެވެ:


ފުރަތަމައީ: އެ ޙަދީޘަކީ އިޚްތިލާފު އުފެދިގެންވާ ޙަދީޘެކެވެ. ފަހެ ހަމަކަށަވަރުން ޢިލްމުވެރިންގެ ޖަމާޢަތެއް އެ ޙަދީޘް ޟަޢީފު ކުރެއްވި އެވެ. އަދި އެބޭފުޅުންގެ ތެރެއިން ބަޔަކު އެ ޙަދީޘަކީ މުޟްޠަރިބު ޙަދީޘެއް ކަމަށް ޙުކުމްކުރެއްވި އެވެ. އަދި ބަޔަކު އެ ޙަދީޘަކީ މުޟްޠަރިބު ޙަދީޘެއް ކަމަށާއި ޝާއްޛު ޙަދީޘެއް ކަމަށް ޙުކުމް ކުރެއްވި އެވެ. އަދި ބަޔަކު އެ ޙަދީޘަކީ ޝާއްޛު ޙަދީޘެއް ކަމަށް ޙުކުމްކުރެއްވި އެވެ.


ދެވަނައީ: އޭގެ ލަފްޒަކީ މުންކަރު ލަފްޒެކެވެ. ފަހެ ހަމަކަށަވަރުން އެ ޙަދީޘަކީ މި ޞައްޙަ ޙަދީޘްތަކާ ޚިލާފު ޙަދީޘެކެވެ.
ތިންވަނައީ: އެ ޙަދީޘަކީ އެއަށްވުރެ ވަރުގަދަ ޙަދީޘްތަކާ ޚިލާފުވެގެންވާ ޙަދީޘެކެވެ. އެ ޙަދީޘަކީ އެއަށްވުރެ ވަރުގަދަ ޙަދީޘްތަކާ ޚިލާފުވެގެންވާ ޙަދީޘެކެވެ. އަދި ހަމަކަށަވަރުން އަހަރެން ވަނީ ދަލީލުތައް ތިޔަބައިމީހުންގެ ކުރިމައްޗަށް ގެނެސްދީފަ އެވެ. އަދި އެމައްސަލަ އަނބުރާ ތިޔަބައިމީހުންނަށް ރުޖޫޢަވެގެންވެ އެވެ.


ފަހެ މިއާއެކު، އަހަރެންގެ ގާތުގައި ބުރަވެގެންވަނީ: މިޙަދީޘަކީ ޝާއްޛު އަދި މުންކަރު ޙަދީޘެކެވެ. އަހަރުމެން އެ ޙަދީޘް ޞައްޙަ ކަމުގައި ބުނެފި ކަމުގައިވީ ނަމަވެސް އެ ޙަދީޘަކީ ޝާއްޛު އަދި މުންކަރު ޙަދީޘެކެވެ. ސަބަބަކީ އޭގެ ޝާއްޛުކަން އެކުލެވިގެންވަނީ ޞައްޙަ ޙަދީޘްތަކާ ޚިލާފުވާ ހިސާބުންނެވެ. ދެން ފަހެ އެއީ ޟަޢީފު ޙަދީޘެކޭ ބުނާ ބުނުން، ފަހެ އެ ޙަދީޘަކީ ޟަޢީފު ޙަދީޘެއް ކަމުން އަހަރުމެންނަށް ފުދިގެންވެ އެވެ. އެހެން ނަމަވެސް އަހަރުމެން އެއީ ޞައްޙަ ޙަދީޘެއް ކަމަށް ބުނެ އަމާން ދިން ކަމުގައިވީ ނަމަވެސް، ފަހެ ހަމަކަށަވަރުން އެ ޙަދީޘަކީ ޝާއްޛު އަދި އޭގެ މަތުނު މުންކަރު ޙަދީޘެކެވެ. އެއީ ތިޔަބައިމީހުންނަށް ފެނުނު ތިން ޞައްޙަ ޙަދީޘާ ޚިލާފުވެގެންވާ ޙަދީޘެކެވެ. أَبُو هُرَيْرَة ގެ ޙަދީޘެވެ. އަދި أُمُّ سَلَمَة ގެ ޙަދީޘެވެ. އަދި جُوَيْرِيَة ގެ ޙަދީޘެވެ. جُوَيْرِيَة ގެ ޙަދީޘް ވަނީ البخاري ގަ އެވެ. އަދި أَبُو هُرَيْرَة ގެ ހަދީޘަކީ مُتَّفَقٌ عَلَيْهِ ޙަދީޘެކެވެ. އަދި أُمُّ سَلَمَة ގެ ޙަދީޘް ވަނީ أَحْمَدُ، النَّسَائِي، ابن خُزَيْمَة ގެ އަރިއަހުންނެވެ.


އަދި އަހަރެމެން އެއީ ޞައްޙަ ޙަދީޘެއް ކަމަށް ބުނެ އަމާން ދިން ކަމުގައިވީ ނަމަވެސް، އެބަހީ އެއަށް ލިބޭނެ އެންމެ މަތީ ދަރަޖަ ކަމުގައިވާ ޞައްޙަ ދަރަޖައަށް ވާސިލުވި ނަމަވެސް، ފަހެ ހަމަކަށަވަރުން އެ ޙަދީޘްގެ މާނަ އުފުލިގެންވަނީ އެކަމަކީ (ހޮނިހިރު ދުވަސް އެކަހެރިކޮށް ރޯދަ ހިފުމަކީ) މަކްރޫހަވެގެންވާ ކަމެއް ކަމަށެވެ.


رحمه الله ވިދާޅުވި އެވެ: އަދި ހޮނިހިރު ދުވަސް އެކަހެރިކޮށް ރޯދަ ހިފުމަކީ މަކްރޫހަ ކަމެއް ކަމަށް ބުނާ ބުނުމަކީ شَيْخُ الإِسْلَام اِبْنُ تَيْمِيَّة ގެ އިޚްތިޔާރެވެ. އަހަންނަކަށް ހަދާނެއް ނުނެތޭނެ އެވެ. ހޮނިހިރު ދުވަސް އެކަހެރިކޮށް ރޯދަ ހިފުމަކީ މަކްރޫހަ ކަމެއް ކަމަށް ބުނާ ބުނުމަކީ شَيْخُ الإِسْلَام اِبْنُ تَيْمِيَّة رحمه الله ގެ އިޚްތިޔާރެވެ. އަދި އެޙަދީޘާ މެދު شَيْخُ الإِسْلَام ވިދާޅުވި އެވެ: އެޙަދީޘަކީ ޝާއްޛު ޙަދީޘެކެވެ. ނުވަތަ މަންސޫޚު ޙަދީޘެކެވެ.


އަދި މިމައްސަލައާ ބެހޭގޮތުން ދެކެވޭ ވާހަކައަކީ ދިގު އަދި ފުޅާ ވާހަކަތަކެކެވެ. އަދި އަހަރުމެންގެ ދަރީން ބުނުމެއްގައި ހިފައިފައި އެބުނުން ދިރާސާކޮށް ވިސްނައިނުލާތީ އަހަރެން އަޖައިބު ވަމެވެ. އެކުދިން طَلَبَةُ العِلْم ގެ ގޮތުގައި ތިބެ އެވެ. އަދި ބައެއް ފަހަރު އެކުދިންނީ ހުނަރުވެރި طَلَبَةُ العِلْم އަށް ވުން އެކަށީގެންވެ އެވެ. އެހެން ނަމަވެސް އެކުދިންނަށް އިހްސާސް ނުވިކަމުގައިވީ ނަމަވެސް، އެކުދިން އިންކާރު ކުރި ތަޤްލީދު ކުރުމުގެ (ދަލީލަކަށް ބެލުމެއް ނެތި ބޯލަނބައި ކިޔަމަންތެރިވުމުގެ) ތެރެއަށް އެކުދިން ވަނީ ވެއްޓިފަ އެވެ. އާއެކެވެ. އަދި އަހަރުމެން މިތިބީ الإِمَامُ أَحْمَدُ ގެ ހަންބަލީ މަޛްހަބު ކިޔަވައި ދަރިވަރުވެފަ އެވެ. އަދި ދަލީލާ ޚިލާފުވެއްޖެ ނަމަ އެ މަޛްހަބުގެ ޢިލްމުވެރީންނާ އަހަރުމެން ޚިލާފުވާނަމެވެ.

 

❀  ❀  ❀

 

އޯޑިއޯ ލިންކް: https://goo.gl/a3wLgQ

 

Like what you see?

Close

Hit the buttons below to follow us, you won't regret it...